ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 29

(2 އޭޕްރީލް 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

وَالـــرُّجْـــــزَ فَــاهْـجُـــــــــرْ: މިބަސްފުޅުގެ އެއްމާނައަކީ ކަލޭގެފާނު ބުދަށް އަޅުކަން ކުރެއްވުމުން އެއްކިބާވެވަޑައިގަންނަވާށޭ އެންގެވުމެވެ. އަނެއް މާނައަކީ ކަލޭގެފާނު ހުރިހައި ބާވަތެއްގެ ހަޑިމުޑުދާރު ކަމަކާއި ފާސިޤުކަމަކާއި ފާޖިރުކަމަކުން ދުރުވެވަޑައިގަންނަވާށޭ އެންގެވުމެވެ. އާދެ، ހަށިކޮޅާއި ފޭރާންކޮޅާއި ޚުލުޤުފުޅާއި އުޅުއްވާ ތަނާއި ހިތްޕުޅާއި ޒަމީރުގެ ދަމިލަތަކަކާއި މުޑުދާރުކަމަކުން ދުރުވެވަޑައިގަންނަވާން އިރްޝާދު ދެއްވުމެވެ. މަކާނީ މާހޫލާއި ޒަމާނީ މާހޫލުވެސް ސާފުތާހިރު ކުރައްވާން އެންގެވުމެވެ. މަކާނީ މާހޫލުގެ މާނައިގެ ތެރޭގައި ގެދޮރާއި އަވަށާއި ރަށާއި ސިޓީއާއި އެތަންތާނގެ ޖައްވާއި ފަޒާއާއި އާބުހަވާ ހިމެނެއެވެ. ޒަމާނީ މާހޫލުގެ މުރާދަކީ ޒަމާނުގެ އަސަރުތަކެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ތާރީޚީ އަސަރުތަކާއި ސަޤާފީ އަސަރުތަކާއި ސިޔާސީ އަދި އިޖްތިމާޢީ ދާއިރާގެ އަސަރުތަކެވެ. އެ ދާއިރާތަކުން ފޯރާ އަސަރުތަކަކީ ނައްސި އަސަރުތަކެއް ކަމުގައިވާނަމަ އިންސާނާގެ ޝަޚްޞިއްޔަތަށް ވަރަށްބޮޑު ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ހިތާއި ޒަމީރުގެ ނުސާފުކަމުގެ މާނައަކީ ޖަރީމާތަކާއި އަނިޔާއާއި ފާފަވެރިކަމުގެ ޠަބީޢީ އަސަރުތަކެވެ. އޭގެ އެންމެ ނުބައިވައްތަރުތަކަކީ ޝަރީކު ކުރުމާއި ބުދަށް އަޅުކަން ކުރުމެވެ. ބަޚީލުކަމާއި ނިފާޤުކަމާއި އަނިޔާވެރިކަމާއި މީހުން މެރުމާ މިފަދަ ކަންކަމެވެ. އިސްލާމްދީނުގެ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައިވާ އިންޤިލާބުގެ އަސާސީ އެއްމަޤްޞަދަކީ އިންސާނާގެ ކިބައިގައި ރިވެތިކަމާއި ރަނގަޅުކަމަށް ލޯބިކުރުމުގެ (ޖަމާލިއްޔާތީ ޙިއްސު) ދިރުވައި އާލާކުރެއްވުމެވެ. ރަނގަޅުކަމާއި ރީތިކަމަށް ލޯބި ޖެއްސެވުމެވެ. ހުތުރު ހުރިހައި ކަމަކާއި ނުބައި އެންމެހައި ކަންކަމަށް ނަފުރަތު ކުރުމުގެ ޙިއްސު ހޭލެއްވުމެވެ.

