ތަޒްކީރުލްޤުރްއާން – 1

1 – ފާތިޙާ ސޫރަތް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ١ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ٢ الرَّحْمَنِ الرَّحِيمِ ٣ مَالِكِ يَوْمِ الدِّينِ ٤ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ٥ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ٦ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّينَ ٧

މާތް ﷲ ގެ އިސްމުފުޅުން ފަށައިގަންނަމެވެ. އެކަލާނގެއީ ކިޔަމަންގަތް އަޅުންނަށާއި ކިޔަމަން ނުގަންނަ އަޅުންނަށާއި އެންމެހައި ތަކެއްޗަށް ދުނިޔޭގައި ރަޙްމަތް ލައްވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ޚާއްޞަކޮށް ކިޔަމަންގަތް އަޅުންނަށް ސުވަރުގޭގައި ރަޙްމަތް ލައްވާ ރަސްކަލާނގެއެވެ. މާތް ﷲ ގެ ކިބަފުޅަށް ޙަމްދު ހުއްޓެވެ.  އެކަލާނގެއީ ޢާލަމްތައް ހައްދަވައި ބޮޑު ކުރެއްވި އެ ޢާލަމްތަކުގެ ވެރި ރަސްކަލާނގެއެވެ. އެކަލާނގެއީ ކިޔަމަން ގަތް އަޅުންނާއި، ކިޔަމަން ނުގަންނަ އަޅުން ޝާމިލުވާ ގޮތުގައި އެންމެހާ ތަކެއްޗަށް ދުނިޔޭގައި ރަޙްމަތް ލައްވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ޚާއްޞަކޮށް ކިޔަމަންގަތް އަޅުންނަށް ސުވަރުގޭގައި ރަޙްމަތް ލައްވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ. އަޅަމެން އަޅުކަން ކުރަނީ އިބަސުވާމީންގެ ކިބަފުޅަށެވެ. އަދި، އަޅަމެން ވާގި އެދެނީ އިބަސުވާމީންގެ ކިބަފުޅުންނެވެ. އަޅަމެންނަށް ސީދާވެގެންވާ ތެދުމަގު ދައްކަވާނދޭވެ! އެއީ އެބޭކަލުންގެ މައްޗަށް އިބަސުވާމީންގެ ނިޢުމަތް ދެއްވި ބޭކަލުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާ ލެއްވިގެންވާ މީހުންގެ މަގެއް ނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއް ނުމެ ނޫންމެއެވެ.


އަޅަކަށްޓަކައި އޭނާ ކުރާ ކަމެއް ފެށުން އެންމެ އައުލާކަން ބޮޑު ވެގެން ވަނީ އޭނާގެ ވެރި ރަސްކަލާނގެ ނަންފުޅުންނެވެ. އެ ފަރާތަކީ ހުރިހައި ރަޙްމަތެއްގެ ޚަޒާނާއެވެ. އެ ފަރާތުގެ ރަޙްމަތް އޮންނަނީ ތާއަބަދު އޮހިއޮހިއެވެ. އެ ފަރާތުގެ ނަންފުޅުން ފެށުމަކީ ތިބާގެ މަސައްކަތް ފުރިހަމަ ކަމާއެކު ނިމިގެންދާނެ ގޮތް މެދުވެރި ކުރައްވާށާއި، އެ ފަރާތުގެ ފުރިހަމަ ރަޙްމަތާއެކު އެހީތެރިވެވޮޑިގެން ދެއްވުމަށް އެދިގެން ދުޢާ ކުރުން ކަހަލަ ކަމެކެވެ. އެއީ އަޅެއްގެ ފަރާތުން، އަޅެއް ކަމަށް ވެވޭ އިޢުތިރާފެކެވެ. އެ އިޢުތިރާފްގެ ސަބަބުން ﷲ ގެ މަދަދު ލިބޭނޭ ކަމުގެ ޔަގީންކަން ލިބެއެވެ.

ޤުރްއާނުގެ ޚާއްޞަ އެއް ސިފައަކީ އިންސާނާގެ ހިތަށް ހަމަޖެހުންލިބިދޭ ފަދަ ޢިބާރާތްތަކުގެ ބޭނުން ކުރުމެވެ. ބިސްމިއާއި، ފާތިޙާ ސޫރަތަކީ މި ފަދައިން ބާވައިލެއްވުނު ދުޢާގެ ބަސްފުޅު ތަކެކެވެ. ތެދުމަގު ލިބުމާއެކު ޠަބީޢީ ގޮތުން އިންސާނާގެ ހިތުގައި އުފެދޭ ޖަޒުބާތު ވަނީ މި ބަސްފުޅުތަކުގައި ބަޔާން ކޮށް ދެއްވައިފައެވެ.

