
މި ލިޔުމަކީ، "އަލް އަލޫކާ" ވެބްސައިޓްގައި، 11ޖުލައި 2017 ގައި، މިޞްރުގެ މަންޞޫރާ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ، ކަރިކިޔުލަމާއި ޓީޗިންގ މެތަޑްސްއާ ބެހޭ ބައިގެ ރައީސްކަމުގެ މަޤާމް އަދާކުރައްވާފައިވާ، ޑޮކްޓަރ ފުއާދު މުޙައްމަދު މޫސާ ލިޔުއްވާފައިވާ ލިޔުއްވުމެއްގެ މައްޗަށް ބިނާކޮށް، އަޅުގަނޑު ތައްޔާރުކުރި ލިޔުމެކެވެ. އަޅުގަނޑުގެ އުއްމީދަކީ މި ލިޔުމުން ގިނަ ބަޔަކަށް ފައިދާ ލިބިގެން ދިޔުމެވެ.
މުސްލިމުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު، ކޮންމެ ހުކުރުދުވަހަކުހެން، ދެ ބަގީޗާގެ ވެރިޔާގެ ވާހަކަ ކިޔައޭ އަޅުގަނޑު ބުނެފިނަމަ، ގިނަ ބޭފުޅުން އެކަމާ އިންކާރު ކުރެއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިއީ ހަމަ ޙަޤީޤަތުގައިވެސް ރަނގަޅު ވާހަކައެކެވެ. ސަބަބަކީ ހުކުރުދުވަހު މުސްލިމުން ކިޔަވާ ކަހްފު ސޫރަތުގައި, މި ވާހަކަ އައިސްފައިވުމެވެ. ނަމަވެސް ހިތާމައަކީ، ކޮންމެ ހަފްތާއަކު އެއްފަހަރު އަޅުގަނޑުމެން މި ސޫރަތް ކިޔެވިކަމުގައި ވިޔަސް މި ސޫރަތުގައިވާ، މިފަދަ ޢިބްރަތްތެރި ވާހަކަތަކާމެދު، ސަމާލުކަން ނުދެވޭކަމެވެ.
ކީރިތި ޤުރްއާނުގެ އެހެނިހެން ވާހަކަތައްފަދައިން، މި ވާހަކައަކީވެސް ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. ވާހަކަ އައިސްފައިވަނީ ކަހްފު ސޫރަތުގެ 32 ވަނަ އާޔަތުން ފެށިގެން، 44 ވަނަ އާޔަތުގެ ނިޔަލަށެވެ. ތަޙްލީލީ ނަޒަރަކުން ބަލާއިރު، މި ވާހަކަ ބެހިފައިވަނީ މައިގަނޑު 4 ބަޔަކަށެވެ. އެއީ:
މުޤައްދިމާ: މި ބައިގައި ބަޔާންވެގެން އައިސްފައިވަނީ، މި ވާހަކައިގައި އުޅޭ ދެ މީހުންގެ ޝަޚްޞިއްޔަތާއި، އެ ދެމީހުންގެ ޙާލަތެވެ؛
ވާހަކައިގެ މައިގަނޑު: މިބައިގައި އަންނަނީ ދެ މީހުންގެ ޑައިލޮގެވެ؛
ވާހަކައިގެ ނަތީޖާ؛
ވާހަކައިން ލިބިދެވޭ ޢިބްރަތްތައް.
ވީމާ، މިއިން ކޮންމެ ބަޔަކަށް ވަކިވަކިން، ތަޙްލީލީ ނަޒަރަކުން ބަލައިލަމާ ހިންގަވާށެވެ!
މުޤައްދިމާ
މިބައި ފެށިގެން އަންނަނީ، މި ވާހަކައިގައި އުޅޭ ދެ މީހުންނާ ބެހޭ ގޮތުންނެވެ. އޭގެތެރެއިން އެކަކީ ﷲ ތަޢާލާ، އެ މީހަކަށް ނިޢްމަތް ދެއްވި މީހެކެވެ. އަދި އޭނާއަށް ވަރަށް ރީތި ބޮޑު ދެ ބަގީޗާ ދެއްވާފައި ވިއެވެ. އެ ދެ ބަގީޗާގައި ހައްދާފައިއޮތީ މޭބިސްކަދުރުގެ ވެޔޮތަކެވެ. އަދި އެ ވެޔޮތަކުގެ ވަށައިގެން ހެދިފައި އޮތީ ކަދުރު ރުއްތަކެވެ. އަދި މޭބިސްކަދުރު ވެޔޮތަކުގެ ދެމެދުން، ދަނޑުފަނގުތައް ހެދި ފައްކާވެފައިވިއެވެ. މި ހުރިހާ ކަމަކާއެކު, މި ދެ ބަގީޗާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ، ދެ ބަގީޗާގެ ދެމެދުން ދެމިފައިވާ ކޯރާއި، ގަސްގަހުގައި އަޅާފައިވާ މޭވާ ދޮންވެ ފައްކާވެފައިވާ މަންޒަރެވެ.