وَلاَ تَمـــْـــنُــن تَسْتَكْــثِـــــرُ: މިއީވެސް ވަރަށް ތަނަވަސް މަފްހޫމެއްގެ ބަސްފުޅެކެވެ. އެއްފޮޅުވަތަށް ފެތޭގޮތަށް ތަރުޖަމާކުރެވޭ ވަރަށްވުރެ ދާއިރާފުޅާ ބަސްފުޅެކެވެ. އެބަސްފުޅުގެ އެއް މަފްހޫމަކީ ނުވަތަ އަރަހުށި މާތް اللّــــه ރަޙްމަތުގެ ނަބިއްޔާއަށް ދެއްވާ އިރްޝާދަކީ ކަލޭގެފާނު އެއްވެސް މީހަކަށް ކުރައްވާ އިޙްސާންތެރިކަމަކީ ބަދަލު އެދިވަޑައިގެން ކުރައްވާ ކަމަކަށް ނަހައްދަވާށެވެ. ކަލޭގެފާނު ދެއްވާ ދެއްވުންތަކާއި ކުރައްވާ ބަޚްސީސާއި ދީލަތިފުޅުކަމާއި ރިވެތި ސުލޫކާއި މިއިން ކޮންމެކަމަކީވެސް اللّــــه سبحـــانــــه وتــعــــالــــى އަށްޓަކައި ކުރައްވާ ކަމަކަށް ހައްދަވާށޭ އެންގެވުމެވެ. މިފަދަ އެއްވެސް ކަމަކީ ކަލޭގެފާނަށް އެއްވެސްކަހަލަ ދުނިޔަވީ މަންފާއެއް ހޯއްދެވުމުގެ އެދުންފުޅުގައި ކުރައްވާ ކަމެއްކަމުގައި ހީކުރެވުމުގެވެސް ޖާގަ ނުދެއްވާށޭ އެންގެވުމެވެ. މިއަށްވުރެ ޞަރީޙުކޮށް ދަންނަވާނަމަ މާތް اللّــــه އަށްޓަކައި ކަލޭގެފާނު އިޙްސާންތެރިވެވަޑައިގަންނަވާށެވެ. ފައިދާއެއް ހޯއްދަވާން އިޙްސާންތެރިވެވަޑައި ނުގަންނަވާށެވެ.

މި ބަސްފުޅުގެ އަނެއް މަފްހޫމަކީ ނަބީކަމާއި ރަސޫލުކަން އަދާކުރެއްވުމުގެގޮތުން ކަލޭގެފާނު ތިޔަކުރައްވަނީ ވަރަށްބޮޑު އިންސާނީ ޚިދުމަތެކެވެ. އެހެންކަމުގައިވިޔަސް ކަލޭގެފާނުގެ އެ މަސައްކަތްޕުޅުތަކަކީ ކުރެއްވޭ މާބޮޑު ކަމެއްކަމަށް ދެކެވަޑައިނުގަންނަވާށެވެ. ކަލޭގެފާނު އަދާކުރައްވާ ނުބުއްވަތުގެ ވާޖިބުތަކަކީ އަދި އެކަމުގައި ވެވަޑައިގަންނަވާ ޤުރްބާނީއަކީ ކަލޭގެފާނުގެ ވެރިރަސްވަންތަ ޒާތުފުޅަށް ކޮށްދެއްވޭ އިޙްސާންތެރިކަމެއް ކަމުގައި ފަހަރެއްގައިވެސް ހިތްޕުޅަށް ނުގެންނަވާށޭ އެންގެވުމެވެ.

وَلِـــرَبِّــكَ فَــاَصْــبِـــــرُ: ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށްޓަކައި ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ. މިބަސްފުޅުގެ ތަފްސީލުތަކަށް ދާއިރު އަރަހުށި ހުސް ޠާހިރުވަންތަ މާތް اللّــــه ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އަންގަވަނީ އެމާތް ސާހިބާއާ މަތިކުރައްވައިފައިވަނީ ވަރަށްބޮޑު މަސްއޫލިއްޔަތެއްކަމެވެ. ނުރައްކައުތެރި މަސައްކަތްޕުޅެއްކަމެވެ. އެމާތް ސާހިބާއާ ޙަވާލުކުރެއްވިފައިވާ މަސައްކަތްޕުޅާއިގެން ކުރިޔަށް ވަޑައިގަންނަވާއިރު ވަރަށް ބޮޑެތި މުޞީބާތްތަކަށް ހުރަހޮޅިވަޑައިގަންނަވާނެކަމެވެ. އުނދަގޫތަކާއި ތުރާތަކާއި ތަކްލީފުތައް އުފުއްލަވާން ޖެހިވަޑައިގަންނަވާނެކަމެވެ. އެކަލޭގެފާނުގެ ޤައުމު އެކަލޭގެފާނާ ދުޝްމިނު ވެގަންނާނެކަމެވެ. އެންމެހައި ޢަރަބީން އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރާނެކަމެވެ. މިފަދަ ކޮންމެކަމެއް ކުރިމަތިވި ކަމުގައިވިޔަސް އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ކެތްތެރިވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނެކަމެވެ. އަރަހުށި މާތް اللّــــه ރަޙްމަތުގެ ނަބިއްޔާއަށް އިރްޝާދު ދެއްވަނީ ފުރިހަމަޔަށް ސާބިތުވެވަޑައިގެން ވަރުގަދަ ޢަޒުމުފުޅެއްގައި އެމާތް ސާހިބާގެ ވާޖިބު އަދާކުރައްވާށެވެ. އެމާތް ސާހިބާގެ އައިތަވެރި މަސައްކަތްޕުޅު ހުއްޓައިލައްވާތޯ ބާޠިލުގެ އަހްލުވެރީން ކެހިވެރިކަމުގެ އެކިއެކި އުކުޅު ހަދާނެއެވެ. ބިރުގެންނެވުމާއި، ދަހިވެތިކުރުވުމާއި، އެކުވެރިކަމާއި، ދުޝްމިނުކަމާއި ލޯތްބާއި ދުޝްމަންކަމާ މިބާވަތުގެ ކެހިވެރިކަމުގެ ހުރިހައި ދައުތަކެއް ފަތުރާނެކަމެވެ. އެފަދަ ކޮންމެ ޙާލަތެއްގައިވެސް އެމާތް ސާހިބާގެ މައުޤިފުގައި ފިސާރިޔަކަށް ސާބިތުވެވަޑައިގެން ހުންނެވުމަށެވެ. (تــفــهيـــم الــقـــرآن: ســيـّـد أبـــوالأعــلــــى مـــــودودى، ޕޭޣަމްބަރެ އަޢުޒަމް ވަ އާޚިރު: ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر)

