(25 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم، أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضــــى اللّــــه عـنــهــــا އާ ކާވެނިބައްލަވައިގެންނެވިއިރު ޚާއްޞަގޮތަކަށް އެކަމަނާއަށް ދަޢުވަތު ދެއްވައިގެން ގެންނެވިއެވެ. އޭގެފަހުންވެސް حــلـيـمـــة ގެފާނު އެއްފަހަރަކު މައްކާއަށް ވަޑައިގެންނެވިކަން އެނގެއެވެ. އެކަމަނާ ވަޑައިގެންނެވީ ވާރޭނުވެހި ގިނަދުވަސްވުމުގެ ސަބަބުން ނަޢަމުސޫފިތައް ބަނޑަށް މަރުވުމުގެ ސަބަބުންނެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެފަހަރުވެސް އެކަމަނާއަށް ސާޅީސް ބަކަރިއާއި ޅަފުރައިގެ ހައެއްކަ ޖަމަލާއި ސާމާނު އަރުވައި ބަރުކޮށްފައިވާ ޖަމަލަކާ ދެއްވިއެވެ.
حــلـيـمـــة ގެފާނުގެ އިތުރަށްވެސް ســعـــد ވަންހައިގެ ދެބޭކަނބަލަކު ކޮންމެ ބޭކަނބަލަކުވެސް ކައުސާހިބާއަށް އެއްފަހަރު ކިރުފޮދު އެރުއްވިކަމަށް ރިވާޔަތްތައް ހުރެއެވެ. ހަމައެފަދައިން އިތުރު ސާހިބާގެ އާޔާ أمّ أيـــمـــــن (بــــركــة الحـبشــيّــة) رضــــى الـلّــه عــنـــهـــا ވެސް އެއްފަހަރު ކިރުފޮދު އެރުއްވިކަމުގައިވެއެވެ.
މޭފުޅު އިރުއްވުން
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ބަނީސަޢުދުގެ އަވަށުގައި އުޅުއްވި ދުވަސްވަރުގެ ހާދިސާތަކުގެ ތެރެއިން ފާހަގަކޮށްލާންޖެހޭ އެއް ހާދިސާއަކީ އެމާތް ސާހިބާގެ މޭފުޅު އިރުއްވުމުގެ ހާދިސާއެވެ. އިތުރު ސާހިބާ ކުދީންނާއެކު ބޭރަށް ނުކުމެވަޑައިގެން ކުޅުއްވައި އުޅުއްވާވަރަށް ބޮޑުފުޅުވީފަހުން އެއްދުވަހަކު حــلـيـمـــة ގެފާނާ ސުވާލުކުރެއްވިއެވެ. "މަންމާއެވެ! އަޅުގަނޑުގެ އަޚުން ދުވާލު އުޅުއްވަނީ ކޮންތަނަކުތޯއެވެ." حــلـيـمـــة ގެފާނު ޖަވާބުދެއްވިއެވެ. "މަދަރިކަލުންނޭވެ! އެކުދީން ދުވާލު ދަނީ އަޅުގަނޑުމެންގެ ސޫފިތައް ހުއިހައްޕާށެވެ." އިތުރު ސާހިބާ ވިދާޅުވިއެވެ. "އަހުރެންވެސް އެކުދީންނާއެކު ފޮނުއްވައި ބައްލަވާށެވެ." حــلـيـمـــة ގެފާނު އެކަމަށް ހުއްދަ ދެއްވުމުން އިތުރު ސާހިބާވެސް حــلـيـمـــة ގެފާނުގެ ބޭފުޅުންނާއެކު ބަކަރިތަކަށް ހުއިކާންދެއްވަން ހެނދުނު ފަތިހާ ވަޑައިގަންނަވާން ފައްޓަވައިފިއެވެ. އެނބުރި ގެއަށް ވަޑައިގަންނަވަނީ ހަވީރުއެވެ. އިތުރު ސާހިބާ حــلـيـمـــة ގެފާނުގެ ބޭފުޅުންނާއި އަވަށުގެ އެހެން ކުދީންނާއެކު ބަކަރި ހުއިހައްޕަވަން ނުކުމެވަޑައިގެން އުޅުއްވަމުން ގެންދެވީ ވަރަށް އުފާފުޅުންނެވެ.
