ޒަކާތުގެ ފީސަބީލިﷲ ގެ ބައިގައި ޝާމިލުވާ ދާއިރާތައް

ޑޮކްޓަރ ޢަބްދުﷲ ބިން މަންޞޫރުލް ޣުފައިލީ
Member of the Zakat Studies Committee of the International Islamic Authority for Economics and Finance.
http://almoslim.net/elmy/288552

ޚުލާޞާ ތަރުޖަމާ: ޙަސަން ލަޠީފް މޫސާ


ޒަކާތުގެ ފީސަބީލި ﷲ އިން ޚަރަދުކުރެވޭ ބައިގެ ތެރޭގައި ހަނގުރާމަވެރިންގެ ބައި ހިމެނޭ ކަމަށް ފިޤުހު ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވައެވެ. އަދި މިބައި ފިޔަވައި އެހެން ބައިތަކަށް ފީސަބީލިއްﷲ ގެ ބައިން ޚަރަދުކުރުމާ މެދު ޢިލްމުވެރިންގެ ޚިޔާލުތައް ތަފާތުވެފައި ވެއެވެ. އަދި މި ޒަމާނުގައި ވަނީ މިދެންނެވި ޚިޔާލުތައް އިތުރަށް ތަނަވަސް ވެގެން ގޮސްފައެވެ. މި މައްސަލައިގައި މިދެންނެވި ޚިލާފުތައް ޖުމްލަ ގޮތެއްގައި ބެހެވިގެން ވަނީ 5 ރައުޔެއްގެ މައްޗަށެވެ.

ފުރަތަމަ ރައުޔު: ފީސަބީލި ﷲ ބައިގެ މުރާދަކީ ﷲގެ މަގުގައި ކުރެވޭ ހަނގުރާމައެވެ.

މިއީ އަބޫ ޔޫސުފާއި، ޙަނަފީންނާއި، މާލިކީންނާއި ޝާފިޢީންނާއި، ޙަންބަލީންގެ އެއް ރިވާޔަތުގައި ބުރަވާ ގޮތެވެ. އަދި އިބްނު ޤުދާމާ ވަނީ މިއަށް ބުރަވެވަޑައިގެންފައެވެ.

މި ރައުޔުގެ ދަލީލުތައް

  • ފީސަބީލިﷲ އޭ މުޠުލަޤުކޮށް ބުނެފި ނަމަ އޭގެ މުރާދަކީ ﷲގެ މަގުގައި ކުރެވޭ ހަނގުރާމައެވެ. ކީރިތި ޤުރްއާނުގައި ގިނައިން އައިސްފައި ހުރީ މި ގޮތަށެވެ.

މިއަށް ރައްދު ދެއްވަމުން ބައެއް ޢިލްމުވެރިން ވިދާޅުވަނީ، ޝަރްޢީ ދަލީލެއް ނެތް ނަމަ ހިފަންޖެހޭނީ ލުޣަވީ މާނައިގައެވެ. އެ މާނަ ދަލީލު ކުރަނީ ޖިހާދުގެ ޢާއްމު މާނައަށެވެ.

  • حَدِيْثُ أَبِيْ سَعِيْدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ مَرْفُوْعًا: "لَا تَحِلُّ الصَّدَقَةُ لِغَنِيٍّ إِلَّا لِخَمْسَةٍ: لِغَازٍ فِيْ سَبِيْلِ اللهِ، أَوْ لِعَامِلٍ عَلَيْهَا، أَوْ لِغَارِمٍ، أَوْ لِرَجُلٍ اشْتَرَاهَا بِمَالِهِ، أَوْ لِرَجُلٍ كَانَ لَهُ جَارٌ مِسْكِيْنٌ فَتَصَدَّقَ عَلَى الْمِسْكِيْنِ، فَأَهْدَاهَا الْمِسْكِيْنُ لِلْغَنِيِّ" رَوَاهُ أَبُو دَاوُد، كِتَابُ الزَّكَاةِ، بَابُ مَنْ يَجُوْزُ لَهُ أَخْذُ الزَّكَاةِ وَهُوَ غَنِيٌّ، بِرَقْمِ: (1635)

މާނައީ: "މުއްސަނދީންގެތެރެއިން ފަސް މީހަކު ފިޔަވައި އެހެން އެކަކަށްވެސް ޒަކާތް ހުއްދަވެގެނެއް ނުވެއެވެ. އެއީ، ﷲ ގެ މަގުގައި ހަނގުރާމަކުރާ މީހުންނާއި، ޒަކާތުގެ ބެހެނިވެރިންނާއި، ދަރަނިވެރިންނާއި، ޒަކާތުގެ ޙައްޤުވެރިޔަކަށް ލިބުނު މުދާ ގަތް މީހާއާއި، މިސްކީނަކަށް އަވަށްޓެރި މުއްސަންޖަކު ޞަދަޤާތް ކުރުމުން، އޭނާއަށް ޒަކާތުން ލިބިފައިވާ އެއްޗެއް ހަދިޔާގެ ގޮތުގައި މުއްސަނދި މީހާއަށް ދިނުމުން އެމީހާއާއި މި ފަސް މީހުންނަށެވެ."

މި ޙަދީޘުން ދަލީލު ލިބޭ ގޮތް:  މި ޙަދީޘުގައި ހިމެނިފައިވާ 5 މީހުންގެ ތެރެއިން އެކަކަށް މި އޮތީ ﷲ ގެ މަގުގައި ހަނގުރާމަ ކުރާ މީހާއެވެ. އަދި ޒަކާތުގެ 8 ބައިގެ ތެރޭގައި މި ނަމުގައި ވާ ބައެއް ނެތެވެ. އެކަމަކު އެމީހުންނަށް މި ދެވެނީ ފީސަބީލިﷲ ގެ ބައިންނެވެ.

