ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 3

(2 އޮކްޓޯބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

رســـول اللّــــه صـلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީޘްކުރައްވައިފައިވެއެވެ. ތިމަންކަލޭގެފާނަކީ ސަލާމްލެއްވި إبــــراهــيـــــم ގެފާނުގެ ދުޢާފުޅެވެ. إبــــراهــيـــــم عــلــيـــه الـسّــلام، كــعـــبـــة اللّــــه ގެފުޅު ބިނާކުރެއްވިއިރު ދުޢާފުޅު ކުރެއްވިއެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މިއަޅާގެ ދަރިފުޅު إسمـــــاعـــيــــل ގެ ދަރިކޮޅުން ރަސޫލަކު ފޮނުއްވާނދޭވެ! ނަމަވެސް إبــــراهــيـــــم ގެފާނުގެ މިދުޢާފުޅު ކުރެއްވުމާ ރަޙްމަތުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وســلّـــــم ރައްކައުވުމާ ދެމެދު ގާތްގަނޑަކަށް ދެހާސް ފަސްސަތޭކަ ވަރަކަށް އަހަރުގެ ރާސްތާއެއް ވެއެވެ. މިތާނގައި ވިސްނައިލަންޖެހޭކަމެއް އެބައޮތެވެ. ސަލާމްލެއްވި زكـــــــريــّـا ގެފާނު އެކަލޭގެފާނުގެ ދަރިކޮޅުގައި ނަބިއްޔަކު ލެއްވުމަށް އެދިވަޑައިގެން ދުޢާކުރެއްވުމުން އެއްއަހަރުގެ ތެރޭގައި އެކަލޭގެފާނަށް يحــــيى ގެފާނު ލިބިވަޑައިގެންފިއެވެ. ނަމަވެސް إبــــراهــيـــــم ގެފާނު ހަމަ އެބާވަތުގެ ދުޢާފުޅެއް ކުރެއްވުމުން އެދުޢާފުޅު ޤަބޫލުކުރެއްވުމުގެ ޢަމަލީ ނަތީޖާ ފާޅުވުމާމެދު ދެހާސް ފަސްސަތޭކަ ވަރަކަށް އަހަރުގެ މުއްދަތު ހޭދަވިއެވެ. މިތަފާތުގެ ސަބަބަކީ ކޮބައިތޯއެވެ؟

