(30 އޮކްޓޯބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އިސްލާމީ ތާރީޚުގެ ގިނަ މުޙައްޤިޤުން ވިދާޅުވާގޮތުގައި ޤުރައިޝުވަންހަ ފެށެނީ مَــالِـكُ ގެ ފުތް فِــهْـــــرُ އާ ހަމައިންނެވެ. އޭގެމައްޗަށްވަނީ كِــنَـــانَـــــةُ ވަންހައެވެ. އެކަމަކު ބައެއް މުޙައްޤިޤުން ވިދާޅުވާ ގޮތުގައި ޤުރައިޝުވަންހައިގެ ލަޤަބުން އެވަންހަ ޝަރަފުވެރިކުރެއްވީ نَــضَـــــرُ بــــن كِــنَـــانَـــــةُ އެވެ. حــافـظ عــــــراقــــى ލިޔުއްވައިފައިވެއެވެ. "އެބޭކަލަކީ نَــضَـــــرُ އެވެ." ހަމައެފަދައިން ޤުރައިޝުގެ ލަޤަބު އެންމެފުރަތަމަ ލިބިވަޑައިގެންނެވީ قُـصَــيُّ އަށް ކަމަށްވެސް ރިވާޔަތްތައް ހުރެއެވެ. އެވަންހަޔަށް އެނަންކިޔުނީ ކަމަކަށް ބޭނުންވެފައިވާ މީހަކު ހުރިތޯ ބައްލަވައި އެމީހެއްގެ ބޭނުންތައް ފުއްދަވައިދެއްވާތީއެވެ.
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އެންމެހައި ކާބަފައިކަލުންނަކީވެސް عـــدنــان ވަންހައިގެ ޤަދަރުހުރި މާތް ބޮޑުންނެވެ. ޚާއްޞަކޮށް نَــضَـــــرُ އާއި فِــهْـــــرُ އާއި قُـصَــيُّ ގެ ނަންފުޅު ވަކީންބޮޑަށް ޝަރަފުވެރިކަމާއެކު ފާހަގަކުރެވެއެވެ. قُـصَــيُّ ގެ ޒަމާން އައިއިރު މައްކާގެ
ވެރިޔަކަށްހުރީ خَــلِــيــلُ الخــــــزاعِــــى އެވެ. (ސީރަތުއްނަބިއްޔު صــلّـــــى اللّــــه عــلـيــــه وســلّـــــم، ޢައްލާމާ ޝިބްލީ، ޢައްލާ ސައްޔިދު ސުލައިމާން ނަދުވީ، އައްރަޙީޤުލް މަޚްތޫމީގައި ވާގޮތުން حُــلَــيْــلُ الخــــــزاعِــــى) قُـصَــيُّ ކާވެނިބެއްލެވީ އޭނާގެ ދަރިކަނބަލުން المِسْـمـــاة ނުވަތަ حُــبَّـــى އާއެވެ. خَــلِــيــلُ ނުވަތަ حُــلَــيْــلُ ގެ ފިރިހެން ބޭފުޅަކު ނެތެވެ. އެހެންކަމުން އޭނާ ވަޞިއްޔަތްކުރެއްވީ އޭނާއަށްފަހު ޙަރަމްފުޅުގެ ތައުލިއްޔަތު قُـصَــيُّ އަށް އޮތުމަށެވެ. (ސީރަތު ޝިބްލީ)
قُـصَــيُّ އާ ބެހޭގޮތުން ލިޔެވިފައިވެއެވެ. قُـصَــيُّ އެކަލޭގެފާނުގެ މައިކަނބަލުންގެ އުނގުފުޅުގައި އޮންނަވަނިކޮށް އެކަލޭގެފާނުގެ ބައްޕާފުޅު (كِــلاَبُ) އަވަހާރަވެއްޖެއެވެ. قُـصَــيُّ ގެ މައިކަނބަލުން ދެން ކާވެނިބައްލަވައިގެންނެވީ ބަނޫ ޢުޛުރަހުވަންހައިގެ މީހެއްކަމުގައިވާ ربــيــعــة بــــن حــــرام އާއެވެ. އޭނާގެ ޤަބީލާގެ މީހުން ދިރިއުޅުނީ ޝާމްކަރައިގެ ކައިރީގައެވެ. އައްސޭރިފަށުގައެވެ. قُـصَــيُّ ގެ މައިކަނބަލުން ފިރިކަލުންގެ ވަންހައިގެ މީހުންގެ ތެރެޔަށް ވަޑައިގެންނެވީ قُـصَــيُّ ގޮވައިގެންނެވެ. قُـصَــيُّ އެނބުރި މައްކާއަށް ވަޑައިގެންނެވީ އެކަލޭގެފާނު ބޮޑުފުޅުވީފަހުންނެވެ. (އައްރަޙީޤުލް މަޚްތޫމި) قُـصَــيُّ އަށް އެނަން ކިޔުނީ ތުއްޕުޅުއިރު މައްކާއާ ދުރުގައި ހުންނެވުމުގެ ސަބަބުންނެވެ. قُـصَــيُّ ގެ އަސްލު ނަންފުޅަކީ زيــــد އެވެ.
