ލޯބިވާ ދަރިފުޅާއެވެ. މަންމައަށް ދަރިފުޅު ލިބުނީ މީގެ ސޯޅަ ނުވަތަ ސަތާރަ އަހަރު ކުރިންނެވެ. އެ ދުވަހުވެސް މޫސުން އޮތީ މިއަދު މި އޮތް ކަހަލަ ގޮތަކަށް ހޫނުކޮށެވެ. ފާރިސީ ލިލަކް މަލުގެ ވަސް ހުރީ ހަމަ މިއަދު ހުރި ގޮތަށެވެ. މިހާރު އެ ހަދާހެން މުގޮށި މީދާތައް ގަސްގަހަށް އަރައި، ފުމެ ހަދަމުން ދިޔައެވެ. މި އަދު ވައި ޖެހެނީ ހަމަ އެދުވަހު ޖެހުނު ގޮތަށެވެ. ހީވަނީ ހިކިފައި އެހެރަ ލަކުޑިތަކުން ކުރި ފަޅައިފާނޭހެންނެވެ.
ދަރިފުޅު ވިހެއި ވަގުތު ބައްތީގެ ކަޅު، ރީނދޫ އަލީގެ ތެރެއިން ނިދާފައި އޮތް ގެ، ވިދަންފެށިއެވެ. ބޭކެނބިދައިތަ ބުނެލިއެވެ. [އަލްޙަމްދުލިއްލާހި. މި ކަނބުލޮގެ ހަށިގަނޑުން ހީވަނީ ރެދަން ލާހެން.] ވިހެއުމުގެ ވޭނުގައި އޮތްނަމަވެސް މަންމަ، މަންމަގެ ހަށިގަނޑުގެ އެތިކޮޅެއް ކަމަށްވާ، ދަރިފުޅާ ދިމާއަށް ބަލައިލީމެވެ. މަންމަ ހަނދާނެއް ނެތެވެ. އެކަމަކު ބޭކެނބި ދައިތަ ފަހުން ބުނި ގޮތުގައި މަންމަ ހިނިތުންވެލާފައި އަތުގެ ނާރުތަކަށް ބަލައިލީމެވެ. ހީވަނީ ސިޓީއެއް ކިޔައިލީހެންނެވެ.
ދަރިފުޅުގެ ބައްޕައަށް އެރޭ ދަރިފުޅު ފެނުނީމާ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. މަންމަ ބުނީމެވެ. [ފިރިހެން ކުއްޖަކަށް ވިޔަސް ނުވަތަ އަންހެން ކުއްޖަކަށް ވިޔަސް ވާނީ ﷲގެ ހަދިޔާއަކަށޭ ބުނީމެއްނު؟ އެހެންވީމާ މިހާރު މާ ދެރަވެފައި ތިޔަ ހުންނަނީ ކީއްވެގެން؟ ]
އޭނާ ބުންޏެވެ. [ކަލެއަށް އެނގެނީ ކޮންކަމެއް؟ ކަލެއަކީ އާދައިގެ އަންހެނެއް. މަންމައެއް. މިހައި ރީތި އަންހެންކުދިން ދެއްވަނީ އެ ކަލާނގެ ކޯފާވެވޮޑިގެންވާ އަޅުންނަށްކަމެއް ކަލެއަކަށް ނޭނގޭނެ.]
ލޯބިވާ ދަރިފުޅާއެވެ. އެ ވަގުތު މަންމަ ބޭނުންވީ އޭނާގެ ދެލޯ ހުރި ތަނުން ދަމައިގަނެ ފައިން އަރައި ޗިސްކޮށްލާށެވެ. އޭނާ ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން ހުރީ ކޮތަރެއް ހަރުފައަކާ ދިމާއަށް ބަލަހައްޓައިގެން ހުންނަ ގޮތަށެވެ. ދަރިފުޅުގެ ރީތިކަން ފެނިފައި އޭނާ ގަތީ ބިރެވެ. އެދުވަހުގެ ފަހުން ވޭތު ވީ ސޯޅަ ނުވަތަ ސަތާރަ އަހަރު އޭނާ ވޭތުކުރީ ބިރުވެރި ކަމުގެ ތެރޭގައެވެ. މިހާރުވެސް، ބޭރު ފެންޑާގައި، މީހުންގެ ތެރޭގައި، ކުނަލެއްގެ މަތީގައި އިށީނދެގެން އިންނަ އިރު ވެސް އޭނާ އެ އިންނަނީ ބިރުންނެވެ. އޭނާ އުޑާ ދިމާއަށް ބަލައިލާ ގޮތުން ހީވަނީ މަތީން އޭނާބަލައި ކޮންމެވެސް މީހަކު އަންނަ ތަން ފެންނަނީހެންނެވެ.
ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅުގެ ބުރުސޫރަ ވާރުތަވީ މަންމަގެ ކިބަޔަކުންނެއް ނޫނެވެ. މަންމައަކީ ރަށްފުށުގެ އާދައިގެ މީހަކީމެވެ. ބުރުސޫރަ ހުންނަނީ އާދައިގެ ގޮތަކަށެވެ. ދަރިފުޅަށް ލިބިފައި ވަނީ ދަރިފުޅުގެ ބައްޕަގެ ބުރުސޫރައެވެ. އެއީ ވަރަށް ރީތި މީހެކެވެ. ވޭތުވެދިޔަ ސޯޅަ ނުވަތަ ސަތާރައަހަރުގެ ތެރޭގައި ބަދަލުތަކެއް އައި ނަމަވެސް އަދިވެސް އޭނާއަކީ ވަރަށް ރީތި މީހެކެވެ. އޭނާގެ ދެލޯ ބޮޑެވެ. އޭނާގެ މޫނާއި މަތިމަސް ހުންނަނީ ވިދާލަވިދާލައެވެ. ދަރިފުޅު ވިހެއި އިރު އޭނާއަކީ ފުރިހަމައަށް ހަދާފައިވާ ރީތި ބުދެއް ކަހަލަ މީހެކެވެ. ދަރިފުޅު ވިހެއި ފަހުން އޭނާ ހުންނަނީ ހާސްކަންމަތީގައެވެ. އެކަމަކު ފިކުރުކުރުމާއެކު ވެސް އޭނާގެ ރީތިކަމަކަށް ބަދަލެއްނާދެއެވެ. ކުޑަކޮށް ކުލަވަރު ބަދަލުވީއެވެ. ދަރިފުޅު ވިހެއި ފަހުން އޭނާގެ ރީތި، ހުދު ދަތްތައް ފާޅުވާ ވަރަށް ހިނިތުންވެލާ ތަން މަންމައަށް ފެނިފައި ވަނީ ވަރަށް މަދުންނެވެ. އޭނާގެ ފަތްތަކެއް ފަދަ ރީތި ތުންފަތް އަބަދު ވެސް ހުންނަނީ ޖައްސައި ބާރުކޮށްގެންނެވެ. ދެ ތުންފަތް ދުރުކޮށްލައިފިއްޔާ ކޮންމެވެސް ގެއްލުމެއް ލިބިދާނެތީ ދުރުކޮށްލަން ނުކެރެނީ ކަހަލައެވެ.
