
ޝާހް ޤާދިރީ ސައްޔިދު މުޞްޠަފާ ރިފާޢީ ޖީލާނީ ނަދްވީ
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ގެނބެމުންދާ މީހާ ފެންމަތީން ފެންނަ ހުއިކޮޅެއްގައިވެސް ހިފާނެއޭ ބުނެވެއެވެ. މިއީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. އެކަމަކު އެ ހުއިކޮޅުގައި އެލިގަތުމަކުން އެ މީހަކު ސަލާމަތެއް ނުވާނެއެވެ. ހުއިކޮޅާއެކު މީހާވެސް ގެނގޭނީއެވެ. ގެނބެމުންދާ މީހަކު ސަލާމަތް ވާނީ ސަލާމަތްވެވޭ ފަދަ ވަރުގަދަ އެއްޗެއްގެ އެހީތެރިކަމާއެކު ސަލާމަތްވާން މަސައްކަތްކުރީމައެވެ. މިއަދުގެ އިންސާނީ ދުނިޔެ ވަނީ ކުފުރުގެ ކަނޑަކަށް ޣަރަގުވެފައެވެ. ފާފައާއި އަނިޔާވެރިކަމުގެ ހައްދު ފަހަނައަޅައި ގޮސްފައެވެ. މުސީބާތާއި ތުރާލުގެ ތެރެއަށް ވެއްޓި އަރައިނުގަނެވޭފަދަ ހާލަތަކަށް ގޮސްފައެވެ. ހިތާމައާއި ކަންބޮޑުވުމުގެ ދަލުގައި ޖެހި ނެއްޓޭނޭ ގޮތެއް ނޭނގިފައެވެ. ފުރިހަމަ ނިންޖާއި ހަމަޖެހުން ވަނީ ގެއްލިފައެވެ. ސުކޫނާއި އަމަންއަމާންކަން ވަނީ އަޅުގަނޑުމެންނާ ވަކިވެފައެވެ. އިންސާނާ އަތްފައި ހޫރުވަމުން އެ ގެންދަނީ މި ދެންނެވުނު މުސީބާތުން ސަލާމަތް ވެވޭތޯއެވެ. އެހީތެރިކަމަށް އެދެނީ ސެމިނާރާއި މަސައްކަތު ބައްދަލުވުމާއި ކޭމްޕް ފަދަ ހޮއިހެދިފައިވާ ވަސީލަތްތަކުންނެވެ. މަސައްކަތް ކުރަމުން ދަނީ ކުދި ހުއިކޮޅުކޮޅުގެ އެހީގައި ސަލާމަތްވާށެވެ. ނަތީޖާއަކީ އިންސާނާގެ އަމިއްލަ އެދުމާއި ފާޙިޝްކަމާއި ގޮތްކުޑަކަމާއި ލޫޓުމާރުކަން އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން ދިއުމެވެ. މުޅި މުޖުތަމަޢު ކުދިކުދިވެ ހަލާކުވެގެން ދަނީއެވެ. އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންސާނީ ދުނިޔެ ވަނީ ކޮމިއުނިޒަމާއި، ސެކިއުލަރިޒަމާއި، ނެޝަނަލިޒަމް ފަދަ އެތައް ޒަމެއް ތަޖުރިބާކޮށްފައެވެ. މި ތަޖުރިބާތަކުން ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން ހައްގު ގޮތް ހޯދުމަށްޓަކައި މިހާރު ގެންދަނީ ޢަލަމީ ދީނީ މަހާސިންތާ ބާއްވަމުންނެވެ. މިއަދުގެ ދުނިޔޭގެ އިންސާނުންގެ މީސާލަކީ ކޮނޑު އޮތް ފުރޯ ވަލުން ހޯދާ ބަޔަކުގެ މިސާލެވެ. ސީދާވެގެންވާ ތެދުމަގު (އިސްލާމް ދީން) އެބައޮތެވެ. ފަސޭހައިން އަތުޖެހޭ ހިސާބުގައެވެ. މިއީ ކޮން ކަހަލަ މަގެއް ކަމަށްތޯއެވެ؟ ސީދާ ތެދު މަގުން ގޮސް ފަހި މަންޒިލަކަށް ދެވޭނޭ ކަމުގެ ޔަގީންކަން އިންސާނީ ދުނިޔޭގެ ޚާލިޤް އަދި ރާޒިޤް ދެއްވައިފައިވާ ހަމައެކަނި މަގެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ މަގުން ހިނގާ [މުސްލިމުން] އެބަތިއްބެވެ. އެ މަގަކީ ސީދާ މަގުކަމުގައި ކާއިނާތުގެ ވެރި ﷲ އަންގަވައިފައިވާ މަގެވެ. އެއީ ވަކި ނަސްލަކަށް ވަކި ވަންހައަކަށް ވަކި ގައުމަކަށް ޚާއްސަވެފައިވާ މަގެއް ނޫނެވެ.
