2 – ސޫރަތުލް ބަޤަރާ
(8 ވަނަ އާޔަތުން ފެށިގެން 25 ވަނަ އާޔަތުގެ ނިޔަލަށް)
وَمِنَ النَّاسِ مَنْ يَقُولُ آَمَنَّا بِاللَّهِ وَبِالْيَوْمِ الْآَخِرِ وَمَا هُمْ بِمُؤْمِنِينَ (8) يُخَادِعُونَ اللَّهَ وَالَّذِينَ آَمَنُوا وَمَا يَخْدَعُونَ إِلَّا أَنْفُسَهُمْ وَمَا يَشْعُرُونَ (9) فِي قُلُوبِهِمْ مَرَضٌ فَزَادَهُمُ اللَّهُ مَرَضًا وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ (10) وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ (11) أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَكِنْ لَا يَشْعُرُونَ (12) وَإِذَا قِيلَ لَهُمْ آَمِنُوا كَمَا آَمَنَ النَّاسُ قَالُوا أَنُؤْمِنُ كَمَا آَمَنَ السُّفَهَاءُ أَلَا إِنَّهُمْ هُمُ السُّفَهَاءُ وَلَكِنْ لَا يَعْلَمُونَ (13) وَإِذَا لَقُوا الَّذِينَ آَمَنُوا قَالُوا آَمَنَّا وَإِذَا خَلَوْا إِلَى شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ (14) اللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ (15) أُولَئِكَ الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَى فَمَا رَبِحَتْ تِجَارَتُهُمْ وَمَا كَانُوا مُهْتَدِينَ (16)
8. އަދި އީމާންވެގެންވާ ބަޔަކު ކަމުގައި ނުވެތިބެ، ތިމަންމެން ﷲއަށާއި އާޚިރަތްދުވަހަށް އީީމާންވެއްޖައީމުއޭ ބުނާބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ.
9. (އެއުރެން ހީކުރާގޮތުގައި) ﷲއަށާއި އީމާންވެގެންތިބި މީހުންނަށް އެއުރެން އޮޅުވައިލަނީއެވެ. އެއުރެން އެ އޮޅުވައިލަނީ، އެއުރެންގެ އަމިއްލަ ނަފުސުތަކަށް ކަމުގައި މެނުވީ ނުވެއެވެ. އެއުރެންނަށް (އެކަންވެސް) ނޭނގެނީއެވެ.
10. އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ. އެކަމުން، ﷲ، އެއުރެންނަށް އެ ބަލިމަޑުކަން އިތުރު ކުރެއްވިއެވެ. އަދި އެއުރެން ދޮގުހަދައި އުޅުނުކަމުގެ ސަބަބުން، އެއުރެންނަށް ވޭންދެނިވި އަޒާބުހުށްޓެވެ.
11. އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ އިސްލާހުކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ.
12. ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންނީ، ހަމަ ފަސާދަ އުފައްދާ މީހުންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ.
13. އަދި މީހުން އީމާންވި ފަދައިން ތިޔަބައިމީހުން އީމާންވާށޭ، އެއުރެންނާ ދިމާއަށް ބުނެފިނަމަ، މޮޔައިން އީމާންވި ފަދައިން އަހަރެމެން އީމާންވާނެހެއްޔޭ، އެއުރެން ބުނެތެވެ. ދަންނާށެވެ! ހަމަކަށަވަރުން މޮޔައިންނަކީ ހަމަ އެއުރެންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ.
14. އަދި އީމާންވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ އީމާންވެގެންނެވެ. އެއުރެންގެ ޝައިޠާނުންނާ(އެބަހީ: ދެކޮޅުވެރިކަމާއި ކުފުރުވެރިކަމުގައި އެއުރެންގެތެރެއިން ކުރިޔަށް ތިބިމީހުންނާ) އެއުރެން އެއްތަންވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިޔަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން، ތިމަންމެންނީ، ފުރައްސާރަކުރާ ބަޔަކީމުއެވެ.
