
މުޅި ދުނިޔެއަށް މަޝްހޫރު ޓާޓާ ކުންފުނީގެ ޗެއަރމަން ކަން ދެފަހަރެއްގެ މަތިން ކުރެއްވި ރަޓަން ޓާޓާ އަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑެތި ވިޔަފާރި ހިންގެވުމުގައި މަޝްހޫރު ބޭފުޅެކެވެ. މަތީ ތައުލީމު ހޯއްދެވީ ނިއުޔޯކުގައި ހުންނަ ކޯނެލް ޔުނިވަރސިޓީންނެވެ. އިންޖިނޭރު ކަމުގެ ގެދޮރު ފަރުމާކުރުމުގެ ގޮފިންނެވެ. މިއަހަރު އޭނާގެ އުމުރުފުޅުން 86 ފުރޭނެއެވެ.
އެއްފަހަރަކު ނޫސްވެރިޔަކު ސުވާލެއް ދެންނެވިއެވެ. "އެންމެ ބޮޑު އެންމެ ފުން އުފާވެރިކަމެއް މަނިކުފާނަށް ލިބިވަޑައިގަތީ ކޮންކަމަކާ ގުޅިގެންތޯއެވެ؟"
މިސްޓަރ ޓާޓާ ކުޑަ އިރުކޮޅަކު ހިމޭނުން އިންނަވާފައި ވިދާޅުވިއެވެ. "އަހަރެންގެ އުމުރުގައި ތަފާތު ހަތަރު ދުވަސްވަރެއްގައި އުފާވެރިކަން އިހްސާސް ކުރެވުނެވެ. އެންމެ ފުރަތަމަ އުފާވާން ފެށީ އާއިލީ ކުންފުންޏާ ގުޅި ކުންފުންޏަށް ބޭނުންވާ މުދަލާއި މާއްދީ ތަކެތި ހިތުލީ މިންވަރަކަށް އިތުރު ވިޔަފާރި ކުރުމަށް ގަނެވެން ފެށުމުންނެވެ. ނަމަވެސް އެ އުފަލަކީ މާ ދިގު މުއްދަތަކަށް ދެމިގެންދިޔަ އުފަލެއް ނޫނެވެ. އަދި އެއީ މާ ފުން އުފަލެއްކަމުގައިވެސް ބެލެވޭކަށް ނެތެވެ.
ދެން އައީ އަހަރެންގެ އަމިއްލަ ޒާތީ އުފަލަށް ބޭނުން އެއްޗެއް ހޯދައި ލިބިގަތުމުގެ ތަނަވަސް ކަމެވެ. މިހެން ގަންނަ ކޮންމެ އެއްޗަކީ އާކަން ކެނޑި ބާވާ ތަކެއްޗެވެ. ފެޝަން ގެއްލޭނެއެވެ. ނުވަތަ އެއަށްވުރެ މޮޅު އެއަށްވުރެ އަގުބޮޑު އެއްޗެއް ދާދި އަވަހަށް ބާޒާރަށް ނެރޭނެއެވެ. މިއީވެސް ހަމަ ވަގުތީ އުފަލެކެވެ. މަތިމަތިން އިހްސާސްވާ ވަގުތީ ހިތްހަމަޖެހުމެކެވެ.
ތިންވަނަ ދުވަސްވަރަކީ މުޅި އިންޑިޔާ އާއި އޭޝިޔާގައި ހުރި ދަގަނޑާއި އެކަތަ އުފައްދާ އެންމެ ބޮޑު ކާރުޚާނާ އަކީ އަހަރެންގެ އަމިއްލަ ކާރުޚާނާއެއް ކަމުގައި ވީ ދުވަސްވަރެވެ. އެއީ ވަރަށް ބޮޑު ޝަރަފެއްކަމުގައި ދުށީމެވެ. މި ބުނެވުނު ބޮޑު ކާރުޚާނާ އަމިއްލަވުމުން ވެސް ހިތްހަމަޖެހުމެއް ނުވަތަ ބޭނުންވެގެން ހުރި އުފާވެރިކަމެއް އިހްސާސެއް ނުވިއެވެ!
