(4 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
عــبـــدالمـطَّــلِــب ގެފާނު އެޒަމާނުގައި ގެންގުޅުނު ފާލުބަލައިއުޅޭ ތީރުތަކެއްގައި އެބޭފުޅުންގެ ނަންފުޅުތައް ލިޔުއްވިއެވެ. އެއަށްފަހު އެހުރިހައި ބޭފުޅުން ގޮވައިގެން ވަޑައިގެން އެތީރުތައް ހުބަލުގެ ޤައްޔަމާ (ސާދިނާ) ޙަވާލުކުރެއްވިއެވެ. އެކަލޭގެ އެޒަމާނުގައި ލާގޮތަށް ޤުރްޢަތުލުމުން ޤުރްޢަތުން ހޮވުނީ عــبـــد اللّــــه ގެފާނެވެ. عــبـــدالمـطَّــلِــب ގެފާނު عــبـــد اللّــــه ގެފާނުގެ އެއް އަތްޕުޅުގައި ހިއްޕަވައިގެން އަނެއް އަތްޕުޅުން ޚަންޖަރު ހިއްޕަވައިގެން ގެފުޅުގެ އަރިހަށް ވަޑައިގަންނަވާން ހިންގަވައިގެންނެވިއެވެ. އެވަގުތު عــبـــد اللّــــه ގެފާނުގެ އުޚުތުން ކީރިތިކުރައްވާން ފައްޓަވައިފިއެވެ. قـــــريـش ވަންހައިގެ މީހުން (ޚާއްޞަކޮށް عــبـــد اللّــــه ގެފާނުގެ މައިކަނބަލުންގެ ވަންހަކަމުގައިވާ مخـــــزوم ވަންހައިގެ މީހުން) އެކަމާ ނިހާޔަތަށް ދެކޮޅުހަދައިފިއެވެ. عــبـــد اللّــــه ގެފާނުގެ ބޭބޭފުޅު أبـــوطــالــب ގެފާނުވެސް އެކަމާ ހުރަސްއަޅުއްވައިފިއެވެ. عــبـــدالمـطَّــلِــب ގެފާނު ވިދާޅުވިއެވެ. "އެހެންވީއިރު އަހަރެންގެ ނަދުރު ފުއްދާނީ ކިހިނަކުން ހެއްޔެވެ." އެބައިމީހުން ހުށަހެޅީ އެޒަމާނުގެ މަޝްހޫރު ޢައްރާފާއެއްގެ ގާތަށްގޮސްގެން އެކަމުގެ ޙައްލެއް ހޯދާށެވެ.
عــبـــدالمـطَّــلِــب ގެފާނަށް ޖެހިވަޑައިގެންނެވީ އެމީހުން ދެންނެވި ވާހަކަ ޤަބޫލުކުރައްވާށެވެ. ޢައްރާފާގެ ގާތަށް ވަޑައިގަންނަވާށެވެ. އޭނާ ދެންނެވިއެވެ. ތިޔަބޭކަލުންގެ އަރިހުގައި މީހެއްގެ މަރުގެ ދިޔައަކީ ދިހަ ޖަމަލު ނޫންތޯއެވެ؟ عــبـــد اللّــــه އާއި ދިހަ ޖަމަލާ ދެމެދު ޤުރްޢަތު ލައްވާށެވެ. عــبـــد اللّــــه ގެ ނަންފުޅު ޤުރްޢަތުން ނުކުމެއްޖެކަމުގައިވާނަމަ އަނެއްކާ ދިހަ ޖަމަލު އިތުރުކުރައްވާށެވެ. އެގޮތަށް އިތުރުކުރައްވަމުން ގެންދަވާށެވެ. اللّــــه ރުހިވޮޑިގެންވާ ޢަދަދަކާ ހަމަޔަށް ދާންދެން އެގޮތަށް ގެންދަވާށެވެ.
