ތިން ލޯބިވެރިން

ލިޔުއްވީ: ހަލް ބޯލަންޑް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ


Hal Borland އަކީ ވަރަށް ގިނަ ވާހަކަފޮތް ވެސް ލިޔުއްވި މަޝްހޫރު ނޫސްވެރިއެކެވެ. ތިރީސް އަހަރަށްވުރެ ގިނަ ދުވަހު ނޫސްވެރިއެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ. އަވަހާރަވީ 1978 ގައެވެ.


"އެ ތިން ޒުވާނުންގެ ތެރެއިން އަންހެން ކުއްޖާއަށް ވަރޖީނިއާ ކިޔަމާހެއްޔެވެ؟   އަދި ފިރިހެން ދެ ޒުވާނުންނަށް ކިޔާނީ ޓޮމް އާއި ބެރީއެވެ. މި ތިން ޒުވާނުންނަކީ އެ ބަޔެއްގެ ޚަބަރުދަބަރު އަހަރުމެން ވާހަކަ ފޮތްފޮތުން ކިޔާކަހަލަ ވަރަށް 'ކުލަގަދަ' ބަޔެކެވެ.  އެ ތިން ޒުވާނުންނާއި މިލިޔުންތެރިޔާ، އަހަރުމެން ހަތަރު މީހުން ޔުނިވަރސިޓީގައި ކިޔަވަން އުޅުނީ އެކީގައެވެ.

ޔުނިވަރސިޓީގެ 3 ވަނަ އަހަރާއި ހަމައަށް  ވާރޖީނިއާ އާއި އެކު ހަފުތާ ބަންދުގައި ބޭރަށް ގޮސް އުޅުނީ އަހަންނެވެ! ފަހު އަހަރު އެ ފުރުސަތު ހަނިވެ އޭނާ ބޭރަށްގޮސް އުޅުނީ ބައެއް ފަހަރު ބެރީ އާއި، އަނެއްބައި ފަހަރު ޓޮމް އާއި އެކީގައެވެ!

އަހަރުމެން އުޅުނު ބޯޑިންގުގައި ބެރީ އާއި ޓޮމް އުޅުނީވެސް ހަމަ އެއްކޮޓަރީގައެވެ. ޓޮމް އަކީ ހަށިގަނޑު ބިޔަ، ވަރަށް މަޑުމައިތިރި މިޒާޖެއްގެ ޒުވާނެކެވެ. ވަރަށް ކިޔަވާހިތުން ކިޔެވި، އުޅުންހުރި ހަރުދަނާ ދަރިވަރެކެވެ. ބެރީގެ އަމިއްލަ ސިފަކުރުމުންނަމަ، އޭނާއަކީ (އެމެރިކާމީހުންކުޅޭ) ފުޓުބޯޅައަށް 'މަރުދޭމީހެކެވެ' ! ޔުނިވަރސިޓީ ފުޓްބޯޅަ ޓީމު ކެޕްޓަނެވެ. އަދި ރަށުތެރެއަށް ދެވޭ ދުވަސްދުވަހު ތާސްކުޅެ މަޖާކުރާނެއެވެ! ކިޔެވި ދުވަސްވަރުވެސް ފޭރާން ދޮވުމުގެ ކުޑަވިޔަފާރިއެއްކޮށް ކޮލެޖުފީ ދައްކައި އަމިއްލަ ދިރިއުޅުން ފުއްދަނީ ކުރާ މަސައްކަތުން ލިބޭ ފައިދާއިންނެވެ.

ވާރޖީނިއާއަކީ ބޮލު އިސްތަށިގަނޑު ކަޅު، ބަލައިލަން ވަރަށް ރީތި، މަޖާ ކުރާހިތްވާ ކުއްޖެކެވެ. އޯކިޑު މަލެއްހައި ފަރި އަންހެން ކުއްޖެކެވެ. ވަރަށް ހަރުދަނާ ވިސްނުމެއްގެ ވެރި، ކަންކަމުގައި ބުއްދި އިސްކުރާ ޒާތުގެ ކުއްޖެކެވެ. ވާރޖީނިއާ ލޯބީގެ ގޮތުން ބޮޑަށް ހިތްހަމަޖެހެނީ އޭނާގެ ރަހުމަތްތެރި ބެރީއާތޯ، ނުވަތަ ޓޮމް އާތޯ، ބަލާބެލުމަށް ފާހަގަ ކުރުން ވަރަށް އުނދަގުލެވެ! ޔުނިވަރސިޓީގެ ހަރިންމަތެރެއިން މި ތިން އެކުވެރިން ފެންނާނީ ވަރަށް އެކުއެކީގައި އުޅޭ މަންޒަރެވެ.

ވާރޖީނިއާ ގޮވައިގެން ޓޮމް ގިނައިން ދާނީ ބެރީ ފުޓުބޯޅަ ކުޅޭ ދުވަސްދުވަހު އޭނާ ކުޅޭތަން ބަލާށެވެ. އެދުވަސްދުވަހު ބެރީ ޖަހާ ކޮންމެ ގޯލެއް ޖަހަނީ ވާރޖީނިއާ މެޗު ބަލަން ދާތީ އޭނާއަށް  ހަދިޔާ ކުރަން ކަހަލައެވެ! ޔުނިވަރސިޓީ ދަރިވަރުންދާ ޕާޓީތަކަށް ވާރޖީނިއާ ގިނައިން ދާނީ ބެރީ އާއެކީގައެވެ! ނަމަވެސް އެކިފަހަރުމަތިން އެ ދެ ރަހުމަތްތެރިންވެސް  ވާރޖީނިއާ އާއެކު ނަށައި މަޖާކޮށް އުޅެއެވެ!

