ބަދުރު ހަނގުރާމަ ކުރީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހުއެވެ. އެ ހަނގުރާމައިގައިﷲ ތަޢާލާ ޤުރައިޝް ވަންހައިގެ މީހުން ބަލި ކުރެއްވިއެވެ. މައްކަތުލްމުކައްރަމާގެ އަހުލުވެރިން ތިބީ ހަނގުރާމައިގެ ނަތީޖާގެ ޚަބަރެއްގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަ ވެފައެވެ. އާއްމު އާދައެއްގެ ގޮތުން މައްކާގެ އަހުލުވެރިން ގެފުޅު އަރިހަށް ޖަމާވެ، ހަނގުރާމައިގެ ނަތީޖާއާ މެދު އެ މީހަކު ދެކޭ ގޮތެއެްގެ މައްޗަށް ވާހަކަ ދައްކައި، ޚިޔާލު ބަދަލުކޮށް ހަދަތެވެ.
އެންމެ ފަހުން އިންތިޒާރު ކުރި ވަގުތު އައިސް ހަމަކޮށްފިއެވެ. ހަނގުރާމައިގެ ޚަބަރާއިގެން އެންމެ ފުރަތަމަ މައްކާއަށް އައި މީހަކީ ޙައިސަމާން ބުނު ޢަބްދުﷲ އަލްޚުޒާޢީއެވެ. އެއީ ހަނގުރާމައިގައި ބައިވެރިވީ މީހެކެވެ. އޭނާގެ ޖަމަލު އައިސް ގެފުޅުގެ އަރިހުގައި ބަނޑު ޖެހުމާއެކު މީސްތަކުން އައިސް އޭނާ ވަށައިލިއެވެ. [ހަނގުރާމައިގެ ޚަބަރަކީ ކޮބައިހެއްޔެވެ؟]
ޙައިސަމާން ބުނެތްޕެވެ. [ޚަބަރަކާ ބެހޭ ގޮތުން ބުނާނީވެސް ފަހެ ކީކޭ ހެއްޔެވެ؟ ޢުތުބަތު ބުނު ރަބީޢާއާއި ޝައިބަތު ބުނު ރަބީޢާ އާ ދެ މީހުން މަރުވެއްޖެއެވެ. އަބުލްޙަކަމް ބުނު ހިޝާމާއި އުމައްޔަތު ބުނު ޚަލަފް ގަތުލު ވެއްޖެއެވެ. ޤުރައިޝް ވަންހައިގެ މީހުންގެ ގިނަ ބަޔަކު މުސްލިމުންގެ އަތްދަށުގައި ހައްޔަރު ވެއްޖެއެވެ.] އޭނާ އެތައް ސަރުދާރުންނެއްގެ ނަން ކިޔައިފިއެވެ. ހަނގުރާމައިގައި މަރުވީ މީހުންގެ ތެރޭގައި މައްކާގެ އެތައް އަޝްރާފުންނެއްގެ ނަން ހިމަނައިފިއެވެ. މި އަޑު އަހަން ކަޢުބާގެ ޙަޠީމްގައި އިނދެފައި އުމައްޔަތު ބުނު ޚަލަފުގެ ދަރި ޞަފްވާން ބުނެތްޕެވެ. [ކަލާނގެ ގަންދީ ބުނަމެވެ. މި ކަލޭގެ މިހިރީ ބުއްދި ލުހި، ހޭކުޑައިވެފައެވެ. އޭނާ ކުރެން އަހަރެންގެ ވާހަކަ ނިކަން އަހައިބަލާށެވެ. ޞަފްވާން ބުނު އުމައްޔަތަށް ވީ ކިހިނެއް ހެއްޔޭ އަހައިބަލާށެވެ.] އެމީހުން ސުވާލު ކުރީމާ ޙައިސްމާން ބުންޏެވެ. [ޙަޠީމްގައި އިށީނދެގެން އެއިނީ އޭނާއެވެ. އެކަމަކު އޭނާގެ ބޭބެ ޢަލީ ގަތުލުވެގެން ވެއްޓުނުތަން އަހަރެންގެ މިހިރަ ދެ ލޮލުން ދުށީމެވެ.] ނާކާމިޔާބީގެ ޚަބަރަކީ ތެދު ޚަބަރެއްކަން ޤުރައިޝް ވަންހައިގެ މީހުންނަށް ޔަގީން ވެއްޖެއެވެ. އެޔާއެކު ހުރިހައި ގެއަކަށް ހިތާމަވެރިކަން ވެރިވެގެން ހިނގައްޖެއެވެ.
