ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި


މިއީ 1974 އަހަރުގެ ޖެނުއަރީ މަހު ނުކުތް "ދޫގަސް" މަޖައްލާއިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ. މި ލިޔުން ލިޔުއްވައިފައި ވަނީ ސ. ފޭދޫ އާރާމުގޭ، އަލްމަރްޙޫމް އިބްރާހީމް ޙަސަން މަނިކުފާނެވެ. އިބްރާހީމް ޙަސަން މަނިކުފާނަކީ އައްޑު އަތޮޅުގެ މަޝްހޫރު ކުލަބު ޑީއެންސީގެ މަސްއޫލުވެރިޔާ އަދި ރައީސެވެ. އެ ކުލަބަކީ ފުޓުބޯޅައަށް މަޝްހޫރު ވެގެން ދިޔަ ކުލަބެކެވެ. "ދޫގަސް" މަޖައްލާއަކީ ޑީއެންސީގެ ފަރާތުން މަހަކު އެއް ފަހަރު ނެރުނު މަޖައްލާއެކެވެ. އެ މަޖައްލާ ލިޔެ ޗާޕު ކުރުމުގެ ހުރިހައި މަސައްކަތެއް ކޮށްފައި ވަނީ އިބްރާހީމް ޙަސަން މަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން އޭނާގެ ގޭގައެވެ. ޑީއެންސީ ކުލަބު އުވައިލުމާ ގުޅިގެން މަޖައްލާ އުވުނީއެވެ. އެހެންނަމަވެސް އިބްރާހީމް ޙަސަން މަނިކުފާނުގެ އަދަބީ މަސައްކަތަކަށް ހުއްޓުމެއް ނާދެއެވެ. "މިލާބް" ގެ ނަމުގައި އަމިއްލަފުޅު މަޖައްލާއެއް ނެރުއްވިއެވެ. އެ މަޖައްލާގައި ނަބީ ބޭކަލުންގެ ވާހަކައާއި، އިސްލާމީ ތާރީޚީ ވާހަކަތައް ނެރުއްވިއެވެ.

މާތް ﷲ އަލްމަރްޙޫމް އިބްރާހީމް ޙަސަން މަނިކުފާނުގެ ފުރާނަފުޅަށް ރަހުމަތް ލައްވާށިއެވެ. އާމީން.


ވޭތުވެދިޔަ ޒަމާންތަކުގެ ތެރެއިން ޒަމާނެއްގައި އުޅުނު މުއްސަނދި ދެމަފިރިއަކު އެދެމީހުންގެ ހުރި ތަނަވަސްކަމާއެކު ޢިއްޒަތުގެ މަޙައްލުގައި ދުނިޔޭގެ އުޅުން ވޭތި ކުރަމުންދިޔައީ އެމީހުންގެ ޙަޔާތީ ދައުރަށް ދުވަހަކުވެސް ބަދަލެއް އަންނާނެއޭ ހިއެއްވެސް ނުކުރާކަހަލަ ގޮތެއްގައެވެ. އެކުވެރި ރަޙުމަތްތެރިންނަށްވުރެ ޙާޟިރުގައި ތިބޭ ކެހިވެރިކަމުގެ މަޖާ ފޮނި ވާހަކަތައް ދައްކައި އުޅޭ ޢަދާވާތްތެރިން ދައްކާ ދަޅަތަކަށް ހެއްލި އިސްލާމީ އުޚުވަތްތެރިކަން ނަގާލެވޭފަދަ ސިފަތަކެއް ގެންގުޅެމުންނެވެ. މިފަދަ އުފާވެރި ޙަޔާތެއް މި ދެމަފިރިން ވޭތި ކުރަމުން ދިޔަ ދުވަސްތަކުގެ ތެރެއިން އެއް ދުވަހަކު މިދެމަފިރިންގެ ޢިއްޒަތުގެ މަޙައްލުގައި ކާން ތިއްބާ ބޭރުން އައި ވަރަށް ނިކަމެތި ފަޤީރަކު ސަލާމް ދީފިއެވެ. ދެން އަންހެން މީހާ ފިރިކަލޭގެ ކުރެން އަހާލައިފިއެވެ. "އެއީ ވަރަށް ނިކަމެތި ފަޤީރެކެވެ. އޭނާއަށް އެތިކޮޅެއް ދިނިއްޔާ ކީއްތޯއެވެ؟" ފިރިކަލޭގެ އަނގަޔަކުން ނުބުންޏެވެ. އަނެއްކާވެސް އަންހެން ކަނބުލޭގެ އޭނާއަށް އެތިކޮޅެއް ދެންތޯ އަހައިލައިފިއެވެ. ދެންވެސް އަންހެން ކަނބުލޭގެ އެ ފަޤީރު ކަލޭގެ ހުރި ނިކަމެތި ޙާލު ބަޔާންކޮށްދީ އޭނާއަށް އެތިކޮޅެއް ދިނުމަށް އެދިގެންފިއެވެ. މިފަހަރު ފިރިކަލޭގެ އައި ރުޅީގައި ފަޤީރު ކަލޭގެއާ ދިމާއަށް ހެއްދެވި ނެހެއްދެވިއަށް ގޮވާފައި އެއްވެސް އެއްޗެއް ނުދީ ގޯތިން ބޭރަށް ލައިފިއެވެ. ދެން ފަޤީރު ކަލޭގެ ހިތާމައިން ފޯވެގެންވާ ޙާލު މާތް ރަސްކަލާނގެ ކިބައަށް ޙަމްދުކޮށްފައި ނިކުމެގެން ހިނގައްޖެއެވެ. އެކަލޭގެ ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެސް ވެފައެވެ. ފަޤީރު ކަލޭގެއަށް އެތިކޮޅެއް ނުދިނީމާ ވީ ދެރައިން އަނބިކަނބުލޭގެއަށް ނުވެސް ކެވުނެވެ.

