(8 ޖަނަވަރީ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
الإمـــام إبــــن تـيـمــيّـــة ލިޔުއްވައިފައިވެއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ފަސްދޮޅަސްތިން އަހަރުފުޅު ދުނިޔޭގައި ހޭދަކުރެއްވިއެވެ. އެކަމަކު ދުވަހަކު އިތުރުފުޅެއް ނުހައްދަވައެވެ. ދުވަހަކުވެސް ޚިޔާނާތްތެރިވެވަޑައެއް ނުގަންނަވައެވެ. ހަޑިހުތުރު ބަސްފުޅެއް ވިދާޅެއް ނުވެއެވެ. ދޫފުޅު އަބަދުވެސް ގެންގުޅުއްވީ ބުއްދިފުޅުގެ ބާރުފުޅުގެ ދަށުގައެވެ. ނަބީކަން ލިބިވަޑައިގެންނެވުމުގެ ކުރީން ޖާހިލިއްޔަތުގެ އިންތިހާދަރަޖައިގެ ފާފަވެރި މާޙައުލުގައިވެސް އެމާތް ސާހިބާ ދިރިއުޅުއްވި މިސާލެއް ނުވާފަދަ ޠާހިރު ދިރިއުޅުއްވުމާމެދު ވިސްނައިލުމުން އެ ފާފަވެރި ފާސިދު މާޙައުލުންވެސް އެމާތް ސާހިބާގެ ވުޖޫދު ފެނިފައިވަނީ އެ އަނދިރި މާޙައުލުގައި ވިދައި ބަބުޅަބަބުޅައިހުރި ސާދަވިލޭރޭގެ ހަނދެއް ފަދައިންނެވެ.
ރަޙްމަތުގެ ނަބިއްޔާ صـلّـى اللّـه عـلـيـه وسلّـم ގެ ޒުވާން ޢުމުރުފުޅުގެ ޙަޔާތްޕުޅު
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަކީ އެމާތް ސާހިބާގެ ޒުވާން ޢުމުރުފުޅަށް ފެށުނުއިރު ދުޅަހެޔޮފުޅުކަމާއި ހަށިކޮޅުގެ ބާރުފުޅު ނިހާޔަތަށް ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. ތުއްޕުޅުއިރުއްސުރެ އެކަލޭގެފާނު ދެކޭމީހުންނަށް "ان لــهـذا الــغــلام لـشــأنــا" އެވެ ބުނާންޖެހެއެވެ. ބޮޑުފުޅުވުމުން އެކަލޭގެފާނުގެ ޝަޚްޞިއްޔަތު ވަކީންބޮޑަށް ފާޅުވެގެން ހިނގައްޖެއެވެ. އެކަލޭގެފާނު ދެކޭމީހުން އެކަލޭގެފާނުދެކެ ޖެހިލުންވެއެވެ. މީހަކު އިރުކޮޅަކުވެސް އެކަލޭގެފާނުގެ އަރިހުގައި އުޅެލައިފިކަމުގައިވާނަމަ އެކަލޭގެފާނުދެކެ ލޯބިވާން ފަށައެވެ. އެމާތް ސާހިބާގެ މަޑުމައިތިރި ފޮނިބަސްފުޅުތަކުގެ ސަބަބުންނެވެ. ޝަޚްޞިއްޔަތުގެ އައުދާނަކަމުންނެވެ. ކެތްތެރިފުޅުކަމާއި، ތެދުވެރިކަމާއި، ކަންތައް ފުރިހަމަޔަށް ވިސްނިވަޑައިގެންނެވުމުގެ ސަބަބުންނެވެ. ރީތި ޚުލުޤުފުޅުތައް އޭގެ އެންމެމަތީ ދަރަޖައަށްވަނީ އެކަލޭގެފާނުގެ ގައިކޮޅުގައި އެކުލެވިފައެވެ. ޚުލާޞާކޮށް ދަންނަވާނަމަ އެކަލޭގެފާނަކީ ނަފްސިއްޔާތުގެ އިޞްޠިލާޙްގައި ހުރިހައި ގޮތަކުން ހަމަޖެހިފައިވާ ޝަޚްޞިއްޔަތެއް (Balanced Personality) ކަމުގައި ބުނެވޭ އިންސާނީ މަތިވެރި ސިފަތަކުގެ އެންމެ މަތިވެރި ނަމޫނާއެކެވެ.