ހަނގުރާމައިގައި ބަލިވީ ޚަބަރު ލިބުނު ފަހުން ދުވަސްކޮޅެއް ފާއިތު ވެގެން ހިނގައްޖެއެވެ. ޞަފްވާން ބުނު އުމައްޔަތަކީ ނުލާހިކު މުއްސަނދި މީހެކެވެ. މައްކާގައި ހަތިޔާރުވިއްކާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާގެ ބޮޑުބޭބެގެ ދަރި ޢުމައިރް ބުނު ވަހަބަކީ ވަރަށް ޗާލާކު، ނުބައި، ނުލަފާ މީހެކެވެ. ބަދްރު ހަނގުރާމައިގައި ބައިވެރިވެސް ވީ މީހެކެވެ. މަދަނީ ލަޝްކަރުގައި ތިބީ ކިތައް މީހުންތޯއާއި ބާރު ހުރި މިންވަރެއް ވަޒަންކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވުނީ މީނާޔާއެވެ. މީނާ އަހަށް ސަވާރު ވެގެން ގޮސް ލަޝްކަރުގެ ވަށައިގެން ބުރެއް ޖަހައިލުމަށް ފަހު އެނބުރި އައިސް ބުންޏެވެ. [ލަޝްކަރުގެ އަދަދު ތިން ސަތޭކައަށްވުރެ ތަންކޮޅެއް އިތުރެވެ.] މިއީ ލާނެތްކަމާއި ފިތުނަ އުފެއްދުމުގައި އަރައިހުރި މީހެކެވެ. ވަނަމަކަށް ކިޔަނީވެސް ޤުރައިޝް ވަންހައިގެ ޝައިޠާނާއެވެ.
އެއް ދުވަހަކު ޞަފްވާނާއި ޢުމައިރާ ދެމީހުން ގެފުޅުގެ ޙަޠީމްގައި އިށީނދެގެން ތިއްބެވެ. ޞަފްވާން އިނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. އޭނާގެ ބައްޕައާއި ބޭބެއާ ދެމީހުން ބަދްރުގައި ގަތުލުވުމުގެ ސަބަބުން ލޭކެކިގެން އުތުރިއަރަނީއެވެ. ބަދަލުހިފުމުގެ ރޫހުގައި ދީވާނާވަނީއެވެ. ދެން އިންނެވި ޢުމައިރްގެ ދަރި ވަނީ ބަދްރުގައި މުސްލިމުންގެ އަތްދަށުވެ، ހައްޔަރުވީ އަސީރުންގެ ތެރޭގައެވެ. ގަތުލުވީ މީހުންގެ ވާހަކަދައްކަމުން ގޮސް ޞަފްވާން ބުންޏެވެ. [ކަލާނގެ ގަންދީ ބުނަމެވެ. ހުރިހައި ބޮޑުން ދުނިޔެ ދޫކޮށް ދިޔައީމާ މިހާރަކު ދުނިޔޭގައި އުފަލުގައި އުޅޭހިތެއް ނުވެއެވެ.] ޢުމައިރް ވިދާޅުވިއެވެ. [ތިޔައީ ތެދެކެވެ. އަހަރެންގެ ބޮލުގައި ދަރަނިތަކެއް އެޅިފައި ނެތް ނަމަ، އަހަރެން މަރުވީމާ ދަރިން ބަލާނޭ މީހަކު ނެތްކަމުގެ ފިކުރު ނުކުރެވޭނަމަ، ހަމަ މި ވަގުތު މަދީނާއަށް ގޮސް މުޙައްމަދުގެފާނުގެ ބައްތީގެ ހުޅުކޮޅު ނިއްވާލައިފީމުހެވެ.]
