
އިސްމާޢީލުގެފާނުންގެ މަންމާފުޅު ހާޖަރު
ސައްޔިދިނާ އިސްމާޢިލުގެފާނަކީ ސަލާމާއި ޞަލަވާތްލެއްވި އިބްރާހީމުފާނުންގެ ދެދަރިކަލުންގެ ތެރެއިން ދޮށީ ދަރިކަލުންނެވެ. އެކަލޭގެފާނުންގެ މަންމާފުޅަކީ ހާޖަރުއެވެ. ހާޖަރުގެ މާނައަކީ ބޯދާ ޤިބުޠީ ބަހުން ބުނާނަމަ މިޞުރު ލޮޓަސް މަލެވެ. އިބްނި ހިޝާމު ވިދާޅުވާ ގޮތުގައި އެކަމަނާ އުފަންވެ ވަޑައިގަތީ މިޞުރުގެ ބޫރުސަޢީދު ކައިރީގައި އޮންނަ އަލްފުރްމާ ކިޔާ ޝަހަރަކަށެވެ. އެކަމަނާއަކީ މިޞްރަށް ފިރުޢައުނުން ވެރިވެގަތުމުގެ ކުރިން މިޞްރުގެ އެހިސާބުގަނޑަށް ވެރިކަން ކުރެއްވި ރަސްކަލުންގެ ތެރެއިން ރަސްކަލެއްގެ ދަރިކަނބަލެކެވެ.
ޕކުރިން އޭރުގެ މިޞުރުގެ ގިނަ ހިސާބުތަކަށް ވެރިކަން ކުރަމުން އައީ ކަންޢާނީ ދަރިކޮޅުގެ އެކިޤަބީލާތަކުގެ މީހުންނެވެ. ޙާޖަރަކީ ޢަމާލިޤާ ދަރިކޮޅުގެ ޢަރަބިންގެ ތެރެއިިން ރަސްކަލެއްގެ ދަރިކަނބަލެކެވެ. ފިރުޢައުނުގެ ވެރިކަންއައީ މިޢާއިލާއާ ހަނގުރާމަކޮށް ރަސްކަން ވައްޓާލުމަށް ފަހުގައެވެ. ދެން ހާޖަރު ތުއްޕުޅުއިރު އުޅުއްވަން ޖެހިވަޑައިގަތީ ފިރުޢައުނުގެ ޖާރިޔާއެއްގެ ގޮތުގައެވެ.
މިދެންނެވި ޢަމާލިޤާއިންނަކީ ނޫޙުގެފާނުންގެ ހަތަރުވަނަ ކާފަ ދަރިކަލުން ޢިމްލީޤުގެ ދަރިފަސްކޮޅެވެ. މިބައިމީހުން ދިރިއުޅުނު މައިގަނޑު ވަޒަނަކީ ޙިޖާޒުކަރައެވެ.
އިބްރާހީމުގެފާނުންގެ އަނބިކަނބަލުން ސާރާ އާއި ފިރުޢައުނާ ދެމެދު ހިނގި ޙާދިޘާއެއްގެ ނަތީޖާއަކަށް އައީ ފިރުޢައުނު ސާރާއަށް ވެދުމެއްގެ ގޮތުން ހާޖަރު އެރުވުމެެވެ. އެއަށްފަހު ސާރާ ދޮށީ ޢުމުރުފުޅަށް އެޅިއިރުވެސް ސާރާގެދެމެފިރި ކަނބަލުންނަށް ބޭފުޅަކު ލިބިވަޑައިނުގަންނަވާތީވެ، ހާޖަރު ބޮޑުފުޅުވުމުން ދަރިކަލެއްގެ އުއްމީދުގައި ސާރާގެ ފަރާތްޕުޅުން ހާޖަރު މިނިވަން ކުރެއްވުމަށްފަހު އެކަމަނާއާއި އިބްރާހީމުގެފާނާ ކައިވެނިކޮށްދެއްވީއެވެ.
މިގޮތުން އިބްރާހީމުގެފާނަށް ލިބިވަޑައިގަތް ފުރަތަމަ ދަރިކަަލަކީ އިސްމާޢީލުގެފާނެވެ. އިސްމާޢީލުގެފާނު ރައްކައުވުމަށްފަހު މާދުވަސްތަކެއްނުވެ، ﷲގެ އަމުރުފުޅަށް އިބްރާހީމުގެފާނު ހާޖަރާއި އިސްމާޢީލާއި ދެމައިކަނބަލުންނާއިގެން މައްކާއަށް ވަޑައިގެންފިއެވެ. އޭރު އެއީ ހަނަފަސް ހުސް ވާދީއެކެވެ. ދެން ﷲގެ އަމުރުފުޅަށް އެދެކަނބަލުން މައްކާއަށް ދޫކޮށްލައްވާފައި އިބްރާހީމުގެފާނު އެނބުރި ވަޑައިގެންފިއެވެ.