މިއަށް ރައްދު ދެއްވާ ބޭފުޅުން ވިދާޅުވަނީ، މި ހަދީޘުން ދަލީލުކޮށްދެނީ ﷲ ގެ މަގުގައި ޖިހާދު ކުރާ މީހާއަކީ މުއްސަންޖަކު ކަމުގައި ވިޔަސް ފީސަބީލި ﷲ ގެ ބައިން އޭނާއަށް ދެވޭނެ ކަމެވެ. ނަމަވެސް ﷲ ގެ މަގުގައި ކުރެވޭ ޖިހާދުގެ މަގުތައް މިއަށްވުރެ މާ ގިނައެވެ.

ދެވަނަ ރައުޔު: ފީސަބީލިﷲ ބައިގެ މުރާދަކީ ހަނގުރާމައާއި ޙައްޖާއި ޢުމްރާ އެވެ.

މިއީ ޙަނަފީންގެތެރެއިން މުޙައްމަދު ބްނުލް ޙަސަނާއި ޙަންބަލީ މަޒުހަބުގެ ރައުޔެވެ.

މި ރައުޔުގެ ދަލީލުތައް:

  • އުއްމު މަޢްޤަލް ރަޟިޔަﷲ ޢަންހާގެ ޙަދީޘް: أُمُّ مَعْقَلٍ رَضِيَ اللهُ عَنْهَا قَالَتْ: خَرَجَ أَبُو مَعْقَلٍ حَاجًّا مَعَ رَسُوْلِ اللهِ – صَلَّى اللهُ عَلَيْهِ وَسَلَّمَ -، فَلَمَّا قَدِمَ قَالَتْ أُمُّ مَعْقَلٍ: قَدْ عَلِمْتَ أَنَّ عَلَيَّ حِجَّةً، فَانْطَلَقَا يَمْشِيَانِ حَتَّى دَخَلاَ عَلَيْهِ، فَقَالَتْ: يَا رَسُوْلَ اللهِ، إنَّ عَلَيَّ حِجَّةً، وَإِنَّ لِأَبِيْ مَعْقَلٍ بَكْرًا، قَالَ أَبُو مَعْقَلٍ: صَدَقْتِ، جَعَلْتُهُ فِيْ سَبِيْلِ اللهِ، فَقَالَ رَسُولُ اللهِ – صَلَّى اللهُ عَلَيْهِ وَسَلَّمَ -: "أَعْطِهَا فَلْتَحُجَّ عَلَيْهِ؛ فَإِنَّهُ فِيْ سَبِيْلِ اللهِ".  މާނައީ: އުއްމު މަޢްޤަލް ރަޟިޔަ ﷲ ޢަންހާ ވިދާޅުވިއެވެ. رَسُولُ اللهِ – صَلَّى اللهُ عَلَيْهِ وَسَلَّمَ – އާއެކު، އަބޫ މަޢްޤަލް ޙައްޖަށް ނުކުންނެވުމަށް ވަޑައިގަތުމުން އުއްމު މަޢްޤަލް ދެންނެވިއެވެ. ތިމަންކަމަނާ ކީރިތި ރަސޫލާ – صَلَّى اللهُ عَلَيْهِ وَسَلَّمَ – ގެ އަރިހުގައި ޙައްޖެއް ވާން ބޭނުންކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެއެވެ. އެއަށްފަހު، ދެކަނބަލުން އެކުގައި ހިންގަވާފައި ވަޑައިގެން رَسُولُ اللهِ – صَلَّى اللهُ عَلَيْهِ وَسَلَّمَ – ގެ އަރިހަށް ވެދެވަޑައިގެން ދެންނެވިއެވެ. އޭ، ﷲ ގެ ރަސޫލާއެވެ! ތިމަންކަމަނާ، ކަލޭގެފާނުގެ އަރިހުގައި ޙައްޖަށް ވަޑައިގަންނަވަން ބޭނުންވެއެވެ. އަދި ހަމަކަށަވަރުން އަބޫ މަޢްޤަލްގެ އަތްޕުޅުގައި ޒުވާން ޖަމަލެއް އެބައޮތެވެ. އަބޫ މަޢްޤަލް ދެންނެވިއެވެ. ކަމަނާ ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. ތިމަންކަލޭގެފާނު، ފީސަބީލި ﷲ ގެ ބަޔަށް އެ ޖަމަލު ލައްވައިފީމެވެ. އެހިނދު رَسُولُ اللهِ – صَلَّى اللهُ عَلَيْهِ وَسَلَّمَޙަދީޘްކުރެއްވިއެވެ. އެކަމަނާގެ އެ ޙައްޖު ވުމަށް ކަލޭގެފާނު އެ ޖަމަލު އެކަމަނާއަށް ދެއްވާށެވެ. އެހެނީ އެއީ ފީސަބީލި ﷲ ގެ ބައިގައި ހިމެނޭ ޖަމަލެކެވެ."