داؤد بـــن حـصيــن ބަޔާންކުރައްވައިފައިވެއެވެ. ޢަރަބިކަރައިގެ މީހުންގެ މެދުގައި ޢާންމުގޮތެއްގައި ވާހަކަ ދެކެވޭތީ އަޑުއިވިފައިވާ ގޮތުގައި محــمّــــد بـــن عــبــد اللّــــه ބޮޑުފުޅުވެ ޒުވާން ޢުމުރުފުޅަށް އެޅުނުއިރު އެކަލޭގެފާނަކީ، އެކަލޭގެފާނުގެ ޤައުމުގެ އެންމެ އަޚްލާޤު ރީތި، އެންމެ ބޮޑަށް އަވަށްޓެރީންގެ ޙާލު ބައްލަވާ ފަރާތެވެ. އެންމެ ކެތްތެރިފުޅު، އެންމެ ކޯފާމަޑު، އެންމެ ތެދުވެރި، އެންމެ އަމާނާތްތެރި ސާހިބާއެވެ. އެމާތް ސާހިބާ ފުރާޢުމުރުފުޅަށް އަރައިވަޑައިގެންނެވީ، އަރައިރުމާއި ދެކޮޅުވެރިކަމާ އެންމެ ދުރުހެލި، ތާކުންތާކު ނުޖެހޭ ހަޑިހުތުރު ވާހަކަތައް އެންމެ ނުދައްކަވާ، މީހުންނަށް އެންމެ އެއްޗެހި ވިދާޅުނުވާ ބޭފުޅަކު ކަމުގައި ހިމެނިވަޑައިގަތުމުގެ ޝަރަފު ލިބިވަޑައިގެން ހުންނަވައެވެ. މިކަމަށްޓަކައި އެކަލޭގެފާނުގެ ޤައުމުގައި އެކަލޭގެފާނުގެ ނަންފުޅަކީ "އަލްއަމީނު" ކަމުގައި ވަނީ ކަނޑައެޅިފެވެ. (ޚަޞާއިޞް ކުބްރާ: ޖިލްދު: 1 ޞަފްޙާ: 91)
ފަންސަވީސް އަހަރުގެ ޢުމުރުފުޅުގައި އެކަލޭގެފާނު މީހަކާ ކާވެނި ބައްލަވައިގެންނެވި ދުވަހު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު أبــــوطــالــب އެކާވެނިފުޅުގެ ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
"ހަމަކަށަވަރުން އަހުރެންގެ އަޚް عــبـــداللّــــه ގެ ދަރިކަލުން محــمّــــد ގެފާނާ އެހެން ކޮންމެ ފިރިހެނަކާ އަޅައިބަލައިލި ކަމުގައިވިޔަސް އެކަލޭގެފާނު މާބޮޑަށްވެސް ރަނގަޅުފުޅުވާނެއެވެ. ބުއްދިވެރިކަމުގެ ގޮތުންނާއި ޝަރަފުވެރިކަމުގެ ގޮތުންނެވެ. ނަސަބުގެ މާތްކަމާއި ޤަދަރުވެރިކަމުގެ ގޮތުންވެސްމެއެވެ. މާތް ރަސްކަލާނގެ ގަންދީ ހުވާކުރަމެވެ. އެކަލޭގެފާނުގެ މުސްތަޤްބަލަކީ ވަރަށް ބާއްޖަވެރި މުސްތަޤްބަލެކެވެ. އެކަލޭގެފާނުގެ ދަރަޖަ ނުހަނު މަތިވެރިވާނެއެވެ."
