2 – ސޫރަތުލް ބަޤަރާ
(1 ވަނަ އާޔަތުން ފެށިގެން 7 ވަނަ އާޔަތުގެ ނިޔަލަށް)
މި ސޫރަތުގައި ވަނީ 286 އާޔަތެވެ. މިއީ މަދަނީ ސޫރަތެކެވެ.
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الٓمٓ ١ ذَٰلِكَ ٱلۡكِتَٰبُ لَا رَيۡبَۛ فِيهِۛ هُدٗى لِّلۡمُتَّقِينَ ٢ ٱلَّذِينَ يُؤۡمِنُونَ بِٱلۡغَيۡبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ ٣ وَٱلَّذِينَ يُؤۡمِنُونَ بِمَآ أُنزِلَ إِلَيۡكَ وَمَآ أُنزِلَ مِن قَبۡلِكَ وَبِٱلۡأٓخِرَةِ هُمۡ يُوقِنُونَ ٤ أُوْلَٰٓئِكَ عَلَىٰ هُدٗى مِّن رَّبِّهِمۡۖ وَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ٥
- ا ل م (މި އަކުރުތަކާއި ބައެއް ސޫރަތް ފެށޭތާނގައި އަލިފުބާގެ މިފަދަ އަކުރުތަކުގެ މާނައާމެދު، ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުށްޓެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ، ކީރިތި ޤުރުއާން އެކުލެވިގެންވަނީ ، ޢަރަބީންގެ އެންމެން ވާހަކަ ދައްކައިއުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުންކަމުގައި ވުމާއެކުވެސް، އެއަކުރުތަކަކީ، ޤުރުއާނުގެ އެންމެ ސޫރަތަކާ އެއްފަދަ އެއްޗެއް ކީއްކުރަންތޯއެވެ، އެންމެ އާޔަތަކާ އެއްފަދަ އެއްޗެއްވެސް، އެއުރެންނަށް ގެނެސް ނުގަނެވޭނެކަމަށް ގޮންޖެއްސެވުމުގެ ގޮތުން އައިސްފައިވާ އަކުރުތަކެއް ކަމުގައެވެ.
- މިއީ އެފޮތެވެ. އެ ފޮތާމެދަކު ޝައްކެއް ނެތެވެ. (މިފޮތަކީ) ތަޤްވާވެރިންނަށް ހުރި ހިދާޔަތެކެވެ.
- އެއުރެންނީ، ޣައިބަށް އީމާންވާ، އަދި ނަމާދު ޤާއިމްކުރާ، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަ ކުރާ މީހުންނެވެ.
- އަދި އެއުރެންނީ، ކަލޭގެފާނަށް ބާވައިލައްވައިފައިވާ ފޮތަށާއި، ކަލޭގެފާނުގެ ކުރިން ބާވައިލައްވައިފައިވާ ފޮތްތަކަށް އީމާންވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ އާޚިރަތް ދުވަހާ މެދުގައި ޔަޤީން ކުރާ މީހުންނެވެ.
- އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ތެދުމަގު މަތީގައެވެ. އަދި ދިންނަވާނޭ މީހުންނީ، ހަމަ އެއުރެންނެވެ.