މި އުޅުމަށް ބަދަލެއް އައީ އަހަރުމެންގެ (ހަތަރު އަހަރުގެތެރެއިން) ތިންވަނަ އަހަރުގެ ފަހު އިމްތިހާނު ވަރަށް ކައިރިވެފައި ވަނިކޮށެވެ. ރަބީއު މޫސުމުގެ އުފާވެރި ދުވަސްވަރެވެ. ފިނިމޫސުމަށް ތައްޔާރު ވުމުގެ ގޮތުން ގަސްގަހުން ފޭބި ފަތްތައް އަލުން ފަޅައި ގަސްތައް ފެހިވެ، ދޫނިތަށް ގޮވައި އުޅެއެވެ. ދަރިވަރުންގެ ޖޯޑުތައް ޒަމާންވީ ހަނގުރާމައެއްގައި އުޅެއެވެ. އެއީ ލޯބީދަމަހައްޓަން  ހޭދަކުރަންޖެހޭ ވަގުތާއި ކިޔެވުމަށް ސިކުނޑި ހުސްކުރަން ބޭނުންޖެހޭ ވަގުތުވެސް ހޯދުމުގައެވެ! ބެރީ އާއި ޓޮމް ވެސް ވާރޖީނިއާ ގާތުގައި އިންނަން އެހީ މި އުނދަގޫ ދުވަސްވަރެވެ!

ޖެހިގެން އައި ދުވަހު ހަވީރު، ކޮފީތައްޓެއް ބޮމުން ވާރޖީނިއާ އެވާހަކަ އަހަންނަށް ކިޔައިދިނެވެ! " އިއްޔެއާ ހަމައަށް އަހަރެން ވިސްނި ވިސްނުމަށް ޓޮމްގެ ކިބައިން ފެނުނީ ތޫނުފިލިކަމާއި، އިލްމުވެރިކަމާއި ހަރުދަނާ ކަމެވެ. އޭނާގެ ކުރިމަތީގައިވާ އުޖާލަ ކުރިމަގު އަހަރުމެން އެންމެންނަށް ފެންނަކަހަލަ، ދެގޮތެއް ނުވާނެ ޒުވާނެކެވެ! އަނެއްކޮޅުން ބެރީއަކީ، އެންމެ ކަންބޮޑުވާ ވަގުތު މުޅި ޓީމު ސަލާމަތް ކޮށްދޭ މީހާއެވެ! އިހަށް ދުވަހުވެސް ފުޓްބޯޅަ ކޯޗު، މުޅި ޓީމަށް އިވޭވަރަށް ބުނީ، "ބެރީ ދެން ކުރާނީ ކޮންކަމެއް ކަމެއް، ހަމަ އެއްވެސް މީހަކަށް ކުރިން ލަފާކުރާކަށް ނޭނގޭނެއެވެ! އެނގޭ އެއްޗަކީ އޭނާ ކުރާނީ އެންމެންނަށް ފައިދާ ހުރި، އެވަގުތަކަށް ކުރެވެން އޮތް އެންމެ މޮޅުކަމެވެ" ! އިޚްތިޔާރު ކުރަން މިޖެހެނީ އެއްވަނައިގެ ދެ ޒުވަނުންގެ ތެރެއިން އެކަކެވެ! އަހަންނަކީ ވެސް އަންހެން ކުއްޖެކެވެ. ބެރީއާއި އިނދެފިނަމަ، އަހަރުމެން ދެމީހުން ބަނޑަށް ވެސް ޖެހިދާނެއެވެ! އެންމެ އަގުބޮޑު ކެހެރިއާއި ހަމުން ހަދާފައި ހުންނަ ކޯޓުލައިގެން އުޅެވޭ ފަދަ ދިރިއުޅުމެއްވެސް ހަމަ ފެނުން އެކަށީގެންވެއެވެ! ހަމަ ކުޑަކޮންވެސް ފަހުން ވާނޭ ގޮތެއް ޚިޔާލުވެސް ކޮށްލާކަށް ނޭނގެއެވެ. އެނގޭ އެއްޗަކީ އޭނާއާއި އެކީގައި ދިރިއުޅޭ މީހަކު ފޫހިވާނޭ ވަގުތެއް ނާންނާނެ ކަމެވެ. އަޅެ ޓޮމް ހައި ހަރުދަނާ މީހަކަށްބެރީވި ނަމަތާއެވެ"!