ތުއްޕުޅު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެގޮތުގައި އުޅުއްވަނިކޮށް حــلـيـمـــة ގެފާނުގެ ފިރިހެންބޭފުޅެއް (ضـمــــــرة) އެއްދުވަހަކު މެންދުރެއްހައިއިރު ކީރިތިކުރައްވަމުން ދުވެވަޑައިގެންފައި ގެއަށް ވަޑައިގެންފިއެވެ. އެބޭފުޅާ ވިދާޅުވިއެވެ. "އޭ މަންމާއެވެ! އޭ ބައްޕާއެވެ! އަޅުގަނޑުމެންގެ ޤުރައިޝްވަންހައިގެ އަޚާ އަވަހަށް ސަލާމަތްކޮށްދެއްވާށެވެ. އަޅުގަނޑުމެން ކުޅޭން އުޅެނިކޮށް އައި ތިންމީހަކު މިހިރީ މިހިރީއޭ ކިޔައިފައި އަޅުގަނޑުމެންގެ މެދުން ކޮއްކޯފުޅު ޖަހައިގަނެގެން ގެންގޮސް އެއޮއްފެންނަ ފަރުބަދަގަނޑުގެ މައްޗަށް އަރުވައިގެން އެތިބަ ބަނޑުފުޅު ފަޅަނީއެވެ." حــلـيـمـــة ގެފާނު ވިދާޅުވިއެވެ. އަހަންނާއި އަހަރެންގެ ފިރިކަލުން الحـــــارث އާ ހަމައެވަގުތު އެދިމާޔަށް ދުއްވައިގެންފީމުއެވެ. އަވަށުގެ އެންމެންވެސް އެމީހަކު ކުރާންހުރި ކަމެއް ދޫކޮށްލައިފައި އެދިމާޔަށް ދުވެފައި އާދެއެވެ. އަހަރެމެންނަށް އެހިސާބަށް ދެވުނުއިރު އެދަރިކަލުން ހުންނެވީ ފަރުބަދަމަތީގައި މަތިބަލަހައްޓަވައިގެންނެވެ. އަހަރެން އަވަސްއަވަހަށް އެދަރިކަލުން އުރުތެރެޔަށް ލައިފައި ދެބުމަފުޅު ދެމެދުގައި ބޮސްދީފައި ދަންނަވައިފީމެވެ. މަންމަގެ ޖާނާއި މާލު ދަރިކަލުންނަށްޓަކައި ޤުރުބާނެވެ. ދަރިކަލުންނަށްވީ ކީއްތޯއެވެ؟"
ތުއްޕުޅު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޖަވާބުދެއްވިއެވެ. "ތިމަންކަލޭގެފާނުގެ އަޚުންގެ ތެރޭގައި ހުންނަވަނިކޮށް އައި ތިންމީހަކު ތިމަންކަލޭގެފާނާ ދިމާޔަށް ބުނެލައިފޫއެވެ. މިހުންނެވީއެވެ. މިހުންނެވީއެވެ. އަނެކަކު ބުނެފިއެވެ. އާނ އާނ ތިޔައީއެވެ. ދެންހުރި މީހާ ބުނެފިއެވެ. އަވަސްކުރަމާ ހިނގާށެވެ. ދެން އެ ތިންމީހުން ތިމަންކަލޭގެފާނު ނަގައިގަނެގެން އުޑަކު ނުޖެހި ބިމަކު ނުޖެހި މި ފަރުބަދަމައްޗަށް ގެނެސްފޫއެވެ. އެ ތިންމީހުންކުރެ އެކެއްގެ އަތުގައިހުރީ ރިހީގެ ކުރައެކެވެ. އަނެކެއްގެ އަތުގައި ނޫކުލައިގެ ޒުމައްރަދުން ހަދައިފައިހުރި ކޯދޮންނަ ލޯގަނޑެއް ހުއްޓެވެ. އޭގައިހުރީ ގަނޑުފެނެވެ. އެބައިމީހުން އަހުރެން އުޑުތިލަމަތީން ބާއްވައިފައި އަހުރެންގެ ފޫޅުންތިރިޔާ ހަމަޔަށް މޭމަތި ފަޅައިލައިފިއެވެ. އަހުރެން އޮތީ ބަލަހައްޓައިގެންނެވެ. އެއްވެސްކަހަލަ ތަދެއް އިޙުސާސެއް ނުވެއެވެ. ދެން އޭގެތެރެއިން މީހަކު އަހުރެންގެ އެތެރެހަށީގެ ތެރެޔަށް އަތްބާނައިގެން ގުނަވަންތަކެއް ނެރެ ވަރަށް އޯގާވެރިކަމާއެކު ގަނޑުފެނުން ދޮވެފައި ކޮންމެ ގުނަވަނެއްވެސް އެގުނަވަނެއް އިހުއޮތްތަނަކު ބާއްވައިފައި ފަޅައިލިތަން ބައްދައިލުމަށްފަހު އެތިބަ ދަނީއެވެ."