މީގެ ކުޑަ އިރުކޮޅެއް ކުރިން އޭނާ ދަރިފުޅު ދެކެލަން އައި އިރު ފެނުނީ އޭނާގެ މުޅި ދުނިޔެ ބަރުބާދުވެގެން ގޮސްފައިވާ ކަހަލަ ގޮތަކަށެވެ. އެ ތާނގައި ކޮޅަށް ހުރި އިރު އޭނާ ކުއްލިއަކަށް މުސްކުޅިވެގެން ދިޔަހެން ވެސް ހީވިއެވެ. އޭނާ އެނބުރި ހިނގައިގަތް ވަގުތު މަގާ ހަމައަށް ނުދެވެނީސް ވެއްޓިދާނެތީ މަންމަ އިނީ ބިރުންނެވެ. ދެންމެ މަންމަ ފާރުމަތީން ބޯދީ ބަލައިލީމެވެ. އޭނާ ބޭރުގައި އިށީނދެގެން އެބަ އިނެވެ. ވަށައިގެން ތިބި މީހުންނާ ދިމާއަށް އޭނާ ބަލަމުންދިޔައީ ބިރުން އިނދެގެން ކަހަލަ ގޮތަކަށެވެ. ކޮންމެވެސް ނުބައި ކަމެއް ކުރަނިކޮށް ހިފިގެން އުޅޭ ކަހަލަ ގޮތަކަށެވެ.
ދަރިފުޅުގެ އުމުރުން ތިން އަހަރު ނުވަތަ ހަތަރު އަހަރުގެ ތެރޭގައި ދުވެ އުޅެން ފަށައިފިއެވެ. މަށިން ހައްދަވާފައިވާ އިންސާނަކު މިހައި ރީތިވާނޭ ކަމަކަށް ދަރިފުޅު ދެކޭ އެއްވެސް މީހެއްގެ ހިތަކަށް ކުރިއަކުން އަރާފައެއް ނޯންނާނެއެވެ. އެއް ދުވަހަކު ދަރިފުޅު ބިން މައްޗަށް ވެއްޓި ނިތްކުރި ފަޅައިގެން ދިޔައީމާ މަންމަ ރޮއިރޮއި ހަލާކު ނުވީ ކިރިޔާއެވެ. އެކަމަކު ދަރިފުޅުގެ ބައްޕަ އުފާވެރި ގޮތަކަށް މާނޭވައެއް ލާފައި ބުންޏެވެ. [ﷲ މިންވަރުކުރައްވާނީ ރަނގަޅަށް. ރާނޫގެ ނިތްކުރީގައި ލާ ލަކުނުގެ ސަބަބުން އެ މަންޖެގެ ރީތިކަން ތަންކޮޅެއް ކުޑަވާނެ.] އެކަމަކު ﷲ މިންވަރުކުރެއްވީ އޭނާގެ ވާހަކަޔާ މުޅީން ތަފާތު ގޮތަކަށެވެ. ދަރިފުޅުގެ ނިތްކުރީގައި ލަކުނެއް ލިއެވެ. އެހެންނަމަވެސް އެލަކުނު ހުރީ ހުޅެވި ހަނދެއްގެ ސިފައިގައެވެ. ލޯބިވާ ދަރިފުޅާއެވެ. ކުރިން ރަތްރީނދޫ ކުލައެއްގައި ހުރި ލަކުނު މިހާރު ފެންނަނީ ވަރަށް ފަނޑުކޮށެވެ.
ދަރިފުޅުގެ އުމުރުން ފަސް އަހަރު ފުރުނީމާ މަންމަ ދަރިފުޅަށް ޤުރްއާން ކިޔަވަން ދަސްކޮށްދޭން އެދުރު ދައިތައެއްގެ ކައިރިއަށް ފޮނުވީމެވެ. ދަރިފުޅުގެ އަޑު ވެސް ދަރިފުޅުގެ ބުރުސޫރަހައި ރީތިކަން އެނގުނީ ޤުރްއާން ކިޔަވަން ފޮނުވަން ފެށީމައެވެ. އެދުރު ދައިތަގެ ގޭތެރެއިން ކީރިތި، މޫރިތި ފޮތުގެ އާޔަތްތައް ކުޑަކުދިން ކިޔަވާ އަޑު އިވެއެވެ. އޭގެ ތެރެއިން ވެސް ދަރިފުޅުގެ އަޑު ވަކީން ފާޅުކޮށް އެނގެއެވެ. ދަރިފުޅުގެ އަޑު ހީވަނީ ރިހި ރަނގަބީލުތަކެއްގެ އަޑު ހެންނެވެ. ދަރިފުޅު ކިޔެވުން ހުއްޓާލީމާ ވެސް އެތައް އިރެއް ވާންދެން ރަނގަބީލުގެ އަޑު އިވިއިވި ހުންނަހެންހީވެއެވެ.
ދަރިފުޅުގެ ރީތި އަޑުން ކީރިތި ޤުރްއާންގެ އާޔަތްތައް ކިޔަވާ އަޑު އިވުނީމާ ހިނގާފައި ދާ މީހުން ހުއްޓި ތިބެގެން އަޑުއަހައެވެ. އުދުހިފައި ދާ ދޫނިތައް އެދުރުދައިތަ ގޭ ފާރުމައްޗަށް ތިރިކުރެއެވެ. އެއްދުވަހަކު އިމާމު ހަޒްރަތު ޝާހް އެދުރުދައިތަގޭ ދޮށުން ވަޑައިގަންނަވަނިކޮށް ދަރިފުޅު ކިޔަވާ އަޑު އިވިވަޑައިގެން ވިދާޅުވިއެވެ. [އެއީ ކޮން ކުއްޖެއް؟ އެކުއްޖާގެ އަޑު ހީވަނީ މަލާއިކަތުންގެ ފިޔަފުޅުގެ ދަށުން އިވޭ އަޑުހެން.] އިމާމު މިހެން ވިދާޅުވިކަން ދަރިފުޅަށް އެނގުނީމާ ފެށީ އުފަލުން ރޯށެވެ.
