އުފަންވި ގައުމަށާއި ކިޔަވައިވިދާޅުވި ތަނަށް ނިސްބަތް ކުރާނަމަ، ޝެއިޚް ޔަޙްޔާ އިބްރާހީމަކީ ކެނެޑާ މީހެކެވެ. އިލްމުވެރި ކާބަފައިންނަކީ މިސްރު މީހުންނެވެ. އަނބިކަނބަލުންގެ ފަހަތްޕުޅުގައި ވަނީ ތުރުކީ މަތިކޮޅެވެ. ހިޖުރަކުރައްވާހިތުން ހިޖުރަކުރައްވައި މިހާރު ދިރިއުޅުއްވަނީ ހުޅަނގު އޮސްޓްރޭލިޔާގެ ވެރިރަށް ޕާރތުގައެވެ.
ޝެއިޚް ޔަޙްޔާ އިބްރާހީމް ކެނެޑާގެ ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގައި ކިޔަވައިވިދާޅުވި ދުވަސްވަރުގައި ދިމާވި މުޅީން އާދަޔާ ޚިލާފު ކަމެއްގެ ވާހަކަ ޒުވާން ކުދިބަޔަކަށް ކިޔައިދެއްވިއެވެ.
[ތިޔަ ކުދިންނަށް އެނގޭނެ ފަދައިން، އަހަރެން ފުރަތަމަ ޑިގްރީއަށް ކިޔެވީ ކެނެޑާގެ ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގައެވެ. ޔުނިވަރސިޓީގެ ދެވަނަ އަހަރުގައި ސައިކޮލޮޖީ އިމްތިހާނު ދިމާވީ ހުކުރު ދުވަހެއްގެ ހުކުރު ވަގުތާއެވެ. އަހަރެން ކިޔަވާ ޔުނިވަރސިޓީ އާ ވިއްސަކަށް މިނެޓުން ކާރުގައި ދުއްވާފައި ދެވޭ ހިސާބުގައި ހުރި މިސްކިތެއްގައި އެ ދުވަހު އިމާމްވެ ހުކުރު ކުރަން ހަވާލު ވެފައި އޮތީ އަހަރެންނާއެވެ! ނަމަވެސް ނަފްސާނީ އިލްމުގެ އިމްތިހާނު ވެސް އޮތީ ހަމަ އެވަގުތުގައި ކަމަށްވާތީ މިސްކިތުގެ ކަންތައް ވިލަރެސްކުރާ އަޚަށް މެސެޖްކޮށް އިމްތިހާނާ ހުކުރު ނަމާދާ އެއްގަޑިއެއްގައި އޮތުމުން، އެހެން އިމާމަކު ހޯދަން އެދުނީމެވެ. ހަމަ އިރުކޮޅަކުން ލިބުނު ރައްދު މެސެޖުގައި އެ އަޚް ބުނީ ހަމަ އެކަކުވެސް ލިބެން ނެތް ކަމުގައެވެ!
މިހެންވެ އަހަރެންގެ ޕްރޮފެސަރަށް ނަންގަތީމެވެ. [އަޅުގަނޑުމެންގެ ޓެސްޓު ފެށެނީ މެންދުރު އަނބުރާ އެކެއް ޖަހާއިރެވެ. އަހަރުމެން މުސްލިމުން ކެނެޑާގައި ހުކުރު ނަމާދު ކުރަނީވެސް ހަމަ އެގަޑީގައެވެ. ހުކުރު ނަމާދު ނިންމާފައި، ކިތަންމެ އަވަހަށް އަޔަސް އަޅުގަނޑަށް ޓެސްޓު ހަދަން ލިބޭނީ ވިއްސަކަށް މިނެޓެވެ. މިހެންވެ އަޅުގަނޑަށް މެންދުރު ބާރަ ޖަހާއިރު ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސައި ދެއްވިދާނެތޯއެވެ؟ އަޅުގަނޑު ޓެސްޓު ހަދައި ނިމުމުގެ ކުރިން އަޅުގަނޑުގެ އެކުވެރިން އިމްތިހާނު ހޯލަށްވަދެ އިށީނދެ ނިމޭނެއެވެ. ވީމާ އަޅުގަނޑު ހެދި ޓެސްޓާ ބެހޭ އެއްވެސް ވާހަކައެއް އެކުދިންނާ ދައްކާނެ ފުރުސަތެއް އަޅުގަނޑަކަށް ނުލިބޭނެއެވެ. ވީމާ އަޅުގަނޑަށް ވަކިން މެންދުރު ބާރަ ޖަހާއިރު އިމްތިހާނު ހެދިދާނެތޯއެވެ؟]
ޕްރޮފެސަރ މެލަންބީ އަހަރެންނާ ދިމާއަށް ބައްލަވައިލައްވާފައި ވިދާޅުވިއެވެ. [މިސްޓަރ އިބްރާހިމެވެ، އަހަރުމެން މިތިބީ ކަލެއަށް ދިމާވާ ކަލޭގެ ޒާތީ ކަންތަކަށް ފަހިވާ ގޮތަށް އިމްތިހާނުތަކުގެ ގަޑި ބަދަލު ކުރާކަށް ނޫނެވެ! އެއްގޮތަކީ އިމްތިހާނު ހަދާފައި ހުކުރު ނަމާދު ދޫކޮށްލާށެވެ. އަނެއް ގޮތަކީ ހުކުރު ނަމާދު ކޮށްގެން އައިސް ކަލެއަށް ހަމަ އެހެން ކުދިންނެކޭ އެއްފަދައިން އިމްތިހާނުގެ ވަގުތުން ބާކީ އޮތް ވަގުތުގައި ވަގުތު އޮތް ވަރަކުން، އެނގުނު މިންވަރަކުން އިމްތިހާނު ހަދައި ނިންމައިލާށެވެ. އިތުރު ވަގުތެއް ނުދެވޭނެއެވެ!]
