މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ހިތްހަމަޖެހިގެންވާ ފުރާނަ (މީހާ)އަކީ ﷲ ގެ ހަޟްރަތުގައި ސަޖިދައަށް ތިރިވެ ޝުކުރުވެރިވާ ފުރާނަ (މީހާ)އެވެ. އެއްޗެއް ލިބިއްޖެނަމަ ޝުކުރުވެރިވެފައި ބީވެއްޖެނަމަ ޢާޖިޒުކަން ކުރިއަށް ނެރޭ މީހާއެވެ.
ކީރިތި ޤުރްއާނުގެ 89 ވަނަ ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [ފަހެ، އިންސާނާ ދަންނާށެވެ! އޭނާގެ ވެރިރަސްކަލާނގެ، އޭނާ އިމްތިޙާނުކުރައްވައި، އަދި އޭނާ މާތްކުރައްވައި، އަދި އޭނާޔަށް ނިޢުމަތް ދެއްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަން މާތްކުރައްވައިފިއެވެ. އަދި ދަންނާށެވެ! އެކަލާނގެ، އެ އިންސާނާއިމްތިޙާނުކުރައްވައި، އަދި އޭނާގެ ރިޒުގު ދަތިކުރައްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ، ތިމަން ނިކަމެތިކުރައްވައިފިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ޔަތީމުންނަށް މާތްކޮށެއް ނުހިތަމުއެވެ. އަދި ތިޔަބައިމީހުން މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް އެކަކު އަނެކަކަށް ބާރުއަޅައެއް ނޫޅެމުއެވެ. އަދި (ޙަރާމެއް ޙަލާލެއް ނުބަލައި) ތިޔަބައިމީހުން، ވާރުތަ މުދާ ގިނަގިނައިން ކައިއުޅެމުއެވެ. އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުނޑުވެ، ބިންގަނޑު ކުނޑިކުނޑިވެގެން ދާހިނދެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު އެހިނދު އަންނާނެތެވެ. އަދިމަލާއިކަތުން ސަފުސަފަށް ވަޑައިގަންނަވާނެތެވެ. އަދި އެދުވަހުން ނަރަކަ ގެންނަވާނެތެވެ. އެދުވަހުން އިންސާނާ ހަނދުމަކުރާނެތެވެ. އެ ހަނދާންކުރުމުން އޭނާޔަށް ފައިދާއެއްކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ އެދުވަހުން އޭނާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ އާޚިރަތުގެ ޙަޔާތަށްޓަކައި (ހެޔޮ) ޢަމަލެއް އިސްކުޅަނަމަ، ކިހާރަނގަޅުވީސް ހެއްޔެވެ؟ ފަހެ، އެދުވަހުން އެކަލާނގެ އޭނާޔަށް ދެއްވާފަދަ ޢަޒާބެއް އެހެން އެކަކަށްވެސް ނުދެވޭނެތެވެ. އަދި އެކަލާނގެ، އޭނާ ހައްޔަރުކުރައްވާ ފަދައިން، އެހެން އެކަކަށްވެސް ހައްޔަރެއް ނުކުރެވޭނެތެވެ. އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ! ރުހިގެންހުރެ، ރުހުން ލިބިގެންވާ ޙާލު، ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރިދާށެވެ! ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެޔަށް ވަންނާށެވެ! އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ!] (އަލްފަޖްރު: 15-30)
ދުނިޔޭގައި އުޅޭ ކޮންމެ މީހަކަށްވެސް ދެ ހާލަތަކާ ކުރިމަތިލާން ޖެހެއެވެ. އެއް ހާލަތަކީ ބޭނުންވާ އެއްޗެހި ހުރަހަކާ ނުލައި ލިބޭ ހާލަތެވެ. އަނެއް ހާލަތަކީ މަހުރޫމީގެ ހާލަތެވެ. ބޭނުންވާ އެއްޗެއް ނުލިބޭ ހާލަތެވެ. މި ދެ ހާލަތަކީވެސް އިމްތިޙާނަކަށްޓަކައި މެދުވެރި ކުރައްވާ ދެ ހާލަތެވެ. ﷲ ބޭނުންވެވޮޑިގެންވަނީ މިއިން ހާލަތެއް މެދުވެރިކުރެއްވީމާ ރައްދު އަމަލެއްގެ ގޮތުގައި އިންސާނާ ކަންތައް ކުރަނީ ކިހިނެއްތޯ ބައްލަވާށެވެ. ބޭނުންވާ އެއްޗެއް ލިބުނީމާ ބޮޑާވެގެންފައި މަހުރޫމީއާ ކުރިމަތިލާން ޖެހުނީމާ އިދިކީލި ނަފްސިއްޔާތުގެ ތެރެއަށް ވަދެގަންނަ މީހާއަކީ މި އިމްތިޙާނުގައި ނާކާމިޔާބުވާ މީހާއެވެ.
ދެވަނަ މީހާ އަމަލުކުރާ ގޮތަކީ ބޭނުންވާ އެއްޗެއް ލިބިއްޖެނަމަ ﷲގެ ޙަޟްރަތުގައި އިސްޖަހައިލައި ޝުކުރުވެރިވުމެވެ. މަހުރޫމީއާ ކުރިމަތިލާން ޖެހިއްޖެނަމަ ނުވަތަ އެއްޗެއް އަތުން ބީވެގެން ހިނގައްޖެނަމަ ﷲގެ ޙަޟްރަތުގައި ނިކަމެތިކަމުގެ އިގުރާރުވުމެވެ. މަތީގައި ބަޔާންކުރެވުނު އާޔަތްތަކުގައި [ހިތްހަމަޖެހިގެންވާ ފުރާނަ]އޭ އަންގަވައިފައިވާ މީހުންނަކީ މިފަދަ މީހުންނެވެ.
ދުނިޔޭގައި މުދަލާއި ފައިސާގެ ގޮތުގައި ނުވަތަ އެހެންވެސް ސިފައެއްގައި ލިބޭ ކޮންމެ އެއްޗަކީ އިމްތިޙާނަކަށްޓަކައި ދެއްވާ އެއްޗެކެވެ. އެއީ އިމްތިޙާނު ކަރުދާހެކެވެ. އިންސާނާއަށް ލިބިދޭ ދާއިމީ އެއްޗެއް ނޫނެވެ. އެއީ އެހެން އެއްޗެއް ދެއްވުމަށްޓަކައި ބައްލަވާ އަޖުމަބެއްލެވުމެކެވެ. ބޭނުންވެވޮޑިގެންވާ ގޮތަކީ އިންސާނާ އެ ތަކެތި ހެޔޮ ގޮތުގައި ބޭނުންކޮށް، އަންނާން އޮތް އަބަދީ ދުނިޔޭގެ ދިންނެވުމަށް ކޮށޭ މަގެއް ކަމުގައި އެ ތަކެތި ހަދައިގަތުމެވެ.