މިއަށްފަހު ދިހަ ބާރަވަރަކަށް އަހަރު ވީތަނާ އައިސް ދިމާވި ޙާދިޘާއަކާހުރެ އެހެރަ މުއްސަނދި މީހާ ފަޤީރުވެ، އުޅެވޭ ވަރު ނުވެގެން ގެ ދޮރު ވިއްކައި، އެންމެ ފަހުން އަނބިކަނބުލޭގެވެސް ވަރިކޮށްފައި ސަލާން ޖަހަން ނިކުމެއްޖެއެވެ. މިގޮތަށް ސަލާންޖަހަން އުޅެނިކޮށް އަންހެން މީހާއަށް މުއްސަނދި ސާދާގަރެއްގެ ބަދިގޭގައި ކައްކާން ހުރުމުގެ ނަޞީބު ޙާސިލު ވެއްޖެއެވެ. ދެން މި އަންހެން ކަނބުލޭގެ މާތްރަސްކަލާނގެ ދެއްވި ނިޢުމަތުގެ މައްޗަށް ޝުކުރުކޮށްގެން އަމާނާތްތެރިކަމާއެކު އޭނާގެ ވަޒީފާ އަދާކުޅައުމުގެ މަތީ ދެމި ހުއްޓާ ސާދާގަރު ކަލޭގެފާނުންގެ އަންހެނުން މަރު ވެއްޖެއެވެ.

ކޮންމެއަކަސް މި އަންހެން ކަނބުލޭގެ ހުރި އަމާނާތްތެރިކަމާއި ރީތިކަމަށްޓަކައި ސާދާގަރު ކަލޭގެފާނު ކައިވެނި ބައްލަވައިގަތީ މި ކަނބުލޭގެއާއެވެ. މާތްރަސްކަލާނގެ ފަޟުލުވަންތަވެރިކަމުން އެކަނބުލޭގެ އިހު ދުނިޔެ އުޅުނު އުފާވެރިކަން އެކަނބުލޭގެއަށް ޙާޞިލުވީއެވެ. މިގޮތަށް މި ދެމަފިރިން އުޅެމުން ދިޔަ ތަނަވަސް ޙަޔާތުގައި އެއްދުވަހަކު ބޭރު މީހަކު އައިސް ސަލާން ޖަހައިފިއެވެ. ސާދާގާރު ކަލޭގެފާނު ސަލާން ބަލަގެންފައި އަނބިކަނބުލޭގެއާ މުޚާޠަބުކޮށްފައި ބުނެފިއެވެ. "އެއީ ނިކަމެތި ފަޤީރަކު ސަލާން ޖެހި އަޑެވެ. އަވަހަށް އޭނާއަށް އެއްޗެއް ދޭށެވެ." ދެން އަންހެން ކަނބުލޭގެ ކާއެއްޗެއް ހިފައިގެން ގޮސް އޭނާއަށް ދީފައި އައިސް ރޮއިގެންފިއެވެ. އަނބިކަނބުލޭގެ ރޯތަން ފެނިފައި ސާދާގަރު އޭނާ ރޮނީ ކީއްވެތޯ ސުވާލުކޮށްފިއެވެ. އަންހެން ކަނބުލޭގެ ހަށި ފުރާ ނޭވާއެއް ލާފައި ހިތާމަވެރި އަސަރަކުން ބުންޏެވެ. "ބޭރުން އައިސް ސަލާން ޖެހި މީހަކީ މީގެ ކުރިން އަޅުގަނޑު އިނދެގެން އުޅުނު މީހާއެވެ. މިއަދު އޭނާ ހުރި ޙާލާއި އަޅުގަނޑު އޭނާއާ އިނދެގެން އުޅުނުއިރު މެދުވެރިވި ޙާދިޘާއެއް ހިތަށް އަރާފައި ރޮވުނީއެވެ." ދެން އެއްކަލަ ފަޤީރު ކަލޭގެ ސަލާން ޖެހީމާ އެއްޗެއް ނުދީ ފައްސައިލި ވާހަކަ ފެށުނީއްސުރެ ނިޔަލަށް ކިޔައި ދީފިއެވެ. އަނބިކަނބުލޭގެ ވާހަކަ އަޑުއަހާފައި ސާދާގަރު ބުންޏެވެ. "ألحمد للَّه އެވެ. ކަމަނާއަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވާނެތެވެ. ތިޔަ ބުނި ސަލާން ޖެހި ފަޤީރަކީ އަޅުގަނޑެވެ."

މާތް ރަސްކަލާނގެ ކަމެއްގެ މައްޗަށް އިރާދަ ކުރައްވައިފިއްޔާ އެކަމެއް ވާކަށް ދުރެއްގައެއް ނުއޮންނާނެއެވެ. وللَّه أعلم

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.