ބުރުސޫރައަށް ބަލާ އިރު އެއީ އެހައި ޚާއްޞަ މީހެކޭ އެއްގޮތަކަށް ވެސް ހިއެއްނުވެއެވެ. އެއީ އިސްކޮޅުން ކުރު މީހެކެވެ. ހިކިމީހެކެވެ. މޫނުމަތީން ވެސް އެއްވެސް ކަހަލަ އާދަޔާ ޚިލާފުކަމެއް ފެންނާކަށް ނެތެވެ. އޭނާ އަކީ އެ ރީތި އޮފީހުގައި ޖެހިފައިވާ ހުތުރު ލައްގަނޑެކޭ ވެސް ހީވެއެވެ. ފުރަތަމަ ފެންނަ މީހަކަށް ހީވާނީ އޭނާއަކީ އޮފީހުގެ މަސައްކަތު މީހާ ކަމުގައެވެ. އަދި ބޭރުން އަންނަ މީހުންނަށް ދެއްކޭން ވެގެން ވެރިމީހާގެ ގޮނޑިއަށް އަރައި އިނީ ކަމުގައެވެ. އޭނާގެ އޮފީހުގެ ބޭރުގައި ހުރި ކޮޅުފިލާގޮނޑީގައި އިށީނދެގެން އިން ޕިޔޯނަކީ ވެސް އޭނާއަށް ވުރެ ވަރުގަދަ ޝަޚްސިއްޔަތެއްގެ ވެރިއެކެވެ. އެކަމަކު އޭނާގެ ކުޑަކުޑަ ބޮލުގައި އޮތް ސިކުނޑި އަކީ އާދަޔާޚިލާފަށްމޮޅު ސިކުނޑިއެކެވެ. އޭނާ އަކީ ނޫސްމަޖައްލާ ފަދަ ތަކެތި ޝާއިޢުކުރާ އިދާރާއެއްގެ ވެރިއެކެވެ. އޭނާގެ ބެލުމުގެ ދަށުން ތިން މަޖައްލާއެއް ވަރަށް ކާމިޔާބުކަމާއެކު ނުކުމެއެވެ.
ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެވެ. ކުއްލިއަކަށް ފެނުނީ އެންމެ މިޒަމާނުގެ ވަކީލަކު އައިސް އޭނާގެ ކޮޓަރިއަށް ވަން ތަނެވެ. އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ކޯޓެކެވެ. އަތުގައި އަތްމަތީ ފޮށްޓެއް އޮތެވެ. އަރައިގެން ހުރި ކަޅު ބޫޓުން ހުރީ އޮފުއަރައަރައެވެ. އޭނާގެ ޙަރަކާތާއި ހިނގުމުން އެއީ ވަރަށް މޮޅު މީހެއްކަން އެނގޭހައި ވެއެވެ. ފެންނަ މީހަކަށް އަސަރު ނުކޮށް ނުހުންނާނޭކަން ކަށަވަރެވެ.
"އަހަރެން މި އައީ 'އަނދިރި' މަޖައްލާގެ އެޑިޓަރާ ބައްދަލުކޮށްލަން." އޭނާ ބުންޏެވެ. "ޕަބްލިޝަރު އަދި ޗީފް އެޑިޓަރު ޙަސަންސަޢީދާ ބައްދަލުކޮށްލަން."
"އަވަހަށް ވިދާޅުވޭ! އަޅުގަނޑު ކޮށްދޭންވީ ކޮންކަމެއްތޯ؟"
"އެންމެ ފުރަތަމަ އަޅުގަނޑާ ޙަސަންސަޢީދާ ބައްދަލުކޮށްދެއްވާ!" ވަކީލުބުންޏެވެ. "އެވަރުންފުދޭނެ."