ޞަފްވާން އަހައިފިއެވެ. [ކަލޭ ހަމަ ހަގީގަތުގައިވެސް ތިޔަކަން ކޮށްފާނަން ހެއްޔެވެ؟]
ޢުމައިރް ވިދާޅުވިއެވެ. [ގަައިމެއް ނޫން ހެއްޔެވެ. ނުކުރާންވީ ކީއްވެގެން ހެއްޔެވެ. ދަރަނި އަދާކޮށް ނިމިއްޖެއްޔާ އަދި އަހަރެންގެ ދަރިންގެ ކަފާލަތުގެ ކަންތައް ހަމަޖެހިއްޖެއްޔާ ނިކަން ފަސޭހަކަމާއެކު މިކަން ކޮށްފާނަމެވެ.]
ޞަފްވާން ބުނެފިއެވެ. [ކަން ބޮޑު ނުވާށެވެ. ތިޔައީ އަހަންނަކަށް އެހައި ދަތިކަމެއް ނޫނެވެ. ދަރަންޏާއި ކަފާލަތާ އަހަރެން ޖާމިނުވެދާނަމެވެ. ދަރަނި އަހަރެން އަދާކޮށް ދޭނަމެވެ. ކަލޭގެ އަނބިދަރިން ކާނީ އަހަރެންގެ އަނބިދަރިން ކައި އުޅޭ އެއްޗެކެވެ. އުނުއަނދެ އުޅޭނީ އަހަރެންގެ އަނބިދަރިން އުނުއަނދެ އުޅޭ އެއްޗެކެވެ. ކަލޭ ތިޔަ ކަންތައް ކޮށް ނިންމައިދޭށެވެ. އެކަމަކު ހަނދާންކުރާށެވެ. މިއީ ވަރަށް ސިއްރުން ކުރަން ޖެހޭނޭ ކަމެކެވެ. އަހަރެމެން ދެ މީހުން ފިޔަވައި އެހެން އެއްވެސް މީހަކަށް މި ކަމުގެ ހިލަމެއްވެސް ވެގެން ނުވާނެއެވެ.]
ޢުމައިރް ވިދާޅުވިއެވެ. [އެއްވެސް މީހަކަށް ހިލަމެއް ނުވާނެއެވެ. އެކަމާ ކަންބޮޑު ނުވާށެވެ. އެހެންވީމާ އަވަހަށް އަތާއިއަތާ ޖަހައި މިކަން ސިއްރުކުރާން ކަމަށް ވަޢުދުވާށެވެ. އަހަރެން ހަމަ މިހާރުން ފެށިގެން ރޭވުމުގެ ޢަމަލީ މަސައްކަތް މި ފެއްޓީއެވެ. އޭ ޞަފްވާނެވެ. ކަލެއަށް އެނގޭނޭ ފަދައިން އަހަރެން މަދީނާއަށް ދާން ޖެހޭ މަގުބޫލު ސަބަބެއްވެސް އެބައޮތެވެ. އަހަރެންގެ ދަރި ވަހަބް މިހާރު އޮތީ އިސްލާމުންގެ އަތްދަށުގައި ހައްޔަރުވެފައެވެ. އޭނާޔާ ބައްދަލުކުރަން ދަތުރުކުރަނީއޭ އަހަންނަށް ބުނެވިދާނެއެވެ.] ޢުމައިރްގެ ތުންފަތްޕުޅު މައްޗަށް ވެރިވީ ޝައިޠާނީ ހިނިތުންވުމެކެވެ.
