މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ސުވަރުގެއަކީ ﷲ ގެ ނިޢުމަތަށް ޚާއްސަކުރެވިފައިވާ ތަނެކެވެ. ނަރަކައަކީ އެޔާ ދިމާ އިދިކޮޅެވެ. ސުވަރުގޭގައި ދެއްވަނީ ނިޢުމަތެވެ. ނަރަކައިގައި ދެއްވަނީ ޢަޒާބެވެ.
ސުވަރުގެއަކީ އަޅުތަކުންނަށް ނިޢުމަތް ދެއްވުމަށް ﷲ ޚާއްސަކުރައްވައިފައިވާ ތަނެކެވެ. ނަރައަކީ ﷲ ގެ ކޯފާއަށް ހުށަހޮޅިގަނެ، ނުކިޔަމަންތެރިވީ މީހުންނަށް އަޒާބު ދެއްވުމަށް ޚާއްސަކުރައްވައިފައިވާ ތަނެކެވެ. މި ދުނިޔޭގައިވެސް ﷲ ވަނީ ހިމަނައި ކޮޅުން ނުލާހައި ގިނަ ނިޢުމަތް ލައްވައިފައެވެ. އެކަމަކު އެ ނިޢުމަތްތައް ލައްވައިފައި ވަނީ އުނިކަމާވެސް އެކުގައެވެ. ސުވަރުގޭގައި މި ހުރިހައި ނިޢުމަތެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެއްވާނެއެވެ. މި ދުނިޔެއަކީވެސް އިންސާނާގެ ހުރިހައި އެދުމެއް ފުރިހަމަވާ ގޮތަށް ހައްދަވައިފައިވާ ދުނިޔެއެއް ނޫނެވެ. ސުވަރުގެއަކީ އޭނާގެ ހުރިހައި އެދުމެއް ފުދޭ ގޮތަށް ހައްދަވައިފައިވާ ތަނެކެވެ. މި ދުނިޔޭގެ އިމްތިހާނުން ފުރިހަމަ މާކުސް ހޯދައިގެން ގޮސް ދާއިމީ ދުނިޔެއަށް ނުވަތަ ސުވަރުގެއަށް ވަންނަ މީހުންނަށްޓަކައި ﷲ ވަނީ ހުރިހައި އަރާމަކާއި ފުރިހަމަކަމަކާއި އުފާވެރިކަމަކާ ލައްވައިފައެވެ. އެއީ އިންސާނާގެ ހުރިހައި އެދުމެއް، އޭނާގެ ހިތަށް ގެންނާންވެސް ނޭނގޭހައި ފުރިހަމަކޮށް ލައްވައިފައިވާ ތަނެކެވެ.
ސުވަރުގޭގައި އިންސާނާގެ މާއްދީ ހުރިހައި ބޭނުންތަކެއް ފުދޭނޭ ގޮތް ހައްދަވައިފައި ވުމުގެ އިތުރަށް އޭނާގެ ސިކުނޑީގެ ހަމަޖެހުމާއި އަމަންއަމާންކަމާއި ރައްކާތެރިކަންވެސް ވަނީ އެންމެ ފުރިހަމައަށް ލައްވައިފައެވެ. އެއްކޮޅުން އޭނާގެ މައްޗަށް މާއްދީ ނިޢުމަތްތައް އޮހެމުންދާނެއެވެ. އަނެއްކޮޅުން ދުނިޔޭގައި އޭނާއަށް އެކި ބާވަތުގެ ތަކުލީފު ލިބޭން މެދުވެރިވީ ހުރިހައި ސަބަބެއް ﷲ ވާނީ ނައްތަވައިލައްވައިފައެވެ. މިސާލަކަށް މުސްކުޅިވެ ގައިބާރު ދޫވުމާއި އެކި ބާވަތުގެ ބަލިތަކާއި އެކްސިޑެންޓްތަކާއި މަރުފަދަ ހުރިހައި ކަމެއް ވާނީ ނައްތައިލެވިފައެވެ.
ދުނިޔެއަށް އުފަންވުމާއެކު ކޮންމެ މީހަކުވެސް އެދެނީ ފުރިހަމަ ދިރިއުޅުމަކަށެވެ. މައްސަލަތައް ނެތް، އުފާވެރި ދިރިއުޅުމަކަށެވެ. ސިކުނޑީގައި އޮންނަނީ އެ މީހަކު އުއްމީދުކުރާ ފުރިހަމަ ދުނިޔެއެވެ. އެކަމަކު މަރުދުވަހާ ހަމައަށްވެސް އޮންނަނީ އެ ދުނިޔެ ނުފެނިފައެވެ. އެއީ މި ދުނިޔޭގައި ފެންނާނޭ ދުވަހެއް ނޫނެވެ. އެކަމަކު މަރުވުމަށް ފަހު ނަސީބުވެރިންނަށް އެފަދަ ދުނިޔެއެއް ލިބެއެވެ. ނަސީބުވެރިންނަކީ ﷲ ރުއްސެވި މީހުންނެވެ. ﷲ ރުއްސެވި މީހުންނަކީ މަރުވުމުގެ ކުރީގެ ދިރިއުޅުމުގައި ﷲ ރުއްސަވާ މަގުން ހިނގި މީހުންނެވެ.
ނަރަކައަކީ ސުވަރުގޭގެ އިދިކޮޅު ތަނެވެ. ސުވަރުގެއަކީ ހުރިހައި އުފަލަކާއި އަރާމެއް އޮތް ތަނެވެ. ނަރަކައިގައި އޮތީ ވޭންދެނިވި އަޒާބެވެ.