ހާޖަރުގެ ދެކަނބަލުންނަށް ޖެހިވަޑައިގަތީ ގިނިކަންޏާ މައްކާގައި ދިރިއުޅުއްވުމަށެވެ. އިސްމާޢީލުގެފާނު ބޮޑުފުޅުވީ ހާޖަރުގެ އަތްޕުޅު މައްޗަށެވެ. ދޭތެރެދޭތެރޭން އިބްރާހީމުގެފާނު މައްކާއަށް ވަޑައިގަތް ކަމުގައި ވިއަސް، ހާޖަރު ދިރިއުޅުއްވީ ގިނިކަންޏާއެވެ. ބުނެވޭގޮތުން ހާޖަރު އަވަހާރަވީ ޢުމުރުފުޅުން 90 އަހަރުގައެވެ. ފަސްދާނު ލެއްވީ އިސްމާޢީލުގެފާނުންގެ އަތްޕުޅުން ކަޢުބަތު ﷲ ގެފުޅުދޮށުގައެވެ. ބައެއް ރިވާޔަތްތަކުގައި އަންނަ ގޮތުގައި އަލްޙަޠީމު ނުވަތަ ޙިޖްރު އިސްމާޢީލަކީ ހާޖަރާއި އިސްމާޢީލުގެފާނު ފަސްދާނުވެޑުވިފައި ތިއްބެވި ތަނެވެ.
އިސްމާޢީލުގެފާނު
އިސްމާޢީލުގެފާނަކީ އިބްރާހީމުގެފާނުންގެ ދޮށީދަރިކަލުންނެވެ. މަންމާފުޅަކީ ހާޖަރުއެވެ. އުފަންވެ ވަޑައިގަތީ ފަލަސްޠީނުގެ ޙަބްރޫނަށެވެ. ތުއްޕުޅު އިރުގައި މަންމާފުޅާއެކު ބައްޕާފުޅުގެ އަރިހު މައްކާއަށް ވަޑައިގަތީއެވެ. ދިރިއުޅުއްވީ ދެކަނބަލުން ގިނިކަންޏާއެވެ. އޭރު މައްކާއަކީ ހަނަފަސް ވާދީއެކެވެ. މަޑުކުރެއްވީ ކަޢުބަތު ﷲ ގެފުޅުގެ ބިންގާހުރި ހިސާބުގައެވެ. އެވާދީއަކީ އެބޭކަލުން ވަޑައިގެންނެވިއިރު އެއްވެސް އިންސިއެއް ޖިންނިއެއް ދޫންޏެއްހައި މިންވަރު އުޅުނު ތަނެއް ނޫނެވެ. ފެހިކަމެއްހައި މިންވަރު ނެތެވެ. ބުނެވޭ ގޮތުން ނޫޙުގެފާނުންގެ ޠޫފާނަށްފަހު ކަޢުބަތު ﷲ ގެފުޅު ގެއްލި މައްކާ ފަޅުވީއެވެ. ދެން ﷲގެ އިރާދަފުޅުން އެދެކަނބަލުންނަށް ޓަކައި ޒަމްޒަމް ވަޅުކޮޅު ދެއްކެވިއެވެ. އިސްމާޢީލުގެފާނު ބޮޑުފުޅުވުމަށްފަހު އިބްރާހީމުގެފާނު މައްކާއަށް ވަޑައިގެން ދެބަފައިކަލުން ވެގެން ﷲގެ އަމުރުފުޅަށް ކަޢުބަތު ﷲ ގެފުޅު އިހުނަސްހުރި ބިންގާކޮޅު މަތީ އަލުން ބިނާ ކުރެއްވީއެވެ.
