2 – ސޫރަތުލް ބަޤަރާ
(26 ވަނަ އާޔަތުން ފެށިގެން 39 ވަނަ އާޔަތުގެ ނިޔަލަށް)
إِنَّ اللَّهَ لَا يَسْتَحْيِي أَنْ يَضْرِبَ مَثَلًا مَا بَعُوضَةً فَمَا فَوْقَهَا فَأَمَّا الَّذِينَ آَمَنُوا فَيَعْلَمُونَ أَنَّهُ الْحَقُّ مِنْ رَبِّهِمْ وَأَمَّا الَّذِينَ كَفَرُوا فَيَقُولُونَ مَاذَا أَرَادَ اللَّهُ بِهَذَا مَثَلًا يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا وَمَا يُضِلُّ بِهِ إِلَّا الْفَاسِقِينَ (26) الَّذِينَ يَنْقُضُونَ عَهْدَ اللَّهِ مِنْ بَعْدِ مِيثَاقِهِ وَيَقْطَعُونَ مَا أَمَرَ اللَّهُ بِهِ أَنْ يُوصَلَ وَيُفْسِدُونَ فِي الْأَرْضِ أُولَئِكَ هُمُ الْخَاسِرُونَ (27) كَيْفَ تَكْفُرُونَ بِاللَّهِ وَكُنْتُمْ أَمْوَاتًا فَأَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ (28) هُوَ الَّذِي خَلَقَ لَكُمْ مَا فِي الْأَرْضِ جَمِيعًا ثُمَّ اسْتَوَى إِلَى السَّمَاءِ فَسَوَّاهُنَّ سَبْعَ سَمَوَاتٍ وَهُوَ بِكُلِّ شَيْءٍ عَلِيمٌ (29)
- ހަމަކަށަވަރުން މަދިރިއަކުން، ނުވަތަ އެއަށްވުރެ ބޮޑު އެއްޗަކުންވިޔަސް، އެއްވެސް ކަހަލަ މިސާލެއް ޖެއްސެވުމަކަށް ﷲ ލަދުވެތިިވެވޮޑިގެނެއް ނުވެތެވެ. ފަހެ، އީމާންވި މީހުން، އެ މިސާލަކީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ހައްގުގޮތުގައި ޖެއްސެވި މިސާލެއްކަން ހަމަކަށަވަރުން ދަނެތެވެ. އަދި ކާފިރުވި މީހުން ބުނެތެވެ. ތިޔަ މިސާލުން، ﷲ އިރާދަކުރެއްވީ ކޮންކަމެއް ބާވައެވެ؟ އެ މިސާލުން، އެކަލާނގެ ގިނަބަޔަކު މަގުފުރައްދަވަތެވެ. އަދި ހަމަ އެ މިސާލުން، އެކަލާނގެ ގިނަބަޔަކަށް ތެދުމަގު ދައްކަވަތެވެ. ފާސިގުން މެނުވީ، އެއިން އެކަލާނގެ މަގެއް ނުފުރައްދަވަތެވެ.
- އެއުރެންނީ، ﷲއަށް އަހުދު ކަށަވަރުކޮށް ގަދަކުރުމަށްފަހު އެކަލާނގެ އަހުދު އުވައިލާ މީހުންނެވެ. އަދި އެއުރެންނީ، ގުޅުވައި ދެމެހެއްޓުމަށް ﷲ އަމުރުކުރެއްވި ކަންތައްތައް ކަނޑާލައި، ބިމުގައި ފަސާދަ އުފައްދާ މީހުންނެވެ. ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެއުރެންނެވެ.
- ތިޔަބައިމީހުން ﷲ އަށް ކާފިރުވެގަންނަނީ، ކޮންގޮތަކުންހެއްޔެވެ؟ ތިޔަބައިމީހުން މަރުވެފައިވާ ބަޔެއްގެ ގޮތުގައި ތިއްބައި، ފަހެ އެކަލާނގެ ތިޔަބައިމީހުން (އުފައްދަވައި) ދިރުއްވިއެވެ. އެއަށްފަހު، އެކަލާނގެ ތިޔަބައިމީހުންގެ (އަޖަލުހަމަވުމުން) މަރުގަންނަވާނެތެވެ. ދެން (ގިޔާމަތްދުވަހުން) ތިޔަބައިމީހުން ދިރުއްވާނެތެވެ. ދެން އެކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން ރުޖޫޢަ ކުރައްވާނެތެވެ.
- އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ އުޑު ހެއްދެވުމަށް އިރާދަކުރައްވައި، އެ އުޑުތަކުގެ ހެއްދެވުން ހަތް އުޑަށް ފުރިހަމަކުރެއްވިއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
ބަޔާނެއް: އިންސާނާގެ މައްޗަށް ލައްވައިފައިވާ ﷲ ތަޢާލާގެ އެންމެ ބޮޑު ޙައްޤަކީ، އޭނާ އެންމެ ފުރަތަމަ އުފެއްދެވި ވަގުތުން ފެށިގެން ލައްވައިފައިވާ ޙައްޤެކެވެ. އެއީ އާދަމުގެ ދަރިޔާ ﷲ އަށް އަޅުކަން ކުރުމުގެ އަޙްދެވެ. އެއީ ފުރަތަމަ އިންސާނާ އުފެއްދެވި ދުވަހުން ފެށިގެން ވެވިފައިވާ ޢަހުދެކެވެ. ދެވަނަ ކަމަކަށް އޮތީ ﷲ އަންގަވައިފައިވާ ގޮތަށް ފިލިން ފިއްޔަށް ދިރިއުޅުން ވޭތު ކުރުމެވެ. ގުޅުމާއި އުޅުން ﷲ ގެ މަގަށް ފަހި ކުރުމެވެ. ތިން ވަނަ ކަމަކަށް އޮތީ ﷲ އެކަލާނގެ އަޅަކު މެދުވެރި ކުރައްވައި އެކަލާނގެ ރުއްސަވާ މަގު އިޢުލާނު ކުރެއްވީމާ އެ އަޅަކާ މެދު ދޮގު ވާހަކަތައް ފަތުރައި ﷲ ގެ އަޅުތަކުން މަގު ފުރައްދާން މަސައްކަތް ނުކުރުމެވެ. ޙައްޤުގެ މަގަށް ގޮވައިލުމަކީ އިންސާނާ އޭނާގެ ފިޠުރަތުގެ މަގަށް އަނބުރައި ގެނައުމަށް މަސައްކަތް ކުރުމެވެ. ވުމާއެކު ޙައްޤުގެ މަގަށް ހުރަސް އަޅާ މީހަކީ ދުނިޔޭގައި ފަސާދަ ފެތުރުމުގެ ކުށުން ކުށްވެރިވާ މުޖުރިމެކެވެ.
ނެތުމުގެ ތެރެއިން އިންސާނާ އުފެއްދެވި ކަމީ ﷲ ތަޢާލާގެ އިޙްސާންތެރިކަމެވެ. އެއީ އެ އިޙްސާންތެރިކަމުގެ ކުރިމަތީގައި އިންސާނާ އިސްޖަހައިލާން ޖެހޭ ފަދަ ބޮޑު އިޙްސާންތެރިކަމެކެވެ. ﷲ އިންސާނާ އުފައްދަވައިފައި ދޫކޮށްލެއްވީއެއް ނޫނެވެ. އޭނާއަށްޓަކައި، އޭނާއަށް އުޅެވޭ ފަދަ ފުރިހަމަ ގޮތަކަށް ތައްޔާރު ކުރައެްވައިފައިވާ ދުނިޔެއެއްވެސް ދެއްވީއެވެ. ހަމައެކަނި މިއެއް ނޫނެވެ. އިންސާނާ ތާއަބަދުމެ ހުންނަނީ ނާޒުކު ފައްތަރެއްގެ މަތީގައެވެ. ކުއްލިއަކަށް މަރު އައިސް އޭނާ ގެންގޮސް އޭނާ ހެއްދެވި ފަރާތާ ޙަވާލު ކޮށްފާނޭ ފަދަ މަރުޙަލާއެއްގައެވެ. އެ ދުވަހަކުން އޭނާގެ ހިސާބުކިތާބު ފިސާރި ރަނގަޅަށް ބެއްލެވޭނޭ ދުވަހެއްގެ އަނގަމަތީގައެވެ. މި ހުރިހައި ކަމަކަށް ބަލާއިރު އިންސާނާއަށް އޮތް ހަމައެކަނި ގޮތަކީ ﷲ ތަޢާލާއަށްޓަކައި އޭނާގެ ޖާނާއި މާލު ވަގުފު ކުރުމެވެ. އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކޮށް، އަޅުވެތިކަމުގައި މުޅި ދިރިއުޅުން ހޭދަ ކުރުމެވެ.