عــبـــدالمـطَّــلِــب ގެފާނު އެނބުރިވަޑައިގެން އެގޮތަށް ޤުރްޢަތު ލައްވަމުން ގެންދަވައި ސަތޭކަ ޖަމަލުގެ މައްޗަށް ލެވުނު ޤުރްޢަތުން ނުކުތީ ޖަމަލުތަކުގެ ނަމެވެ. عــبـــدالمـطَّــلِــب ގެފާނު ސަތޭކަ ޖަމަލު ޤުރްބާން ކުރެއްވުމުން عــبـــد اللّــــه ގެފާނު މިންޖުވެވަޑައިގެންފިއެވެ. އިސްވެދެންނެވި ފަދައިން ޢަރަބީންގެ މެދުގައި އެހައިތަނަށް މީހެއްގެ މަރުވެދިޔައަކީ ދިހަ ޖަމަލެވެ. ނަމަވެސް އެ ހާދިސާއަށްފަހު މީހެއްގެ މަރުގެދިޔައަކީ ސަތޭކަ ޖަމަލުކަމުގައި ހަމަޖެހިއްޖެއެވެ. މިއީ އިންސާނިއްޔަތަށް ލިބުނު ވަރަށްބޮޑު ރައްކައުތެރި ކަމެކެވެ. އިސްލާމްދީންވެސް ވަނީ އެ ޢަދަދު ދަމަހައްޓައިފައެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސުކުރައްވައިފައިވެއެވެ. "ތިމަންކަލޭގެފާނަކީ ޤުރްބާންކުރެވުނު ދެމީހުންގެ ދަރިކަލުންނެވެ." ޤުރްބާންކުރެވުނު ދެމީހުންނަކީ إسمـــــاعـــيــــل عــلــيـــه الـسّــلام އާއި عــبـــد اللّــــه بـــن عــبـــدالمـطَّــلِــب އެވެ. (އައްރަޙީޤުލް މަޚްތޫމި) عــبـــد اللّــــه ގެފާނުގެ ނަންފުޅަކަށް ޛަބީޙޭ ކިޔާންފެށުނީ މި ހާދިސާއަށް ފަހުގައެވެ.
عــبـــدالمـطَّــلِــب ގެފާނު ބޭފުޅަކު ޤުރްބާންކުރައްވާން ނަދުރު ވިދާޅުމާއި ދަރިކަލަކު ޤުރްބާންކުރެއްވި ހާދިސާގެ މައްޗަށް އަލުން ބަލައިލަމާތޯއެވެ. ޝައްކެއްނެތެވެ. އިންސާނުން ޤުރްބާންކުރުމަކީ ވަޙްޝީކަމެކެވެ. އިސްލާމްދީން އެކަމަކަށް ހުއްދައެއް ނުދެއެވެ. އިސްލާމްދީނުގައި ވާގޮތުން މީހަކު ޤަތުލުކުރެވޭނީ ޢަދުލުވެރި ސަރިޔަތަކުން ކުރެވޭ ޙުކުމެއްގެ މައްޗަށް ބިނާކޮށެވެ. عــبـــدالمـطَّــلِــب ގެފާނު ދަރިކަލަކު ޤުރްބާންކުރައްވާން ނަދުރު ވިދާޅުވީ މާކުރީގެ ދުވަސްވަރެއްގައެވެ. އިންސާނީ ތަމައްދުނުގެ މާއިހުގެ މަރްޙަލާއެއްގައެވެ. އެދުވަސްވަރު މުޅިދުނިޔޭގައިވެސް އެއީ ޢާންމުކޮށް ކުރާކަމެކެވެ. ހިންދުސްތާނުގައެވެ. އީރާނުގައެވެ. މިސުރުގައެވެ. ޗައިނާއާއި އެފްރިކާގައިވެސް އެކަންއައީ ކުރަމުންނެވެ.