އަދިވެސް ވަރަށް ގިނަގިނައިން ހިނގާ ކަމެއްގެ ވާހަކަ ބުނެލާނަމެވެ. އަންހެނުން ފެންތަށި މަތުރަން ގެނެސް ދަރިފުޅު ކިޔަވާ ތާނގައި ބަހައްޓައެވެ. އެ މީހުން ދެކެނީ ދަރިފުޅުގެ ކިޔެވުމުގެ ސަބަބުން އެފެނުގައި ބަރަކާތް ލައްވާނޭ ކަމަށެވެ. ދަރިފުޅު ކިޔަވައި ނިމުނީމާ އެމީހުން ފެންތަށި ގެންގޮސް ގާތް ތިމާގެ މީހުންގެ ތެރެއިން ބަލިވެ އުޅޭ މީހުންނަށާއި ނުލަފާ ކުދިންނަށާއި ދީނީ ވާޖިބުތައް އަދާކުރުމުގައި ފަރުވާ ކުޑަކުރާ މީހުންނަށް ދެނީއެވެ. ދަރިފުޅު ހައްދަވާފައިވަނީ އިލާހީ ނޫރުފުޅަކުންނޭ ވެސް ބައެއް ފަހަރަށް މަންމަގެ ހިތަށް އަރައެވެ. ކަންތައްތައް ވަނީވެސް އެކަހަލަ ގޮތަކަށެވެ. މިހާރު ދަރިފުޅު ތިޔަ އައީ އެދުރުދައިތަގެ ގެއިންނެވެ.
މިހާރު ދަރިފުޅުގެ މޫނަށް ބެލުމަކީ އަނދައަނދައި އެހެރަ އިރަށް ބެލުން ފަދަ ކަމަކަށް މަންމައަށް ވަނީ ވެފައެވެ.
ﷲ އަށާއި ކީރިތިރަސޫލާއަށް ކިޔަމަންގަތުމަށް ފަހު ދަރިފުޅު ޤަބޫލުކުރަނީ އިމާމު ހަޒްރަތުޝާހްގެ ބަސްފުޅެވެ. އެއް ދުވަހަކު ދަރިފުޅުގެ ބައްޕަ ދަރިފުޅު ގޮވައިގެން އިމާމުގެ އަރިހަށް ދިޔައީ އެހެން ވެގެންނެވެ. ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު ކީރިތި ޤުރްއާން ކިޔަވާ ވަރު ނިކަން ވިސްނައިބަލާށެވެ. ގޭ ތެރެއިން ގިސްލުމުގެ އަޑު ފިޔަވައި އެހެން އަޑެއް ނީވޭ ވަރަށް ހިމޭން ވީމާ މަންމައަށް ދަރިފުޅު ކީރިތި ޤުރްއާން ކިޔަވާ އަޑު އިވެން ފަށައެވެ. ދަރިފުޅުގެ ތުންފަތް ޙަރަކާތް ނުކުރާކަން އެނގެއެވެ. އެކަމަކު މަންމަ ދަރިފުޅަށް ދިން ކިރު ގަންދީބުނަމެވެ. މަންމައަށް އެ އިވެނީ ހަމަ ދަރިފުޅުގެ ރީތި އަޑެވެ. އެހައި މާތް، ރީތި އަޑަކަށް ވާނީ ދަރިފުޅުގެ އަޑު ނޫން ކޮން އަޑެއް ހެއްޔެވެ؟
މީހަކާ އިންނަވަރަށް ދަރިފުޅު ބޮޑު ވެއްޖެއޭ މަންމަގެ ހިތަށް އެރީ ދަރިފުޅުގެ ބޮޑުބޭބެ ދީން މުޙައްމަދުގެ އަންހެނުން އައިސް އޭނާގެ ދަރިފުޅާ، ދަރިފުޅު ދެވަން އެދޭ ވާހަކަ ބުނީމައެވެ.
އަންހެން ދަރިން އެ ކުދިންގެ ބޯ ނިވައިކުރަން ފެށީމާ، ވަގުތު އައިސް ޖެހުނީކަން މައިންނަށް އެނގެއެވެ. އެކަމަކު ދަރިފުޅު… ދަރިފުޅާ ބެހޭ ގޮތުން އެފަދަ ގޮތަކަށް މަންމައަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟ ދަރިފުޅު މަންމައަކަށް އެ ފަދަ ފުރުޞަތެއް ނުވެސް ދެމުއެވެ. މި ވާހަކަ މަންމަ ދަރިފުޅުގެ ބައްޕަ ގާތު ބުނީމެވެ. އޭނާ ބުންޏެވެ. [ކަލެއަކީ އަބަދު ވެސް ފަރުވާ ކުޑަ މީހެއް. އެކަމަކު އަހަރެން ފަރުވާ ކުޑައެއް ނުކުރަން. ވާ ގޮތަކީ އަހަރެން ދަރިފުޅު ދެކެ ބިރުގަންނަނީ. އެންމެ ފުރަތަމަ އޭނާޔާ ވާހަކަ ދައްކާ. އަހަންނަށް ހީވަނީ ކަލާނގެ ވަޖުހުފުޅަށްޓަކައި އޭނާ އެ ހުންނަނީ އެހެން ހުރިހައި ކަމެއް ދޫކޮށްލައިގެންހެން.]
މަންމަ ފުރަތަމަ ފަހަރަށް ދަރިފުޅު ދެކެ ބިރުގަތީ އެ ދުވަހުއެވެ. މަންމަ ހީކުރީ ކާވެނީގެ ވާހަކަ ދައްކައިފިއްޔާ ދަރިފުޅު ރުޅި އަތުވެދާނޭ ކަމަށެވެ.
އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހަޒްރަތު ޝާހްގެ ނޯކަރަކު މި ގެއަށް އައެވެ. އޭނާ އައިސް ބުނީ ދޫލޭޝާޖީގެ ޒިޔާރަތުގައި ތިން ދުވަހަށް ދެމިގެންދާ ދީނީ ރަސްމިއްޔާތެއް މާދަމާ ފެށޭނޭކަމަށެވެ. ހަޒްރަތުޝާހަށް ހުވަފެންފުޅުގައި ދޫލޭޝާހްޖީ ފެނިވަޑައިގަތީ ކަމަށްވެއެވެ. ހުވަފެންފުޅުގައި ދޫލޭޝާހް އެދިވަޑައިގެންފައި ވަނީ ދަރިފުޅުލައްވައި އެ ތާނގައި ޤުރްއާންކިޔުއްވާށެވެ.