އާދަމުގެ ދަރިޔާގެ ވުޖޫދަކީ ﷲ ގެ މަތިވެރި ހަދިޔާ އެކެވެ. މި މަތިވެރި ހަދިޔާގެ ބޮޑުކަން އެނގެނީ މީހެއް ގާތު އޭނާގެ ދެލޯ އުފުރައިލާފައި އެއްލައިލާށޭ ނުވަތަ ދެފައި ބުރިކޮށްލައިފައި އެއްލައިލާށޭ، އޭރުން ޤައުމުގެ ވެރިކަން ލިބިދާނެއޭ ބުނެލީމައެވެ. އެއްވެސް މީހަކު މި ފަދަ ކަމެއް ކުރާކަށް އެއްބަހެއް ނުވާނެއެވެ. ﷲ ގެ ފުރަތަމަ ހަދިޔާ އަކީވެސް ރަސްކަމަކަށް ވުރެ އަގު ބޮޑު އެއްޗެއްކަން މި ކަމުން އެބަ ދޭހަ ވެއެވެ. މީގެ އިތުރަށް އިންސާނާ އޭނާގެ ހަފަރާތަށް ނަޒަރު ހިންގައިލީމާ ހުރިހައި ދިމާއަކުންވެސް ފެންނަނީ ﷲ ގެ ވެރިކަމާއި، ރަޙްމަތް އުތުރި އަރާ ތަނެވެ. ކޮންމެ ދިމާއަކުންވެސް ފެންނަނީ އާދަޔާ ޚިލާފު އިންތިޒާމެކެވެ. އޭނާއަށް ފެންނާނީ ދުނިޔޭގެ ހުރިހައި ކަމެއް އިންސާނާގެ ދިރިއުޅުމަށް ފަސޭހަ ވާނޭ ފަދަ ގޮތަކަށް ހަމަޖެހިފައި ވަނިކޮށެވެ. މި ފަދަ ކަންތައްތަކުން އެނގެނީ ކާއިނާތުގެ މަތިވެރި ކާރުޚާނާ އުފައްދަވައިފައި ވަނީ މަޤްޞަދެއް ނެތި ނޫންކަމެވެ. ޝުކުރުވެރި ނުވާ މީހުންނަށް ޝުކުރުވެރިނުވުމުގެ އަދަބު ލިބުމާއި، ޝުކުރުވެރިވާ މީހުންނަށް ޝުކުރުވެރިވުމުގެ އިނާމު ލިބުމަކީ ލާޒިމު ކަމެއް ކަމަށް ޤަބޫލު ކުރެވެއެވެ. ވުމާއެކު ބޭއިޚްތިޔާރުގައި ބުނެވެއެވެ. އޭ ﷲ އެވެ. ފައިސަލާ ކުރައްވާ ދުވަހުގެ ވެރިއަކީ އިބަ ﷲ އެވެ. މިއަޅާ އިބަ ﷲ ގެ ހަޟްރަތުގައި ބޯ ތިރިކޮށްލަމެވެ. އަދި މަދަދަށް އެދެނީ އިބަ ﷲ ގެ ޙަޟްރަތުންނެވެ. އިބަ ﷲ ގެ ހިޔާވަހިކަމަށް މި އަޅާ ވައްދަވައިފާނދޭވެ! އޭ ﷲ އެވެ. އިބަ ﷲ އިރާދަ ކުރައްވައިފައިވާ ސީދާ މަގު މި އަޅާ އަށް ދައްކަވައިފާނދޭވެ! އިބަ ﷲ ރުއްސަވާ އަޅުން ދިޔަ މަގުން ދިއުމުގެ ތައުފީގު މި އަޅާއަށް ދެއްވައިފާނދޭވެ! މަގުފުރެދުނު މީހުންގެ މަގުން މި އަޅާ ސަލާމަތް ކުރައްވައިފާނދޭވެ! އަދި އިބަ ﷲ ކޯފާ ލެއްވި މީހުންގެ މަގުންވެސް މި އަޅާ ސަލާމަތް ކުރައްވައިފާނދޭވެ!

ﷲ ރުއްސަވާ އަޅުންނަކީ މި އިޙްސާސާއެކު ދުނިޔޭގައި ދިރިއުޅޭ މީހުންނެވެ. ފާތިޙާ ސޫރަތަކީ މުއުމިނުންގެ ކުޑަ ކުޑަ ތަސްވީރެކެވެ. ޤުރްއާނުގެ ދެން އޮތް ބަޔަކީ އޭގެ ބޮޑު ތަސްވީރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.