އޭރު މައްކާގެ ވެރިކަމުގައި ހުންނެވީ خَــلِــيــلُ إبــــن حبشيّــة الخــــــزاعِــــى (ނުވަތަ حُــلَــيْــلُ الخــــــزاعِــــى) އެވެ. قُـصَــيُّ އޭނާގެ ދަރިކަނބަލުން المِسْـمـــاة (حُــبَّـــى) ގެ ކާވެނިފުޅަށް އެދިވަޑައިގެންނެވިއެވެ. خَــلِــيــلُ އެކަން ޤަބޫލުކުރައްވައި އެދެބޭފުޅުންގެ ކާވެނިކޮށްދެއްވިއެވެ. خَــلِــيــلُ (ނުވަތަ حُــلَــيْــلُ) އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައި ޙަރަމްފުޅުގެ ވެރިކަން قُـصَــيُّ އާ ޙަވާލުކުރާން ވަޞިއްޔަތް ކުރެއްވިއެވެ. އެގޮތުން قُـصَــيُّ އަށް އެމަޤާމު ލިބިވަޑައިގެންނެވީއެވެ. (ސީރަތު ޝިބްލީ)
އެހެން ރިވާޔަތެއްގައިވާގޮތުން خَــلِــيــلُ (ނުވަތަ حُــلَــيْــلُ) އަވަހާރަވުމުން މައްކާއާއި بـيـت اللّــــه ގެ ވެރިކަމާމެދު خـــــزاعــــة ވަންހައިގެ މީހުނާއި قـــــريـش ވަންހައިގެ މީހުނާ ދެމެދު ހަނގުރާމަ ފެށިއްޖެއެވެ. قـــــريـش ވަންހައިގެ މީހުންނާއި كِــنَـــانَـــــةُ ވަންހައިގެ މީހުން قُـصَــيُّ އަށް ވާގިދިނެވެ. މައްކާއާއި بـيـت اللّــــه ގެ މައްޗަށް قُـصَــيُّ ގެ ވެރިކަން ޤާއިމުވީ އެހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުންނެވެ. (އަހްރަޙީޤުލްމަޚްތޫމި) قُـصَــيُّ އަށް ވެރިކަން ލިބިވަޑައިގަތުމުން އޭނާ قـــــريـش ވަންހައިގެ އެންމެން މައްކާއަށް ގެންނަވައި މައްކާގައި ވަޒަންވެރި ކުރެއްވިއެވެ.
މި ހަނގުރާމައިގެ ސަބަބަކީ ކޮބައިތޯއެވެ؟ އެކަމާބެހޭގޮތުން ތިންރިވާޔަތެއް އައިސްފައިވެއެވެ.
1. قُـصَــيُّ ގެ ބޭފުޅުން ބޮޑުފުޅުވެ ޤައުމުގައި ކަމުފޮޅާގޮތްވެ އޭނާ މުއްސަނދިފުޅުވެ ޤަދަރުވެރިވުމާއި حُــلَــيْــلُ އަވަހާރަވުމުން އޭނާއަށް އިޙްސާސުވެވަޑައިގަތީ خـــــزاعــــة ވަންހަޔާއި بــكــــر ވަންހައިގެ މީހުނަށްވުރެ كــعـــبـــة ގެ ވެރިކަމަށް އެކަށޭނަ ބޭފުޅަކީ އޭނާ ކަމުގައެވެ. އެކަމަށް ޙައްޤުކަންބޮޑީވެސް އޭނާ ކަމުގައެވެ. އެހެނީ قـــــريـش ންނަކީ ޚާލިޞް إسمــــاعــيـــلــــى ޢަރަބީންނެވެ. إسمـــــاعـــيــــل ގެފާނުގެ ދަރިކޮޅުގެ ބޮޑުންނެވެ. قُـصَــيُّ އެވިސްނުންފުޅުގައި قـــــريـش ންނާއި خـــــزاعــــة ވަންހައިގެ ބައެއް މީހުނާ ވާހަކަ ދެއްކެވުމުން އެބައިމީހުނާ އެއްބަސްވެއްޖެއެވެ.