ކީރިތި ޤުރްއާނަކީ ހިދާޔަތުގެ ފޮތެއް ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އެހެންނަމަވެސް އެ ފޮތަކީ ހިދާޔަތުގެ ފޮތަކަށް ވަނީ ހިދާޔަތް ހޯދުމުގައި ސީރިއަސްކޮށް ވިސްނާ މީހަކަށެވެ. އަދި ހިދާޔަތް ހޯދުމުގެ އެދުން ހޮތުގައި އޮންނަ މީހަކަށެވެ. ތެދުމަގަށް ނުވަތަ ތެދަށް އެދޭ އެދުމަކީ ފިޠުރަތުގެ ބިމުގައި ރުވޭ އެއްޗެކެވެ. އެހެންވީމާ އެކަން ވާންވާނީ އަމިއްލަ އިޚްތިޔާރުގައި ތެދަށް އެދޭ އެދުމެއްގެ ފެށުމަށެވެ. ތެދަށް އެދުމާއި، ތެދުމަގު ފެނުމާ، މި ދެކަމަކީ އެއް ދަތުރެއްގެ ފުރަތަމަ މަރުހަލާއާއި ފަހު މަރުހަލާއެވެ. އެއީ އަމިއްލަ ފިޠުރަތުގެ ލެއްޕިފައިވާ ޞަފްޙާތައް ހުޅުވުން ފަދަ ކަމެކެވެ. އާދަމުގެ ދަރިޔާ ތެދުމަގު ހޯދަން ހިތުގެ އަޑިން ނިޔަތްގަތުމާއެކު ފިޠުރަތުގެ އުސޫލުގެ މަތީން، ﷲ ގެ ނަޞްރު އެމީހަކަށް ލިބެން ފަށައެވެ. އޭނާއަށް އޭނާގެ ފިޠުރަތުގެ ހަމަތަކުގެ މަތީން އިޚްލާޞްތެރިކަމާއެކު އެދޭ އެދުމަށް އެކަށީގެންވާ ޖަވާބު ލިބެން ފަށައެވެ.
އާދަމުގެދަރިޔާގެ ހިތުގައި ތެދުމަގު ހޯދަން އުފެދޭ އެދުމަކީ ފެންނަން އޮންނަ ޢާލަމެއްގެ ފަހަތުން ނުފެންނަ ޢާލަމެއް ދެކެން އުފެދޭ އެދުމެކެވެ. ހޯދުމުގެ މި އެދުން ކުރިލަމުން ގޮސް މަޢުރިފާވުމުގެ ދަރަޖައަށް ވާސިލުވުމުން ކިޔާ ނަމަކީ ޣައިބަށް އީމާންވުމެވެ. ފުރަތަމަ އިންސާނާގެ ހިތުގައި ބޭގަރާރުވުމުގެ ދަރަޖައަށް އުފެދޭ އެދުމަކީ ބާރު ގަދަ ފަރާތެއްގެ ކުރިމަތީގައި އިސްޖަހައިލުމުގެ އެދުމެވެ. އެ އެދުން ފަހުން ގޮސް ބަދަލު ވަނީ ނަމާދުގެ ސިފައިގައި ސަޖިދައަށް ތިރިވުމަށެވެ. ފުރަތަމަ އުފެދޭ އެދުމަކީ އެންމެ މަތިވެރި ފަރާތަށް ތިމާގެ މާލާއި ޖާން ވަގުފު ކުރުމުގެ އެދުމެވެ. ފަހުން އެ އެދުން ބަދަލު ވެގެން ދަނީ ﷲ ގެ މަގުގައި ތިމާގެ ފުރާނައާއި، ލިބިފައިވާ ހުރިހައި އެއްޗެއް ހޭދަ ކުރުމުގެ ޢަޒުމަށެވެ. ފުރަތަމަ އުފެދެނީ ދިރިއުޅުމުގެ ހައިޖާނުގެ ތެރޭގައި ތިމާގެ ނިމުން އޮންނާނީ ކިހިނެއްތޯ ދެނެގަތުމުގެ އެދުމެވެ. އެ އެދުން ބަދަލު ވެގެން ދަނީ އާޚިރަތަށް އީމާން ވުމަށެވެ. އެއީ އިންސާނާގެ ސުވާލުގެ ޖަވާބެވެ.