حــلـيـمـــة ގެފާނު ވިދާޅުވެފައިވެއެވެ. ދެން އެދަރިކަލުން ގޮވައިގެން އަހަރެމެން އައީ ގެޔަށެވެ. ގެއަށް އައި މަގުމަތީގައި އަހަރެމެންގެ ވަންހައިގެ ބަޔެއް މީހުން ބުނެއުޅުނެވެ. ތިޔަ ދަރިކަލުން ކަހީނަކަށް ދައްކާންވީއެވެ. އެކަލޭގެފާނަށް އެހުންނެވީ އެސްފީނާ ޖެހިވަޑައިގެންފައެވެ. އެހެންނޫނީ ޖިންނިޔެއް އަވަލައިފައެވެ. އެދަރިކަލުން ޖަވާބުދެއްވައެވެ. އަހުރެންގެ ހަށިގަނޑު މިހިރީ ސަލާމަތުންނެވެ. ހިތް މިއޮތީ އެންމެ ރަނގަޅަށެވެ. އެކަމަކު އެންމެފަހުން އަހަރެމެންނަށް އެއްބަސްވެވުނީ އެދަރިކަލުން ކޮންމެވެސް ކަހީނަކަށް ދައްކައިލާށެވެ. ދުވަސްވަރަކީ ޢުކާޒުގެ ބާޒާރު އޮންނަ ދުވަސްވަރެވެ. އަހަރެމެން އެދަރިކަލުން ގޮވައިގެން ޢުކާޒުގެ ބާޒާރަށް ހިނގައްޖައީމުއެވެ. އެދަރިކަލުން ކަހީނަކަށް ދެއްކުމުން އެކަލޭގެ އެދަރިކަލުންނާ ވާހަކަދައްކައިގެން އެ ހާދިސާގެ މަޢުލޫމާތު ހޯދިއެވެ. އެއަށްފަހު ހަޅޭއްލަވައިގެންފައި ބުންޏެވެ. "އޭ ޢަރަބީންގެ އެންމެންނޭވެ! ހަމަކަށަވަރުން ވަރަށްބޮޑު ނުބައިކަމަކާއި ވަރަށްބޮޑު މުސީބަތެއް ތިޔަބައިމީހުންނަށް ޖެހެން ކައިރިވެއްޖެއެވެ. ތިޔަބައިމީހުން މިހިރަ ކުޑަކުއްޖާ ޤަތުލުކޮށްލާށެވެ. އޭނާއާއެކު އަހަރެންވެސް ޤަތުލުކޮށްލާށެވެ. މިކުއްޖާ ސަލާމަތުންހުރެ ބޮޑުވެއްޖެ ކަމުގައިވާނަމަ އޭނާ ތިޔަބައިމީހުން އެންމެންނަކީ މޮޔައިންކަމުގައި ހަދާނެއެވެ. ތިޔަބައިމީހުން ނުދަންނަ އައު ދީނަކަށް ވަންނަން ގޮވައިލާނެއެވެ."