ދޫލޭޝާޖީއަކީ އާދަޔާ ޚިލާފު ބާރެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ގިނަ މީހުން ޤަބޫލުކުރެއެވެ.
އޭނާ ދުނިޔޭގައި ހުންނެވި ދުވަސްވަރު އޭނާ ނުރުހުންވެ ވަޑައިގަންނަވާ ކަހަލަ އެއްޗެއް މީހަކު ބުނެފިނަމަ ފަންޑިތައިގެ ބާރުގައި އެ މީހަކު އަންދައި އަޅިއަށް ހައްދަވާ ކަމަށް މީހުން ކިޔައިއުޅެއެވެ.
މިހާރު މީހުން ޤަބޫލުކުރަނީ އޭނާގެ ޒިޔާރަތުގެ ކައިރީގައި މީހަކު ނުބައި ކަމެއް ކޮށްފި ނަމަ އެ ޒިޔާރަތް ހުޅުވި ޒިޔާރަތުގެ ތެރެއިން އަތެއް ފާޅުވާ ކަމަށެވެ. އެ އަތް އަންނަ ގޮތަށް އައިސް ހިފަނީ ނުބައިކަމެއް ކުރާ މީހެއްގެ ކަރުގައެވެ. އެޔާއެކު އެމީހެއްގެ ފުރާނަ ހިނގައިދެއެވެ. ދެން ކުރީން ހުރިގޮތަށް ޒިޔާރަތުގެ ތެރެއަށް އެ އަތް ވަދެގެން ދަނީޔޯލައެވެ.
އެހެންވީމާ ދޫލޭޝާޖީގެ އަމުރުފުޅާ ދެކޮޅު ހަދަންކެރޭނީ ކާކަށްހެއްޔެވެ؟ އަނެއް ދުވަހުގެ ހެނދުނު ދަރިފުޅު ގޮވައިގެން މަންމައާއި ބައްޕަ ޖަމަލެއްގައި ޝާހްޖީގެ ޒިޔާރަތާ ދިމާއަށް ދަތުރު ފަށައިފީމެވެ.
ބައްޕަ އިނީ ދަރިފުޅާއި މަންޔާ ދެ މީހުންގެ މެދަށްވާ ގޮތަށް ޖަމަލުގެ ބުރަކަށިމަތީގައެވެ. ޖަމަލު ކުރިއަށް ހިނގައިގަތުމާއެކު ދަރިފުޅު ފެށީ ޤުރްއާން ކިޔަވާށެވެ. އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅާއެވެ. ޖަމަލު ހުރަސް ކުރި ކޮންމެ ދިމާއަކުން މީހުން ދުވެފައި އައިސް ދަރިފުޅު ކިޔަވާ އަޑު އެހިތަން މަންމަ ދުށީމެވެ. އެމީހުން ޖަމަލާ އެކު ހިނގާފައި ދަމުން ﷲއަށް ޒިކުރުކޮށް ޝުކުރުވެރިވަމުން ދިޔައެވެ. ކޮތަރާއި ގުރަޔާއި މި ނޫނަސް އެކި ކަހަލަ ދޫނި މަންމަމެންގެ ބޯ މަތީން އުދުހެމުން ދިޔައެވެ. މަންމަގެ ހިތަށް އެރިއެވެ. ﷲ އަހަރެމެންނަށް މި ދެއްވަނީ އަހަރެމެންނަށް ކުރެވުނު ކޮންފަދަ ހެޔޮކަމެއްގެ ބަދަލުބާވައެވެ؟ ﷲ އަހަރެމެންނަށް ދެއްވާފައިވާ ދަރިފުޅު، ޤުރްއާން ކިޔަވަނީ ބިންމަތީގައެވެ. އެކަމަކު އޭނާގެ އަޑުވަނީ އުޑާހަމައަށް އުފުލިފައެވެ.
މި ހުރިހައި ޚިޔާލެއް މަންމަގެ ހިތަށް ވަންނާން ފެށީ ދަރިފުޅުގެ ބައްޕަކުރި ސުވާލަކުންނެވެ. [ނިކަން މަތިބަލައިލަބަލަ! އަހަރެމެންނާއެކު އުދުހިފައި މިއަންނަނީ ކޮންދޫނި ބައިގަނޑެއް؟ އެއީ ހާދަހާ ރީތި ދޫނިތަކެކޭ. އަހަރެން މީގެކުރިން ދުވަހަކު ވެސް މިހައި ރީތި ދޫނިތަކެއް ނުދެކެން. އެ ދޫނިތަކުގެ ފިޔައިން ކޮންމެވެސް އެއްޗެއް ވިދާތަން އެބަފެނޭ. ހީވަނީ އުޑުން މަލާއިކަތުން ފައިބާވަޑައިގަންނަވަނީހެން.]
ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅުގެ މި އަކުރެއްބަކުރެއް ނޭނގޭ މަންމަގެ ހިތަށްވެސް އެ ވަގުތު ވަނީހަމަ އެ ޚިޔާލެވެ. ހީވަނީ ތުއްތު ކުދިންކޮޅެއް ފިޔަފަޅައިގެން މަންމަމެންގެ ވަށައިގެން އުދުހެނީ ހެންނެވެ. އެ ދޫނިތައް އައީ މަންމަގެ ދަރިފުޅުގެ ރީތި އަޑުން ކީރިތި ޤުރްއާން ކިޔަވާ އަޑު އަހާށެވެ.