މި ދަލީލަށް ދެވިފައިވާ ރައްދު:

  • މިއީ ޟަޢީފު ޙަދީޘެކެވެ.
  • ޒަކާތް ދެވޭނީ އަންނަނިވި ދެ ބައިންކުރެ ބައެއްގައި ހިމެނޭ މީހަކަށެވެ. އެއީ: އެއަށް ބޭނުންޖެހިފައިވާ ފަޤީރުންނާއި މިސްކީނުންފަދަ މީހުންނަށެވެ. އަދި އަޅުން މިނިވަންކުރުމަށާއި ދަރަނިވެރިންގެ ދަރަނިތައް އަދާކުރުމަށެވެ. ނުވަތަ މުސްލިމުން އެ ބަޔަކަށް ބޭނުންޖެހިފައިވާ މީހުންނަށެވެ. އެއީ، ޢާމިލުންނާއި ﷲ ގެ މަގުގައި ޖިހާދުކުރާ މީހުންނާއި، އަލަށް އިސްލާމްވާ މީހުންނާއި ދެމީހުންގެ ދެމެދު އިޞްލާޙު ކުރުމުގައި ދަރަނިވެރިވެފައިވާ މީހުންފަދަ މީސްމީހުންނަށެވެ. މިގޮތުން ބަލާއިރު، ފަޤީރަކު ޙައްޖު ވުމަކުން އެކަމުގައި މުސްލިމުންނަށް އޮތް ފައިދާއެއް ނެތެވެ. އަދި މުސްލިމުންގެ ކިބައިން އޭނާއަށް، އަދި އޭނާގެ ކިބައިން މުސްލިމުންނަށް އޮތް ކަމެއް ވެސް ނުވެއެވެ. އެ ގޮތަކީ ފަޤީރެއްގެ މައްޗަށް ޙައްޖު ވާޖިބު ނުވާނެތީއެވެ. އަދި އެ މީހާގެ މައްޗަށް އެ ފަރުޟުވުމުން އޮތް މަޞްލަޙަތެއްވެސް ނެތީމައެވެ. އަދި ﷲ ތަޢާލާ އޭނާގެ ކިބައިން އުފުއްލަވައި ލުއިކުރައްފައިވާ ތަކްލީފެއް ގެ ބުރަ އުފުލުމެއްވެސް ނުވާތީއެވެ. އަދި އެ ޙައްޖަށް ހޭދަވާ މިންވަރު ޒަކާތުގެ އެހެނިހެން ބައިތަކަށް ވައްދައިގެން ފުދުންތެރިކަން ނެތް މީހުންނަށް ހޭދަކުރުން، ނުވަތަ މުސްލިމުންގެ މަޞްލަޙަތު އޮންނަ ކަންތައްތަކަށް ހޭދަކުރުން އައުލާވެގެން ވާތީއެވެ.
  • ފީސަބީލިﷲ ގެތެރޭގައި ޙައްޖު ހިމެނޭކަމަށް ދަލީލުލިބޭ ބައެއް މައުޤޫފު އަޘަރުތައް؛ އޭގެތެރޭގައި އިބްނު ޢައްބާސް އާއި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވާ އަޘަރުތައް ފާހަގަކޮށްލެވެއެވެ.

މިއަށް ދެވިފައިވާ ރައްދު:

އިބްނު ޢައްބާސްގެ އަރިހުން މި އަޘަރު ޞައްޙައެއް ނޫނެވެ. އަދި އިބްނު ޢުމަރުގެ އަޘަރުން ޙައްޖަކީ ފީސަބީލިﷲ ގެ ތެރެއިން ހިމެނޭ ބައެއްކަމުގައި އޮތަސް އާޔަތުގައި ވާރިދުވެފައިވާ ސަބީލުﷲ ތަފްސީރުކުރެވެނީ އެހެން މާނައެއްގައެވެ. އެއީ ޖިހާދެވެ. އެ ގޮތަކީ މުޠްލަޤުކޮށް އޮތުމުން ބެލެވޭނީ އޭގެ ޢާއްމު މާނައަށެވެ.

ތިންވަނަ ރައުޔު: ފީސަބީލިﷲ ގެ ބައިގެ މުރާދަކީ ﷲ އަށް ކުއްތަންވުމާއި ކިޔަމަންތެރިކަން އަދާކުރުމުގެގޮތުން ކުރެވޭ އެންމެހައި ކަންތަކެވެ.

މި ރައުޔު ނިސްބަތް ވަނީ ބައެއް ފިޤްހު ޢިލްމުވެރިންނަށެވެ. އަދި މިޒަމާނުގެ ގިނަ ޢިލްމުވެރިންގެ ރައުޔަކީވެސް މިއީއެވެ.

މިރައުޔުގެ ދަލީލު: ފީސަބީލިﷲ ގެ ލަފްޒު އައިސްފައިވަނީ ޢާއްމުކޮށެވެ. އެހެންކަމުން އެއްވެސް ޞައްޙަ ދަލީލެއް ނެތި ވަކި ބަޔަކަށް އެ ކަނޑައެޅުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެފަދަ ޞައްޙަ ދަލީލެއް ނެތެވެ.

މި ދަލީލަށް ދެވިފައިވާ ރައްދު: ތިޔަ ދަލީލު ޤަބޫލެއްނޫނެވެ. ސަބަބަކީ އޭގެ މާނަ ބޭރުފުށުން ބޭނުން ކުރެވޭ ގޮތުން އެ މާނަ ވަނީ މުޤައްޔަދު ވެފައެވެ. ފީސަބީލިﷲ ގެ މާނަ މި ގޮތަށް ޢާއްމު ކަމަށް ސަލަފުންނާއި ޢިލްމުވެރިންގެ ތެރެއިން މަޝްހޫރު އެއްވެސް ބޭފުޅަކު ވިދާޅުވެފައެއް ނުވެއެވެ.

ހަތަރުވަނަ ރައުޔު: ފިސަބީލި ﷲ ބައިގެ މުރާދަކީ ޢާއްމު މަޞްލަޙަތާ ގުޅޭ ކަންތައްތަކެވެ.