2. ދެވަނަ ރިވާޔަތުގައިވާގޮތުން ކުރީންވެސް ދެންނެވި ފަދައިން حُــلَــيْــلُ ވަނީ كــعـــبـــة ބެލެހެއްޓެވުމާއި މައްކާގެ ވެރިކަމުގެ ލަގަނާ ޙަވާލުވެވަޑައިގަންނަވާން قُـصَــيُّ ވަޞިއްޔަތް ކުރައްވައިފައެވެ.
3. حُــلَــيْــلُ الخــــــزاعِــــى އޭނާއަށްފަހު ވެރިކަން ޙަވާލުކުރެއްވީ އޭނާގެ ދަރިކަނބަލުން حُــبَّـــى އާއެވެ. أبـــــوغبشـــان الخــــــزاعــــى އެކަމަނާގެ ވަކީލަކަށް ހަމަޖެއްސެވިއެވެ. އެގޮތުން حُــبَّـــى ގެ ނާއިބެއްގެ ހައިސިއްޔަތުން كــعـــبـــة ގެ ތަޅުދަނޑިފުޅު އޮތީ އޭނާގެ ޙަވާލުގައެވެ. أبـــــوغبشـــان ގެފުޅުގެ ތަޅުދަނޑިފުޅު قُـصَــيُّ އަށް ރާހަމަކަށް ވިއްކައިލިއެވެ. އެކަމަކު خـــــزاعــــة ވަންހައިގެ މީހުން އެވިޔަފާރި ޤަބޫލެއް ނުކުރިއެވެ. قُـصَــيُّ، كــعـــبـــة އާ ކައިރިވެވަޑައިގެންނެވިޔަނުދޭން ދިމާކޮށްލިއެވެ. قُـصَــيُّ އެކަމާހުރެ خـــــزاعــــة ވަންހައިގެ މީހުން މައްކާއިން ނެރުއްވާން قـــــريـش ވަންހައިގެ މީހުންނާއި كــنـــانـــــة ވަންހައިގެ މީހުން އެއްކުރައްވައިފިއެވެ. އެބައިމީހުން قُـصَــيُّ ގެ ވާހަކަފުޅަށް އިޖާބަދިނެވެ.
މިދެންނެވި ތިން ސަބަބުންކުރެ ކޮންމެ ސަބަބަކާހުރެ ކަމުގައިވިޔަސް ވެރިކަމުގައި ތިބިމީހުންނާއި ޞައުފާއިން قُـصَــيُّ އަށް ވެރިކަން ދޫކޮށްލާކަށެއް ބޭނުމެއް ނުވިއެވެ. قُـصَــيُّ، قـــــريـش ވަންހައިގެ މީހުންނާއި كــنـــانـــــة ވަންހައިގެ މީހުން ގޮވައިގެން خـــــزاعــــة ވަންހައިގެ މީހުން އެއްވެތިބި عــــقــبـــــة އަށް ވަޑައިގެން ވިދާޅުވިއެވެ. ތިޔަބައިމީހުނަށްވުރެ ތިޔަ މަޤާމުތަކަށް ޙައްޤުކަންބޮޑީ އަހަރެމެންނެވެ. ވެރިކަމުގައިތިބި މީހުން އެގޮތް ޤަބޫލުނުކޮށް ހަނގުރާމަ ފަށައިފިއެވެ. قُـصَــيُّ އެބައިމީހުން ބަލިކޮށްލައްވައި ވެރިކަން ހޯއްދަވައިފިއެވެ. ނަމަވެސް އެއާވިދިގެން خـــــزاعــــة ވަންހަޔާއި بــكــــر ވަންހައިގެ މީހުންކުރެ قُـصَــيُّ އާ އެއްބައިވި މީހުންވެސް އޭނާއާ ވަކިވެއްޖެއެވެ. قُـصَــيُّ އާ އެބައިމީހުންނާ މެދުވެސް ހަނގުރާމަ ފެށިއްޖެއެވެ. ދެފަރާތުގެ އެތައްބަޔަކު ޤަތުލުވުމަށްފަހު ޞުލްޙަޔަށް ގޮވައިލައި بــكــــر ވަންހައިގެ މީހެއް ކަމުގައިވާ يَـعْـــمَـــــرُ بــــن عــــــوف ޙަކަމަކަށް ހަދައިފިއެވެ. އޭނާއަކީ ހަރުދަނާ ބުއްދިވެރި މުސްކުޅިޔެކެވެ. يَـعْـــمَـــــرُ ޙުކުމްކުރީ خـــــزاعــــة ވަންހައިގެ މީހުނަށްވުރެ كــعـــبـــة އާއި މައްކާގެ ވެރިކަމަށް އައުލާކަންބޮޑީ قُـصَــيُّ ކަމުގައެވެ. އަދިވެސް އޭނާގެ ޙުކުމުގައިވެއެވެ. قُـصَــيُّ އޮހޮރުއްވެވި ހުރިހައި ލެޔެއްގެ މަރުގެދިޔަ އުވިދިޔައީއެވެ. އެހުރިހައި ދިޔައެއް އަހަރެންގެ މިހިރަ ދެފައިތިލައިގެ ދަށުގައިލައި މުގުރައި ސުންނާފަތިކޮށްފީމެވެ. ޝައްކެއްނެތެވެ. خـــــزاعــــة ވަންހައިގެ މީހުންނާއި بــكــــر ވަންހައިގެ މީހުން ޤަތުލުމީހުންގެ މަރުގެދިޔަ ވާނީ ދޭށެވެ. މިހާރުން މިހާރަށް އެއްވެސް ހުރަސްއެޅުމެއްނެތި كــعـــبـــة اللّــــه ގެފުޅު قُـصَــيُّ އާ ޙަވާލުކުރާށެވެ. މި ޙުކުމުގެ ސަބަބުން يَـعْـــمَـــــرُ ގެ ނަމަކަށް شــــدّاخ އޭ ކިޔޭންފަށައިފިއެވެ. އެބަހުގެ މާނައަކީ ފައިދަށުލައި މުގުރާ މީހާއެވެ. މިގޮތުން މައްކާއާއި كــعـــبـــة ގެ ވެރިކަން قُـصَــيُّ އަށް ލިބިވަޑައިގެންފިއެވެ. (އައްރަޙީޤުލް މަޚްތޫމި: 50، 51)
قُـصَــيُّ އަކީ ވަރަށް ޤާބިލް ބޭކަލެކެވެ. އޭނާ ނަންހުރި އެތައް ޚިދުމަތްތަކެއް ކުރެއްވިއެވެ. މައްކާގެ ވެރިކަމާއި بـيـت اللّــــه ގެ ވެރިކަމާ ގުޅޭގޮތުން އެކިއެކި އައު މަޤާމުތަކާއި އިދާރާތައް އުފެއްދެވިއެވެ. އޭނާ ދާރުލްމަޝްވަރާއެއް (دارالــنّـــدوة) ޤާއިމުކުރެއްވިއެވެ. قـــــريـش ން ޚާއްޞަކަމަކާ ޖަލްސާއެއް ބާއްވާނަމަ ބާއްވަނީ އެގޭގައެވެ. ހަނގުރާމަޔަކަށް ތައްޔާރުވާނަމަ އެކަން ރާވައި އެކަށައަޅަނީ އެގޭގައެވެ. ޤާފިލާއެއް ބޭރަށް ފޮނުވާކަމުގައިވާނަމަ އެކަމުގެ އިންތިޒާމުތައް ހަމަޖައްސަނީ އެގޭގައެވެ. އެބައިމީހުންގެ ކާވެނިތަކުގެ މަރާސިމުތައް އޮންނަނީ އެގޭގައެވެ. މީގެއިތުރަށް ދިދައިގެ ވެރިކަމާއި ޙައްޖާޖީންނަށް ކާންދިނުމާއި ފެންދިނުމުގެ ވެރިކަމުގެ މަޤާމު އުފެއްދެވިއެވެ. މިދެންނެވި މަޤާމުތަކުގެ އިތުރަށްވެސް މަޤާމުތަކެއް އުފެއްދެވިއެވެ. އެ މަޤާމުތައް ވަނީ قـــــريـش ވަންހައިގެ އެކި ދަރިކޮޅުތަކުގެ މެދުގައި ބަހައިލެވިފައެވެ. މިސާލަކަށް މަރުގެދިޔައިގެ މައްސަލަތައް ތައިމު ވަންހަޔަށެވެ. ސަފީރުކަން ޢަދިއްޔު ވަންހަޔަށެވެ. ޢަސްކަރީ ކޭމްޕުތަކުގެ ވެރިކަން މަޚްޒޫމު ވަންހަޔަށެވެ. އެ މަޤާމުތަކުގެ ޒަރީޢާއިން قـــــريـش ންވަނީ ކުޑަވަރެއްގެ ސަރުކާރެއް ނުވަތަ ސަރުކާރެއްފަދަ އެޑްމިނިސްޓްރޭޝަނެއް (އިންތިޒާމިއްޔާއެއް) އުފައްދައިފައެވެ.