އެހިނދު އަހަރެން އެކަލޭގެ އަތުން އެދަރިކަލުން ފިރުކައިގެންފައި ބުނެފީމެވެ. ކަލޭގެހުރި ނުބައިކަމާއެވެ. ކަލޭގެއަށް ޖެހިފައި ތިޔަހުރި ގިލަންވެރިކަން މާބޮޑެވެ. ކަލޭގެ އަމިއްލަ ނަފްސު ޤަތުލުކުރާނެ މީހަކު ކަލޭގެ ހޯދާށެވެ. އަހަރެމެން މިމާތް ދަރިކަލުން ޤަތުލުކުރާނެ ބަޔަކު ކަމުގައެއް ނުވަމުއެވެ. ކޮންމެއަކަސް މިހުރިހައިކަމެއް ހިނގުމުން އަހަރެންގެ ފިރިކަލުން ބުނުއްވައިފިއެވެ. "އަހަންނަށް ފެންނަނީ މިދަރިކަލުން މިދަރިކަލުންގެ މަންމާފުޅުގެ އަރިހަށް ގެންދާށެވެ. ހުރިހައިވެސް ކަމަކީ މިހާރު އަހަރެމެން ތަންކޮޅެއް ފަސޭހަކޮށްއުޅޭތީ މީހުންގެ ޙަސަދައެވެ. ކަމަނާ ތިޔަ އަމާނަތުން ނެއްޓިވަޑައިގަންނަވާށެވެ." (ކީރިތި ރަސޫލާގެ ސީރަތުން ކުޑަކުދީންނަށް – محــمّــــد رشــيـــد إبــــراهـيــــم)
ކާފާފުޅާއި މަންމާފުޅުގެ އަރިހުގައި މަދީނާއަށް
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ބާދިޔަތުން އެނބުރި މައްކާއަށް ވަޑައިގެންނެވިއިރު އެމާތް ސާހިބާ ހުންނެވީ ނުހަނު ދުޅަހެޔޮފުޅުކޮށެވެ. ދުވެވަޑައިގެންނެވުމާއި އެކިކަންކަމާ ކުރިމަތިލެއްވުމުގައި ވަރަށް ހުސިޔާރުފުޅެވެ. ســيّـــدة آمـــنـــــة އެކަމާ ވަރަށް އުފާފުޅުކުރެއްވިއެވެ. އުފާފުޅުން އެކަމަނާގެ ހިތްޕުޅު އޮބިއޮންނަވަރެއް ނޫނެވެ.
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އުމުރުފުޅުން ހަތްއަހަރުފުޅަށް އަޅައިގަތުމުން ކާފާފުޅު عــبـــدالمـطَّــلِــب ގެފާނު އެދަރިކަލުންނާއި އެދަރިކަލުންގެ މައިކަނބަލުން ގޮވައިގެން މަދީނާއަށް ދަތުރުފުޅެއް ކުރެއްވިއެވެ. ޢާންމުކޮށް މުއައްރިޚުން އެދަތުރުފުޅުގެ ވާހަކަ ލިޔުއްވައިފައިވަނީ ســيّـــدة آمـــنـــــة އެ ލޮބުވެތި ދަރިކަލުންނާއި އެދަރިކަލުންގެ އާޔާ أمّ أيـــمـــــن ގޮވައިގެން ޤާފިލާއެއްގައި މަދީނާއަށް ކުރެއްވި ދަތުރުފުޅެއް ކަމުގައި ދޭހަވާގޮތަށެވެ. عــبـــدالمـطَّــلِــب ގެފާނު އެދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ވާހަކައެއް ނުލިޔުއްވައެވެ. ނަމަވެސް އެދަތުރުފުޅުގައި އެދެމައިކަނބަލުން މަދީނާއަށް ވަޑައިގެންނެވީ އެދަރިކަލުންގެ ކާފާފުޅު عــبـــدالمـطَّــلِــب ގެ އަރހުގައެވެ. މިހާރުގެ ވަރަށްގިނަ މުޙައްޤިޤުން ވަނީ މިގޮތަށް ލިޔުއްވައިފައެވެ. (މުސްތަޤީމު ފާރޫޤީ، ޢަބްދުލްމާލިކު މުޖާހިދު)