އިސްމާޢީލުގެފާނާއި ހާޖަރު މައްކާގައި ދިރިއުޅުއްވަން ފެއްޓެވުމާއި ﷲގެ އިރާދަފުޅާއެކު ޒަމްޒަމް ވަޅުކޮޅުން ފެންލިބެން ފެށުމުގެ ސަބަބަކަށްވީ ޔަމަނު ކަރައިންނާއި އެނޫން ހިސާބުގަނޑުތަކުން މީސްތަކުން އައިސް ހާޖަރުގެ އިޛުނަފުޅާއެކު މިވާދީގައި ދިރިއުޅެން ފެށުމެވެ. މައްކާ އަލުން އާބާދުވާން ފެށި ހިސާބަކީ މިއީއެވެ. އެންމެފުރަތަމަ އައިބަޔަކީ ޔަމަނު ކަރައިގެ ޢަރަބި ޤަބީލާއެއް ކަމުގައިވާ ޖުރުހުމް ވަންހައިގެ މީހުންނެވެ. ހާޖަރުގެފާނުންގެ ދެކަނބަލުންނަށް ޙިމާޔަތް ދޭނެކަމުގެ ޝަރުޠާއެކު އެމީހުން އެތާ ދިރިއުޅެން ފެށިއެވެ.
އިސްމާޢީލުގެފާނާއި ހާޖަރުވެސް އުފަލާއެކު ދިރިއުޅުއްވަން ފައްޓަވައިފިއެވެ. ޖުރުހުމްގެ މީހުން މިދެމައި ކަނބަލުން ދިރިއުޅުއްވުމަށް ރީތި މޮޅު ފޭލިގެކޮޅެއް ޤާއިމުކޮށް އަރުވައިފިއެވެ. އަދި އިސްމާޢީލުގެފާނަށް ވެދުމެއްގެ ގޮތުން ބަކަރިތަކެއް އެރުވިއެވެ. ދެމައިކަނބަލުން ވަރަށް އުފަލާއި އަރާމާއި އެކު ﷲގެ އިނާޔަތާއި ބެއްލެވުމުގެ ދަށުން ދިރިއުޅުއްވަން ފައްޓަވައިފިއެވެ.
އިސްމާޢީލުގެފާނު ބޮޑުފުޅުވެއްޖެއެވެ. ޔަމަނުކަރައިގެ ފަސާޙަތްތެރި މޮޅު ޢަރަބިބަސް އެނގިވަޑައިގެންފިއެވެ. ޢަރަބިންގެ ރީތޢާދަކާދައާއި ދީލަތިކަމާއި ބަސްމޮށުންތެރިކަމާއި ހެވިކަމާއި އަސްވާރުކަން ދަސްފުޅު ކުރަށްވައިފިއެވެ. އެއަށްފަހު ޖުރުހުމް ޤަބީލާގެ މީހުން އެމީހުންގެ ކުއްޖަކާ އިސްމާޢީލުގެފާނާ ކައިވެނިފުޅުކޮށް ދެއްވިއެވެ. ދުވަސްކޮޅަކަށްފަހުން އިބްރާހީމުގެފާނުންގެ އިޝާރަތަކަށް އަނބިކަނބަލުން ވަރިކުރެއްވުމަށް ފަހު ދެންވެސް ޖުރްހުމް ޤަބީލާގެ ބޭކަނބަލަކާ ކަައިވެނި ބެއްލެވިއެވެ. އެއީ ޖުރްހުމް ވަންހައިގެ މުޟާޟް އިބްނި ޢަމްރު ނަމަކަށް ކިއުނު ބޭކަލެއްގެ ދަރިކަނބަލެކެވެ. ނަންފުޅަކީ ސައްޔިދާ މާންޝޫސް ބިންތި މުޟާޟް އެވެ. ބުނެވޭ ގޮތުގައި ފުރަތަމަ އަނބިކަނބަލުންނަށް ދަރިކަލަކު ލިބިވަޑައި ނުގަންނަވައެވެ. މާންޝޫސްގެ ބަނޑުފުޅުން އިސްލާޢީލުގެފާނަށް ބާރަ ބޭފުޅުން ލިބިިވަޑައިގަތެވެ. މިހިސާބުން މައްކާ އާބާދުވީއެވެ. ޙިޖާޒުކަރައިގައި އަޞްލު ޢަރަބިން އުފެދުނީއެވެ. ކަންޢާނީވަންހައާއި ޖުރުހުމް ވަންހައާއި ގުޅިގެންނެވެ. ޙިޖާޒު ކަަރައިގެ މީހުންނަކީ ޢިސްމާޢީލުގެފާނުންގެ ދަރިފަސްކޮޅެވެ.
