ވޮޝިންގޓަންގައި ހުންނަވާ ބޮޑުވެރިޔާ އަހަރެމެންގެ ބިން ގަންނަން ބޭނުން ވާހަކަ އަންގަވައިފިއެވެ.
ހެޔޮ އެދުމާއި ރަޙުމަތްތެރިކަމުގެ ބަސްތައް ވެރިޔާ ލިޔުއްވާފައިވެއެވެ. މިއީ އޭނާގެ ހިތް ހެޔޮކަމެވެ. އަހަރެމެންގެ ރަޙުމަތްތެރިކަމާއި،ގާތް ކަމަކީ އޭނާއަށް އެހާ ބޭނުންތެރިކަމެއް ނޫންކަން އަހަރެމެން ދަންނަމެވެ.
އެހެންނަމަވެސް މި ހުށަހެޅުމާމެދު އަހަރެމެން ވިސްނާނަމެވެ. އަހަރެމެން ބިން ވިއްކަން އެއްބަސް ނުވިއްޔާ ދޮންމީހުން އައިސް ބަޑީގެ ބޭނުންކޮށްގެން ފޭރިގަންނާނޭކަން އަހަރެމެންނަށް އެނގެއެވެ.
މި ފަޒާއާއި، ބިމުގެ ހޫނުކަން ގަނެ، ވިއްކޭނީ ކިހިނަކުންހެއްޔެވެ؟ މިއީ އަހަރެމެންގެ ބުއްދި ޙައިރާންކޮށްލާ ފަދަ ޚިޔާލެކެވެ. ވައިގެ ތާޒާކަމާއި، ފެނުގެ ވިދުވަރު އަހަރެމެންގެ މިލްކަކަށް ނުވާއިރު އެމީހުން ގަންނާނީ ކިހިނަކުންހެއްޔެވެ؟
މި ބިމުގެ ކޮންމެ ތަންކޮޅަކީ އަހަރެންގެ ރައްޔިތުންނަށް މުޤައްދަސް ތަންކޮޅެކެވެ. ވެލިން ފުރިފައިވާ ގޮނޑުދޮށްތަކާއި، ގަސްގަހުގައި ވިދަވިދައި ހުންނަ ކަށިތަކާއި ގަސްތަކުގެ ތެރެއިން ފެންނަ ދުންފިންޏާއި ހާމަ ފަޒާއާއި ދޫނި ސޫފާސޫފީގެ ގޮވެއްޔަކީ އަހަރެންގެ ރައްޔިތުންގެ ހަނދާނާއި، ތަޖުރިބާތައް ފަދައިން މުޤައްދަސް ތަންތަނާއި ތަކެއްޗެވެ.
ގަސްގަހުގެ ގޮފިތަކުގެ އެތެރޭގައި ދަތުރުކުރާ ދިޔަވަރަކީ މިތާނގެ މީހުންގެ ހަނދާންތަކުގެ ކުލަވަރާއެކު ދަތުރުކުރާ އެއްޗެކެވެ.
ތަރިތަކުގެ ތެރޭގައި ދަތުރުކުރަން ފެށުމާއެކު ތިމާގެ އުފަން ބިމުގެ މަތިން ދޮންމީހުން ހަނދާން ނައްތައިފިއެވެ. އަހަރެމެންގެ ކާބަފައިން މި ރީތި ފަސްގަނޑު ހަނދާން ނައްތައެއްނުލައެވެ. އެހެނީ މިއީ އަހަރެމެންގެ މާދަރީ ބިމެވެ.
އަހަރެމެންނަކީ ބިމުގެ ބަޔެކެވެ. މި ބިމަކީ އަހަރެމެންގެ ބަޔެކެވެ. މީރު ވަސްދުވާ މާމެލާމެއްޔަކީ އަހަރެމެންގެ އުޚުތުންނެވެ. ފުއްލާއާއި އަހާއި ގާދޫންޏަކީ އަހަރެމެންގެ އަޚުންނެވެ. ފަރުބަދަތަކުގެ އުސްކުންނުތަކާއި، ވިނަގަނޑުގެ ތެތްކަމާއި ތުއްތު ޖަނަވާރުތަކުގެ ހަށިގަނޑުގެ ޙަރާރަތާއި އިންސާނުންނަކީ މުޅިން އެއްޢާއިލާއެކެވެ.