عــبـــدالمـطَّــلِــب ގެފާނު މިނަދުރުފުޅު ވިދާޅުވީ އެޒަމާނުގެ ބާޠިލުގެ އަހްލުވެރީން ފަދައިން ދޭވަތާއަކަށް ނުވަތަ ބުދަކަށް ބޭފުޅަކު ޤުރްބާން ކުރައްވާކަށެއް ނޫނެވެ. ޚާލިޞްކޮށް اللّــــه سبحـــانــــه وتــعــــالــــى އަށްޓަކައި ދަރިކަލަކު ޤުރްބާންކުރައްވާށެވެ. އެކަށީގެންވާ ގޮތަކީ قـــــريـش ވަންހައިގެ ވެރިޔާ عــبـــدالمـطَّــلِــب ގެފާނުގެ ހިތްޕުޅުގައި އެވަންހައިގެ ބަފައިކަލުނަވި إبــــراهــيـــــم عــلــيـــه الـسّــلام އާ އިޤްތިދާވެވަޑައިގެން إبــــراهــيــــمــى ސުންނަތް ދިރުއްވުމުގެ ޝައުޤު އުފެދިފައިވުމެވެ. (رحـمــة لّـلعــالمــيـــن، قــاضــــى محــمّــــد سـليمـــان سـلـمـــان މަންޞޫރު ޕޫރީ)
عــبـــد اللّــــه ގެފާނު ޤުރްބާންކުރެއްވުމުގެ ކަންތައްތަކުން ނިމިވަޑައިގެންނެވުމާއެކު عــبـــدالمطّــلــب ގެފާނު ވިސްނައިވަޑައިގެންނެވީ އެކަލޭގެފާނުގެ ކާވެނިފުޅާ މެދުގައެވެ. عــبـــدالمطّــلــب ގެފާނު عــبـــد اللّــــه ގެފާނާ ކާވެނިކޮށްދެއްވާން ހަމަޖެއްސެވީ آمــنــــة بـنت وهـب އާއެވެ.
آمــنــــة ގެފާނު – ރަޙްމަތުގެ ނަބިއްޔާގެ މައިކަނބަލުން
އެކަމަނާގެ ބައްޕާފުޅަކީ ޒުހުރަތުވަންހައިގެ ވެރިޔާއެވެ. وهـب بـــن عــبـــد مـــنـــــاف އެވެ. كِــلاَبُ ގެ زُهـــــــــرة ގެ عــبـــد مـــنـــــاف ގެ وهـب އެވެ. އެއީ قـــــريـش ވަންހައިގެ ނުހަނު ޢިއްޒަތްތެރި ބޮޑެކެވެ. هـــاشــــم ވަންހަޔާއި زُهـــــــــرة ވަންހަވަނީ كِــلاَبُ އާ ހަމައިން ގުޅި އެއްވަންހަފުޅަކަށް ވެފައެވެ.
ރަޙްމަތުގެ ނަބިއްޔާ ތުއްޕުޅުއިރު
عــبـــدالمـطَّــلِــب ގެފާނު عــبـــداللّــــه ގެފާނު ޤުރްބާންކުރެއްވުމުގެ ކަންތަކުން ނިމިވަޑައިގެން އެކަލޭގެފާނު ގޮވައިގެން ވަޑައިގެންނެވީ ޒުހުރަތުވަންހައިގެ ރައީސް وهــب ގެ އަޚު وهـيـب ގެ އަރިހަށެވެ. އޭރު وهــب ވަނީ އަވަހާރަވެފައެވެ. آمـــنـــــة ގެފާނު އިންނަވަނީ ޙަޟާނަތުގެގޮތުން ބޮޑުބޭބޭފުޅު وُهَــيْـبُ ގެ އަރިހުގައެވެ. وُهَــيْـبُ އަކީވެސް قـــــريـش ވަންހައިގެ ޤަދަރުހުރި މާތް ބޮޑެކެވެ. عــبـــدالمـطَّــلِــب ގެފާނު وُهَــيْـبُ ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "އޭ وُهَــيْـبُ އެވެ. އަހުރެންގެ ދަރިފުޅު عــبـــد اللّــــه ތިބާގެ ދަރިކަލަކަށް ހައްދަވާށެވެ. ތިބާގެ އަޚު وهــب ގެ ދަރިކަނބަލުން آمـــنـــــة އާ މީނާއާ ކާވެނިކޮށްދެއްވާށެވެ." އޭރު عــبـــدالمـطَّــلِــب ގެފާނު ހުންނެވީ وُهَــيْـبُ ގެ ދަރިކަނބަލުން هـــالـــــة އާ ކާވެނިބައްލަވައިގެންނެވެ. وُهَــيْـبُ، عــبـــدالمـطَّــلِــب ގެފާނުގެ ހުށަހެޅުއްވުން ގަބޫލުކުރެއްވިއެވެ. އޭނާގެ އަޚު وهــب ގެ ދަރިކަނބަލުން آمـــنـــــة ގެފާނާއި عــبـــد اللّــــه ގެފާނާ ކާވެނިކޮށްދެއްވިއެވެ. آمـــنـــــة ގެފާނަކީވެސް އެޒަމާނުގެ ޤުރައިޝްވަންހައިން ހޮވައިލެވޭ ރީތި އަންހެން ސާހިބެކެވެ. އެހެންކަމުން ކައުސާހިބާއަކީ ދެފަރާތްޕުޅުންވެސް ކަލަމިދި ޤުރައިޝީ އަޝްރާފެކެވެ.