އެދުވަހު ހަވީރު ބެރީއައިސް އަހަރުމެން ތިބި ސިޓިންރޫމަށް ވަން އިރު، އޭނާ ހުރީ، މެޗެއް ކުޅެގެން އެއްގޯލުން ދެރަވީމައި ހުންނަ ގޮތަށެވެ! ކުޑަކޮން ހިތްވަރު އެލިފައެވެ. ފަހަރަކު ތިން ހަރުފަތުންް ތިންހަރުފަތުން ގިރާކުރަމުން ސިޑިން އަރައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ! ހަމަ ކުޑައިރުކޮޅަކުން ޓޮމް އަތުވެއްޖެއެވެ. އޭނާ ހަމަ ފެނިފައި، ލޯބީގައި ކާމިޔާބުވީ ކާކަށްްކަން އަހަރުމެންނަށް އެނގިއްޖެއެވެ! މީނާވެސް ކޮޓަރިއަށް ވަންނަން ސިޑިން އަރަން ފަށައިފިއެވެ! " ބެރީ މަތީގައި ވެއްޖެޔޭ" އަހަރުމެން ގޮވީމެވެ! އަހަރުމެންގެ އިންޒާރަށް ކުޑަވެސް ސަމާލު ކަމެއް ނުދީ ޓޮމް އަރައިގެން ދިޔައެވެ. ކުޑަ އިރުކޮޅަކުން ބެރީ ސިޑިން ފޭބީ ކުޑަ ފޮއްޓެއް ހިފައިގެންނެވެ. އެއްލޯ ވަށައިގެން ދުޅަވެފައިހުރިކަން ފާހަގަވެއެވެ! މާ ފަހުން ޓޮމް ރޭގަނޑު ކާން ފޭބި އިރު އޭނާގެ ތުންފަތް ހުރީ ފެޅިފައެވެ. އެއިރުވެސް ދުޅަ މަޑެއްނުވެއެވެ!

އެރޭގެ ފަހުންބެރީއެއް ޔުނިވަރސިޓީއަކަށް ނާދެއެވެ! ފަހު އިމްތިހާނަށްވެސް، ފަހު އަހަރުގެ ކިޔެވުން ފުރިހަމަ ކުރަންވެސް ނާދެއެވެ! ޓޮމް އާއި ޖެނިފަރ ކިޔެވުން ނިންމައި ކާވެނިކޮށް، ވަރަށް އުފާވެރި ކައިވެނި ހަފްލާއެއް ބޭއްވިއެވެ. ޓޮމް ވަޒީފާ ހޯދީ ގެދޮރުއެޅުމުގެ ވިޔަފާރި ހިންގާ ކުންފުންޏަކުންނެވެ. ދެތިން އަހަރު ފަހުން މި ދެމަފިރިންނަށް ތުއްތު ފިރިހެން ކުއްޖެއް ލިބިއްޖެއެވެ. އަދި ތުއްތު ތޯމަސް ޖޫނިއަރ ( ބައްޕަގެ ނަން ދަރިފުޅަށް ކިޔައި ' ޖޫނިއަރ ' އިތުރުކުރުމަކީ އެމެރިކާގައި ދަރިންނަށް ނަންކިޔުމުގައި ވަރަށް އާންމު ކަމެކެވެ. ފަހުން ބައްޕަގެ ނަންކިޔާއިރު ' ސީނިއަރ' މިހެން ކިޔައި އުޅެއެވެ.) ތޯމަސް ޖޫނިއަރ އަށް ރީތިކޮށް ދުވެލެވެން ވީއިރު  މިއާއިލާއަށް މޭރީ އުފަންވުމުން ވަރަށް އުފާވެރި އާއިލާއަކަށް ވެއްޖެއެވެ. އިންޖިނޭރެއްގެ ހައިސިއްޔަތުން، ޓޮމަކީ އޭނާގެ މައްޗަށްތިބި ވެރިން އިތުބާރު ކުރާ، ކުޅަދާނަ މުވައްޒަފެއްކަން އެންމެން ގަބޫލު ކުރެއެވެ! މި ކުންފުނިން ތެޔޮހޮޅިތަކެއް ވަޅުލުމުގެ މަސައްކަތެއް ކުރަން ފެށުމުން، ޓޮމް އޭނާގެ އާއިލާ ގޮވައިގެން އެހެން ސްޓޭޓަކަށް ބަދަލުވާން ޖެހުނެވެ!

އެކީގައި ހަތަރު އަހަރު ހޭދަކޮށް، ވަރަށް ގާތް ރަހުމަތްތެރިންނަށް ވެފައިވާތީ، މިދެމަފިރިންނާއި އަހަންނާއި ވަރަށް ބަދަހި ގުޅުމެއް އޮވެއެވެ. ދެބެން އުފަންވި ދުވަހު އަހަންނަށް ކަބަރކުރިއެވެ. ހަމަ އެފަދައިން ދަރިންގެ އަހަރުމަތިފުށު ދުވަސް ދުވަހުވެސް އެކަން އަންގާލައި އުފާ ފާޅުކޮށް ހަދައެވެ. ނަމަވެސް ވާރޖީނިއާ އާއި އަހަރެން ބައްދަލުވީ އަހަރުމެން ދަސްވެނިވި ފަހުން ދިހަ އަހަރު ފަހުންނެވެ! ދަތުރުވަރިއެއްގައި އެމީހުން އުޅޭ ސަހަރަށް އާދެވުމުން ފޯނުކޮށްލުމުންނެވެ. އަހަރެން ގުޅައިލުމުން ވާރޖީނިއާ، ވަރަށް އުފާކޮށް މެންދުރު އެގެއިން ކެއުމަށް ދައުވަތު ދިނެވެ. އެއީ ތަންކޮޅެއް ދުރު ހިސާބެއްގައި ޓޮމަށް އުޅެން ޖެހިފައިވި ދުވަހެއްކަމުން އޭނާއަށް އާދެވޭގޮތެއް ނުވިއެވެ!