ވުމާއެކު ބޮޑުވެރިޔާ އަހަރެމެންގެ ބިމަށް އެދުނީމާ އެ އެދެވުނީ ހާދަހާވާ ބޮޑު އެއްޗަކަށެވެ.
ބޮޑުވެރިޔާ އަންގަވާ ގޮތުގައި އަހަރެމެން ހިތްހަމަޖެހުމާއެކު ދިރި އުޅޭނޭ ތަނެއް ލިބިދެވޭނެއެވެ. އޭނާ އަހަރެމެންގެ ބަފަޔަކަށް ވާނެއެވެ. އަހަރެމެންވާނީ އޭނާގެ ދަރިންނަށެވެ.
ވީމާ، މި ހުށަހެޅުމާމެދު އަހަރެމެން ވިސްނާނަމެވެ. އެހެންނަމަވެސް މިއީ ފަސޭހަކަމަކަށްނުވާނެއެވެ. މި ބިމަކީ އަހަރެމެންނަށް މުޤައްދަސް ތަނަކަށްވާތީއެވެ.
ފެންގަނޑުތަކާއި ކޯރުތަކުގައި ދަތުރުކުރަމުންދާ ސާފު، ވިދުވަރު ގަދަ ފެނަކީ ހަމައެކަނި ފެނެއްނޫނެވެ. އެއީ އަހަރެމެންގެ ކާބަފައިންގެ ލެޔެވެ. އަހަރެމެން މި ބިން ވިއްކިޔަސް މިއީ އަހަރެމެންނަށް މުޤައްދަސް ބިމެއްކަން ދޮންމީހުން ދަންނަންވާނެ އެވެ. އަދި އެމީހުންގެ ދަރީންނަށް ވެސް އެކަން އަންގައިދޭންވާނެ އެވެ. ސާފުފެންގަނޑަށް އެޅިފައިވާ ކޮންމެ ހިޔަންޏަކުން ކިޔައިދެނީ އަހަރެމެންގެ މީހުންގެ ހަނދާންތަކުގެ ވާހަކަކަން އަންގައިދޭންވާނެ އެވެ. ރާޅު ބާންޏާއެކު އުފެދޭ އަޑަކީ އަހަރެންގެ ބައްޕަގެބައްޕަގެ އަޑެވެ.
ކޯރުތަކަކީ އަހަރެމެންގެ އަޚުންނެވެ. އަހަރެމެންގެ ކަރުހިއްކުން ފިލުވައިދެނީ އެ ކޯރުތަކުންނެވެ. އަހަރެމެންގެ ބޮއްކުރާތައް އެއްތަނުން އަނެއް ތަނަށް ގެންގޮސްދެނީ ކޯރެވެ. އަހަރެމެންގެ ދަރިންނަށް ކާންދެނީ ކޯރެވެ. އަހަރެމެން މި ބިން ވިއްކީމާ، މި ކޯރުތަކަކީ އަހަރެމެންގެ އަޚުންކަން ދޮންމީހުން އެމީހުންގެ ދަރިންނަށް އަންގައިދޭންވާނެ އެވެ. އަދި އެއީ ދޮން މީހުންގެ ވެސް އަޚުންކަން އަންގައިދީ ކޯރުތަކާމެދު އަޚުންނާމެދު ކަންތައްކުރާހާ އޯގާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ކަންތައް ކުރަން ދަސްކޮށްދޭންވާނެއެވެ.
އިރުގެ ހޫނުކަން ފޯރުމާއެކު ފަރުބަދަތަކުގެ މަތީގައި ހުންނަ ތެތްކަން ފިލައިގެންދާ ފަދައިން ރެޑްއިންޑިޔަން ދަރިކޮޅުގެ މީހުން ކުރިއަރަމުން އަންނަ ދޮންމީހުންނަށް ބިރުން ފިލައެވެ. އެހެންނަމަވެސް އަހަރެމެންގެ މައިންބަފައިންގެ ކަށިތައް ދެކެ އަހަރެމެން ލޯބިވަމެވެ. އެ މީހުންގެ މަހާނަތަކަކީ އަހަރެމެންނަށް މާތް މުޤައްދަސް ތަންތަނެވެ. މި ފަރުބަދަތަކާއި، ގަސްތަކާއި، ބިމުގެ މިފަޅި އަހަރެމެންނަށް ވަނީ މާތް ތަންތަނާއި، ތަކެއްޗަށް ވެފައެވެ.