ކައުސާހިބާގެ ބައްޕާފުޅާއި މަންމާފުޅާ ކާވެނިބައްލަވައިގެންނެވިތާ މާގިނަދުވަސްތަކެއްނުވެ عــبـــداللّــــه ގެފާނު ވިޔަފާރި ދަތުރުފުޅެއްގައި ޝާމުކަރަޔަށް ފުރައިވަޑައިގެންފިއެވެ. عــبـــدالمـطَّــلِــب ގެފާނު عــبـــداللّــــه ގެފާނަށް އިރުޝާދުދެއްވައިފައިވަނީ ޝާމްކަރައިން އެނބުރިވަޑައިގަންނަވާއިރު عــبـــدالمـطَّــلِــب ގެފާނުގެ މައިފުށުގެ ބޮޑުބޭބޭފުޅުންގެ އަރިހުގައި މަދީނާގައި ދުވަސްކޮޅަކު މަޑުކޮށްލައްވާށެވެ. ކަދުރުގެ ވިޔަފާރި ކުރެއްވުމަށްޓަކައެވެ. عــبـــداللّــــه ގެފާނު މަދީނާގައި ހުންނަވަނިކޮށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅެއްގައި އެކަލޭގެފާނު އަވަހާރަވެއްޖެއެވެ. ބަޔެއް ރިވާޔަތްތަކުގައިވާގޮތުން عــبـــداللّــــه ގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅު ފެށިފައިވަނީ ޝާމްކަރައިގައި ހުންނަވަނިކޮށެވެ. މަދީނާގައި މަޑުކުރެއްވީ އާލާސްކަންފުޅުގެ ސަބަބުންނެވެ. عــبـــدالمـطَّــلِــب ގެފާނަށް عــبـــداللّــــه ގެފާނުގެ އާލާސްކަންފުޅުގެ ޚަބަރު ލިބިވަޑައިގެންނެވުމުން އެކަލޭގެފާނުގެ ދަރިކަލުން الحـــــارث މަދީނާއަށް ފޮނުއްވިއެވެ. އެކަމަކު އަޖަލުގެ ނިޔާފުޅު އައުމުން ކުރެވޭނީ ކޮންތަދުބީރެއްތޯއެވެ.
