ޝައްވާލު މަހުން ހަރޯދަ ހިފުމުގެ މާތްކަން

މީހާގެ ހަށިގަނޑު އުރެދުންތަކުން ސާފު ކުރުމަށާއި ޠާހިރު ކުމުމަށް ﷲ އަޅުކަން ޝަރުޢު ކުރެއްވިއެވެ. ގިނައިން އަޅުކަން ކުރި ވަރަކަށް އަޅާ އިސްލާހުވެ ﷲ އާ ކުއްތަންވުން ހާސިލު ކުރެވެއެވެ. މީހާގެ ހިތް ހަރުކަށިވެ ފާފަކުރުން ގިނަވަނީ އަޅުކަމާއި ދުރު ވުމުންނެވެ.

ތަފާތު ވަގުތު ތަކުގައި އަޅުކަމުގެ މޫސުންތައް އާދެއެވެ. ރޯދަމަސް ނިމުމުން ޝައްވާލުމަސް އާދެއެވެ. އެއީވެސް ބަރަކާތްތެރި މައްސަރެކެވެ. އަޅުކަމުގެ މައްސަރެކެވެ. އެއީ ހައްޖުގެ އަޅުކަން ފެށޭ މައްސަރެވެ. އެމަހުގެތެރެއިން ހަދުވަހު ރޯދަ ހިފުން ވެއެވެ. އެހަރޯދަ ހިފުމަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. ނަމަވެސް އެހަރޯދައިގެ މާތްކަން ވަރަށް ބޮޑެވެ. އޭގެ އަޖުރުވެސް ބޮޑެވެ. އެކަން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ގެ ސައްހަ ޙަދީޘް ތަކުން ސާބިތު ވެއެވެ.

ފާފަތަކުން ޠާހިރުވެ ފާފަތަކުގެ ނުބައި ކަމުންންނާއި ނަފްސުގެ ބަލިތަކުން މީހާ ސަލާމަތް ކޮށްދޭ އެންމެ ބޮޑުހަތިޔާރަކީ ރޯދައެވެ. ރަމަޟާން މަހުގެ ފަރުޟު ރޯދަ ހިފައި ނިމުމުން ޝައްވާލު މަހުގެ ތެރެއިން ހަރޯދަ ހިފުމަށް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ވަނީ ހިތްވަރު ދެއްވާފައެވެ. އެކަލޭގެފާނު އުއްމަތަށް ހަރޯދަ ހިފުމަށް އަންގަވާފައިވާ އެންގެވުމުން އޭގެ މާތްކަމާއި އިތުރުކަން އެނގެއެވެ.

ޝައްވާލަ މަހުން ހަރޯދަ ހިފުމަކީ މުއުމިން އަޅާ ލިބިގަންނަ ރަނުގެ ފުރުސަތެކެވެ. ހަމަކަށަވަރުން  އެމަހު ހަރޯދަ ހިފުމަށް އުއްމަތަށް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ވަނީ ހިތްވަރު ދެއްވާފައެވެ. ޝައުޤުވެރި ކުރުވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ. (رَوَاهُ مُسْلِمٌ) މާނައީ: {ރަމަޟާންމަހު ރޯދަ ހިފުމަށްފަހު، އެއާ ވިދިގެން ޝައްވާލު މަހުގެ ހަދުވަހު ރޯދަހިފައިފި މީހާ ދަންނާށެވެ! އެއީ މުޅި އަހަރުދުވަހު ރޯދަހިފުމެކޭ އެއްފަދަކަމެކެވެ.}

ރޯދަ މަހުގެ ރޯދަ ފުރިހަމަ ކުރުމުގެ ތައުފީޤު ﷲ ދެއްވިކަމަށްޓަކައި ﷲ އަށް ޝުކުރު އަދާކުރުމުގެ ގޮތުން ޝައްވާލު މަހުން ހަރޯދަ ހިފުން ވެއެވެ. އަދި އެއީ އަޅުކަން ކުރުމުގައި އަޅާ ﷲ އަށް ލޯބި ކުރާ ކަމާއި ހެޔޮ ޢަމަލުތައް ކުރުންމަތީ ދެމިހުރުމަށް ޝައުޤުވެރިވާ ކަމުގެ ދަލީލެއްވެސް މެއެވެ.