މި ދެމަފިރިން އުޅޭ ގެއަކީ އެހިސާބުގައި ހުރި އެންމެ ރީތި ގެއެވެ! ގޭގައި މަސައްކަތް ކުރާނެ ޚާދިމާއަކު އުޅެއެވެ. ވާރޖީނިއާ އަދިވެސް ހަމަ އެހާ ރީއްޗެވެ. މޫނުމަތީގެ ވިދުވަރު ކުޑަ ތަންކޮޅެއް ފަނޑު ކަމަށް އަހަންނަށް ފާހަގަ ކުރެވުނު ނަމަވެސް އަދިވެސް، އޭނާގެ އުމުރަށްވުރެ މާ ހަގުކަމަށް ދައްކައެވެ.

އަހަރުމެން ދެމީހުންމެ، ޒަމާންވީ ރަހުމަތްތެރިންގެ ހާލު އަހުވާލު އަހައި އޮޅުން ފިލުވީމެވެ. ގާތް ރަހުމަތްތެރިންގެ ވާހަކަ ދެކެވުނުއިރު، ބެރީގެ ވާހަކައެއް ނުދައްކަމެވެ! ވާރޖީނިއާގެ ދިރިއުޅުން ވަރަށް އުފާވެރިކަން އަހަންނަށް ދައްކަން ކުރި މަސައްކަތުން އަހަންނަށް ވިސްނުނީ ' މާ އުފާވެރިކަމަށް' ދައްކަން އުޅޭހެންނެވެ!   އަހަންނަށް ވިސްނުނީ ދިހަވަރަކަށް އަހަރު ކުރިން، ބެރީއާއި ޓޮމް ގެ ތެރެއިންބެރީދޫކޮށްލައި ވާރޖީނިއާ  ޓޮމާ ގުޅުނު އެންމެ ބޮޑު ސަބަބަކީ ޓޮމްގެ ހަރުދަނާ ކަމުގެ ސަބަބުން ފައިސާގެ ދަތިކަމެއް ނެތް އަމާން ދިރިއުޅުމެއް ޔަގީންވާތީ ކަމަށެވެ. ކާން އިނދެފައި ވަރަށް އާދައިގެ ގޮތެއްގައި، މާ އަޅާނުލާކަން ދައްކާ ކަހަލަ ގޮތަކަށް ވާރޖީނިއާ ސުވާލުކޮށްލިއެވެ. " ބެރީގެ ޚަބަރެއް މީންދުވަހަކު ލިބުނު ހެއްޔެވެ؟ އަހަންނަށް އޭނާ އުޅޭ ހިސާބެއްވެސް މިހާރަކު ނޭނގެއެވެ."

މީގެ އަހަރެއްހާ ދުވަސްކުރިން ބެރީ ފެނުނުވާހަކަ ވާރޖީނިއާ ގާތުގައި އަހަރެން ބުނީމެވެ. އަދި " އެ ދުވަހު ކޮލެޖު ދޫކޮށް އޭނާ ދިޔައީ މެކްސިކޯއަށެވެ. ޕެޓްރޯލު ނަގާ ބަޔަކާއި ގުޅިގެން އެމަސައްކަތުގައި ވަރަށް ގިނަދުވަހު އުޅުނެވެ. އެތަނުން ލިބުނު ފައިސާއިން އޭނާ އަމިއްލައަށް ތެޔޮވަޅު ހޯދައި ކޮނުމުގައި އުޅެ ބައެއްފަހަރު މުއްސަނދިވެ، އަނެއްބައިފަހަރު ލިބުނު ހުރިހާފައިސާއެއް ހޭދަވަނީ އިތުރު ތެޔޮވަޅެއް ހޯދުމުގައެވެ! އެންމެ ފަހުން އަހަރެން އޭނާއާއި ބައްދަލުވި އިރު އޭނާ އުޅުނީ އިމާރާތް ކުރާ ތަންތަނުގައި ބޭނުންކުރާކަހަލަ ސޭލައެއް ދުއްވައި ތަކެތި އުފުލުމުގައެވެ. އެއީ ކޮންކަހަލަ ޒިންމާދާރު މަސައްކަތެއްކަން ޓޮމަށް އެނގޭނެއެވެ. އެއީ ވަރަށް މުސާރަވެސް ބޮޑު މަސައްކަތެކެވެ".

ވާރޖީނިއާ ބުންޏެވެ! " ތިޔަހެންވިއްޔާ ތިޔަ މުސާރަވެސް ކޮންމެވެސް ގޮތަކަށް، ފޫނުބެދޭ ކަމެއްގައި ހުސްކޮށްލާނެއެވެ! އަޅެ، އޭނާ މީހަކާއި އިންބާއެވެ" ؟ ނޫނެކޭ އަހަރެން ބުނީމެވެ. އަހަރެން، ދެން ދަނީއޭ ކިޔާފައި ނިކުންނަންދެން ވާރޖީނިއާ ވަރަށް އުފަލުން އުޅޭކަން ދައްކަން އުޅުނެވެ. އެހެންނަމަވެސް އޭނާ ބޭނުންވިގޮތަށް ކަންތަކެއް ނުފޮރުވުނެވެ.