މިރައުޔު ނިސްބަތްވަނީ މިޒަމާނުގެ ބައެއް ޢިލްމުވެރިންނަށެވެ.

މި ރައުޔުގެ ދަލީލުތައް:

  • ޢާއްމު ކޮށް އަދި ހުރިހާކަމެއް ޝާމިލުވާގޮތަށް ވެވޭ ހެޔޮ ކަންތަކަށް މެނުވީ ޤުރްއާނުގައި ސަބީލުﷲ ގެ ކަލިމަ އައިސްފައެއް ނުވެއެވެ.

މިދަލީލަށް ދެވިފައިވާ ރައްދު: ތިޔައީ ޤަބޫލުކުރެވޭ ވާހަކައެއް ނޫނެވެ. އެ ކަލިމަ ޤުރްއާނުގައި ތަފާތު މާނަތަކުގައި އައިސްފައި ވެއެވެ. އަދި އެންމެ ގިނައިން އައިސްފައި ވަނީ ޖިހާދުގެ މާނައިގައެވެ.

  • أَنَّ النَّبِيَّ – صَلَّى اللهُ عَلَيْهِ وَسَلَّمَ – وَدَى صَحَابِيًّا لَمْ يَعْرِفْ قَاتِلَهُ مِنْ إِبِلِ الصَّدَقَةِ.

މާނައީ: ހަމަ ކަށަވަރުން މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَޤަތުލުކުރި މީހަކު ނޭނގޭ ޞަޙާބީ އެއްގެ ދިޔަ، ޒަކާތުގެ ޖަމަލުން ދެއްވިއެވެ.

(އަރައިރުން ހުއްޓުވުމާއި އަމަން އަމާންކަމަށް ރައްކާތެރިވުމަށްޓަކައި ޤަތުލުކުރެވުނު މީހެއްގެ ދިޔަ، ޒަކާތުގެ މުދަލުން ދިނުން ހުއްދަނަމަ، އިސްލާމީ ދައުލަތުގެ މީސްތަކުންގެ އަމާންކަމާއި އެމީހުންގެ ޢާއްމު މަޞްލަޙަތު ބެލެހެއްޓުމަށް ޚަރަދުކުރުން އައުލާކަން ބޮޑުވެގެން ވެއެވެ.)

މިއަށް ދެވިފައިވާ ރައްދު:

  • މި ޙަދީޘް އެހެން ގޮތަކަށް ބުޚާރީގައި އައިސްފައި ވެއެވެ. އޭގައި އައިސްފައި ވަނީ، އެކަލޭގެފާނު އަމިއްލަފުޅަށް ދިޔަ ދެއްވި ކަމަށެވެ. އަދި ޖުމްހޫރު ޢިލްމުވެރިން ވަނީ މި ދެރިވާޔަތް ޖަމާ ކޮށްފައެވެ. އެއީ، ޒަކާތުގެ އަހުލުވެރިންނަށް އެތަކެތި މިލްކުވުމުން އެ ބައްލަވައިގަތުމަށްފަހު ޤަތުލުވީ ޞަޙާބީގެ ޢާއިލާއަށް އެއިން ދިޔަދެއްވި ކަމަށެވެ.
  • ޒަކާތުގެ މުދަލުން އެކަލޭގެފާނު ދިޔަ ދެއްވިކަމަށް ބެލި ކަމުގައި ވިޔަސް، އެއީ ޢާއްމު މަޞްލަޙަތުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވެއެވެ.
  • ދިޔަ ދެވުނު މަޤްޞަދަކީ ހަމަ އެކަނި އަރައިރުން ހުއްޓުވެމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެއީ ސަބަބުގެ ބައެކެވެ. އެހެނީ ދެބައިމީހުންގެ ދެމެދު އިޞްލާޙު ކުރުމާއި ޤަތުލުކުރެވުނު މީހާގެ ވަލީވެރިންގެ ހިތް ހަމަޖެއްސުމާއި މިކަންކަމަކީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. އެހެން ނަމަވެސް ކޮންމެ ޢާއްމު މަޞްލަޙަތަކުން މީސްތަކުންގެ އަމަން އަމާންކަން ރައްކާތެރި ވުމުގެ ސަބަބު ޙާޞިލެއް ނުކުރެވޭނެއެވެ.

ފަސްވަނަ ރައުޔު: ފީސަބީލި ﷲ ބައިގެ މުރާދަކީ ޖިހާދުގެ ޢާއްމު މާނާގައި ހިމެނޭ ބައިތަކެވެ. އެހެންކަމުން އޭގެތެރޭގައި، ﷲ ގެ މަގުގައި ޖިހާދުކުރުމާއި، ﷲ ގެ ދީނަށް ގޮވައިލުން ހިމެނެއެވެ.

މިރައުޔަކީ އިސްލާމިކް ފިޤްހު އެކެޑަމީއާއި ޒަކާތާ ގުޅުން ހުރި މިޒަމާނުގެ މައްސަލަތަކާ ބެހޭ ފުރަތަމަ ސިމްޕޯޒިއަމްގެ ޤަރާރުގައި ވާ ރައުޔެވެ.