ތެދަކީ ކޮބައިކަން ދެނެގަތުމަކީ އެންމެ މަތިވެރި ފަރާތާ ކުއްތަންވުމުގެ ދަރަޖައެވެ. މަޢުރިފާގައި މި ދަރަޖަ ލިބިގަންނަ މީހަކީ ހުރިހައި ބާވަތެއްގެ ނަފްސާނީ ބަލިމަޑުކަމަކުން މިންޖު ވެގެންވާ މީހެކެވެ. ތެދު، އޭގެ އެންމެ ފުރިހަމަ ސިފައިގައި އޭނާ ދެކޭނެއެވެ. ތެދު ކޮންމެ ފަރާތަކުން އައި ކަމުގައި ވިޔަސް، ﷲ ގެ ކޮންމެ އަޅަކުގެ ދުލުން ނުކުތް ކަމުގައި ވިޔަސް އޭނާ ނުހަނު ފަސޭހަ ކަމާއެކު އެ ތެދު ދެނެގަންނާނެއެވެ. އެ ތެދަށް ލައްބައިކައޭ ގޮވައިލާނެއެވެ. ތެދާއި އޭނާޔާ ދެމެދު އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެއެވެ. ތަޢައްޞުބާއި، އަމިއްލަ އެދުމާއި، ބޮޑާކަން ތެދުމަގުގެ ހުރަހަކަށް ނުވާނެއެވެ. މި ހުރިހައި ކަމަކުން ދުރުވެ ހުރެ އޭނާ ޙައްޤަށް އިޢުތިރާފު ވާނެއެވެ. ތިމާގެ ކިބައިގައި މި ޚާއްޞަ ސިފަތައް އަށަގަންނުވައިފި މީހަކު ﷲ ގެ ހިޔަލަށް ވަންނާނެއެވެ. ﷲ އުފައްދަވައިފައިވާ ނިޒާމުން އޭނާ ބަލައިގަންނާނެއެވެ. ދުނިޔޭގައި ހެޔޮ މަގުން ހިނގުމުގެ ތައުފީގު އޭނާއަށް ލިބިގެން ދާނެއެވެ. އެ މަގުން ހިގަމުން ގޮސް އޭނާ، އޭނާގެ އެންމެ ފަހުގެ މަންޒިލަށް ވާސިލު ވާނެއެވެ. އެއީ އާޚިރަތުގެ ނިމުމެއް ނެތް ނިޢުމަތުގެ މަންޒިލެވެ.
ޙައްޤު ގޮތް ފެންނާނީ ހޯދާން އުޅޭ މީހަކަށެވެ. ހޯދާން އުޅޭ މީހަކަށް ޙައްޤު ގޮތް ފެންނާނެ ކަމީ ކަށަވަރު ކަމެކެވެ. ހޯދާން އުޅުމާއި ފެނުމާ ދެމެދު މާ ބޮޑު ދުރުމިނެއް ނޯންނާނެއެވެ.
إِنَّ ٱلَّذِينَ كَفَرُواْ سَوَآءٌ عَلَيۡهِمۡ ءَأَنذَرۡتَهُمۡ أَمۡ لَمۡ تُنذِرۡهُمۡ لَا يُؤۡمِنُونَ ٦ خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمۡ وَعَلَىٰ سَمۡعِهِمۡۖ وَعَلَىٰٓ أَبۡصَٰرِهِمۡ غِشَٰوَةٞۖ وَلَهُمۡ عَذَابٌ عَظِيمٞ ٧
- ހަމަކަށަވަރުން ކާފިރުވި މީސްތަކުންނަށް، ކަލޭގެފާނު އެއުރެންނަށް އިންޒާރު ކުރެއްވިޔަސް ނުވަތަ އިންޒާރު ނުކުރެއްވިޔަސް ހަމަހަމަވެގެން ވެއެވެ. އެއުރެން އީމާނެއް ނުވާނެތެވެ.
- اللَّه، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަގައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޒާބު ހުށްޓެވެ.