15. ﷲ، އެއުރެން ކުޅަ ފުރައްސާރައިގެ ޖަޒާ އެއުރެންނަށް ދެއްވާހުށްޓެވެ. އަދި ދެފުށުއެޅޭ ހާލުގައި، އެއުރެންގެ އުރެދުމުގައި އުޅުމަށް އެއުރެންނަށް މުއްދަތު ދިގުކުރައްވާނެތެވެ.
16. އެއުރެންނީ، ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ގަތް މީހުންނެވެ. (އެބަހީ: ތެދުމަގަށް ފުރަގަސްދީ، މަގުފުރެދުން ހޯދި މީހުންނެވެ.) ފަހެ، އެއުރެންގެ އެ ވިޔަފާރިޔަކުން، އެއުރެންނަކަށް ފައިދާއެއް ނުވިއެވެ. އަދި އެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބަޔަކުކަމުގައިވެސް ނުވެތެވެ.
ބަޔާނެއް: ދެކޮޅުވެރިންގެ ބަލާވެރިކަމުން ސަލާމަތް ވާނޭ ކަމުގެ ޔަގީން ކަމެއް ނެތީސް، ހިތްވަރު ކޮށްފައި ތިމާގެ އަމިއްލަ ނަފްސު ޙައްޤާ ޙަވާލު ކުރާ މީހާ، އަމިއްލަ ފައިދާއާއި މަޞްލަޙަތަށް އިސްކަންދޭ ބައެއްގެ ކުރިމަތީގައި ވާނީ މޮޔަ އަކަށެވެ. އަމިއްލަ މަޞްލަޙަތަށް އިސްކަން ދޭ މީހެއްގެ ޙަޤީޤީ ވަފާތެރިކަން އޮންނާނީ ދުނިޔޭގެ ފައިދާތަކުގެ މައްޗަށެވެ. ދުނިޔޭގެ ފައިދާއެއް ލިބޭ ފަދަ ދަނޑިވަޅެއްގައި ދަޅަ ދެއްކުމުގެ ގޮތުން ޙައްޤާވެސް ތިމާގެ ކަމެއް އޮންނަ ކަމަށް ދައްކައިގެން އުޅޭނެއެވެ. އެ މީހުން ދެކޭނީ އެންމެ ބުއްދިވެރި ގޮތަކީ އެއީ ކަމުގައެވެ. އަދި މުނާފިގު ވެގަތީމާ ދުނިޔޭގެ ފައިދާތައް ލިބިފައި، ޙައްޤު މަގުގައި ހުރި މީހެއް ކަމުގައި ފެންނާނޭ ކަމުގައެވެ. އެކަމަކު އެއީ އެފަދަ މީސްމީހުންގެ ސިކުނޑީގައި އޮންނަ ޚިޔާލީ ކަމެކެވެ. ސައިބޯނި ބޮތްކެއް ކަހަލަ އުފައުވެރިކަމެކެވެ. އޭނާގެ ސިކުނޑިން ބޭރުގައި އެ އުފަލުގެ އެއްވެސް އަސަރެއް ފެންނާކަށް ނުހުރެއެވެ. އިމްތިޙާނަކާ ކުރިމަތިވާ ކޮންމެ ފަހަރަކު އެފަދަ މީސްމީހުން ޙައްޤު ދީނާ ފެއަށް ލައި، އެ މީހުންގެ އަމިއްލަ އެދުންތަކާ ކައިރި ކުރެއެވެ. މިހެން