ނަބަވީ ދަޢުވަތުގެ ތެދުކަމާއި ޙައްޤުކަން ނުހަނު ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން އޮތުމާއެކުވެސް ގިނަ ބަޔަކު އެ ދަޢުވަތާ ދެކޮޅު ހަދާ ސަބަބަކީ ކޮބައިބާވައެވެ؟ އެންމެ ބޮޑު ސަބަބަކަށް ވަނީ ކަމެއް ދަސް ކުރާން ޖެހިލުން ވުމެވެ. މީހެއްގެ ކިބައިގައި ނަސޭހަތެއް ގަބޫލު ނުކުޅައުމުގެ ސިފަ އަށަގެންފައިވާނަމަ އޭނާއަކަށް އެއްވެސް ކަމެއް ސީރިއަސް ކަމެއްގެ ގޮތުގައެއް ނުފެންނާނެއެވެ. އެފަދަ މީހެއްގެ ކުރިމައްޗަށް ދަލީލެއް ނެރެވިއްޖެ ނަމަ، އެ ދަލީލެއްގެ މައްޗަށް މަތިމަތީން ބަލައިލުމަށް ފަހު ކުށް ދައްކާން މަސައްކަތް ކުރާނެއެވެ. ޝައްކު އުފެއްދޭތޯ އުޅެގެންފާނެއެވެ. އޭނާ މަސައްކަތް ކުރާނީ އެ ދަޢުވަތަކީ ގަބޫލު ކުރަން ރަނގަޅު ނޫން ދަޢުވަތެއް ކަމަށް ދައްކާށެވެ. އެއީ ގަބޫލު ކުރެވޭ ފަދަ ދަޢުވަތެއް ކަމުގައި ވަނީ ނަމަ މިވެނި އެވެނި ކަންތައްތައް އެ ދަޢުވަތުގެ ތެރޭގައި ހުރީ ކީއްވެގެން ހެއްޔޭ ކިޔައި ޝައްކުގެ ތެރެއަށް މީހުން ގަންބައިލާން މަސައްކަތް ކުރާނެއެވެ. މިޔާ ޚިލާފަށް ނަސޭހަތް ގަބޫލު ކުރުމުގެ އާދަ އަށަގެންފައިވާ މީހަކު ނަމަ، އެ މީހަކު އެ ދަޢުވަތާ މެދު ފުންކޮށް ވިސްނާނެއެވެ. ޙައްޤު ގޮތް ދެނެގަންނާކަށް އޭނާއަކަށް މާ ގިނަ ވަގުތެއް ބޭނުމެއް ނުވާނެއެވެ. އެ ގޮތް ބަޔާން ކޮށް ދެއްވައިފައި ވަނީ މަދިރިއެއްގެ މިސާލު ޖައްސަވައިގެން ކަމުގައި ވިޔަސް އޭނާގެ ހިތަށް ޙައްޤު ގޮތް ވާސިލު ވާނެއެވެ.
وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً قَالُوا أَتَجْعَلُ فِيهَا مَنْ يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ (30) وَعَلَّمَ آَدَمَ الْأَسْمَاءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى الْمَلَائِكَةِ فَقَالَ أَنْبِئُونِي بِأَسْمَاءِ هَؤُلَاءِ إِنْ كُنْتُمْ صَادِقِينَ (31) قَالُوا سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا إِنَّكَ أَنْتَ الْعَلِيمُ الْحَكِيمُ (32) قَالَ يَا آَدَمُ أَنْبِئْهُمْ بِأَسْمَائِهِمْ فَلَمَّا أَنْبَأَهُمْ بِأَسْمَائِهِمْ قَالَ أَلَمْ أَقُلْ لَكُمْ إِنِّي أَعْلَمُ غَيْبَ السَّمَاوَاتِ وَالْأَرْضِ وَأَعْلَمُ مَا تُبْدُونَ وَمَا كُنْتُمْ تَكْتُمُونَ (33)
- ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީހަކިޔައި، އިބަރަސްކަލާނގެއަށް ތަޤްދީސްކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.
