މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
މާނައިން ފުރިފައިވާ ދުނިޔެއެއްގެ ނިމުން އެއީ އެއްވެސް މާނައެއް ނެތް ކަމަކަށް ވުމަކީ ހަމަ ބުއްދީގެ އަހުލުވެރިއަކު ގަބޫލުކުރާނޭ ކަމެއް ނޫނެވެ. ވުމާއެކު އިންސާނާ ދުނިޔޭގައި ދިރިއުޅުމުގެ ބޭނުމާމެދު ވިސްނުމަކީ ތަބީއީ ކަމެކެވެ.
ކީރިތި ޤުރްއާނުގެ 3 ވަނަ ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ. އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެ ތިބެގެންނާއި، އޮށޯވެ ތިބެގެން، ﷲހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައި ވަނީ، ބާޠިލުގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަ ކަމާއެވެ! ފަހެ، ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ނަރަކަޔަށް ވައްދަވައިފިމީހާ، ފަހެ، އިބަރަސްކަލާނގެ އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަނިޔާވެރިންނަށްނަސްރުދޭނެ އެއްވެސް ބަޔަކު ނުވެއެވެ.] (އާލްޢިމްރާން 190-192)
ކާއިނާތަކީ އޭގެ މުޅި ވުޖޫދާއެކު ކުރެވިފައިވާ ހިމޭން އިއުލާނެކެވެ. އާދަމުގެދަރިޔާ އޭނާގެ ކަންފަތާއި ލޮލުގައިވާ މަސްނޫއީ ފަރުދާ ކަހައިލުމާއެކު މި ބުނެވުނު ހިމޭން އިއުލާނުގެ އަޑު އިވޭން ފަށައިފާނެއެވެ. މި ކާއިނާތުގައި ލައްވައިފައިވާ ތަރިތަކާއި ގުރަހަތައް ނެތިގެން ނުގޮސް ހުންނަތާ އެތައް މިލިއަން އަހަރެއްވެއްޖެއެވެ. އެކަމަކު އިންސާނާ ފަންސާހަކަށް އަހަރު ނުވަތަ ސަތޭކައެއްހައި އަހަރު ދުނިޔޭގައި އުޅުމަށް ފަހު، އޭނާގެ ހުރިހައި އުއްމީދަކާއި އެދުމަކާއެކު މަރުވެ، ވަޅުލެވޭގޮތް ވުމަކީ މުސްތަހީލުކަމެއް ކަމަށް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މި ދުނިޔޭގައި ރީތި ގަސްގަހާގެއްސާއި މީރުވަސްދުވާ މާމެލާމެލި ވަނީ ލައްވައިފައެވެ. ވަޔާއި ފެނާއި އިރާއި އަދި މި ނޫނަސް މާނަވީ އެތައް ވަސީލަތަކާއި ތަކެއްޗެއް ވަނީ ލައްވައިފައެވެ. އެކަމަކު އިންސާނާއަށް ހިތާމަ ނޫން އެހެން އެއްޗެއް ނުލިބެއެވެ. މިއީވެސް ގަބޫލު ނުކުރެވޭ ކަމަކަށް ވެދެއެވެ. ކުޑަކުޑަ އޮށެއް ބިންމަތީގައި ވަޅުލީމާ ގަހެއް ފަޅައި، ހެދި ބޮޑުވެގެންދާތަން ފެނެއެވެ. އެކަމަކު ނުލާހިކު ނިޔަނެތި، ސާލިހު ދިރިއުޅުމެއް އުޅުމާއެކުވެސް އެ ގަހުން ލިބޭ މޭވާގެ ރަހައެއް ނުފެނި ހިނގައިދެއެވެ. ނުވަތަ އެ ގަހުގައި މޭވާ އަޅާތަނެއް ނުފެނެއެވެ. މި ދުނިޔޭގައި ކަޅުފޮއި ކޮންމެ ރެޔަކަށް ފަހު އިރު އަރައި އަލިވެދެއެވެ. މި ގޮތުގައި އެތައް ގަރުނެއް ފާއިތުވެގެން ގޮސްފައިވާއިރުވެސް އަދުލު އިންސާފުގެ އަލިކަމުގެ ކަންޏެއްވެސް ފެންނަ ގޮތެއް ނުވެއެވެ. ދުނިޔެއަށް އެކިވަރުގެ ބިންހެލުން އާދެއެވެ. ޠޫފާން އާދެއެވެ. އިންސާނުން އެކަކު އަނެކަކަށް އަނިޔާވެރިވެއެވެ. އެކަމަކު އެއިން މީހަކުގެ އަތުގައި ހިފަހައްޓައި، އެ އަނިޔާވެރިކަން ހުއްޓުވާނޭ މީހަކު ނުހުރެއެވެ.
މި ހުރިހައި ކަމަކާމެދު ފުންކޮށް ވިސްނައިލުމުން އެނގޭ ގޮތުގައި މާނައެއް އޮތް ކާއިނާތެއްގެ ނިމުން މާނައެއް ނެތް ކަމަކަށް ނުވާނެކަން އެނގެއެވެ. ދީނަށް ގޮވައިލާ މީހުން އެ ދައްކާ ދީނީ ވާހަކައަކީ އިންސާނީ ބަހުރުވައަކުން ދައްކާ ވާހަކައެކެވެ. އެކަމަކު އެއީ މުޅި ކާއިނާތު ކެނޑިނޭޅި ކުރަމުން ގެންދާ ހިމޭން އިއުލާނެކެވެ.