ހަމަ ކަށަވަރުން ﷲ ތަޢާލާ މި މީހާއަށް ދެއްވާފައި މި ވަނީ ވަރަށް ބޮޑު ނިޢްމަތްތަކެކެވެ. މި ވާހަކައިގެ ފެށުމުގައި، ދެވަނަ މީހާގެ ޙާލު ސިފަވެގެން އައިސްފައެއް ނުވެއެވެ. ނަމަވެސް ވާހަކައިގެ ދެވަނަ ބައި ކިޔުމުން، ނިޢްމަތް ދެވުނު މީހާއާ އަޅައިކިޔާއިރު، ދެވަނަ މީހާއަކީ އެފަދަ ދުނިޔަވީ ނިޢްމަތެއް ލިބިފައި ނުވާ ފަޤީރެއްކަން ހާމަވެގެންދާނެއެވެ.
ވާހަކައިގެ މައިގަނޑު (ޑައިލޮގް)
ވާހަކައިގެ މި ބައިގައި މިވާ ޑައިލޮގްގެ މުޅި އަމާޒަކަށް ވެގެން އައިސްފައިވަނީ، މިއިން ކޮންމެ ފަރުދެއްގެ ނަފްސުގައި ފޮރުވިފައިވާ ޙަޤީޤަތް ބޭރުކޮށް، ފާޅުކޮށްދިނުމެވެ. އަދި މިއިން ކޮންމެ ފަރުދަކު، އޭނާގެ ޙަޔާތާމެދު ދެކޭ ގޮތް އަންގައިދިނުމެވެ. އަދި އެ ދެކޭ ގޮތުގެ ސަބަބުން، އެ ފަރުދެއްގެ ދުނިޔަވީ ޙަޔާތުގެ އުޅުމަށާއި އޭނާގެ ސުލޫކަށް އަންނަ ބަދަލު ހާމަކޮށްދިނުމެވެ. ދެންހަމަ އެއާއެކު، އަހަރުމެން މި ކަންތައްތަކާމެދު ދެކޭ ގޮތާއި އަހަރުމެންގެ ސުލޫކާއި, މި މައިގަނޑު ބައިގައި ހާމަވެގެން އަންނަ ކަންތައްތަކާ އަޅައިކިޔައި, ޢިބްރަތް ޙާޞިލްކުރުމެވެ. ވީމާ، މިހިސާބުން ޑައިލޮގާއިގެން ކުރިޔަށް ދަމާ ހިނގާށެވެ!
ފުރަތަމަ މީހާގެ ވާހަކަ އައިސްފައިވަނީ، ސޫރަތުގެ 34 ވަނަ އާޔަތުން 36 ވަނަ އާޔަތުގެ ނިޔަލަށެވެ. ވާހަކައިގެ ފެށުމުގައި އައިސްފައިވާ ފަދައިން، ﷲ ތަޢާލާ މަތިވެރި ނިޢްމަތްތައް ދެއްވި މީހާ، އެ ނިޢްމަތްތައް ދެއްވި ފަރާތާމެދު ވިސްނުމުގެ ބަދަލުގައި އޭނާގެ މުޅި ވިސްނުން ހުއްޓިފައިހުރީ އެ ނިޢްމަތްތަކަށެވެ. އަދި އޭނާގެ އަމިއްލަ ނަފްސަށެވެ. އެހެންކަމުން އޭނާގެ ވާހަކަ ފެށީވެސް ބޮޑާކަމާއެކު، "ތިމާ ވަންތަކަން" ފާޅުކުރަމުންނެވެ. އޭނާގެ އެކުވެރިޔާއަށް އޭނާ ބުންޏެވެ. ﴿ أَنَا أَكْثَرُ مِنْكَ مَالًا وَأَعَزُّ نَفَرًا﴾ [الكهف: ٣٤]. (އަހުރެން ތިބާއަށްވުރެ މުދާ ގިނަވެފައި، އަހުރެންގެ ދަށުގައިވާ މީހުން ގިނަކަމުގެގޮތުން، ގަދަފަދަވެފައި ޢިއްޒަތްތެރިކަން ބޮޑެވެ.) މުދަލާއި ޢިއްޒަތުގެ ސަބަބުން އޭނާގެ ވިސްނުމުގެ ދާއިރާ ވަނީ ހަނިވެފައެވެ. ހިތަށް ވަނީ, ކިބުރުވެރިކަން ވަދެފައެވެ. އަދި ކޮބައިތޯއެވެ؟ އެންމެ ފަހުން ޤިޔާމަތް ދުވަސްވެސް ދޮގުކުރީއެވެ. ވާހަކަ ކުރިޔަށް ގެންދަމުން އޭނާގެ އެކުވެރިޔާއަށް ބުންޏެވެ. ﴿وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِنْ رُدِدْتُ إِلَى رَبِّي لَأَجِدَنَّ خَيْرًا مِنْهَا مُنْقَلَبًا ﴾ [الكهف: 36] (އަދި ޤިޔާމަތް ވާނޭ ކަމަކަށްވެސް އަހުރެން ޤަބޫލެއް ނުކުރަމެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އަހުރެން ރައްދުކުރެވުނަސް، މިއަށްވުރެ ރަނގަޅުގޮތް، އަހުރެންނަށް ފެންނާނެކަން ކަށަވަރެވެ.)