މަންމަމެންގެ ޖަމަލު ދޫލޭޝާހްޖީގެ މަޤްބަރާގެ ކައިރީގައި ބަނޑުޖަހައިލީމާ ދަރިފުޅުގެ ހަނދާނުން މައިންބަފައިން މުޅީން ފުހެވިގެން ދިޔައީހެން ހީވިއެވެ. ދަރިފުޅު ފުންމާލައިގެން މަޤްބަރާއާ ދިމާއަށް ހިނގައިގެންފިއެވެ. ހީވަނީ ޝާހްޖީ ދަރިފުޅުގެ އިނގިލީގައި ހިއްޕަވައިގެން ހިންގަވައިގަތީހެންނެވެ. ދަރިފުޅު ގޮސް މަހާނައިގެ އެއްފަރާތުގައ ިއިށީނދެ ކިޔަވަން ފަށައިފިއެވެ. އެ ތަނަށް އައިސް ތިބި މީހުން ދަރިފުޅު ކިޔަވާ އަޑު އިވުނީމާ އެތަނަށް ޖަމާވާންފެށިއެވެ. މަންމަމެން ގޮސް ހަޒްރަތުޝާހުގެ ފައިންޕުޅު ދެކެފީމެވެ. އޭނާ ވިދާޅުވިއެވެ. [ދަރިފުޅު ގޮވައިގެން މި ތަނަށް އައިކަން ވަރަށް ރަނގަޅު. ﷲ ރުއްސެވިއްޔާ އެ ކުއްޖާފުޅާއި ތިޔަ ދެމަފިރިންގެ ފާފަފުއްސަވާނެ. ސުވަރުގޭގެ ނިޢުމަތް ދެއްވާނެ.]
ހަޒްރަތުޝާހް މިހެން ވިދާޅުވީމާ މަންމަމެން ވަރަށް ބޮޑަށް އުފާކުރީމެވެ. މަންމަ އެތެރެއަށް ވަދެ، ހަޒްރަތުޝާހްގެ ޢާއިލާގެ އަންހެންބޭފުޅުންގެ ފައިންޕުޅު ވެސްދުށީމެވެ. ލޯބިވާ ދަރިފުޅާއެވެ. މަންމަމެން އެނބުރި އަވަށަށް އައީ ދަރިފުޅުގެ ހުރިހައި ކަމެއް ދޫލޭޝާހްޖީއާއި ހަޒްރަތުޝާހާއި އޭނާގެ ޢާއިލާގެ އެހެން ބޭފުޅުންގެ އަތްޕުޅުމައްޗަށް ދޫކޮށްލާފައެވެ. މާދަމާ ނޫން އަނެއް ދުވަހު ދަރިފުޅު ބަލައި އަންނާނަމޭ މަންމަ ދެންނެވީމެވެ. އަދި ﷲ މަންމަމެންނަށް ނިޢުމަތެއްގެ ގޮތުގައި ދަރިފުޅު ފަދަ މާތް ކުއްޖަކު ދެއްވިޔަތީ ޝުކުރުވެސް ކުރީމެވެ.
މަންމަގެ ފުރާނަފަދަ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު ބަލައި މަންމަމެން އައިއިރު ދަރިފުޅު އިނީ މަންމަމެން ދަރިފުޅު ދޫކޮށްލާފައި ދިޔައިރު ވެސް އިށީނދެ އިން ތާނގައި އިށީނދެގެންނެވެ. އެކަމަކު އެއީ ހަމަ ދަރިފުޅުބާވައެވެ؟ ދަރިފުޅުގެ ލޯހުރީ ރަތް ވެފައެވެ. ތުންފަތުގައި ހިކިފައި ހުރި ލޭ ހުއްޓެވެ. ބޯ ހުރީހޭވިފައެވެ. ބޮލުގައި އޮތް ބުރުގާ އޮތީ ވެއްޓިފައެވެ. ދަރިފުޅުގެ ބައްޕަ ފެނުނީމާވެސް އެ ވަގުތު ހުރި ހާލަތު ރަނގަޅުކުރާކަށް މަސައްކަތެއް ނުކުރަމުއެވެ. މޫނުމަތީން ފެންނަނީ ހަރުކަށިކަމެވެ.
މަންމަމެން ފެނުނީމާ ދަރިފުޅު ހަޅޭއްލަވައިގަތެވެ. [ބައްޕާ! އަހަރެންގެ ކައިރިއަށްނާންނާތި! މަންމާ! އަހަރެންގެ ކައިރިއަށް ނާންނާތި! އަހަރެން މި ތާނގައި އިންނާނީ. ދޫލޭޝާހްގެ މަހާނަ އިރައިގެން ގޮސް އޭނާގެ އަތްޕުޅުން ނުކުންނަނީހެއް އަހަރެން ނުދާނަން. މައްސަލަ ނުނިމެނީހެއް އަހަރެން މިތަނަކުން ގުޑައެއް ނުލާނަން. އިންޞާފު ނުކުރެވެނީހެއް އެއްވެސް ތަނަކަށް ނުދާނަން. މަހާނަ ހުޅުވޭނެ. މިއަދު ނުހުޅުވުނިއްޔާ މާދަމާ ހުޅުވޭނެ. އެހެންނޫނީ އެއްމަސް ދުވަސް ފަހުން، ނުވަތަ އެއް އަހަރު ދުވަސް ފަހުން ނަމަވެސް ހުޅުވޭނެ. ބަރަކާތްތެރި އަތްޕުޅުވެސް ފާޅުވާނެ. އަހަރެން މަންމަމެންގެ ކައިރިއަށް އަންނާނީ އެ ދުވަހަކުން. އޭގެ ފަހުން މުޅި އުމުރު ދުވަސް ހޭދަކޮށްލާނީ މަންމަމެންގެ ޚިދުމަތުގައި. އެކަމަކު މިހާރަކު އަހަންނެއް ނުދާނަން. މިހާރު ދެވޭކަށްވެސް ނެތް. އަހަރެންގެ ދުވަސް މިވަނީ ގޮސްފައި. އަހަރެން މަރުވެއްޖެ.]
އެތަނަށް މީހުން އެއްވެ މަންމަމެންނާއެކު ރޯން ފަށައިފިއެވެ. އެ މީހުން ކިޔަމުންދިޔައެވެ. [މިކުއްޖާފުޅަށް ޖިންނިއެއްގެ ކަންތައް ލައިގަތީކަން ޔަޤީން. ރެޔާއިދުވާލު މި މަޤްބަރާގައި އެކަނިމާއެކަނި އިނީމާ ޖިންނިއެއް އަވަލީ.]
