މުސްލިމުންނަށް ކުރިމަތިވެދާނެ ފިތުނަތަކުން ސަލާމަތްވުމަށްވަނީ އިންޒާރުދެއްވާފައި

ދިރިއުޅުމުގެ މައިދާނުގައި އިންސާނުންގެ ޢަމަލުތައް ހުންނަގޮތެއްގެމަތިން އެބައިމީހުންނަށް އެކިކަހަލަ ކަންތައްތައް ތަޖުރިބާކުރަން ޖެހެއެވެ. މީސްތަކުންގެ ޢަމަލުތައް އިސްލާމްދީނުގެ ސާފުސީދާ އުސޫލުތަކާ އެއްކިބާވެގެން ދިޔުމަކީ اللَّهُގެ ކޯފާއާއި ޢަޛާބު އެކި ސިފަސިފާގައި ކުރިމަތިކުރައްވާ ކަމެކެވެ. ވޭތިވެދިޔަ އުއްމަތްތަކުގެ ތާރީޚު ދިރާސާކޮށްފި ކޮންމެ މީހަކަށް، ވަރަށް ސާފުކޮށް މިކަން ފެންނާން އެބައޮތެވެ.

ގިނަފަހަރަށް اللَّهُގެ ޙަޟުރަތުން ކުރިމަތި ކުރައްވާ ފިތުނައެއް ނުވަތަ މުސީބާތެއްގައި ހައްޔަރުވެ، އެކަމުގެ ގެއްލުން އުފުއްލަން ޖެހެނީ اللَّهُގެ އަމުރުފުޅުތަކަށް އުރެދި ނުކިޔަމަންތެރިވަމުންދިޔަ މީހުން އެކަންޏެއް ނޫނެވެ. އެފަދަ ކަމެއް މެދުވެރި ކުރައްވާހިނދު، ޢާއްމުކޮށް އެންމެހައި މީސްތަކުންނަށް އެކަން އުފުއްލަން ޖެހިދެއެވެ. އެހެންކަމާއެކު އެފަދަ ކަމެއް ކުރިމަތިވެދާނެކަމަށް ބިރުވެތިވެ، ނަހީކުރެއްވި ކަންކަމާ ދުރުވެ ރައްކާތެރިވުމަށް އެންމެހައި މީސްތަކުންނަށް އަންގަވާފައި ވެއެވެ.

މާތް اللَّهُ ވަޙީކުރައްވާފައިވެއެވެ.

{وَاتَّقُوا فِتْنَةً لَّا تُصِيبَنَّ الَّذِينَ ظَلَمُوا مِنكُمْ خَاصَّةً ۖ وَاعْلَمُوا أَنَّ اللَّـهَ شَدِيدُ الْعِقَابِ.} (الأنفال: ٢٥)

މާނައީ: {އަދި ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ފިތުނައައިސް ޖެހިދާހުށީ، ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަންޏެއްނޫނެވެ. އަދި ހަމަކަށަވަރުން، اللَّهُއީ، ޢުޤޫބާތް ގަދަފަދަވެގެންވާ ކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!}

މީސްތަކުންގެ ޢަމަލުތައް އިޞްލާޙުކޮށް، ކުރެވެމުންދާ ނުރަނގަޅު ކަންކަމުން އެއްކިބާވުމަށް އިރްޝާދު ދެއްވައި ރަސޫލު اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.

{بَادِرُوا بِالْأَعْمَالِ، فِتَنًا كَقِطَعِ اللَّيْلِ الْمُظْلِمِ، يُصْبِحُ الرَّجُلُ مُؤْمِنًا وَيُمْسِي كَافِرًا، أَوْ يُمْسِي مُؤْمِنًا وَيُصْبِحُ كَافِرًا، يَبِيعُ دِينَهُ بِعَرَضٍ مِنَ الدُّنْيَا.} (رَوَاهُ مُسْلِمُ)