ކުރީންވެސް ދަންނަވައިފައިވާ ފަދައިން ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ކާފާފުޅު عــبـــدالمـطَّــلِــب ގެފާނުގެ މައިކަނބަލުން سـلـمــى بـــنت عــمـــــــرو އަކީ މަދީނާގެ (އޭރުގެ ޔަޘްރިބު) ބޭކަނބަލެކެވެ. މަދީނާގެ ޝަރަފުވެރި ޢާއިލާއެއްކަމުގައިވާ ނައްޖާރުވަންހައިގެ ބަނީޢަދީގެ ދަރިކޮޅުގެ ބޭކަނބަލެކެވެ. عــبـــدالمـطَّــلِــب ގެފާނު ގާތްގަނޑަކަށް ޒުވާން އުމުރުފުޅާ ހަމަޔަށް އުޅުއްވީ ޔަޘްރިބުގައެވެ. المـسجــد الــنّـــبــوى އެހެރީ ބަނުއްނައްޖާރުގެ އަވަށް އޮތް ތާނގައެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ބައްޕާފުޅު عــبـــد اللّــــه ގެފާނު އަވަހާރަވީ މަދީނާގައެވެ. އެކަލޭގެފާނުގެ މަހާނަފުޅު ހުރީ މަދީނާގައެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ކަންކަން ވިސްނިވަޑައިގަންނަވާވަރަށް ބޮޑުފުޅުވުމުން އެމާތް ސާހިބާގެ ކާފާފުޅު ބޭނުންފުޅުވީ އެކަލޭގެފާނުގެ މައިފުށުގެ ތިމާގެފުޅު ބޭފުޅުންނަށް ކާފަދަރިކަލުން ތަޢާރުފުކޮށްދެއްވާށެވެ. ކާފަދަރިކަލުންނަށް އެދަރިކަލުންގެ ބަފައިކަލުންގެ މަހާނަފުޅު ދައްކައިލައްވާށެވެ. ޅީދަރިކަނބަލުންނަށް އެކަމަނާގެ ފިރިކަލުންގެ ގަބުރުފުޅަށް ޒިޔާރަތްކޮށްލެއްވުމުގެ ފުރުޞަތު ހޯއްދަވައިދެއްވާށެވެ. ســيّـــدة آمـــنـــــة ގެ އަރިހުގައި އެކަމަނާގެ ޚާދިމާ أمّ أيـــمـــــن ވެސް އެ ދަތުރުފުޅުގައި ބައިވެރިކުރެއްވިއެވެ.
عــبـــدالمـطَّــلِــب ގެފާނު އެކަލޭގެފާނުގެ ހަންހާރަވެތި ކާފަދަރިކަލުންނާއި ލޮބުވެތި ޅީދަރިކަނބަލުން ގޮވައިގެން ވަޑައިގެން ހުންނެވީ ނައްޖާރުވަންހައިގެ މީހުންގެ ތެރޭގައެވެ. އެކަލޭގެފާނުގެ މައިފުށުގެ ބޮޑުބޭބޭފުޅުންގެ އަރިހުގައެވެ. މަދީނާއަކީ ފެހިކަންގަދަ ރަށެކެވެ. ރީތި ބަގީޗާތަކުގެ ރަށެކެވެ. ތާޒާކަމާއެކު ހެދޭ ދަނޑުފަނގުތަކުގެ ރަށެކެވެ. ވެޔޮވެލާވެއްޔާއި ފެންފެންގަނޑު ހުންނަ ރަށެކެވެ. އެހެންކަމުން ތުއްޕުޅު ސާހިބާއަށް އެދަތުރުފުޅަކީ މުޅީން އައު ތަޖުރިބާއެކެވެ. އެމާތް ސާހިބާއަށް ފެންފެންގަނޑާއި ވެޔޮތައް ފެނިވަޑައިގެންނެވީ އަލަށެވެ. މަދީނާގެ ކުޑަކުދީން އެތަންތަނުން ފެންވަރައެވެ. ފަތައިފައި ވަރަށް ދުރަށްވެސް ގޮސްއުޅެއެވެ. ނައްޖާރުވަންހައިގެ ތުއްޕުޅު ބޭފުޅުން އެބޭފުޅުންގެ އަރިހުގައި އެބޭފުޅުންގެ ތުއްޕުޅު މެހުމާނު ބައިވެރި ކުރައްވައެވެ. ކައުސާހިބާ އެބޭފުޅުންނާއެކު މަދީނާގެ ފެންފެންގަނޑުން ނާނެއިފުޅުފިއްލެވިއެވެ. ފައްތަވަން ދަސްފުޅު ކުރެއްވިއެވެ. ފެންގަނޑުގަނޑުގެ ކައިރީގައި ހުންނަ ގަސްތަކަށް އަރައި އެގަސްގަހުގައި ތިބޭ ދޫނިތައް ފެއްސުމަކީވެސް ކުޑަކުދީން ފޯރިއާއެކު ކުޅެއުޅުނު ކުޅިވަރެކެވެ. އިތުރު ސާހިބާ އެހުރިހައި ކުޅިވަރުތަކެއްގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އިތުރު ސާހިބާ މަދީނާއަށް ހިޖުރަޔަށް ވަޑައިގެން ހުންނެވިއިރު ކުރީފަހަރުގެ ދަތުރުފުޅުގެ ތަޖުރިބާގެ ވާހަކަ ވިދާޅުވެދެއްވައި އުޅުއްވިއެވެ.
