ވަރަށް ޚުޝޫޢަތްތެރި ކުޑަކުއްޖެއްގެ ވާހަކަ

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ " ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރ" ގައި 1985ން 2010 ވަނަ އަހަރާ ހަމަޔަށް އަހަރެން މަސައްކަތް ކުރީމެވެ. އެ ދިގު 25 އަހަރުގައި، އާންމުންގެ ދިހަ ބާރަ މީހުންނަށް ފެނިފައި ނުވާނެހައި ބަލިހާލުގައި އުޅުނު މީހުން އަހަންނަށް ވާނީ ވަރަށް ގާތުން ފެނިފައެވެ. ކަށި މުގުރިފައިވާ މީހުންނާއި ދިރިހުރުމުގެ ހިތްވަރު ފުނޑުފުނޑުވެފައިވާ މީހުން، އެ މުއްދަތުގައި އަހަންނަށް ފެނިފައިވާނީ އެއްވެސް މީހަކަށް ފެންނަން ނުވާހައި ގިނައިންނެވެ. ނަމަވެސް މީގެ ދޮޅަހަކަށް އަހަރު ކުރިން އަހަންނަށް ފެނުނު އަސަރުގަދަ މަންޒަރެއްގެ ހަނދާން ހިތުގައި ބިންވަޅު ނެގިފައިވާ މިންވަރު އަދިވެސް ހަމަ ކުޑަކޮންވެސް ފަނޑު ނުވާތީ، އެވާހަކަ ލިޔެލިޔަ ދެއްވާށެވެ.

އިންސާނެއްގެ ކެތްތެރިކަމާއި ހިތްވަރުގަދަ ކަމާއި އަދި އޭނާގެ ހިތުގައިވާ ވަރުގަދަ އީމާންކަމުން އަހަންނަށް އެރޭ ކުރިވަރުގެ އަސަރެއް މުޅި އުމުރުގައިވެސް އަދި ނުކުރެއެވެ. އެއީ ބަރަކާތްތެރި ރޯދަ މަހެއްގެ ކުރީކޮޅުގެ ރެއެކެވެ. ކިންގް ފައިސްލް ހޮސްޕިޓަލުގައި ބަލި މީހުންނަށް ނަމާދު ކުރެވޭގޮތަށް ވަރަށް ތަނަވަސް ނަމާދުގެއެށް ހުރެއެވެ. ދުނިޔޭގެ އެކި ހިސާބުހިސާބުގެ ޑަކްޓަރުންނާއި  ނަރުހުންނާއި ނަމާދު ކުރެވޭވަރުގެ ބަލި މީހުނުން އެ ތަނަވަސް ނަމާދުގެ، ދަތިނުވެ އެކަމަކު ހަމަ ފަޅުފިލާވަރަށް ފުރެއެވެ.

ތިޔަ އިއްޒަތްތެރި ކިޔުންތެރިންނަށް ކިޔައިދޭން މިއުޅެނީ އުމުރުން އަދި ދިހަ އަހަރު ނުވާ ކުޑަ ފިރިހެން ކުއްޖެއްގެ ވާހަކައެކެވެ. މީނާ އިޝާނަމާދަށް އައީ އޭނާގެ އަރިކަށީގެ ކޮންމެވެސް ހިސާބެއް ތޮރުފާފައި ގުޅާފައި ހުރި ހޮޅިތަކާއި އެ ހޮޅިތަކުގެ އަނެއްކޮޅު ގުޅާފައި ހުރި ދެ މީޓަރު ހަރުކޮށްފައި ހުރި ފުރޮޅުލީ ހަރު މަޑުމަޑުން ދަމަމުންނެވެ.

އިމާމުމީހާ ސަފަށްގޮވުމުން އެއް އަރިމަތީގައި މަޑުމަޑުން ހުއްޓި ހުއްޓެވެ. މީނާ އެހުންނަނީ އެހެން މީހުންނަށް އުނދަގޫ ނުވާގޮތަށް، ސަފުގެ އެއްކައިރި ބޭނުންވެގެންކަން ނަމާދަށް ތެދުވި މީހުންނަށް އިސާހިތަކު އެނގި، އޭނާއަށް އެފަދަ ތަންކޮޅެއް ފަހިކޮށްދީފިއެވެ. މި ކުޑަކުއްޖާގެ މަޑުމައިތިރި ކަމާއި އެ ޅަ އުމުރުގައި އޭނާގެ ކިބައިން ފެންނަ ހަރު ކަމާއި ހަރުދަނާ ކަމެއްގެ ސަބަބުން، އޭނާ ހަށަންބަންނަންދެއް އަހަރެން ބަލަން ހުރީމެވެ. ތެދައް، ސީދާ ތެދަށް ބުނަންހެއްޔެވެ؟ އެކުއްޖާ ހަށަންބަނދެ، މުޅި ނަމާދުގެ ހިމޭންވި ފަހުންވެސް ހަށަންނުބަނދެ އަހަރެން އަދި އިރުކޮޅަކު އެކުއްޖާއަށް  ބަލަން ހުރީމެވެ!

އަހަރެން ހިތަށްއެރިއެވެ. އުމުރުން ދިހަ އަހަރު ނުވާ ކުޑަކުއްޖެއްގެ ކިބައިން އެފަދަ ޚުޝޫޢަތްތެރިކަމެއް އަޅެ އެއްވެސް މީހަކަށް މިދުވަސްވަރު ފެނިފައިވާނެ ބާއެވެ؟ އެރޭގެ އިޝާނަމާދު ނިމި، ތަރާވީސްކުރިއިރު އެންމެ ރަކުއަތެއް ވައްޓާނުލައި ހުރިހާ ރަކުއަތެއްގައި އެ ޅަ އުމުރުގައި އޭނާ ބައިވެރިވިއެވެ! ތަރާވީޙްނަމާދު ނިމުމުން އެކުއްޖާގެ ގާތަށް ލެފިލާފައި، ސަލާން ކޮށްލާފައި އޭނާގެ ހާލު އަހައިލީމެވެ. އަހަރުމެން މުސްލިމުންގެ އާދައިގެ މަތިން ﷲ އަށް ޙަމްދުކޮށް، ހާލު ރަގަޅުކަމަށް ބުންޏެވެ. އޭނާގާތުގައި އަހަރެން ބުނީމެވެ. ކޮއްކޮ ނަމާދަށް ހުއްޓައި ފޮޓޯއެއް ނެގީމެވެ. އެ ފޮޓޯ ނެގީ، ތިޔަ ހޮޅިތަކާއި އެ ހޮޅިތަށް ގުޅިފައި ހުރި ތަފާތު މެޝިންތައް ހަރުކޮށްފައި ހުރި ހަރާ އެކީގައި ނަމާދަށް އައިސް ހުރީތީ އެވެ. އަދި ވަކީން ބޮޑަށް، މި ފޮޓޯ ނެގި ސަބަބަކީ، ނަމާދުގައި ކޮއްކޮގެ ފަރާތުން ފެންނަ މަޑުމޮޅިކަމާއި ޚޫޝޫޢަތްތެރިކަމުގެ ސަބަބުންނެވެ. މިހެން ބުނެފައި އަހަރެންގެ ފޯނު ދިއްކޮށްލުމުން އޭނާގެ ފަހަތުގައި ހުރެ އަހަރެން ނެގި ފޮޓޯއަށް ކުޑައިރުކޮޅަކު ބަލާލައި ހިނިތުންވެލިއެވެ. އިތުރު އެއްޗެއް ނުބުނެއެވެ!

އެ ކުއްޖާ ގާތުގައި އަހަރެންގެ ނަން ބުނެފައި، " މި ފޮޓޯ ފޭސްބުކްގައި ހިއްސާ ކުރިޔަސް އެންމެ ރަނގަޅުތޯ" އަހަރެން އަހައިލީމެވެ. "އަދި ފޭސްބުކްގައި މި ފޮޓޯ ޖެހުމުން މި ފޮޓޯ ފެންނަ ކޮންމެ މީހަކު ކޮއްކޮއަށް ހެޔޮ ދުއާ ކޮށްދޭނެކަން ހަމަ ޔަގީނެވެ" ވެސް ބުނީމެވެ. މިހެން ބުނުމުން އޭނާގެ ޖަވާބުން އަހަރެން ހަމަ ވަގުތުން ފެންކަޅިވިއެވެ! " އެންމެ ރަނގަޅެވެ. އެކަމަކު އެމީހުންގެ ދުޢާގައި މުސްލިމުންގެ ތެރެއިން ބަލިވެ އުޅޭ ހުރިހައި މީހުން ޝާމިލުވާގޮތަށް ދުއާ ކޮށްދެންވާނެ ކަމުގައި ލިޔުއްވައްޗެވެ!" އެހެން ލިޔަން އަހަރެން ވައުދުވީމެވެ.

އިއްޒަތްތެރި ކިޔުންތެރިޔާއެވެ! ތިބާ މިހިސާބަށް މި ލިޔުންކޮޅު ކިޔުއްވައިފިނަމަ، ހުރިހާ މުސްލިމުންނަށް ހެޔޮ ދުއާ ކޮށްދެއްވާށެވެ. އަދި ވަކީން ޚާއްސަކޮށް މުސްލިމުންގެ ތެރެއިން ބަލިވެ އުޅޭ މީހުންނަށް ވަކީން ޚާއްސަ ދުއާއެއް ކޮށްދެއްވާށެވެ. މި އެދުމަކީ، "އަހަންނަކީ އަދި ކުޑަކުއްޖެކޭ، މި ހޮޅިތަކާ އެކީގައި، މި މެޝިންތައް ދަމަމުން އަހަންނަށް ނަމާދު ކުރެވޭނެހޭ " ކިޔައި އެފަދަ އެއްވެސް ބަހަނާއެއް ނުދައްކައި، ބޮޑެތި މީހުންގެފުށުން ވެސް  ނަމާދުގައި އާންމުކޮށް ނުފެންނަ ޚޫޝޫޢަތްތެރި ކުޑަކުއްޖެއްގެ އެދުމެކެވެ!

(ލިޔުއްވި ޑަކްޓަރުގެ ނަން ހާމަ ނުކުރައްވާ) އަރަބި ބަހުން ދިވެހިބަހަށް އެނބުރީ : އަޙްމަދް ސަމީރު ޢަލީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.