ޞަފްވާން ގެއަށް އަތުވެއްޖެއެވެ. ކަނޑި އުރައިން ދަމައިގެންފައި ބަލައިލީއިރު އޮތީ ކުޑަކޮށް ދަބަރުޖަހާ ގޮތް ވެފައެވެ. އޭނާ ކަނޑިން ދަބަރު ފިލުވައި ރަނގަޅަށް ހަނުލުމަށް ފަހު ކަނޑީގައި ޒަހަރު ލައިފިއެވެ. މި މަސައްކަތުގައި އުޅުނުއިރު އަމިއްލަ އަމިއްލައަށް ވާހަކަ ދައްކަމުން ދިޔައެވެ. [މި ކަނޑިން އަހަރެންގެ ބައްޕައާއި އަޚުގެ މަރުގެ ބަދަލު ހިފާނަމެވެ.]
މަސައްކަތް ނިންމުމަށް ފަހު ކަނޑި ގެންގޮސް ޢުމައިރުގެ އަތްޕުޅަށް އަރުވައިފައި ވީހައިވެސް އަވަހަކަށް މަދީނާއާ ދިމާއަށް ދަތުރުފުޅު ފައްޓަވާށޭ ދަންނަވައިފިއެވެ. ޢުމައިރް ދަތުރުފުޅަށް ފައްޓަވައިފިއެވެ. އެ ދުވަސްވަރު މައްކާގެ ހުރިހައި މަޖިލީހެއްގައިވެސް ދެކެވެނީ ބަދްރުގެ ވާހަކައެވެ. ބައްދަލުވާ މީސްމީހުން ގާތު ޞަފްވާން ވަރަށް ޔަގީންކަމާއެކު ބުނަމުން ގެންދެއެވެ. [ދެން މާކަ ގިނަ ދުވަހެއް ނެތެވެ. ބަދްރުގެ ހިތާމަ މުޅީން ފިލައިގެން ދާ ވަރުގެ އުފާވެރި ޚަބަރެއް ކަލޭމެންނަށް އަހަރެން ދޭނަމެވެ.]
ޢުމައިރު ބުނު ވަހަބަކީ ޗާލާކުކަމާއި ހުސިޔާރުކަމާއި ލާނެތްކަމުގެ ސަބަބުން [ޤުރައިޝް ވަންހައިގެ ޝައިޠާނާ] ނަމުން މަޝްހޫރުވެވަޑައިގެންފައިވާ ބޭކަލެކެވެ. މައްކާގައި އިތުރު ޞާޙިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބު ބޭކަލުންނަށް އެކި ކަހަލަ ތުރާފުޅުތައް ޖެއްސެވުމުގައިވެސް ޢުމައިރު ހުންނަވަނީ ވަރަށް ކުރީގައެވެ. ބަދްރު ހަނގުރާމައިގައި ޢުމައިރުގެ ދަރިފުޅު ވަހައްބަ ހައްޔަރުކުރެއްވީ ރަފާޢަތު ބުނު ރާފިޢު އޭ ނަމަކަށް ކިޔުނު އަޞްޙާބުބޭކަލެކެވެ.
ހަލުވިކަމާއެކު ދަތުރުފުޅު ކުރައްވައި ޢުމައިރު އިސާހިތަކު މަދީނާއަށް ވަޑައިގެންފިއެވެ. މަސްޖިދުއްނަބަވީ ދޮށުގައި ޖަމަލު ބަނޑު ޖެއްސެވުމަށް ފަހު ފައިބައިވަޑައިގެންފިއެވެ. މަދީނާގެ އަހުލުވެރިންގެ މެދުގައިވެސް އެ ދުވަސްވަރު އެންމެ ގިނައިން ދެކެވޭ ވާހަކައަކަށް ވެފައި އޮތީ ބަދްރު ހަނގުރާމައިގެ ވާހަކައެވެ. މަދު މީސްކޮޅަކާއެކު ކުރި ހަނގުރާމައެއްގައި ނަޞްރާއި ފަތަޙަ ހާސިލުކުރެވުނު ކަމަށްޓަކައި އިސްލާމުން ﷲ ގެ ރަޙްމަތުގެ މަތިވެރިކަން ހަނދާންކޮށް ޙަމްދާއި ޝުކުރުކުރުން ކުރަމުން ގެންދަނީއެވެ. އަދި ނަޞްރަށްޓަކައި އުފާ ފައުޅުކުރަމުން ގެންދަނީއެވެ.
