ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 6

(23 އޮކްޓޯބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

إسمـــــاعـــيــــل ގެފާނަށްފަހު ޒަމާނުން ގިނަދުވަސްތަކެއް ފާއިތުވުމުން މައްކާގެ އަހްލުވެރީންނަށާއި އެހެނިހެން إسمــــاعــيـــلــــى ޤަބީލާތަކުގެ މީހުންނަށްވެސް إبــــراهــيــــمــى ދީނާ ދުރަށް ދެވިއްޖެއެވެ. އެކިއެއްޗެހީން އެކި ސިފަސިފައިގައި ބުދު ހަދައިގެން އެތަކެއްޗަށް އަޅުކަންކުރާން ފަށައިގެންފިއެވެ. އެކަމަކު އެބައިމީހުން އުޑުގެ ކަލާނގެ ރަސްކަންފުޅުގެމަތީން މުޅިޔަކުން ހަނދާން ނައްތައެއް ނުލައެވެ. އެމީހުން އުޑުގެ ކަލާނގެ ރަސްކަންފުޅުގެމަތީން ހަނދާން ހުރެއެވެ. އުޑުގެ ކަލާނގެ ޤަބޫލުކުރެއެވެ. ތަދުމަޑުކަމާއި ވާރޭނުވެހުންފަދަ ބޮޑެތި ކަންތައްތައް ދިމާވުމުން ގޮވައި އުޅެނީ އުޑުގެ ކަލާނގެއަށެވެ. އެބައިމީހުން ބުނާގޮތުގައި ބިމުގައި އަޅުކަންވެވޭ ހަތްއިލާހުން ތިބެއެވެ. އުޑުގައިވަނީ އެއް އިލާހެވެ. ޢަރަބީންގެ ތެރޭގައި މިގޮތަށް ޖާހިލިއްޔަތު ޢާންމުވެފައި އޮތްކަމުގައިވިޔަސް އިސްލާމްދީން އައުމާ ހަމަޔަށްވެސް إبــــراهــيــــمــى ދީނުގެ ބައެއް ކަންތައް އެބައިމީހުންގެ ތެރޭގައި ފިލައިނުގޮސް ދެމިހުއްޓެވެ. އެމީހުން މުޅިޔަކުން އެދީން ދޫކޮށެއް ނުލައެވެ. އެބައިމީހުން كــعـــبـــة اللّــــه އަށް އިޙްތިރާމްކުރެއެވެ. كــعـــبـــة اللّــــه ގައި ޠަވާފުކުރެއެވެ. ބައެއް ބިދުޢަތަކާއެކު ކަމުގައިވިޔަސް ޙައްޖުވެއެވެ. ޢުމްރާކުރެއެވެ. ހަދްޔު ކަތިލައި ޤުރްބާންކުރެއެވެ.

ޒަމާން ބަދަލުވަމުންއައިސް މައްކާގައި ޖަރުހަމުންގެ ބާރު ކުޑަވާން ފަށައިފިއެވެ. عـــدنــان ވަންހައިގެ ސިޔާސީތަރި މައްކާގެ އުދަރެހުގައި ފިޔަޖަހާން ފަށައިފިއެވެ. އޭގެ ހެއްކަކީ ބުޚުތުނައްޞަރު ޢަރަބީންނާ ޙަމަލަދިނުމުން ޒާތިއިރްޤުގައި ހިނގި މަޢުރިކާގައި ޢަރަބި ލަޝްކަރުގެ ކޮމާންޑަރަކީ ޖަރުހަމީއެއް ނޫނެވެ.