ރޯދަ މަހުގެ ރޯދަ ﷲ ޤަބޫލު ކުރައްވާކަމުގެ ހެއްކެއްގެ ގޮތުގައި ޝައްވާލު މަހުގެ ހަރޯދަ ހިފުން ވެއެވެ. އަދި ރޯދަމަހު ރޯދަ ހިފައިގެން ހުންނަ ވަގުތު ކުރެވިފައިވާ އުނިކަންތައް ފުރިހަމަ ކޮށްދެނީވެސް މިހަރޯދައެވެ.

ޝަޢުބާން މަހާއި ޝައްވާލު މަހުގެ ރޯދަހިފުން ވެފައިވަނީ ފަރުޟު ނަމާދުތަކުގައި ރަވާތިބު ސުންނަތް ކުރުންފަދަ ކަމަކަށެވެ. ރަވާތިބު ސުންނަތްވެސް ނަމާދުގައި ކުރެވޭ އުނިކަންތައް ފުރިހަމަ ކޮށްދެއެވެ. ފަރުޟު ރޯދަ ހިފައިގެން ތިބޭ އިރުވެސް ރޯދައާއި ނުގުޅޭ ކަންތަކާއި އުނިކަންތައް ކުރެވިފައި ހުންނާނެއެވެ. އެކަންތައް ފުރިހަކުރަން ބޭނުން ވާއިރު އެކަންތައް ފުރިހަމަ ކޮށްދެނީ  ރަސޫލާގެ ޙަދީޘްފުޅުން އެނގޭ ގޮތުގައި މިސުންނަތް ރޯދައެވެ. إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ القِيَامَةِ مِنْ عَمَلِهِ صَلاَتُهُ، فَإِنْ صَلَحَتْ، فَقَدْ أَفْلَحَ وَأَنْجَحَ، وَإِنْ فَسَدَتْ، فَقَدْ خَابَ وَخَسِرَ، فَإِنِ انْتَقَصَ مِنْ فَرِيْضَتِهِ شَيْئًا، قَالَ الرَّبُّ عَزَّ وَجَلَّ: انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ، فَيُكَمَّلُ مِنْهَا مَا انْتَقَصَ مِنَ الْفَرِيضَةِ؟ ثُمَّ تَكُونُ سَائِرُ أَعْمَالِهِ عَلَى هَذَا.  (رَوَاهُ التِّرْمِذِيُّ، وَقَالَ حَدِيْثٌ حَسَنٌ {ހަމަކަށަވަރުން، ޤިޔާމަތް ދުވަހުން އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭހުށީ، އޭނާގެ ނަމާދާއިމެދުގައެވެ. ފަހެ، އެނާގެ ނަމާދު ރަނގަޅު ވެއްޖެނަމަ، (އެބަހީ: އޭނާ ފުރިހަމަގޮތުގައި ރަނގަޅަށް ނަމާދު ކޮށްފައިވާނަމަ) ހަމަކަށަވަރުން، އޭނާ ކާމިޔާބުވެ، ނަޖާވާހުއްޓެވެ. އަދި އެނަމާދު ފާސިދުވެއްޖެނަމަ، ފަހެ، ހަމަކަށަވަރުން، އޭނާ ނާކާމިޔާބުވެ، އަބާއްޖަވެރިވާހުއްޓެވެ. ފަހެ، ﷲ ފަރުޟު ކުރެއްވި ކަމަކުން އެއްޗެއް އުނިވެފައިވާނަމަ، މަތިވެރިވަންތަ ރައްބު (މަލާއިކަތުންނަށް) ވަޙީކުރައްވާހުއްޓެވެ. {ތިމަންރަސްކަލާނގެ އަޅާގެ އިތުރު ހެޔޮކަމެއްވޭތޯ ތިޔަބޭކަލުން ބައްލަވާށެވެ! އަދި ފަރުޟުގެ ތެރެއިން އުނިވެފައިވާ ތަން، އެއިން ފުރިހަމަ ކުރައްވާށެވެ.} ދެން މިފަދައިން އެހެން ކޮންމެ ޢަމަލަކާ މެދުގައި ވެސް ބެއްލެވޭހުއްޓެވެ.}