"އަޅުގަނޑަށް ހީވަނީ މިއަށްވުރެ ވަކީން ރަނގަޅަކަށް ބައްދަލެއް ނުކުރެވޭނެހެން. ޙަސަންސަޢީދަކީ އަޅުގަނޑު. އަވަހަށްވިދާޅުވޭ! އަޅުގަނޑު ކޮށްދޭންވީ ކަމަކީ ކޮބައިތޯ؟"
އޭނާގެ ވާހަކަ ވެގެން ދިޔައީ ވަކީލު ވަރަށް ބޮޑަށް ޙައިރާންކުރުވި ވާހަކައަކަށެވެ. އެކަމަކު ހަމަ އެކަނި ވެރީސޮރީއޭ ބުނެލައިފައި ފުއްދައިލީއެވެ.
"އަޅުގަނޑުގެ ނަމަކީ ފަރުމާން." އޭނާ ގޮނޑީގައި އިށީންނަމުން ބުނެލިއެވެ. "ވަރަށް ހިތާމަޔާއެކު ދަންނަވާން ޖެހެނީ އަޅުގަނޑު މިއައީ އުފާވެރި ޚަބަރަކާއިގެންނެއް ނޫނޭ."
ޙަސަންސަޢީދުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ހިނގައްޖެއެވެ.
ފަރުމާން އޭނާގެ އަތްމަތީ ފޮށި ހުޅުވައިލިއެވެ. އަދި އެ ފޮށިން ނެގި ހުދު ކުލައިގެ ސިޓީއުރައެއް ޙަސަންސަޢީދުގެ ކުރިމަތީގައި ބާއްވައިލިއެވެ.
އިތުރު މަޢުލޫމާތު ދިނުމުގެ ގޮތުން އޭނާ ބުނެލިއެވެ. "ޤާނޫނީ ބަހުރުވައިން ދަންނަވާ ނަމަ މިއީ ޚަރަދު ހޯދުމުގެނޯޓިސް. ޙަސަންސަޢީދުގެ މަޖައްލާގެ ސެޕްޓެމްބަރު މަހުގެ ޢަދަދުގައި 'ދުވަހުގެއަނިޔާ'ގެ ނަމުގައި ކޮލަމެއް ޝާއިޢުކޮށްފައިވޭ. އެ ކޮލަމުގައި އޮތް ލިޔުން ލިޔެފައިވަނީ އަޅުގަނޑުގެ މުވައްކިލު އެމް. އޭ. ރަޤީބްގެނަމުގައި. އެކަމަކު އެއީ ބޮޑު ކުށެއް. ރަޤީބް ވިދާޅުވާ ގޮތުގައި އެއީ އޭނާ ލިޔުއްވި މަޒުމޫނެއް ނޫން. ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ މަޖައްލާގައި އޭނާގެ ނަމުގައި ތިން ލިޔުން ޝާއިޢުކޮށްފައިވޭ. އެހެންވީމާ ޙަސަންސަޢީދު އަޅުގަނޑުގެ މުވައްކިލް ރަޤީބްގެ ޢިލްމީ އަދި އަދަބީ މަޝްހޫރު ކަމުގެ ނާޖާއިޒު ފައިދާ ނަންގަވަނީކަން ވަރަށް ރަނގަޅަށް އެބަ އެނގޭ. އެއް ނަން ކިޔާ އެތައް ބަޔަކު އުޅޭނެ. ރަޤީބޭ ނަމަކަށް ކިޔާ އެހެން މީހަކު ލިޔަނީކަމަށް ބެލެވިދާނެ. އެކަމަކު އެންމެ ފަހުގެ ޢަދަދުގައި ރަޤީބްގެ ފޮޓޯއެއް ވެސް ޖަހާފައި އެބަ އޮތް. އަނދިރި މަޖައްލާގައި ޖައްސަވައިފައިވާ މަޒްމޫނުތަކުގެ ސަބަބުންރަޤީބްގެ އަގުވެއްޓޭ ގޮތް އެބަ ދިމާވޭ. އެއީ އެމަޒުމޫނުތަކުގައި ހުރިޚިޔާލުތަކާއި ރަޤީބްގެ ޚިޔާލާ އެއްވެސް ކަހަލަ ގުޅުމެއް ނެތީމާ."