ޑައިލޮގްގެ މިހާ ހިސާބުން ދެން ފެށެނީ، ފަޤީރު، ނިކަމެތި، ވާލެއް ޔާރެއް ނެތް މީހާގެ ވާހަކައެވެ. އޭނާ، މުއްސަނދި އެކުވެރިޔާއާ މުޚާޠަބު ކުރަމުން ބުންޏެވެ. ﴿أَكَفَرْتَ بِالَّذِي خَلَقَكَ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ سَوَّاكَ رَجُلًا﴾[الكهف: 37] ( މަށިން ކަލޭހައްދަވައި ދެން މަނިފޮދަކުން ކަލޭ ހައްދަވައި، ދެން ފުރިހަމަ ފިރިހެނަކަށް ކަލޭ ހެއްދެވި ރަސްކަލާނގެއަށް ކަލޭ ކާފިރުވީ ހެއްޔެވެ؟)
ނިކަމެތި މީހާގެ ވާހަކަ ބިނާވެފައިވަނީ ނަޞީޙަތުގެ މައްޗަށެވެ. އޭނާގެ ވިސްނުމުގެ ތަނަވަސް ކަން ވަރަށް ބޮޑުކަން، ހަމަ އެކަނި މި ވާހަކަކޮޅުންވެސް ދޭހަވެއެވެ. އޭނާގެ ވިސްނުން އެވަނީ އަމިއްލަ ނަފްސާއި ދިރިއުޅޭ ވެށި ފަހަނަޅައި ގޮސް އޭނާގެ އަޞްލު އުފެދިގެން އައި މަރްޙާލާ ތަކާއި ހަމައަށް ފޯރާފައެވެ. އަދި ނެތުމުގެތެރޭން އޭނާ ވުޖޫދަށް ގެންނަވައި، އެންމެ ރިވެތި ސޫރާގައި ފުރިހަމަ ކުރެއްވި ކުޅަދުންވަންތަ ﷲ ތަޢާލާ އާ ހަމައަށް ފޯރާފައެވެ. އޭނާގެ ތަނަވަސް ވިސްނުމަށް ހުރަސް އެޅޭފަދަ އެއްވެސް މާއްދީ ބާރެއް ނުވާކަހަލައެވެ…
އޭނާގެ ވާހަކަ އިތުރަށް ކުރިޔަށް ގެންދިޔައެވެ. އަދި ބުންޏެވެ. ﴿لَكِنَّا هُوَ اللَّهُ رَبِّي وَلَا أُشْرِكُ بِرَبِّي أَحَدًا ﴾[الكهف: 38] (އެހެނެއްކަމަކު، އެއީ އަހުރެންގެވެރި اللَّه އެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެއާ އެއްވެސް ފަރާތަކާ އެއްފަދަކޮށް، އަހުރެން ޝަރީކެއް ނުކުރަމެވެ.) އޭނާގެ މި ނަޞީޙަތުގައި އެކުވެރިޔާއާއި މުޚާޠަބުކޮށް ބުނާކަހަލައެވެ. "އަހުރެންގެ ހުރިހާކަމެއް މިލްކުވެ ވޮޑިގެންވާ، ކުޅަދުންވަންތަ ﷲ ތަޢާލާ ފިޔަވައި، ތިޔަފަދަ އަގެއްނެތް، ފަނާވެދަނިވި ތަކެތީގެ ފަހަތުން އަހުރެން ދުވަންވީހެއްޔެވެ؟ ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ. ދުނިޔޭގެ ކެހިވެރި ތަކެއްޗަށް، އަހުރެންގެ އީމާންކަން ވިއްކައެއް ނުލާނަމެވެ.
މަޑުމައިތިރިކަމާއެކު އޭނާގެ ނަޞީޙަތް ކުރިޔަށް ގެންދަމުން ބުންޏެވެ. ﴿وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّهُ لَا قُوَّةَ إِلَّا بِاللَّهِ إِنْ تَرَنِ أَنَا أَقَلَّ مِنْكَ مَالًا وَوَلَدًا * فَعَسَى رَبِّي أَنْ يُؤْتِيَنِ خَيْرًا مِنْ جَنَّتِكَ وَيُرْسِلَ عَلَيْهَا حُسْبَانًا مِنَ السَّمَاءِ فَتُصْبِحَ صَعِيدًا زَلَقًا * أَوْ يُصْبِحَ مَاؤُهَا غَوْرًا فَلَنْ تَسْتَطِيعَ لَهُ طَلَبًا ﴾ [الكهف: 39 – 41]. (އަދި ކަލޭގެ ބަގީޗާއަށް، ކަލޭ ވަންހިނދު، "މި ތަކެތި ހޯދުމުގެ އެއްވެސް ބާރެއް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއޭ، މިއީ ﷲ ގެ އިރާދަފުޅުން ލިބުނު ތަކެއްޗޭ" ބުނިނަމަ، ކޮންފަދަހެއްޔެވެ! ކަލެޔަށްވުރެ އަހުރެންގެ މުދަލާއި ދަރިން މަދުކަމުގައި ކަލެޔަށް ފެނުނަސް، ފަހެ، ކަލޭގެ ބަގީޗާއަށްވުރެ މާހެޔޮވެގެންވާ ނިޢްމަތް، އަހުރެންގެ ވެރިރަސްކަލާނގެ އަހުރެންނަށް ދެއްވުން ދުރުވެގެނެއް ނުވެއެވެ. އަދި އެ ބަގީޗާގެ މައްޗަށް އުޑުން އާފާތެއް ފޮނުއްވައި، ގަހެއް ރުކެއްނެތް އޮމާން ބިމަކަށް އެތަންވެގެންދިއުންވެސް ދުރުވެގެނެއް ނުވެއެވެ. ނުވަތަ އެތާނގެ ފެން، ބިންގަނޑުގެ ތެރެޔަށް އަޑިޔަށް ހިނދިގެން ދިއުންވެސް ދުރުވެގެނެއް ނުވެއެވެ. ދެން އެ ފެން ނެރުމަކަށް، ކަލެޔަކަށް ކުޅަދާނަވެގެނެއް ނުވާނެތެވެ.