أبــــوطــالــب ގެފާނުގެ ވާހަކަފުޅުގައި މިޢިބާރާތްތައް ބޭނުންކުރައްވައިފައިވަނީ ފަހުގެ ތާރީޚު އެބަސްފުޅުތަކުގެ ތެދުކަން ސާބިތުކޮށްދިން މާނައިގައެއް ނޫނެވެ. އެކަލޭގެފާނު މިވާހަކަފުޅު ދެއްކެވީ މުޅީންވެސް ދުންޔަވީ މާނައިގައެވެ. އެކަލޭގެފާނުގެ މަޠުލަބަކީ محــمّــــد بـــن عــبــداللّــــه ގެ ކިބައިގައިވާފަދަ މަތިވެރި ޝަޚްޞިއްޔަތަކާއެކު ފިޠުރަތުން އުފައްދަވާ މީހުން ކޮންމެވެސް ގޮތަކުން ޤައުމުގެ ތެރެއިން އެންމެ ޢިއްޒަތްތެރި މަޤާމު ހޯދައިގަންނަ ވާހަކައެވެ. ދުނިޔޭގެ ބާޒާރުގައި އެބައިމީހުންގެ ޝަޚްޞިއްޔަތަށް ބޮޑެތި އަގުތައް ލިބޭ ވާހަކައެވެ. أبــــوطــالــب ގެފާނު ބަޔާންކުރެއްވީ އެފަދަ ޝަޚްޞިއްޔަތެއްގެ މަތިވެރި ޤާބިލިއްޔަތަކީ އެމީހެއްގެ ތަރައްޤީއާއި ކާމިޔާބުގެ ވަރުގަދަ ގަރަންޓީއެއްކަމެވެ. (ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ)
ޝައްކެއްނެތްގޮތުގައި އިސްލާމްދީނުގެ ނަބިއްޔާއަށް ދުނިޔަވީ ބާޒާރުން ބޭނުންފުޅު ކޮންމެކަމެއް ހޯއްދެވޭން އޮތެވެ. އެމާތް ސާހިބާއަށް އެކަލޭގެފާނުގެ ޤާބިލިއްޔަތުން ވަރަށް ބޮޑެތި ދުންޔަވީ އަގުތައް ހޯއްދެވޭން އޮތެވެ. ނަމަވެސް އެމާތް ސާހިބާ އެންމެފުރަތަމަވެސް ސަމާލުކަންދެއްވީ އިންސާނިއްޔަތުގެ ލާބަޔަށެވެ. ދުރުމީ އަޅުއްވާން ފެއްޓެވީ އިންސާނުންގެ ދުނިޔެއާއި އާޚިރަތު ބާއްޖަވެރިކޮށްދެއްވުމުގެ މަސައްކަތްޕުޅަށެވެ.
حَـرْبُ الــفِـجَــارُ ގައި ބައިވެރިވެވަޑައިގެންނެވުން
އިސްލާމީ ދައުރާ ހަމަޔަށްވެސް ޢަރަބިކަރަޔަކީ ނިމުމެއްނެތް ހަނގުރާމައިގެ ސިލްސިލާތަކެއް ހިނގަމުންއައި ތަނެކެވެ. ދެބައެއްގެ ދެމެދުގައި ހިނގާ ވަރަށް އާދައިގެ ކަމެއްވެސް ދެބަސްވުމަކަށް ނުވަތަ ތަޅައިފޮޅުމަކަށް ބަދަލުވެދެއެވެ. އެކަމެއްގެ ތެރޭގައި މީހަކު މަރުވެއްޖެކަމުގައިވާނަމަ އެމީހެއްގެ ބަދަލުނުހިފެނީހެއް މަރުވިމީހާގެ ޤަބީލާގެ މީހެއްގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ޢަރަބި ދެޤަބީލާއެއް ކަމުގައިވާ بــكـــــر ވަންހައާއި تـَـــعْـــلَــبُ ވަންހަޔާ ދެމެދު ބޭއްވި އަސްރޭހެއްގެ ތެރޭގައި އުފެދުނު ވާދަވެރިކަމާއި ދެބަސްވުމަކާ ގުޅިގެން ފެށުނު ހަނގުރާމައެއް ނުހުއްޓި ސާޅީސް އަހަރުވާންދެން ހިނގިއެވެ. (ރަޙްމަތެ ޢާލަމް، سـيّـــد ســلـيـمــان نــــدوى)