ޢާލަމްތަކަށް ކައުކުރެއްވި ސައްޔިދިނާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމް ވަޑައިގަތީ މާތް ﷲގެ ނަބިއްޔާ ސައްޔިދިނާ އިސްމާޢީލު ޢަލައިހިއް ސަލާމުގެ ދަރިފަސްކޮޅުންނެވެ. އެކަލޭގެފާނުންގެ ބާރަ ބޭފުޅުން ތިއްބެވިއެވެ. މިބާރަ ބޭފުޅުންގެ ފަރާތްޕުޅުން ބާރަ ދަރިކޮޅު އުފެދުނެވެ. ބުނެވޭ ގޮތުން ޙިޖާޒުގެ ޢަރަބިން އައީ ނާބިތުއާއި ޤީދާރާއި ދެބޭކަލުންގެ ދަރިފަސްކޮޅުންނެވެ. އެހެންކަމުން ޙިޖާޒުމީހުން ދެކޭ ގޮތުގައި އެމީހުންނަކީ އިސްމާޢީލުގެފާނުންގެ ދަރިފަސްކޮޅެވެ. އިމާމު އިބްނި ކަޘީރު ވިދާޅުވެފައިވަނީ {جَمِيعُ عَرَبِ الْحِجَازِ عَلَى اِخْتِلاَفِ قَبَائِلِهِمْ يَرْجِعُونَ فِي أَنْسَابِهِمْ إِلَى وَلَدَيْهِ نَابِتَ وِقِيدَارَ} މާނައީ: ޢަރަބި ޙިޖާޒީން އެބައިމީހުންގެ ތަފާތު ޤަބީލާތަކާއެކު އެއެންމެން ނިސްބަތްވަނީ އިސްމާޢީލުގެފާނުންގެ ދެބޭފުޅުން ކަމުގައިވާ ނާބިތާއި ޤީދާރަށެވެ. އިމާމު ޠަބަރީއާއި އަޒްރަޤީއާއި ފާކިހީ ވިދާޅުވެފައި ވެއެވެ. {فَمِنْ نَابِتَ وَقِيدَارَ نَشَرَ اللَّهُ الْعَرَبَ} (މާތް ﷲ ޙިޖާޒު ކަރައިގައި ޢަރަބިން ފެތުރުއްވެވީ ނާބިތާއި ޤީދާރުގެ ޒަރީޢާއިންނެވެ.) މިގޮތުން މާތް ﷲ އެއިލާހުގެ ނަބީކަމުގެ ސިއްކަ ޖައްސަވަން އިސްމާޢީލުގެފާނުންގެ ދަރިފަސްކޮޅުން ކިނާނަތުދަރިކޮޅުގެ ބޭކަލަކު ހޮއްވަވަން އިރާދަ ކުރަށްވައިފިއެވެ. ކިނާނަަތު ދަރިކޮޅުގެ ތެރެއިން ޤުރައިޝުވަންހަ ހޮއްވަވައި ޤުރައިޝު ވަންހައިން ހާޝިމުވަންހަ ހޮއްވަވައި، ހާޝިމު ވަންހައިން މުއްޠަލިބު ވަންހަ އިޚްތިޔާރު ކުރެއްވީއެވެ. ޢަބްދުލް މުއްޠަލިބުގެ ބޭފުޅުންގެ ތެރެއިން އެންމެ މަތިވެރި އެންމެ އަރާހުންނެވި ބޭކަލަކު ކަމުގައިވާ ޢަބްދުﷲގެފާނުންގެ ބުރިކަށިފުޅުން ޢާލަމްތަކަށް ކައުކުރެއްވި ސައްޔިދިނާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔޭގެ އެންމެ ބަރަކާތްތެރި ބިމަށް ރައްކައުވެ، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމަށް އިރާދަ ކުރަށްވައިފިއެވެ.
ކައުއިތު ރަސޫލާ މުޙައްމަދުގެފާނަކީ ޢަބްދުލް މުއްޠަލިބުފާނުގެ ދަރިކަލުން ޢަބްދު ﷲގެފާނާއި ވަހަބުގެ ދަރިކަނބަލުން އާމިނަގެފާނާއި ދެކަނބަލުންނަށް ލިބިވަޑައިގަތް ހަމައެކަނި ދަރިކަލުންނެވެ. މާތް ﷲ މިއެންމެހައި ބޭކަލުންނަށް ސަލާމް ލައްވާށިއެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އާމީން!
އިސްމާޢީލުގެފާނު އެކަލޭގެފާނުންގެ މުޅި ޙަޔާތްޕުޅު ވެއަތު ކުރެއްވީ މައްކާގައެވެ. ޢުމުރުފުޅުން 137 އަހަރުފުޅުގައި ދުނިޔެ ދޫކުރެއްވީއެވެ. ފަސްދާނުލެވުނު ކަމަށް ބުނެވެނީ އެކަލޭގެފާނުންގެ މަންމާފުޅުގެ އަރިހުގައި ޙިޖްރު އިސްމާޢީލުގައެވެ.
وَاللَّهُ أَعْلَمُ