ޙަސަންސަޢީދު އޭނާގެ ކުރިމަތީގައި އޮތް ސިޓީއުރައަށް އިޝާރާތްކޮށްލިއެވެ. "މި ލިޔުމުގައި ވެސް ހުންނާނީ ދެންމެ ތިޔަ ދެއްކެވި ވާހަކަތައް. އެހެންނޫންތޯ؟"
ވަކީލު ބޯޖަހައިލިއެވެ. "އާދެ! އަދި އިތުރު ވާހަކަ ވެސް ހުންނާނެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ޙަސަންސަޢީދު ގަސްތުކުރައްވަނީ އެ މަޒުމޫނުތަކުގެ ސިލްސިލާ ކުރިއަށް ގެންދަވަން. އެހެންވީމާ މީގެ ފަހުން އެ މަޒްމޫނުތައް ޖައްސަވައިގެން ނުވާނޭކަމަށް ވެސް އޮންނާނެ. އަދި ކުރިން ޝާއިޢުކުރެއްވި މަޒްމޫނުތަކުގެ ސަބަބުން ރަޤީބަށް ލިބިވަޑައިގަތް ގެއްލުމުގެ އަގުވެސް ދެއްވާންވާނޭ ކަމަށް އޮންނާނެ. އަޅުގަނޑަށް މި ނޯޓިސް ޕޯސްޓުން ވެސް ފޮނުވިއްޖައީސް. އެކަމަކު އަޅުގަނޑަށް ފެނުނީ ސީދާ އައިސް ވާހަކަދައްކައިލުން ރަނގަޅުވާނެކަމަށް."
"ގެއްލުމުގެ އަގޭ ތިޔަ ވިދާޅުވަނީ ކޮން ކަހަލަ އަގަކަށްތޯ؟"
"ރަޤީބް އެދިވަޑައިގަންނަވަނީ ފަންސާސް ހާސް ރުފިޔާ އަށް. އެ ރުފިޔާއާ ޙަވާލުވުމުގެ ހުއްދަ އޭނާ ވަނީ އަޅުގަނޑަށް ދެއްވައިފައި."
"އަޅުގަނޑާ ސަމާސާކުރައްވަނީތޯ؟" ޙަސަންސަޢީދު ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ. "މި ރާއްޖޭގައި މަޒުމޫނުގެ އަގަކަށް އެހައި ބޮޑު އެއްޗެއް ނުލިބޭކަން އެނގިވަޑައިގެންފައި ނެތީތޯ؟ މޮޅު ލިޔުމެއް ލިޔާ މީހަކަށް އެއްވެސް އެއްޗެއް ނުލިބެއޭ ދެންނެވުން ވެސް ދޮގަކަށް ނުވާނެ."
"ތިޔަ ވިދާޅުވެވުނީ އިދިކޮޅަށްހެން ހީވޭ" ވަކީލު ބުންޏެވެ. "ވިދާޅުވާން އުޅުއްވީ ބޮޑު އަގު ލިބެނީ މޮޅު ލިޔުންތެރިންނަށޭ. އެހެންނޫންތޯ؟"
"ނޫން. އަޅުގަނޑު މި ދެންނެވީ ހަމަ ރަނގަޅަށް" ޙަސަންސަޢީދު ބުންޏެވެ. "މޮޅުލިޔުންތެރިން ލިޔަނީ ވަރަށް މޮޅު ލިޔުން. އެ ލިޔުންތައް ގިނަ ފަހަރަށް ޢާއްމުންގެ ބޮލަކަށް ނުވަދޭ. އެނގެނީ ދެތިން ހަތަރު މީހަކަށް. އެ ފެންވަރުގެ މީހުން އެހައި ވެސް މަދު. އެ ފެންވަރުގެ މީހުން ދިވެހިބަހުން ހުންނަ އެއްޗެއް ކިޔާކަށް ބޭނުމެއް ނުވޭ. އެ މީހުން ކިޔާނީ އިނގިރޭސިބަހުން، ނޫނީ ޢަރަބިބަހުން ހުންނަ ލިޔުންތައް. ނޫނީ އެހެން ކޮންމެ ވެސް ބަހަކުން ލިޔެފައި ހުންނަ ލިޔުންތައް. އެހެންވީމާ އަޅުގަނޑުމެން ލިޔަން މި ޖެހެނީ އާދައިގެ މީހުން ކިޔާ ކަހަލަ އެއްޗެހި"