حَـــــــرْبُ الــفِـجَــارُ އަކީ މިބާވަތުން ހިނގި އެންމެ މަޝްހޫރު އަދި ބިރުވެރި ހަނގުރާމައިގެ ސިލްސިލާއެވެ. حَـــــــرْبُ الــفِـجَــارُ ހަނގުރާމަތަކުގެ ސިލްސިލާގައި ހަތަރު ހަނގުރާމައެއްވަނީ ހިނގައިފައެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އޭގެތެރެއިން ހަތަރުވަނަ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެމާތް ސާހިބާގެ ޢުމުރުފުޅުން ގާތްގަނޑަކަށް ފަނަރަ ސޯޅަވަރަކަށް އަހަރުފުޅުގައެވެ. މިއީވެސް އެމާތް ސާހިބާގެ މުސްތަޤްބަލުގެ މުހިންމަތަށް ތައްޔާރުކުރައްވާން ޤުދުރަތުން ރޭއްވެވި ރޭއްވެވުމެކެވެ. މިހަނގުރާމައިގައި އެއްފަރާތުގައި ތިބީ قـــــريـش ވަންހައާއި كِــنَـــانَـــــةُ ވަންހައިގެ މީހުންނެވެ. އަނެއްފަރާތުގައި قـيس عــيــلان ގެ ޤަބީލާތަކެވެ. (ހަވާޒިނު ވަންހައިގެ މީހުންނެވެ.) قـــــريـش ވަންހައިގެ ހުރިހައި ޚާންދާންތަކަކުންވެސް އެހަނގުރާމައިގައި ބައިވެރިވިއެވެ. އެބައެއްގެ އަމިއްލަ ފައުޖުތައް ބައިވެރިކުރިއެވެ. هـــاشــــم ވަންހައިގެ ދިދައިގެ ވެރިޔަކަށް ހުންނެވީ الـــزّبــيــــــر بـــن عــبـــدالمطّــلــب އެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވެސް އެމާތް ސާހިބާގެ ބޮޑުބޭބޭފުޅުންގެ އަރިހުގައި އެހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ވަރަށް ވަރުގަދަ މަޢުރިކާއެކެވެ. ހަނގުރާމަ ފެށިގެން ކުރީކޮޅުގައި ގަދަވާކަމުގައި ފެނުނީ قـيس عــيــلان ވަންހައިގެ (ހަވާޒިނު ވަންހަ) ޤަބީލާތަކެވެ. ނަމަވެސް އެދުވަހުގެ މެންދުރުން އަނބުރައިލުމާއެކު قـــــريـش ން ގަދަވެއްޖެއެވެ. ހަނގުރާމަ ނިމުނީ ދެފަރާތް ޞުލްޙަވެގެންނެވެ. މިހަނގުރާމައިގައި قـــــريـش ވަންހައިގެ ރައީސަކީ އަދި ސިފައިންގެ އެންމެ އިސްކޮމާންޑަރަކީ حـــــــرب بـــن أمـــيّــــة އެވެ. އޭނާއަކީ أبـــوسفـيــــان ގެ ބައްޕައެވެ. أمــيــــــر مــعــــاويـــــة ގެ ކާފާފުޅެވެ.
ކުރީންވެސް ދެންނެވި ފަދައިން މިހަނގުރާމައިގައި ޙައްޤުގައިތިބީ قـــــريـش ންނެވެ. މިހަނގުރާމަޔަކީ މުޅި قـــــريـش ވަންހައިގެ ޢިއްޒަތާއި ޝަރަފުގެ މައްސަލައެކެވެ. އެހެންކަމުން ކުރީންވެސް ދެންނެވި ފަދައިން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވެސް ޢާއިލާއާއެކު ބައިވެރިވެވަޑައިގެންނެވީއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم މިހަނގުރާމައިގައި ޢަރަބީންގެ މަޝްހޫރު ލޮންސިހެއްވެއް ކަމުގައިވާ أبــــوالــبـــــراء ދެރަކުރެއްވިކަމަށާއި، ދުނި އުއްކަވައިވެސް ހެއްދެވިކަމުގައި ބައެއް ރިވާޔަތްތައް ހުރެއެވެ. (ޕޭޣަމްބަރެ ޢައުޒަމް ވަ އާޚިރު: ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر) ނަމަވެސް