އާދެ، މިއީ އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى އެކަލާނގެ ލޮބުވެތި ޙަބީބު އަދި އެކަލާނގެ ލޮބުވެތި ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އެމާތް ސާހިބާގެ ނަބަވީ މަސައްކަތްޕުޅު ބޮލަރުއްވައިގެން ތެދުވެވަޑައިގަންނަވާން ކުރެއްވި އަމުރުފުޅާއެކު ދެއްވި އަގުމާތް ހިދާޔަތެވެ. ޝައްކެއްނެތެވެ. މިއީ ވަގުތާ އެންމެ މުނާސަބު ނަސޭހަތްޕުޅުތަކެވެ. މިބަސްފުޅުތަކަކީ ކުރުކުރު ބަސްފުޅުތަކެއް ކަމުގައިވިޔަސް މިބަސްފުޅުތަކުގައި އެކުލެވިގެންވަނީ ފުޅާ އަދި ފުން މާނަތަކުގެ ރާޅުޖަހަމުންދާ ކަނޑުތަކެކެވެ. މިބަސްފުޅުތަކާމެދު ވިސްނައި ފިކުރުކޮށްފި ކޮންމެ މީހަކުވެސް އެނގި ބަޔާންވާނީ މިއީ ނަބީބޭކަލަކަށް އެބޭކަލެއްގެ މުހިންމަތު ފައްޓަވައިގަންނަވާން ބޭނުންފުޅުވާނެ އެންމެ ފުރިހަމަ ނަސޭހަތްޕުޅުތައްކަމެވެ. މި ނަސޭހަތްޕުޅުތަކުގައިވަނީ ކުރައްވާންވީ މަސައްކަތްޕުޅެވެ. އެމަސައްކަތްޕުޅު ކުރައްވާއިރު އެމާތް ސާހިބާގެ ދިރިއުޅުއްވުން ހުންނާންވީ ގޮތްކޮޅެވެ. އެމާތް ސާހިބާގެ މުޢާމަލާތާއި ޚުލުޤުފުޅު ބަހައްޓަވާންވީ ގޮތްކޮޅެވެ. އެމަސައްކަތްޕުޅު ކުރައްވާއިރު ވިސްނުންފުޅު ގެންގުޅުއްވާންވީ ގޮތްކޮޅެވެ. ހަމައެފަދައިން ހަނދުމަފުޅު ކޮށްދެއްވީ މިމަސައްކަތްޕުޅަކީ ފިސާރި ތުރާ މަސައްކަތްޕުޅެއް ކަމެވެ. މަސައްކަތްޕުޅުގެ އެކި މަރްޙަލާތަކުގައި ކުރިމަތިލައްވާން ޖެހިވަޑައިގަންނަވާނެ އަފޫރުއްބަ ގޮންޖެހުންތަކާއި ފިތްކަނޑައިގެންދާފަދަ ބިރުވެރިކަމާއި ނުރައްކަލެވެ.