ސައްޔިދުނާ ޢުމަރު ފާރޫޤް ރަޟިޔަﷲ ޢަންހު މިސްކިތުގައި އިށީނދެވަޑައިގެން އިންނެވިއެވެ. އެކަލޭގެފާނުވެސް ދައްކަވަމުން ގެންދެވީ ބަދްރު ހަނގުރާމައިގެ ވާހަކަފުޅެވެ. ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތްފުޅުން ކާފަރުން އިނދަޖައްސަވައި އިސްލާމުންނަށް ނަޞްރު ދެއްވި ގޮތުގެ ވާހަކަފުޅެވެ. ކުއްލިއަކަށް ޢުމަރުގެފާނަށް ފާހަގަކުރެއްވުނީ ޢުމައިރް ކަނޑި އަޅުއްވައިގެން ސީދާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ދިމާއަށް ވަޑައިގަންނަވާ ތަނެވެ.
ޢުމަރުގެފާނުގެ ހަވަނަ ހިއްސުފުޅުގެ މަސައްކަތް ވަގުތުން ފެށިއްޖެއެވެ. ހިތްޕުޅަށް އެރިއެވެ. [ﷲ ގެ ދުޝްމިނު ކަލޭގެ އެހެރަ ދަނީއަކީ ހެއު ނިޔަތަކާއިގެންނެއް ނޫނެވެ. އެއީ ބަދްރުގެ ހަނގުރާމައަށް މީހުން ގެންދާން ޒާތްޒާތުގެ ވިޔާނުދާ ވާހަކަދައްކަމުން އެންމެ ކުރީގައި ހުރެގެން ދުވި ކަލޭގެއެވެ. އަންދާސާއަކަށް އިސްލާމުންގެ ލަޝްކަރުގެ ޢަދަދު ބުނެދިނީވެސް މީނާއެވެ.]
ޢުމަރުގެފާނު ވަޑައިގެން ޢުމައިރުގެ ކަނޑިކޮޅު އަޅުވައިފައި އޮތް އުރައިގެ ފަށް ހިއްލަވައިލައްވައި އޭނާގެ ކަރުފުޅުގައި އޮޅައިލައްވައި ބާރު ކުރައްވައިފިއެވެ. އަދި ﷲ ގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވިއެވެ. [އޭ ﷲ ގެ ރަސޫލާއެވެ. މި ކަލޭގެ މި އައީ ކަނޑި ހިފައިގެންނެވެ.]
ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. [ޢުމަރެވެ. އޭނާ ދޫކޮށްލާށެވެ.]
ޢުމައިރު ދޫކޮށްލެއްވުމަށް ފަހު އެތާނގައި ތިއްބެވި އަޞްޙާބުބޭކަލުންނާ މުޚާޠާބް ކުރައްވައި ޢުމަރުގެފާނު ވިދާޅުވިއެވެ. [މި ސުންޕާ ކަލޭގެ މައްޗަށް ރަނގަޅަށް ބައްލަވާން ތިއްބަވާށެވެ. މިއީ ވަރަށް ނުރައްކާތެރި މީހެކެވެ.]
ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. [އޭ ޢުމައިރެވެ. މިތަނަށް، ކައިރިއަށް އަންނާށެވެ.]
ޢުމައިރު ގާތަށް ޖެހިވަޑައިގެންފައި ޖާހިލިއްޔަ ޒަމާނުގައި ކިޔައިއުޅޭ ގޮތަށް ވިދާޅުވެއްޖެއެވެ. [أَنْــعِــمُــوْا صَــبَاحًـا – ތިޔަ ބޭކަލުންނަށް ހެޔޮ ހެނދުނަކަށް އެދެމެވެ.]