ގޮސް އެ މީހުންގެ ނިފާޤު ކަމުގެ ބަލި ބޮޑު ވަމުން ދަނީއެވެ. އެފަދަ ބަޔަކަށް މުސްލިމުންނާ ބައްދަލު ވެވުނީމާ ހީކުރާން ފަށަނީ، މުސްލިމުންނަކީ ތެދުވެރިކަމާއި ޙައްޤުގެ މަގުގައި ތިމާމެންގެ އަމިއްލަ ނަފްސު ހަލާކު ކޮށްލާ ބަޔަކު ކަމުގައެވެ. މުސްލިމުންގެ މަގަށްވުރެ ތިމާމެންގެ މަގު އިޞްލާޙުގެ މަގާ މާ ކައިރި ކަމުގައި އެ މީހުން ދެކޭނެއެވެ. އެ މީހުން ނިފާޤުކަން އިސް ކުރަނީ، ދެކޮޅުވެރިކަމަކާ ކުރިމަތި ނުލައި ފަސޭހަ ކަމާއެކު އެ މީހުންގެ މަގުގައި ކުރިއަށް ދެވޭތީއެވެ. އެމީހުންގެ ބައިވެރިންގެ ނުރުހުމެއް ނެތެވެ. މުސްލިމުން ހައްލާލައިގެން އުޅެނީއެވެ. އެކަމަކު ޙަޤީޤަތް އޮތް ގޮތަކީ މިޔެއް ނޫނެވެ. އެ މީހުންވެސް ފުންކޮށް ވިސްނައިފި ނަމަ، ޙަޤީޤީ ތެދު މަގަކީ ނުވަތަ އިޞްލާޙުގެ މަގަކީ އަޅަކު ތިމާ ހެއްދެވި މަތިވެރި އިލާހުގެ ފަރާތަށް ލެނބި، އެ ކަލާނގެ ރުއްސެވުން ހޯދުމަށްޓަކައި އެހެން ހުރިހައި ކަމެއް ދޫކޮށްލުންކަން ރަނގަޅަށް އެނގޭނެއެވެ. ފަސާދައިގެ މަގަކީ މަޚްލޫޤުން ރުއްސުމަށްޓަކައި ހޭބޯނާރައި މަސައްކަތް ކުރުންކަން އެނގޭނެއެވެ. އެ މީހުން ގަބޫލު ކުރާ ފައިދާގެ ވިޔަފާރިއަކީ ގެއްލުމުގެ ވިޔަފާރިއެކެވެ. އެހެނީ އެ މީހުން ކަންތައް ކުރާ ގޮތަކީ ޙަޤީޤީ ތެދުމަގު ދޫކޮށް، މަޞްނޫޢީ ތެދު މަގެއްގައި ހިނގަމުން ދިއުމެވެ. އެ ކަމަކުން ކުރާނޭ އެއްވެސް ފައިދާއެއް ނެތެވެ. ދުނިޔޭގެ މުޢާމަލާތް ތަކުގައި ހުސިޔާރުކަން ދައްކައި، އާޚިރަތުގެ މުޢާމަލާތަކީ މަތިމަތީން ކޮށްލުމުން ފުދޭނޭ ކަންތައްތަކެއް ކަމުގައި ބެލުމަކީ ﷲ ގެ ޙަޟްރަތުގައި ދޮގު ހެދުމެވެ. އެފަދަ ބަޔަކަށް އޮތީ ﷲ ގެ ގަދަފަދަ ޢަޒާބާއި ވޭންކަން ވަރަށް އަވަހަށް އެ މީހުންނަށް އެނގި ފައުޅު ވާނެއެވެ. އެ މީހުންނަށް ޙައްޤު ވެގެންވާ ޖަޒާއަކީ އެއީއެވެ.
