ގިޔާމަތްދުވަހާ މެދު

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ﷲ ތަޢާލާ އެކަލާނގެ ނަބިއްޔުން މެދުވެރި ކުރައްވައި ދެއްކެވި ހިދާޔަތަކީ އެއްވެސް އޮޅުމެއް ނެތް ހިދާޔަތެއް ކަމާއި ހަގީގަތް ގަބޫލުކުރާ އެއްވެސް މީހަކަށް އެ ހިދާޔަތާ ދެކޮޅުނުހެދޭނެކަން ގިޔާމަތްދުވަހުން އަޅުތަކުންނަށް ފައުޅުވާނެއެވެ.


ކީރިތި ޤުރްއާނުގެ 6 ވަނަ ސޫރަތުގައި ﷲ ވަޙީކުރައްވައިފައި ވެއެވެ. [އޭ ޖިންނީންނާއި އިންސީންގެ ގެޖަމާޢަތުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ތިމަންރަސްކަލާނގެ އާޔަތްތަކުގެ ވާހަކަ ތިޔަބައިމީހުންނަށް ކިޔައިދެއްވައި، ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެކަމުގެ އިންޒާރުކުރައްވާނެ ރަސޫލުންތަކެއް، ތިޔަބައިމީހުންގެ ގާތަށް ވަޑައިނުގަންނަވާހެއްޔެވެެ؟ އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް އަޅަމެން ހެކިދީފީމުއެވެ. ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރި ކުރުވީއެވެ. އަދި އެއުރެން ކާފަރުން ކަމުގައި ވީކަމަށް އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް، އެއުރެން ހެކިދީފިއެވެ. ކަންހުރީ އެހެންނެވެ. ރަށްތަކުގެ އަހުލުވެރިން ޣާއިލުވެފައި ތިއްބައި، އަނިޔާވެރިކަމުގެގޮތުން އެރަށްރަށް ހަލާކުކުރައްވާ ކަލަކު ކަމުގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނުވެއެވެ.] (އަލްއަންޢާމް: 130-131)

ޝައިޠާނާ އެކި ކަހަލަ ހިތްގައިމު މަންޒަރުތައް ދައްކައި އިންސާނުންނަށް ވާސްވާސްދެމުން ގެންދާއިރު، އޭނާ އެ ގެންދަނީ ފުރަތަމަ އިންސާނާ ހެއްދެވި ދުވަހު އެ މަލްޢޫނު ﷲއަށް ގޮންޖަހައި ދެންނެވި ވާހަކަތައް ތެދުކަން ސާބިތުކޮށްދޭށެވެ. އޭނާ އެ ދުވަހު ދެންނެވީ ﷲގެ މަޚްލޫގުންގެ ތެރެއިން ގިނަ ބަޔަކު މަގުފުރައްދާނޭ ކަމުގައެވެ. (ބަނީ އިސްރާއީލް: 61) ޝައިޠާނާގެ ޕާޓީއަށް ވަދެ، އޭނާއަށް އަޅުދާސްވެގަންނަ ގިނަ މީހުންގެ ކުރިމަތީގައި ފެންނާން އޮންނަ ސާފު ފައިދާތަކެއް ހުރެއެވެ. ބައެއް މީހުން ޖިންނީންގެ ނަމުގައި ސިހުރުހާހޫރައިގެ ކާރޫބާރު ހިންގައެވެ. ނުވަތަ ޅެންވެރިކަމާއި ކަހީނުކަމުގެ ގުޅުން، ކޮންމެވެސް ޖިންނި މުރުޝިދަކާ ގުޅުވައިގެން އާއްމުންގެ މައްޗަށް ބާރުފޯރުވަމުން ގެންދެއެވެ.

ގިޔާމަތްދުވަހު، ފަރުދާ ކަހައިލެވި، ހަގީގަތް ހާމަވެގެންދާހިނދު، އެނގިގެންދާނީ މަގުފުރެދިގެން ދިޔަ މީހުން ނުވަތަ މީހުން މަގުފުރެއްދުމުގެ މަސައްކަތްކުރި މީހުން އެކަމެއް ކުރީ ކުށްހިއެއް ކުރެވިގެން ނޫންކަމެވެ. އެއީ ހައްގު ނޭނގުމެއް ނޫނެވެ. ނުވަތަ އޮޅުންއެރުމެއް ނޫނެވެ. އެއީ ހައްގަށް ގަސްތުގައި ފުރަގަސްދިނުމެވެ. އެމީހުންނަށް ދުނިޔޭގެ ދަޅަތަކުގެ މައްޗަށް ނޭރުނީއެވެ. ވަގުތީ ފައިދާތައް ގުރުބާން ނުކުރެވުނީއެވެ. އެހެން ނޫންނަމަ ﷲ އެކަލާނގެ ކަނޑައަޅުއްވާ ޚާއްސަ އަޅުންތަކެއް މެދުވެރި ކުރައްވައި ހާމަކުރައްވައިފައިވާ ތެދުމަގަކީ މީހަކަށް ނޭނގޭވަރުގެ ނުވަތަ އޮޅުންއަރާވަރުގެ މަގެއް ނޫނެވެ. މައްސަލައަކީ އިންސާނާގެ ލޮލުގައި ދުނިޔެއަށް އަޅުދާސްވުމުގެ ފަރުދާ އެޅިފައި ހުރުމެވެ. އެނގުނު ކަމުގައިވިޔަސް ނޭނގުމެވެ. އަޑު އިވުނު ކަމުގައި ވިޔަސް އަޑު ނޭހުމެވެ.

މި ދުނިޔޭގައި އިންސާނާ އެ މަސްނޫއީ އެހީތެރިކަން ބޭނުންކޮށްގެން ހަގީގަތުގެ މަތީން ޣާފިލުވެގެން އުޅުނު އެހީތެރިކަން ގިޔާމަތްދުވަހުން އޮންނާނީ އޭނާގެ ކިބައިން ނިގުޅައިގަނެވިފައެވެ. ހަގީގަތް އޭނާގެ މައްޗަށް ފައުޅުވީމާވެސް ދޮގު ވާހަކަތައް ދައްކައިގެން އެ ހަގީގަތާ ދުރަށް ދިޔަ ގޮތް އެ ދުވަހަކުން ވަރަށް ސާފުކޮށް ފެންނާން އޮންނާނެއެވެ. ދުނިޔޭގެ ދިރިއުޅުމުގައި އަޅަމުން ގެންދާ ކަތިފިޔަޅުތައް އޭނާއަށް ސާފުކޮށް ދެއްކެވީމާވެސް ރީތި ދަޅަތަކެއްގެ އެހީގައި އެކަމާ ދެކޮޅުހެދި ގޮތް ވަރަށް ރަނގަޅަށް އެ ދުވަހަކުން ފެންނާނެއެވެ. ބާތިލަކީ ހައްގުކަމަށް ސާބިތުކުރުމުގައި އޭނާ ކާމިޔާބުކުރި ގޮތް އޭނާގެ ކުރިމަތީގައި ސިފަވޭވޭ ހުންނާނެއެވެ.

މީހަކަށް ކުރެވޭ ކުށަށް ﷲގެ ހަޟުރަތުގައި މައާފުކުރެއްވުން އޮވެއެވެ. އެކަމަކު ބޮޑާކަމާއި ގޮތް ދޫނުކުރުމާއެކު ގަސްތުގައި ތެދާ ދެކޮޅު ހެދުމަކަށް މައާފެއް ނޯވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.