މާފަގެ ލޯބި ދާނިޔާލާއި ދާއިނާ މަސްޖިދުލްޙަރާމްގެ ތެރެއިންމަސްޢާއަށް ވަންނަނީ

ލޯބިވާ ދަރިފުޅާއެވެ. އޭގެ ސަބަބަކީ ސަލާމްލެއްވި يحــــيى ގެފާނަށް އަދާކުރައްވާން ޖެހިވަޑައިގެންފައިއޮތީ ވަގުތީ ދައުރެކެވެ. އެކަލޭގެފާނު ފޮނުއްވީ ދީނާމެދު ޔަހޫދީންގެ ހުރި ކެހިވެރިކަން ފާޅުކުރެއްވުމަށްޓަކައެވެ. ޔަހޫދީން އަތުން އެންމެފަހުން يحــــيى ގެފާނު ޝަހީދުވެވަޑައިގެން ޔަހޫދީންވަނީ އިޞްލާޙުނުވާ ދަރަޖަޔަށް ނުބައިކަމުގެ ތެރެއަށް ފެތިފައިކަން ސާބިތު ކުރެއްވުމެވެ. މާތް اللّــــه ގެ ފޮތުގެ ވެރީންކަމުގެ މަޤާމުން އެބައިމީހުން ވަކިކުރައްވައި އެބައިމީހުންގެ ބަދަލުގައި މާތް اللّــــه ފޮތުގެ ވެރީންގެ މަޤާމު އެހެން ޤައުމަކާ ޙަވާލުކުރެއްވުމުގެ ވަގުތު އަތުވެއްޖެކަން ސާބިތު ކުރެއްވުމެވެ. يحــــيى ގެފާނުގެ މުހިންމަތާ ޚިލާފަށް އިސްލާމްދީންގެ ނަބިއްޔާގެ މަސްއޫލިއްޔަތަކީ ޝިރުކު ބަލިކުރައްވައި ތައުޙީދަށް އެންމެ މަތިވެރި ފިކުރުގެ މަޤާމު ހޯއްދަވައިދެއްވުމެވެ. ސަބަބުތަކުގެ ގިއުގަނޑުގެ ތެރެއިން އެކަން ފުރިހަމަ ކުރެއްވުމަށްޓަކައި އައު ޞާލިޙު ޤައުމަކާއި އެކަށޭނަ ވެއްޓެއް ބޭނުންވެއެވެ. إبــــراهــيـــــم ގެފާނުގެ ދުޢާފުޅަށްފަހު ދެހާސް ފަސްސަތޭކަ ވަރަކަށް އަހަރު ވޭތުވީ އަސްބާބުތަކުގެ ފަރުދާގެ ތެރޭގައި އިސްވެ މާފަބުނި ޤައުމާއި، އިސްވެކިޔައިދިން ވެށި ތައްޔާރު ކުރެއްވުމަށްޓަކައެވެ. (މާގެ ފޮތެއްކަމުގައިވާ ދުނިޔެ ބަދަލުކޮށްލެއްވީ ނަބިއްޔާ – އެއްވަނަ ބައިން ޚުލާޞާކޮށްފައި)

ޞަފާ ފަރުބަދަ

ރަޙްމަތުގެ ނަބިއްޔާގެ ވަންހަފުޅު
إسمـــــاعـــيــــل عــلــيـــه الـسّــلام ގެ ދަރިކޮޅު

ލޯބިވާ ދަރިފުޅާއެވެ. ކުރީންވެސް މާފަކިޔައިދިން ފަދައިން إبــــراهــيـــــم عــلــيـــه الـسّــلام މިސުރުގެ ދަތުރުފުޅު ނިންމައިލެއްވުމަށްފަހު އެކަލޭގެފާނުގެ އަނބިކަނބަލުން السّــيّــدة ســــارة އާއި السّــيّــدة هـــاجـــــــر އާ ގޮވައިގެން ވަޑައިގެންނެވީ ފަލަސްޠީނަށެވެ. إبــــراهــيـــــم عــلــيـــه الـسّــلام، السّــيّــدة ســــارة ގެ ރުހިވަޑައިގެންނެވުމާއެކު السّــيّــدة هـــاجـــــــر އާ ކާވެނިފުޅު ބައްލަވައިގެންނެވިއެވެ. އަރަހުށި މާތް اللّــــه، إبــــراهــيـــــم عــلــيـــه الـسّــلام އަށް السّــيّــدة هـــاجـــــــر ގެ ބަނޑުފުޅުން މާތް ދަރިކަލަކު ދެއްވިއެވެ. إبــــراهــيـــــم ގެފާނު އެދަރިކަލުންނަށް ނަންދެއްވީ إسمـــــاعـــيــــل ގެ ނަމުންނެވެ. (ސަމަޢު އީލް – ކަލާނގެ އައްސަވައި ވޮޑިގެންފިއެވެ.)