مَثَلُهُمْ كَمَثَلِ الَّذِي اسْتَوْقَدَ نَارًا فَلَمَّا أَضَاءَتْ مَا حَوْلَهُ ذَهَبَ اللَّهُ بِنُورِهِمْ وَتَرَكَهُمْ فِي ظُلُمَاتٍ لَا يُبْصِرُونَ (17) صُمٌّ بُكْمٌ عُمْيٌ فَهُمْ لَا يَرْجِعُونَ (18) أَوْ كَصَيِّبٍ مِنَ السَّمَاءِ فِيهِ ظُلُمَاتٌ وَرَعْدٌ وَبَرْقٌ يَجْعَلُونَ أَصَابِعَهُمْ فِي آَذَانِهِمْ مِنَ الصَّوَاعِقِ حَذَرَ الْمَوْتِ وَاللَّهُ مُحِيطٌ بِالْكَافِرِينَ (19) يَكَادُ الْبَرْقُ يَخْطَفُ أَبْصَارَهُمْ كُلَّمَا أَضَاءَ لَهُمْ مَشَوْا فِيهِ وَإِذَا أَظْلَمَ عَلَيْهِمْ قَامُوا وَلَوْ شَاءَ اللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ (20)
17. އެއުރެންގެ މިސާލަކީ، އަލިފާންގަނޑެއް ރޯކޮށްގެންތިބި ބަޔެއްގެ މިސާލެވެ. ފަހެ އެ އަލިފާންގަނޑު، އެއުރެންގެ ވަށައިިގެންވާތަނަށް އަލިކޮށްލިހިނދު، ﷲ އެއުރެންގެ (އެ އަލިފާންގަނޑުގެ) އަލިިކަން ގެންދަވައި އެއުރެންނަށް އެއްޗެއް ނުފެންނަފަދަ އަނދިރިތަކެއްގެ ތެރެޔަށް އެއުރެން ދޫކުރެއްވީއެވެ.
18. (އެއުރެންނީ) ބީރު ބަޔެކެވެ. މަންމަން ބަޔެކެވެ. ކަނު ބަޔެކެވެ. ފަހެ، އެއުރެން (ޙައްޤުގެ މަގަކަށް) ރުޖޫޢައެއް ނުވާނެތެވެ.
19. ނުވަތަ އެއުރެންގެ މިސާލަކީ، އެ ވިލާގަނޑެއްގައި އަނދިރިތަކަކާއި ގުގުރުމާއި ވިދުން (އެކުލެވިފައި) ވާގޮތުގައި އުޑުމަތީގައިވާ ވާރޭވިލާގަނޑެއްގެ މިސާލެވެ. ހޮނުގެ ސަބަބުން މަރުވެދާނެކަމަށް ބިރުން، އެއުރެންގެ ކަންފަތްތަކުގައި އެއުރެންގެ އިނގިލިތައް އަޅަތެވެ. ﷲއީ، އެ ކާފަރުންގެ ހުރިހައި ކަމެއް ފުރިހަމައަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
20. އެ ވިދުން، އެއުރެންގެ ލޯތަކުގެ ފެނުން ޖަހައިގަނެގެން އަތުލާފާނެ ކަހަލައެވެ. އެ ވިދުން އެއުރެންނަށް އަލިކޮށްލި ކޮންމެހިނދަކު އެ އަލީގައި އެއުރެން ހިނގައިގަނެތެވެ. އަދި އެއުރެންނަށް އަނދިރިއަޅާލައިފިނަމަ، ހުއްޓުންއަރާފައި ތިބެތެވެ. ﷲ އިރާދަކުރައްވައިފިނަމަ، އެއުރެންގެ ކަންފަތްތަކުގެ އިވުމާއި، އެއުރެންގެ ލޯތަކުގެ ފެނުން ގެންދަވައިފީހެވެ. ހަމަކަށަވަރުން ﷲއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