ރަމަޟާން މަހަށްފަހު ރޯދަ ހިފުމަށް އާދަ ވުމަކީ ރަމަޟާން މަހުގެ ރޯދަ ﷲ ޤަބޫލު ކުރެއްވި ކަމުގެ ދަލީލެކެވެ. ﷲ އަޅާގެ ކިބައިން އަމަލެއް ގަބޫލު ކުރައްވައިފިނަމަ  އެއަމަލެއްގެ ފަހުންވެސް ހެޔޮ އަމަލު ކުރުމަށް ތައުފީގު ދެއްވާނެއެވެ.

އޭނާގެ އިސްވެދިޔަ ކުދި ފާފަތައް ރަމަޟާން މަހު ރޯދަ ހިފުމުގެ ސަބަބުން ފުއްސަވާނެ ކަމަށް ރަސޫލާ e ވަނީ އެކަލޭގެފާނުގެ ޙަދީޘްފުޅުން އަނގަވާފައެވެ. އަދި އީދު ދުވަހަކީ ރޯދަ ވެރިންގެ އަޖުރު ފުރިހަމަ ކުރައްވާ ދުވަހެވެ. އީދު ދުވަހަކީ އިނާމުގެ ދުވަހެވެ. ﷲ މިނިއުމަތްތައް ފުރިހަމަ ކޮށް ދެއްވައި އަޅާގެ ފާފަ ފުއްސަވައި ދެއްވުމުން ހަދުވަހު ރޯދަ ހިފުމަކީ އެދެއްވި ނިއުމަތްތަކަށް ޝުކުރު އަދާކުރުމެވެ. ﷲ އަޅާގެ ފާފަ ފުއްސަވައި ދެއްވުމަކީ އެންމެ ބޮޑު ނިއުމަތެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ރޭއަޅުކަމުގައި ގިނަވަގުތު ގިޔާމަށް ހުންނެވުމުގައި، އެކަލޭގެފާނުގެ ދެފައިންޕުޅު ދުޅަވަންދެން ހުންނަވައެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. ކަލޭގެފާނު ތިޔަހެން ތިޔަހައްދަވަނީ ކީއްވެތޯއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ އެންމެހައި ފާފައެއް ﷲ ވަނީ ޢަފޫކޮށްދެއްވައިފައި ނޫންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. {ޝުކުރުވެރިވާ އަޅަކުކަމުގައި ވެވަޑައިގަތުމަށް ތިމަންކަލޭގެފާނު ލޯބިނުކުރައްވާނެ ހެއްޔެވެ؟ ސުބުޙާނަﷲ

ޝައްވާލު މަހުގެ ހަރޯދަ ވިދިވިދިގެން ހިފިދާނެއެވެ. އަދި ވަކިވަކިންވެސް ހިފިދާނެއެވެ.

ވިދިވިދިގެން ނޫނީ ފަސޭހަވާ ގޮތަކަށް ވަކިވަކިންވެސް ހަރޯދަ ހިފިދާނެއެވެ. ގެޔަށް މެހުމާނުން އައުންފަދަ  ދިމާވާ މުހިންމު ކަމެއްގެ ސަބަބުން ރޯދަ ހިފުން ލަސްކުރުމަކީ މައްސަލައެއް ނޫނެވެ. ހަމަ އެފަދައިން ހަނދުމަހުގެ ހުދު ދުވަސްތަކާއި (އެބަހީ 13،14،15 މިތިންދުވަހެވެ.) އަދި ހޯމަ ބުރާސްފަތި މިދުވަސްތަކާއެކު ދެއަޖުރު ލިބިގަތުމަށް ނިޔަތްގަނެ ރޯދަ ހިފިދާނެއެވެ. އެދެއަޖުރު ﷲ ދެއްވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.