"ދެން ހެޔޮ." ވަކީލު އަތް އުފުލައިލިއެވެ. "ތިޔަ ވިދާޅުވާ އެއްޗެއް އަޅުގަނޑަށް ވިސްނިއްޖެ. އެކަމަކު ތިޔައީ މި ކަމަކާ ގުޅޭ ވާހަކައެއް ނޫން. އަޅުގަނޑު މި ދައްކަނީ އަގުގެ ވާހަކަ. ބަދަލުގެ ވާހަކަ."އެއަށް ފަހު ތަންކޮޅެއް ސިއްރުވެރި ގޮތަކަށް ބުނެލިއެވެ. "ތިޔައީ ރަނގަޅު ބޭކަލެއްހެން އަޅުގަނޑަށް ހީވޭ. މި މައްސަލަ ތަންކޮޅެއް ކުޑަ ޚަރަދަކުން ވެސް ނިންމައިލެވިދާނެ. ރަޤީބަކީ ވަރަށް ބާރު ގަދަ މީހެއްކަން ޙަސަންސަޢީދަށް އެނގިވަޑައިގަންނަވާނެ. ވަރަށް ބޮޑެތި ބޭފުޅުންނާ އޭނާޔާ ގުޅުން އޮންނާނެ. ދާދި ފަހުން ބޭއްވުނު އަދަބީ ކޮންފަރެއްސެއްގައި ވެސް އޭނާ އިންނެވީ އިސްޓޭޖުގައި. މަޖައްލާގެ ރަޖިސްޓަރީ ބާޠިލުވާ ގޮތް ވުމަކީ ވެސް ދުރުކަމެއް ނޫން-"
ޙަސަންސަޢީދު އެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ބުނެލިއެވެ. "އަޅުގަނޑަށް ހީވަނީ ޝަރީޢަތަށް ދިއުމުގެ ޙައްޤު ކޮންމެ މީހަކަށް ވެސް އޮންނާނެހެން."
ވަކީލުގެ ތުންފަތް މައްޗަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއެވެ. "ދަންނަވަންތޯ؟ އަޅުގަނޑު ޝަރުއީދާއިރާގައި އުޅޭތާ ފަނަރަ އަހަރު ދުވަސްވެއްޖެ. އެހެންވީމާ ޝަރީޢަތަށް ދިއުމާއެކު މައްސަލަ ނިމޭނީ ރަޤީބަށް ކާމިޔާބު ލިބިގެންކަން އަޅުގަނޑަށް ޔަޤީން. އެ މަޒުމޫނުތައް ލިޔުއްވީ ރަޤީބްކަމަށް ދެއްކެވޭނޭ އެއްވެސް ހެތްކެއް ޙަސަންސަޢީދަކަށް ނުހޯއްދެވޭނެ. އަޅުގަނޑު މި ދަންނަވާ އެއްޗެއް ވިސްނިވަޑައިގެންފި ކަމަށް ހީކުރަން."
"ވަރަށް ރަނގަޅަށް ވިސްނިއްޖެ. އެކަމަކު އަޅުގަނޑު ތިޔަ ވާހަކައަކަށް ތާއީދެއް ނުކުރަން. ތިޔަ ޔަޤީންކަމުގެ އަގު ދެއްވަން ކެރިވަޑައިގެން ހުންނެވިއްޔާ ޝަރީޢަތަށް ދިއުން މާ ބުއްދިވެރިކަމަށް އަޅުގަނޑަށް ފެނޭ."