ތަންކޮޅެއް ފަހުން ޓޮމް ހަވާލުވި ވަރަށް ބިޔަ މަޝްރޫއެއްގައި އެމެރިކާގެ އެތައް މިތަނުން ހުނަރުވެރި މަސައްކަތްތެރިން ގެންނާން ޖެހުނެވެ. މިގޮތުން ގެނައި އެއް ' ގުރޫޕެއްގައި' ބެރީވެސް ހިމެނުނެވެ. އެއީ ސޭލާ ދުއްވާމީހެއްގެ ގޮތުގައެވެ. ބެރީގެ ކަސްރަތީ ހުނަރުގެ ސަބަބުންނާއި މަސައްކަތް ދަސްކުރުމާއި ތަޖުރިބާ ކުރަން ކެރުމުގެ ސަބަބުން މީނާއަކީ އިމާރާތް ކުރާ ތަންތަނުން ފެންނަ ވައްތަރުގެ ސޭލާ ދުއްވުމުގައި ވަރަށް ކުޅަދާނަ މީހެއްގެ ގޮތުގައި ވަރަށް ނަންކިޔާ މީހެކެވެ. ހަނި ދޭތެރެއިން އެއްޗެތި ގެންދިޔުމާއި ގެންދާއެއްޗެއް ކޮންޓުރޯލު ކުރާލެއް ހަމަ މޮޅީއެވެ. މިކަހަލަ މަޝްރޫއުތައް ހިނގަމުންދާއިރު ސޭލާ ދުއްވާ މީހުންނަކީ މަސައްކަތް ކުރާ އެހެންމީހުންނަށްވުރެ، ވެރިންގެ މާ އިހްތިރާމު ލިބޭ ބައެކެވެ. މިމީހުންގެ ހުނަރު ހުންނަ މީހުން މަދުކަމުން ސޭލާ ދުއްވާ މީހުންނަކީވެސް ޖެހިލުމެއްނެތި ސަރުދާރުންނާއި ވެރިންނާއި ސަމާސާކޮށް އެއްފެންވަރެއްގައި ވާހަކަ ދައްކައި އުޅޭބައެކެވެ. ބެރީގެ ސަމާސާ މިޒާޖުގެ ސަބަބުން ޓޮމް ފެނުމުން އެއްވެސް ރުޅިވެރިކަމެއް ނުބާއްވައެވެ. ސަމާސާކޮށް ވާހަކަދައްކައި އުޅޭއިރު ޒަމާންވީ ރަހުމަތްތެރިންގެ ކިބައިން ފެންނަ، ދިމާކުރުމާއި ލުއި ޖެއްސުންކުރުންވެސް ފެށިއްޖެއެވެ. ބައެއް ފަހަރު ބެރީގެ ސަމާސާ ވިހަވެ، އެއީބެރީނޫން އެހެން މީހަކު ކުރާ ސަމާސާއެއް ނަމަ އެމީހަކު ހަމަ ވަގުތުން ވަޒީފާއިން ކަނޑާލުން އެކަށީގެންވާ ހިސާބަށް ދެއެވެ! ނަމަވެސް ވާރިޖީނިއާ އައިިސް އުޅޭތީ ޓޮމަށް ބެރީ ކަންޑާލަން ނުކެރެނީ ކަހަލައެވެ!

މި ބިޔަ މަޝްރޫއު ހިންގާ ތަނަށް ހަމަ ކޮންމެ ދުވަހަކު ވާރިޖީނިއާ އައިސްއުޅޭތަން ބެރީއަށް ފެނެއެވެ. ނަމަވެސް ވާރޖީނިއާގެ ވާހަކަ ހަމަ އެންމެ ފަހަރަކުވެސް ނާހައެވެ! ވާރޖީނިއާ ހޯދައި ބައްދަލު ކުރާކަށްވެސް ނޫޅެއެވެ!

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ކަންކަމުގައި އާންމުކޮށް ދިމާވާ ކަހަލަ، މަސައްކަތް ކުރިން ރޭވި ތާވަލުން ކައްސައިލާ ކަހަލަ ކަންތައް ދިމާވާން ފަށައިފިއެވެ. މޫސުން ގޯސްވުމާއި، ބައެއް އާލާތް ހަލާކުވުމާއި ބައެއް މަސައްކަތްތެރިންނަށް އަނިޔާވުން ފަދަ ކަންކަމެވެ!  ތާވަލުން ކައްސާލައި ފަހަތަށް ޖެހޭވަރަކުން ޓޮމް ހާސްވެ ކަންބޮޑުވެ، މަސައްކަތްތެރިންނަށް ބުރަވެ މަސައްކަތު ވެށި ވަރަށް ނުތަނަވަސް ވެއްޖެއެވެ!