إسمـــــاعـــيــــل ގެފާނު ރައްކައުވިތާ ގިނަދުވަސްތަކެއް ނުވަނީސް إبــــراهــيـــــم عــلــيـــه الـسّــلام، السّــيّــدة هـــاجـــــــر އާއި ތުއްޕުޅު ދަރިކަލުން إسمـــــاعـــيــــل ގޮވައިގެން ހިޖާޒުކަރަޔަށް ވަޑައިގެން އެތާނގެ ފެނެއް ދަނޑުވެރިކަމެއްނެތް ވާދީއެއްގައި بـيـت اللّــــه ގެ އަރިހުގައި އެދެމައިކަނބަލުން ބައިތިއްބެވިއެވެ. އޭރު އަދި ގެފުޅެއްނެތެވެ. ހުރީ ކުރީގެ ތަރާގަނޑެކެވެ. ނުވަތަ ރަތްކުލައިގެ ހިލައިގެ އުސްތަނެކެވެ. ބައެއް މުއައްރިޚުން ވިދާޅުވާގޮތުގައި إبــــراهــيـــــم عــلــيـــه الـسّــلام އެދެމައިކަނބަލުން ދޫކުރެއްވީ ފަހުން ޒަމްޒަމް ވަޅުކޮޅު އުފެދުނުތާނގެ ކައިރީގައި އޭރުހުރި ވަރަށްބޮޑު ގަހެއްގެ ދޮށަށެވެ.

ބައެއް މުއައްރިޚުން ލިޔުއްވާ ގޮތުގައި إبــــراهــيـــــم عــلــيـــه الـسّــلام ލޮބުވެތި އަނބިކަނބަލުންނާއި ހަންހާރަވެތި ދަރިކަލުން ވީރާނާ ވާދީއަކަށް ގެންނަވައި ދޫކުރެއްވީ السّــيّــدة ســــارة ގެ ހިތްޕުޅުގައި އުފެދުނު ޣީރަތެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އެއިރަކު السّــيّــدة ســــارة އަކަށް ދަރިކަލަކު ލިބިވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް މިއީ أبـــوالأنــبــيــــاء إبــــراهــيـــــم عــلــيـــه الـسّــلام އަށް ނިސްބަތްކޮށް ލިޔަން އެކަށޭނަ ވާހަކައެއް ކަމަކަށެއް މާފަ ނުދެކެމެވެ.

إبــــراهــيـــــم عــلــيـــه الـسّــلام އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން السّــيّــدة هـــاجـــــــر އާއި ލޮބުވެތި ދަރިކަލުން إسمـــــاعـــيــــل އެތާނގައި ވަޒަންވެރިކުރެއްވީ އިސްވެދިޔަތާނގައި މާފަކިޔައިދީފައިވާ އިލާހީ މިޝަން ފުރިހަމަކުރެއްވުމަށްޓަކައެވެ. މުޅީން އައު ޤައުމެއް ތައްޔާރުކުރެއްވުމަށްޓަކައެވެ. އޭގެ އެއްހެއްކަކީ إبــــراهــيـــــم عــلــيـــه الـسّــلام އެދެމައިކަނބަލުން އެތަނަށް ދޫކޮށްލައްވައިފައި ވަޑައިގަންނަވާން ފެށްޓެވުމުން السّــيّــدة هـــاجـــــــر ކުރެއްވި ސުވާލަށް إبــــراهــيـــــم عــلــيـــه الـسّــلام ދެއްވި ޖަވާބެވެ. السّــيّــدة هـــاجـــــــر ސުވާލުކުރެއްވިއެވެ. "ކަލޭގެފާނު އަޅުގަނޑުމެން ދެމައިންނާމެދު ކަންތައް ތިޔަކުރައްވަނީ މާތް اللّــــه ގެ އަމުރުފުޅަކާ އެއްގޮތަށްތޯއެވެ." إبــــراهــيـــــم عــلــيـــه الـسّــلام ޖަވާބުގައި ވިދާޅުވިއެވެ. "އާދޭހެވެ." السّــيّــدة هـــاجـــــــر ވިދާޅުވިއެވެ. "އެހެންކަމުގައިވާނަމަ މައްސަލައެއް ނެތެވެ. އެކަލާނގެ އަޅުގަނޑުމެން ގެއްލެންޏެއް ނުކުރައްވާނެއެވެ."