އަހަރެން ހިތަށް އެރިއެވެ. [އިމާމްވެ ހުކުރު ކޮށްފައި ދުއްވުނު އެންމެ ބާރަކަށް ކާރު ދުއްވާފައި އާދެވުނު އެންމެ އަވަހަކަށް އައިސް ޓެސްޓު ހަދާނީއެވެ. ޓްރެފިކް ފުލުހުން ހުއްޓައި ޖޫރިމަނާ ކުރިޔަސް އެންމެ ރަނގަޅެވެ!]
އެދުވަހު އިމާމްވެ ހުކުރުކޮށް، ވީ އެންމެ އަވަހަކަށް އައިސް، ހޯލުގައި އިންނެވި ޕްރޮފެސަރ މެލަންބީގެ އަތްޕުޅުން ސުވާލު ކަރުދާސްތައް ހޯދަން އަތް ދިއްކޮށްލުމުން ޒާތަކަށް ހީނލައްވާފައި ގަޑިއަށް ބައްލަވައިލައްވާފައި އެ ކަރުދާސްތައް ދިއްކޮށްލައްވައިފިއެވެ! މިހާރު ބާކީ އޮތީ އެންމެ ދިހަ މިނެޓެވެ. ހުރިހައި ސުވާލު ކިޔާނެ ވަގުތުވެސް ނެތެވެ!
އެދުވަހުގެ ޓެސްޓު ރާވާފައި އޮތީ މަލްޓިޕްލް ޗޮއިސް އިމްތިހާނުގެ އުސޫލަށެވެ. ސުވާލުގެ ދަށުގައި ހަތަރު ޖަވާބު އޮތެވެ. ރަނގަޅު އެއް ޖަވާބާއި ނުރަނގަޅު 3 ޖަވާބެވެ. ރަނގަޅު ޖަވާބުގައި ވަށްބޮޅެއް އަޅާގޮތަށެވެ. އަހަރެން ފުރަތަމަ ސުވާލު ކިޔައި ތިރިއަށް ބަލައިލުމުން ޖަވާބަކީ ތިންވަނަޔަށް އޮތް ޖަވާބު [ސީ] ކަން ޔަގީން ވިއެވެ. އެތަނުގައި ވަށް ބޮޅެއް އަޅައި ދެން ބަލައިލި ދެތިން ސުވާލުގައިވެސް ޖަވާބަކީ ހަމަ ތިންވަނައަށް އޮތް [ސީ] އެވެ. ދެން މިހާރު ބާކީ އޮތީ ހަތަރުފަސް މިނެޓެވެ. ސުވާލުތައް ކިޔާނެ ވަގުތެއްވެސް ނެތެވެ! އަހަރެން ބަލާކަށް ނުހުންނަމެވެ. ހުރިހައި ތަނެއްގައި [ސީ] ގައި ބޮޅު އަޅަމުން އަޅަމުން ގޮސް މަދު ސިކުންތު ކޮޅަކަށްވެފައި ހުއްޓައި ނިންމާލައިފީމެވެ! އަދި އިމްތިހާނު ކަރުދާސްތައް ޕްރޮފެސަރ މެލަންބީގެ އަތްޕުޅަށް އަރުވައިފީމެވެ!
އެދުވަހުގެ އިމްތިހާނަށް ފަހު ދެ ހަފުތާގެ ޗުއްޓީއެއް ލިބުނެވެ. އެ ޗުއްޓީ ނިންމާފައި އަހަރުމެން އެނބުރި ޔުނިވަރސިޓީއަށް އައިސް ވަންއިރު ޕްރޮފެސަރ މެލަންބީ ހުންނެވީ މޫނު ރަތްވެފައެވެ! އަހަރުމެން ފެނުމުން ވިދާޅުވިއެވެ. [ތިޔަ ދަރިވަރުން އެދުވަހު ހެދީ ސައިކޮލޮޖީ ޓެސްޓެއްވީމައި ފެކަލްޓީން ނިންމެވީ ނަފްސާނީ ކުޑަ އުކުޅެއް ހިމަނާށެވެ. 80 ސުވާލަށް ރަނގަޅު ޖަވާބު ގޮތުގައި [ސީ] ހަމަ ޔަގީންކަމާއެކު ނިންމައި ބޮޅު އަޅަން ކެރޭނީ ކިތައް ކުދިންނަށްތޯ ބަލައިލާން ޕްރޮފެސަރުން ނިންމެވި ނިންމެވުމެކެވެ! ހަގީގަތުގައި އެދުވަހުގެ ހުރިހައި ސުވާލެއްގެ ރަނގަޅު ޖަވާބަކީ [ސީ] އެވެ. ސައްތައިން ސައްތަ ހޯދީ މިހުންނެވި މިސްޓަރ ޔަހްޔާ އިބްރާހީމެވެ! ބައެއް ފަހަރު ޔުނިވަރސިޓީ ޕްރޮފެސަރުންނަށްވެސް މިކަހަލަ ޅައެއްޗެހި އެޅޭނެއެވެ!]
[ކުދިންނޭވެ! މިހިރީ ކަންތައް ދިމާކުރައްވާ ގޮތެވެ. އެދުވަހުގެ ހުކުރު ނަމާދުވެސް ކުރެވުނެވެ. ބޮޑު އިމްތިހާނެއް ހަދަން އެންމެ ދިހަ މިނެޓު ލިބުމުން ސަތޭކައިން ސަތޭކަވެސް ލިބުނީއެވެ! اَلْحَمْدُ لِلَّهِ އެވެ!]