ދެން ވިޔަފާރީގެ ބުރަ މަސައްކަތުގައި އުޅެނިކޮށް އަހަރެންގެ ވަރަށް ގާތް ރައްޓެއްސަކު އެދުނީ ނުހިނގޭ ކުދިންނަށް ފުރޮޅުލީ ދުއިސައްތަ ގޮނޑި ގެންދިނުމަށެވެ. އަހަރެން އެކަން ކޮށްދީފާނަމޭ ބުނުމުން އެވަރަކުން އަދި އޭނާ ހުއްޓައެއް ނުލައެވެ. އޭނާ ބޭނުންވީ އޭނާ އާއެކު އަހަރެން ގޮސް އެ ނުހިނގޭ ކުދިންނަށް އަމަލީ ގޮތުން އެ ގޮނޑިތައް ހަދިޔާ ކުރާށެވެ.
އެކުދިން ދިރިއުޅޭ ހިސާބަށް ގޮސް އެ ދުއިސައްތަ ގޮނޑި ހަދިޔާ ކުރަން ފެށުމާއެކު އެކުދިންގެ މޫނުމަތިން ފެންނަން ފެށީ އެކުދިންނަށް ލިބުނު ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ފެންނަ އުފާވެރި މަންޒަރުން އަހަންނަށް ލަފާ ކުރެވުނު ގޮތުގައި އެކުދިންނަށް އެދުވަހުގެ ކުރިން ދުވަހަކުވެސް އެވަރުގެ ހަދިޔާއެއް ލިބިފައެއް ނެތެވެ.
މިހެން، ފަހަރަކު ކުއްޖަކަށް ފުރޮޅުލީގޮނޑިޔެއް ހަދިޔާ ކުރަމުން ދިޔުމުގެ ތެރޭގައި އެއްކުއްޖަކު، އިންޑިޔާގެ އާދަކާދައިގެ މަތީން އަހަންނަށް އިޙްތިރާމް ކުރުމުގެ ގޮތުން އަހަރެންގެ ފައިގައި އޭނާގެ އަތުން ހިފައިފިއެވެ. އަވަހަށް ދޫކޮށްލާތޯ އިޝާރާތެއް ކުރުމުންވެސް އޭނާ އަހަރެންގެ ފައިގައި އަދި މާ ބާރަށް ހިފަހައްޓައި ފައިން ދުލެއް ނުކުރިއެވެ. ދޫނުކޮށް މާ ބާރަށް ހިފަހައްޓައިގެން ހުންނާތީ އަހަރެން އަހައިލީމެވެ. "އިތުރު އެއްޗެއް ބޭނުން ހެއްޔެވެ؟"
އެކުއްޖާ އެހަރެންގެ މޫނަށް ބަލާލައިފައި ބުންޏެވެ. "އަޅުގަނޑު ބޭނުންވަނީ މަނިކުފާނުގެ މޫނަށް އިރުކޮޅަކު ބަލާލައި ތިޔަ ހިތްހެޔޮ މޫނު އަޅުގަނޑުގެ ހިތުން ނުފިލާވަރަށް ހިތުގައި ބިންވަޅުނެގޭވަރަށް ދަސްކުރާށެވެ. އެއީ، ފަހުން ސުވަރުގެއިންވެސް މަނިކުފާނާއި ބައްދަލުވެއްޖެ ނަމަ އަޅުގަނޑަށް މަނިކުފާނު ފާހަގަވާވަރަށް މަނިކުފާނުގެ މޫނު ދަސްކޮށް ސުވަރުގޭގައިވެސް އަދި އެއްފަހަރު މަނިކުފާނަށް ޝުކުރު އަދާކުރާށެވެ!"
އެ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިސްޓަރ ރަޓަން ޓާޓާ ވިދާޅުވިއެވެ. "ހަތަރުވަނަ ފަހަރަށް އުފާވެރިކަމެއް ލިބުނީ އެދުވަހުއެވެ. ނަމަވެސް މިފަހަރު ލިބުނު އުފާ، މާ މާނަފުންވެފައި އެ އުފާވެރި ހަނދާން އަހަރެންގެ ހިތުން ދުވަހަކުވެސް ނުފިލާނެއެވެ."
ހަގީގަތުގައި އުފާވެރިކަމަކީ އެހެންމީހެއްގެ ދަތިކަން ފިލުވައިދިނުމުން ލިބޭ ހިތްހަމަޖެހުމެވެ. އަދި އެ ކޮށްދިން ކަންތައް އަނެއްމީހާގެ ހިތުގެ އަޑިން ބަލައިގެންފިނަމަ އެއީ ވަރަށް ބޮޑު އުފަލެކެވެ. އަޅުގަނޑުމެން މިދުނިޔެ ދޫކޮށް ދާއިރު ގެންދާނީ ފަހެ ކޮން އެއްޗެއްތޯއެވެ؟
