ޝައިޠާނީ ރީތި މަންޒަރުތަކުން ސަލާމަތްވޭ

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


އިންސާނާގެ ކިބައިގައި ވަނީ ބުއްދިއާއި ޝުއޫރުގެ ލައްވައިފައެވެ. އޭނާގެ އެތެރެހަށީން އިވޭ އަޑު އެހުމާއި ނާހައި ހަވާނަފުސަށް ހެއްލިގަތުމުގެ އިޚްތިޔާރު ވަނީ ދެއްވައިފައެވެ.


ކީރިތި ޤުރްއާނުގެ 15 ވަނަ ސޫރަތުގައި  ﷲ ސުބުޙާނަހޫ ވަތަޢާލާއާއި ލަޢުނަތްލެއްވިގެންވާ  އިބިލީސް ކުޅަ ޖަދަލެއްގެ ވާހަކަ ބަޔާންކުރައްވައިފައި ވެއެވެ. އިންސާނާ އުފެއްދެވި ދުވަހުން ފެށިގެން އިބިލީސް ވެފައި ވަނީ އިންސާނާގެ ދުޝްމިނަކަށެވެ. ﷲއަށް ތަހައްދީ ކުރަމުން އިބިލީސް ބުންޏެވެ. [އެކަލޭގެ ދެންނެވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެއުރެންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ. އެއުރެންގެ ތެރެއިން، އިބަރަސްކަލާނގެ އަޅުންކުރެ ޚިޔާރުކުރައްވާފައިވާ މީހުން މެނުވީއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. މިއީ، ތިމަންރަސްކަލާނގެ ޙަޟްރަތަށް އޮތް ސީދާވެގެންވާ ތެދުމަގެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރު ލިބިގެނެއްނުވެއެވެ. މަގުފުރެދިގެންވާ މީހުންގެތެރެއިން ކަލޭގެއަށް ތަބާވާ މީހުން މެނުވީއެވެ. އަދި ހަމަކަށަވަރުން، ނަރަކައަކީ، އެ އެންމެންނަށް ﷲ ވަޢުދުކުރައްވާފައިވާ ތަނެއްކަން ކަށަވަރެވެ.] (އަލްޙިޖްރު 39-41)

މި ދުނިޔޭގެ ދިރިއުޅުމުގައި އިންސާނާ ތާއަބަދު ހުންނަނީ އިބިލީހުގެ ނުފޫޒުގެ ތުންފަތްމަތީގައެވެ. އިންސާނާގެ ސިކުނޑިއަށް ވަދެ ވަސްވާސްދީ މަގުފުރައްދާން އުޅުމަކީ އެ ސޮރު ކެނޑިނޭޅި ކުރަމުން ގެންދާ މަސައްކަތެކެވެ. އެ ސޮރު ހަދާ ގޮތަކީ ނުބައި ކަންތައްތައް ރަނގަޅު ކަންކަމުގެ ގޮތުގައި ދެއްކުމާއި ނުބައި ކަންތައްތަކަށް ރީތި ބަހަނާތަކެއް ދައްކައި ހެއުކޮށްގަތުމަށް މަސައްކަތް ކުރަމުންނެވެ.

މިއީ ވަރަށް ދަތި، އުނދަގޫ އިމްތިޙާނެކެވެ. އިބިލީހުގެ ވަސްވާހުން ސަލާމަތްވެވޭނީ އިޚްލާސްތެރިންނަށެވެ. އެބަޔަކީ ﷲ ހޮއްވަވައިފައިވާ ބައެކެވެ. އެމީހުންގެ ފިކުރާއި ވިސްނުން ހުންނާނީ ވަރަށް މަތިވެރި ދަރަޖައެއްގައެވެ. އިބިލީހުގެ ވަސްވާހުން ރެކިގަންނާން އެފަދަ މީސްމީހުން ދަންނާނެއެވެ. ނުބައި ކަމެއް، ރީތި ކަމަކަށް ހަދައިގެން ސިކުނޑިއަށް ވައްދާން މަސައްކަތް ކުރުމާއެކު ލަފުޒުތަކުގެ ފަރުދާ ފޫވައްޓައިލުމަށް ފަހު ޙަޤީޤަތް ދެނެގަންނާން އެފަދަ މީހުންނަށް އެނގޭނެއެވެ. ބޭރުފުށުގެ ރީތިކަން ހުރަސްކޮށްފައި ގޮސް ވަދެ، އެތެރެފުށުގައި އޮތް ޙަޤީޤަތް ފާހަގަކޮށްގަންނާން ދަންނާނެއެވެ.

ޝައިޠާނާ ދައްކާ ޒީނަތްތެރިކަން އަބަދުވެސް ހުރަސް އަޅާނީ ޙައްޤު ގޮތް ގަބޫލުކުރުމާއި ޙައްޤު މަގުން ހިނގުމަށެވެ. ޝައިޠާނާ އުޅޭނީ ޙައްޤަކީ ބާޠިލުކަމަށް ދައްކައި، ބާޠިލަކީ ޙައްޤުކަމަށް ދައްކާށެވެ. އިންސާނާގެ ސިކުނޑިއަށް ރީތި ދަލީލުތަކެއް ވައްދައިގެން ނުބައި ކަންކަމަކީ ހަމަ ޙަޤީޤަތުގައިވެސް ނުބައި ކަންކަން ކަމާމެދު ޝައްކު އުފައްދާން މަސައްކަތް ކުރުމަކީ ޝައިޠާނާގެ އާދައެވެ. މިފަދަ ވަސްވާހުން ސަލާމަތްވުމަކީ ޢިލްމީ ހޭލުންތެރިކަމާއި ތަރައްޤީއާ ނުލައި ކުރެވޭނޭ ކަމެއް ނޫނެވެ. ﷲ ތަޢާލާގެ މަދަދާއެކު ޝައިޠާނާގެ މަސައްކަތަކީ ކޮބައިކަމާއި އެ ސޮރު މަސައްކަތްކުރާ ގޮތް ދެނެގަންނަ މީހުންނަކީ ﷲގެ ޚާއްޞަ އަޅުންނެވެ. ޝައިޠާނާގެ ވަސްވާހާއެކު މަގުފުރެދިގެން ނުގޮސް ސަލާމަތްވާ ބަޔަކީ އެބައިމީހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.