މީހަކު ލޯ މަރައި ތަގުޅި ކޮށްގެން ހުރެއްޖެ ނަމަ ލޮލެއް ހުރި މީހަކަށް ވިޔަސް، އެ ފަދަ މީހަކަށް އިރެއް ނުފެންނާނެއެވެ. ކަންފަތަށް އުނގުރި ޖަހައިގެން ހުންނަ މީހަކަށް، ކަންފަތެއް ހުރި ނަމަވެސް އަޑެއް ނީވޭނެއެވެ. ޙައްޤުގެ ކަންތައް އޮންނަ ގޮތަކީވެސް މިއީއެވެ. ކިތަންމެ ފައުޅުކަން ބޮޑު ގޮތަކަށް ޙައްޤު ގޮތް ޢިޢުލާނު ކުރެވުނު ކަމުގައި ވިޔަސް، ޙައްޤަށްޓަކައި، ތިމާގެ ހޮތުގެ ދޮރުތައް ހުޅުވައިގެން ހުންނަ މީހެއްގެ ހިތަކަށް ނޫނީ ޙައްޤެއް ނުވަންނާނެއެވެ. ހިތުގެ ދޮރުތައް ބަންދު ކޮށްގެން ހުންނަ މީހަކަށް ﷲ ގެ އެންގެވުމެއް، ދާޢީއެއްގެ ގޮވައިލެއްވުމެއް ނުވަންނާނެއެވެ. ﷲ ގެ ގޮވައިލެއްވުން ދުނިޔެއަށް ފޮނުއްވަނީ އިންސާނުން މެދުވެރި ކުރައްވައެވެ. މެދުވެރިންގެ މަސައްކަތް ކިތަންމެ ރަނގަޅު ވިޔަސް، ހިތުގެ ދޮރުތައް ބަންދުކޮށްގެން ހުންނަ މީހެއްގެ ހިތަކަށް ﷲ ގެ އެންގެވުމުގެ އަސަރެއް ނުފޯރާނެއެވެ.
ޙައްޤުގެ ދަޢުވަތު އޭގެ ފުރިހަމަ ސިފައިގައި ފައުޅުވާއިރު ފައުޅުވަނީ ފިޠުރަތުގެ އުސޫލުތަކާ އެއް ގޮތަށް، ޙަޤީޤަތުގެ މައްޗަށް ފުރިހަމައަށް ފެތިގެންނެވެ. ހެއު ލޮލަކުން ބަލާ މީހަކަށް އޮޅުން ނާރާފަދަ ސިފައެއްގައެވެ. ހުޅުވިފައިވާ ހިތަކާއިގެން ޙައްޤާ ކުރިމަތިލާ މީހާ، ތިޔައީ ތެދޭ، ތިޔައީ ތެދޭ ބުނާނެއެވެ. އެހެންނަމަވެސް ޙައްޤު ފައުޅުވީ އިރު ޙާލަތު އޮތީ ތަފާތު ގޮތަކަށެވެ. އެ ދުވަސްވަރު އޮތީ ދީނީ އަދި ދީނީ ނޫންނަމަވެސް، އެކި ކަހަލަ ތަޚުތުތައް ހެދި، އެ ތަޚުތުތަކުގައި މީހުން ވެޑުވިފައެވެ. ޢިއްޒަތާއި ގަދަރުގެ އާދަކާދަ އޮތީ ފެތުރިފައެވެ. ބޮޑާކަމުގެ ދިދަ ހިފައިގެން ކިބުރުވެރިން ތެދުވެ މަތީ މަގާމުތަކުގައި ގާއިމު ވެގެންފިއެވެ. ވިޔަފާރިއާއި އަމިއްލަ ފައިދާތަކުގެ އަވައިގައި ހަމަޖެހިގެން ދިރިއުޅޭން ފަށައިފިއެވެ.