ކަލާނގެއަކީ (ربّ العالمين) [ޢާލަމްތަކުގެ ވެރި ރަސްކަލާނގެ] ކަމުގައި އަންގަވައިފައިވާ ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ. އެ ދީނާއިގެން ވަޑައިގެންނެވި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ [މުޅި އިންސާނީ ދަރިފަސްކޮޅަށް އުފާވެރިކަމުގެ ޚަބަރު ދެއްވައި އިންޒާރުކުރައްވާ] (كافة للنّاس بشيرا و نذيرا) ބޭކަލެއް ކަމުގައި ކަނޑައަޅުއްވައި އަންގަވައިފައި ވާ ދީނަކީވެސް ހަމައެކަނި އިސްލާމް ދީނެވެ. އަދި މުސްލިމުންނާ މެދު އަންގަވަނީ ކީކޭ ކަމަށްތޯއެވެ؟ އެއީ މުޅި އިންސާނީ އުއްމަތަށް ހެޔޮކަމުގެ ތައުލީމުދީ މުންކަރާތްތަކަށް އަރައިގަތުން މަނާކުރާ އުއްމަތެއް ކަމުގައެވެ. އިންސާނީ ދަރިފަސްކޮޅާމެދު އަންގަވައިފައި ވަނީ އެއީ ﷲ ގެ ޢާއިލާ (الخلق عيال اللـّه) ކަމުގައެވެ. މީގައި ކަޅެއް ދޮނެއް، މުއްސަންޖެއް ފަގީރެއް، ޢިލްމުވެރިއެއް ޖާހިލެއް، އަރަތްބެއް އަޖަމީއެއް ތަފާތު ކުރެއްވުމެއް ނެތެވެ. ވަންހައަކަށް ދަރިފަސްކޮޅަކަށް ބެއްލެވުމެއް ނެތެވެ. މީހާގެ ހައިބަތާއި ބޮޑުކަން އަންގައިދޭ ނިޝާނެއް ކަމަށް ބައްލަވައިވޮޑިގަންނަވަނީ އެމީހަކުގެ ކިޔަމަންތެރިކަމާއި ތަގުވާވެރިކަމެވެ.
އިސްލާމް ދީނަކީ ސަމާވީ ދީނެކެވެ. ފުރިހަމަ ދީނެކެވެ. ދިލައެއް މިލައެއް ނެތް މުސްތަގިއްލު ތަހުޒީބެކެވެ. ތަންމަތިން ފެށިގެން ކަށްވަޅަށް ދާންދެން އިންސާނާއަށް ބޭނުންވާ ހުރިހައި އަލި މަގެއް ދައްކައިދޭ ދީނެކެވެ. އެކި މަރުހަލާތަކުގައި ގައުމީ ކަންތައްތަކާއި ސަރުކާރުގެ ކަންތައްތައް ކިޔައިދޭ ދީނެކެވެ. ޢިލްމީ އާރުކާޓީތަކެއްގެ ގޮތުގައި ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތާއި ސިޔަރަތު އެ އޮތީ ރައްކާތެރި ކުރެވި، ސާފުކޮށް ފެންނާށެވެ. އިސްލާމީ ޢަޤީދާއާއި ތައުލީމަކީ ދުނިޔޭގެ އެހެން ދީންތަކާއި އިޒަމްތަކުގައިހެން ސައިބޯނި ބޮތްކާއި ފުލޯކު ވާހަކަތަކާއި ވަހުމާއި ދޭވީ ދޭވަތާއިންގެ ހެއްކެއް ނެތް ވާހަކަތަކާއި އާދަޔާ ޚިލާފު ބާރުތައް ލިބިފައިވާ ކަމަށް ގަބޫލުކުރެވޭ އިންސާނުންގެ ވާހަކަތަކާއި ޢަމަލުތަކުގެ މައްޗަށް ބިނާކޮށްފައިވާ އެއްޗެއް ނޫނެވެ. އެއީ ގިތި މޭވާގައި ހަދައިފައި ހުރި ސަޓަނިގަނޑެއް ކަހަލަ އެއްޗެއްވެސް ނޫނެވެ. އެޔާ ޚިލާފަށް އިސްލާމީ ޢަޤީދާއާއި ތައުލީމަކީ ފާޅުކޮށް ފެންނާނޭހެން، ފަސޭހަ، ބުއްދިއަށް ގަބޫލުކުރެެވޭ އަދި އިންސާނީ ޠަބީޢަތާ އެއްގޮތަށް ބާވައިލައްވައިފައިވާ ޙުކުމްތަކަކާއި ހިދާޔަތެކެވެ. ސުންނަތަކީ ދަލީލާއި ޙިކުމަތްތަކުގެ މައްޗަށް ބިނާވެފައިވާ ސުންނަތެކެވެ.