ވާހަކައިގެ ނަތީޖާ
ދެން ފެނިގެން ދިޔައީ، ހިނދުކޮޅެއްގެ ތެރޭގައި މަންޒަރު ބަދަލުވެގެން ދިޔަތަނެވެ. ފަޅި ސިކުންތެއްގެ ތެރޭގައި، އުފާވެރިކަން ހިތާމައަށް ބަދަލުވެގެން ދިޔަ ތަނެވެ. މުއްސަނދިކަން ފަޤީރުކަމަށް ބަދަލުވެގެން ދިޔަ ތަނެވެ. މުނިއަވަސްކަން، އެކަނިވެރިކަމަށް ބަދަލުވެގެން ދިޔަތަނެވެ….!
އޭ، ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! ލިބުނުހާ އެއްޗެއް ހޭދަކޮށްގެން ހެއްދި ދެބަގީޗާގައި، މޭވާ އަޅައި ފައްކާވެ، އެ ކަނޑަންވީ ވަގުތު، ކަންތައް ވެގެން މި ދިޔައީ ކޮންފަދަ ހިތްދަތި ގޮތަކަށް ހެއްޔެވެ؟ އެ ހުރިހާ މޭވާތަކާއެކު، އެ ދެބަގީޗާ ހަލާކުވެ ބިމާހަމަވެގެން އެ ދިޔައީ ހިތަށްވެސް ނާރާފަދަ ގޮތަކަށެވެ….!
މިއީ ވިސްނައި ފިކުރު ކުރާ ބަޔަކަށް ހުރި ވަރަށް ވަރުގަދަ ފިލާވަޅެކެވެ. ތިމާއަށް ނިޢްމަތްދެއްވައި ބާރު ދެއްވުމުން، އެ ނިޢްމަތާއި ބާރު ދެއްވި ފަރާތް ހަނދާންނައްތާލައި، ބޮޑާވެގަންނަ ކޮންމެ މީހަކަށް ހުރި ޢިބްރަތްތެރި ފިލާވަޅެކެވެ. ނިކަން ބައްލަވާށެވެ! ދެބަގީޗާގެ ވެރިޔާވެސް ނިޢްމަތް ދެއްވި ފަރާތް ހަނދާންނައްތާލައި، ބޮޑާވެ ކިބުރުވެރިވެގަތުމުން، އެ ދެ ބަގީޗާ ހަލާކުކުރެއްވީ، މަތީން ހޮނު އަޅުއްވާފައެވެ. މުޅި ތަން ހަލާކުވެ ސުންނާފަތި ވުމަކަށް މާ ގިނަ އިރުތަކެއް ނުނަގައެވެ. އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި މުޅި ތަން ހަލާކުވެ، ބިމާ ހަމަވެއްޖެއެވެ. އަންނަނިވި އާޔަތްތަކުގައި އައިސްފައި އެ ވަނީ މި ވާކަތަކެވެ. ﴿ وَأُحِيطَ بِثَمَرِهِ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَى مَا أَنْفَقَ فِيهَا وَهِيَ خَاوِيَةٌ عَلَى عُرُوشِهَا وَيَقُولُ يَالَيْتَنِي لَمْ أُشْرِكْ بِرَبِّي أَحَدًا * وَلَمْ تَكُنْ لَهُ فِئَةٌ يَنْصُرُونَهُ مِنْ دُونِ اللَّهِ وَمَا كَانَ مُنْتَصِرًا ﴾ [الكهف: 42، 43]. މާނައީ: " އަދި އޭނާގެ މުދާތައް (ބަގީޗާއާއެކު) ހަލާކުވެ ހިނގައްޖެއެވެ. އަދި އެ ބަގީޗާގެ ގަސްތައް، އަށިގަނޑުތަކާއެކު ވެއްޓިފައިވާ ޙާލު، އެ ބަގީޗާ ހެއްދުމަށް އޭނާ ކުޅަ ޚަރަދުތަކުގެ މައްޗަށް، ހިތާމައިން ދެއަތް އެފުށް މިފުށަށް ޖަހަޖަހާހުރެ ބުނެތެވެ. އޭ ސަހަރޯއެވެ! އަހުރެންގެ ވެރިރަސްކަލާނގެއާ، އެކަކުވެސް އަހުރެން ޝަރީކު ނުކުރިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ؟ އަދި اللَّه ފިޔަވައި، އޭނާއަށް ނަޞްރު ދޭނޭ ބަޔަކު އޭނާއަކަށް ނުވިއެވެ. އަދި އޭނާއަކީ، ނަޞްރު ލިބޭނޭ މީހަކު ކަމުގައިވެސް ނުވިއެވެ."
އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ސުންނަތެވެ. ﷲގެ ވަޙީ ބަސްފުޅުގައި ވެއެވެ. إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ﴿٨٢﴾ [يس ] މާނައީ: "އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ އަމުރުފުޅު ވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] ވަޙީ ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ." ފަހެ، އެކަލާނގެ ބާރުފުޅުގެދަށުގައި އެންމެހާ ކަންތަކުގެ އެންމެމަތީ ވެރިކަންވާ ރަސްކަލާނގެ ހުސް ޠާހިރު ވަންތަކަމާއެވެ!
ވާހަކައިން ލިބިދެވޭ ޢިބްރަތްތައް
ވާހަކައިގެ ނަތީޖާއަށްފަހު، ދެން މި އަންނަނީ، މި ވާހަކައިން ޙާޞިލްކުރަންޖެހޭ ޢިބްރަތުގެ ވާހަކައެވެ. މި ވާހަކަ އައިސްފައި މި ވަނީ، ޖެހިގެން އައި އާޔަތުގައެވެ. އެ އާޔަތުގައި ﷲ ތަޢަލާ ވަޙީކުރައްވާފައި ވެއެވެ. هُنَالِكَ الْوَلَايَةُ لِلَّـهِ الْحَقِّ ۚ هُوَ خَيْرٌ ثَوَابًا وَخَيْرٌ عُقْبًا ﴿٤٤﴾ [الكهف] މާނައީ: "މިތާނގައި ހުރިހާ ބާރެއް ފުރިހަމައަށް ލިބިވޮޑިގެންވަނީ ﷲ އަށެވެ. ޙައްޤު އިލާހަކީ އެއީ އެވެ. ހެޔޮ ބަދަލު ދެއްވުމުގައި އެންމެ ހެޔޮ ފަރާތަކީ އެއީއެވެ. އަދި ނިމުން ދެއްވުމުގައި އެންމެ ހެޔޮ ފަރާތަކީވެސް އެއީއެވެ."
މިއީ ކޮންމެ އިންސާނަކުވެސް ދަނެގަންނަން ޖެހޭ ޙަޤީޤަތެކެވެ. ކުޑަނަމަވެސް ބާރެއް، ﷲ ތަޢަލާގެ ޙަޟްރަތުންމެނުވީ، އެއްވެސް މަޚްލޫޤަކަށް ލިބުމެއް ނުވެއެވެ. އެ އިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ. إِن تَكْفُرُوا فَإِنَّ اللَّـهَ غَنِيٌّ عَنكُمْ ۖ وَلَا يَرْضَىٰ لِعِبَادِهِ الْكُفْرَ ۖ وَإِن تَشْكُرُوا يَرْضَهُ لَكُمْ ۗ ….. ﴿٧﴾ [الزمر] މާނައީ: "ތިޔަބައިމީހުން ކާފިރު ވާނަމަ، ފަހެ اللَّه އީ، ތިޔަބައިމީހުންގެ ކިބައިންދުރުވެ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ އަޅުން ކާފިރު ވުމަކަށް، އެކަލާނގެ ނުރުއްސަވަތެވެ. އަދި ތިޔަބައިމީހުން ޝުކުރު ކުރާނަމަ، އެކަލާނގެ އެކަމަށް، ތިޔަބައިމީހުންނަށް ރުހިވޮޑިގެންވެއެވެ…."
ނިންމުން
ނިންމާލަމުން މި ޢިބްރަތްތެރި ވާހަކައާމެދު ފުންކޮށް ވިސްނާލަމާ ހިންގަވާށެވެ!
ހ- އެންމެ ފުރަތަމަ، ދެ ބަގީޗާގެ ވެރިޔާގެ ވިސްނުމަށް ބަލާލާއިރު، އޭނާގެ ވިސްނުން ވަނީ، ވަރަށް ބޮޑަށް ހަނިވެފައެވެ. އޭނާގެ ވިސްނުން ވަނީ، މާއްދީ ޙަޔާތުގެ ކަންތައްތަކުން ބަނދެވި ކަސްތަޅު އެޅިފައެވެ. އޭނާއަށް ވިސްނިފައި އޮތީ، އޭނާގެ ދުނިޔެއާއި އާޚިރަތަކީވެސް އެ އަރާމު ދިރިއުޅުންކަމެވެ. އޭނާގެ ފިކުރުގައި އޭނާ ދިޔައީ، ދެބަގީޗާގެ ޚިޔާލީ ފޮލާ ކައްކަމުންނެވެ.