ރަޙުމަތުގެ ރަންތަރި އުދަރެހުން ފާޅުވުން
ރަޙުމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ أبـــــرهـــــــة ގެފުޅު މުގުރުއްވާން ވަޑައިގެންނެވި އަހަރުއެވެ. އަރަހުށި މާތް اللّــــه أبـــــرهـــــــة އާއި އޭނާގެ ލަޝްކަރު ހަލާކުކުރެއްވިތާނ ފަންސާސްވަނަޔަށް ނުވަތަ ފަންސާސްފަސްވަނަޔަށްވީ ދުވަހުއެވެ. ދުވަހަކީ ރަބީޢުލްއައްވަލުމަހެއްގެ ކުރީކޮޅުގެ ހޯމަ ދުވަހެކެވެ. ޢަރަބީން އެ އަހަރަށް ކިޔައިއުޅެނީ ޢާމުލްފީލެވެ. ވަގުތަކީ ފަތިހުގެ ވަގުތެވެ. ޢާންމުގޮތެއްގައި މަޝްހޫރުވެފައިވާ ގޮތުގައި އެދުވަހަކީ ޢާމުލްފީލުގެ ރަބީޢުލްއައްވަލުމަހުގެ ބާރަވަނަ ދުވަހެވެ. ނަމަވެސް މިހާރުގެ އިތުބާރުހުރި މުއައްރިޚުންނާއި ފަލަކީ ޢިލްމުވެރީން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި އެދުވަހަކީ 9 ރަބީޢުލްއައްވަލް 1 ޢާމުލްފީލެވެ. މީލާދީ ސަނަތުން 20 އެޕްރީލް 571 އެވެ. محـــمـــــود بــاشــا الــفــلــكــــــى ވަނީ މިކަމުގެ ޢިލްމީ ދިރާސާއެއް ކުރައްވައި ރިސާލާއެއް ޝާއިޢުކުރައްވައިފައެވެ.
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ބައްޕާފުޅު عــبـــداللّــــه ގެފާނު އަވަހާރަވުމުން މައިކަނބަލުން آمـــنـــــة ގެފާނު އިންނެވީ އެކަމަނާގެ އެބޭބޭފުޅުގެ ބެއްލެވުމުގެ ދަށުގައެވެ. އިތުރު ސާހިބާ ރައްކައުވި ޚަބަރު ދެއްވުމަށްޓަކައި آمـــنـــــة ގެފާނު ފޮނުއްވި ބަޝީރު ވަޑައިގެންނެވިއިރު ކާފާކަލުން عــبـــدالمـطَّــلِــب ހުންނެވީ ފަތިހުގެ ޠަވާފު ކުރެއްވުމަށްޓަކައި كــعـــبـــة اللّــــه ގެފުޅު އަރިހުގައެވެ. عــبـــدالمـطَّــلِــب ގެފާނަށް އެ ޚަބަރު ލިބިވަޑައިގެންނެވުމުން އެކަލޭގެފާނަށް ލިބިވަޑައިގެންނެވީ ބަޔާންނުކުރެވޭފަދަ މަތިވެރި އުފާފުޅެކެވެ. އެކަލޭގެފާނު އަވަސްއަވަހަށް ވަޑައިގެންނެވީ ލޮބުވެތި ކާފަދަރިކަލުން ދެކެވަޑައިގަންނަވާށެވެ. ލޮބުވެތި ދަރިކަލުން ނުހަނު ހަންހާރަވެތިކަމާއެކު އުރުވަޑުއްވައި މޭފުޅުގައި ޖައްސައިލައްވައި ބޮނޑިކޮށްލެއްވިއެވެ. ދަރިކަލުންގެ ނިތްކުރިފުޅުގައި ބޮސްދެއްވިއެވެ. ހަމައެވަގުތު އެ ދަރިކަލުން ގޮވައިގެން ވަޑައިގެންނެވީ ޙަރަމްފުޅުގެ ތެރެޔަށެވެ. كــعـــبـــة اللّــــه ގެފުޅު ހުޅުއްވައިގެން ދަރިކަލުން ގޮވައިގެން ވެދެވަޑައިގެންނެވިއެވެ. އަރަހުށި މާތް اللّــــه އެކަލޭގެފާނަށް މިދެއްވި އަގުބޮޑު ހަދިޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އެ ދަރިކަލުންގެ އުމުރުފުޅު ދިގުކުރައްވައި މަތިވެރި ކާމިޔާބީތަކެއް މިންވަރުކޮށްދެއްވުން އެދިވަޑައިގެން އިބްތިހާލުވެވަޑައިގެންނެވިއެވެ. عــبـــدالمـطَّــلِــب ގެފާނު އެދުވަހު ވިދާޅުވި ދުޢާފުޅުގެ ޅެމުގެ ޚުލާޞާ މާނައިގައިވެއެވެ.