عــبـــدالمـطَّــلِــب ގެފާނު އެކަލޭގެފާނުގެ ލޮބުވެތި ކާފަދަރިކަލުންނާއި ޙުރުމަތްތެރި ޅީދަރިކަނބަލުން ގޮވައިގެން މައްކާއަށް އެނބުރި ވަޑައިގެންނެވުމުގެ ދަތުރުފުޅު ފެއްޓެވީ މަދީނާގައި މަސްދުވަހު ތިއްބަވައިފައެވެ. މަންޒިލަކަށްފަހު މަންޒިލެއް ކަޑައްތު ކުރައްވަމުން އެ ޤާފިލާއަށް أبـــــواء އާ ހަމަޔަށް ވަޑައިގެންނެވުނުތަނާ ســيّـــدة آمـــنـــــة ގެފާނު އާލާސްކަންފުޅާ ވެއްޖެއެވެ. އޭރު ޙަޤީޤަތުގައި މަދީނާއާ ވަކިވެވަޑައިގެންނެވުން ވަނީ އެކަމަނާގެ ހިތްޕުޅަށް ބުރައަކަށް ވެފައެވެ. عــبـــدالمـطَّــلِــب ގެފާނު ވަނީ އެމަގުން އެއްފަހަރަށްވުރެ ގިނަފަހަރު ދަތުރުކުރައްވައިފައެވެ. މަގުމަތީން ދިމާވާ އާބާދީތަކާއި ފޭލިގެ އަވަށްއަވަށުގެ އެންމެންވެސް ނައްޖާރުވަންހައިގެ أمــيــــــر އަދި މައްކާއާއި ޤުރައިޝުންގެ ވެރިޔާ عــبـــدالمـطَّــلِــب ގެފާނު ދަނެއެވެ. عــبـــدالمـطَّــلِــب ގެފާނު أبـــــواء ގައި މަޑުކޮށްލެއްވިއެވެ. ســيّـــدة آمـــنـــــة އަށް ފުރިހަމަ ޞިއްޙަތެއް ލިބިވަޑައިގަންނަވާތޯ އިންތިޒާރު ކުރެއްވިއެވެ. އެކަމަކު ތަޤުދީރުގައި ރޭވިފައިވަނީ އެހެން ގޮތަކަށެވެ. أبـــــواء އާ ހަމައިން ســيّـــدة آمـــنـــــة ގެ ދަތުރުފުޅުވަނީ ނިމިފައެވެ. އަރަހުށި މާތް اللّــــه ކައުސާހިބާގެ ބައްޕާފުޅު އެކަލާނގެ ޙަޟުރަތަށް ގެންދެވި ފަދައިން މަންމާފުޅުވެސް އެކަލާނގެ ޙަޟުރަތަށް ގެންދަވައިފިއެވެ. أبـــــواء ގެ އަހުލުވެރީން ســيّـــدة آمـــنـــــة ގެ ގަބުރުފުޅު ކޮނުނީ ފަރުބަދައެއްގެ ކައިރީގައެވެ. އެކަމަނާ އެ ވަޅުފުޅުގައި ފަސްދާނުލައިފިއެވެ. އިތުރު ސާހިބާ ނުހަނު މޮޅިފުޅުން އެ މަންޒަރު ބައްލަވާން ހުންނެވިއެވެ. އެމާތް ސާހިބާ މަދީނާއިން އެނބުރިވަޑައިގެންނެވީ ބައްޕާފުޅުގެ މަހާނަފުޅުވެސް ދެކެވަޑައިގެންނެވުމަށްފަހުގައެވެ. މިހާރު އެ ފެނިވަޑައިގަންނަވަނީ މަންމާފުޅުގެ ގަބުރުފުޅަށް ފަސްލާތަނެވެ. އެ ތުއްޕުޅު ސާހިބާގެ ހިތްޕުޅަށް ކުރާނެ ބާރު އޮތީ ވިސްނައިލުމެވެ. ހީކޮށްލުމެވެ. آمـــنـــــة ގެފާނު ފަސްދާނުލުމަށްފަހު މީހުންތައް ހިނގައިގަތްއިރުވެސް ތުއްޕުޅު ސާހިބާ އެތާނގައި އިންނެވިއެވެ. "މަންމާ! މަންމާ! މަންމަ ވާހަކަފުޅު ނުދައްކަވަނީ ކީއްވެގެންތޯ؟" މިފަދައިން ވިދާޅުވަމުން ގެންދެވިއެވެ.