މި ރައުޔުގެ ދަލީލުތައް:

  • އާޔަތުގެ އުސްލޫބު ޞަދަޤާތަށް ޙަޞްރުވެފައި އޮތުމުން ފާޅުވަނީ، އޭގެ މުރާދު، ޖިހާދާއި އެމާނަ ދޭހަވާ ކަންތައްތަކަށް ޚާއްޞަވެފައި ވާކަމެވެ. ފަހެ، މާނަ ޢާއްމު ވުމަކީ ގިނަ ފަރާތްތަކެއް ޝާމިލު ވާނެ ކަމެކެވެ. އަދި މިކަން ހަމައެކަނި ޒަކާތް 8 ބަޔަށް ކަނޑައެޅިފައި އޮތުން ނަފީކުރެއެވެ.
  • އިސްލާމް ދީނުގައި ޖިހާދުގެ މާނަ، ކަނޑި ހަނގުރާމައަކަށް ހަނިވެފައެއް ނޯވެއެވެ. މާތް ނަބިއްޔާ – صَلَّى اللهُ عَلَيْهِ وَسَلَّمَ – ގެ އަރިހުން ޞައްޙަ ގޮތުގައި ވާރިދު ވެގެން އައިސްފައި ވެއެވެ. އެކަލޭގެފާނަށް ސުއާލު ދެންނެވުނެވެ. އެންމެ މަތިވެރި ޖިހާދަކީ ކޮބައިތޯއެވެ؟ އެހިނދު ޙަދީޘް ކުރެއްވިއެވެ. " އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ޙައްޤުބަސް ބުނުމެވެ."

އަދި ޙަދީޘްކުރެއްވިއެވެ. "جَاهِدُوا الْمُشْرِكِيْنَ بِأَمْوَالِكُمْ وَأَنْفُسِكُمْ وَأَلْسِنَتِكُمْ" މާނައީ: "ތިޔަބައިމީހުންގެ މުދަލާއި ނަފުސާއި ދުލުން، ތިޔަބައި މީހުން މުޝްރިކުންނާއި ޖިހާދު ކުރާށެވެ!"

  • ޖިހާދުގެ މާނައިގެ ތެރެއަށް، ﷲ ގެ ދީނަށް ދަޢްވަތު ދިނުން، ނައްޞުން ނުވަންނަ ނަމަ، ޤިޔާސުން ވިޔަސް އެބައި އޭގެ ތެރެއަށް ވެއްދުން ވާޖިބު ވާހުއްޓެވެ. އެހެނީ އެ ދެބައިގެ ވެސް ބޭނުމަކީ ﷲ ގެ ދީނަށް ނަޞްރު ދިނުމާއި އެއިލާހުގެ ކަލިމަ މަތިވެރި ކުރުމެވެ.

ރާޖިޙު ރައުޔު:

މީގެތެރެއިން އެންމެ ރާޖިޙު ރައުޔަކީ ފަސްވަނަ ރައުޔެވެ. އެއީ ﷲ ގެ ދީނަށް ނަޞްރު ދެވޭ ކޮންމެ ކަމެއް ޝާމިލްވާ ގޮތަށް، ފީސަބީލި ﷲ ގެ މާނަ ޖިހާދަށް ޚާއްޞަ ކޮށްފައި ބޭއްވުމެވެ. އެއީ މިރައުޔުގެ ދަލީލުތަކުގެ ބާރު ގަދަވުމުގެ ސަބަބުންނެވެ. އަދި އަންނަނިވި ސަބަބުތައް މިކަމަށް ބާރު ދެއެވެ.

