(5 މާޗް 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
جبريل الأمين ވަޙީއާއިގެން ވަޑައިގެންނެވުން
ނުބައްވަތުގެ ދީބާޖާއަކީ ތެދު ހުވަފެންފުޅު ފެނިވަޑައިގަންނަވާން ފެށުމެވެ. ހުވަފެންފުޅުގެ ޒަރީޢާއިން މަތިވެރި ޙަޤީޤަތްތަކެއް ކަޝްފުވަމުން ދާންފެށުމެވެ. ރޭގަނޑު ހުވަފެންފުޅުގައި ފެނިވަޑައިގަންނަވާ ކަންކަން ދުވާލުގެ އަލިކަމުގެ ތެރޭގައި ފިލިފުޅެއްވެސް ތަފާތުނުވެ ފެނިވަޑައިގަންނަވާން ފެށުމެވެ.
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޢުމުރުފުޅުން ސާޅީސް އަހަރުފުޅު ފުރިއްޖެއެވެ. ޢާންމުކޮށް ބުނެވޭގޮތުގައި ސާޅީސް އަހަރަކީ އިންސާނުންގެ ބުއްދި ފުރައިފުރިހަމަވާ ޢުމުރެވެ. ބުނެވޭގޮތުގައި ނަބީބޭކަލުންގެ ބިޢުޘަތުގެ ޢުމުރުފުޅަކީ ސާޅީސް އަހަރުފުޅެވެ.
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ރޭގަނޑަކު ހުވަފެންފުޅުގައި ފެނިވަޑައިގަންނަވާ ކޮންމެ ކަމެއް ދުވާލުގެ އަލިކަމުގެ ތެރޭގައި ފެނިވަޑައިގަންނަވާކަން ތަޖްރިބާ ކުރެއްވޭތާ ހަމަސްދުވަސް ވެއްޖެއެވެ. އެއީ ރަޙްމަތުގެ ނަބިއްޔާގެ ނަބީކަމުގެ ތޭވީސް އަހަރުގެ މުއްދަތުގެ ސާޅީސް ހަބައިކުޅަ އެއްބަޔެވެ. އެއަހަރަކީ އެމާތް ސާހިބާ ކޮންމެ ރަމަޟާންމަހަކު ޙިރާފަރުބަދައިގެ ހޮހަޅައިގައި ޚަލްވަތުގައި އިންނަވައި މުރާޤިބާ ކުރައްވާތާ ތިންވަނަ އަހަރެވެ. އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى އެހައިތަނުން މިންވަރުކުރެއްވީ ބިމުގެ އެންމެހައި ކަންކޮޅުތަކުގެ އަހްލުވެރީންނަށް އެކަލާނގެ ރަޙްމަތްފުޅު ބާވައިލެއްވުމުގައި ދީލަތިވެވޮޑިގަންނަވާށެވެ. އެހެންކަމުން އެކަލާނގެ ނަބީކަމުގެ މަތިވެރި މަޤާމު محــمّــــد بـــن عــبــداللّــــه އާ ޙަވާލުކުރެއްވުމުން އެމާތް ސާހިބާ ޝަރަފުވެރި ކުރައްވައިފިއެވެ. جــبـــــريـــل الأمـيـــــن އިތުރު ސާހިބާގެ އަރިހަށް އިލާހީ ވަޙީއާއިގެން ވަޑައިގެންފިއެވެ.
ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر ލިޔުއްވައިފައިވެއެވެ. "جــبـــــريـــل الأمـيـــــن ރަޙްމަތުގެ ނަބިއްޔާގެ އަރިހަށް ކީރިތި ޤުރްއާނުގެ ވަޙީއާއިގެން ވަޑައިގެންނެވުމުގެ ހަމަސްދުވަސްކުރީން (ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ހިޖްރައިގެ ބާރައަހަރު ކުރީން އައި ރަބީޢުލްއައްވަލްމަހުގެ ނުވަވަނަ ދުވަހު، 12 ފެބްރުއަރީ 610މ.) ވަނީ އެމާތް ސާހިބާއަށް ނަބީކަމުގެ ބިޝާރަތު ދެއްވައިފައެވެ. (ރަބީޢުލްއައްވަލުމަހަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މައްސަރެވެ. ދުވަހަކީވެސް އެދުވަހެވެ.) جــبـــــريـــل عـلــيـــه السّــلام އެދުވަހު ވިދާޅުވި ކަމުގައިވެއެވެ. "އޭ محــمّــــد ގެފާނެވެ. މި އުފާވެރިކަމުގެ ޚަބަރު ޤަބޫލުކުރައްވާށެވެ. ކަލޭގެފާނަކީ اللّــــه سبحـــانــــه وتــعــــالــــى ގެ ރަސޫލަކީމުއެވެ. އަޅުގަނޑަކީ جــبـــــريـــل އެވެ." އަރަހުށި މާތް اللّــــه ގެ އެންމެފަހުގެ ވަޙީ ކީރިތި ޤުރްއާން ބާވައިލައްވާން ފެއްޓެވީ 18 ރަމަޟާން 12ޤހ (14 އޮގަސްޓް 610މ.) ގައެވެ." (ޕޭ ޣަމްބަރެ އަޢުޒަމް ވަ އާޚިރު: ޞަފުޙާ 259، ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر)
ވަޙީ ބާވައިލައްވާން ފެއްޓެވި މައްސަރާއި ދުވަސް
مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ މި މައިގަނޑު ނަމުގައި ލިޔުއްވައިފައިވެއެވެ. "ކީރިތި ޤުރްއާނުގެ ދަލީލުތަކާމެދު ޖުމުލަކޮށް ބަލައިލިކަމުގައިވިޔަސް ވަޙީ ބާވައިލައްވާން ފެއްޓެވި ހާދިސާގެ ތާރީޚު ކަނޑައަޅައިލެވިދާނެއެވެ. އަހަރެންގެ ހޯދުންތަކުގެ އަލީގައި ބުނާނަމަ އެދުވަހަކީ ބަރަކާތްތެރި ރަމަޟާންމަހުގެ އެކާވީސް ވަނަޔަށްއައި ހޯމަ ދުވަހެވެ. (ހޯމަ ވިލޭރެއެވެ) އިރުމަހުގެ ކަލަންޑަރުން އެއީ 1 އޮގަސްޓް 610މ. އެވެ. ހަނދުމަހުގެ ކަލަންޑަރުގެ ހިސާބުތަކުން ބަލާއިރު ރަޙްމަތުގެ ނަބިއްޔާގެ ޢުމުރުފުޅުން އެއީ ސާޅީސް އަހަރުފުޅާއި ހަމަހާއި ބާރަ ދުވަހެވެ. އިރުމަހުގެ ހިސާބުން ބަލާއިރު ރަޙްމަތުގެ ނަބިއްޔާގެ އޭރުގެ ޢުމުރުފުޅަކީ ތިރީސްނުވަ އަހަރުފުޅާއި ތިންމަހާއި ބާވީސް ދުވަހެވެ.

