ހަރުކަށިކަމާއި ގޮތްދޫނުކުރުމުން ލިބިނުގަނެވޭ ކިތަންމެކަމެއް މަޑުމައިތިރިކަމުން ލިބިގަނެވޭ

މި ދުނިޔޭގައި އިންސާނާގެ ދިރިހުރުން ބިނާވެފައިވަނީ، މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ، ﷲ ސުބުޙާނަހޫވަތަޢާލާގެ މަތިވެރި ޙަޟުރަތާއެކު ކުރެވޭ މުޢާމަލާތާއި، ދުނިޔޭގައި ލެއްވިހައި މަޚްލޫޤުންނާއެކު ކުރެވޭ މުޢާމަލާތުގެ މައްޗަށެވެ. މިގޮތުން އިންސާނާ އޭނާގެ އަމިއްލަ ނަފުސާއެކު ނުވަތަ އެއް ބަޔަކު އަނެއް ބަޔަކާ ކުރެވޭ މުޢާމަލާތު ކަމުގައި ވިއަސް، ނުވަތަ ބަސްމޮށުންތެރިކަމެއްނެތް ޙައިވާނުންނާއި، ﷲ ގެ އެހެނިހެން މަޚްލޫޤުންނާއެކު ކުރެވޭ މުޢާމަލާތު ކަމުގައި ވީނަމަވެހެވެ.

ﷲ ގެ މަތިވެރިޙަޟުރަތާއެކު ކުރެވޭ މުޢާމަލާތުގައި ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމަކީ އިންސާނެއްގެ ޙައިޘިއްޔަތުން އެންމެ އިސްކަމެއް ދޭންޖެހޭ ކަންތަކެވެ. ﷲއީ ނެތުމުގެތެރެއިން އިންސާނާ އުފައްދަވައި، އޭނާގެ ހުރިހާކަމެއް ތަދުބީރުކުރެއްވި އިންސާނާގެ ވެރިރަސްކަލާނގެއެވެ. ކީރިތި ޤުރްއާނުގެ އެއް އާޔަތެއްގައިވެއެވެ.

{وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ لَا تَعْبُدُونَ إِلَّا اللَّـهَ وَبِالْوَالِدَيْنِ إِحْسَانًا وَذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَقُولُوا لِلنَّاسِ حُسْنًا.} (البقرة: ٨٣)

މާނައީ: [އިސްރާއީލުގެ ދަރިންގެ ކިބައިން، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ ޢަހުދު ހިއްޕެވިހިނދު، ހަނދުމަކުރާށެވެ! އެއީ، ﷲ އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި، މިސްކީނުންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ!]

[މީސްތަކުންނަށް ހެޔޮބަސްބުނާށެވެ!] އަންގަވާފައިވުމުން، ކަމުގެ މުހިންމުކަން ހާމަވެއެވެ. އިންސާނުން އެއްބަޔަކު އަނެއްބަޔަކާ މުޢާމަލާތު ކުރުމުގައި ހަރުކަށިކަމާއި ގޮތްދޫނުކުރުން އިސްކުރުމުގެ ބަދަލުގައި، ތިމާމެންގެ ބަސްމަގު ރިވެތިކޮށް، މަޑުމައިތިރިކަމާއި ޞުލްޙަވެރިކަން އިސްކުރުމަކީ، މީސްތަކުންގެ ހިތްތައް ފަތަޙަކުރުމަށްއޮތް އެންމެ ކާމިޔާބު ވަސީލަތެވެ. އިސްވެދިޔަ އުއްމަތްތަކުގެ ތާރީޚާއި އިސްލާމީ އުއްމަތުގެ ތާރީޚުން މިކަން ކަށަވަރުކުރެވެން އެބައޮތެވެ. ނަބިއްޔުންގެ ރިސާލަތުގެ ކާމިޔާބުގެ އަސްލަކީ އެއީއެވެ.

ތިޔަބައިމީހުންގެ އެންމެމަތިވެރި ކަލަކީ ތިމަންނާ ކަމަށްބުނެ ދަޢުވާކުރަމުންދިޔަ ފިރްޢައުނުގެ ގާތަށް ދީނަށްގޮވައިލެއްވުމަށް ޓަކައި މޫސާގެފާނާއި ހާރޫނުގެފާނު ފޮނުއްވަމުން ﷲ ވަޙީކުރެއްވީ ކީކޭތޯއެވެ!

{فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ.} (طه: ٤٤)

މާނައީ: [ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ.]

އިސްލާމީ ދަޢުވަތު އެހާކުޑަ ދުވަސްކޮޅެއްގެތެރޭގައި ފެތުރި ޢާއްމުވެގެން ދިޔުމުގެ ސިއްރަކީ، މި މަތިވެރި ރިސާލަތާއިގެން ފޮނުއްވި ނަބިއްޔާގެ މަތިވެރި ޚުލްޤުފުޅެވެ. މީސްތަކުންނާމެދު ގެންގުޅުއްވި ހިތްޕުޅުތިރިކަމާއި މަޑުމައިތިރިކަމާއި އޯގާވެރިކަމެވެ. މިކަން ހާމަކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ.

{فَبِمَا رَحْمَةٍ مِّنَ اللَّـهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ ۖ} (آل عمران: ١٥٩)

މާނައީ: [އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، ﷲ ގެ ޙަޟުރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލްޤު ނުބައި ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު ޢަފޫ ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ މަޝްވަރާ ކުރައްވާށެވެ!]

ޝައްކެއްނެތެވެ! އިސްލާމްދީނަކީ، ދަޢުވަތެކެވެ. ކޮންމެ މުސްލިމަކުމެ، އެ މީހަކަށް ވެވުނު ވަރަކުން އަނެކުންނަށް ފޯރުކޮށްދޭންޖެހޭ ރިސާލަތެކެވެ. މެސެޖެކެވެ. މިކަން ކުރެވޭނީ މަޑުމައިތިރިކަމާއި ހިތްހެޔޮކަން އިސްކޮށްގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.