މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
އިންސާނާއަކީ މި ދުނިޔޭގެ ދިރިއުޅުގައި ފުރިހަމަ މިނިވަނެކެވެ. މި ދިރިއުޅުމުގައި ﷲއަށް ޝުކުރުވެރިވާ މީހަކު ކަމުގައި ވެއްޖެނަމަ އޭނާއަށް އޮތީ ސުވަރުގެއެވެ. ޝުކުރުވެރިނުވާ ނަމަ އޮތީ ނަރަކައެވެ.
ކީރިތި ޤުރްއާނުގެ 76 ވަނަ ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [ނަންގަނެވިގެންވާ އެއްޗެއްކަމުގައި އިންސާނާ ނުވާ ޒަމާންތަކެއް، އެ އިންސާނާގެ މައްޗަށް އައިކަން ކަށަވަރެވެ. ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައެވެ. ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ ޝުކުރުވެރިވުމަށްޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، ކާފިރުވުމަށްޓަކައެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކާފިރުންނަށްޓަކައި ހިލިހިލާތަކާއި، ކަސްތޮޅުތަކާއި، އަނދައަނދާ ހުންނަ ނަރަކަ، ތައްޔާރުކުރެއްވީމެވެ. ހަމަކަށަވަރުން، ހެޔޮލަފާ މީހުން ރާތަށްޓަކުން ބޯނެތެވެ. އެއާ އެއްކުރައްވާފައިވާ އެއްޗަކީ، ކާފޫރު ކަމުގައިވިއެވެ. އެއީ ﷲގެ (ހެޔޮލަފާ) އަޅުން އެއިން ބުއިމަށްވާ ފެންއާރެކެވެ. އެއުރެން ބޭނުންގޮތަކަށް އެއިން ފެންއަރުވާނެތެވެ. އެއުރެން ނަދުރު ފުއްދަތެވެ. އަދި އެދުވަހެއްގެ ނުރައްކާތެރިކަން ފެތުރިގެންދާ ދުވަހަކަށް (އެބަހީ: ޤިޔާމަތްދުވަހަށް) އެއުރެން ބިރުވެތިވެތެވެ. އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، މިސްކީނުންންނާއި، ޔަތީމުންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ. (ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲގެ ވަޖުހުފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ. ހަމަކަށަވަރުން، އެދުވަހެއްގައި، މޫނުތައް ގަދަފަދަގޮތެއްގައި ފުސްވެގެންވާ ދުވަހަކާމެދު، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން ބިރުވެތިވަމުއެވެ. ފަހެ، އެދުވަހުގެ ނުބައިކަމުން ﷲ، އެއުރެން ރައްކާތެރި ކުރެއްވިއެވެ. އަދި މޫނު އަލިކަމާއި، އުފާވެރިކަން އެއުރެންނަށް ދެއްވިއެވެ. އެއުރެން ކެތްތެރިވިކަމަށްޓަކައި، ޖަޒާއެއްގެ ގޮތުގައި އެއުރެންނަށް ސުވަރުގެއާއި، ފަށުއި ފޭރާން ދެއްވިއެވެ.] (އަލްއިންސާން: 1-12)
އިންސާނާ ހެއްދެވުމަށް ފަހު ﷲ ވަނީ އޭނާއަށް ދެ މަގެއް ދައްކަވައިފައެވެ. އެއް މަގަކީ ޝުކުރުވެރިވުމުގެ މަގެވެ. އަނެއް މަގަކީ ޝުކުރުވެރި ނުވުމުގެ މަގެވެ. މި ދެ މަގުން މަގެއް ޚިޔާރު ކުރުމަކީ އިންސާނާއަށް ދެއްވައިފައިވާ އިޚްތިޔާރެކެވެ. ޝުކުރުވެރި ނުވުމުގެ މަގު ޚިޔާރު ކުރާ މީހާއަށް އާޚިރަތް ދުވަހުން އޮތީ ނަރަކައިގެ ވޭންދެނިވި ޢަޒާބެވެ. ޝުކުރުވެރިވުމުގެ މަގު ޚިޔާރު ކުރާ މީހާއަށް އޮތީ ސުވަރުގޭގެ ނިޢުމަތެވެ.
ﷲއަކީ ކޮބައިކަން ދެނެގަނެ މަޢުރިފާކޮށްގަންނަ މީހާއަށް ހުރިހައި ޙަޤީޤަތެއް ދެނެގަތުމުގެ މަގު ހުޅުވިގެން ހިނގައިދެއެވެ. ﷲ ތަޢާލާގެ ޢިލްމާއެކު އޭނާގެ މައްޗަށް އެހެން ހުރިހައި ޢިލްމެއްގެ ދޮރުވެސް ހުޅުވިގެން ހިނގައިދެއެވެ. އެއްކޮޅުން ﷲ ތަޢާލާ މަޢުރިފާ ކުރެވުމާއެކު އޭނާ ބަދަލުވެގެން ދަނީ އެންމެ ފުރިހަމަ މާނައިގައި ޙަޤީޤަތް ގަބޫލުކުރާ މީހަކަށެވެ. ވުމާއެކު ﷲގެ ހުރިހައި ޙައްޤެއް އަދާކުރުމާއެކު އިންސާނުންގެ ޙައްޤުތައް އަދާކުރުމުގެ ގާބިލުކަންވެސް އޭނާއަށް ލިބިގެން ހިނގައިދެއެވެ.
ފިޠުރަތާއި ޝަރީޢަތާ ދެމެދު ޙަޤީޤަތުގައި އެއްވެސް ތަފާތެއް ނެތެވެ.