ވަޙީ ބާވައިލައްވާން ފެއްޓެވި މައްސަރަކާއި ދުވަހަކާމެދު މުއައްރިޚުންގެ މެދުގައި ވަރަށް ބޮޑަށް ޚިލާފު ހުރެއެވެ. ސީރަތުގެ ވަރަށްގިނަ ލިޔުއްވުންތެރީން ވިދާޅުވާގޮތުގައި އެމަހަކީ ރަބީޢުލްއައްވަލުމަހެވެ. ބަޔެއް ލިޔުންވުންތެރީންގެ ނަޒަރުގައި އެއީ ރަމަޟާންމަހެވެ. ތިންވަނަ ރައުޔެއްގެ ބޭކަލުން ވިދާޅުވާ ގޮތުގައި އެއީ ރަޖަބުމަހެވެ. އަހަރެން ދެކޭގޮތުގައި މީގެތެރެއިން އެންމެ ޞައްޙަގޮތަކީ ދެވަނަޔަށް ބަޔާންކުރި ގޮތެވެ. އެހެނީ އަރަހުށި މާތް اللّــــه ވަޙީކުރައްވައިފައިވަނީ ޤުރްއާން ބާވައިލައްވާން ފެއްޓެވި ބަރަކާތްތެރި މައްސަރަކީ ރަމަޟާންމަސް ކަމުގައެވެ. އާދެ، "ރަމަޟާންމަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ." (الــبـقــــــرة: 185) އަދިވެސް ވަޙީކުރައްވައިފައިވެއެވެ. "ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީ لـيــلـة الـــقــدر ވިލޭރޭގައެވެ." (الـــقــدر: 1) އެނގިވަޑައިގަންނަވާނެ ފަދައިން لـيــلـة الـــقــدر ވިލޭރޭ ވަނީ ރަމަޟާންމަހުގައެވެ. އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ގެ އިރްޝާދުގައި އަދިވެސް ވެއެވެ. "ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ އެފޮތް (އެބަހީ قــــــرآن) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން އިންޒާރުކުރައްވާ ކަލަކު ކަމުގައި ތިމަން ރަސްކަލާނގެ ވޮޑިގެންވަމެވެ." (الــدّخــــان: 3) ދެވަނަ ރައުޔަށް ބާރުލިބޭ އަނެއް ސަބަބަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙިރާގައި ޢާންމުކޮށް މުރާޤިބާ ކުރައްވަނީ ރަމަޟާންމަހުގައި ކަމެވެ. އެހެންކަމުން جــبـــــريـــل عـلــيـــه السّــلام ޙިރާއަށް ވަޑައިގަންނަވާނީ ރަމަޟާން މަހެއްގައެވެ.
ޤުރުއާން ބާވައިލައްވާން ފެއްޓެވީ ރަމަޟާންމަހެއްގައި ކަމުގައި ވިދާޅުވާ ބޭކަލުންވެސް އެކަން ހިނގި ދުވަހަކާމެދު ވަނީ ޚިލާފުވެވަޑައިގެންފައެވެ. ބައެއް ބޭކަލުން ވިދާޅުވަނީ ހަތްވަނަދުވަސް ކަމުގައެވެ. އަނެއްބައި ބޭކަލުން ސަތާރަވަނަ ދުވަސް ކަމުގައެވެ. އަނެއްބައި ބޭކަލުން އަށާރަވަނަ ދުވަސް ކަމުގައެވެ.
އަޅުގަނޑު ތަރްޖީހު ދެނީ ކުރީންވެސް ދެންނެވި ފަދައިން އެދުވަހަކީ އެކާވީސްވަނަ ދުވަސް ކަމުގައެވެ. މިގޮތަށް ވިދާޅުވާ ބޭކަލަކު އަޅުގަނޑަށް ފެނިފައިނުވިކަމުގައި ވިޔަސްވެހެވެ.___ ސީރަތު ލިޔުއްވި ގިނަބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި އެރެޔަކީ ހޯމަ ވިލޭރެއެކެވެ. أبــــو قَـــتـــادة رضـــــى اللّــــه عــنـــــه ގެ އަރިހުން ރިވާވެފައިވާ ޙަދީސުފުޅަކުން އެކަމަށް ބާރުލިބެއެވެ. ހޯމަ ދުވަހުގެ ރޯދަޔާ ބެހޭގޮތުން (ހޯމަ ދުވަހު ރޯދަ ހިއްޕަވާ ސަބަބަކާ ބެހޭގޮތުން) ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހުގައި ސުވާލު ދެންނެވުނުހިނދު ޙަދީސުކުރެއްވިއެވެ. "އެދުވަހަކީ އަހުރެން އުފަންވީ ދުވަހެވެ. އަހުރެންނަށް ނަބީކަން ދެއްވައި ވަޙީ ބާވައިލައްވާން ފެއްޓެވި ދުވަހެވެ." ކަލަންޑަރަށް ބަލާއިރު އެ އަހަރުގެ ރަމަޟާންމަހުގެ ހޯމަ ދުވަސްތަކަކީ، ހަތެއް، ސާދަ، އެކާވީސް، އަށާވީސް މިދުވަސްތަކެވެ. ޞައްޙަ ރިވާޔަތްތަކުން ކަނޑައެޅި ސާބިތުވެފައިވާ ގޮތުގައި ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން لـيــلـة الـــقــدر ވިލޭރޭ ހޯދަން ޞަރީޙު ބަސްފުޅުން ވިދާޅުވެފައެވެ. މިކަންކަމުން ސާބިތުވަނީ ރަޙްމަތުގެ ނަބިއްޔާ ނަބީކަމާއިގެން ފޮނުއްވައި ވަޙީ ބާވައިލައްވާން ފެއްޓެވީ ރަމަޟާންމަހުގެ އެކާވީސް ވިލޭރޭގައިކަމެވެ." (الـــرّحــيـــق المـخــتـــــوم: 97، 98، مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ)
أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضــــى اللّــــه عــنـــــه ކައުސާހިބާގެ އަރިހުން ތަފްސީލު ހޯއްދަވައިގެން މަންޒަރު ސިފަކުރައްވައިފައިވެއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙިރާ ފަރުބަދައިގެ ހޮހަޅައިން ބޭރަށް ނުކުމެވަޑައިގެންނެވިތަނާ (ބައެއް ރިވާޔަތްތަކުގައިވާގޮތުން ހޮހަޅައިގައި އިންނަވަނިކޮށް) ފެނިވަޑައިގެންނެވީ جــبـــــريـــل عـلــيـــه السّــلام އެވެ. އެރީތި ފުރިހަމަ މަލާއިކަތާ އެކަލޭގެފާނުގެ އަސްލު ސޫރަފުޅުގައެވެ. (ބައެއް ރިވާޔަތްތަކުގައިވާގޮތުން جــبـــــريـــل ގެފާނު އެކަލޭގެފާނުގެ އަސްލު ސޫރަފުޅުގައި އެންމެފުރަތަމަ ފެނިވަޑައިގެންނެވީ އެންމެފުރަތަމަ ވަޙީ ލިބިވަޑައިގެންނެވުމަށްފަހު ވަޙީ ލިބިވަޑައިގެންނެވުން މެދުކެނޑިފައި އަލުން ވަޙީއާއިގެން ވަޑައިގެންނެވި ދުވަހުއެވެ. واللّــــه أعـــلــــم) އެކަލޭގެފާނުގެ ފިޔަފުޅުތަކުން އުދަރެސް ވަނީ ބައްދައިލައްވައިފައެވެ. جــبـــــريـــل ގެފާނު ރަޙްމަތުގެ ނަބިއްޔާއާ ވަރަށް ކައިރިޔަށް ވަޑައިގެންނެވިއެވެ. ދެދުނިދަނޑީގެ މިންވަރަށެވެ. ނުވަތަ އެއަށްވުރެވެސް ކައިރިޔަށެވެ. جــبـــــريـــل ގެފާނު ވިދާޅުވިއެވެ. "يـامحــمّــــد އެވެ. ކަލޭގެފާނަކީ މާތް اللّــــه ގެ ރަސޫލަކީމުއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ." ރަޙްމަތުގެ ނަބިއްޔާ ޖަވާބު ދެއްވިއެވެ. "مـــاَنـــاَ بِــقَـــارِئٍ" އަހުރެންނަކީ ކިޔަވާ މީހަކު ކަމުގައެއް ނުވަމެވެ. جــبـــــريـــل ގެފާނު ރަޙްމަތުގެ ނަބިއްޔާގެ ގައިކޮޅުގައި ހިއްޕަވައިގަންނަވައި ބާރުކޮށްލެއްވިއެވެ. ރަޙްމަތުގެ ނަބިއްޔާއަށް އުނދަގޫފުޅުވާ ވަރަށެވެ. އެއަށްފަހު ދޫކޮށްލައްވައިފައި ވިދާޅުވިއެވެ. "إقـــــرأ ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ." ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަނެއްކާވެސް ޖަވާބުދެއްވިއެވެ. "مـــاَنـــاَ بِــقَـــارِئٍ އަހުރެންނަކީ ކިޔަވާ މީހަކު ކަމުގައެއް ނުވަމެވެ." جــبـــــريـــل ގެފާނު މިގޮތަށް ތިންފަހަރު ޢަމަލުކުރެއްވިއެވެ. ތިންވަނަފަހަރު ބައްދައިލެއްވީ އިތުރު ސާހިބާއަށް ހިސާބަކަށް ތަދުފުޅުވެސް ވާވަރަށެވެ. އެފަހަރު ދޫކޮށްލެއްވުމަށްފަހު ســـــورة الــعــلــــق ގެ އެންމެފުރަތަމަ ފަސް އާޔަތް ވިދާޅުވެދެއްވިއެވެ. އެ އާޔަތްތަކުގެ މާނައަކީ:
"ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހައި ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑު ލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ ގަލަމުން (ލިޔާން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ." (الــعــلــــق: 5-1)
ރަޙްމަތުގެ ނަބިއްޔާއަށް ހީފުޅުވީ ކުރީއްސުރެ އެ އާޔަތްތައް ދަސްފުޅުވެ ހިތްޕުޅުގައި ހަރުލައިފައި ހުރިހެންނެވެ. ހަމައެވަގުތު އެ އާޔަތްތައް ވިދާޅުވެ ދެއްވައިފިއެވެ.