ދޮންމީހުންނަށް އަހަރެމެންގެ އާދަކާދަ ނޭނގޭކަން އަހަރެމެންދަންނަމެވެ. ބިމުގެ އެއްފަޅިއާއި އަނެއްފަޅީގެ ތަފާތު އެމީހުންނަކަށް ނޭނގެއެވެ. އެހެނީ އެމީހުންނަކީ ރޭގަނޑުގެ ފުރަމެންދަމު އަރައިގެން އަންނަ ބީރައްޓެހިންނެވެ. އަންނަ ގޮތަށް އައިސް ބިމުން އެމީހުން ބޭނުން ބައެއް ހިފައިގެން ދަނީއެވެ. މި ބިމަކީ އެމީހުންގެ އަޚެއްނޫނެވެ. އަދި ކިޔެއްހެއްޔެވެ؟ މިއީ އެ މީހުންގެ ހަތުރެކެވެ. މި ބައި އަތްދަށު ލެވުނީމާ އެހެން ދިމާއަކަށް ފިރުކެން ފަށަނީއެވެ.
ދޮންމީހާ އޭނާގެ ބައްޕަގެ މަހާނަ ފަސްދީ ހިނގައިދެއެވެ. އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އޭނާ ބިމުގެ ދަރިންގެ ކިބައިން މި ބިން ފޭރިގަނެ އެވެ. އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އޭނާގެ ބައްޕަގެ މަހާނަ އާއި، ދަރިންގެ ޙައްޤުތައް ވަނީ ހަނދާން ނައްތާލާފައެވެ.
އޭނާ، އޭނާގެ މަންމަކަމުގައިވާ މި ދުނިޔެއާއި، އެއްބަނޑު އެއްބަފާ އަޚެއްކަމަށް ވެފައިވާ މި ފަޒާއާމެދު ދެކެނީ ގެރިބަކަރީގެ އުސޫލުން ގަނެ، ކަތިލައި ހެދުން އެންމެ ރަނގަޅު އެއްޗެހި ކަމުގައެވެ.
އޭނާގެ ހައިހޫނުކަން ފިލާ އިރު ދުނިޔޭގެ ދިރުންނެތިގެން ގޮސް ހަނަފަސް ހިކި ސަހަރާއަކަށް ވެދާނެއެވެ.
އަހަންނަކަށް ނޭނގެއެވެ. އަހަރެމެންގެ ގޮތާއި، އެމީހުންގެ ގޮތާ މުޅިން ތަފާތެވެ. އެ މީހުންގެ ރަށްތައް ފެނުނީމާ އަހަރެމެންގެ ލޮލަށް އުނދަގޫވެއެވެ. އަހަރެމެން ތަރައްޤީ ނުވާތީ ނުވިސްނެނީކަމަށްވެސް ވެދާނެއެވެ.
ދޮން މީހުންގެ ރަށްތަކުގައި ހަމަހިމޭންކަމެއް ނެތެވެ. ފަތްތަކުގެ ގައިގޯޅިވުމުގެ އަޑާއި، ދޫނި ފިޔަޖަހައިލާ އަޑެއް ނީވެއެވެ. އަހަރެމެން ތަރައްޤީ ނުވާތީ ނުވިސްނެނީކަމަށް ވެދާނެއެވެ. އެމީހުންގެ ރަށްރަށުން އިވޭ އަޑުފަށްގަނޑުން އަހަރެމެންގެ ކަންފަތަށް އުނދަގޫވެއެވެ.
ގާދޫނީގެ އެކަނިވެރި ރުއިމުގެއަޑާއި، ބޮއްތަކުގެ ޒުވާބުގެ އަޑުނީވޭ ނަމަ އިންސާނާގެ ޙަޔާތް ހުސް އެއްޗަކަށް ފަހެ ނުވޭހެއްޔެވެ؟ އަހަންނަކީ ރަތް ބާގައިގެ (ރެޑްއިންޑިއަނުންގެ) މީހަކަށް ވާތީ ނުވިސްނެނީއެވެ.
ފެންގަނޑުގައި ބީހެމުން ދަތުރުކުރާ ވައިރޯޅިއާއި، އެވައިރޯޅީގެ ވަހާއި، ދުވާލު މެންދުރު ވެހޭ ވާރެއިން ސާފުވެފައިވާ ވައިރޯޅިއާއި، ފެހިކުލައިގެ ގަސްގަހުން އަރާ މީރުވަސް އަހަރެމެންނަށް މާ ރަނގަޅެވެ.