"ޔަޤީންކަމުގެ އަގޭތޯ؟"
"އާދެ! ތިޔަ ވިދާޅުވަނީ މައްސަލަ ނިމޭނީ ރަޤީބްގެ ކޮޅަށޭ. އަޅުގަނޑު ދަންނަވާނީ މައްސަލަނިމޭނީ އަޅުގަނޑުގެކޮޅަށޭ. ކެރިވަޑައިގަންނަވާ ނަމަ ފަސްހާސް ނުވަތަ ދިހަހާސް ރުފިޔާ ބަހައްޓަވާ!"
"ދިހަ ހާސްރުފިޔާއަށް އަޅުގަނޑު ތައްޔާރު" ވަކީލު މޭޒުމަތީގައި އަތުންޖަހައިލިއެވެ.
ޙަސަންސަޢީދު އަތްދިއްކޮށްލިއެވެ. "އަޅުގަނޑު ވެސް ތައްޔާރު. އެހެންވީމާ ޖުމްލަ ވިހިހާސްރުފިޔާ. އެހެންނޫންތޯ؟"
"އާދެ!" ވަކީލު އަނެއްކާ ވެސް މޭޒުމަތީގައި ޖަހައިލިއެވެ. "ދެން ބައްދަލުވާނީ ކޯޓުން. ޝަރީޢަތުގެ މަޖިލީހުގައި. އަޅުގަނޑު ޙަސަންސަޢީދަށް އިތުބާރުކުރަން. އެކަމަކު ރަނގަޅުވާނީ އަޅުގަނޑުގެ ދިހަ ހާސް ރުފިޔާ އާއި ޙަސަންސަޢީދުގެ ދިހަހާސްރުފިޔާ އިތުބާރުކުރެވޭ އެހެން މީހެއްގެ އަތުގައި ބެހެއްޓިއްޔާ. ކުރި ލިބޭ މީހަކާ ވިހިހާސް ރުފިޔާ ޙަވާލުކުރާނީ އެމީހަކު."
"ތިޔައީ ވަރަށް މޮޅު ބުއްދިއެއް." ޙަސަންސަޢީދު ބުންޏެވެ.
ދެމީހުން ހިމޭނުން ތިބެގެން ވިސްނަމުންދިޔައީ އިތުބާރުކުރެވޭ އެހެން މީހަކު ހޯދާނޭ ގޮތަކާމެދުގައެވެ.
* * * *
އެ ދެ މީހުން ދެވަނަ ފަހަރަށް ބައްދަލުވީ ކޯޓުންނެވެ.
ހައެއްކަ ރިޕޯޓަރުންގެ އިތުރަށް ކޯޓުގައި ތިބީ ދެމީހުންނެވެ. އެކަކީ މުޅިރާއްޖެއަށް މަޝްހޫރު ލިޔުންތެރިއެއްކަމަށްވާ ރަޤީބެވެ. ދެވަނަ މީހަކީ ވަރަށް ހިމަތޮޅިކޮށް ހުރި އިސްކޮޅުން ކުރު މީހެކެވެ. ޙަސަންސަޢީދުގެ ފަރާތުން ވަކީލަކު ނާދެއެވެ. އޭނާގެ ދިފާޢުގައި ވާހަކަދައްކާނީ ޚުދު އޭނާއެވެ.
ޝަރީޢަތް ފެށިއްޖެއެވެ. ވަކީލު ވަރަށް ހުނަރުވެރިކަމާއެކު އޭނާގެ މައްސަލަ ހުށަހަޅައިފިއެވެ. އަދި ހެކީގެ ގޮތުގައި އަނދިރި މަޖައްލާގެ ދެތިން ޢަދަދު ވެސް ހުށަހަޅައިފިއެވެ. އޭގެ ފަހުން އޮތީ ރަޤީބްގެ ބަޔާނެވެ. އަނދިރި މަޖައްލާގައި ޝާއިޢުކޮށްފައިވާ ލިޔުންތަކަކީ އޭނާ ލިޔުނު ލިޔުންތަކެއް ނޫންކަމަށް ރަޤީބްގެ ބަޔާނުގައި އޭނާ ބުންޏެވެ. އަދި އެއީ އޭނާގެ މަޝްހޫރުކަމުގެ ނާޖާއިޒު ފައިދާ ލިބިގަތުމުގެ ބޭނުމުގައި ޙަސަންސަޢީދު ކުޅަ ކަމެއްކަމަށް ވެސް ބުންޏެވެ. އޭނާ އެދުނީ އޭގެ ސަބަބުން އޭނާގެ ނަމަށް އެރިހުތުރުގެ ބަދަލު ލިބިގަތުމަށެވެ.