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ވަޙީ ލިބިވަޑައިގެންނެވުމުގެ ހާދިސާގެ ސަބަބުން އެމާތް ސާހިބާގެ ހިތްޕުޅަށް ވަރަށްފުން އަސަރުތަކެއް ކުރިއެވެ. އެމާތް ސާހިބާ ބިރުފުޅުގެން ވަޑައިގެންނެވިއެވެ. މުޅީން އައު ތަޖުރިބާއަކަށް ވާތީއެވެ. ކޮނޑުފުޅުގައި އެޅުއްވުނު މަސްއޫލިއްޔަތުގެ ބޮޑުކަން އިޙްސާސް ކުރެއްވޭތީއެވެ. އެފަދަ ހާދިސާއެއްގެ ވާހަކަ އަޑުއައްސަވައިފައި ނުވާތީއެވެ. ނަބީބޭކަލުންގެ ޒަމާން މާޒީވެދިޔަތާ ދިގުމުއްދަތެއްވަނީ ފާއިތުވެފައެވެ. އެހެންކަމުން ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ބިރުފުޅުން ވަޑައިގެންނެވީ އެމާތް ސާހިބާގެ ގެކޮޅަށެވެ. އޭރު އެމާތް ސާހިބާގެ ހިތްޕުޅު ބާރަށް ތެޅެއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ ލޮބުވެތި އަނބިކަނބަލުން السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا ގެ އަރިހުގައި ވިދާޅުވިއެވެ. "އަހުރެންގެ ގައިގައި ރަޖާ އަޅައިދޭށެވެ! އަހަރެންގެ ގައިގައި ރަޖާ އަޅައިދޭށެވެ. އަހަރެން އެބަބިރުގަނެއެވެ."
أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا ސުވާލު ކުރެއްވިއެވެ. "ކަލޭގެފާނު ބިރުފުޅުގެން ވަޑައިގަންނަވަނީ ކޮންކަމަކާތޯއެވެ؟" ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާއަށް ކުރިމަތިވެވަޑައިގެންނެވި ހާދިސާގެ ވާހަކަ ވިދާޅުވެދެއްވިއެވެ. السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا އަކީ ނުހަނު ވިސްނުންތެރި ބޭކަނބަލެކެވެ. އެހައިމެ ހެއިލުންތެރި ބޭކަނބަލެކެވެ. އެކަމަނާއަށްވަނީ ނުބުއްވަތާއި ނަބީބޭކަލުންނާއި މަލާއިކަތުންނާ ބެހޭގޮތުން ވަރަށްގިނަ ވާހަކަފުޅުތައް އަޑުއިވިވަޑައިގެންފައެވެ. އެކަމަނާގެ ދެބެއިންގެދެދަރި ބޭބޭފުޅަކު ކަމުގައިވާ ورقـــة بـــن نـــوفـــل ގެ ފަރާތްޕުޅުންނެވެ. ورقـــة ވަނީ ވަރަށްކުރީން ބުދަށް އަޅުކަން ކުރެއްވުން ހުއްޓައިލައްވައިފައެވެ. ޢީސާއީ ދީން ޚިޔާރުކުރައްވައި އެދީނުގެ ޢިލްމުވެރިޔަކަށް ވެވަޑައިގެންފައެވެ. އޭނާ ސަމާވީ ފޮތްތައް މުޠާލިޢާ ކުރައްވައެވެ. ތައުރާތާއި އިންޖީލުގެ ދަރުސުތައްވެސް ބައެއް ފަހަރުފަހަރު ބާއްވަވައެވެ. މައްކާގެ އަހްލުވެރީންގެ ނުއެކަށޭނަ ވާހަކަތަކާއި ބައެއްކަހަލަ އާދަކާދަތަކާ އޭނާގެ ޚިޔާލުފުޅު ވަރަށް ތަފާތެވެ. އެކަންކަމަކީ ސަލާމަތް ފިޠުރަތެއް ލިބިފައިވާ ސީދާ ވިސްނުމުގެ އަހްލުވެރީންނަށް ޠަބީޢީގޮތުންވެސް ރުހެވޭނެ ވާހަކަތަކެއް ނޫނެވެ.
أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا އަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޙަޔާތްޕުޅުގެ ލޮބުވެތި ބައިވެރިޔާއެވެ. ދުވާލާއި ރޭގަނޑު އެކުގައި ހޭދަކުރައްވާ އެކުވެރިޔާއެވެ. އެހެންކަމުން އެމާތް ސާހިބާގެ އެތެރެފުށުގެވެސް ބޭރުފުށުގެވެސް އެއްވެސްކަމެއް އެކަމަނާއަށް ވަންހަނާވެފައެއް ނޯވެއެވެ. އެ ޚާއްޞަ ގުޅުންތަކުގެ ސަބަބުން ކައުސާހިބާއާމެދު އެކަމަނާއަށް ވަނީ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބިވަޑައިގެންފައެވެ. އިތުރު ސާހިބާގެ ޚުލުޤުފުޅާއި މިޒާޖުފުޅު އެންމެ ފުރިހަމަޔަށް އެނގިވަޑައިގަންނަވަނީ އެކަމަނާއަށެވެ. އެހެންކަމުން އަރަހުށި މާތް اللّــــه ގެ ހެޔޮތައުފީޤާއި ތާއީދު ކޮންމެ ހިނދަކުވެސް އެމާތް ސާހިބާއާ އެކުގައި ވާނެކަމުގެ އެންމެފުރިހަމަ ޔަޤީންކަން އެކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. އިތުރު ސާހިބާއަކީ އަރަހުށި މާތް اللّــــه ޚިޔާރުކުރައްވައި ކުއްތަންކުރައްވައިފައިވާ ބޭކަލެއްކަމާމެދު އެކަމަނާގެ ހިތްޕުޅުގައި ކުޑަވެސް ޝައްކެއްނެތެވެ. އެހެންކަމުން އެފަދަ ރީތި ސީރަތެއްގެވެރި އަދި އެހައި ތާހިރު ޚަޞީލަތެއްގެވެރި ޝަޚްޞިއްޔަތެއްގެ ވެރިޔަކަށް ޖިންނިޝައިޠާނެއްގެ ނުވަތަ ދެޔޯމާރިދެއްގެ އަސަރެއް ނުފޯރާނެކަން އެކަމަނާޔަށް ކަށަވަރުވެވަޑައިގަންނަވައެވެ. އެފަދަ ކަމެއް މެދުވެރިވުމަކީ އަރަހުށި ހުސްޠާހިރުވަންތަ اللّــــه سبحـــانــــه وتــعــــالــــى ގެ ރަޙްމަތްފުޅާއި އަދި ޙިކުމަތްފުޅާ އޯގާވަންތަކަމާ ޚިލާފު ކަމެއްކަމުގައި އެކަމަނާ ޔަޤީންކުރައްވައެވެ. އެހެންކަމުން ފުރިހަމަ ޔަޤީންފުޅުކަމާއި އިތުބާރު އެކުލެވޭ ލަހެޖާއަކުން ނުހަނު ސާބިތުކަމާއެކު ވިދާޅުވިއެވެ.
(ނުނިމޭ)