އެ ދުވަހަކީ ކުރީ ރޭ ވެހުނު ވާރޭގެ ސަބަބުން ބިންގަނޑު ތެމިފޯވެ ކިސަޑަށް ވެފައިވާ ދުވަހެކެވެ. އުޑުމަތި ވަރަށް ބަނައެވެ. ބެރީ އިނީ ސޭލާ ދުއްވާމީހާގެ ގޮނޑީގައެވެ. އުފުލަން ތައްޔާރުވަނީ ގުނގުރެޓަށް ލައްވާ ދަނގަނޑެވެ. އަދި ބައެއް ބޮޑެތި އާލާތްވެސް އެއްތަނުން އަނެއް ތަނަށް ގެންދަން ޖެހިފައި ހުއްޓެވެ. މަސައްކަތް ހަލުވި ކުރުން ފަހި ކޮށްދިނުމުގެ ގޮތުން ޓޮމް ވެސް ހުރީ އެންމެ މަސައްކަތް ހިނގާ ތަނަށް ނިކުމެއެވެ.

އެ ދުވަހުގެ ތަންކޮޅެއް ފަހު ވަގުތެއްގައި ކުއްލިއަކަށް ބެރީގެ ސޭލާ، (އަޅުގަނޑުމެން H ބެރި ކިޔާކަހަލަ) ދިގު، ދަނގަނޑު ބެރިއެއް ހިއްލައި، އެހެން ތަނަކަށް ގެންދަން އުޅުމުގެ ތެރޭގައި މި ދަގަނޑުގެ އެއްކޮޅު ހަނި ދޭތެރެއަކަށް ވަދެ ތާށިވެއްޖެއެވެ! މިހާރު މި ބެރި އެއޮތީ ހަފޫޓު މަތީގައި އެއްކޮޅު ތާށިވެފައެވެ. މި ބެރި އެއްކޮޅަކަށްވެސް ނުދާހެން ހީވެގެން ޓޮމް ހަޅޭއްލަވައިގަތެވެ! " ބެރީ! މަސައްކަތް ތަންކޮޅެއް އަވަސް ކޮށްބަލާށެވެ! ތިޔަ ބެރި ނުބޭއްވިގެން އުޅޭތާ މިހާރު ކިހާއިރެއް ވެއްޖެހެއްޔެވެ"! މިހެން ބުނުމުން ސޭލާގެ ކުޑަދޮރުން ބޭރަށް ބޯ ނެރެފައި ބުންޏެވެ. " ތިޔަހެންވިއްޔާ، އަހަރެން ފިއްތާލަންވީ ކޮން ގޮބަކަށް ހެއްޔެވެ" ! ރުޅިއައިސް ރަތްވެގެން ޓޮމް ހަޅޭއްލަވައިގަތެވެ" ބޭކާރު ވާހަކަ ނުދައްކައި، ކަލެއަށް ހަވާލު ކުރެވުނު މަސައްކަތް ރަނގަޅަށް ކުރިއްޔާ މާ ރަނގަޅެއްނޫންހެއްޔެވެ" !

އިރުކޮޅަކުން ބެރީ، ސޭލާގެ ދޮރު ހުޅުވާލާފައި އެބަ ނިކުމެއެވެ! ޓޮމަށް ހީވީ މީނާ ރުޅިއައިސްގެން މަސައްކަތް ނުކުރާންވެގެން ފައިބަނީ ކަމަށެވެ. މިހެން ހީކޮށް، އައިސްފައިވާ ރުޅިން، ބެރީއާ ދިމާއަށް ޓޮމް ދުއްވައިގަތެވެ! ބެރީ ނިކުތީ ތާށިވެފައިވާ އެޗްބެރި އެތަނުން ސަލާމަތް ކުރާށެވެ! ޓޮމް ދުއްވައިގެންލެތް ބާރު ކަމުން ތެމިފައިވާ އޮމާން ހޮޅިއަކަށް އެރި ކައްސާލައިގެން ވެއްޓި ހަރު އެއްޗެއްގައި ބޯޖެހި، ހަމަ ވަގުތުން ހޭ ނެތިއްޖެއެވެ. މިހާރު ވެއްޓި، ޚަބަރު ހުސްވެފައި ޓޮމް އެއޮތީ އެތައް ޓަނުގެ ބަރު ދަގަނޑު ބެރިއެއްގެ ދަށުގައެވެ!