އޭ. އެމް. ރަޤީބްގެ ބަޔާން ނިމުމަށް ފަހު އޮތީ އަނދިރި މަޖައްލާގެ ޕަބްލިޝަރ އަދި ޗީފްއެޑިޓަރ ޙަސަންސަޢީދުގެ ބަޔާނެވެ. އޭނާ ކޮށިގަނޑުގައި ހުރެގެން ދެއްކި ވާހަކައިގައި ރަޤީބްގެ ވާހަކަޔާ ކަނޑައެޅިގެން ދެކޮޅުހެދިއެވެ.
މަޖައްލާގައި މަޒްމޫނު ޖަހާފައި އޮތް ޞަފްޙާ އޭނާއަށް ދައްކަވައިފައި ފަނޑިޔާރު އޭނާޔާ ސުވާލުކުރެއްވިއެވެ. "ތިޔަ ވިދާޅުވަނީ މިމަޒުމޫނު ލިޔެފައިވާ އޭ. އެމް. ރަޤީބަކީ އެހެން މީހެއްކަމަށްތޯ؟"
"ނޫން. އަޅުގަނޑު މި ދަންނަވަނީ އެހެންނެއް ނޫން." ޙަސަންސަޢީދު ބުންޏެވެ. އެއަށްފަހު ރަޤީބާ ދިމާއަށް އިޝާރާތްކޮށްފައި ބުނެލިއެވެ. "މިހުންނެވި އޭ. އެމް. ރަޤީބް ނޫން އެހެން އޭ. އެމް. ރަޤީބެއް އަޅުގަނޑު ނުވެސް ދަންނަން"
ވަކީލު ފަރްމާންގެ މޫނުމަތީން ހިތްހަމަޖެހުމުގެ އަސަރު ފާޅުވެގެންދިޔައެވެ. އޭނާ އަވަސްއަވަހަށް ބުނެލިއެވެ. "ޢިއްޒަތްތެރިފަނޑިޔާރު! މިހާރު ޝައްކަކަށް އެއްވެސް ޖާގައެއް ނެތެއް ނޫންތޯ؟ ޙަސަންސަޢީދު އަމިއްލައަށް އިޢުތިރާފްވެވަޑައިގެންފި. އެހެންވީމާ ދެން އޮތްކަމަކީ ޙުކުމްކުރެއްވުން"
ފަނޑިޔާރު ގަލަންނެންގެވިއެވެ. އަދި ލިޔުއްވަން އުޅުއްވައިފައި ކުއްލިއަކަށް ޙަސަންސަޢިދާ ދިމާއަށް ބައްލަވައިލެއްވިއެވެ. "ދިފާޢުގައި އެއްވެސް ވާހަކައެއް ދައްކަވަން ބޭނުންފުޅުތޯ؟"
"ހެތްކަކު ހުށައަޅަން އަޅުގަނޑު ބޭނުން"
ވަކީލު އިޢުތިރާޒުކުރިއެވެ. "ޢިއްޒަތްތެރި ފަނޑިޔާރު! ޙަސަންސަޢީދު އެ އުޅުއްވަނީ ވަގުތު ނަންގަވައިލައްވާން. މިހާރަކު ހެއްކެއްގެ ބޭނުމެއް ނެތް."
ފަނޑިޔާރު ވަކީލުގެ ވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވިއެވެ. "އަވަހަށްހުށަހަޅުއްވާ."