- އަދި އާދަމުގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ ހަގީގަތްތަކެވެ.) ދެން، އެކަލާނގެ އެތަކެތި މަލާއިކަތުންނަށް ހުށަހަޅުއްވައި، ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން (ތިޔަކުރާ ދައުވާގައި) ތެދުވެރިންކަމުގައިވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން ޚަބަރު ދީބަލާށެވެ!
- އެ މަލާއިކަތުން ދެންނެވޫއެވެ. އިބަރަސްކަލާނގެ ހުސްތާހިރުވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ރަސްކަލާނގެއެވެ.
- އެކަލާނގެ ވަޙީީކުރެއްވިއެވެ. އޭ އާދަމުގެފާނެވެ! ކަލޭގެފާނު، އެ މަލާއިކަތުންނަށް އެތަކެތީގެ ނަންތަކުން ޚަބަރު ދެއްވާށެވެ! ދެން އެކަލޭގެފާނު، އެ މަލާއިކަތުންނަށް އެތަކެތީގެ ނަންތަކުން ޚަބަރުދެއްވިހިނދު، އެކަލާނގެ ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި ބިމުގެ ޣައިބު ދެނެވޮޑިގެންވަމޭ، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި ވަންހަނާކުރާ ކަންތައް ދެނެވޮޑިގެންވަމޭ، ތިޔަބައިމީހުންނަށް ވަޙީނުކުރައްވަން ހެއްޔެވެ؟
ބަޔާނެއް: ޚަލީފާ މި ބަހުގެ ލަފުޒީމާނައަކީ މީހަކަށް ފަހު އެ މީހެއްގެ ޖާގަ ފުރާ މީހާއެވެ. ވިރާސީ ރަސްކަމުގެ ދުވަސްވަރު މި ބަހަކީ އެއް ވެރިޔަކަށްފަހު ތަޚުތަށް އިސްވާ އަނެއް ވެރިޔާއަށް ބޭނުން ކޮށް އުޅުނު ބަހެކެވެ. މި ގޮތަށް ބޭނުން ކުރެވެމުން ގޮސް ޚަލީފާއަކީ ޤައުމުގެ ނުވަތަ އުއްމަތުގެ ވެރިޔާގެ ގޮތުގައި ގަބޫލު ކުރެވޭން ފަށައިފިއެވެ.
ﷲ ތަޢާލާ އިންސާނާ އުފެއްދެވުމަށް ފަހު ފައިސަލާ ކުރެއްވީ ފުރިހަމަ އިޚްތިޔާރު ލިބިގެންވާ މަޚްލޫޤެއްގެ ގޮތުގައި ބިންމަތީގައި އެ އިންސާނާ ގާއިމު ކުރައްވާށެވެ. (ﷲ ގެ ޚަލީފާއަކަށް ވުމަކީ މި ދެންނެވި އިޚްތިޔާރާއި ބާރު އެކަލާނގެ އިރާދަ ކުރެއްވި މިންވަރަކަށް އޭނާއަށް ލިބިގެން ވުމެވެ. އެހެނީ އިޚްތިޔާރާއި ބާރަކީ ހަމައެކަނި ﷲ އަށް މިލްކުވެ ވޮޑިގެންވާ އެއްޗެކެވެ.) އިންސާނާއަށް އިޚްތިޔާރު ދެއްވައިފި ނަމަ ބިންމަތީގައި ފަސާދަ އުފައްދައި، މުޅި ދުނިޔެ ހަލާކު ކޮށްފާނޭ ކަމަށް މަލާއިކަތުންނަށް ހީފުޅު ކުރެއްވުނެވެ. މަލާއިކަތުންގެ ހީފުޅު ދޮގެއް ނޫނެވެ. ﷲ އެކަން މޮޅަށް ދެނެވޮޑިގެން ވެއެވެ. ފުރިހަމަ އިޚްތިޔާރު ދެއްވީމާ ފަސާދަވެ، މަގުފުރެދޭނޭ ބަޔަކު ތިބި ނަމަވެސް ތިމާގެ ހައިސިއްޔަތު ރަނގަަޅަށް ދެނެގަނެ، ﷲ އަށް ފުރިހަމައަށް ކިޔަމަންވެ، ﷲ ގެ މަގުން ކައްސާނުލައި ހިނގާނޭ ބަޔަކުވެސް އުޅޭނޭކަން އެކަލާނގެ މޮޅަށް ދެނެވޮޑިގެން ވެއެވެ. ހެޔޮ މަގުގައި ހިނގާނޭ މީހުންގެ ޢަދަދު ނިސްބަތުން މަދުވީ ނަމަވެސް ދަނޑެއްގައި އަޅާ ހެޔޮ ގޮވާމެކޭ އެއް ފަދައިން އެ މީހުން ވާނީ އަގު ބޮޑު ބައެއް ކަމުގައެވެ. ދަނޑުގައި ހުންނަ ގަހުގެ ބަރުދަން ބޮޑު ނަމަވެސް އަގު ހުންނަނީ ކަނޑާ ގޮވާމުގައެވެ. އޮށްޓަރުގައެވެ.
އާދަމުގެފާނު އުފެއްދެވުމަށް ފަހު، ބިންމަތީގައި ﷲ ތަޢާލާ ލައްވާން އިރާދަ ކުރެއްވިހައި ބަޔަކާއި ތަކެއްޗެއް މަލާއިކަތުންނަށް ދެއްކެވުމަށް ފަހު އެކަލާނގެ ވަޙީ ކުރެއްވިއެވެ. އާދަމުގެ ދަރީންނާއި އެމީހުންނަށްޓަކައި ހައްދވާފައިވާ ތަކެތި އެހެރަ ފެންނަނީއެވެ. އެ މީސްމީހުންނާއި ތަކެތީގެ ނަން ނިކަން ކިޔައި ދީބަލާށެވެ. އެ މީހުންގެ ތެރެއިން ނުބައި ވާނޭ ބަޔަކީ ކޮބައި ކަމާއި ހެޔޮ ވާނީ ކޮން ބަޔަކުކަން ނިކަން ބުނެދީބަލާށެވެ. މަލާއިކަތުންނަކަށް އެކަމެއް ނުކުރެއްވުނެވެ. ދެން ﷲ ތަޢާލާ އާދަމުގެފާނަށް އެ ހުރިހައި ތަކެއްޗެއްގެ ނަން ދަސްކޮށްދެއްވުމަށް ފަހު އެ ނަންތަކުން މަލާއިކަތުންނަށް ޚަބަރު ކުރެއްވުމަށް އެންގެވިއެވެ. އާދަމުގެފާނު އެ ބޭކަލުންނަށް ޚަބަރު ކުރެއްވީމާ ޙަޤީޤަތް ފައުޅު ވެއްޖެއެވެ. އާދަމުގެ ދަރީންގެ ތެރޭގައި ފަސާދަ އުފައްދާނޭ ބަޔަކު އުޅުނު ނަމަވެސް، ހެޔޮ އަޅުތަކުން އުޅޭނޭކަން އެ ބޭކަލުންނަށް އެނގިވަޑައިގެންފިއެވެ. ކަލަކު ވޮޑިގެންވާ ކަމަށް އިންކާރު ކުރުން ފިޔަވައި ބިންމަތީގައި އިންސާނާ ކުރާ އެންމެ ބޮޑު ކުށަކީ ފަސާދަ އުފެއްދުމާއި ނުޙައްގުން މީހުން ޤަތުލު ކުރުމެވެ. ދުނިޔޭގައި ﷲ ތަޢާލާ ލައްވައިފައިވާ ފިޠުރީ ނިޒާމު ހަލާކު ވެގެންދާ ފަދަ ކަމެއް ކުރުމަކީ ވަކި ފަރުދަކަށް ވިޔަސް ނުވަތަ ވަކި ޖަމާޢަތަކަށް ވިޔަސް ހުއްދަ ކަމެއް ނޫނެވެ. އިންސާނާ އަނެއް އިންސާނާގެ މަރު ހިފަނީއެވެ. މިފަދަ ކޮންމެ ކަމަކީ އެ އިންސާނާ ﷲ ގެ ރަޙްތަމުން ބޭރަށް ލެވޭނޭ ކަމެކެވެ. ދުނިޔޭގެ ފިޠުރީ ނިޒާމު ގާއިމުގެ އޮންނާނޭ ގޮރތް ހެދުމަކީ ޞުލްޙަވެރިކަން ގާއިމު ކުރުމެވެ. އެ ނިޒާމަށް ޚަލަލެއް ގެނައުމަކީ ފަސާދަ އުފެއްދުމެވެ.
وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآَدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَى وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ (34) وَقُلْنَا يَا آَدَمُ اسْكُنْ أَنْتَ وَزَوْجُكَ الْجَنَّةَ وَكُلَا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلَا تَقْرَبَا هَذِهِ الشَّجَرَةَ فَتَكُونَا مِنَ الظَّالِمِينَ (35) فَأَزَلَّهُمَا الشَّيْطَانُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ وَقُلْنَا اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَى حِينٍ (36) فَتَلَقَّى آَدَمُ مِنْ رَبِّهِ كَلِمَاتٍ فَتَابَ عَلَيْهِ إِنَّهُ هُوَ التَّوَّابُ الرَّحِيمُ (37) قُلْنَا اهْبِطُوا مِنْهَا جَمِيعًا فَإِمَّا يَأْتِيَنَّكُمْ مِنِّي هُدًى فَمَنْ تَبِعَ هُدَايَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (38) وَالَّذِينَ كَفَرُوا وَكَذَّبُوا بِآَيَاتِنَا أُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ (39)
- އަދި އާދަމުގެފާނަށް ތިޔަބައިމީހުން ސަޖިދަކުރާށޭ ތިމަންރަސްކަލާނގެ މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! ފަހެ، އިބިލީސް ފިޔަވައި، އެ މަލާއިކަތުން ސަޖިދަކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަނެ، ކިބުރުވެރިވީއެވެ. އަދި ކާފަރުންގެ ތެރެއިން އެކަލޭގެވިއެވެ.
- އަދި ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ. އޭ އާދަމުގެފާނެވެ! ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި ވަޒަންވެރިވެ، އުޅުއްވާށެވެ! އަދި ތަނަވަސްކަމާއި ފަހިކަމާއެކު، ތިޔަ ދެކަނބަލުން އެދިވަޑައިގަންނަވާ ގޮތަކަށް އެތަނުން ފަރިއްކުޅުއްވާށެވެ! އަދި ތިޔަ ދެކަނބަލުން މިހިރަ ގަހާ ކައިރިވެވަޑައި ނުގަންނަވާށެވެ! އޭރުން (އެބަހީ: އެގަހާ ކައިރިވެވަޑައިގެންފިނަމަ) ތިޔަ ދެކަނބަލުންވާހުށީ، އަނިޔާވެރިވާ މީހުންގެ ތެރެއިންނެވެ.
- ފަހެ، ޝައިތާނާ އެ ގަސް މެދުވެރިކޮށް، އެ ދެކަނބަލުން ކުށުގައި އަޅުވައި، ސުވަރުގޭގައި އެ ދެކަނބަލުން އުޅުއްވި ނިޢުމަތްތަކުން އެ ދެކަނބަލުން ބޭރުކޮށްފިއެވެ. އަދި ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ ޢަދާވަތްތެރިން ކަމުގައިވާހާލު، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، ގަރާރުވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ.
- ފަހެ، އާދަމުގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލިމަފުޅުތަކެއް ބާވައިގަންނަވައި (އެ ކަލިމަފުޅުތައް ވިދާޅުވެ، ތައުބާވެވަޑައިގަތުމުން) ފަހެ، އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް ތައުބާ ލައްވައިފިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ތައުބާ ގަބޫލުކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.