ވަޔަކީ އަހަރެމެންގެ ގާތުގައި އަގުހުރި، މާތް އެއްޗެކެވެ. ވަޔަކީ އެންމެން ވެސް ޙިއްޞާކުރާ އެއްޗެކެވެ. ޖަނަވާރާއި، ގަސްގަހާގެއްސާއި، އިންސާނުން ނޭވާލަނީ ހަމަ މި ވަޔަށެވެ. އެމީހުން ނޭވާލާން މިވައިގެ ބޭނުންކުރާކަން ދޮންމީހުންނެއް ނުދަނެއެވެ. މަރުބަލީގައި ގިނަ ދުވަހު އޮންނަންޖެހިފައިވާ މުސްކުޅިއެއްގެ ޙިއްސުތައް ފަދައިން އެމީހުންގެ ޙިއްސުތައް ވަނީ ބަލިކަށިވެފައެވެ.
އަހަރެމެން މި ބިން ވިއްކީމާ، މި ޖެހޭ ވަޔަކީ އަހެރެމެން ލޯބިވާ އެއްޗެއްކަން ދަންނަންވާނެއެވެ. އަހަރެމެންގެ ދިރުމަކީ ވައިގެ ދިރުންކަން ދަންނަންވާނެ އެވެ. އަހަރެމެންގެ ކާފައަށް އޭނާގެ ފުރަތަމަ ނޭވާ ހަދިޔާކުރި ވައި، ކާފަ އެންމެފަހު ދުވަހު ދޮޅި އުފުރާ ދޫކޮށްލި ނޭވާ ވެސް ބަލައިގަތްކަން ހަނދާނުން ފޮހެވިޔަދީގެން ނުވާނެ އެވެ. އަދި އަހަރެމެންގެ ދަރިންނަށް ދިރުން ދޭނީ ވެސް މި ވައިންކަން ދަންނަންވާނެއެވެ.
އަހަރެމެން މި ބިން ވިއްކީމާ އެ ވައި ރައްކާތެރިކޮށް ބަލަހައްޓަންވާނެއެވެ. މާމެލާމެލީގެ ވަހާއެކު އަންނަ ވައިރޯޅީގެ ރާޙަތު ލިބިގަނެވޭ ފަދަ ގޮތަކަށެވެ.
މި ހުށަހެޅުމާމެދު އަހަރެމެން ވިސްނާނަމެވެ. އަހަރެމެން ބިން ވިއްކާނީ ޝަރުޠެއްގެ މަތިންނެވެ. ހުރިހާ ޖަނަވާރުތަކަކީ ތިމަންމެންގެ އަޚުންކަމަށް ދޮންމީހުން ހިތުގެ އަޑިންޤަބޫލުކުރަންވާނެއެވެ. އަދި އަޚުން ފަދައިން ހެޔޮކޮށް ހިތަންވާނެއެވެ.
އަހަންނަކީ ތަހުޒީބު ނުވާ މީހަކީމެވެ. މި ނޫން އެހެން ގޮތެއް އަހަންނަކަށް ނޭނގެއެވެ. ދަތުރުކުރަމުންދާ ރޭލުތަކުގައި ތިބެގެން ދޮން މީހުން ބަޑިޖަހާ މަރާފައިވާ އެތައް ހާސްކަން ބަޅިއެއް އަހަރެންދެކެމެވެ. އަހަންނަކީ ތަހުޒީބު ނުވާ މީހަކީމެވެ. ދިރިއުޅުން ބާއްޖަވެރިކުރަން މަރަމުންދާ ޖަނަވާރުތަކަށްވުރެ ދުންއަރުވަމުން ދަތުރުކުރާ ދަނގަޑު އަސް (ރޭލު) މުހިއްމު ވަނީ ކިހިނަކުންކަމެއް އަހަންނަކަށް ނުވިސްނެއެވެ.
ޖަނަވާރާނުލައި އިންސާނުންގެ އޮތީ ކޮން ހައިސިއްޔަތެއް ހެއްޔެވެ؟ ހުރިހާ ޖަނަވާރެއް މަރުވެ ހުސްވީމާ ރޫޙު އެކަނިވެރި ވެގެންގޮސް އިންސާނާ މަރުވެދާނެއެވެ. ޖަނަވާރުތަކަށް ވާ ގޮތް ވަރަށް އަވަހަށް އިންސާނުންނަށް ވެދާނެ އެވެ. ހުރިހާ އެއްޗެއް ވަނީ ގުޅި، ލާމެހިފައެވެ.