ދަރިފުޅުގެ ބައްޕައަކަށް އެ ވާހަކައެއް ޤަބޫލެއް ނުކުރެވުނެވެ. ބައްޕަ ހަޅޭއްލަވައިގަތެވެ. [ޖިންނި އަވަލީއޭ؟ އެހެން އެއްވެސް ކަމެއްނެތި ތާއަބަދު ޤުރްއާން ކިޔަވާ ކުއްޖަކާ ޖިންނިއެއް އަވަލާނީ ކިހިނެއް؟ އެންމެ ރަނގަޅު. ކަލޭމެން ތިޔަ ބުނަނީ މީނާޔާ ޖިންނިއެއް އަވަލީއޭ. އެހެން ވެއްޖެއްޔާ ހަޒްރަތުޝާހް ކޮބާ؟]
ދަރިފުޅުގެ ބައްޕަ ހިނގައިގަތީ ހަޒްރަތުޝާހް ހޯދާށެވެ. މަންމަވެސް ރޮމުންރޮމުން ބައްޕަގެ ފަހަތުން ދިޔައީމެވެ. އެކަމަކު އޭނާގެ ނޯކަރުން މަންމަމެން ވަނަކަ ނުދިނެވެ. އެމީހުން ބުނި ގޮތުގައި ތިން ދުވަހުގެ ދީނީ ރަސްމިއްޔާތު ނިމުނީމާ އެތައް ދުވަހެއް ވާންދެން ވަކި ކޮޓަރިކޮޅެއްގައި އިންނަވައިގެން ދުޢާ ކުރެއްވުމަކީ ހަޒްރަތުޝާހް ޢާއްމުކޮށް ކުރައްވާ ކަމެކެވެ. އެދުވަސްކޮޅުގެ ތެރޭގައި އެއްވެސް މީހަކަށް އޭނާގެ ފައިންޕުޅެއް ނުފެންނާނެއެވެ. އެގޭގެ އަންހެން ބޭފުޅުންގެ ފައިންޕުޅު ފެނޭތޯ މަންމަ މަސައްކަތްކުރީމެވެ. އެކަމަކު ނޯކަރުންގެ މީހުން ބުނީ ދަރިފުޅުގެ ޙާލު މިވަގުތު ހުރި ގޮތުން އަންހެންބޭފުޅުންވެސް މިވަގުތު ތިއްބެވީ ފިކުރުފުޅު ބޮޑުވެފައި ކަމަށެވެ. އެ ބޭފުޅުންނަށް އުނދަގޫކުރުމަކީ ފާފައެއްކަމަށްވެސް އެ މީހުން ބުންޏެވެ.
މަންމަމެން ދުވެފައި އަނެއްކާވެސް އައީ ދަރިފުޅު އިން ތަނަށެވެ. މަންމަމެން ފެނުމާއެކު ދަރިފުޅުގެ ގާތަށް އައީ ރުޅިއެވެ. [އެނބުރި ނުގޮސް އަނެއްކާ މިތަނަށް ތިޔައައީ ކީއްކުރަން؟] ދަރިފުޅު ހަޅޭއްލަވައިގަތެވެ. އެއަޑެއްނުކުތީ ކީރިތި ޤުރްއާން ފިޔަވައި އެހެން އެއްވެސް އެއްޗެއް މިހައިތަނަށް ނުކުމެފައ ިނެތް އަރަކުންކަން މަންމައަށް ޤަބޫލުކުރަންވެސް ދަތިވިއެވެ.
އަހަރެމެން، ދަރިފުޅުގެ ނިކަމެތި މަންމައާއި ބައްޕަ، މަހާނައިގެ އެއް ކޮޅުގައި، ބިންމަތީގައި އިށީނދެ ތިބެގެން ރޯން ފަށައިފީމެވެ. މަންމަމެން ރޯތަން ފެނުނީމާ އެހެން މީހުން ވެސް ރޯން ފަށައިފިއެވެ. އެ ވަގުތު އެތަނަށް އައީ ހަޒްރަތު ޝާހްގެ އިސް ނޯކަރެކެވެ. އޭނާ ބުނި ގޮތުގައި ދަރިފުޅުގެ ހާލު ހުރި ގޮތުގެ މައްޗަށް ހަޒްރަތުޝާހް ވަރަށް ބޮޑަށް ހިތާމަފުޅު ކުރައްވައެވެ. ހަޒްރަތުޝާހް ވިދާޅުވާ ގޮތުގައި ދަރިފުޅަށް ކޮންމެވެސް ނުބައި ޖިންނިއެއްގެ ބަލާވެރިކަން ޖެހުނީއެވެ. އެހެންވީމާ މިހާރު އޭނާ ގެންދަވަނީ އެ ޖިންނި މައިތިރިކުރެއްވޭތޯ މަސައްކަތް ކުރައްވަމުންނެވެ. ދެން އޭނާ މަންމަމެންނަށް އިއްވީ ހަޒްރަތުޝާހްގެ ޙުކުމެވެ. [ކަލޭމެން ގެއަށް ދާށެވެ. މިތާނގައި ރާނޫ ބައިންދާށެވެ. ރަނގަޅު ވާނީ އޭރުންނެވެ.]
[ދެންދޭ!] ކުއްލިއަކަށް އިވުނީ ދަރިފުޅުގެ އަޑެވެ. ދަރިފުޅުގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަނީއެވެ. [މަންމާ! އަވަހަށްގެއަށްދޭ! ބައްޕަ ވެސް ދޭ! އަހަރެން މިތާނގައި ބައިންދާ! މަހާނަ ހުޅުވޭނެ. ބަރަކާތްތެރި އަތްޕުޅު ފާޅުވާނެ. އިންޞާފު ކުރެވޭނޭކަން ޔަޤީން. މައްސަލަ ނިމުނުހައި އަވަހަކަށް އަހަރެން މަންމަމެންގެ ގާތަށް ދާނަން. ދޫލޭޝާހްޖީ އިންސާފު ކުރައްވާނެކަން ގައިމު. ދެން އަވަހަށްދޭ!] ދަރިފުޅު ކުއްލިއަކަށް ތެދުވެގެން އެތެރެއަށް ވަންނާން ހިނގައިގެންފިއެވެ. ހޫރެމުން ދިޔަ ގޮތުން ހީވަނީ ރޮދި ކެނޑިފައިވާ ގުޑިއެއްހެންނެވެ.