އަރަހުށި މާތް اللّــــه ވަނީ عــبـــدالمـطَّــلِــب ގެފާނަށް ވެރިކަމާއި މުދަލާއި ބޭފުޅުން ދެއްވުމުގައި ނުހަނު ދީލަތިވަންތަވެވޮޑިގެންފައެވެ. އެކަލޭގެފާނުގެ އުފަން ބޭފުޅުން އެބަތިއްބެވިއެވެ. ކާފަމާފަ ވިދާޅުވާ ބޭފުޅުން އެބަތިއްބެވިއެވެ. އެކަމަކު އެންމެ ލޯބިފުޅުވާ ދަރިކަލުން عــبـــد اللّــــه އެއް ނެތެވެ. މިހާރު عــبـــد اللّــــه ގެ ހުވަފަތް އަނބިކަނބަލުންވެސް މިދުނިޔެއަށް އަލްވަދާޢު ވިދާޅުވެއްޖެއެވެ. عــبـــدالمـطَّــلِــب ގެފާނު ســيّـــدة آمـــنـــــة ފަސްދާނުލެއްވުމަށްފަހު ލޮބުވެތި ޔަތީމު ދަރިކަލުން محــمّــــد ގޮވައިގެން ވަޑައިގެންނެވީ މައްކާއަށެވެ. عــبـــدالمـطَّــلِــب ގެފާނު މަސައްކަތްޕުޅަކަށް ހެއްދެވީ ކައުސާހިބާ އަބަދުވެސް އުފާފުޅު ކުރުއްވުމެވެ. عــبـــدالمـطَّــلِــب ގެފާނު ގެއިންބޭރަށް ތަނަކަށް ވަޑައިގަންނަވާނަމަ ކާފަދަރިކަލުން އަރިހުގައި ގެންދަވައެވެ. عــبـــدالمـطَّــلِــب ގެފާނަކީ ޤުރައިޝުންގެ أمــيــــــر އެވެ. މައްކާގެ ވެރިޔާއެވެ. އެކަލޭގެފާނަށްޓަކައި كــعـــبـــة ގެ ހިޔަލުގައި ދޫލަކޮޅެއް ފަތުރައިލެވެއެވެ. އެކަލޭގެފާނު އެ ދޫލަކޮޅުގައި އިށީނދެވަޑައިގެންނެވުމުން އެހެންމީހުން އިށީނދެ ތިބެނީ ކުރިފުޅުމަތީގައެވެ. ބިންމަތީގައެވެ. ޚުދު އެކަލޭގެފާނުގެ ބޭފުޅަކުވެސް އެ ދޫލަކޮޅުގައި އިށީނދެވަޑައެއް ނުގަންނަވައެވެ. އެކަމަކު عــبـــدالمـطَّــلِــب ގެފާނު ތުއްޕުޅު ކާފަދަރިކަލުން އެ ދޫލަކޮޅުގައި ބައިންދަވައިގެން އިސްތަށިފުޅާއި ބުރަކަށިފުޅުގައި ފިރުންމަވައެވެ.
(ނުނިމޭ)