قُـصَــيُّ ގެ ހަބޭފުޅުން ތިއްބެވިއެވެ. އޭގެތެރެއިން އެންމެ ދޮށިބޭފުޅަކީ عــبـــدالـــدّار އެވެ. ދެވަނަ ބޭފުޅަކީ عــبـــد مـــنـــــاف (مــغـــيـــرة) އެވެ. قُـصَــيُّ ގެ ޙަޔާތްޕުޅުގައިމެ عــبـــد مـــنـــــاف ގެ މާތްކަމާއި ޢިއްޒަތްތެރިކަން ބޮޑުވެ މަޝްހޫރުވެއްޖެއެވެ. عــبـــدالـــدّار އަކީ قُـصَــيُّ ގެ ބޭފުޅުންކުރެ އެންމެ ނާޤާބިލު ދަރިކަލުންނެވެ. ނަމަވެސް قُـصَــيُّ ވަނީ އޭނާ އަވަހާރަވަމުން އޭނާއަށްހުރި ހުރިހައި މަގާމުތަކެއް عــبـــدالـــدّار އަށް ދެއްވައިފައެވެ. عــبـــدالـــدّار އާއި އޭނާގެ އެހެންބޭފުޅުންނާ ދަރަޖައެއްވަރު ކުރެއްވުމުގެ މަޤްޞަދުގައެވެ. قُـصَــيُّ ގެ އުފަންބޭފުޅުން ޙަޔާތްޕުޅުގައި އެކަންތައްއޮތީ قُـصَــيُّ ހަމަޖެއްސެވިގޮތަށެވެ. އެބޭފުޅުން އަވަހާރަވުމުން عــبـــد مـــنـــــاف ގެ ބޭފުޅުން عــبـــدالـــدّار ގެ ބޭފުޅުންގެ އަތްޕުޅުން ވެރިކަން އަތުލައްވާން ކަނޑައަޅުއްވައިފިއެވެ. މިކަމާބެހޭގޮތުން ޚިޔާލުތަފާތުވެ قـــــريـش ވަންހައިގެ މީހުން ދެބަޔަކަށްބެހި ކިރިޔާ ހަނގުރާމަ ނުފެށި އުޅެނިކޮށް އަނެއްކާ ޞުލްޙަވާން ގޮވައި ދެފަރާތުގެ މީހުންނާއި ވަކިފަރާތަކަށްނުޖެހޭ މީހުން އެއްވެ މަޝްވަރާކޮށް އެއްބަސްވެވުނީ ޙައްޖާޖީންނަށް ކާންދިނުމާއި ފެންދިނުމުގެ ވެރިކަމާއި ޤާފިލާތަކަށް ވެރީންލުމުގެ ވެރިކަން عــبـــد مـــنـــــاف ގެ ދަރިކޮޅަށް އޮތުމަށެވެ. ގެފުޅުގެ ބަނޑޭރިކަމާއި ދިދައިގެ ވެރިކަމާއި دارالــنّـــدوة ގެ ވެރިކަން عــبـــدالـــدّار ގެ ދަރިކޮޅަށް އޮތުމަށެވެ.
(ނުނިމޭ)