- ތިމަންރަސްކަލާނގެ (އާދަމުގެފާނުގެ ދެކަނބަލުންނާއި އިބިލީހަށް) ވަޙީކުރެއްވީމެވެ. ތިޔަބައިމީހުން އެންމެން އެ ސުވަރުގެއިން (ބިމަށް) ފައިބާށެވެ! ފަހެ، ތިޔަބައިމީހުންގެ ގާތަށް، ތިމަންރަސްކަލާނގެ ޙަޟްރަތުން ތެދުމަގު އަތުވެއްޖެހިނދަކު، ތިމަންރަސްކަލާނގެ ތެދުމަގާ ތަބާވެއްޖެ ބަޔަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
- އަދި ކާފިރުވެ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުޅަ މީހުންނީ، ނަރަކަވަންތަ ވެރިންނެވެ. އެއުރެންނީ، އެ ނަރަކައިގައި ދެމިތިބޭނޭ ބަޔެކެވެ.
ބަޔާނެއް: ﷲ ތަޢާލާ އާދަމުގެފާނު ލެއްވީ މަލާއިކަތުންނާއި، އިބިލީހާ އެކީގައެވެ. އެކަލޭގެފާނަށް ސަޖިދަ ޖަހާން އެންގެވީ މަލާއިކަތުންނަށާއި އިބިލީހަށެވެ. ސަޖިދައަކީ އިމްތިޙާނެކެވެ. އެ އިމްތިޙާނުގެ ޒަރީޢާއިން އާދަމުގެފާނަށް ﷲ އެންގެވީ ދުނިޔޭގެ ބިމުގައި އެކަލޭގެފާނަށް އޮތީ ދެ މަގެއް ކަމުގައެވެ. އެއް ގޮތަކީ މަލާއިކަތުން ފަދައިން ﷲ ގެ އެންގެވުމުގެ ކުރިމަތީގައި އިސްތަށިފުޅު ތިރިކޮށްލެއްވުމެވެ. އެއީ ތިމާއަށްވުރެ ދެރަ މީހެއްގެ ކުރިމަތީގައި ކަމަށް ވިޔަސް، ﷲ ގެ އެންގެވުން އޮތީ އެ ގޮތަށް ކަމުގައި ވަނީ ނަމަ އެގޮތަށް ކަންތައް ކުރެއްވުމެވެ. ދެވަނަ ގޮތަކީ އިބިލީސް ފަދައިން ތިމާ އަކީ މާ ބޮޑު މީހެއް ކަމަށް ގަބޫލުކޮށް އެއްވެސް މީހެއްގެ ކުރިމަތީގައި އިސްޖަހައިލާން ދެކޮޅު ހެދުމެވެ. އިންސާނާގެ މުޅި ދިރިއުޅުމަކީ މި ދެންނެވި އިމްތިޙާނުގެ ދަތުރެވެ. އެ ދަތުރުގެ ކޮންމެ ހިނދުކޮޅަކީ އިންސާނާއަށް މި ދެގޮތުން ކުރެ އެއް ގޮތެއް ޚިޔާރު ކުރާން ޖެހޭ ހިނދުކޮޅެކެވެ. އެއް ގޮތަކީ މަލަކޫތީ ގޮތެވެ. މާނައަކީ ދުނިޔޭގެ މުޢާމަލާތްތަކުގައި ދިމާވާ ކޮންމެ ކަމެއްގައިމެ، ﷲ ރުއްސަވާ ގޮތް ބަލައި އެކަލާނގެ ޙުކުމް ފުރިހަމަ ކުރުމަށްޓަކައި ޙައްޤާއި އިންޞާފުގެ ކުރިމަތީގައި އިސްޖަހައިލުމެވެ. ދެވަނަ ގޮތަކީ ޝައިޠާނީ ގޮތެވެ. މާނައަކީ ކަމަކާ ކުރިމަތިލާން ޖެހުމާއެކު އިންސާނާގެ ހިތުގައި ޙަސަދަވެރިކަމާއި ބޮޑާކަން އުފެދި މުޢާމަލާތް ކުރާ މީހެއްގެ ކުރިމަތީގައި ދެރަ ގަބޫލު ކުރާން ދެކޮޅު ހެދުމެވެ. އެ މީހަކު ހުރީ ޙައްޤު ގޮތުގައި ކަމަށް ވިޔަސް އެންމެ ރަނގަޅެވެ.