މާފަ މިކިޔައިދިނީ މަޝްރޫޢުގެ ދަށުން إبــــراهــيـــــم عــلــيـــه الـسّــلام އަށް އަމުރުކުރެއްވުނީ ޢިރާޤުގެ ރަށްވެހި ސަރަޙައްދުން ނުކުމެވަޑައިގެން އެކަލޭގެފާނުގެ އަނބިކަނބަލުން هـــاجـــــــر އާއި ދަރިކަލުން إسمـــــاعـــيــــل ގެފާނު ޙިޖާޒުކަރައިގެ ހިކި، ހަނަފަސް، ވީރާނާ ސަރަޙައްދުގައި ވަޒަންވެރިކުރައްވާށެވެ. އޭރު އެތަނަކީ ދަނޑުގޮވާން ނުކުރެވޭ ވާދީއަކަށްވާތީ އެތަން އޮތީ ދުނިޔެއާ ގުޅުންކެނޑި އެކަހެރިވެފައެވެ. އޭރު އެތާނގައި އޮތީ ރަށްވެހިކަމުގެ "ކިލަނބު" ކަމުން ދުރުގައި ފިޠުރަތުގެ ޚާލިޞް "އުނގުގައި" ޚާއްޞަ ޤައުމެއް ތައްޔާރުކުރެއްވޭފަދަ ވެއްޓެކެވެ. އިންސާނުންގެ ކިބައިގައި ލައްވައިފައިވާ ފިޠުރީ ސިފަތައް ރައްކައުތެރި ކުރެވިފައިވާ ޤައުމެއް ތައްޔާރުކުރެއްވޭފަދަ މާޙައުލެކެވެ. މާތް اللّــــه ގެ ދީނުގެ އަމާނާތާ ޙަވާލުވެވޭފަދަ ތެދުވެރި އަދި ދިރުންހުރި ޤައުމެކެވެ. މާތް اللّــــه ގެ ދީން ފާޅުކުރުމަށް ބޭނުންތެރި ބަޔަކު ކަމުގައި ނުވިމީހުންގެ ކިބައިގައިހުރި މަޞްނޫޢީ އުނި ސިފަތަކުން ސަލާމަތްވެފައިވާ ޤައުމެކެވެ. މަޝްރޫޢުގައިވާގޮތަށް ފުރިހަމަޔަށް ސްޓޭޖް ތައްޔާރުވީހިނދު ހާޝިމްވަންހައިގެ ނަބިއްޔާ آمــنــــة بـنت وهـب ގެ ބަނޑުފުޅުން ދުނިޔެއަށް ފޮނުއްވިއެވެ. އެކަލޭގެފާނަކީ ކާމިޔާބުގެ ނަބިއްޔާއެވެ. ސަލާމްލެއްވި إبــــراهــيـــــم ގެފާނު އެބޭކަލަކު ފޮނުއްވުން އެދިވަޑައިގެން ދުޢާފުޅު ކުރެއްވި ނަބިއްޔާއެވެ.

