ބައެއް މީހުންނަށް ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ހުވަފެނުގައި ފެނުނުކަމަށާއި، އެވެނި ދުޢާއެއް އުނގަންނައިދެއްވިކަމަށް، ނުވަތަ އެވެނި ކަމެއްކުރުމަށް ޙަދީޘްކުރެއްވިކަމަށް ބުނެއުޅެއެވެ. މިއީ މުސްލިމުން އެއާމެދު އިންތިހާއަށް ބިރުވެތިވާން ޖެހިފައިވާ ކަމެކެވެ.
މި މައްސަލާގައި ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަފުޅުން ބައެއްކަންކަން ބަޔާންކޮށްލަމެވެ.
ފުރަތަމައީ: ހުވަފެނުގައި ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ފެނުމެވެ. ޞައްޙަ ޙަދީޘްތަކުން ސާބިތުވާގޮތުގައި ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ކަމުގައި ހެދިގެން ޝައިޠާނާއަށް ސިފައެއް ނުކުރެވޭނެއެވެ. އަލްބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. قَالَ رَسُولُ اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ: {مَنْ رَآنِي فَقَدْ رَأَى الحَقَّ، فَإِنَّ الشَّيْطَانَ لاَ يَتَكَوَّنُنِي.} (رَقَمُ الْحَدِيثِ، 6997 ،كِتَابُ التَّعْبِيرِ 9/33) މާނައީ: ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {ހުވަފެނުގައި ތިމަން ކަލޭގެފާނު ދެކެފިމީހާ އެދުށީ ޙައްޤުތެދެވެ. ފަހެ، ޝައިޠާނާއަށް ތިމަންކަލޭގެފާނުގެ ސިފައެއް ނުގެނެވޭހުއްޓެވެ.} މި މައުޟޫޢުގައި ރިވާވެގެންވާ ޞައްޙަ ޙަދީޘްތައް މިނޫނަސް އެބަހުއްޓެވެ. އެ ހުރިހާ ޙަދީޘެއްގެ ދޭހައަކީ، ހުވަފެނުގައި ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ދެކެފިމީހާ އެ ދުށީ ތެދުޙަޤީޤަތެއްކަމުގައެވެ. އަދި ޝައިޠާނާއަށް މާތްނަބިއްޔާ صَلَى اللَّهُ عَلَيهِ وَسَلَّمَ ގެ ސިފަޖެހިގެން ހުވަފެނުގައިވެސް ނާދެވޭނެކަމެވެ. ހަމައެއާއެކު، ކޮންމެކޮންމެ މީހަކަށް ހުވަފެނުގައި މާތްނަބިއްޔާ صَلَى اللَّهُ عَلَيهِ وَسَلَّمَ ފެނުނުކަމަށް ބުނާ ބުނުން ތެދެއްކަމުގައި ޤަބޫލުނުކުރެވޭނެ ކަމަށާއި، އެ މީހަކީ ތަޤްވާވެރި، ހެޔޮލަފާ މީހަކުކަމުގައިވާނަމަ އޭނާގެ ބުނުން ތެދުކަމުގައި ޤަބޫލުކުރެވޭނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
ދެވަނައީ: ހުވަފެނުގައި ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ފެނި، އެކަލޭގެފާނު އެއްވެސް ބަސްފުޅެއް ޙަދީޘްކުރެއްވިކަމަށް ފެނުނުކަމަށްވިއަސް އެއީ ޝަރްޢީގޮތުން އެއްވެސް ޙުކުމެއް ހިނގައި، އެމައްޗަށް އެއްވެސް ޢަމަލެއްކުރަން ޖެހޭނެ ކަމެއްނޫނެވެ. އެހެނީ މިގޮތަށް މީސްމީހުންނަށް ފެންނަ ހުވަފެނުގައި ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިކަމަށް ފެންނަ ފެނުމާއެއްގޮތަށް ޢަމަލުކުރަން ޖެހިއްޖެނަމަ އެއީ ޔަހޫދީ ދީނާއި، ނަޞާރާ ދީނަށް މެދުވެރިވީފަދައިން އިސްލާމްދީނުގެ ޙުކުމްތައް އޮޅުންބޮޅުންވެގެން ދިޔުމުގެ ސަބަބެއްކަމަށް ވެދާހުއްޓެވެ. ބުއްދީގައި އުނިކަމެއްނުވާ ކޮންމެ މީހަކު މިބަސް ޤަބޫލުކުރާހުއްޓެވެ.
ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ސުވަރުގެވަޑައިގަތުމުގެކުރިން، އެކަލޭގެފާނު ކުރެއްވި މަޝްހޫރު ޙައްޖަތުލްވަދާޢުގައި، ހިޖުރައިން 10 ވަނައަހަރުގެ ޙައްޖުމަހުން 9 ވީ ހުކުރުދުވަހު އިތުރުއެކަލޭގެފާނު ޢަރަފާތު ބިމުގައި ހުންނަވަނިކޮށް އިސްލާމްދީނުގެ ޙުކުމްތައް ފުރިހަމަ ކުރެއްވިކަން އަންގަވައި މާތް اللَّهُ ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތް ބާވައިލެއްވުމުން، އިސްލާމްދީނުގެ އެންމެހައި ޙުކުމް ތަކެއް ފުރިހަމަވެފައިވާކަމާއި، އެއަށް އުނިއިތުރެއް އައުމެއްނުވާކަންވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މާތް اللَّهُ ވަޙީކުރެއްވިއެވެ. "الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ" (المائدة: ٣) މާނައީ: [މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.]
މި މައްސަލާގައި ވާހަކަދެއްކެވި ގިނަގުނަ ޢިލްމުވެރިންކުރެ އަލްއިމާމު އިބްނު ޙަޒުމް ވިދާޅުވެފައިވެއެވެ. [ހުވަފެނުން ފެންނަ ފެނުމުގެ މައްޗަށް ބިނާކޮށް ޝަރްޢީ ޙުކުމެއް ކަނޑައެއްނޭޅޭހުއްޓެވެ.] (އަލްމުޙައްލާ 6/208)
އައްޝާޠިބީ ވިދާޅުވިއެވެ. [ހުވަފެނުން ފެންނަ ފެނުމުގެމައްޗަށް ޝަރުޢީ ޙުކުމެއް ކަނޑައެއްނޭޅޭހުއްޓެވެ. އެހެން ފެންނަ ކަމަކަށް ޢަމަލުކުރަން ޖެހޭނެކަމަށް ބުއްދި ސަލާމަތުންހުރި މީހަކު ޤަބޫލެއްނުކުރާހުއްޓެވެ. އާނއެކެވެ. މީހަކަށް ހުވަފެނުގައި ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ފެނުނުކަމަށް ވާނަމަ، އެއީ އެ މީހަކަށް ލިބުނު އުފާވެރި ޚަބަރެކެވެ. އެހެނެއްކަމަކު އެމައްޗަށް ބިނާކޮށް އެއްވެސް ޙުކުމެއް ކަނޑައެއް ނޭޅޭނެއެވެ.] (އަލްއިޢްތިޞާމު: 1/336)