ސިއްރާއި ފައުޅުގައި ހިނގާހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ވަނީ ކޮންމެ މީހަކަށްވެސް ނުވަތަ ކޮންމެ ބާގަޔަކަށްވެސް އެ މީހެއްގެ ނުވަތަ އެ ބައެއްގެ މަގާމާއި ދަރަޖައިގެ މަތީން ބޭނުންވާ ހުރިހައި ހިދާޔަތަކާއި މަގެއް އިސްލާމްދީނުގައި ޖާމިއުކޮށް ހިމަނުއްވައިފައެވެ. އެއީ ކޮންމެ ނަސްލެއްގެ މީހަކު ކަމުގައި ވިޔަސް، ކޮންމެ ބަހަކުން ވާހަކަދައްކާ މީހަކަށް ވިޔަސް، ކޮންމެ ކުލައެއްގެ މީހަކު ކަމުގައި ވިޔަސް ހުރިހައި އެންމެންގެ ތަޢުލީމާއި ތަރުބިއްޔަތާއި ނަފުސު ތާހިރުކުރުމަށް ބޭނުންވާ ހުރިހައި ކަމެއް ވަނީ އިސްލާމްދީނުގައި ހިމަނުއްވައިފައެވެ. ވެރިން ކަމުގައި ވިޔަސް، ރައްޔިތުން ކަމުގައި ވިޔަސް، ޢިލްމުވެރިން ކަމުގައި ވިޔަސް، ވިޔަފާރިވެރިން ކަމުގައި ވިޔަސް ކިޔަވައިގެން ތިބި މީހުން ކަމުގައި ވިޔަސް، އަކުރު ނުދަންނަ މީހުން ކަމުގައި ވިޔަސް ހުރިހައި އެންމެން ދިރިއުޅޭންޖެހޭ ހަމަތަކާއި ކުރަން ޖެހޭ ކަންކަމާއި ކޮށްގެން ނުވާނޭ ކަންކަން އިސްލާމްދީނުގައި ވަނީ ހިމަނުއްވައިފައެވެ. ދަނޑުވެރިއަކަށް ވިޔަސް، ފަންނުވެރިއަކަށް ވިޔަސް، އަންހެނަކަށް ވިޔަސް، ފިރިހެނަކަށް ވިޔަސް، ސާހިބަކަށް ވިޔަސް، ނޯކަރަކަށް ވިޔަސް، މައިންބަފައިންނަށް ވިޔަސް، ދަރިންނަށް ވިޔަސް ދިރިއުޅުމުގެ ހުރިހައި ކަމެއް ފަރުމާކޮށް، އާރާސްތުކޮށް ހިންގާނޭ ހުރިހައި ގޮތެއް އިސްލާމް ދީނުގައި ވަނީ ހިމަނުއްވައިފައެވެ.