  • ސަބީލު ﷲ ގެ ލަފްޒު ގިނައިން އިސްތިޢްމާލު ކުރެވިފައި ހުރީ ޖިހާދުގެ މާނައިގައި ކަމަށް ވުމުން، އެއީ އެންމެ ކައިރި މާނަ ކަމަށް ބެލެވޭތީއެވެ. އެހެނީ "فِيْ سَبِيْلِ اللهِ"، މި ކަލިމަ 50 ފަހަރު ވާރިދު ވެފައި ވެއެވެ. އޭގެ ތެރެއިން 38 ފަހަރު ވާރިދު ވެފައި ވަނީ ހަނގުރާމައާއި ޖިހާދާ އެކުގައެވެ. އަދި 8 ފަހަރު ވާރިދު ވެފައި ވަނީ ހޭދަކުރުމާ އެކުގައެވެ. އޭގެ ތެރެއިން 7 ފަހަރު ހޭދަކުރުން އައިސްފައި ވަނީ ހަނގުރާމައާ އެކުގައެވެ. 8 ވަނައަށް އައިސްފައި ވަނީ آيَةُ الصَّدَقَة ގައެވެ. ބާކީ އޮތް އަނެއް 4 އާޔަތް އައިސްފައި ވަނީ އިސްލާމްދީން މަތިވެރި ކުރުމަށްޓަކާ އިސްލާމީ ބިމަކަށް ހިޖުރަ ކުރުމުގެ ވާހަކައާ އެކުގައެވެ. އެހެންކަމުން ގިނައިން މި ލަފުޒު ވާރިދު ވެގެން އައިސްފައި ވަނީ ޖިހާދުގެ މާނައިގައެވެ.
  • ފީސަބީލި ﷲ ގެ ބައި ޖިހާދުގެ މަނާގައި ތަފްސީރު ކުރުމަކީ ސަލަފުންނާއި ޖުމްހޫރު ފިޤްހުވެރިންގެ ތެރެއިން އިހާއި ފަހުގެ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތެވެ.
  • ނަފްސުގެ ޖިހާދާ ބެހޭ ގޮތުން ޤައިދު ވެގެން އައިސްފައިވާ އެންމެހައި އާޔަތްތަކާ އެކު، މުދަލުން ޖިހާދު ކުރުން އައިސްފައި ވުމުން ދޭހަ ވަނީ އަލްޖިހާދު ފީ ސަބީލި ﷲ ގެ މަފްހޫމު، ހަނގުރާމައިގެ މާނައަށްވުރެ ތަނަވަސް ވެގެންވާ ކަމެވެ. މިސާލަކަށް އަލްފުރްޤާން ސޫރަތުގެ 52 ވަނަ އާޔަތުގައިވާ "وَجَاهِدْهُمْ بِهِ جِهَادًا كَبِيرًا". ފަސްވަނަ ރައުޔުގެ ބައެއް ދަލީލުތަކުގެ ތެރޭގައި މިއަށް ދަލީލު ލިބޭ ބައެއް ހަދީޘްތައް ބަޔާންވެ ހިނގައްޖެއެވެ.
  • ހަނގުރާމައިގެ މަޤްޞަދަކީ ދީނަށް ނަޞްރު ދިނުމެވެ. އަދި ޢަދާވާތްތެރި ކާފިރުން ނައްތައިލުމެވެ. މިކަން ޙާޞިލްވާނީ މުދަލާއި ދުލުން ޖިހާދުކޮށް ޙައްޤު ބަޔާންކޮށްދީ އެއަށް ދަޢްވަތު ދީގެންނެވެ. އަދި ބާޠިލު ހާމަކޮށް އެއަށް ރައްދު ދީގެންނެވެ. އަދި މީޑިޔާގެ ވަސީލަތްތައް ދުނިޔޭގެ އެންމެހާ ކަންކޮޅުތަކަށް މިވަނީ ފެތުރިފައެވެ. އަދި މީސްތަކުންގެ ފިކުރާއި ވިސްނުން ޙައްޤާއި އެއްކޮޅަށް، ނުވަތަ ބާޠިލާ އެއްކޮޅަށް ބަދަލު ކުރުމުގައި މީޑިއާގެ އަސަރު ވަރަށް ބޮޑެވެ. އަދި ކީއްހެއްޔެވެ؟ ޢަސްކަރީ ހަނގުރާމައަށް ވުރެ މީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ކުރެވޭ ފަޒާގެ ހަނގުރާމައިގެ އަސަރު އަދި މާ ބޮޑެވެ. ކަން މިހެން ހުރުމާ އެކު، ޒަކާތުގެ މަޝްރޫޢުތަކުގައި ޖިހާދުގެ ތަފާތު ވައްތަރުތައް ވަކި ނުކުރުމުގެ މުހިއްމުކަން އިތުރަށް ހާމަވެގެން ދެއެވެ.
  • އާޔަތުގައި އައިސްފައިވާ ޙަޞްރުގެ އުސްލޫބާއެކު، ޤުރްއާނާއި ސުންނަތުގައި އައިސްފައިވާ ތަނަވަސް މާނަ ޖަމާކުރުމުން ދޭހަވަނީ، މި ލަފްޒުގެ މާނަ އޭގެ ޚާއްޞަ މާނައިގެ މައްޗަށް ހަނި ކޮށްގެން ނުވާނެ ކަމެވެ. އަދި ފުޅާ މާނައިގެ ދަށުން ޢާއްމު ވެސް ކޮށްގެން ނުވާނެ ކަމެވެ. އެހެން ނަމަވެސް އެއީ ޝަރްޢީ ގިނަ އިސްތިޢްމާލުތަކުން ބޭރު ނުވާ ގޮތަށް، އަދި ހަމަ އެކަނި އޭގެ ލުޣަވީ މާނައަށް ބުރަ ނުވާ ގޮތަށް ޚާއްޞަވެ ފުޅާވެފައި އޮންނަން ޖެހޭކަމެވެ.

މި ރައުޔަށް ތާއީދު ލިބޭ ޤަރާރެއް، މައްކާގެ އަލްމަޖްމަޢުލް ފިޤްހީ އިން ވަނީ ނެރެފައެވެ. އެ ޤަރާރުގައި ވަނީ، ﷲގެ ދީނަށް ދަޢްވަތު ދިނުމާއި އެމަސައްކަތަށް އެހީތެރި ވުމާއި އެމަސައްކަތަށް އެހީ ފޯރުކޮށްދިނުން ހިމެނެނީ ފީ ސަބީލި ﷲ ގެ ބައިގެ ތެރޭގައި ކަމަށެވެ.

އަދި ފީ ސަބީލި ﷲ ގެ ބައިން ޚަރަދު ކުރެވޭނެ ބައިތަކާ ބެހޭ ގޮތުން ބޭއްވުނު މިޒަމާނުގެ ޒަކާތާ ބެހޭ މައްސަލަތަކުގެ ފުރަތަމަ ސެމިނާއިން ނެރުނު ފަތުވާގައި، އެ ބައިން ހޭދަ ކުރެވޭނެ ދާއިރާތަކެއް ކަނޑައަޅާފައި ވެއެވެ. އެ ފަތުވާގައި ވެއެވެ.

ހަމަ ކަށަވަރުން ފީ ސަބީލި ﷲ ގެ ބައިން ހޭދަކުރެވޭ ބައިގެ މުރާދަކީ ދީން ރައްކާތެރި ކުރުމާއި ﷲ ގެ ކަލިމަ މަތިވެރި ކުރުން ހިމެނޭ ގޮތަށް، ފިޤްހު ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ޖިހާދުގެ ތަނަވަސް މާނައެވެ. އަދި ހަނގުރާމައާ އެކު، އިސްލާމް ދީނަށް ދަޢްވަތު ދިނުމާއި، ޝަރީޢަތުގެ ޙުކުމް ޤާއިމު ކުރުމުގެ މަސައްކަތާއި އިސްލާމްދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހުން އުފައްދާ ކުށް ހީތަކަށް ރައްދު ދިނުމާއި އިސްލާމްދީނާ އިދިކޮޅު ފިކުރުތަކާއި އޮއިވަރުތަކަށް ހުރަސް އެޅުން މި ދާއިރާގައި ހިމެނެއެވެ. އެހެންކަމުން، ހަމައެކަނި ޢަސްކަރީ ޙަރަކާތްތަކަށް، ޖިހާދުގެ މާނަ ހަނިވެފައެއް ނުވެއެވެ. އޭގެ ދަށަށް، ޖިހާދުގެ ޝާމިލް މާނައިގެ ތެރެއަށް އަންނަނިވި ދާއިރާތައް ވަންނަހުއްޓެވެ:

  • މުސްލިމުންގެ އެންމެހައި ބިންތަކުގައި އެ މީހުންނާ ދެކޮޅަށް ހިންގޭ ޢުދުވާނީ ހަމަލަތަކަށް ހުރަސް އެޅުމާއި އިސްލާމީ ދިދަ އުފުލުމަށްޓަކައި ހިންގޭ ޢަސްކަރީ ޙަރަކާތްތަކަށް ފަންޑު ކުރުން؛
  • އިސްލާމްދީން ފެތުރުމަށްޓަކައި ޒަމާނާ ގުޅޭ ތަފާތު ޞައްޙަ ގޮތްތައް ބޭނުން ކޮށްގެން ޣައިރު މުސްލިމް ޤައުމުތަކުގައި ތެދުވެރި މުސްލިމުން ހިންގާ އިސްލާމީ ދަޢްވަތުދޭ މަރުކަޒުތަކަށް ފަންޑު ކުރުން؛ މީގެ ތެރެއަށް އިސްލާމީ ދަޢްވަތުގެ ސެންޓަރެއްގެ ގޮތުގައި ޣައިރު މުސްލިމް ޤައުމުތަކުގައި ޤާއިމު ކުރެވިފައިވާ ކޮންމެ މިސްކިތެއް ވަންނާނެއެވެ.
  • އެ ބިމެއްގައި ޣައިރު މުސްލިމުން މުސްލިމުންގެ މައްޗަށް ވެރިވެފައިވާ، އަދި އެބިމަކުން މުސްލިމުންގެ އަސަރު ފޮހެލަން ރޭވުންތެރިކަމާއެކު މަސައްކަތް ކުރެވޭ މުސްލިމް މައިނޯރިޓީ ޤައުމުތަކުގައި އިސްލާމްދީން ފެތުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަންޑުކުރުން.
  • ފީ ސަބީލި ﷲ ގެ ބައިގެ ބޭނުން މިޒަމާނުގައި ހިފެވޭ ދާއިރާތައް:

އިސްވެދިޔަ ވާހަކަތަކުން ބުރަވެގެން އައިސްފައި މިވަނީ ފީ ސަބީލިﷲ ގެ ބައިގެ މުރާދަކީ އަމިއްލަ ނަފްސުންނާއި މުދަލުންނާއި ދުލުން ޖިހާދު ކޮށް، ދީނަށް ނަޞްރު ދިނުން ކަމުގައެވެ. އެހެންކަމުން އޭގެ ތެރޭގައި ﷲ ގެ ދީނަށް ދަޢްވަތު ދިނުން ޝާމިލު ވެއެވެ. މިގޮތުން އަޅުގަނޑު ބެލި ބެލުމުން އަޅުގަނޑަށް އެގިފައިވަނީ މި ޒަމާނުގައި ފީސަބީލި ﷲ ގެ ބައިން ހޭދަކުރެވޭ ދާއިރާތަކަކީ އަންނަނިވި ދާއިރަތައް ކަމެވެ:

ފުރަތަމައަށް: ﷲ ތަޢާލާގެ އަންނަވި ބަސްފުޅުގައި ވާ އަމުރު ވެވިގެންވާ ޖިހާދަށްޓަކައި ތައްޔާރު ވުމުގެ ބޭނުންތަކަށް ކުރެވޭ ހޭދަ؛ وَأَعِدُّوا لَهُمْ مَا اسْتَطَعْتُمْ مِنْ قُوَّةٍ وَمِنْ رِبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّهِ وَعَدُوَّكُمْ وَآخَرِينَ مِنْ دُونِهِمْ لَا تَعْلَمُونَهُمُ اللَّهُ يَعْلَمُهُمْ وَمَا تُنْفِقُوا مِنْ شَيْءٍ فِي سَبِيلِ اللَّهِ يُوَفَّ إِلَيْكُمْ وَأَنْتُمْ لَا تُظْلَمُونَ (60) [الأنفال]

އެއީ މިސާލަކަށް:

  • ތަފާތު ވައްތަރުގެ ބަރު ހަތިޔާރާއި ލުއި ހަތިޔާރު އުފައްދާ ކާރުޚާނާތައް ބިނާކޮށް އެ ތަންތަނަށް ފަންޑު ކުރުމާއި، ބޭނުން ޖެހޭ ޙާލަތްތަކުގައި ހަތިޔާރު ގަތުމަށް ހޭދަކުރުން؛
  • އިސްލާމީ ބިންތައް ދިފާޢު ކުރުމަށްޓަކައި ހަތިޔާރު ބޭނުން ކުރުމުގެ ތަމްރީނު ދީ، ކަމަށް ޤާބިލް މީހުން އުފައްދާ ޢަސްކަރީ ޓްރޭނިންގ ސެންޓަރުތައް ޤާއިމު ކުރުމަށް ހޭދަކުރުން؛
  • މުސްލިމުންގެ ސިފައިންނަށް ޖިހާދުގައި އެ މީހުންނަށް ބޭނުންވާ، ޢަސްކަރީ މަޢްލޫމާތު ހުންނަ ފޮތްތަކާއި މަޖައްލާތައް ޗާޕު ކުރުމަށް ހޭދަކުރުން؛
  • ޢަދުއްވުންގެ ރޭވުންތަކާ ކުރިމަތިލުމަށްޓަކައި އެ މީހުންގެ ރޭވުންތައް ދިރާސާ ކުރާ ޚާއްޞަ މަރުކަޒުތައް ބިނާ ކުރުމަށް ހޭދަކުރުން؛

