އާޚިރަތްދުވަހުގެ ޙަޤީޤަތް

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


މި ދުނިޔެ ފެންނާން އޮތް އޮތުމަކީ މިފަދަ އެހެން ދުނިޔެއެއް ނުވަތަ މިޔަށްވުރެ މާ ފުރިހަމަ ދުނިޔެއެއް ހެއްދެވިދާނޭ ކަމުގެ ހެއްކެކެވެ. އާޚިރަތް ދުވަހަށް އީމާން ނުވާ މީހާއަކީ މައާފުނުކުރެވޭ ވަރުގެ ބޮޑު ކުށެއް ކުރާ މީހެކެވެ.


ކީރިތި ޤުރްއާނުގެ 84 ވަނަ ސޫރަތުގައި  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [އުޑުފަޅަފަޅައިގެންދާ ހިނދެވެ. އަދި އެ އުޑުގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެކަން ޙައްޤުވެގެންވެއެވެ. އަދި ބިންގަނޑު ދެމި، ފެތުރިގެންދާ ހިނދެވެ. އަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި، އެ ބިން ހުސްވެގެންދާ ހިނދެވެ. އަދި އެ ބިމުގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ.   އެ ބިމަށް އެކަން ޙައްޤުވެގެންވެއެވެ. އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ. ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ! ފަހެ، ލުއިފަސޭހަވެގެންވާ ހިސާބުބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު ހިސާބުބައްލަވާނެތެވެ. އަދި އުފަލުންހުރެ، އޭނާގެ އަހުލުވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ. އަދި އެމީހެއްގެ ފަތް، އެމީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ ދަންނާށެވެ. ފަހެ، ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ. ހަމަކަށަވަރުން، އޭނާގެ އަހުލުވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ. ހަމަކަށަވަރުން (އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް) އެނބުރި ނުދާނޭކަމަށް އޭނާ ހީކުޅައެވެ. އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އޭނާގެ ވެރިރަސްކަލާނގެ އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ. ފަހެ، ތިމަންރަސްކަލާނގެ ރަތްވިލާ ގަންދެއްވަމެވެ. އަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ. އަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު، އެ ހަނދު ގަންދެއްވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އެއް ޙާލަތަކަށްފަހު، އަނެއް ޙާލަތަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ. އެއުރެން އީމާން ނުވަނީ ފަހެ، އެއުރެންނަށް ކީއްވެގެން ހެއްޔެވެ؟ އަދި އެއުރެންނަށް ޤުރްއާން ކިޔަވައިދެވޭހިނދު، އެއުރެން ސަޖިދައެއް ނުކުރެތެވެ. އަދި ކިއެއްތަ! ކާފިރުވި މީހުން (އެ ޤުރްއާން) ދޮގުކުރޫއެވެ. އަދި އެއުރެންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް، ﷲ ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، ވޭންދެނިވި އަޒާބު ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެއުރެންނަށް ޚަބަރުދެއްވާށެވެ! އީމާންވެ ޞާލިޙް ޢަމަލުތައް ކުޅަމީހުން މެނުވީއެވެ. އެއުރެންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ.] (އަލްއިންޝިޤާޤް: 1-25)

މި އާޔަތްތަކުގައި ބަޔާންކުރައްވައިފައި މިވަނީ ޤިޔާމަތްދުވަހުގެ ވާހަކައެވެ. އަންގަވައިފައިވާ ވާހަކަތަކަކީ އެނގޭން ނެތް ދުނިޔެއެއްގެ ވާހަކައެވެ. އެކަމަކު ޤިޔާމަތް ދުވަސް އަންނާނޭ ކަން ކަށަވަރުވާ ޤަރީނާއެއްގެ ގޮތުގައި ބެލެވޭނޭ އެތައް ހެއްކެއް އެބަހުއްޓެވެ. އެއް މިސާލަކީ މި ދުނިޔެއެވެ. މި ދުނިޔޭގެ ވުޖޫދަކީ މިފަދަ އެހެން ދުނިޔެއެއް ނުވަތަ މިޔަށްވުރެ މާ ފުރިހަމަ ދުނިޔެއެއް އުފެއްދެވުމަކީ ނުވާނޭ ކަމެއް ނޫން ކަމުގެ ސާފު ހެއްކެކެވެ. މީގެ އިތުރަށް މި ވާހަކަތައް ޤުރްއާނުގައި ހުރުމުން ސާބިތުވަނީ އެއީ ﷲ ތަޢާލާ ބާވައިލެއްވި އިލާހީ ފޮތެއްކަމެވެ.

މިފަދަ ސާބިތު ހެކިތަކާއި ޤަރީނާޔާއެކުވެސް އާޚިރަތް ދުވަހަށް އީމާން ނުވެ، ދިރިއުޅުން ހޭދަކުރާ މީހާއަކީ ޝައްކެއްވެސް ނެތް ގޮތުގައި މައާފުކުރުން އެކަށީގެން ނުވާ ވަރުގެ ބޮޑު ކުށެއް ކުރާ މީހެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.