އިންސާނާގެ އެންމެގާތް ހަމްދަރުދަކީވެސް، ބެލެނިވެރިޔަކީވެސް އަދި އިންސާނާގެ އެންމެ ބޮޑު ރަޙީމަކީވެސް، އިންސާނާ ދިންނަވާނޭ މަގު ދައްކަވާ ހަމައެކަނި އާރުކާޓީއަކީވެސް ﷲ ތަޢާލާ ކަމަށް ބުނެ އަންގާ ދީނަކީ ހަމައެކަނި އިސްލާމްދީނެވެ. އިންސާނުންގެ މައްޗަށް ރަޙުމަތް ނުލައްވާނަމަ އެކަލާނގެ އެއްލައްކަ ސައްބީސް ހާސް ނަބީބޭކަލުންނާއި ރަސޫލުބޭކަލުން އެބައިމީހުންނަށް ތެދު މަގު ދެއްކެވުމަށްޓަކައި ނުފޮނުއްވީހެވެ. އެބޭކަލުންގެ ތެރެއިން އެންމެ ފަހުން ފޮނުއްވި، އެންމެ ފަހުގެ ރަސޫލަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. މި ހުރިހައި ބޭކަލުން ފޮނުއްވައިފައި އެ ބޭކަލުންގެ މަސައްކަތްޕުޅަކީ އިސްލާމްދީން ފެތުރުއްވުން ކަމުގައި ނޭންގެވީހެވެ. އެއްކައުވަންތަ ﷲއަށް އަޅުކަން ކުރުމާއި ރަސޫލުﷲ އަށް ކިޔަމަންތެރިކަން އަދާކުރުން ކަމުގައި އިންސާނުންގެ މުޅި މަގުސަދު ނުލެއްވީހެވެ. ﷲ ގެ ރަޙްމަތްފުޅާއެކު އިސްލާމްދީނުގައި މިކަންކަން އެންމެ ފުރަތަމަ ދުވަހު ލެއްވި ގޮތަށް އެއްވެސް ބަދަލެއް ނައިސް އަދިވެސް އެބައޮތެވެ. ޤިޔާމަތު ދުވަހާ ހަމައަށް އޮންނާނެވެސް މެއެވެ.
އިންސާނާ އޭނާގެ ތަޢައްޞުބާއި ޢަދާވާތްތެރިކަމާއި ކިބުރުވެރިކަން ދޫކޮށްލައި ސާފު ހިތަކާއި ސިކުނޑިއެއްގެ ބޭނުން ކޮށްގެން އިސްލާމްދީން މުޠާލިޢާ ކޮށްފި ނަމަ، މިއަދުގެ ސައިންސީ ދުނިޔެއާއި ތަރައްޤީވެފައިވާ މުޖުތަމަޢު ސަލާމަތްކޮށްދެވޭނޭ ހަމައެކަނި ވަސީލަތީ އިސްލާމްދީން ކަމުގައި ގަބޫލުކުރާނެއެވެ. މަގު އޮޅިފައިވާ، ބޮޑާ މީހުންނާއި ޙައިރާންކަމާއި ކަންބޮޑުވުމުގެ ތެރޭގައި އުޅެމުންދާ މީހުންގެ އެންމެ ވަރުގަދަ އެހީތެރިއަކީ އިސްލާމްދީން ކަމުގައި ﷲ ތަޢާލާ ވަނީ ލައްވައިފައެވެ. އިސްލާމްދީނުގެ އެހީގައި ހަމަމަގަށް އެނބުރި، މަޑުމޮޅިވެ، ހުރިހައި ކަންބޮޑުވުމަކާއި ޙައިރާންކަމެއްގެ މާކަނޑު ހުރަސްކޮށް އަމާންކަމުގެ ގޮނޑުދޮށަކަށް އައުދެވޭނެކަން ޔަގީނެވެ. ދުނިޔޭގެ މައްސަލަތަކުގައި ތެޅިފޮޅެމުންދާ ބަލިކަށި އިންސާނާ މައްސަލަތަކުން ނުކުމެ، ވަރުގަދަ މީހަކަށްވެ ހަމަޖެހުމުގެ ނޭވައެއް ލާނޭ ފުރުސަތު ފަހިކޮށް ދެއްވަނީ ހަމައެކަނި ﷲއެވެ. އިންސާނާ އޭނާގެ ޠަބީޢީ މިޒާޖާއި ފިޠުރަތުގެ ސިފަތަކުގެ ތެރޭގައި ދިރިއުޅޭން ބޭނުންނަމަ އޭނާއަށް އޮތް ހަމައެކަނި މަގަކީ ﷲ ގެ މަގެވެ. އިސްލާމްދީނެވެ.