ޙަސަންސަޢީދު އިޝާރާތްކޮށްލީ ކޯޓުގައި އިންހިމަތޮޅި މީހާއަށެވެ. އެ މީހާގެ ނަމެއްކަމަށް ޙަސަންސަޢިދު ބުނީ ސިރާޖެވެ.
"ޢިއްޒަތްތެރި ފަނޑިޔާރުމަނިކުފާނު!" ސިރާޖް ވާހަކަދައްކާން ފެށިއެވެ. "އަޅުގަނޑަކީ ޅެމާއި ލަވަ ހަދާ މީހަކީން. ލިޔުންތެރިއަކަށް އަޅުގަނޑު ހެއްދެވީ ޙަސަންސަޢީދު."
"ކަލޭގެ ޒާތީކަންތައްތަކުގެ ވާހަކައަކީ މިކޯޓަކަށް ބޭނުންވާހަކައެއް ނޫން." ވަކީލު ބުނެލިއެވެ. "މި މައްސަލައާ ބެހޭ ގޮތުން އެނގިހުރި ވާހަކައެއް ދައްކާ."
"މި ކަމެއް ފެށުނީ މީގެ ހައެއްކަ މަސްދުވަސް ކުރިން." ސިރާޖް ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަޅުގަނޑު އެއް ދުވަހަކު މި ކޯޓުގައި މިއިންނެވި މުޙްތަރަމް ރަޤީބްގެ އަރިހަށް ދިޔައިން."
ރަޤީބް ސިއްސައިގެން ގޮސްފައި ސިރާޖާ ދިމާއަށް ބަލައިލި އެވެ. އަދި ވިސްނާންފެށިއެވެ.
ސިރާޖް ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ. "އަޅުގަނޑު އެދުވަހު ވަރަށް ރީތި ޝެފަރ ގަލަން ސެޓެއް ރަޤީބަށް ވެދުމަކަށް އެރުވިން."
"ތިޔަކަމާ މި މައްސަލަޔާ ހުރީ ކޮން ގުޅުމެއް؟" ވަކީލް ދެކޮޅު ހެދުމުގެ ރާގެއްގައި އަހައިލިއެވެ.
ފަނޑިޔާރު އެސުވާލުގެ އަޑެއް ނާއްސަވައެވެ. އަދި އެއީ ތެދެއްތޯ ރަޤީބާ ސުވާލުކުރެއްވިއެވެ.
"އެއީތެދެއް." ރަޤީބް ބުންޏެވެ. "އޭނާ އަޅުގަނޑަށް ޝެފަރގަލަންސެޓެއް ދެއްވި."
ސިރާޖް ޖީބުން ވަރަށް ދުވަސްވެފައި އޮތް ބައު ގަލަމެއް ނަގައި ދައްކައިލިއެވެ. "މިއީ ރަޤީބް އަޅުގަނޑުގެ އެދުމުގެ މަތީންއެ ދުވަހު އަޅުގަނޑަށް ދެއްވި ގަލަމެއް، މިއީ ރަޤީބް ލިޔުއްވާން ގެންގުޅުއްވި ގަލަމެއް." އޭނާ ރަޤީބާ ދިމާއަށް ބަލައިލިއެވެ. "ހަނދުމަފުޅު އެބަހުރިތޯ؟ މި ގަލަމުގައި ރަޤީބްގެ ނަންފުޅުވެސް ކަނޑައި ނަގައިފައި އެބަ އޮތް."
އޭ. އެމް.ރަޤީބް އެ ގަލަން އަތުލައިގެން ބަލައިފައި އެއީ ތެދެއްކަމަށް ބުނެފިއެވެ. ޙަސަންސަޢީދު އެގަލަން އަތުލައިގެން ގޮސް ފަނޑިޔާރުގެ އަތްޕުޅަށް އަރުވައިފިއެވެ.
"ޢިއްޒަތްތެރިފަނޑިޔާރު!" ޙަސަންސަޢީދު ވާހަކަދައްކާން ފެށިއެވެ. "ދުވަހުގެ އަނިޔާގެ ނަމުގައި ލިޔުނު މަޒުމޫނުތައް ލިޔެފައިވަނީ ތިޔަ ގަލަމުން."
