
މި މާތް ޞަޙާބީ އަކީ حسان بن ثابت بن المنذر الخزرجي الأنصاري އެވެ. ކުންޔާ އަކީ އަބުލްވަލީދެވެ. އިސްލާމް ދިނަށްޓަކައި ކުރައްވާފައިވާ ޚިދުމަތްފުޅުތަކުގެ ސަބަބުން މަތިވެރި މަޤާމެއް ދެވިފައިވާ ބޭކަލެކެވެ. އެހެންވެ އެކަލޭގެފާނަށް شاعر الرسول حسان بن ثابت (ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޅެންވެރިޔާ) رضي اللَّه عنه ގެ ލަޤަބު އެރުވިފައި ވެއެވެ. ޅެމާއި މަދަޙައިގެ ގިލަފައްޗެއް އަމުނައިލައްވައިފައި ވެއެވެ. ބުނެވޭގޮތުގައި ފަސްދޮޅަސް އަހަރު ޖާހިލީ ޒަމާނުގައި އުޅުއްވިއެވެ. އަދި ހަމަ އެވަރަށް އިސްލާމްވެވަޑައިގެންނެވުމަށް ފަހުގައިވެސް އުޅުއްވިއެވެ.[1]
ޙަޔާތްޕުޅާއި ނަސަބުފުޅު
حسان بن ثابت ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވުމުގެ ފަސްދޮޅަސް އަހަރު ކުރިންނެވެ. އެހެންކަމުން ޖާހިލީ ޒަމާނނުގައި ފަސްދޮޅަސް އަހަރު ހޭދަކުރައްވައިފައި ވެއެވެ. ނިސްބަތްވެވަޑައިގަންނަވައިފައިވަނީ ޚަޒްރަޖް ވަންހައަށެވެ. އެއީ ޔަމަނުން ޙިޖާޒްކަރައަށް ހިޖުރަކުރި އެއް ވަންހައެވެ.[2] މަންމަ އަކީ الفَرِيْعَة بِنْتُ خُنَيْس بْنُ لَوْذَان الْأَنْصَارِيَّة އެވެ.[3]
އިސްލާމްވެ ވަޑައިގެންނެވުމުގެ ކުރިން
އިސްލާމްވެވަޑައިގެންނެވުމުގެ ކުރިން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާ އަށް ހިޖުރަކުރެއްވުމުގެ ކުރިން، އައުސް ވަންހަ އާއި ޚަޒްރަޖު ވަންހަ (حسان بن ثابت رضي اللَّه عنه ގެ ވަންހަ) އާއި ދެމެދު ހިނގައިދިޔަ ހަމަނުޖެހުންތައް މަދީނަތުލް މުނައްވަރާ އިން ދެކެވަޑައިގެންނެވިއެވެ. އެ ދެ ވަންހަ ދެމެދުގައި ހަނގުރާމަ ހިނގިއެވެ. حسان بن ثابت رضي اللَّه عنه އަކީ އެ ވަންހައިގެ ދުލެވެ. އެކަމުގެ ސަބަބުން އަރަބި ޖަޒީރާ ގައި ވަރަށް މަޝްހޫރުކަން އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. ދުވަސްކޮޅެއް ފަހުން ޣަސާސިނާއިންނާ އެކަލޭގެފާނާ ދެމެދު ވަރަށް ގުޅުން ބަދަހި ވިއެވެ. އެ މީހުންނަށް މަދަޙަ ހައްދަވައިދެއްވިއެވެ. އަދި ޅެން ވެސް ވިދާޅުވިއެވެ. އެކަލޭގެފާނުގެ ޅެންތަކަކީ ބަލާޣަތްތެރިކަމާއި ފަޞާޙަތްތެރިކަން އެކުލެވިފައިވި މޮޅު ޅެންތަކެކެވެ.[4]
حسان بن ثابت رضي اللَّه عنه ގެ ޅެންތަކުގެ މަޤްޞަދު
ގިނައިން ހައްދަވައިފައިވަނީ މަދަޙައިގެ ޅެމެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށާއި ޣަސާސިނާއިންގެ ވެރިޔާ النعمان بن منذر އަށް ވެސް މަދަޙައިގެ ޅެން ހައްދަވައިދެއްވައިފައި ވެއެވެ. އަދި އިސްލާމްވެ ވަޑައިގެންނެވުމުގެ ކުރީގައި އެ ނޫން ބޭބޭފުޅުންނަށް ވެސް ޅެން ހައްދަވައިދެއްވައިފައި ވެއެވެ. އޭރުގެ ބަހުގެ ޢިލްމުވެރިން حسان بن ثابت رضي اللَّه عنه ގެ ޅެމުގެ ބަލާޣާތްތެރިމަކާއި ތަޢުބީރުކުރެއްވުމުގެ މޮޅުކަމަށް ހެކިވެވަޑައިގަންނަވައިފައި ވެއެވެ. އިސްލާމްވެވަޑައިގެންނެވުމަށް ފަހު، ބައެއް މަދަޙަ ތަޢުބީރު ކުރެއްވުމުގައި ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅުތަކުން ބައެއް ޢިބާރާތް ބޭނުންކުރައްވައިފައި ވެއެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދިފާޢުކުރެއްވުމުގައި ވަރަށް މަތިވެރި ދައުރެއް އަދާކުރައްވައިފައިވެއެވެ. ކާފިރުންނާއި މުސްލިމުންނާ އިދިކޮޅު މީހުންނަށް ހަޖޫ ޖައްސަވައިވެސް ޅެން ހައްދަވައިފައިވެއެވެ.[5]
އަވަހާރަވުން
ޙައްސާނު ބުނު ޘާބިތު رضي اللَّه عنه އަވަހާރަވެފައި ވަނީ علي بن أبي طالب رضي اللَّه عنه ގެ ޚިލާފަތުގައެވެ. އަވަހާރަވީ އަހަރާމެދު ތަފާތު ރިވާޔަތްތައް އައިސްފައި ވެއެވެ. ހިޖުރައިގެ ސާޅީސް އަހަރުފަހުން ކަމުގައި ބުނެވެއެވެ. އަދި ފަންސާސް އަހަރު ފަހުން ކަމުގައިވެސް ބުނެވެއެވެ. އަދި ހިޖުރައިގެ ފަންސާސް ހަތަރުވަނަ އަހަރު ފަހުން ކަމުގައި ވެސް ބުނެވެއެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ ސަތޭކަ ވިހި އަހަރުކަމުގައި ބުނެވެއެވެ. އެކަލޭގެފާނުގެ ޅެމުން މުސްލިމުންނާއި އިސްލާމްދީން ދިފާޢު ކުރެއްވުމުގައްޔާއި، މުސްލިމުންނާއި އިސްލާމްދީނަށް ނަޞްރުދެއްވުމުގައި ދިގު ރާސްތާއެއް ކަޑައްތު ކުރެއްވުމަށް ފަހުގައެވެ.[6]
*******
[1] خير الدين الزركلي، الأعلام، صفحة 175-176. بتصرّف.
[2] ابن قتيبة الدينوري، الشعر والشعراء، صفحة 296-298. بتصرّف.
[3] أبو الحسن بن الأثير، أسد الغابة، صفحة 6. بتصرّف.
[4] "حسان بن ثابت شاعر الرسول"، قصة الإسلام، 1/5/2006، اطّلع عليه بتاريخ 28/6/2022. بتصرّف.
[5] المصدر السابق
[6] أبو الحسن بن الأثير، أسد الغابة، صفحة 6. بتصرّف.