މަޚްލޫޤުން ތިބޭނަމަ ޚާލިޤަކު ހުންނާނެ

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


މަޚްލޫޤުންނަކީ ޚާލިޤްގެ ތައާރަފެކެވެ. ފުން ނަޒަރަކުން ކާއިނާތާމެދު ވިސްނާ މީހާއަށް ކަލާނގެ މަޢުރިފާކުރެވޭނެއެވެ. އަދި އޭނާ ދިރިއުޅޭނީ ﷲގެ އަމުރުފުޅުތަކާ އެއްގޮތަށެވެ.


ކީރިތި ޤުރްއާނުގެ 86 ވަނަ ސޫރަތުގައި  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [އުޑާއި، އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރި ގަންދެއްވަމެވެ. އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރިޔަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ އެއީ އަނދިރިކަން ތޮރުފައިލާ، އަލިކަންގަދަ ތަރިއެެވެ. އެއްވެސް ނަފުސެއް، އެ ނަފުސެއްގެ މައްޗަށް ރައްކާތެރިވާނޭ މަލާއިކަތަކު ނެތިއެއް ނުވެއެވެ. ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ! އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވުމުގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، އިމްތިހާނުކުރައްވާ ދުވަހެވެ. ފަހެ، އޭނާޔަށް އެއްވެސް ބާރެއް، އަދި ނަސްރުދޭނޭ މީހަކުވެސް ނުވެއެވެ. ވާރޭވެއްސާ އުޑު ގަންދެއްވަމެވެ. އަދި ގަސްފަޅާ ބިން ގަންދެއްވަމެވެ. ހަމަކަށަވަރުން، އެ ޤުރްއާނަކީ، ޙައްޤާއި، ބާޠިލު ވަކިކުރާ ތެދުބަސްފުޅެއްކަން ކަށަވަރެވެ. އަދި ކުޅޭކުޅޭ އެއްޗެއްކަމުގައި އެޤުރްއާން ނުވެއެވެ. ހަމަކަށަވަރުން، އެއުރެން (ކަލޭގެފާނާ ދެކޮޅަށް) މަކަރުވެރި ރޭވުމެއް ރާވަތެވެ. އަދި ތިމަންރަސްކަލާނގެވެސް ރޭއްވެވުމެއް ރާއްވަވަމެވެ. ފަހެ، ކާފަރުންނަށް ކަލޭގެފާނު މުހުލަތެއް ދެއްވާށެވެ! ކުޑަހިނދުކޮޅަކަށް އެއުރެންނަށް ލަސްކޮށްލައްވާށެވެ!] (އައްޠާރިޤް: 1-17)

އުޑުގައި، އިންސާނާގެ ބޯމަތީގައި ފިޔަޖަހާ ތަރިއެއް ހުއްޓައި ފެނުމަކީ ތަމްސީލީ ބަހުރުވައިން ބުނާނަމަ، އޭނާގެ ހުރިހައި ކަމެއް ދެކެވޮޑިގެންވާ ފަރާތެއްވާކަން ހަނދާންކޮށްދޭ ކަމެކެވެ. ދެކެވޮޑިގެންވާ ފަރާތުން ގެންދަވަނީ އިންސާނާގެ ޢަމަލުތައް ރެކޯޑުކުރައްވަމުންނެވެ. މަރުވުމަށް ފަހު އަލުން އިންސާނާ ހައްދަވާނީ އެ ފަރާތުންނެވެ. އެޔަށް ފަހު ރެކޯޑުތަކަށް ބައްލަވައި އިންސާނާގެ ޢަމަލުތައް ބަރާބަރަށް ހިސާބުކުރައްވާނެއެވެ. މި ދުނިޔޭގައި މިހާރު މި އުޅޭ މުއްދަތަކީ އެފަރާތުން ދެއްވާ މުހުލަތެކެވެ. މުހުލަތުގެ ވަގުތަކީ މިހާރު މި ދިރިއުޅޭ ދުނިޔެއާއި އަންނާން އޮތް ވަގުތާ ދެމެދު އޮތް ފަރުދާއެކެވެ. އިމްތިހާނުގެ ވަގުތު ހަމަވުމާއެކު އިންސާނާގެ ނިމުން (މިހާރު އެއީ ވަރަށް ދުރުގައި އޮތް ކަމެއް ކަމަށް ދެކޭ ނިމުން) އޭނާގެ މައްޗަށް ކަޝްފުކުރެވިދާނެއެވެ.

ކާއިނާތުގެ ޚާލިޤް އެކަލާނގެ ޒާތުފުޅުގައި ވޮޑިގެން ވަނީ ޣައިބުގައެވެ. އެކަމަކު ހެއްދެވުމުގެ ޢަމަލަށް ބަލާނަމަ ކާއިނާތުގެ ހުރިހައި އެއްޗަކުން އެކަލާނގެ ފައުޅުކަން ބޮޑު ގޮތެއްގައި ފެނެއެވެ. އިންސާނާ ފުން ނަޒަރަކުން ކާއިނާތަށް ބަލައި ވިސްނުން ހިންގައިފިނަމަ ﷲ މަޢުރިފާ ކުރެވޭނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަދި މި ދުނިޔޭގައި އޭނާގެ މައްޗަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެކަލާނގެ އަމުރުފުޅަށް ކިޔަމަންގަނެގެން ހުރެ ދިރިއުޅުންކަންވެސް އެނގޭނެއެވެ. ﷲއަށް މުންކިރުވާ މީހަކަށްޓަކައި ﷲގެ ދުނިޔޭގައި އެއްވެސް ޖާގައެއް ނޯންނާނެއެވެ. މަޚްލޫޤުންނަކީ ޚާލިޤުގެ ތައާރަފެކެވެ. އެހެންވީމާ މަޚްލޫޤުންނާ ދިމާއަށް ވިސްނުންތެރިކަމާއެކު ބަލާ ކޮންމެ މީހަކަށް ޚާލިޤުގެ އަސަރު ސާފުކޮށް ފެންނާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.