ކާނާގެ ނިޢުމަތް

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


އާޚިރަތުގެ ކާމިޔާބީއާއި ދިންނެވުން ޚާއްސަ ކުރެވިފައި ވަނީ ކާނާއާއި ދުޅަހެއުކަމާއި ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ނިޢުމަތްތަކަށްޓަކައި ﷲއަށް ޝުކުރުވެރިވާ މީހުންނަށްޓަކައެވެ.


ކީރިތި ޤުރްއާނުގެ 80 ވަނަ ސޫރަތުގައި  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [ފަހެ، އެ އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލައިފާހުށިކަމެވެ! ބޯކޮށް އޮހިގެން އަންނަގޮތުގައި، ތިމަންރަސްކަލާނގެ ފެން އޮއްސެވީމެވެ. ދެން ތިމަންރަސްކަލާނގެ (ގަސްހެދުމަށް ފަސޭހަވާނެގޮތުން) ބިންގަނޑު ފެޅުއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެ ބިމުގައި ގޮވާން (ގަސްތައް) ފެޅުއްވީމެވެ. އަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ. އަދި ޒައިތޫނި ގަހާއި ކަދުރު ރުކެވެ. އަދި ގަސްތައްގިނަ ބަގީޗާތަކެވެ. މޭވާގެ ބާވަތްތަކާއި ހުއިތަކެވެ. (އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ ނަޢަމްސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ. ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ. (އެއީ) މީހާ އޭނާގެ އަޚާގެކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ. އެދުވަހުން އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއްވާނެއެވެ. އަދި އެދުވަހުން އެ މޫނުތަކެއްގެ މައްޗަށް ހިރަފުސް އަރާފައިވާ މޫނުތަކެއްވެސް ވާނެއެވެ. އެ މޫނުތަކަށް ކަޅުއަނދިރިކަމެއް ވެރިވާނެތެވެ. އެއުރެންނީ ހަމަ، ނުލަފާވެގެންވާ ކާފިރުންނެވެ.] (ޢަބަސަ: 24-42)

އިންސާނާއަކީ ދިރިހުރުމަށްޓަކައި ކާނާއާއި ބައެއް އެހެން ތަކެތި ކެނޑިނޭޅި ބޭނުންވާ މަޚްލޫޤެކެވެ. މި ތަކެތި ވަނީ ދުނިޔޭގައި ނުހަނު ފުޅައު މިންވަރެއްގައި ލައްވައިފައެވެ. އެ އިންތިޒާމަކު އަހަރެމެންގެ އެއްވެސް ދައުރެއް ނެތެވެ. ކާނާގެ ބާވަތްތައް ލައްވައިފައި ވަނީ ދަނޑުވެރިކަމުން އުފެދޭ ތަކެތީގެ ގޮތުގައެވެ. މީގެ އިތުރަށް ބިމުގައި ވަނީ ބޭނުންވާ މިންވަރަށް ފެން ލައްވައިފައެވެ. ފެނުގެ ސަބަބުން އެކި ބާވަތުގެ މޭވާއާއި ތަރުކާރީއާއި ފަލަމަޑީގެ ބާވަތްތައް ފަދަ ތަކެތި ދަނީ ހެދެމުންނެވެ.

މި ބުނެވުނު ނިޢުމަތުގެ ސަބަބުން އިންސާނާއަށް ލާޒިމުވެގެން ވަނީ ﷲއަށް ކިޔަމަންތެރި އަޅެއްގެ ގޮތުގައި ދުނިޔޭގައި އުޅޭށެވެ. އިންސާނާގެ ކިބައިގައި އަޅުވެރިކަމާއި އަޅުވެތިކަމުގެ ޖަޒުބާތު އުފެދޭ މައިގަނޑު ސަބަބަކީ ޝުކުރުވެރިވުމުގެ ޖަޒުބާތެވެ. އިންސާނާ ޚުދު އޭނާގެ އުފެއްދެވުމާއި އޭނާގެ ވަށައިގެން މިހިރަ ފެންނަ ގުދުރަތީ އިންތިޒާމަށް ފުންކޮށް ނަޒަރު ހިންގައިލައިފިނަމަ އޭނާގެ ކިބައިގައި ޝުކުރުވެރިވުމުގެ ޖަޒުބާތު އުފެދޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މި ޖަޒުބާތާއި އިޙްސާންތެރިކަން ހަނދާންކުރުމުގެ ޖަޒުބާތާއެކު އިންސާނާ ކުރަމުންގެންދާ ޢަމަލުތަކަށް ކިޔާނަމަކީ ﷲއަށް ކިޔަމަންތެރިކަން އަދާކުރުމޭއެވެ.

އާޚިރަތްދުވަހުގެ ޢިއްޒަތާއި ކާމިޔާބީ ލިބޭނީ ހަމައެކަނި މިފަދަ މީހުންނަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.