ބެރީ އަށް އެއްކަލަ ދިގު ދަގަނޑު އެޗްބެރި، މަޑުމަޑުން ކައްސާލައިގެން ވެއްޓެން އުޅޭހެން ހީވި އިރު، އޭނާ ހުރީ ސޭލާގެ ބައެއްގައި ކޮޅަށެވެ. ދަގަނޑު ކޭބަލް ގައި ހިފައިގެން ބެރިން ތާށިވެފައިވާ ކޮޅު ނެއްޓޭތޯއެވެ! މިހާރު އެއްކަލަ ބެރި މަޑުމަޑުން އެ ވެއްޓެނީ ޓޮމްގައިމައްޗަށެވެ. ބެރީއެހުރިތާ ހުރެފައި ބޯކޮޅުވަތަށް އެ ފުންމައިލީ އެ ވެއްޓޭ ދަގަނޑު ބެރިން އޭނާގެ ޒަމާންވީ ރަހުމަތްތެރިޔާ ޓޮމް ސަލާމަތް ކުރެވޭތޯއެވެ. އެމެރިކަން ފުޓްބޯޅަ ކުޅުމުގެ ހުނަރު އަދިވެސް މީނާ ދޫކޮށެއް ނުލައެވެ. އޭނާގެ ޖެހިލުން ކުޑަކަންވެސް އަދިވެސް އޭނާގެ ކިބައިގައި އެބަހުއްޓެވެ! އުދުހިފައި އައި ކަހަލަ ގޮތަކަށް އައިސް ވެއްޓެމުން އައި ދަގަނޑު ބެރީގައި ޖެހިގެންލެތް ބާރުކަމުން އެ ބެރި ވެއްޓެން ދިޔަ މިސްރާބުން ކަސިޔާރުވެ، ވެއްޓުނީ ޓޮމާ ދެތިން ފޫޓު ދުރަށެވެ! ނަމަަވެސް ބެރީ ވެއްޓި ޖެހުނީ ދަގަނޑު ހޮޅިެއްގެ މައްޗަށެވެ! އެހާ މަތިން ވެއްޓުމުގެ ސަބަބުން ބެރީގެ މައިބަދައަށް ވަރަށް ބޮޑެތި އަނިޔާ ލިބުނެވެ!

އެންމެ ފަހުން އަހަންނާއި ވާރިޖީނިއާ އާއި ބައްދަލުވީ މިކަންތަކަށް ފަސް އަހަރު ވީފަހުންނެވެ!  މެންދުރުގެ ކެއުމަށް އަތުވެދާނަންތޯ ފޯނު ކޮށްލާފައި ސުވާލު ކުރިއެވެ. އަހަރެން އެގެއަށް ގޮސް ވާރިޖީނިއާ ފެނުމުން އެންމެ ފުރަތަމަ، އޭނާއަށް އައިސްފައިވާ ބަދަލުގެ ބޮޑުކަމުން ހައިރާންވީމެވެ! އުމުރުން 37 އަހަރުގައި، އޭނާގެ އެންމެ ފާހަގަ ކުރެވޭ ފަރިކަން އޭނާ ދުކޮށްފިއެވެ! ހަމަ ސީދާ ތެދަށް ބުނާނަމަ، މަންމައެއް ވައްތަރު ޖަހައިފިއެވެ. ބޯ އެކީގައި ނުރަވެފައޭވެސް ބުނަން ޖެހެއެވެ. ދަރިންގެ ކިޔެވުމުގެ ވާހަކައިން ސުވާލު ކޮށްލުމުން ބުނީ، އެކުދިން ބޯޑިންގެއްގައި ދިރިއުޅޭކަމެވެ. ވަރަށް ރަނގަޅު އިސްކޫލެއްގެ ދަރިވަރުންނަށް ޚާއްސަ ބޯޑިންގެއްކަމުގައެވެ. ޓޮމްގެ މިހާރުގެ މުސާރައިން އެކަމެއް ނުކުރެވުނީހެވެ ވާރޖީނިއާ ބުންޏެވެ. ބެރީގެ އިންޝުއަރަންސް ފައިސާ، އޭނާ ވަސިއްޔަތްކުރީ އަހަރެންގެ ދަރިންގެ ތައުލީމަށެވެ. ބެރީ އަށް ވީގޮތް އެނގޭ ދޯއެވެ؟

ބެރީއަށް ކަންތައް ދިމާވި ގޮތް މާބޮޑަށް އޮޅުންފިލާފައި ނުވާ ވާހަކަ ބުނުމުން، ވާރިޖީނިއާ ކިޔައިދިނެވެ. ފުރޮޅުލީ ގޮނޑިއެއްގައި  5 އަހަރު ހޭދަކުރުމަށްފަހު ބެރީ މަރުވީ މިދިޔަ ފިނިމޫސުމުގައެވެ. އޭނަގެ ގެއަށް އަހަރުމެން ހަފުތާއަކު ދެތިން ދުވަހު ގޮސް އޭނާއަށް އެކިއެކި ކަންކަމުގައި އެހީތެރިވީމެވެ."

ވާރިޖީނިއާގެ ވާހަކަ ނުނިމެނީސް އަހަންނަށް އަހައިލެވުނެވެ. " ބެރީ އެކަން ކުރީ ވާރިޖީނިއާ ދެކެވާ ލޯބިންތާއެވެ"! އަހަރެން މިހެން ބުނުމުން ވާރޖީނިއާ ހިނިތުންވެ ދެލޯ މަރައިލިއެވެ. އަދި ކުޑައިރުކޮޅަކުން ލޯ ހުޅުވައިލިއިރު ވަނީ ފެންކަޅިވެފައެވެ. " އާނއެކެވެ. އޭނާ އަބަދުވެސް އަހަރެންދެކެ ވަރަށް ލޯބިވިއެވެ. އެކަމަކު، އޭނާގެ ތޮބީއަތުގައިވާ ގޮތުން، ޓޮމް ނޫން އެހެންމީހަކަށް އެކަހަލަ ކަމެއް ދިމާވިނަމަ، އެ ނުރައްކާވަގުތު އޭނާ ކޮންމެ ފަދަ ގުރުބާނީއެއްވެސް ވީހެވެ! ބެރީއަކީ އުފަންވީންސުރެ ބަތޮލެކެވެ"!