ށ- އަނެއްކަމަކަށް ފާހަގަކުރެވެނީ، އޭނާގެ ވިސްނުން، އޭނާގެ ނަފްސުގައި ކަސްތަޅު އެޅިފައިވާކަމެވެ. އެހެންކަމުން އޭނާ ވަނީ، ބޮޑާވެ ވަރަށް ބޮޑަށް "މަ ވަންތަ" ވެފައެވެ. ބުނަމުން ދިޔައީ، "އަހުރެން ކަލެޔަށްވުރެ މުދާ ގިނައެވެ. އަހުރެންގެ ދަރިންނާއި އަހުރެންނަށް ޚިދުމަތްކުރަން ތިބި މީހުންވެސް ކަލެއަށްވުރެ ގިނައެވެ." އޭނާގެ ވަށައިގެންވާ މި ބިޔަ ކައުނުގައި ހިނގަމުންދާ، ކުޅަދުންވަންތަކަމުގެ ހެކިތަކާމެދު، އެންމެ ފަހަރަކުވެސް ވިސްނާލުމަކަށް އޭނާ ބޭނުމެއް ނުވިއެވެ.
ނ- އަދި މިއަށްވުރެވެސް ބޮޑަށް ފާހަގަކުރެވޭ ކަމަކީ، އޭނާ ހައްދަވައި، އޭނާއަށް ނިޢްމަތް ދެއްވި ފަރާތްވެސް ހަނދާން ނެތިފައިވާ ކަމެވެ. ތިމާއަކީ މަރުވެ ފަނާވާނެ މީހެއްކަން ވިސްނުމުގައި ނެތްކަމެވެ. މިއީ އެންމެ ބޮޑު ސުންޕާކަމެވެ. ﷲ ތަޢާލާ، އެ އިލާހުގެ އަޅުތަކުންނަށް މިކަން ހަނދުމަ ކޮށްދެއްވަމުން ވަޙީކުރައްވާފައި ވެއެވެ. يَا أَيُّهَا النَّاسُ إِنَّ وَعْدَ اللَّـهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا ۖ وَلَا يَغُرَّنَّكُم بِاللَّـهِ الْغَرُورُ ﴿٥﴾ [فاطر] މާނައީ: " އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ﷲގެ ވަޢްދުފުޅަކީ ޙައްޤު ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި ﷲ އާމެދު ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!
ރ- މިއާއި ޚިލާފަށް، އެއްކަލަ، ވާލެއް ޔާރެއް ނެތް އެކުވެރިޔާގެ ފިކުރާއިމެދު ވިސްނާލުމުން ފެންނަނީ، ޙިއްސުތަކަށް އިޙްސާސް ކުރެވޭ ދުނިޔެއިން ފެށިގެންގޮސް، ޣައިބުގެ ޢާލަމާ ހަމައަށް، އޭނާގެ ވިސްނުމާއި ފިކުރު ތަނަވަސްވެ، ދެމިގެން ގޮސްފައިވާ ތަނެވެ. އެއްކޮޅުން ބިންމަތީގައި ހިނގަމުންދާއިރު، އަނެއްކޮޅުން އޭނާގެ ފިކުރު ވަނީ، އުޑާއިހަމައަށް އުފުލިފައެވެ. މީނާގެ މިސާލަކީ، الحَارِثَةُ بْنُ مَالِكٌ الأَنْصَارِيْ ގެ މިސާލެވެ. އެކަލޭގެފާނު، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރިކަނޑައި ދަނިކޮށް، މާތް ނަބިއްޔާ، އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. "އޭ، ޙާރިޘާ އެވެ! ތިބާ ހެނދުންކުރީ ކިހިނެއްހެއްޔެވެ؟" އެކަލޭގެފާނު ދެންނެވިއެވެ. "ތިމަންކަލޭގެފާނު ހެނދުން ކުރެއްވީ ޙަޤީޤީ މުއުމިނެއްގެ ގޮތުގައެވެ." ޙަދީޘްކުރެއްވިއެވެ. "ތިބާ ތިޔަ ބުނާ އެއްޗަކަށް ބަލާށެވެ! އެހެނީ ކޮންމެ ބަހަކަށްވެސް ޙަޤީޤަތެއް ވެއެވެ. ތިބާގެ އީމާންކަމުގެ ޙަޤީޤަތަކީ ކޮބައިހެއްޔެވެ؟ "އެކަލޭގެފާނު ދެންނެވިއެވެ. "އޭ، ﷲ ގެ ރަސޫލާއެވެ! ދުނިޔޭގެ އެދުންތަކުން ތިމަންކަލޭގެފާނުގެ ނަފްސު އެކަހެރި ކުރުމަށްފަހު، ރޭގަނޑު ހޭދަކުރަނީ ރޭއަޅުކަންކުރުމަށް ހޭލާ ހުރުމުގައެވެ. އަދި ދުވާލުގެ ވަގުތު ހޭދަކުރަނީ، ކަރުހިއްކުން ފިލުވަލާނެ ވަގުތެއްވެސް ނުހޯދައި، ﷲގެ މަގުގައި ޖިހާދުކުރުމުގައެވެ. ފަހެ، ތިމަންކަލޭގެފާނަށް، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ޢަރްޝިކޮޅު ލޮލުން ފެންނަފަދައެވެ. އަދި ސުވަރުގޭގެ އަހުލުވެރިން، އެއްބަޔަކު އަނެއްބަޔަކަށް ޒިޔާރަތްކުރާ މަންޒަރު، ފެންނަފަދައެވެ. އަދި ނަރަކައިގެ އަހުލުވެރިންގެ ރުއިމާއި ހަޅޭލުން، ތިމަންކަލޭގެފާނުގެ ލޮލުން ދެކޭފަދައެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ: "ތިބާއަށް، ޙައްޤު ފެނިއްޖެއެވެ. ތިޔަގޮތުގައި ދެމިހުންނާށެވެ! (ތިބާއަކީ) އީމާންކަމުގެނޫރު ލައްވާފައިވާ ހިތެއްގެ ވެރި އަޅެކެވެ." (مجمع الزوائد ومنبع الفوائد).