ބަޔާނެއް: ކޮޓަރިއެއްގެ ތެރޭގައި ހުދު އެއްޗަކާއި، ކަޅު އެއްޗެއް ބާއްވާފައި، ކޮޓަރި މުޅީން އަނދިރިކޮށްލީމާ އެ އެއްޗެހި ފޮރުވިދާނެއެވެ. އަނދިރިކަން އޮތްހައި ހިނދަކު އެ އެއްޗެހި ހުންނާނީ ފޮރުވިފައެވެ. ކޮޓަރި އަލި ކޮށްލުމާއެކު ހުދު އެތި ހުދު އެއްޗެއްގެ ގޮތުގައި އަދި ކަޅު އެތި ކަޅު އެއްޗެއްގެ ގޮތުގައި ފެންނާނެއެވެ. ﷲ ގެ ފަރާތުން އަންނަ ނުބުއްވަތުގެ ދަޢުވަތު އޮންނަ ގޮތަކީވެސް މިއީއެވެ. ﷲ ގެ ނޫރުފުޅުގެ އަލި ލިބުމުން ހިދާޔަތާއި، މަގުފުރެދުން ވަކިވެ ސާފުކޮށް ފެންނާން ފަށައެވެ. ހެޔޮ ޢަމަލަކީ ކޮބައިކަމާއި ހެޔޮ ޢަމަލުގެ މޭވާއަކީ ކޮބައި ކަމާއި، ނުބައި ޢަމަލަކީ ކޮބައި ކަމާއި ނުބައި ޢަމަލުގެ މޭވާއަކީ ކޮބައިކަން ފާޅުކޮށް އެނގޭން ފަށައެވެ. އެހެން ނަމަވެސް ޙައްޤަށް ބޯ ލެނބުމުގެ ބަދަލުގައި ތިމާގެ ކުރިމަތީގައި ޙައްޤު އިނދަ ޖައްސައިގެން އުޅޭ މީހުންނަށް މި ޙާލަތާ ކުރިމަތިލާން ޖެހުނީމާ ގަންނާނީ ބިރެވެ. އެއީ ބަލި ވުމުން ގަންނަ ބިރެވެ. އެ މީހުންގެ ހިތުގެ އަޑީގައި ފޮރުވިފައި އޮންނަ ޙަސަދަވެރިކަމާއި ބޮޑާކަން އެ މީހުން ވަށާލައި މަގު ބަންދު ކޮށްލަނީ އެހެން ވީމައެވެ. އިލާހީ ލޯގަނޑުން އެ މީހުންނަށް އެ މީހުންގެ ޙަޤީޤީ ސޫރަ ފެނުނީމާ އެމީހުންގެ އިދިކީލި ވިސްނުން ކުއްލިއަކަށް ފައުޅުވާން ފަށައެވެ. ތަޢައްޞުބުގެ އަސަރު ހިއްސުތަކަށް ވެރިވެގަތީމާ ލޮލާއި ކަންފަތާއި ދޫ ލިބިފައި ތިބެމެ، ކަނު، ބީރު، މަންމަން ބަޔަކަށް ވެދެއެވެ. ގޮވައިލާ މީހެއްގެ އަޑެއް އެ މީހުންނަކަށް ނީވެއެވެ. ގޮވައިލުމަކަށް ޖަވާބެއް ނުދެވެއެވެ. ފެންނަ ނިޝާންތަކަކުން ތެދުމަގެއް ނުމެ ފެނޭމެއެވެ. މީސްތަކުންނަށް އޮންނަ އެންމެ ރަނގަޅު ގޮތަކީ ގޮވައިލާ މީހާގެ ގޮވައިލުމާ މެދު ވިސްނައި ފިކުރު ކުރުމެވެ. އެކަމަކު އެ މީހުން ކަންތައް ކުރީ އެހެންނެއް ނޫނެވެ. އެ މީހުން މަސައްކަތް ކުރީ އެކަމުން ރެކި ގަންނާށެވެ. އެ ވާހަކަ އަޑު ނާހާށެވެ. އެ ވާހަކަތަކަށް ސަމާލުކަން ނުދޭށެވެ.