މަންމަގެ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަށްޓަކައި މަންމަ ފުރާނަވެސް ދޫކޮށްލަފާނަމެވެ. އޭގެ ފަހުންވެސް މަންމަމެން ދަރިފުޅު ދެކިލާން އަންނަމެވެ. އެކަމަކު ދަރިފުޅަށް މަންމަމެން ވަކިކުރަން އެނގޭ ކަމަކަށް ނުވެއެވެ. މަންމަ ދަރިފުޅުގެ ނަމުން ގޮވައިލީމާ ދަރިފުޅުގެ މޫނުމަތީން ފެންނަނީ ޙައިރާންކަމުގެ އަސަރެވެ. ދަރިފުޅުގެ މޫނުމަތީގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. ތުންފަތް ވަނީ ހިކިފައެވެ. ފަޅައިގެން ގޮސްފައެވެ. އިސްތަށިގަނޑުގައި ހުރީ ކިލަލާއި ހިކިފަތާއި ކުންޏެވެ. އެއް ފަހަރަކު މަންމަ ދަރިފުޅަށް އާ ހެދުމެއް ގެނެސްދިނީމެވެ. ދަރިފުޅު އެ ހެދުން ހިފައިގެން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ދަރިފުޅަކަށް ސީދަލަކަށް ނުވެސް ހިނގެއެވެ. ދަރިފުޅު ގޮސް ލޯމަތިން އޮބައިލީމާ މަންމަ އިނީ ވަރަށް ބޮޑަށް އުފާވެފައެވެ. މަންމަ ހީކުރީ ދަރިފުޅު ދިޔައީ ހެދުން ބަދަލުކުރަން ކަމަށެވެ. ކުއްލިއަކަށް ހަޅޭކެއްގެ އަޑު އިވޭން ފަށައިފިއެވެ. ދެން ފެނުނީ ދަރިފުޅު އެތެރެއަށް ވަދެގެން ދިޔަ ގޮތަށް ކާލިއަޅަމުން ނުކުމެގެން އަންނަ ތަނެވެ. ދަރިފުޅުގެ ފަހަތުން ދެތިން ނޯކަރަކު ވެސް އައެވެ. އެ މީހުން ބުނި ގޮތުގައި ދަރިފުޅަށް މަންމަ ދިންހެދުން ގެންގޮސް ލީ އުނދުނަށެވެ. އެ ހެދުން އަނދައިގެން ދިޔައީ ޞަދަޤާތަށް އެއްޗެއް ކައްކަން އުދާފައިހުރި އުނދުނުގެ ދަރަށް ވެގެންނެވެ.
އޭރުވެސް ދަރިފުޅު ދިޔައީ ޤުރްއާން ކިޔަވަމުންނެވެ. އެކަމަކު އެއްކަލަ ރަނގަބީލުގެ އަޑެއް ނީވެއެވެ. ކިޔަވަމުން ގޮސް ދަރިފުޅުއިރުއިރުކޮޅާ މަހާނައިގެ އެއްކޮޅަށް ބަލައެވެ. އެ ދިމާއިން މަހާނަ ހުޅުވޭނޭ ވަގުތަކަށް އިންތިޒާރުކުރާ ކަހަލައެވެ. ދެން ފަށަނީރޯށެވެ. ކިޔެވުން ހުއްޓައިލައިފައި އެތައް އިރަކު ރުއިމަށް ފަހު މަޑުމަޑުން އަމިއްލަ ނަފްސާ މުޚާޠަބްކޮށް ބުނެއެވެ. [މި ބަރަކާތްތެރި މަހާނަ ހުޅުވޭނެ. ބަރަކާތްތެރި އަތްޕުޅު ފާޅުވާނެކަން ކަށަވަރު. އިންޞާފު ކުރެވޭނެކަން ގައިމު. އިންޞާފު ކުރެވޭނެ.] ދެން ދަރިފުޅު ލޯ މަރައިލަނީއެވެ. އަދި އަނެއްކާ ވެސް ޤުރްއާން ކިޔެވުމުގެ ތެރެއަށް ގެއްލެނީއެވެ.
މަންމެންނަށް އެއްދުވަހަކު ހަޒްރަތުޝާހްގެ ފައިންޕުޅު ފެނިއްޖެއެވެ. ކީރިތި ޤުރްއާން ކިޔަވާ މީހަކާ ޖިންނިއެއް ކައިރިއެއް ނުވާނެއޭ މަންމަމެން ދެންނެވީމެވެ. އެސޮރުމެން ދުރުގައި ތިބެގެން ވައްތަރުޖައްސާނީއޭ ވެސް ދެންނެވީމެވެ. ކީރިތި ޤުރްއާން ކިޔަވާ އަޅުވެރި ކުއްޖަކާ ޖިންނިއެއް އަވަލައިފިނަމަ އެޖިންނިއެއް ވާނީ މި މަޤްބަރާގެ ޖިންނިއަކަށޭ ވެސް ދެންނެވީމެވެ. އެހެން ވެއްޖެނަމަ އެ ޖިންނިއަކަށް އެކަހަލަ ކަމެއް ކުރަން ކެރޭނީ ހަޒްރަތުޝާހްގެ އަމުރުފުޅަށް ކަމުގައިވެސް ދެންނެވީމެވެ. އެހެންވީމާ މަންމަމެންނާ އެކީގައި ވަޑައިގެން އެޖިންނީގެ ބަލާވެރިކަމުން ދަރިފުޅު ސަލާމަތްކޮށްދެއްވާށޭ، އާދޭސްކޮށްފައި ދެންނެވީމެވެ. އޭނާ ޖިންނި ދުރަށް ފޮނުއްވައި ލައްވާނަމޭ ވިދާޅުވިއެވެ. އަދި އެއީ ކާފަރު ޖިންނިއަކަށް ވާތީ އޭނާގެ ބާރުފުޅުގެ ދަށުގައި އުޅޭ ޖިންނިއެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އިތުރަށް ދުޢާފުޅު ކުރައްވައިގެން ޖިންނި ފައްސަވައިލައްވާނޭ ކަމަށް ވިދާޅުވިއެވެ. އަދި މަންމަމެން ވެސް ގެއަށްގޮސް ދުޢާކުރަން އެންގެވިއެވެ.