"ހުރިހައި ޙަމްދަކާއި ތާރީފެއް ހުރީ ރަތްކުލަޔަކަށްދާ ދޮންކުލައިގެ މި ޠާހިރު ލޮބުވެތި ދަރިފުޅު މިއަޅާއަށް ދެއްވި ދީލަތިވަންތަ اللّــــه އަށެވެ. މީނާގެ ތުއްތުއިރުވެސް މީނާއަކީ ކުޑަކުދީންގެ އަމީރެއްކަމުގައި ލައްވާނދޭވެ! އޭ ދީލަތިވަންތަ މާތް اللّــــه އެވެ! މިއަޅާގެ މި ދަރިފުޅު އިބަރަސްކަލާނގެ ރައްކައުތެރިކަމުގެ ދަށަށް ދޫކޮށްލަމެވެ. އިބަރަސްކަލާނގެއީ މިފެންނަ ގަދަފަދަވެގެންވާ ރައްކައުތެރި މާތް ގެފުޅުގެ ވެރިރަސްކަލާނގެއެވެ. މިއަޅާ އެދެނީ މި ދަރިފުޅަކީ ދުޅަހެޔޮ ގުނަވަންތައް ވަރުގަދަ ޒުވާނަކަށްވާތަން ދެއްކެވުމެވެ. ކޮންމެ ދުޝްމިނެއްގެ ކިބައިން މި ދަރިފުޅު ޙިމާޔަތް ކޮށްދެއްވުން އެދެނީ އިބަރަސްކަލާނގެ ރައްކައުތެރިކަމާއި ޙިމާޔަތުގެ ބާރުގައެވެ. ކޮންމެ ޙަސަދަވެރިއަކާއި ނުނިޔަތްލާ މީހެއްގެ ކިބައިން މި ދަރިފުޅު ރައްކައުތެރިކޮށްދެއްވުން އެދެނީވެސް އިބަރަސްކަލާނގެ ޙަޟުރަތުންނެވެ. މީނާއަކީ ކުޅަދާނަ ބަސްވާރަކު ކަމުގައްޔާއި ދޫފަސޭހަ ބަސްމޮށުންތެރިޔަކު ކަމުގައި ވެއްޖައުމަށް ދާނދެނެވެ."
ބިންމަތީގައި ނަންފުޅަކީ محــمّــــد އެވެ.
عــبـــدالمـطَّــلِــب ގެފާނު އެކަލޭގެފާނުގެ ލޮބުވެތި ކާފަދަރިކަލުންނަށް ހަތްދުވަސްފުޅުވީ ދުވަހު ޢަޤީޤާ ކަތިލައްވައި ޤުރައިޝުންނަށް ދަޢުވަތުދެއްވިއެވެ. ޢަޤީޤާ ކަތިލުމަކީ އިބްރާހީމީ ސުންނަތްތަކުގެ ތެރެއިން އޭރުވެސް ޢަރަބީންގެ ތެރެއިން ފިލައިގެން ނުގޮސް އޮތް ކަމެކެވެ. عــبـــدالمـطَّــلِــب ގެފާނުގެ ލޮބުވެތި ކާފަދަރިކަލުންނަށް ނަންދެއްވީ محــمّــــد ގެ ނަމުންނެވެ. އެ ނަންފުޅަކީ ޤުރައިޝުންގެ ނަންކިޔުމުގެ އާދަޔާ ޚިލާފު ނަންފުޅެކެވެ. އެހެންކަމުން ޤުރައިޝުން އެކަމާ ސުވާލުކުރިއެވެ. عــبـــدالمـطَّــلِــب ގެފާނު ޖަވާބުދެއްވިއެވެ. "އަހަރެން އެދެނީ އުޑުގައި މާތް اللّــــه އަހަރެންގެ މިދަރިކަލުންނަށް ތާރީފުކުރެއްވުމެވެ. ބިންމަތީގައި ޚަލްޤުތަކުން މި ދަރިފުޅަށް މާތްކޮށްހިތައި ސަނާކިޔުމެވެ."
(ނުނިމޭ)