މިހިސާބުން އަހަންނަށް އަހައިލެވުނެވެ! " ވާރިޖީނިއާއެވެ! ކަލޭ، ބެރީ ދޫކޮށް ޓޮމާ ކައިވެނި ކުރެވުނީތީ ހިތާމަ ކުރަންހެއްޔެވެ" ؟ ވާރޖީނިއާ ބުންޏެވެ. " ދިމާވި މިހުރިހައި ހިތާމަ ވެރި ކަންތަކުގައި ޓޮމްވެސް ލާ މަސީލު ހިތްވަރާއި ރީތި އަޙުލާގު ދެއްކިއެވެ. ޓޮމްގެ ހިތްވަރު ބަލާބެލުމަށް ތަފާތު ވެދާނެއެވެ.  އޭނާ ކުރިން އަދާކުރި ޒިންމާދާރު ބުރަ މަސައްކަތް  ދޫކޮށް އެހެން ވަޒީފާއެއް ހޯދިއެވެ. ހޯދީ މާ ގިނައިރު ބޭރުގައި އުޅެން ނުޖެހޭ ކަހަލަ ކަމެކެވެ. އެއީ ގިނަ ވަގުތު، ބެރީއަށް އެހީތެރިވުމުގައި ހޭދަ ކުރާށެވެ! ތިމާގެ ފުރާނަ ސަލާމަތްކޮށްދީ، އެކަމުގެ ސަބަބުން ކިރިޔާ މަރުނުވެ ހުރި މީހަކަށް އެހީތެރިވެދިނުމުގައި ޓޮމްގެ ހިތްހެޔޮ ކަމާއި ހަރުދަނާކަންވެސް މި ހިތާމަވެރި ކަމުގެ ތެރެއިން ފެނުމުން، އަހަރެން ފިރިއެއްގެ ގޮތުގައި ޚިޔާރު ކުރީ ވަކި ދެރަ މީހެއް ނޫންކަން އެނގި ކަށަވަރު ވެއްޖެއެވެ!

" ލޯތްބަކީ ކޮން އެއްޗެއްކަން އެެ ލާމަސީލު ދެ ފިރިހެނުންގެ ފަރާތުން އަހަންނަށް ދަސްވެއްޖެއެވެ! ހަލް އެވެ! ޒުވާން ދުވަސްވަރު ބައެއްފަހަރު  އަހަންނަށް ވެސް އޮޅުނެވެ. ބައެއްފަހަރު އަހަންނަށް ހީވަނީ އަހަރެން ބޮޑަށް ލޯބިވަނީ ބެރީ ދެކެ ކަމަށެވެ. ބެރީ ފެނުމުން، އަހަރެން އުފަލުން ތެޅިފޮޅޭހިތްވެއެވެ. އެހެން ނަމަވެސް، ދިރިއުޅުމަކީ އެއްކަމަކުން އަނެއްކަމަކަށް ފުންމައިގެން ގޮސް އުޅުމެއް ނޫނެވެ. ލޯތްބަކީ ދިރިއުޅުމުގެ ކޮންމެ ދުވަހަކު ކުރާންޖެހޭ ކަންތައް ކުރުމެވެ. މީހެއްގެ ކިބައިން ލިބިގަތުމަށްވުރެ، ދިނުމެވެ! ޓޮމް ދެކެ އަހަރެން ލޯބިވި އެންމެ ފުރަތަމަ ދުވަހުވެސް އަހަންނަށް އެނގުނީ ޓޮމް ބޭނުމީ، އޭނާއާއި އެކު ރީތި ދިރިއުޅުމެއް އުޅޭނެ އަތްނބެކެވެ! ޕާޓީތަކަށް ގެންދާނެ، އިސްޓޭޖު މަތީގައި ހެދުން ދައްކާ ކަހަލަ ފަރިކަމަނާއެއް ނޫނެވެ! ދިރިއުޅުމުގައި އެންމެ މުހިންމީ ކޮން ސިފަތަކެއްކަން މިހާރު އަހަންނަށް އެނގިއްޖެއެވެ. ވީވަރަކުން މި އުޅެނީ އެ ރަނގަޅުސިފަތަކުގެ ވެރިޔަކަށް ވެވޭތޯއެވެ"!

އެހިނދު، ވާރޖީނިއާގެ އަޑުންނާއި މުޅި ހަށިގަނޑުން އޭނާ އެބުނަނީ ތެދެއްކަން އަހަންނަށް އެނގި ކަށަވަރުވިއެވެ! ވާރޖީނިއާގެ ވާހަކައިން އަހަންނަށް ދޭހަވީ އެއްކަލަ ދުވަހު، އޭނާގެ ޖަޒުބާތުގެ މައްޗަށް އޭނާ އިސްކުރީ އޭނާގެ ބުއްދި ކަމުގައެވެ. ބެރީގެ ފުރާނަ އެ ދުއްވައިލީ އޭނާ ލޯބިވާ އަންހެނެއްގެ އާއިލާއަށް ހިތާމައެއް ކުރިމަތިވިޔަ ނުދޭންވެގެންނެވެ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.