ބުޚުތުނައްޞަރު 587 ޤމ. ގައި ދެވަނަ ފަހަރަށް ޢަރަބިކަރަޔަށް ޙަމަލަދިނުމުން عـــدنــان ވަންހައިގެ ބޭފުޅުން ފިލައިވަޑައިގެން ޔަމަނަށް ވަޑައިގެންފިއެވެ. އެދުވަސްވަރު އިސްރާއީލު ބާގައިގައި ހުންނެވި ނަބީބޭކަލަކީ يَـــــرْمِــيَــــاهُ عــلــيـــه الـسّــلام އެވެ. އަރަހުށި މާތް اللّــــه ގެ އަމުރުފުޅަށް يَـــــرْمِــيَــــاهُ عــلــيـــه الـسّــلام ޔަމަނުކަރަޔަށް ވަޑައިގެން عـــدنــان ގެ ދަރިކަލުން مُــعَـــدُّ ޝާމްކަރަޔަށް ގެންދަވައިފިއެވެ. مُــعَـــدُّ ބޮޑުފުޅުވީ އިސްރާއީލު ބާގައިގެ މީހުންގެ ތެރޭގައި ޝާމުކަރައިގައި ހުންނަވައެވެ. ބުޚުތުނައްޞަރުގެ ދައުރު ނިމުމުން مُــعَـــدُّ އެނބުރިވަޑައިގެންނެވީ މައްކާއަށެވެ. مُــعَـــدُّ ކާވެނިބެއްލެވީ ޖަރުހަމްވަންހައިގެ ބޭކަނބަލެއްކަމުގައިވާ مَــعَـــانـــة އާއެވެ. مُــعَـــدُّ ގެ ދަރިކަލުން نـِــــزار ލިބިވަޑައިގެންނެވީ مَــعَـــانـــة ގެ ބަނޑުފުޅުންނެވެ.

ދުވަސްކޮޅެއްގެފަހުން ޖަރުހަމްވަންހައިގެ މީހުންގެ އިޤްތިޞާދީ ޙާލަތު މާބޮޑަށް ދަށަށް ހިނގައްޖެއެވެ. އަތްމަތި ދަތިކަން އެބައިމީހުން ވަށައިލައިފިއެވެ. ނަތީޖާއެއްގެގޮތުން އެމީހުން كــعـــبـــة އަށް ޒިޔާރަތްކުރާ މީހުންނަށް އަނިޔާކޮށް ގެފުޅުގެ މުދާތައް ކާތަން އަތުވެއްޖެއެވެ. އޭރު عـــدنــان ވަންހައިގެ ބޭފުޅުން ތިއްބެވީ އެކަމާ ވަރަށްވެސް ނުގަބޫލުފުޅުވެފައެވެ. ބަނޫއިސްމާޢީލުގެ ޤަބީލާއެއްކަމުގައިވާ ޚުޒާޢަތުވަންހައިގެ މީހުންނަށް އެތަން ފެނުމާއި ޖަރުހަމީންނަށް عـــدنــان ވަންހައިގެ ތާއީދެއްނެތްކަން އެނގުމުން މުއްރުއްޡަހްރާނަށް އެއްވެއްޖެއެވެ. ޢަދުނާނީ ޤަބީލާއެއްކަމުގައިވާ ބަނޫ ބަކުރު ބުނު ޢަބްދުމަނާފް ބުނު ކިނާނަތާ ގުޅިގެން ޖަރުހަމުވަންހައިގެ މީހުނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށްފިއެވެ. ޖަރުހަމު ވަންހައިގެ މީހުން މައްކާއިން ބޭރުކޮށްލައި މައްކާއަށް ވެރިވެއްޖެއެވެ. މި ހާދިސާ ހިނގީ މީލާދީ ސަނަތުން ދެވަނަ ސައްތައިގެ މެދުތެރޭގައެވެ.

ޖަރުހަމް ވަންހައިގެ މީހުން މައްކާއިން ފައިބައިގެން ދިޔައިރު އެބައިމީހުންގެ ވެރިޔަކަށްހުރީ عــمــــــرو بـــن حـــارث އެވެ. އޭނާ ވަނީ إبــــراهــيـــــم ގެފާނުގެ ފައިތިލަފުޅުގެ ނިޝާންހުރި ހިލަޔާއި ގެފުޅުގެ މުދާ ކަމުގައިވާ ބައެއް ތަކެތި ޒަމްޒަމްވަޅުކޮޅަށް އަޅައިފައި އެވަޅުކޮޅަށް ފަސްލައި ފޮރުވައިފައެވެ. އެބައިމީހުން ޒަމްޒަމްވަޅުކޮޅަށްއެޅި ތަކެތީގެ ތެރޭގައި ގެފުޅުގެ މިލްކެއްކަމުގައިވާ ރަނުގެ ދެފުއްލާއާއި އާސާރީ ބައެއް ތަކެތިވެސް ހިމެނެއެވެ. الــمسعــــــودى ލިޔުއްވާގޮތުގައި އެވޭލާ ޒަމާނުގައި ފާރިސީން ގެފުޅަށް ބައެއްކަހަލަ މުދަލާއި ރަނާއި ޖަވާހިރު ފޮނުވައި ހެދިއެވެ. ސާސާން ބިން ބާބަކު ފޮނުއްވި ތަކެތީގެ ތެރޭގައި ރަނުގެ ދެފުއްލާއާއި ޖަވާހިރާއި ރަނާއި ހަތިޔާރު ހިމެނެއެވެ. ޚުޒާއަތު ވަންހައިގެ މީހުން މައްކާއަށް ވެރިވުމަށްފަހު ވެރިކަންކުރާންފެށީ ބަކުރުވަންހައިގެ މީހުން ބައިވެރި ނުކޮށެވެ. ނަމަވެސް މުހިންމު އިމްތިޔާޒީ ތިން މަޤާމެއް މުޟަރުވަންހައިގެ ޤަބީލާތަކަށް ދިނެވެ. އެމަޤާމުތަކަކީ:

1. ޙައްޖުވެރީން ޢަރަފާތުން މުޒްދަލިފާއަށް ގެންދިޔުމާއި – يـــوم الــنّـــفــــــر – ޙައްޖުމަހު ތޭރަވަނަ ދުވަހު (އެއީ ޙައްޖުގެ ސިލްސިލާގެ އެންމެފަހު ދުވަހެވެ.) މިނާއިން ފުރުމުގެ ރަވާނާ ދިނުން މި މަޤާމު ޙަވާލުކުރީ إلــيــاس بـــن مضــــر ގެ ޚާންދާނެއްކަމުގައިވާ بــنـــوغــــوث بـــن مــــــرّة އަށެވެ. އެބައިމީހުންނަށް ކިޔާ ނަމަކީ ޞައުފާއެވެ. އިތުރު ތަފްސީލަށްދާއިރު ތޭރަ ޛުލްޙިއްޒާގައި ޙައްޖާޖީންނަށް ހިލައުކޭނީ ޞައުފާގެ މީހަކު ހިލައުކުމުންނެވެ. ޙައްޖާޖީން ހިލައުކައި ނިމިގެން މިނާއިން ފުރާން ޤަޞްދުކުރާއިރަށް އެމީހުން މިނާއިން ނުކުމެވޭން އޮންނަ ހަމައެކަނި މަގުކަމުގައިވާ ޢަޤަބާގެ ދެފަރާތުގައި ހުއްޓި ތިބެއެވެ. ޚުދު އެބައިމީހުން މިނާއިން ނުކުތުމުގެ ކުރިޔަކު އެހެންބަޔަކު ނުކުތަކަ ނުދެއެވެ. އެމީހުން މިނާއިން ނުކުތުމުން އެހެންމީހުނަށް މަގު ހުޅުވިދެއެވެ. ޞައުފާގެ މީހުނަށްފަހު އެމަޤާމު ލިބުނީ ތަމީމުވަންހައިގެ ޢާއިލާއެއް ކަމުގައިވާ بــنـــوسعــد بـــن زيــــد އަށެވެ.

2. ޙައްޖުމަހުގެ ދިހަވަނަ ދުވަހުގެ ފަތިހު މުޒްދަލިފާއިން މިނާއަށް މީހުން ފުރުވުން އެމަޤާމުއޮތީ بــنـــوعــدوان އަށެވެ.

3. ޙުރުމަތްތެރި މައްސަރުތައް އިސްފަސްކުރުން. "އެޝަރަފު" އޮތީ بــنـــوكــتـــابـــة ގެ ގޮތްޕެއްކަމުގައިވާ بــنـــوتمــيـــم بـــن عــدى އަށެވެ. (އައްރަޙީޤުލްމަޚްތޫމި)