إبــــن هـشــام ލިޔުއްވައިފައިވާ ގޮތުގައި ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم މި ހަނގުރާމައިގައި އެއްވެސް މީހަކާ ދިމާޔަށް އަތްޕުޅު އުފުއްލަވައެއް ނުލައްވައެވެ. إمــام سهـيـــلــــى ސާފުކޮށް ޞަރީޙު ކުރައްވައިފައިވާ ގޮތުގައި ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޢަމަލީގޮތުން ހަނގުރާމައެއް ނުކުރައްވައެވެ. އިތުރު ސާހިބާ އޭރު ހުންނެވީ ހަނގުރާމަކުރައްވާ ޢުމުރުފުރަޔަށް އަރައިވަޑައިގެންފައެވެ. މިހަނގުރާމަތަކަށް حَـــــــرْبُ الــفِـجَــارُ އެވެ ކިޔުނީ ޙުރުމަތްތެރި މައްސަރުތަކުގައި މި ހަނގުރާމަ ކުރީތީއެވެ. (ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، سـيّـــد ســلـيـمــان نــــدوى)
حِـلْـفُ الـفُـضْـول ގައި ބައިވެރިވެވަޑައިގެންނެވުން
ޢަރަބީންގެ ތެރޭގައި ހިނގަމުންދިޔަ ހަނގުރާމައިގެ މެދުކެނޑުމެއްނެތް ސިލްސިލާތަކުގެ ސަބަބުން އެތަކެއް ޢާއިލާތަކެއްވަނީ ބަރުބާދުވެފައެވެ. ޤަތުލުކުރުމާއި ހިތްހަރުކަމާއި އަނިޔާވެރިކަންވަނީ ވާރުތަވަމުންދާ އަޚްލާޤީ ސިފަޔަކަށްވެފައެވެ. އެތަން ފެނުމުން ހެޔޮލަފާ ޠަބީޢަތުގެ މީހުންގެ ތެރޭގައިވަނީ އިޞްލާޙީ ޚިޔާލުތައް އުފެދޭންފަށައިފައެވެ. މިގޮތުން އުފެދުނު އެންމެ ޚާއްޞަ އެއް ތަޙްރީކަކީ ޙިލްފުލް ފުޟޫލި އަލުން ދިރުވުމެވެ. އެ މުޢާހަދާގެ ރޫޙަކީ ޢަޞަބިއްޔަތުގެ ސަބަބުން އުފެދޭ ޖާހިލީ ޙުމިއްޔަތު ނައްތައިލުމެވެ. ޞުލްޙަމަސަލަސްކަމާއި އަމަންޢާންމު ޤާއިމުކުރުމެވެ.
މި ތަޙްރީކުގެ ފެށުމަކަށްވީ ވިޔަފާރި މުދާތަކެއް ހިފައިގެން މައްކާއަށް އައި زبــيـــــد ގެ މީހަކާ ދިމާވި ހާދިސާއެކެވެ. އޭނާގެ މުދާތައް ގަތީ عــاص بــــن وائـــل السّــهــمــى އެވެ. عــاص އެމުދަލުގެ އަގުނުދީ ހިފަހައްޓައިފިއެވެ. زبــيـــــد ގެ މީހާ އޭނާގެ ޙަލީފު ޤަބީލާތައްކަމުގައިވާ عــبـــدالـــدّار ވަންހައާއި مخــــــزوم ވަންހައާއި، جُـمَــحُ ވަންހައާއި سَــهْـــــمُ ވަންހައާއި عــديّ ވަންހައިގެ އެހީއަށް އެދުނެވެ. އެކަމަކު އެއިން މީހަކު އަޅައިވެސް ނުލިއެވެ. އެހެނީ އެދުވަސްވަރު އެންމެންވެސް ތިބެނީ އަނެކަކު ކުރާ އަނިޔާ ނުދެކޭން ލޯމަރައިލައިގެންނެވެ. ތިމާ އަނިޔާއެއް ކުރާއިރު އަނެކުންވެސް އެކަމާ އުދުނަ ނުދިނުމަށްޓަކައެވެ.
زبــيـــــد ގެ މީހާ އޭނާގެ ޙާލު ބަޔާންކޮށް ޅެމެއް ހަދައިގެން އަބޫގުބައިސް ފަރުބަދަޔަށް އަރައިހުރެ ހަރުއަޑުން އެ ޅެންކިޔާން ފަށައިފިއެވެ. އެ ޅެމުގެ މާނައިގައިވެއެވެ.