ކީރިތި ރަސޫލާ ޙަދީޡްކުރެއްވިއެވެ. [ޖާހިލިއްޔަ ސަލާމުގެ ބަދަލުގައި ﷲ ތަޢާލާ ވަނީ އަހަރެމެންނަށް ވަނީ މާ ރަނގަޅު ސަލާމެއް މިންވަރުކުރައްވައިފައެވެ. އެއީ ކަލޭގެ ތިޔަ ސަލާމަށްވުރެ މާ ހެޔޮކަން ބޮޑު ސަލާމެކެވެ. އެއީ ސުވަރުގޭގެ އަހުލުވެރީންގެ ސަލާމެވެ. ދެން ނިކަން ބުނެބަލާށެވެ. ތިޔަ އައީ ކޮން ކަމަކާއިގެން ހެއްޔެވެ؟]
ޢުމައިރު ދެންނެވިއެވެ. [އަޅުގަނޑު މި އައީ ތިޔަ ބޭކަލުން ހައްޔަރު ކުރައްވައިފައިވާ އަޅުގަނޑުގެ ދަރި ވަހަބުގެ ހާލު ބަލައިލާށެވެ. އޭނާގެ މައްޗަށް އިހުސާންތެރިވެވަޑައިގަތުން އެދެމެވެ.]
ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. [ކަނޑި އަޅައިގެން ތިޔަ އައީ ކީއްވެގެން ހެއްޔެވެ؟]
ޢުމައިރު ދެންނެވިއެވެ. [ކަލާނގެ މި ކަނޑިއަށް ހަލާކު މިންވަރު ކުރައްްވާށިއެވެ. މި ކަނޑިއަކުން އަޅުގަނޑުމެންނަކަށް ވީ ފައިދާއެއް ނެތެވެ. އެހެންވީމާ މީގެ ފަހުންވެސް މި ކަނޑިން ކުރާނީ ވަކި ކޮން ފައިދާއެއްތޯއެވެ؟]
ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. [އޭ ޢުމައިރެވެ. ތެދުބަހުން ބުނާށެވެ. ތިޔަ އައީ ކޮން ބޭނުމަކު ހެއްޔެވެ؟]
ޢުމައިރު ދެންނެވިއެވެ. [އަޅުގަނޑު އައީ އަޅުގަނޑުގެ ދަރިފުޅުގެ ހާލު ބަލައިލާށެވެ.]
ކީރިތި ރަޞޫލާ ޙަދީޘްކުރެއްވިއެވެ. [ކަލެޔާއި ޞަފްވާނާ ދެ މީހުން ގެފުޅުގެ ޙަޠީމްގައި އިށީނދެގެން ތިބެ ބަދްރު ހަނގުރާމައިގައި ގަތުލުވެގެން ދިޔަ ސަރުދާރުންގެ ވާހަކަ ނުދައްކަމު ހެއްޔެވެ؟ ތިމަންގެ ދަރަންޏާއި ދަރިންގެ ކަފާލަތާ މީހަކު ހަވާލުވެއްޖެ ނަމަ މަދީނާއަށް ގޮސް މުޙައްމަދުގެފާނު ގަތުލުކޮށްފާނަމޭ ކަލޭ ނުބުނަމު ހެއްޔެވެ؟ ތިމަންކަލޭގެފާނު ގަތުލުކުރާ މަތީން ޞަފްވާން ކަލޭގެ ދަރަންޏާއި ކަލޭގެ އަނބިދަރީންގެ ކަފާލަތާ ހަވާލެއް ނުވޭ ހެއްްޔެވެ؟ އޭ ޢުމައިރެވެ. ހަނދާންކުރާށެވެ. ކަލޭމެންގެ ފަރާތުން ތިމަންކަލޭގެފާނު ސަލާމަތްކުރައްވާހުށީ ﷲ ތަޢާލާއެވެ.]
ޢިއްޒަތްތެރި ކިޔުންތެރިންނޭވެ! ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ. ވިސްނުންތެރި މީހަކަށް ހެއު ނަތީޖާއަކާ ހަމައަށް ވާސިލުވެވުނީމާ ވަކި ގޮތަކަށް ފައިސަލާ ކުރުމުގައި ކުޑަކޮށްވެސް ފަހެއް ނުޖެހެއެވެ.