ޙައްޤު ގަބޫލު ކުރުމުގެ މަގަށް ހުރަސް އެޅޭ އެހެން ކަމެއްވެސް އޮވެއެވެ. އެއީ ބިރު ގަތުމެވެ. ވާރެއަކީ ﷲ ތަޢާލާގެ ނިޢުމަތެކެވެ. އެކަމަކު ވާރެޔާއެކު ވިދައި ގުގުރާން ފެށީމާ ހިތް ބަލި މީހުންގެ ހިތަށް ބިރުވެރިކަން ވަދެއެވެ. ހަމަ މި ބީދައިން ﷲ ތަޢާލާގެ ޙަޟްރަތުން ޙައްޤުގެ ދަޢުވަތު އައުމަކީ ނުހަނު ގިނަގުނަ މަންފާ އެކުލެވޭ ކަމެކެވެ. ދިންނެވުން ފަދަ އެތައް ފައިދާއެއް އެކުލެވޭ ކަމެކެވެ. އެހެންނަމަވެސް ދަޢުވަތުގެ މަގަށް އެނބުރޭ މީހަކަށް ވަގުތީ ދަތިތަކަކާ ކުރިމަތިލާން ޖެހެއެވެ. ވަގުތީ ބިރުވެރިކަމެއް ފެންނާން ފަށައެވެ. އެއީ ދުނިޔޭގެ ވަގުތީ ހުރަސްތަކުގެ ބިރުވެރިކަމެވެ. ޙައްޤަށް ބޯ ލަނބައިފިނަމަ ތިމާގެ ހައިބަތު ކުޑަވެ، ދިރިއުޅުމުގެ ޗާޓު އެހެން ގޮތަކަށް ބަދަލު ކުރާން ޖެހިދާނޭ ކަމުގެ ބިރެވެ. އާދަކާދަ ދޫކޮށްލުމުން ނުކުންނާނޭ ނަތީޖާގެ ބިރެވެ. އާޚިރަތުގެ ބާއްޖަވެރިކަމުގެ ވާހަކައަށް އުއްމީދު ކުރުމާއެކު ދުނިޔޭގެ އެދުން ކުޑަ ކޮށްލީމާ ނުކުންނަ ނަތީޖާގެ ބިރެވެ. މިފަދަ ބިރުތަކާ ކުރިމަތިލާން ޖެހުނީމާ އާދަމުގެ ދަރިޔާ ބައެއް ފަހަރަށް ހުއްޓި ހުރެދެއެވެ. ބައެއް ފަހަރަށް ޖެހިލުންވެ ހުރެމެ ކުރިއަށް ދެތިން ފިޔަވަޅު އަޅައެވެ. އެކަމަކު މިއީއަކީ އޭނާއަކަށް ފައިދާ ކުރާނޭ ކަމެއް ނޫނެވެ. އެހެނީ ﷲ ގެ އެންގެވުމަށް ނުވަތަ ﷲ ގެ ދަޢުވަތަށް ފުރަގަސް ދިނުމުގެ ސަބަބުން އޭނާ ކުރިމަތިލާން ޖެހޭ ބިރުވެރިކަން މާ ބޮޑެވެ. އޭނާ ވެގެން ދަނީ ﷲ ގެ ކޯފާއާއި ޢަޒާބު ޙައްޤުވާ މީހަކަށެވެ. އެއަށްވުރެ ވަކީން ބޮޑު ބިރުވެރި ކަމެއް ނޯންނާނެއެވެ.
يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (21) الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ (22) وَإِنْ كُنْتُمْ فِي رَيْبٍ مِمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُوا بِسُورَةٍ مِنْ مِثْلِهِ وَادْعُوا شُهَدَاءَكُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ (23) فَإِنْ لَمْ تَفْعَلُوا وَلَنْ تَفْعَلُوا فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ (24) وَبَشِّرِ الَّذِينَ آَمَنُوا وَعَمِلُوا الصَّالِحَاتِ أَنَّ لَهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ كُلَّمَا رُزِقُوا مِنْهَا مِنْ ثَمَرَةٍ رِزْقًا قَالُوا هَذَا الَّذِي رُزِقْنَا مِنْ قَبْلُ وَأُتُوا بِهِ مُتَشَابِهًا وَلَهُمْ فِيهَا أَزْوَاجٌ مُطَهَّرَةٌ وَهُمْ فِيهَا خَالِدُونَ (25)
21. އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރަސްކަލާނގެއެވެ. (އަޅުކަންކުރަންވީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ.
22. އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، އަދި ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން ފެން ވެއްސަވައި، އެއިން ތިޔަބައިމީހުންނަށް ރިޒުގެއްކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި ރަސްކަލާނގެއެވެ. ފަހެ، (އެކަލާނގެ ޚާލިޤްވަންތަކަން) ތިޔަބައިމީހުން ދެނެތިބެ، ﷲއަށް ޝަރީކުންތަކެއް ތިޔަބައިމީހުން ނުލާށެވެ!
23. ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: މުޙައްމަދުގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: ޤުރްއާނާމެދު) ތިޔަބައިމީހުން ޝައްކުކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ ސޫރަތެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، ﷲ ފިޔަވައި ތިޔަބައިމީހުންނަށް ނަސްރުދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ!
24. ފަހެ، ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ – އަދި ތިޔަބައިމީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެ ކުރެވޭނެއެވެ. – (އެކަން ނުކުރެވުނުނަމަ) ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، ކާފަރުންނަށްޓަކައެވެ.
25. އަދި އީމާންވެ ޞާލިޙް ޢަމަލުތައް ކުޅަ މީހުންނަށްޓަކައި، ހަމަކަށަވަރުން ސުވަރުގެތަކެއް ހުރިކަމުގެ އުފާވެރި ޚަބަރު ކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ! އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގައި ހުރެތެވެ. އެ ސުވަރުގެތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް، އެއުރެންނަށް ލިބޭ ކޮންމެ ފަހަރަކު، އެއުރެން ބުނާނެތެވެ. މިއީ ކުރިންވެސް އަހަރެމެންނަށް ލިބުނު މޭވާއެވެ. އެއުރެންނަށް އެފަދަ މޭވާ ދެއްވާހުށީ (ބޭރުފުށުން) އެއްވައްތަރުވާ ހާލުގައެވެ. އަދި އެ ސުވަރުގެ ތަކުގައި އެއުރެންނަށްޓަކައި ތާހިރުވެގެންވާ އަނބިން ފިރިންތަކެއް ވެއެވެ. އަދި އެއުރެންނީ، އެ ސުވަރުގެތަކުގައި ދެމިތިބޭނޭ ބަޔެކެވެ.
ބަޔާނެއް: އިންސާނާއާއި ދުނިޔޭގައި ލެއްވިހައި ތަކެއްޗެއް ހެއްދެވީ ﷲ އެވެ. އެކަލާނގެ ކާއިނާތު ހެއްދެވީ ނުހަނު ބޮޑު ޙިކުމަތަކާ އެކީގައެވެ. ހެއްދެވިހައި ތަކެއްޗެއް ގެންގުޅުއްވައި ބަލަހައްޓަވަނީ އެކަލާނގެއެވެ. ވުމާއެކު އިންސާނާއަށް އެންމެ އައުލާކަން ބޮޑު ވެގެން ވާ ގޮތަކީ ތިމާ ހައްދަވައި ރިޒުގު ދެއްވައި ގެންގުޅުއްވާ ފަރާތަކީ ﷲ ކަމަށް ގަބޫލު ކުރުމެވެ. ތިމާގެ ޙަޤީޤީ ވެރިއަކީ އެއީ ކަމަށް ގަބޫލު ކުރުމެވެ. އެ ނޫން އެހެން ފަރާތެއް އެއްވެސް ސިފައެއްގައި ޝަރީކު ނުކުރުމެވެ. އެކަމަކު ﷲ އަކީ ލޮލަށް ނުފެންނަ ފަރާތަކަށް ވުމުން އިންސާނާ ކުރާ ކަމަކީ ލޮލަށް ފެންނަ ފަރާތަކަށް ބަރޯސާވާން ފަށަނީއެވެ. ލޮލަށް ފެންނަ އެއްޗެއް މާ މުހިއްމު އެއްޗެއް ކަމަށް ގަބޫލުކޮށް އެންމެ ފަހުން ކަލަކަށްވެސް ހަދަނީއެވެ. މަޚްލޫޤަކަށް ޚާލިޤެއްގެ ދަރަޖަ ދެނީއެވެ. ބައެއް ފަހަރަށް އެ އެއްޗަކަށް ކަލާނގެއޭ ނުކީ ކަމުގައި ވިޔަސް ކަންތައް ކުރާ ގޮތަކީ މިއީއެވެ.