"އޭ فـــهـــــر ގެ އާލުންނޭވެ! (قـــــريـش ވަންހައިގެ މީހުންނޭވެ) އަހަރެން މިހުރީ މިމައްކާގެ ތެރޭގައި ގޯތިގެދޮރެއްނެތިއެވެ. އަދި އަމިއްލަ ވަޒަނަށް ދަތުރުކުރެވޭނެގޮތެއްވެސް ނެތިފައެވެ. މުދާކޮޅު ގެއްލިފައެވެ. އަނިޔާ ލިބިފައެވެ. އަދި ޢުމްރާވުމަށް އިޙްރާމް ބަނދެގެން ހިރަފުސް ބުރުވަމުން އައިސްހުރެމެ އެ ޢުމްރާގެ ކަންތައް ފުރިހަމަކުރެވޭނެގޮތެއް ނެތިފައެވެ. އޭ حـــجـــــــر إسمـــــاعـــيــــل އާއި حـــجـــــــر الأســــــود އާ މެދުގައި މަޖްލިސްތައް ހަދައިގެންތިބި ބޮޑެތި ފިރިހެނުންނޭވެ! ތިޔައީ ޢަޖާއިބެއްފަދަ ބައެއްތާއެވެ. ބަލަގަ ޙުރުމަތްތެރިކަން ހުންނާނީ އެމީހެއްގެ ކިބައިގައި ރިވެތިހެޔޮ ޚުލުޤުތައް ފުރިހަމަވެގެންނެވެ. މަކަރުވެރި ނުލަފާ މީހުންނަކީ އެބަޔެއްގެ ފޭރާން ކިތަންމެ ރިވެތިކަމުގައިވިޔަސް އެއްވެސް ޙުރުމަތެއް ހުންނާނެބަޔެއް ނޫނެވެ."
زبــيـــــد ގެ މީހާ މިޅެންކިޔާން ފެށުމާއެކު الـــزّبــيــــــر بـــن عــبـــدالمطّــلــب ތެދުވެވަޑައިގެން ގެޔަށް ވަޑައިގެންފިއެވެ. އެކަލޭގެފާނު ހަމައެވަގުތުން ފެށިގެން މަސައްކަތްޕުޅު ފެއްޓެވީ މައްކާގައި ކުރެވޭ އަނިޔާއާއި ބޭއިންސާފާ ދެކޮޅަށް މަސައްކަތްކުރާނެ ޖަމާޢަތެއް އެއްކުރެއްވޭތޯއެވެ. އެކަލޭގެފާނުގެ ބުރަ މަސައްކަތްޕުޅުން ފަސްވަންހަޔަކުން އެކަލޭގެފާނާ ބައިވެރިވިއެވެ. އެވަންހަތަކަކީ:
1. بـــنـــو هـــاشــــم بـــن عــبـــد مـــنـــــاف
2. بـــنـــو زهـــــــــرة بـــن كــلاب
3. بـــنـــو مـطّــلــب بـــن عــبـــد مـــنـــــاف
4. بـــنـــو أســــدبــــن عــبــدالـــعـُــــزَّاى
5. بـــنـــو تـــيــــم بــــن مـــــــرّة
މިވަންހަތަކެވެ. އެބައިމީހުން ބައްދަލުކުރީ عــبــد اللّــــه جـــدعــــان الــتّــيــمــــى ގެ ގޭގައެވެ. އޭނާއަކީ މައްކާގައިހުރި ޤަދަރުވެރި މުސްކުޅިޔާއެވެ. މުއްސަންޖެކެވެ. الـــزّبــيــــــر بـــن عــبـــدالمطّــلــب ގެ ބައިވެރީންނަށް އޭނާ ގޮވައިލުމެއް ދެއްވިއެވެ.އެބައިމީހުން މަޝްވަރާކޮށް އެއްބަސްވެ ޢަހްދުކޮށްފައިވަނީ:
– އަހަރެމެން މައްކާގައި އަމަންއަމާންކަން ޤާއިމު ކުރާނޫއެވެ.
– އަހަރެމެން ދަތުރުވެރީން ޙިމާޔަތްކޮށް ރައްކައުތެރި ކުރާނޫއެވެ.
– އަހަރެމެން ނިކަމެތީންނަށް އެހީވާނޫއެވެ.
– އަހަރެމެން މައްކާގައި ނިކަމެތީންނަށް އަނިޔާ ލިބުނަކަ ނުދޭނޫއެވެ.
– އަހަރެމެން މި ޢަހްދުގައި ސާބިތުވެ ތިބޭނީ ކަނޑުގެ ފެންގަނޑުން ކެހެރިޔެއް ތެމޭވަރުވާހައި ހިނދަކުއެވެ. ޙިރާ ފަރުބަދައާއި ޝަބީރު ފަރުބަދަ މައްކާގައި ދެމިހުރިހައި ހިނދަކުއެވެ. މާނައަކީ އަބަދުގެ އަބަދަށެވެ.
(ނުނިމޭ)