ވަޙީ މެދުކެނޑުނު ވާހަކައާއި އަލުން ފެށުނު ވާހަކަ ލިޔާއިރު ވަޙީގެ ބާވަތަކީ ކޮބައިކަމާއި ވަޙީ ބާވައިލެއްވޭގޮތާ ބެހޭގޮތުން ދެތިން ބަހެއްވިޔަސް ދަންނަވައިލުމަކީ މުނާސަބުކަމެކެވެ. ވަޙީއާ ބެހޭގޮތުން ސާފުކޮށް ޝަރަޙައެއް ލިޔުމަކީ އުނދަގޫ ކަމެކެވެ. އެހެނީ އެކަމުގެ ތަޖުރިބާގެ ތެރެއިން ވަޑައިގެންނެވިފައިވަނީ ހަމައެކަނި ނަބީބޭކަލުންނަށެވެ. އެހެން އެއްވެސް މީހަކަށް އެކަމުގެ ތަޖްރިބާ ޙާޞިލުވެފައިވުމަކީ ސުވާލެއްވެސް އުފެދޭކަމެއް ނޫނެވެ. މުޅީން މުސްތަޙީލު ކަމެކެވެ. خــاتــــم الــــرّســــل، صــلّـــــى اللّــــه عــلـيــــه وســلّـــــم އާ ހަމައިން ވަނީ ވަޙީ ބާވައިލެއްވުމުގެ ސިލްސިލާ އަބަދަށްޓަކައި މެދުކެނޑިފައެވެ.

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޞަޙާބީއެއް ވަޙީ ބާވައިލެއްވުމާ ބެހޭގޮތުން ކައުސާހިބާގެ އަރިހުގައި ސުވާލު ދެންނެވިއެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެ ސުވާލުގެ ޖަވާބު ދެއްވިއެވެ. އެ ޖަވާބުވަނީ ޞަޙީޙައިނީގައި ރައްކައުކުރެވިފައެވެ.

أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضــــى اللّــــه عــنـــهـــا ރިވާކުރައްވައިފައިވެއެވެ. حــارث بـــن هشـــام رضـــــى اللّـــه عــنـــــه ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ދެންނެވިއެވެ. އޭ މާތް اللّــــه ގެ ރަސޫލާއެވެ. ކަލޭގެފާނަށް ވަޙީ ލިބިވަޑައިގަންނަވަނީ ކޮންގޮތަކަށްތޯއެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސުކުރެއްވިއެވެ. "ބައެއްފަހަރު ވަޙީ އަންނަނީ ރަނގަބީލެއްގެ އަޑު ފަދައިންނެވެ. އަހުރެންގެ މައްޗަށް އެންމެ ބުރަވަނީ އެގޮތަށް އަންނަ ވަޙީއެވެ. ދެން ވަޙީ (އެވަގުތަށް) ހުއްޓިދެއެވެ. މަލާއިކަތާގެ ފަރާތްޕުޅުން އިވުނު ވަޙީ އަހުރެންގެ ހިތުގައި ހަރުލައެވެ. އަހަންނަށް ދަސްވެއެވެ. ބައެއްފަހަރު ވަޙީގެ މަލާއިކަތާ އާދަމުގެދަރިޔެއްގެ ސޫރައިގައި އަހުރެންގެ ގާތަށް ވަޑައިގަންނަވައެވެ. އަހުރެންނާ ވާހަކަފުޅު ދައްކަވައެވެ. އެ މަލާއިކަތާގެ ފަރާތްޕުޅުން އިވޭ ވާހަކަތައް އަހަރެން ހަނދާން ބަހައްޓަމެވެ."

أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضــــى اللّــــه عــنـــهـــا ވިދާޅުވެފައިވެއެވެ. "އަހަރެން ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ވަޙީ ލިބިވަޑައިގަންނަވާ މަންޒަރު ދުށީމެވެ. އެންމެ ފިނިމޫސުމުގައިވެސް ވަޙީ ރައްދުކުރައްވައިފައި ވަޙީގެ މަލާއިކަތާ ވަޑައިގެންނެވުމުން އެމާތް ސާހިބާގެ ނިތްކުރިފުޅުމަތީން ދާފޮދު ނުކުންނަތަން އަހަރެން ދެކެމެވެ."

މިތުރު ޞަޙާބީން رضـــــى اللّــــه عــنـــهـــــم ގެ ހާޒިރުގައިވެސް ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ވަޙީ އާދެއެވެ. ނަމަވެސް އެބޭކަލުންނަކަށް އެކަން ތަޖްރިބާ ކުރެއްވިފައެއް ނުވެއެވެ. އެހެންކަމުން އެބޭކަލުން ވަޙީއާ ބެހޭގޮތުން ވާހަކަފުޅެއް ނުދައްކަވައެވެ. ޝައްކެއްނެތެވެ. ވަޙީ ލިބިވަޑައިގަންނަވާ ވަގުތު އެމާތް ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ބޭރުފުށުގެ ހާލުކޮޅު ހުންނަގޮތްކޮޅު އެބޭކަލުން ބަޔާންކުރައްވައިފައިވެއެވެ.