(އުއްމަތުގެ ޢިލްމުވެރިން އިސްވެ ދެންނެވުނު ދާއިރާތައް ފީސަބީލި ﷲ ގެ ބަޔަށް ފެތޭކަމަށް ކަނޑައަޅުއްވައިފި ނަމަ، އެ ދާއިރާތަކަށް މި ބައިން ހޭދަކުރުމަކީ ހުއްދަ ކަމެކެވެ.)

ދެވަނައަށް: ﷲ ގެ ދީނަށް ދަޢްވަތު ދިނުމުގައި ދީނަށް ނަޞްރު ދިނުމާއި ޖިހާދުގެ މަޤްޞަދު ޙާޞިލްވާ ކަންތައްތަކަށް ހޭދަ ކުރުން؛ މި ބައިގައިވެސް ތަފާތު ދާއިރާތައް ހިމެނެއެވެ. އެއީ:

  • ދަޢްވަތާއި އިރުޝާދު ދޭ އޮފީސްތައް ބިނާ ކުރުމާއި އެ ތަންތަނަށް ބޭނުންވާ ފަރުނީޗަރާއި މުވައްޒަފުންގެ މުސާރައާއި، އެތަންތަން ހިންގުމަށް ބޭނުންވާ ތަފާތު ޚަރަދުތަކަށް ފަންޑު ކުރުން؛
  • ޝަރްޢީ ޢިލްމާއި ދަޢްވަތު ފެތުރުމަށްޓަކައި ބޭނުންވާ ފޮތްތައް ޗާޕު ކުރުމާއި ލީފްލެޓްތައް ނެރުމާއި ސީޑީފަދަ ތަކެތި ނެރުމަށް؛
  • ޤުރްއާން ޙިފްޡުކުރާ ޙަލަޤާތަކަށް އެހީތެރިވެ އެ ތަންތަނަށް ބޭނުންވާ ކަންތައްތައް ހަމަޖައްސައިދިނުމަށް ފަންޑު ދިނުން؛ މިފަދަ ޙަލަޤާތަކަކީ އޭގެ ސަބަބުން ﷲ ގެ ފޮތުގެ ތަޢްލީމާ އެކު، އެ ފޮތުގައި ވާ އެއްޗަކާއި އެއްގޮތަށް ޢަމަލު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ. އެހެންކަމުން މި ކަމަށް ހޭދަކުރުން ވެގެން ދާނީ އެންމެ ބޮޑެތި ޖިހާދުތަކުގެ ތެރެއިންނެވެ. އެހެނީ ޖިހާދާ ބެހޭގޮތުން ބާވައިލެއްވުނު އެންމެ ފުރަތަމަ އާޔަތް ބާވައިލެއްވުނީ ޤުރްއާނުގެ ޖިހާދު ކުރުމާ ބެހޭ ގޮތުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ: "وَجَاهِدْهُمْ بِهِ جِهَادًا كَبِيرًا" [الفرقان: 52]
  • ޙައްޤު ބަޔާންކޮށް، މީސްތަކުންނަށް ތެދުމަގަށް ގޮވާލައި ޙިކްމަތާއި ރީތި ވަޢްޡު ބޭނުންކޮށްގެން، ﷲ ގެ ދީނަށް ދަޢްވަތު ދިނުމަށް އިސްލާމީ ވެބްސައިޓްތައް ވޯލްޑް ވެބްގައި ހެދުމާއި، އެއަށް ފަންޑު ކުރުން؛
  • ﷲ ގެ ދީނަށް ދަޢްވަތު ދިނުމަށް އުފެއްދޭ އިސްލާމިކް ސެޓެލައިޓް ޗެނެލްތައް އުފައްދައި އެއަށް އެހީތެރި ވުމަށް؛
  • އިސްލާމް ދީނަށް ދަޢްވަތުދޭ މުއައްސަސާތައް ބިނާ ކުރުމަށް؛ އެއީ ކާފިރުންނަށް ނުވަތަ މުސްލިމުންނަށް ދަޢްވަތު ދޭ ތަންތަން ކަމުގައި ވިޔަސްމެއެވެ.
  • ބިމުގެ ހުރިހާ ހިސާބަކަށް ފޯރާ ގޮތަށް، ޙައްޤުގެ އަޑު އުފުލުމަށްޓަކާ އިސްލާމީ ރޭޑިއޯ ޗެނެލް އުފައްދައި އެއަށް އެހީވުމަށް؛
  • ﷲ ގެ ފޮތާއި އެ އިލާހުގެ ރަސޫލާގެ ސުންނަތުގެ މައްޗަށް އެކުލެވޭ ޞައްޙަ ދަޢްވަތު ދިނުމަށްޓަކާ އިސްލާމީ ނޫސްތަކާއި މަޖައްލާތައް ނެރުމަށް؛

އަދި މި ދެންނެވި ދާއިރާތައް ފިޔަވައި މި މަޤްޞަދު ޙާޞިލްވާ ކޮންމެ ދާއިރާއަކީ ވެސް މި ބައިގައި ހިމެނިދާނެ ދާއިރާއެކެވެ.

(ނިމުނީ)  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.