އެ މީހުންގެ ފައިތިލަތައް ދަށުގައި މިވާ ބިމަކީ އަހަރެމެންގެ ކާބަފައިންގެ ކަށިތައް ކަން ދޮންމީހުން އެމީހުންގެ ދަރިންނަށް އަންގައިދޭންވާނެއެވެ. އެ ކުދިން މި ބިމަށް ޤަދަރުކުރާނީ އޭރުންނެވެ. މި ބިން މުއްސަނދިވެފައިވަނީ އަހަރެމެންގެ ކާބަފައިންގެ ފުރާނައިން ކަންއަންގައިދޭންވާނެއެވެ.
އަހަރެމެން، އަހަރެމެންގެ ދަރިންނަށް އުނގަންނައިދިން ކަންތައްތައް އެމީހުން، އެމީހުންގެ ދަރިންނަށް އުނގަންނައިދޭންވާނެއެވެ. މި ބިމަކީ އަހަރެމެންގެ މަންމަ އެވެ. ބިމަށް މެދުވެރިވާ ކޮންމެ ޙާލަތެއް އެ ބިމުގެ ދަރިންނަށް މެދުވެރިވާނެ އެވެ. ބިންމައްޗަށް ކުޅުޖަހާ މީހުން އެ ކުޅުޖަހަނީ އެމީހުންގެ އަމިއްލަ މޫނަށެވެ.
މި ކަން އަހަރެމެންނަށް އެނގެއެވެ. ބިމަކީ އިންސާނުންގެ މިލްކެއް ނޫނެވެ. އިންސާނުންނަކީ ބިމުގެ މިލްކެކެވެ. މިއީ އަހަރެމެން ދަންނަކަމެކެވެ. އެއް ޢާއިލާއެއް ލޭގެ ޒަރީޢާއިން ގުޅިފައިވާ ފަދައިން ހުރިހާ އެއްޗެއްވަނީ ގުޅިފައެވެ.
ބިމަށް މެދުވެރިވާ ކޮންމެ ޙާލަތެއް އެ ބިމުގެ ދަރިންނަށް މެދުވެރިވާނެ އެވެ. ޙަޔާތުގެ ވާތައް ފުރަނީ އިންސާނާއެއް ނޫނެވެ. އިންސާނާއަކީ އޭގެ ވާ ފަށެކެވެ. މި ވާފަށަށްވާ ކޮންމެ ގޮތެއް އިންސާނާއަށް ވާނެއެވެ.
އަހަރެމެން އުޅޭނޭ ތަނެއް ދޭނޭ ވާހަކަ އެމީހުން އޮތީ ބުނެފައެވެ. އަހަރެމެން އެކަމާ މެދު ވިސްނާނަމެވެ. އަހަރެމެން ޞުލްޙަވެރިކަމާއެކު ވަކިން އުޅޭނަމެވެ. ދިރިއުޅުމުގައި ބާކީ އޮތް ދުވަސްކޮޅު ހޭދަކުރަނީ ކޮން ތަނެއްގައިތޯ ބެލުމަކީ އެހައި މުހިއްމުކަމެއް ނޫނެވެ. މައިންބަފައިން ބަލިވެ، އިނދަޖެހުނު ތަން އަހަރެމެންގެ ދަރިންނަށްވަނީ ފެނިފައެވެ. އަހަރެމެންގެ ހަނގުރާމަ ވެރިން ތިބީ ލަދުން އިސްޖެހިފައެވެ. ނާކާމިޔާބީއާ ކުރިމަތިވުމުން ފޮނިކާ ތަކެއްޗާއި، ބާރުގަދަ، ވިހަބުއިމުން ހަށިގަނޑު ނަޖިސްކުރަމުން ދަނީއެވެ.
