މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
އިސްލާމްދީނަކީ ﷲއަށް ކިޔަމަންގަތުމުގެ ދީނެވެ. އެ ދީނަށް އީމާންވުމާއެކު އިންސާނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ހިނގައިދެއެވެ. އެޔާއެކު އޭނާގެ އެދުންތަކާއި އިހުސާސްތަކާއި ޝައުގުވެރިކަންވެސް ބަދަލުވެއެވެ. މި ހުރިހައި ކަމެއްގައި ޖެހެނީ ﷲއަށް ކިޔަމަންގަތުމުގެ ކުލައެވެ.
[އިސްލާމް] މި ބަހުގެ މާނައަކީ ބޯލަނބައި ކިޔަމަންގަތުމެވެ. އިސްލާމްދީނަށް މި ނަން ދެވިފައިވަނީ އެ ދީނުގެ މައިގަނޑު އަސާސަކީ ﷲއަށް ބޯލަނބައި ކިޔަމަންގަތުން ކަމުގައި ވާތީއެވެ. އިސްލާމަކަށް ވަނީ އޭނާގެ ވިސްނުމާއި ބަހާއި އަމަލުން ފުރިހަމައަށް ﷲއަށް އީމާންވީމައެވެ. އޭނާ ކޮންމެ މުއާމަލާތެއްވެސް ކުރާނީ މި ކިޔަމަންގަތުމުގެ ދާއިރާގެ ތެރޭގައެވެ. ކޮންމެ ކަމެއްގައިމެ އޭނާ ބޯލަނބާނީ ﷲގެ އިރާދަފުޅަށެވެ. އިސްލާމްދީނަކީ މުޅި ކާއިނާތުގެ ދީނެވެ. އެހެނީ ކާއިނާތުގައި ލެއްވި ހުރިހައި އެއްޗެއްމެ ހިނގަމުން ދަނީ ﷲ މިންވަރު ކުރައްވައިފައިވާ އުސޫލުތަކާ އިރާދަފުޅާ އެއްގޮތަކަށެވެ.
އިންސާނުންގެ ކިބައިންވެސް ފެންނާން ޖެހެނީ މި އިލާހީ އުސޫލަށް ބޯލެނބުމެވެ. ކޮންމެ އިންސާނެއްމެ ދިރިއުޅުން ވޭތުކުރާން ޖެހެނީ ކާއިނާތުގެ އެހެން އެއްޗެއްސެކޭ އެއްފަދައިން އިލާހީ އުސޫލުތަކަށް ބޯލަނބައިގެން ތިބެ، ކިޔަމަންތެރިކަމާއެކު، ﷲގެ އަޅެއްގެ ގޮތުގައެވެ. ތަފާތަކީ އިންސާނުން ފިޔަވައި އެހެން ހުރިހައި އެއްޗެއް ﷲއަށް ބޯލަނބަނީ އެތަކެއްޗަށް ކަނޑައެޅިފައިވާ މަޖުބޫރު އުސޫލުތަކެއްގެ ސަބަބުންނެވެ. އިންސާނާ ﷲއަށް އީމާންވެ ކިޔަމަންތެރިކަން އަދާކުރާން ޖެހެނީ އޭނާގެ ފުރިހަމަ އިޚްތިޔާރާއެކުގައެވެ. އަމިއްލަ ބުއްދިއާއި ވިސްނުމުގެ ބޭނުންކޮށްގެންނެވެ.
އިންސާނާ އިސްލާމްދީނަށް ވަންނަނީ އޭނާގެ ވިސްނުން އިސްލާމީ އުސޫލުތަކަށް އެނބުރުނީމައެވެ. އެޔާއެކު އޭނާގެ އެދުންތަކާއި އިހުސާސްތަކާއި ޝައުގުވެރިކަމާއި ގުޅުންތައް ކަޅިވެގެން ދަނީ ﷲ ރުހިވޮޑިގަންނަވާ ކުލަތަކުންނެވެ.
ދެން އޮތީ އޭނާގެ ދުވަހީ ދިރިއުޅުމެވެ. އޭނާގެ ދިރިއުޅުމުގެ ހުރިހައި ކަމަކާއި ސުލޫކެއް ބަދަލުވެގެން ދާނީ އިސްލާމީ އުސޫލުތަކުގެ މައްޗަށެވެ. ކުރުކޮށް ދަންނަވާނަމަ، އިންސާނާގެ އެތެރެފުށާއި ބޭރުފުށުގެ ހުރިހައި ކަމެއް ﷲގެ ރުއްސެވުމާ އެއްގޮތަށް، އިސްލާމީ ހަމަތަކަށް ފެތިގެން ކިޔަމަންތެރިކަމާއެކު ކުރެވޭ ކަންތައްތަކެއް ކަމަށް ބަދަލުވެގެން ހިނގައިދާނެއެވެ.
އިންސާނާ އުފެއްދެވީ ﷲއެވެ. އެހެންވީމާ މުއުމިނެއްގެ ދުނިޔަވީ ދިރިއުޅުން ބިނާކުރުން ލާޒިމުވެގެން ވަނީ ﷲއަށް ކިޔަމަންތެރިވުމުގެ މައްޗަށެވެ. އިސްލާމްދީނުގައި ހެޔޮ ދިރިއުޅުމެއް ކަމަށް ބެލެވެނީ ﷲގެ މިންވަރުފުޅަށް ރުހިގެން ކިޔަމަންތެރިކަމާއެކު އުޅޭ ދިރިއުޅުމެކެވެ. މިޔާ ޚިލާފަށް އުޅޭ ދިރިއުޅުމަކީ ކިބުރުވެރިކަމާއެކު ﷲއާ ގުޅުން ކަނޑައިލައިގެން ތިމާ ބޭނުންވާހައި ގޮތަކަށް އުޅޭ ދިރިއުޅުމެވެ. އެއީ ހަލާކުގެ މަގަށް އިންސާނާ ގެންގޮސްދޭ ދިރިއުޅުމެކެވެ.