އިންސާނާގެ ޙަޤީޤީ މަގުފުރެދުމަކީ މިއީއެވެ. ނަބީބޭކަލުންގެ ދަޢުވަތަކީ އެންމެ މަތިވެރި ފަރާތަކީ ހަމައެކަނި ﷲ ކަމަށް ގަބޫލު ކުރުމުގެ ދަޢުވަތެވެ. އިލާހުން ކަމަށް ހަދައިގެން މަތީ ދަރަޖަތައް ދީގެން އުޅޭ ތަކެތި، އެ ދަރަޖައިން ބާލައި ހަމަ ބިމަށް ތިރި ކުރުމުގެ ދަޢުވަތެވެ. ހަމައެކަނި ﷲ އަށް އަޅުކަން ކުރުމުގެ ދަޢުވަތުގެ އަޑު އުފުލުނީމާ ﷲ ފިޔަވައި އެހެން ފަރާތެއްގެ އަޅުވެތިކަން ގަބޫލު ކޮށްގެން ތިބޭ މީހުންނަށް އެ މީހުންގެ މައްޗަށް މާ ވަރުގަދަ ބާރެއް ވެރިވަނީ ކަމުގެ އިހްސާސް ކުރެވެން ފަށައެވެ. ﷲ ފިޔަވައި އެހެން ފަރާތެއް މާ ވަރުގަދަ ކަމަށް ގަބޫލު ކޮށްގެން ތިބޭ މީހުން ތިބެނީ އެ މީހުންގެ މަސްނޫޢީ ކަލާނގެތަކާ ވަރަށް ބޮޑަށް ގުޅިފައެވެ. ވުމާއެކު އަލަށް އަޑު އިވޭ ވާހަކަތައް ގަބޫލު ކުރާން އެ މީހުންނަށް ދަތި ވަނީއެވެ. އެމީހުން ގަބޫލު ކުރާ ގޮތް އެއީ ބާޠިލް ގޮތެއް ކަމާއި، އެންމެ މީހެއްގެ ދުލުން ނުކުންނަ ވާހަކަތަކަކީ ތެދެއް ކަމަށް ގަބޫލު ކުރާން އުނދަގޫ ވަނީއެވެ.
ﷲ ގެ ޙަޟްރަތުން ދަޢުވަތު އަންނަ އިރު އެ ދަޢުވަތުން ﷲ ގެ ޝާން ފައުޅު ވުމަކީ ވާނޭ ކަމެއް ކަމާ މެދަކު ޝައްކެއް ނެތެވެ. އެ ދަޢުވަތަށް ގޮން ޖެހުމުގެ ބާރު އެއްވެސް މީހަކަށް ނުލިބޭ ފަދަ އުސްލޫބެއް ހުރުމާއި، ހަމަބުއްދިއަށް ވިސްނައިގަނެވޭފަދަ އަދި މުގުރައިނުލެވޭ ފަދަ ދަލީލުތަކެއް ހުރުމުން އެއީ ﷲ ގެ ޙަޟްރަތުން އަންނަ ދަޢުވަތެއްކަން ފިސާރި ރަނގަޅަށް ސާބިތު ވެއެވެ. މި ސަބަބުތައް މިހެން ހުރުމާއެކުވެސް އެ ދަޢުވަތު ގަބޫލު ނުކުރާ މީހުންނަށް ﷲ ގެ ދުނިޔޭގައި ޖަހަންނަމަ ނޫން ތަނެއް ޙައްޤެއް ނޫނެވެ. މިޔާ ޚިލާފަށް ﷲ ގެ ބަސްފުޅުން އެކަލާނގެ ޒާތުފުޅު ދެކޭ މީހަކީ މި ދުނިޔޭގައި ތިބެގެން އާޚިރަތުގެ ދުނިޔެ ލިބިގެންފި މީހެކެވެ. އާޚިރަތުގެ ދާއިމީ ބަގީޗާތަކަށް ވަންނާނޭ މީހަކީ އެއީއެވެ.