"އެއީ ހައްތާ ވެސް މަކަރު." ވާން އުޅޭ ގޮތް ވިސްނުނީމާ ވަކީލު ރުޅިއައިސްގެން ވަރަށް ބާރަށް ބުންޏެވެ.
ޙަސަންސަޢީދު ބުނެލިއެވެ. "މިއީ މަކަރެއްނޫން. އެއިން އެއްވެސް މަޒުމޫނެއްގައި އެއީ އޭ. އެމް. ރަޤީބް ލިޔުއްވައިފައިވާ މަޒުމޫނެކޭ ޖަހައިފައެއް ނޯންނާނެ."
"ތިޔަ ވިދާޅުވާ އެއްޗެއް ތަންކޮޅެއް ތަފްޞީލުކޮށް ވިދާޅުވޭ!"
"ޢިޒްޒަތްތެރިފަނޑިޔާރު! މަޒުމޫނުގެ މަތީގައި ޖަހައިފައި އޮންނާނީ 'އޭ. އެމް. ރަޤީބްގެ ގަލަމުން…' މިހެން. އެ މަޒުމޫނުތައް ލިޔެފައިވަނީ އޭ. އެމް. ރަޤީބްގެ ގަލަމުން ކަމާމެދަކު އެއްވެސް ޝައްކެއްނެތް. އަޅުގަނޑު މި އައީ އެމަޒްމޫނުތަކުގެ އަސްލުވެސް ހިފައިގެން. މަޒުމޫނުތައް ލިޔުނީ ސިރާޖް. ބޭނުންފުޅިއްޔާ މިގަލަމުން ލިޔުއްވައިފައި އެ މަޒުމޫނުގެ ލިޔުމާ އެއްގޮތްތޯ ބެއްލެވިދާނެ."
ވަކީލު އެތައް ވާހަކައެއް ދެއްކުމާއެކު ވެސް ފަސްމިނިޓުގެ ތެރޭގައި މައްސަލަ މުޅީން ނިމިއްޖެއެވެ. ނިމުނީ ޙަސަންސަޢީދުގެ ކޮޅަށެވެ.
ފަރުމާން އިސްދަށަށްޖަހައިލިއެވެ. އަދި އޭނާގެ އަތްމަތީ ފޮށްޓަށް ކަރުދާސްތައް އަޅައިގެން ކޯޓުން ނުކުމެއްޖެއެވެ. ޙަސަންސަޢީދާއި އޭނާގެ ވިހިހާސް ރުފިޔާ ހިފައިގެން އިންތިޒާރުގައި ހުރި މީހާޔާ ދިމާއަށް ބަލައިވެސް ނުލައި އޭނާ ހިނގައްޖެއެވެ.
ޙަސަންސަޢީދު އޭ. އެމް. ރަޤީބުގެ ގާތަށް ގޮސް މަޑުމަޑުން ބުނެލިއެވެ. "ރަޤީބް އެ ގަލަން ބައްލަވައިގަންނަވަން ބޭނުންފުޅިއްޔާ އަޅުގަނޑު ސިރާޖާ ވާހަކަދައްކައިގެން ހަމަޖައްސައިފާނަން."
"ޝަޓްއަޕް!" ރަޤީބް ރުޅިއައިސްފައި ބުނެލިއެވެ. އެކަމަކު ކުޑަކޮށް ވިސްނައިލައިފައި އަހައިލިއެވެ. "ވިއްކާނީ ކިހައި ވަރަކަށް؟"
"ދުވަހުގެ އަނިޔާގެ ދަށުން ތިން މަޒުމޫނު ލިޔުއްވައިދެއްވާ!" ޙަސަންސަޢީދު މާނައިން ފުރިފައިވާ ގޮތަކަށް އޭނާޔާ ދިމާއަށް ބަލައިލިއެވެ. "އޭގެ ފަހުން އެގަލަން ގެންދަވާ!"
