އިސްލާމީ ތާރީޚީ ވާހަކަ 1 – އެއް ހާސް އަހަރުވީ ގަބުރު

މިއީ މި ވާހަކައިގައި ބުނާ ގަބުރުގެ ފޮޓޯއެއް ނޫނެވެ.

އަބޫ ބަކުރުއްޞިއްދީޤް ރަޟިޔަﷲ ޢަންހުގެ ޚަލީފާކަމުގައިޔަމަނުގެ އަހުލުވެރިން އެކަލޭގެފާނަށް ސިޓީފުޅެއް ފޮނުވިއެވެ. އެ ސިޓީފުޅުގައި ލިޔެފައި އޮތެވެ. [މި ރަށުގެ ސަރަހައްދެއްގައި ފެން ބޮޑުވެފައި، ހިނދުނުއިރު، އެތަނުން ދޮރެއް ފައުޅުވެ ފެންނާން އެބަހުއްޓެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އެއީ ކޮންމެވެސް ޒަމާނެއްގައި ވަޅުލެވިފައިވާ ތަނެއްގެ ނިޝާނެކެވެ. އަޅުގަނޑުމެން އަދި އެޔަކު އަތެއް ނުލަމެވެ. އެޔާމެދު ކަންތައް ކުރާންވީ ގޮތެއް އަންގަވައިދެއްވުން އެދެމެވެ.]

ޚަލީފާ ޖަވާބު ދެއްވިއެވެ. [އެންމެ ފުރަތަމަ އަހުރެން މި ފޮނުވާ ލިޔުން އެ ދޮރުން އެތެރެއަށް ވައްޓައިލާށެވެ. އެޔަށް ފަހު ކޮންނާން ފައްޓާށެވެ.]

އެމީހުން ކަންތައްކުރީ ޚަލީފާ އެންގެވި ގޮތަށެވެ. ވަރަށް ބުރަ މަސައްކަތަކާއެކު ދޮރު ނައްޓަލެވުމާއެކު ފެނުނު މަންޒަރަކުން އެބައިމީހުން ހައިރާންވިއެވެ. އެތެރޭގައި އަށްޓެއްގައި ބާއްވައިފައި އޮތީ ކަފުން ކޮށްފައި އޮތް ގަބުރެކެވެ. އެ ގަބުރާއެކު ރަނާއި ރިހީގެ އުއިން ވިޔެފައި އޮތް ހަތްދިހަ ހެދުން އޮތެވެ. ކަނާތްފަރާތުގައި އެލުވައިފައި އޮތް ފިލައެއްގައި އަރަބި ބަހުން ދެ ޅެންބައިތު ލިޔެފައި އޮތެވެ. އެ ދެ ބައިތުގެ މަފުހޫމަކީ މިއީއެވެ.

[ރަސްކަލަކު ނުވަތަ އެ ރަސްކަލެއްގެ ވަޒީރުންނާއި އެކި ފެންވަރުގެ ވެރިން، އަދުލު އިންސާފު ގާއިމުކުރުމުގެ ބަދަލުގައި ވައްކަމާއި ޚިޔާނާތާއި އަނިޔާވެރިކަމާއި ރިޝްވަތު ފަދަ ނުބައި ކަންތައްތަކުގެ ތެރެއަށް ގެނބިގެން ހިނގައްޖެނަމަ އެ ގައުމެއް ދާދި އަވަހަށް ބަރުބާދުވެ، ހަލާކުވެގެން ހިނގައިދާނެއެވެ. އެފަދަ މީހުން ގަބޫލުކުރަން ޖެހޭ ހަގީގަތެއް އޮވެއެވެ. އެއީ އެމީހުންނަށްވުރެ މަތީގައި އެހެން ޙާކިމަކު ވޮޑިގެންވާ ކަމެވެ. ކޮންމެވެސް އެއް ދުވަހަކުން އެ ޙާކިމުގެ ކުރިފުޅުމައްޗަށް ހާޒިރުވެ ޖަވާބުދާރީވާން ޖެހޭނޭ ކަމެވެ.]

އެ ގަބުރުގެ ބޯލާކޮޅުގައި ކަނޑިއެއް އެލުވައިފައި އޮތެވެ. އެ ކަނޑީގައި ލިޔެފައި އޮތެވެ. [މިއީ ޢާދް ބިން އިރަމްގެ ކަނޑިއެކެވެ.]

(ނޯޓެއް: ޢާދަކީ ހޫދް ޢަލައިހިއްސަލާމްގެ ގައުމެވެ. ﷲ ތަޢާލާ އެ ގައުމު އެކީގައި އިބުރަތްތެރި ގޮތަކަށް ހަލާކުކޮށްލެއްވީ ﷲއަށް އުރެދުމާއި އެބައިމީހުންގެ ނަބިއްޔާއާ ދެކޮޅަށް ބަޣާވާތްކުރުމުގެ ސަބަބުންނެވެ. މި ގައުމު އޮތީ ޢީސާ ޢަލައިހިއްސަލާމްގެ ގާތްގަނޑަކަށް ދެ ހާސް އަހަރު ކުރީގައެވެ.)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.