ބ- ދެރަ، ނިކަމެތި އަޅާގެ ވާހަކައިން ފާހަގަކުރެވޭ އަނެއް ކަމަކީ، އޭނާގެ ފިކުރު، ޒަމާންތަކުގެ އެންމެ ފުންމިނަށް، ތަނަވަސްވެގެންވާކަމެވެ. ފަހެ، އޭނާގެ ފިކުރުވަނީ، މާޟީގައި ކަން ހިނގާފައިވާ ގޮތާއި، ޙާޟިރުގައި ކަން ހިނގަމުންދާ ގޮތާއި، މުސްތަޤްބަލްގައި ކަން ހިނގާނެ ގޮތުގެ ތަޞައްވުރުގެ މައްޗަށް ތަނަވަސްވެގެންނެވެ. މިކަން ދޭހަވަނީ، އޭނާ، ދެ ބަގީޗާގެ ވެރިމީހާއަށް ދިން ރައްދުންނެވެ. 37 ވަނަ އާޔަތާއި 40 ވަނަ އާޔަތުގެ ތަރުޖަމާއަށް ބައްލަވާށެވެ! މި ދެ އާޔަތުގައިވެސް މި ވަނީ، ދެ ބަގީޗާގެ ވެރިމީހާއާ މުޚާޠަބުކޮށް، ދެރަ ނިކަމެތި އަޅާ ދެއްކި ވާހަކަ އެވެ.
37 ވަނަ އާޔަތުގައި ވަނީ، "މަށިން ކަލޭ ހައްދަވައި، ދެން މަނިފޮދަކުން ކަލޭ ހައްދަވައި، ދެން ފުރިހަމަ ފިރިހެނަކަށް ކަލޭ ހެއްދެވި ރަސްކަލާނގެއަށް ކަލޭ ކާފިރުވީ ހެއްޔެވެ؟" މި އާޔަތުގެ ތަރުޖަމާއަށް ފުންކޮށް ވިސްނާލުމުން، ނިކަމެތި އަޅާގެ ފިކުރު، ދެ ޒަމާނަކަށް ތަނަވަސްވެގެން ގޮސްފައިވާކަން ހާމަވެއެވެ. އޭނާގެ އަޞްލަކީ، އާދަމުގެ ދަރިންގެ ބައްޕަ ކަމުގައިވާ، އާދަމް ޢަލައިހިއްސަލާމުކަމާއި، އެކަލޭގެފާނު ހެއްދެވީ ޚާލިޤުވަންތަ އިލާހުކަމާއި، އެކަލޭގެފާނު އެއްދެވުނީ މަށިންކަމާއި މި ކަންކަމަކީ ވަރަށް ދުރު މާޟީއެއްގައި ހިނގާފައިވާ ކަންތައްތަކެވެ. އެއަށްފަހު، ކައިރި މާޟީގައި އޭނާގެ މަންމަގެ ބަނޑުގައި ނުޠުފާއެއްގެގޮތުގައި ލެއްވި ލެއްވުމެވެ. ދެން އެއަށްފަހު، ދުނިޔެއަށް އައިސް ފިރިހެނެއްގެ ސިފައިގައި މިހާރު ލައްވާފައިވާ ފުރިހަމަކަމެވެ.
40 ވަނަ އާޔަތުގައި ވަނީ، "ފަހެ، ކަލޭގެ ބަގީޗާއަށްވުރެ މާހެޔޮވެގެންވާ ނިޢްމަތް، އަހުރެންގެ ވެރިރަސްކަލާނގެ އަހުރެންނަށް ދެއްވުން ދުރުވެގެނެއް ނުވެއެވެ.] އެއީ، އޭނާގެ މުސްތަޤްބަލް އޭނާ ތަޞައްވުރުކުރާ ގޮތެވެ. އެ ނިޢްމަތް، ދުނިޔެއިން ނުވަތަ އާޚިރަތުން ލިބުނަސް މައްސަލައެއް ނެތެވެ.
އަދި ހަމަ އެހެންމެ، އެ މުއުމިން އަޅާގެ ފިކުރު، އިސްވެ ދިޔަ ކަންތައްތަކަށްވުރެވެސް ތަނަވަސްވެގެންވާތަން، އޭނާގެ ވާހަކަތަކަށް ފުންކޮށް ވިސްނާލުމުން ހާމަވެއެވެ. މި ގޮތުން ބަލާއިރު، އޭނާގެ ފިކުރު، ވަކި މައުޟޫޢަކަށް، ނުވަތަ ޙަޔާތުގެ ވަކި ބަޔަކަށް ހަނިވެފައެއް ނުވެއެވެ. އަދި ކީއްހެއްޔެވެ؟ އޭނާގެ ފިކުރު، ދެ ޙަޔާތަށް ޝާމިލުވެފައިވުމުގެ އިތުރުން، އޭނާ ފިޔަވައި އެހެން މީހުނާހަމައަށްވެސް ވަނީ ތަނަވަސްވެފައެވެ.