އަހަރެމެންގެ ދިރިއުޅުމުގައި ބާކީ އޮތް ދުވަސްކޮޅު ހޭދަކުރަނީ ކޮންތަނެއްގައިތޯ ބެލުމަކީ އެހައި މުހިއްމުކަމެއް ނޫނެވެ. އެއީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ދެ ތިން ހަތަރު ފިނި މޫސުމެކެވެ. މި ބިމުގައި ދިރިއުޅުނު ބާރުގަދަ ޤަބީލާތަކުގެ ދަރިންނެއް ދެނެއް ނުފެންނާނެއެވެ. އެއް ދުވަސްވަރެއްގައި އާރާއި، ބާރާއި، ވަރުގަދަ އުއްމީދަކާއެކު ދިރިއުޅުނު ކާބަފައިންގެ މަހާނަތައް ކައިރީގައި ހިތި ހިތާމައިން މޮޅި ވެފައިތިބޭ މަދުމީސްކޮޅަކަށް އެ ޤަބީލާތައް ވެދާނެއެވެ.
އަހަރެމެންގެ މީހުން ފަނާވެދާން ފެށީމާ ހިތާމަކުރަން ވީ ކީއްކުރަންހެއްޔެވެ؟ ޤަބީލާތައް އުފެދެނީ އިންސާނުން އެކުވެގެންނެވެ. އިންސާނުންނަކީ ކަނޑުގެ ރާޅުތައް ފަދައިން އައިސް، ގޮސްވާ ބަޔެކެވެ.
ދޮން މީހުން ވެސް އެނބުރި ދާން އޮތް މަންޒިލަކީ އެއް މަންޒިލެކެވެ. އަހަރެމެން ދެބައި މީހުންނަކީ އަޚުންކަމަށް ވެސް ވެދާނެއެވެ. އަހަރެމެން ބަލާނަމެވެ.
ކޮންމެވެސް ދުވަހަކުން ދޮން މީހުންނަށް ވެސް އެނގޭނޭ ކަމެއް މިހާރު އަހަރެމެންނަށް އެނގެއެވެ. އެއީ އަހަރެމެން އެންމެންގެ ކަލާނގެއަކީ އެއް ކަލާނގެއެއްކަމެވެ. އަހަރެމެންގެ މި ބިމަކީ އެ މީހުންގެ މިލްކެކޭ ހީވާފަދައިން ކަލާނގެއަކީ ވެސް އެ މީހުންގެ މިލްކެއްކަމަށް ދޮންމީހުންނަށް ހީވެފައި އޮވެދާނެ އެވެ. އެހެންނަމަވެސް އެއީ އެއް ގޮތަކަށް ވެސް އެކަށީގެންވާ ކަމެއް ނޫނެވެ.
އެއީ ހުރިހާ އިންސާނުންގެ ކަލާނގެއެވެ. ރަތް މީހުންނާއި، ދޮންމީހުން އެކަލާނގެއަށް ހަމަހަމައެވެ.
މި ބިމަކީ އެ ކަލާނގެ މާތްކުރެއްވި ތަނެކެވެ. ބިމަށް އަނިޔާކޮށް ގެއްލުންދިނުމަކީ ކަލާނގެ ކޯފާއަށް ހުރަހޮޅިގަތުމެވެ. ދޮން މީހުން ވެސް ފަނާވެދާނެ އެވެ. އެހެން ޤަބީލާތަކަށް ވުރެ އަވަހަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ތިމާއަށް ލިބިފައިވާ އަގުބޮޑު އެނދު(ބިން) ހަލާކުކުރަމުންދާށެވެ. އަމިއްލައަށް ޖެހި ކުނިފުނީގެ ތެރޭގައި ހަލާކުވެދާންޖެހޭ ދުވަސް ދުރެއްނޫނެވެ.
ފަނާވެ ނިމިގެންދާއިރު ކަލާނގެކުޅަދުންވަންތަކަންފެންނާނެއެވެ.
ދޮންމީހުން އުފައްދަވައި، ކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ޙިކުމަތް އެނގިގެންނުވާ ސަބަބަކަށްޓަކައި މިބިމުގެމައްޗަށާއި، ރަތްބާގައިގެ މައްޗަށް އެމީހުންގެ ބާރުގަދަކުރެއްވިއެވެ.
މި ހުރިހާ ކަމެއްގެ ނިމުން އަހަރެމެންނަށް ވަނީ އަރަތަކަށްވެފައެވެ. ހުރިހާ ކަންބަޅިތައް މަރާ ހުސްކުރެވޭއިރު ވެސް އަހަރެމެންނަކަށް ނުވިސްނެއެވެ. ބޯޖަންގަލިތައް ހުސްވެ، އެ ތަންތާނގައި އިންސާނުން ވަޒަންވެރިވެ، ފުރި ތޮއްޖެހޭ އިރުވެސް އަހަރެމެންނަކަށްނޭނގެއެވެ. ތާޒާ، ރޯ ފަރުބަދަތައް ކޮށައި، ވާހަކަ ދައްކާ ނަރުތައް (ފޯނުނަރު) ދަމަނީ ކީއްކުރަންކަމެއް އަހަރެމެންނަކަށް ނޭނގެއެވެ.