عــبـــادة بـــن الـصّـامـت رضـــــى اللّــــه عــنـــــه ވިދާޅުވެފައިވެއެވެ. ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ވަޙީ ލިބިވަޑައިގަންނަވާ ވަގުތު އެމާތް ސާހިބާއަށް ވަރަށްބޮޑަށް ތަކުލީފު ލިބިވަޑައިގަންނަވައެވެ. މޫނުފުޅުގެ ކުލަކޮޅު ބަދަލުވެއެވެ. އެހެން ރިވާޔަތެއްގައިވެއެވެ. رســـول اللّــــه صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ވަޙީ ލިބިވަޑައިގަންނަވާ ވަގުތު އެމާތް ސާހިބާ އިސްތަށިފުޅު ތިރިކުރައްވައެވެ. އިސްދަށަށް ޖައްސަވައިލައްވައެވެ. ޞަޙާބީންވެސް އިސްދަށަށް ޖައްސަވައިލައްވައެވެ. ވަޙީ ލިބިވަޑައިގެން ނިމުމުން އިސްއުފުއްލަވައިލައްވައެވެ. (ޕޭޣަމްބަރެ އަޢުޒަމް ވަ އާޚިރު: ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر)

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މުހިންމަތުގެ ނަމަކީ އިސްލާމެވެ. އިސްލާމްދީނެވެ. އެދީން ފެތުރުއްވުމެވެ. އެ މުހިންމަތުގައި އިންސާނިއްޔަތުގެ ކުރިމައްޗަށް ހުށަހެޅުއްވީ ހިތުން ތެދުކޮށް ޝައްކުކަމެއްނެތި ޤަބޫލުކުރާންޖެހޭ ކަންތައްތަކާއި ބޯލަނބައި ކިޔަމަންވެ ޢަމަލުކުރާންޖެހޭ ކަންތައްތަކެކެވެ. އޭގެތެރެއިން އެންމެ އިސްކަމަކީ މާތް اللّــــه އެއްކައުވަންތަ ކުރުމެވެ. ތައުޙީދެވެ.

ރަޙްމަތުގެ ނަބިއްޔާގެ މުހިންމަތުގެ އެންމެފުރަތަމަ އަމުރުފުޅަކީ މާތް اللّــــه އެއްކައުވަންތަ ކުރުމެވެ. އެކަލާނގެ ރަސްކަންފުޅަށް އެއްވެސް ބައިވެރިޔަކު ނުވާކަމެވެ. އުޑުތަކާއި ބިންތަކުގެ މައްޗަށްވަނީ އެކަލާނގެ ކައުވަންތަ ރަސްކަންކަމެވެ. އިރުއަރައި އޮއްސެނީ އެކަލާނގެ އަމުރުފުޅަށް ކަމެވެ. އުޑުތައްވަނީ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ ތަސްލީމުކޮށްގެން ކަމެވެ. ބިމުގެ ކަންތައް ހިނގަނީ އެކަލާނގެ އެންގެވުންތަކާ އެއްގޮތަށް ކަމެވެ. އުޑުން ވާރޭ ވެއްސަވަނީ އެކަލާނގެ ކަމެވެ. ބިމުން ގަސްގަހާގެހި ފަޅައި މަލާއި މޭވާ އަޅަނީ އެކަލާނގެ އިރާދަފުޅުން ކަމެވެ. ކަނޑުތަކާއި ކޯރުތައް ހިންގަވައި ފަރުބަދަތައް ޤާއިމުކުރެއްވީ އެކަލާނގެ ކަމެވެ. އެކަލާނގެ ރަސްކަންފުޅަށް ބަފައިކަލަކު މައިކަނބަލަކު ނުވާކަމެވެ. އަނބިކަނބަލަކު ނުވަތަ ދަރިކަލަކު ވުމުން އެކަލާނގެ ހުސްދުރުވެވޮޑިގެންވާ ކަމެވެ. އިންސާނާއަށް ކުރިމަތިވާ ކޮންމެ މޮޅިވެރިކަމަކާއި ހިތާމައަކާއި ހެޔޮކަމަކާއި އުފާވެރިކަމެއް ގުޅިފައިވަނީ އެކަލާނގެ ތަޤްދީރުފުޅާ ކަމެވެ. އިސްލާމްދީނުގެ މި ޢަޤީދާގެ ނަމަކީ ތައުޙީދެވެ. (لاَاِلَــهَ اِلاَّ اللَّـــهُ مُـحَــمَّــــدٌ رَّسُـــــولُ اللَّـــهِ އެވެ.)

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.