ޞަޙާބީންގެ ވާހަކަ 1: އަބޫ ބަކުރުގެފާނު

އަބޫ ބަކުރުގެފާނަކީ ކީރިތިރަސޫލާ، މުޙައްމަދުގެފާނުގެ ޞަޙާބީއެކެވެ. އެއީ އިސްލާމުންގެ އެންމެ ފުރަތަމަ ޚަލީފާއެވެ. ޚަލީފާއަކީ ވެރިޔާއެވެ. އެ ދުވަސްވަރު އިސްލާމުންގެ އެންމެ މަތީ ވެރިޔާއަށް ކިޔުނު ނަމަކީ ޚަލީފާއެވެ. އަބޫ ބަކުރުގެފާނު ޚަލީފާ ކަމަށް އިސްކުރެވުނީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށް ފަހު މީލާދީ ގޮތުން 632 ވަނަ އަހަރުއެވެ. އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވަނީ އަރަބީންގެ މަޝްހޫރު ވަންހައަކަށެވެ. އެއީ ޤުރައިޝްވަންހައެވެ. ބައްޕާފުޅު ޢުޘްމާން އަބީ ޤުޙާފާއަކީ މައްކާގައި ވަރަށް ނުފޫޒުގަދަ ބޭކަލެކެވެ. މަންމަ އުއްމުލްޚައިރަކީ ޤުރައިޝްވަންހައިގެ ދަރިކޮޅެއް ކަމަށްވާ ބަނޫ ތައިމްގެ މީހެކެވެ.

އަބޫ ބަކުރުގެފާނު އުފަންވެވަޑައިގަތީ 573 ވަނަ އަހަރުއެވެ. ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތްތާ ދެ އަހަރު ފަހުންނެވެ. މުއްސަނދި އާއިލާއެއްގެ ބޭކަލަކަށް ވެވަޑައިގަތް ނަމަވެސް އަބޫބަކުރުގެފާނު ދިރިއުޅުއްވީ ވަރަށް ސާދާ ގޮތަކަށެވެ. ދުވަހަކުވެސް އިތުރުފުޅެއް ނުހައްދަވައެވެ. ނުބައި ކަމެއްގެ ތެރެއަށް ވެދެވަޑައެއް ނުގަނެއެވެ. އެކަލޭގެފާނު ދިރިއުޅުއްވާން ކުރެއްވި މަސައްކަތްޕުޅަކީ ވިޔަފާރި ކުރެއްވުމެވެ. ވިޔަފާރީގައިވެސް މަކަރެއް ނުހައްދަވައެވެ. އިންސާފުގެ މަގުން އެއްކިބާވެ ވަޑައެއް ނުގަނެއެވެ. އެހެންވީމާ އެކަލޭގެފާނު ވެވަޑައިގަތީ ވަރަށް ކާމިޔާބު ވިޔަފާރިވެރިއަކަށެވެ.

ތުއްޕުޅު އިރުއްސުރެ ކީރިތި ރަސޫލާއާއި އަބޫ ބަކުރުގެފާނަކީ ދެ އެކުވެރިންނެވެ. ތިމާގެ ކަމުގެ ގުޅުމަށް ބަލާއިރު ހަތްވަނަ ހާފަޔާ ހަމައިން ދެ ބޭކަލުން އޮންނަނީ ގުޅިވަޑައިގެންފައެވެ.

މުޙައްމަދުގެފާނު ރަސޫލުކަމަށް އައްޔަނު ކުރައްވައި ފުރަތަމަ ވަޙީ ބާވައިލެއްވީ 610 ވަނަ އަހަރުއެވެ. އެއީ އެ އަހަރުގެ ރޯދަމަހުގެ ތެރޭގައެވެ. ވަޙީގެ ވާހަކަ އަބޫ ބަކުރުގެފާނާ ދެއްކެވުމާއެކު އެކަލޭގެފާނު ގަބޫލުފުޅު ކުރައްވައި އިސްލާންވެ ވަޑައިގެންފިއެވެ.

އަބޫ ބަކުރުގެފާނު ދުވަހަކުވެސް ކީރިތި ރަސޫލާގެ ވާހަކަފުޅަކާ ދެކޮޅެއް ނުހައްދަވައެވެ. ކޮންމެ ވާހަކައެއްވެސް ހަމަ ވިދާޅުވުމާއެކު ގަބޫލުފުޅު ކުރައްވައެވެ. ކީރިތި ރަސޫލާ އިތުރުފުޅެއް ނުހައްދަވާނެ ކަމަށް އެކަލޭގެފާނު ހިތްޕުޅުގެ އަޑީން ގަބޫލުފުޅު ކުރައްވައެވެ. އިސްލާންވެވަޑައިގަތީވެސް އެއްވެސް ސުވާލެއް ކުރެއްވުމަކާ ނުލައެވެ. އެކަލޭގެފާނަކީ ކީރިތި ރަސޫލާގެ އާއިލާގެ ބޭރުން އިސްލާންވެ ވަޑައިގަތް ފުރަތަމަ ޞަޙާބީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.