މަނާ ކުރެއްވި ގަހަކީވެސް މި ދެންނެވުނު އިންތިޙާނުގެ އެއް ފިލާވަޅެވެ. އެ ފިލާވަޅުން އެނގޭ ގޮތުގައި އިންސާނާއަށް މަގު އޮޅޭން ފަށާ ހިސާބަކީ ޝައިޠާނާގެ ވަސްވާހަށް ހެއްލިގެން ﷲ މަނާ ކުރައްވައިފައިވާ މަގުގައި ފިޔަވަޅު އަޅާން ފަށްޓާ ހިސާބެވެ. "މަނާ ކުރެއްވި މޭވާ" ކެއުމާއެކު އާދަމުގެ ދަރިޔާ ﷲ ގެ ރަޙްމަތުން ބޭރު ވެއެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ ސުވަރުގޭގެ ޙައްޤު ގެއްލިދެއެވެ. އެކަމަކު އެއީ ދާއިމީ ކަމެއް ނޫނެވެ. ޝައިޠާނާގެ މަގުގައި އަޅާ ފިޔަވަޅަކީ ފަހަތަށް ނޭޅޭނޭ ފިޔަވަޅެއް ނޫނެވެ. ތިމާ ހެއްދެވި ފަރާތުގެ މަގަށް ފައިތިލަ ސީދާކޮށް، ދިރިއުޅުން ހެއުކޮށް، މަޢާފަށް އެދުމުގެ ފުރުޞަތު އޮންނާނީ އަބަދުވެސް ހުޅުވިފައެވެ. އިންސާނާ ﷲ ގެ ފަރާތަށް ހަމަ އެނބުރިލުމާއެކު ﷲ އޭނާ އާ ދިމާއަށް ބައްލަވައިވޮޑިގެންފަތެވެ. އަދި އޭނާގެ ފާފަތައް ފުއްސަވައި ދެއްވަތެވެ.
އިންސާނުންގެ އާބާދީއެއްގެ ތެރޭގައި ﷲ ގެ ދަޢުވަތުގެ އަޑު އުފުލުމަކީވެސް މިފަދަ ވަރުގަދަ އިމްތިޙާނެކެވެ. ޙައްޤުގެ މަގަށް ގޮވައިލާ މީހާއަކީވެސް އެއް ނަޒަރަކުން ބަލާއިރު "އާދަމް" އެކެވެ. މީހުންނަށް ޖެހެނީ އޭނާގެ ކުރިމަތީގައި އިސްޖަހައިލާށެވެ. އޭނާ ދައްކާ ޙައްޤު މަގަށް ބޯ ލަނބާށެވެ. ޙައްޤުގެ މަގަށް ބޯ ނުލަނބާ ކޮންމެ މީހަކީ އިބިލީހުގެ ބައިވެރިއެކެވެ. ﷲ އަކީ މި ދުނިޔޭގައި އެއްވެސް މީހަކަށް އެކަލާނގެ ވަޖުހުފުޅު ދައްކަވާ ފަރާތެއް ނޫނެވެ. އެކަލާނގެ އިންސާނުން އިމްތިޙާނު ކުރައްވަނީ އެކަލާނގެ ނިޝާންތަކާއި ހެކިތަކުގެ ޒަރީޢާއިންނެވެ. ﷲ ގެ ނިޝާންތައް ނުވަތަ ހެކިތައް ދެކި އެކަލާނގެ މަޢުރިފާކޮށްގަންނަ މީހަކަށް ﷲ ގެ ރަޙްމަތް ހާސިލު ވާނެއެވެ. އެ ނިޝާންތަކުން ނުވަތަ އެ ހެކިތަކުން އެއްވެސް ކަމެއް ނުފެންނަ މީހަކަށް ﷲ ދެނެއެއް ނުގަނެވޭނެއެވެ.