ލޯބިވާ ދަރިފުޅާއެވެ. މާފަ ކުރީންވެސް ކިޔައިދިން ފަދައިން މާތް اللّــــه ގެ އަމުރުފުޅަށް إبــــراهــيـــــم عــلــيـــه الـسّــلام އެކަލޭގެފާނުގެ އަނބިކަނބަލުން هـــاجـــــــر އާއި ދަރިކަލުން إسمـــــاعـــيــــل މިހާރު މައްކާ އާބާދުވެފައި އެވާތަނަށް ގެންދެވިއިރު، ހަނަފަސްބިމާއި، ހިކިހިލަތައް ފިޔަވައި އެހެން އެއްވެސް އެއްޗެއް އެތާކު ނެތެވެ. إبــــراهــيـــــم عــلــيـــه الـسّــلام، السّــيّــدة هـــاجـــــــر އަށް ދެއްވީ ފެންހަމަކާއި ކަދުރުކޮޅެކެވެ. ފެންހަމުގައިހުރި ފެންފޮދު ހުސްވެ إسمـــــاعـــيــــل ގެފާނު ފެންފޮދު ހިއްޕަވާ ހިތްޕުޅުން ކީރިތިކުރައްވައި އަތްފައިންޕުޅު ތަޅުއްވާން ފެއްޓެވުމުން السّــيّــدة هـــاجـــــــر ވަރަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. ތުއްޕުޅު ދަރިކަލުން ބިންމަތީގައި ބާއްވަވައިފައި ފެން ލިބިވަޑައިގަންނަވާތޯ ޞަފާއާއި މަރްވާއާ ދެމެދު ދުވެވަޑައިގެންނެވިއެވެ. އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ގެ ރަޙްމަތްފުޅުން މާފަގެ ތުއްތު ދަރިފުޅަށްވަނީ އުންމަތުގެ ރޫޙާނީ މައިކަނބަލުންގެ ސުންނަތް ދިރުވަން ލޯބިލޯބި ތުއްތު ދެފަޔަކުން ޞަފާއާއި މަރްވާއާ ދެމެދު ވަރަށް ބާރަށް ދުވުމުގެ ނަސީބު ލިބިފައެވެ. މާފައާއި މާމައާއި މަންމައާއި ބައްޕަޔާއި ދޮންބެއާ އެކުގައެވެ. އަރަހުށި މާތް اللّــــه ވީރާނާ ހިލަބިމުގެ ތެރެއިން ޒަމްޒަމްގެ ފެންއާރު ހިންގަވައިދެއްވިއެވެ. އެކަމުން ދޭހަވާ ފުން މާނައަކީ މާތް اللّــــه، إبــــراهــيـــــم ގެފާނު ނެރުއްވީ ވަރަށް އުނދަގޫ މައިދާނަކަށް ކަމުގައިވިޔަސް އެކަލާނގެ އެއްވެސް އެހީތެރިޔަކާ ނުލައްވައެއް އެކަލޭގެފާނު ދޫކޮށެއް ނުލައްވައެވެ. އެކަލޭގެފާނުގެ މަސައްކަތްޕުޅަކީ މާތް اللّــــه މަތިކުރެއްވި މަސައްކަތްޕުޅެކެވެ. ކޮންމެ އުނދަގޫ މަރްޙަލާއެއްގައިވެސް އެކަލާނގެ އެކަލޭގެފާނަށް މަދަދު ކުރައްވާނެއެވެ.

ޝައްކެއްނެތެވެ. އަރަހުށި މާތް اللّــــه إبــــراهــيـــــم عــلــيـــه الـسّــلام ޤުރްބާނީއަކަށް ހުރަހެޅުއްވިކަމުގައިވިޔަސް އެކަމަކީ އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ ބަޔަކު ހަލާކުކޮށްލެއްވުމެއް ނޫނެވެ. އަރަހުށި މާތް اللّــــه ކޮންމެ އުނދަގޫ މަރްޙަލާއެއްގައިވެސް إبــــراهــيـــــم عــلــيـــه الـسّــلام އަށް މަދަދު ދެއްވިއެވެ.

މާފަ ކިޔައިދީފައިވާ ފަދައިން އަރަހުށި މާތް اللّــــه إسمـــــاعـــيــــل ގެފާނުގެ ފައިތިލަފުޅުދަށުން ޒަމްޒަމް ފެން ނެރުއްވުމުން ވަކިމުއްދަތެއް ވާންދެން އެދެމައިކަނބަލުންގެ ފަރީއްކޮޅަކީވެސް ކަރުފުޅު ހިއްކެވުން ފިލުއްވާން ހިއްޕަވާ ވަސީލަތަކީ އެ ފެނެވެ. އެގޮތުގައި ދުވަސްކޮޅެއްވީތަނާ ޔަމަނުކަރައިގެ ޤަޙްޠާނީ ޤަބީލާއެއް މައްކާއަށް އަތުވެއްޖެއެވެ. އެ ޤަބީލާގެ މީހުން إسمـــــاعـــيــــل ގެފާނުގެ މައިކަނބަލުން السّــيّــدة هـــاجـــــــر ގެ އަރިހުން އިޒުނަފުޅު ހޯދައިގެން މައްކާގައި ވަޒަންވެރިވެއްޖެއެވެ. ތާރީޚުގައި އެޤަބީލާ ފާހަގަކޮށްފައިވަނީ ޖަރުހަމް ސާނީގެ ނަމުންނެވެ. ބުނެވޭގޮތުގައި އެޤަބީލާ އޭގެކުރީން ބަޑަހަޖަހައިގެން ތިބީ މައްކާގެ ކައިރީގެ ވާދީއެއްގައެވެ. އެބައިމީހުން އެފަހަރު މައްކާއަށް އައީ މައްކާގައި ފެން ހުރިކަން އެނގުމުންނެވެ.