ޢުމައިރަށް ބޭއިޚްތިޔާރުގައި ވިދާޅުވެވުނެވެ. [أَشْهَدُ أَنَّكَ رَسُوْلُ اللّـهِ – ކަލޭގެފާނަކީ ﷲގެ ތެދުވެރި ރަސޫލެއް ކަމަށް އަޅުގަނޑު ހެކިވަމެވެ. އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނު އަޅުގަނޑުމެންނަށް އުޑުތަކުން ޚަބަރުތައް ގެނެސްދެއްވީމާ އަޅުގަނޑުމެން ގަބޫލެއް ނުކުރަމުއެވެ. އެކަމަކު މިހާރު ތިޔަ ވިދާޅުވީ އަޅުގަނޑާއި ޞަފްވާނާ ދެ މީހުންނަށް ފިޔަވައި އެހެން އެއްވެސް މީހަކަށް ނޭނގޭނޭ ބޮޑު ސިއްރެއްގެ ވާހަކައެވެ. ﷲ ގަންދީ ދަންނަވަމެވެ. ކަލޭގެފާނަށް ތިޔަ ޚަބަރު ދެއްވީ މި ކާއިނާތުގެ ވެރި ﷲ ފިޔަވައި އެހެން ފަރާތަކުންނެއް ނޫނެވެ. އަޅުގަނޑަށް އިސްލާމްދީނުގެ ހިދާޔަތު ދެއްވައި ސީދާވެގެންވާ ތެދު މަގުން ހިނގުމުގެ ތައުފީގު މިންވަރު ކުރެއްވި ﷲއަށް ޙަމްދާއި ޝުކުރު ހުއްޓެވެ.]
މި ހާދިސާއިން ފެންނަނީ އިތުރު ރަސޫލާގެ މާތް އަޚްލާޤްފުޅާއި، ހިތްޕުޅުގެ ސާފުކަމާއި، ހެޔޮފުޅުކަމުގެ މަތިވެރިކަމެވެ. ދެ ދުނިޔޭގެ ސާހިބާ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަކޮށްލާން އައި މީހަކަށް މަޢާފުކުރައްވައި، އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންގެ ތެރޭގައި ހިމެނުއްވުމަކީ އާދައިގެ ކަމެއް ނޫނެވެ.
ޢައްލާމާ އިބްނުލްއަޘީރް ބަޔާންކުރައްވައިފައިވާ ގޮތުގައި ޢުމައިރް ބުނު ވަހަބް އިސްލާމްވެވަޑައިގަތީމާ ޢުމަރުލްފާރޫޤް ވިދާޅުވިއެވެ.
لَخِـــنْـزِيْرً كَانَ أَحَبَّ إِلَيَّ مِـنْهُ حِـيْنَ طَلَـعَ
وَلَـهُـــوَالْــيَوْمَ أَحَـبَُ إِلَيَّ مَنْ بَعْـضِ بَـنـِـيَّ
[އޭނާ މަދީނާއަށް ވަޑައިގަތް ދުވަހު އަހުރެން އޭނާއަށް ނަފުރަތުކުޅަ މިންވަރު ބޮޑުވެގެން ގޮސް އޫރަކަށްވުރެވެސް ނުބައި މީހެއްގެ ގޮތުގައި އަހަންނަށް އޭނާ ފެނުނެވެ. އެކަމަކު އޭނާ އިސްލާމްވެވަޑައިގަތީމާ އޭނާ ދެކެ އަހުރެންގެ ދަރިންނަށްވުރެވެސް ބޮޑަށް ލޯބިވެއްޖެއެވެ.]
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. [އޭ އަހުރެންގެ ބައިވެރިންނޭވެ! ތިޔަބައިމީހުންގެ މި އަޚާއަށް ދީން ދަސްކޮށްދޭށެވެ. އޭނާއަށް ޤުރްއާން ކިޔަވައިދޭށެވެ. އަދި އޭނާގެ ގައިދީ (ދަރިފުޅު ވަހަބް) ގައިދުން ދޫކޮށްލާށެވެ.]