މާނައީ: ރަސޫލު اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {އަނދިރި ރޭގަނޑެއްގެ އަނދިރިތައްފަދައިން ފިތުނަތައް ކުރިމަތި ވުމުގެ ކުރިން ތިޔަބައިމީހުން ހެޔޮ ޢަމަލުތައް ކުރުމުގައި އަވަސްވެގަންނާށެވެ! އެ ދުވަސް ކުރިމަތިވާހިނދު، މުއުމިނަކުކަމުގައިވެހުރެ ފަތިސްކުރާ މީހާ ހަވީރުކުރާނީ ކާފިރަކުކަމުގައިވާ ޙާލުގައެވެ. ނުވަތަ މުއުމިނަކުކަމުގައިވެހުރެ ހަވީރުކުރާ މީހާ ފަތިސްކުރާނީ ކާފިރަކު ކަމުގައިވާ ޙާލުގައެވެ. އެހިނދު، ދުނިޔޭގެ މަދު އެތިކޮޅަކަށްޓަކައި އެއުރެންގެ ދީން ވިއްކައިލާހުއްޓެވެ.}

މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި މީސްތަކުންނަށް ތަޖުރިބާކުރަން ޖެހިފައިވަނީ މިފަދަބޮޑު ފިތުނަވެރިކަމެކެވެ. މުޅި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކޮރަޕްޝަނާއި ފަސާދަ ޢާއްމުވެފައިވާ މިންވަރަކީ، ކިތަންމެ ކުޑަކުޑަ ކަމެއް ވެސް ހަދިޔާއެއް، ސަޔެއް ދިނުމަކާނުލައި ކުރެވެން ނެތޭހިސާބަށް ކަންތައްތައް ދިޔުމެވެ. މުސްލިމު ޤައުމުތަކުގައި ވެސް ކަންހުރީ އެފަދަ ގޮތަކަށެވެ. އެފަދަ ކަމެއް ކުރާހިނދު ތިމާއަށް މި ކުރެވެނީ ދީނުގައި ކިހާބޮޑަށް ނަހީކުރައްވާފައިވާ ކަމެއްކަން ގަބޫލުކުރާކަށް އެކަކު ވެސް ބޭނުމެއް ނުވެއެވެ. ނަތީޖާއަކަށްވަނީ ޙައްޤުތައް ގެއްލިގެން ދިޔުމެވެ. ނާޖާއިޒު ފައިދާނެގުމަށް ޖެހިލުންވުމެއް ނެތުމެވެ. މުޖުތަމަޢުގެ ހަމަޖެހުން ގެއްލިދިޔުމެވެ. މި ހުރިހާ ކަމެއްގެ އިތުރަށް اللَّهُގެ ކޯފާ ދުނިޔެއާއި އާޚިރަތުގައި އެބަޔަކަށް ޙައްޤުވުމެވެ.

އަލްއިމާމު އަޙްމަދު މި ޙަދީޘްނެރުއްވާފައިވާ ރިވާޔަތުގައިވެއެވެ.

{الْمُتَمَسِّكُ يَوْمَئِذٍ بِدِينِهِ كَالْقَابِضِ عَلَى الْجَمْرِ.} (رَوَاهُ أَحْمَدُ)

{އެ ދުވަހުން އެ މީހެއްގެ ދީނުގައި ސާބިތުވެ ހުންނަ މީހެއްގެ މިސާލަކީ، އަނގުރު އަލިފާންގަނޑެއްގައި ހިފަހައްޓާ މީހެއްފަދައެވެ.} މާނައަކީ ދީނުގެ ކަންކަމަށް މީސްތަކުން ފަރުވާކުޑަކޮށްލާފައިވާލެއް ބޮޑުކަމާހުރެ، އިސްލާމް ދީނުގެ ސާފުސީދާ އުސޫލުތަކުގައި ހިފަހައްޓަން ބޭނުން މީހަކަށް އެއީ އަނގުރު އަލިފާންގަނޑެއްގައި ހިފެހެއްޓުންހާ އުނދަގޫ ކަމެއްކަމުގައި ނޫނީ ނުވާނެއެވެ.

މިއަދު މީސްތަކުން ތަޖުރިބާކުރަމުންދަނީ މިފަދަ ޙާލަތެކެވެ. اللَّهُތަޢާލާ މުސްލިމުތަކުންނަށް ތެދުމަގުދައްކަވައި މިފަދަ ނިކަމެތިކަމުން އަޅަމެން ސަލާމަތްކުރައްވާށިއެވެ. އާމީން!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.