މަރްވާ ފަރުބަދަ

ލޯބިވާ ދަރިފުޅާއެވެ. إبــــراهــيـــــم عــلــيـــه الـسّــلام އެކަލޭގެފާނު މައްކާއަށް ދޫކުރައްވައިފައި ވަޑައިގެންނެވި އަހްލުޢިޔާލުންގެ ހާލުކޮޅު ބައްލަވާން ދޭތެރެދޭތެރެއިން މައްކާއަށް ވަޑައިގަންނަވަމުން ގެންދެވިއެވެ. إبــــراهــيـــــم عــلــيـــه الـسّــلام މިގޮތުން ވަޑައިގެންނެވީ ކިތައް ދަތުރުފުޅުގައިކަމެއް ކަށަވަރެއް ނުވެއެވެ. ނަމަވެސް ހަތަރު ދަތުރުފުޅެއްގައި ވަޑައިގެންނެވިކަން ތާރީޚީ ވާޤިޢާތަކުން އެނގެއެވެ.

1. إبــــراهــيـــــم عــلــيـــه الـسّــلام މައްކާއަށް ކުރެއްވި ދެ ދަތުރުފުޅަކާމެދު ކީރިތި ޤުރްއާނުން އިޝާރާތް ލިބެއެވެ. އޭގެތެރެއިން އެއްދަތުރުފުޅަކީ إسمـــــاعـــيــــل عــلــيـــه الـسّــلام ޤުރްބާންކުރެއްވި ދަތުރުފުޅެކެވެ. ކީރިތި ޤުރްއާނުގެ ســـــورة الـصّـــافّــات ގައި އެ ހާދިސާ ބަޔާންކުރައްވައި ވަޙީކުރައްވައިފައިވެއެވެ.

"ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެދަރިކަލުން މަސައްކަތްކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން އަހުރެން ތިބާ ޤުރްބާންކުރާތީ ހުވަފެނުގައި އަހަންނަށް ފެނުނެވެ. ފަހެ ތިބާއަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައިބަލާށެވެ. އެދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރުކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ. اللّــــه އިރާދަކުރެއްވިއްޔާ އަޅުގަނޑުވަނީ، ކެތްތެރީންގެ ތެރެއިންކަން ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. ފަހެ، އެދެބަފައިކަލުން (اللّــــه އަށް) ބޯލަނބައިކިޔަމަންވެ އެދަރިކަލުން ނިތްކުރި ވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާ އިއްވެވީމެވެ. އޭ إبــــراهــيـــــم ގެފާނޭވެ! ހަމަކަށަވަރުން ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. އިޙްސާންތެރީންނަށް ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ. ހަމަކަށަވަރުން މިއީ ފާޅުވެ ބަޔާންވެގެންވާ އިމްތިޙާނެއްކަން ކަށަވަރެވެ. އަދި ޤަދަރު ބޮޑުވެގެންވާ ޛަބީޙާއެއް (އެބަހީ: ކަތިލައްވާނެ ކަންބަޅިޔެއް) ދެއްވައި ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. (ســـــورة الـصّـــافّــات: 102-107)"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.