މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ކޮންމެ މީހަކީވެސް އުފަންވީއްސުރެ ތެދު ދެނެގަތުމުގެ އެދުން އޮންނަ މީހެކެވެ. ތެދު ދެނެގަނެވޭ ކޮންމެ މީހަކީ ރޫޙާނީ ގޮތުން ހެއިއަރައިފި މީހެކެވެ. ދެނެނުގަނެވުނު މީހާއަކީ ރޫޙާނީގޮތުން މަރުވެއްޖެ މީހެކެވެ.
ކީރިތި ޤުރްއާނުގެ 6 ވަނަ ސޫރަތުގައި ﷲ ވަޙީކުރައްވައިފައި ވެއެވެ. [(ކާފިރުކަމުން) މަރުވެފައިވަނިކޮށް (ތެދުމަގު ދެއްކެވުމުން) ތިމަންރަސްކަލާނގެ އެމީހަކު ދިރުއްވައި، މީސްތަކުންގެ ތެރޭގައި އެނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއްލެއްވި މީހަކާއި، އަނދިރީގެ ތެރޭގައި ނުނިކުމެހުންނަ މީހަކާ އެއްފަދަވާނޭ ހެއްޔެވެެ؟ އެފަދައިން، ކާފަރުންނަށް އެއުރެންކޮށް އުޅުނު އަމަލުތައް ޒީނަތްތެރިކޮށް ދެއްވިއެވެ.]
އެކަކީ އޭނާޔާ ހަމައަށް ހައްގު ގޮތް ނުފޯރާ މީހާއެވެ. ނުވަތަ ހައްގު އޭނާގެ ކުރިމައްޗަށް އައި ނަމަވެސް އިންކާރުކުޅަ މީހާއެވެ. މިފަދަ މީހަކީ ބުއްދީގެ ގޮތުން ނުވަތަ ފިކުރީ ގޮތުން މަރުވެފައިވާ މީހެއް ފަދަ މީހެކެވެ. ހައްގު މަގުން މަހުރޫމުވުމުގެ ނަތީޖާއަކީ އޭނާގެ އެތެރޭގެ ޝަޚުސިއްޔަތު ސީދާ މަގުގައި ހަރަކާތްތެރިނުވުމެވެ. އޭނާގެ ސިކުނޑިއަށް ބޭނުންވާ ފިކުރީ ފަރުވާ ނުލިބުމެވެ. އޭނާގެ ރޫހުގައި ގުދުރަތީ ގޮތުން ލައްވައިފައިވާ ދެނެގަތުމުގެ އެދުން އޮތް ނަމަވެސް ބޭނުންވާ ތެދާ ހަމައަށް ވާސިލުވެވޭގޮތް ނުވުމެވެ.
ޖިސްމާނީ ގޮތުން ބަލާއިރު އިންސާނާ ދިރިހުރި ކަމުގައި ވިޔަސް، ރޫޙާނީ ގޮތުން އޭނާ ހުންނާނީ މަރުވެފައެވެ. މާއްދީ ކާނާ ނުލިބުމުގެ ސަބަބުން ހަށިގަނޑު، ފުރާނަނެތް މަސްގަނޑަކަށް ވާފަދައިން، އޭނާގެ އެތެރޭގެ ޝަޚުސިއްޔަތު އޮންނާނީ މަރުވެފައިވާ ހާލަތެއްގައެވެ. ޖިސްމާނީ ގޮތުން އޭނާ ދިރިހުންނާނެއެވެ. އެކަމަކު ރޫޙާނީގޮތުން މަރުވެފައިވާ މީހަކަށް އޭނާ ވެދާނެއެވެ.
މިޔާ ޚިލާފަށް އަނެކާގެ ކުރިމައްޗަށް ހައްގު ގޮތް އައުމާއެކު ހުޅުވިފައިވާ ސިކުނޑިއަކާއެކު އެކަމެއް ގަބޫލުކުރުމުގެ ސަބަބުން އޭނާގެ އެތެރޭގެ ޝަޚުސިއްޔަތު ކުއްލިއަކަށް ހޭލައި، ހަރަކާތްތެރިވާން ފަށައިފާނެއެވެ. ހައްގަކީ އޭނާގެ ލޮލުގެ ނޫރުކަމުގައި ވެދާނެއެވެ. އެ ނޫރުގެ އަލީގައި އޭނާއަށް ހެޔޮ މަގު ފެންނާން ފަށައިފާނެއެވެ. ހައްގަކީ އޭނާގެ ފަޔަށް ލިބޭ ބާރަކަށް ވެގެން ހިނގައިދާނެއެވެ. އެޔާއެކު އޭނާ ބާރުލައިފައި ހައްގުގެ މަގުން ހިނގައިގަންނާނެއެވެ. އޭނާގެ ބަހާއި އަމަލުގައި ހައްގު ގޮތުގެ ކުލަވަރު ޖެހިގެން ހިނގައިދާނެއެވެ. އޭނާގެ ދިރިއުޅުން ވާނީ ހައްގުގެ ނުވަތަ ތެދުވެރިކަމުގެ ދިރިއުޅުމަކަށެވެ. އޭނާގެ މަރު ވެގެންދާނީ ހައްގުގެ މަރަކަށެވެ.
ހަގީގަތް ދެނެގަންނަ އިންސާނާއާއި ހަގީގަތުން މަހުރޫމުވެފައިވާ އިންސާނާގެ އޮންނަ ތަފާތަކީ ދިރިހުރުމާއި މަރާ ދެމެދު އޮންނަ ތަފާތެވެ. އެކަކު ވާނީ މުޅަ ވުޖޫދަކަށެވެ. އަނެކަކު ވާނީ ފުރިހަމަ މާނައިގައި ދިރިހުރި މީހަކަށެވެ.