ޖަންގަލީގައި ފުނިޖެހިފައި ހުރި ގަސްތައް ކޮބައިހެއްޔެވެ؟ ހުސްވެއްޖެ އެވެ. ގާދޫނި ކޮބައިހެއްޔެވެ؟ ހުސްވެއްޖެ އެވެ. ގެރިބަކަރިއަށް އަލްވަދާޢުކިޔުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މިއީ ޙަޔާތުގެ ނިމުމާއި، ހަލާކުން ސަލާމަތްވާންކުރާ މަސައްކަތުގެ ފެށުމެވެ.
ރަތްބާގައިގެ އެންމެ ފަހު މީހާ މަރުވުމުން ވެސް އަހަރެމެންގެ ހަނދާނާއި، ރޫޙު މި ތާނގައި ދެމިހުންނާނެ އެވެ. އަލަށް އުފަންވާ ތުއްތު ކުއްޖާފުޅު މަންމަގެ ހިތުގެ ހިނގުން ދެކެ ލޯބިވާފަދައިން އަހަރެމެން މި ބިން ދެކެ ލޯބިވީމެވެ.
އަހަރެމެން މި ބިން ވިއްކީމާ އަހަރެމެން ލޯބިވީފަދައިން މިބިން ދެކެ ލޯބިވާންވާނެ އެވެ! އަހަރެމެން ބެލެހެއްޓިފަދައިން މި ބިން ބަލަހައްޓަންވާނެއެވެ! ބިން ލިބިގަންނަ އިރު ބިމުގެ ހަނދާންތައް ސިކުނޑީގައި ބިންވަޅުނަގާށެވެ! ލިބިފައި އޮތް ހުރިހައި އާރަކާއި، ބާރެއްގެ ބޭނުންކޮށްގެން ވިސްނުންތެރިކަމާއި، އިޚްލާޞްތެރިކަމާއެކު އަންނަން އޮތް ޖީލަށް ޓަކައި މި ބިން ރައްކާތެރިކަމާއެކު ބަލަހައްޓާށެވެ! މި ބިން ދެކެ ލޯބިވާށެވެ! ކަލާނގެ އަހަރެމެން އެންމެން ދެކެ ލޯބިވެވޮޑިގެންވާ ފަދައިންނެވެ.
އަހަރެމެންނަށް ކަށަވަރުވާ އެއް ކަމެއް އެބަ އޮތެވެ. އަހަރެމެންގެ ކަލާނގެއަކީ އެންމެންގެ ކަލާނގެއެވެ. މި ބިމަކީ އެކަލާނގެ މާތްކުރެއްވި ތަނެކެވެ. ދޮން މީހުން ވެސް އެނބުރި ދާން އޮތް މަންޒިލަކީ އެއް މަންޒިލެކެވެ. އަހަރެމެން އެންމެންނަކީ އަޚުންކަމަށް ވެސް ވެދާނެ އެވެ. އަހަރެމެން ބަލާނަމެވެ.

އާހް…. މި ލިޔުމުގެ ސުރުޚީ ފެނިފައި ވެސް ހާދަހައި މުހިންމު ހަނދާން ތަކެއް އައު ވެއްޖެއެވެ. އަޚް ޢަބްދުﷲނަޢީމާ ބައްދަލުވެ ރަހުމަތްތެރި ވާހިތްވީ މިލިޔުން ކިޔައިފައެވެ. ތަރުޖަމާގެ ފަށުއިކަމުންނެވެ. ތަރުޖަމާއަކީ އެ ލިޔުމާއި މުތަރުޖިމާ ބަނދެވޭ ބަނދެވުމެއް ނަމަވެސް، ނަޢީމާ ބައްދަލުވުމުގެ ކުރިންވެސް، މިފަދަ ލިޔުމެއް ތަރުޖަމާކުރާނީ ކޮންކަހަލަ ބޭކަލެއްކަން އަޅުގަނޑަށް އިޙްސާސްވިއެވެ.