ދުނިޔޭގެ ބަދަލުގައި އާޚިރަތަށް އެދުން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


މި ދުނިޔޭގައި އިންސާނާއަށް ކުރިމަތިކުރައްވާ އިމްތިޙާނަކީ ދުނިޔޭގެ ބަދަލުގައި އާޚިރަތަށް އެދުމުގެ އިމްތިޙާނެވެ. އެއީ އަމިއްލަ އެދުންތައް ކޮންޓުރޯލު ކުރުމާއެކު ބޮޑާކަމާ ދުރުހެލިވެގެން ނޫނީ ކުރެވޭނޭ ކަމެއް ނޫނެވެ.


ކީރިތި ޤުރްއާނުގެ 79 ވަނަ ސޫރަތުގައި  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [ހެއްދެވުމުގައި އުނދަގޫކަންބޮޑީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އުޑު ހެއްޔެވެ؟ އެ އުޑު ބިނާކުރެއްވީ އެކަލާނގެއެވެ. އެކަލާނގެ އެ އުޑުގެ ބިނާ އުފުއްލެވިއެވެ. ދެން އެ އުޑު ފުރިހަމަކުރެއްވިއެވެ. އަދި އެ އުޑުގެ ރޭގަނޑު އަނދިރިކުރެއްވިއެވެ. އަދި އެ އުޑުގެ ދުވާލު ފާޅުކުރެއްވިއެވެ. އެއަށްފަހު، ބިން ފެތުރުއްވިއެވެ. އެ ބިމުގެ ފެނާއި، ފަތްޕިލާވެލި، އެ ބިމުން ނެރުއްވިއެވެ. އަދި ފަރުބަދަތައް (އެ ބިމުގައި) ހަރުލެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ ނަޢަމްސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ. ފަހެ، ބޮޑުވެގެންވާ ކަންތައްގަނޑު އަންނަހިނދެވެ. (އެބަހީ: ޤިޔާމަތްދުވަސް އަންނަހިނދެވެ.) އިންސާނާ ކުޅަހާ ކަމެއް، ހަނދުމަވާ ދުވަހެވެ. އަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ. ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ. އަދި އެމީހާގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފުސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ. ޤިޔާމަތުގެ ވަގުތު އަންނާނީ ކޮންއިރަކުންކަމާމެދު އެއުރެން ކަލޭގެފާނާ ސުވާލު ކުރެތެވެ. އެކަން ބަޔާންކޮށްދެއްވުމަކީ، ކަލޭގެފާނަށް (ކުރެއްވެން) އޮތްކަމެއްތޯއެވެ؟ އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށެވެ. ކަލޭގެފާނުވާކަން ކަށަވަރީ، އެދުވަހަށް ބިރުވެތިވާ މީހަކަށް އިންޒާރުކުރައްވާ ބޭކަލަކު ކަމުގައެވެ. އެއުރެން އެކަންތައް ދެކޭދުވަހު، ހަވީރެއް، ނުވަތަ ހެނދުނެއްގައި މެނުވީ، އެއުރެން ލަސްވެ ނުތިބޭކަހަލައެވެ.] (އައްނާޒިޢާތު: 46-27)

ކާއިނާތުގެ ގޮތުގައި އަހަރެމެންނަށް ފެންނާން މި އޮތް މާ ސިންގާ އުފެއްދެވުމަކީ އެހެން ހުރިހައި އެއްޗަކާއި ކަމެއް އޭގެ ކުރިމަތީގައި ކުދިކުދި އެއްޗިއްސަށް ނުވަތަ ކަންކަމަށް ވެގެންދާ ފަދަ ބިޔަ އެއްޗެކެވެ. ކާއިނާތުގައި ހިނގާ ކަންކަމަކީ އެހެން ހުރިހައި ކަމެއް ކުދިކުދި ކަންކަމުގެ ގޮތުގައި ފެންނަ ފަދަ ބޮޑެތި ކަންކަމެވެ. އެހެންވީމާ ދުނިޔޭގައި ބޮޑު ކަމެއް ވުމަކީ އެކަށީގެންވާ ކަމަކަށް ވާނަމަ، ކުދި ކަންތައް ވުމަކީ މުސްތަޙީލު ކަމަކަށް ވާންވީ ކީއްވެގެން ހެއްޔެވެ؟ އިންސާނާ މަރުވުމަށް ފަހު އަލުން ދިރުއްވާނޭ ކަމުގައި ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ އެންގެވުމަކީ ތެދެއްކަން ސާބިތުވާ ބޮޑެތި އެތައް ކަމެއް ދުނިޔޭގައި ވަނީ ލައްވައިފައެވެ.

ކޮންމެ މީހަކުވެސް މި އުޅެނީ ދެ އެއްޗެއްގެ ދެމެދުގައެވެ. އެކައްޗަކީ އޭނާގެ ކުރިމަތީގައި މިއޮތް ބޮޑު ދުނިޔެއެވެ. ދެވަނަ އެއްޗަކީ އޭނާއަށް ޣާއިބު ކުރައްވައިފައިވާ އާޚިރަތުގެ ދުނިޔެއެވެ. އާދަމުގެ ދަރިޔާގެ އިމްތިޙާނަކީ މި ދުނިޔޭގެ ބަދަލުގައި އާޚިރަތުގެ ދުނިޔެއަށް އިސްކަންދިނުމެވެ. މިކަން ކުރެވޭނީ އޭނާގެ ނަފުސުގެ އެދުންތައް ކޮންޓުރޯލުކުރުމުގެ ހިތްވަރު ހުރި މީހަކަށެވެ.

އިންސާނާ މި ދުނިޔޭގައި ލައްވައިފައިވަނީ އިމްތިޙާނަކަށްޓަކައެވެ. އިމްތިޙާނާ ކުރިމަތިލުމަކީ މިނިވަންކަން ލިބިގެން ނޫނީ ކުރެވޭނޭ ކަމެއް ނޫނެވެ. ދުނިޔޭގައި ލައްވައިފައިވާ އެހެން އެއްޗިސަށް މިންވަރު ކުރައްވައިފައިވާ ފަދައިން އިންސާނާއަށް ކަންކަން މަޖުބޫރު ކުރައްވައިފައި ނުވަނީ އެހެން ވެގެންނެވެ. ﷲ މިންވަރުކުރައްވައިފައިވާ ނިޒާމާ އެއްގޮތަށް ދިރިއުޅުން ބިނާކުރުމުގެ މިނިވަންކަން އިންސާނާއަށް ވަނީ ދެއްވައިފައެވެ. އަދި އެ ނިޒާމާ ދެކޮޅު ހަދައި މުންކިރުވެގަތުމުގެ އިޚްތިޔާރުވެސް އޭނާއަށް ވަނީ ދެއްވައިފައެވެ. އެކަމަކު މި މިނިވަންކަމަކީ ހަމައެކަނި ޢަމަލުތަކަށް ދެއްވައިފައިވާ މިނިވަންކަމެކެވެ. ޢަމަލުތަކުގެ ނަތީޖާއަށް ދެއްވައިފައިވާ މިނިވަންކަމެއް ނޫނެވެ. އިންސާނާގެ ނިމުން ނުވަތަ ނަތީޖާ އޮންނާނީ އަބަދުވެސް ﷲ ތަޢާލާ ކަނޑައަޅުއްވައިފައިވާ ޤާނޫނުތަކާ އެއްގޮތަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.