ޅ- އިންސާނާ، އޭނާގެ އަޞްލު ހަނދާންނައްތާލައި، ﷲ ތަޢާލާ އޭނާއަށް ދެއްވާފައިވާ އެންމެ މަތިވެރި ނިޢްމަތްކަމުގައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފައި، ނިޢްމަތް ދެއްވި ފަރާތްކަމުގައިވާ ﷲ ތަޢާލާއާމެދު ޣާފިލުވެގެންފިނަމަ، މަޚްލޫޤުންގެތެރެއިން އެންމެ ދަށު ދަރަޖައަށް ވެއްޓޭކަށް، ގިނަ އިރުތަކެއް ނުނަގާނެއެވެ.
ކ- އިންސާނާ އިމްތިޙާނުކުރެވޭ ތަކެތީގެތެރޭގައި މުދަލާއި އަނބިދަރިންނާއި އަގުބޮޑު ސަވާރީތަކާއި މިފަދަ ކިތަންމެ ތަކެއްޗެއް ހިމެނެއެވެ. މި ވާހަކާގައި މިވަނީ، މިފަދަ ބައެއް ނިޢްމަތް ދެއްވުނު މީހެއްގެ ވާހަކައެވެ. އިންސާނުންގެތެރެއިން މިފަދަ ނިޢްމަތްތައް ދެއްވާ ގިނަ މީހުންގެ ގޮތަކީ، މި ވާހަކައިގައިވާ، ދެ ބަގީޗާގެ އަހުލުވެރިޔާފަދައިން، ބޮޑާވެ ކިބުރުވެރިވެ، ނިޢްމަތް ދެއްވި ފަރާތް ހަނދާން ނައްތާލުމެވެ. އަދި އެ މީހުންގެ ސުވަރުގެއަކީ މިއީ ކަމުގައި ހެދުމެވެ. އަލުން އެހެން ދުނިޔެއަކަށް ދާންޖެހޭނެކަމެއް، ހިސާބެއްކިތާބެއް، ޘަވާބެއްޢިޤާބެއް، ސުވަރުގެއެއްނަރަކައެއް ވާކަން ހަނދާން ނައްތާލުމެވެ. އެފަދަ މީހުންގެ ނިމުން އަންނަ ގޮތުގެ ހިތިކަން، މި ވާހަކައިން ދަސްކުރަން ޖެހެއެވެ.
އ- މި ވާހަކައިގައިވާ ނިކަމެތި ފަޤީރުމީހާގެ ވާހަކައިން ލިބިގަންނަންޖެހޭ އަނެއް ޢިބްރަތަކީ، ކޮންމެ މުސްލިމަކު އޭނާގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު، ރީތިގޮތުގައި އަދާކުރަންޖެހޭކަމެވެ. އެއީ، ޝައުޤުވެރި ކުރުވުމާއި، ބިރުވެތިކުރުވުމުގެތެރެއިން ﷲ ގެ ދީން މީސްތަކުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.
އަދި އޭނާގެ ޙަޔާތުގެ ކޮންމެ ސިކުންތެއްގައިވެސް، މި ޒަމާނުގެ ބަހުރުވައިން ބުނާނަމަ، ކަންކަމުގައި "ފުންކޮށް ވިސްނުން] (Deep thinking) އާއި، [ފަހި ވިސްނުން] (Positive thinking) ގެންގުޅުމާއި، ޙަޔާތުގެ [ތަޞައްވުރެއް] (Vision) އެއް އޮތުމުގެ މުހިއްމުކަމެވެ.
ކުރީގައިވެސް ދެންނެވިހެން، އަހަރުމެންގެތެރެއިން ވަރަށް ގިނަ މީހުން، ކޮންމެ ހުކުރުދުވަހަކުހެން، މި މަތިވެރި ސޫރަތް ކިޔަވަމުންގެންދެއެވެ. ސުއާލަކީ، މި ލިޔުމުގައި މިވާފަދަ އެންމެ ފިލާވަޅެއްވެސް، މިހާތަނަށް ލިބިފައި ވޭހެއްޔެވެ؟ ލިބިފައި ނުވާނަމަ އެ ކަމާ ހިތާމަކުރަން ޖެހެއެވެ. އެހެނީ، ޤުރްއާނަކީ، ހަމަ އެކަނި، ރީތި ރާގު ރާގަށް ކިޔަވަން، ބާވައިލައްވާފައިވާ ފޮތެއް ނޫނެވެ. އެ ފޮތް ބާވައިލެއްވީ އެ ފޮތުގައިވާ މިފަދަ މަތިވެރި ފިލާވަޅުތަކުން ޢިބްރަތް ޙާޞިލްކޮށް، އެ ފިލާވަޅުތަކުގެ އަލީގައި، އިންސާނާގެ ދެ ޙާޔާތް ބާއްޖަވެރިކުރުމަށެވެ.