މިފަދަ ރިވެތި ސުލޫކެއް ފެނިވަޑައިގެންފާނޭ ކަމަކަށް ޢުމައިރް ހީފުޅެއްވެސް ނުކުރައްވައެވެ. މިހާރު އެކަލޭގެފާނު ކުރީން ކުރެއްވިފައި ހުރި ކަންތައްތަކާމެދު ހިތާމަފުޅު ކުރައްވާން ފައްޓަވައިފިއެވެ. އެ ކަންތައްތައް ފޮހެވޭނޭ ގޮތެއް ހޯއްދަވާން ބޭނުންފުޅު ވެއްޖެއެވެ. [އޭ ﷲގެ ރަސޫލާއެވެ. އިސްލާމްދީނުގެ ނޫރު ފުހެލެވޭތޯ އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތްކުރީމެވެ. މިހާރު ބޭނުންވަނީ އަޅުގަނޑުގެ ކުށުގެ ބަދަލު ދެވޭނޭ ގޮތެއް ހޯދާށެވެ. އަޅުގަނޑަށް މައްކާގައި އުޅުމުގެ ހުއްދަ ދެއްވާށެވެ. މައްކާގައި ހުރެގެން މައްކާގެ އަހުލުވެރީންނަށް ﷲ އާއި އެކަލާނގެ ރަސޫލާގެ މަގަށް އަޅުގަނޑު ދަޢުވަތުދޭނަމެވެ.]
އެކަލޭގެފާނުގެ މި އެދުންފުޅު ކީރިތި ރަސޫލާ ގަބޫލުފުޅު ކުރެއްވިއެވެ. ޢުމައިރް މައްކާއަށް ވަޑައިގެން އިސްލާމްދީން ފެތުރުއްވުމަށް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވިއެވެ. އެކަލޭގެފާނުގެ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން ވަރަށް މީހުން އިސްލާމްވިއެވެ.
އަނެއްކޮޅުން ޞަފްވާން ހުރީ އޭނާއަށް އުފާވެރި ޚަބަރެއް ފަތުރައިލެވޭނޭ ކަމުގެ އިންތިޒާރުގައެވެ. މަދީނާއިން އަންނަ ކޮންމެ މީހަކާ އޭނާ ސުވާލުކުރެއެވެ. [ކަލޭގެ އަތަކު އައު ޚަބަރެއް ނެތް ހެއްޔެވެ؟] އެއް ދުވަހަކު މަދީނާއިން އައި މީހަކު އޭނާ ގާތު ބުންޏެވެ. [ޢުމައިރް އިސްލާމްވެއްޖެއެވެ.] ޞަފްވާންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތްހެންނެވެ. އެޔާއެކު ޢުމައިރާ ދުވަހަކުވެސް ވާހަކަ ނުދައްކާށާއި އެކަލޭގެފާނަށް ދުވަހަކުވެސް އެއްވެސް ކަހަލަ އެހީއެއް ނުވާން ހުވައިކޮށްފިއެވެ. 1
ޢިއްޒަތްތެރި ކިޔުންތެރިންނޭވެ! މީހަކު ގަތުލުކޮށްލުމުގެ ބޭނުމުގައި ހަތިޔާރު ހިފައިގެން އައި މީހަކަށް މިފަދަ ގޮތަކަށް އެއްވެސް މީހަކު މަޢާފުކުރި ޚަބަރު ދުވަހަކުވެސް އެއްސެވީމުތޯއެވެ؟ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ފަދަ މާތް އަޚްލާޤުފުޅުގެ ސަބަބުން އަސަރުކުރަނީ މީސްތަކުންގެ ސިކުނޑިއަކަށް އެކަންޏެއް ނޫނެވެ. މީސްތަކުންގެ ހިތްތަކަށްވެސް އާދަޔާ ޚިލާފު ހެޔޮ އަސަރުތަކެއް ދިޔައީ ކުރަމުންނެވެ. އަދި މިހާރުވެސް ދަނީ ކުރަމުންނެވެ.
1 – سيرة إبن هشام (66/1) ، الرّحيق المختوم (213 ވަނަ ޞަފްޙާ) ، الدّلاىْل النبوّة (148/3)