މަންމަމެންގެ ހިތްވަރު އެލިއްޖެއެވެ. ހިތް ހަލާކު ވެއްޖެއެވެ. އެނބުރި ދިޔަ މަގުމަތީގައި މަންމަމެންނާ ބައްދަލުވީ މަޤްބަރާގެ އަންހެން ނޯކަރަކާއެވެ. އޭނާ ބުންޏެވެ. [އަޅުކަމުގެ ޚާއްޞަ ތިންދުވަހުގެ ތެރެއިން ތިންވަނަ ދުވަހު ހަޒްރަތުޝާހް މަޤްބަރާއަށް ވަޑައިގަތެވެ. ދަރިފުޅު މަހާނައިގެ ކައިރީން އަކިރިއެއްކޮށްގެން ލިބާހުގެ ފަސްބަޔަށްއަޅައިގެން ހުރެ ބުނިކަމަށްވެއެވެ. [ކަނޑައެޅިފައި އޮންނަ ވަގުތު ޖެހުނީމާ ބަރަކާތްތެރި އަތްޕުޅު މި ތަނުން ފާޅުވާނެ. އެކަމަކު އަޅުގަނޑާ ދިމާއަށް އެއް ފިޔަވަޅު އިތުރަށް އެޅުއްވިޔަސް ދޫލޭޝާހް ދެއްވާފައި މިވާ އަކިރިން ތަޅައިގަތްގަތީނުން ދުވަސް ދުއްވައިލާނަން.] ހަޒްރަތުޝާހްގެ ނޯކަރުން ދަރިފުޅު ހިފަހައްޓައިފިއެވެ. އަދި ތަޅައިގަންނާން އުޅުނީމާ ހަޒްރަތުޝާހް ވިދާޅުވިކަމަށްވެއެވެ. [މޮޔައިންނޭ! އެއީ އެކުއްޖާގެ ވާހަކައެއް ނޫން. އެއީ އެކުއްޖާގެ މައްޗަށް ބާރު ފޯރުވާ ކާފަރު ޖިންނީގެ ވާހަކަ. އެޖިންނީގެ ބާރު މިމަޤްބަރާގެ މައްޗަށް ވެރިވެފައި އޮތްހައި ހިނދަކު އަހަރެންނާއި އަހަރެންގެ ޢާއިލާގެ މީހުން މި ތަނަށް އައުން ރަނގަޅެއްނުވާނެ.]]
އެއް ރެއަކު މަޤްބަރާގެ ނޯކަރަކު އައިސް ދަރިފުޅު މަންމައަށް އެބަ ގޮވައޭ ބުނެފިއެވެ. މަންމަމެން ހަމަ އެވަގުތު އަތުވެއްޖައީމެވެ. އޭރު ދަރިފުޅު އޮތީ މަހާނައިގެ ކައިރީގައި ބިންމަތީގައެވެ. ބައްތީގެ ފަނޑުއަލީގެ ތެރެއިން ދަރިފުޅުގެ ތުންފަތް ވަރަށް ކުޑަކޮށް ޙަރަކާތްކުރާތީ މަންމައަށް ފެނުނެވެ. އެ ވަގުތުވެސް ދަރިފުޅު ޤުރްއާން ކިޔަވަނީކަން މަންމައަށް އެނގުނެވެ. މަންމަ ދަރިފުޅުގެ ބޯ ނަގައި އުނގުމަތީގައި ބާއްވައިގެން ބިންމަތީގައި އިށީނދެއްޖައީމެވެ. ދަރިފުޅުގެ ބައްޕަ ދަރިފުޅުގެ އަތުގައި ހިފަހައްޓައިގެން އިނދެ ރޯން ފަށައިފިއެވެ. އެވަގުތު ދަރިފުޅު ވަރަށް މަޑުމަޑުން ބުނެލިއެވެ. [މަންމާ! ބައްޕާ! މަހާނަ ނުހުޅުވުނީ ކިހިނެއްވެގެންކަމެއް އެކަކަށްވެސް ނޭނގޭ. މައްސަލަ ނިމުނީ. މައްސަލަ ނިމުނީ އަހަރެން މިއީ ފާފަވެރިއަކަށް ވެގެން. އެންމެ ރަނގަޅު. ދޫލޭޝާހް! ދެން އޮތީ އެންމެ ފަހުގެ ދުވަސް. އާޚިރަތްދުވަސް. ﷲގެ ޙަޟްރަތުގައި އަހަރެމެން އެންމެން ކޮޅަށްތިބޭނޭ ދުވަސް. ﷲގެ ޙަޟްރަތުގައި… ﷲގެ…] އޭގެފަހުން ދަރިފުޅު ހިމޭން ވެއްޖެއެވެ. ދުވަހަކު ވެސް ވާހަކަ ނުދައްކާ ގޮތަށް އަބަދަށްޓަކައި ދަރިފުޅު ހިމޭން ވެއްޖެއެވެ.
މަންމަމެން ދަރިފުޅު ގެއަށް ގެނެސްފީމެވެ. މިއަދު ހެނދުނު ދޫލޭޝާހްގެ މަޤްބަރާއިން މީހަކު އަތުވެއްޖެއެވެ. އޭނާ އައީހަޒްރަތުޝާހް ދެއްވި ކަފުން ފޭއްޔަކާއިގެންނެވެ. ދަރިފުޅުގެ ބައްޕަ އެ ކަފުން ފޭލި އެއްލައިލީ ދަރިފުޅު ހިނަވަން ފެންކައްކަން އުދާފައިހުރި އުނދުނަށެވެ. ދަރިފުޅާ އަވަލައިގެން އުޅުނުޖިންނި ބައްޕަޔާ އަވަލީކަމަށް ވެދާނެއެވެ.
މިހާރު…
ލޯބިވާ ދަރިފުޅާއެވެ. މަންމަގެ ފުރާނަޔާއެވެ. މަންމަގެ ހިތުގެ އެތިކޮޅެއް ކަމަށްވާ ރާނޫއެވެ. ދަރިފުޅުގެ ނިތްކުރީގައިވާ ހުޅެވި ހަނދުގައި މަންމަ ބޮސްދޭނަމެވެ. ފާރިސީ ލިލަކް މަލުގެ ވަސް މިއަދުވެސް ހަމައެހެން އެބަހުއްޓެވެ. މުގޮށި މީދާތައް ގަސްގަހަށް އަރައި ފުމެ ހަދަމުން ދަނީއެވެ. އެދުވަހު ޖެހުނު ގޮތަށް ވައި އެބަ ޖެހެއެވެ. ހީވަނީ ހިކިފައި އެހެރަ ލަކުޑިތަކުން ކުރި ފަޅައިފާނޭ ހެންނެވެ. މިހާރުވެސް ގޭތެރެއިން ދަރިފުޅު ޤުރްއާން ކިޔަވާ އަޑު އިވޭހެން އެބަ ހީވެއެވެ. ގޭތެރެއިން ދުވަނީ ކާފޫރުވަހެވެ. ދަރިފުޅު ވިހެއި ވަގުތު މަންމަގެ ހަށިގަނޑުގައި ވޭންއެޅި ވަރަށް މިއަދު ވެސް ވޭން އެބަ އަޅައެވެ. (ތަރުޖަމާއެއް)
(ނިމުނީ)