މިފަދަ ޙާލަތެއްގައި މުޖުތަމަޢު ވަނިކޮށް، ސަމާލުކަން ދެވިފައި ނެތް ދިމާއަކުން ﷲ ގެ ހެޔޮ އަޅަކު ތެދުވެ އެ މީހުންގެ އާދަކާދަޔާ ޚިލާފު ވާހަކަތަކެއް ދައްކާން ފެށްޓުމާއެކު، އެ މީހުންނަށް، އެ މީހުން ގާއިމުވެ ތިބި މަގާމު ގެއްލިދާނޭ ކަމުގެ ބިރު ހީވެއްޖެއެވެ. ޙައްޤު ގޮތް ފައުޅުވެ އެނގޭން އޮތް ނަމަވެސް، އެ ގޮތް ގަބޫލު ކުރުމުގައި ދެ ކަމެއް ހުރަހަކަށް ވެއްޖެއެވެ. އެއް ކަމަކީ ބޮޑާ ކަމެވެ. ދެވަނަ ކަމަކީ ދުނިޔޭގެ އެދުމެވެ. މަތީ މަގާމުތަކަށް އަރައި ތިބި ބޮޑެތި މީހުންނަކަށް [ކުޑަ މީހެއް]ގެ ވާހަކަ ގަބޫލު ކުރެވޭ ގޮތެއް ނުވިއެވެ. އެ މީހުންނަށް ފެނުނީ އެއީ އެ މީހުންގެ އަގު ވެއްޓޭ ފަދަ ކަމެއް ކަމުގައެވެ. މި އިހުސާސުގެ ސަބަބުން ހިތުގައި އުފެދެނީ ބޮޑާ ކަމުގެ ޝުޢޫރެވެ. ދާޢީ އަކީ ތިމަންމެނަށްވުރެ ދެރަ މީހެއް ކަމަށް ބަލާފައި، ދާޢީގެ ވާހަކަ ގަބޫލު ނުކޮށް ދޫކޮށްލަނީއެވެ. ހަމައެހެންމެ ދުނިޔޭގެ އެދުންވެސް ޙައްޤު ގަބޫލު ކުރުމުގެ މަގަށް ހުރަސް އަޅަނީއެވެ. އެހެނީ ދާޢީ އަކީ ދުނިޔޭގެ ފައިދާތައް ހިފައިގެން ނުކުންނަ މީހެއް ނޫނެވެ. އޭނާ ނުކުންނަނީ މުޅީން އައު އަޑަކާއިގެންނެވެ. އައު ވާހަކައަކާއިގެންނެވެ. އެ ވާހަކަތައް ގަބޫލު ކޮށްފިނަމަ، ދުނިޔޭގެ ފައިދާތައް އަތުން ބީވެދާނެ ކަމުގެ ބިރު ހީވާން ފަށަނީއެވެ.
ހިތުގައި ސިއްކަ ޖެއްސެވުން ކަމުގައި ބަޔާން ކުރައްވައިފައި އެވާ ޙާލަތަކީ މިއީއެވެ. ޙައްޤުގެ ވާހަކަ އަކީ ސީރިއަސް ވާހަކައެއް ކަމަށް އެ މީހުން ނުބަލައެވެ. ބޮޑާކަމާއި، ދުނިޔޭގެ އެދުމުގައި ބަނދެވިފައި ތިބޭ މީހުންގެ ސިކުނޑިއަކަށް ޙައްޤުގެ އަޑެއް ނުވަދެއެވެ. ކަމަކާ ދެކޮޅު ހެދުމުގެ ނަފްސިއްޔާތު މީހެއްގެ ސިކުނޑީގައި ހަރުލައިފިނަމަ، ކިތަންމެ ފާޅުކަން ބޮޑު ގޮތެއްގައި އެކަމެއް ފެންނާން ހުރި ކަމުގައި ވިޔަސް ގަބޫލެއް ނުކުރާނެއެވެ. ބުއްދި ގަބޫލު ކުރާ ދަލީލުތަކާއި، ހެކި ތަކަކުން އަސަރެއް ނުކުރާނެއެވެ.