ޚުޒާޢަތުވަންހައިމީހުންގެ ވެރިކަން މައްކާގައި ތިންސަތޭކަވަރަކަށް އަހަރު ދެމިއޮތެވެ. އެދުވަސްވަރަކީ عـــدنــان ވަންހައިގެ ޤަބީލާތައް މައްކާއާއި ޙިޖާޒުކަރައިން ހިޖްރަކޮށް ނަޖްދާއި ޢިރާޤުގެ އަވަށްޓެރި ސަރަޙައްދުތަކާއި ބަޙްރައިނާއި އެނޫންވެސް ބައެއް ތަންތާނގައި ވަޒަންވެރިވި ދުވަސްވަރެވެ. މައްކާގެ ކައިރި ހިސާބުގައިތިބީ ހަމައެކަނި ޤުރައިޝުންގެ ބައެއް ޚާންދާންތަކެވެ. ނުވަތަ ފޭލިގެ ހިފައިގެން ދަތުރުކުރާ ޤަބީލާތަކެވެ. كِــنَـــانَـــــةُ ވަންހައިގެ ވަކިވަކި ޚާންދާންތައްވެސް މައްކާގެ ސަރަޙައްދުގައި ތިއްބެވެ. ނަމަވެސް މައްކާގެ ވެރިކަމާއި كــعـــبـــة اللّــــه ގެ ކަންތައް ބެލެހެއްޓުމުގައި އެބައިމީހުންގެ އެއްވެސް ހިއްސާއެއް ނެތެވެ. قُـصَــيُّ بــــن كـِـلاب ގެ ދައުރާ ހަމަޔަށް މިކަންއޮތީ މިގޮތަށެވެ. (އައްރަހީޤުލްމަޚްތޫމި)

ޤުރައިޝުވަންހަ

މިހައިތަނަށް އައިއިރު ބަނޫއިސްމާޢީލްވަނީ ވަރަށް ބައިބޯވެފައެވެ. ޙިޖާޒުކަރަޔާއި ނަޖުދުކަރައިގެ ބޭރުންވެސް އެތައްތަނަކަށް ފެތުރިފައެވެ. އޭގެތެރެއިން އެންމެ މަޝްހޫރު އެއްވަންހައަކީ ޤުރައިޝުވަންހައެވެ. قُـصَــيُّ بــــن كـِـلاب ގެ ޒަމާނުން ފެށިގެން އެބައިމީހުން ވަޒަންވެރިވެތިބީ ޚާއްޞަކޮށް މައްކާގައެވެ. كــعـــبـــة اللّــــه ގެފުޅުގެ ކަންތައް އިންތިޒާމުކޮށް ބަލަހައްޓައި ޙައްޖަށް އަންނަ މީހުން މައްކާގައި ބައިތިއްބައި އެބައިމީހުންނަށް ކާންބޯންދީ ހަދަނީ ޤުރައިޝުވަންހައިގެ މީހުންނެވެ. ގެފުޅާއި ޙަރަމްފުޅާބެހޭ އެހެނިހެން ކަންކަމުގެ ޙަވާލުވެރީންނަކީވެސް އެމީހުންނެވެ. ތިރީގައިމިވަނީ ޤުރައިޝުވަންހައިގެ މީހުންނަށް އެނަން ކިޔުނުގޮތާއި قُـصَــيُّ بــــن كـِـلاب އަށް ވެރިކަން ލިބިވަޑައިގެންނެވި ގޮތުގެ ވާހަކައެވެ.

އިސްލާމީ ތާރީޚުގެ ގިނަ މުޙައްޤިޤުން ވިދާޅުވާގޮތުގައި ޤުރައިޝުވަންހަ ފެށެނީ مَــالِـكُ ގެ ފުތް فِــهْـــــرُ އާ ހަމައިންނެވެ. އޭގެމައްޗަށްވަނީ كِــنَـــانَـــــةُ ވަންހައެވެ. އެކަމަކު ބައެއް މުޙައްޤިޤުން ވިދާޅުވާ ގޮތުގައި ޤުރައިޝުވަންހައިގެ ލަޤަބުން އެވަންހަ ޝަރަފުވެރިކުރެއްވީ نَــضَـــــرُ بــــن كِــنَـــانَـــــةُ އެވެ. حــافـظ عــــــراقــــى ލިޔުއްވައިފައިވެއެވެ. "އެބޭކަލަކީ نَــضَـــــرُ އެވެ." ހަމައެފަދައިން ޤުރައިޝުގެ ލަޤަބު އެންމެފުރަތަމަ ލިބިވަޑައިގެންނެވީ قُـصَــيُّ އަށް ކަމަށްވެސް ރިވާޔަތްތައް ހުރެއެވެ. އެވަންހަޔަށް އެނަންކިޔުނީ ކަމަކަށް ބޭނުންވެފައިވާ މީހަކު ހުރިތޯ ބައްލަވައި އެމީހެއްގެ ބޭނުންތައް ފުއްދަވައިދެއްވާތީއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.