ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 14

(18 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

إبـــن إسحـــاق ރިވާކުރައްވައިފައިވެއެވެ. حــلـيـمـــة ގެފާނު ވިދާޅުވިއެވެ. ކިރުދޭނެ ކުދީން ހޯދާން މައްކާއަށް އައި ســعــد ވަންހައިގެ އަންހެނުންގެ ޖަމާޢަތެއްގައި އަހަރެންވެސް މައްކާއަށް އަތުވެއްޖައީމެވެ. އަހަރެންގެ ފިރިކަލުންނާއި އަހަރެންގެ ކިރުބޯ ތުއްތު ކުއްޖަކާ އެކުގައެވެ. އެދުވަސްވަރަކީ ރަށްތަދު ތަދުމަޑުކަމުގެ ދުވަސްވަރެކެވެ. އަހަރެން އައީ އަހަރެންގެ ހުދުކުލައިގެ ޙިމާރަކަށް ސަވާރުވެގެންނެވެ. އަހަރެމެންނާއެކު އަހަރެމެން ކިރުބޯން ގެންގުޅޭ ޖަމަލުވެސް ގެނައީމުއެވެ. މާތް اللّــــه އަށްޓަކައި ބުނަމެވެ. އެ ޖަމަލުން އެންމެ ކިރުތިއްކެއްވެސް ނުލިބެއެވެ. އަނެއްކޮޅުން އަހަރެންގެ އަތުގައި ކިރުނެތިގެން އަހަރެންގެ ދަރިފުޅު ރޯވަރުން އަހަރެމެން ދެމަފިރީންނަށް ރޭގަނޑަކު ލޮލުފިޔަ ޖެހޭވަރެއް ނޫނެވެ. ޖަމަލަށް ކާންދޭނެ އެއްޗެއް ދަރިފުޅަށްދޭނެ ކިރެއް އަހަރެންގެ އަތަކު ނެތެވެ. އަހަރެމެން ތިބީ ވާރޭވެހި ތަދުމަޑުކަން ފިލާތޯ ދުޢާކޮށްކޮށެވެ. އަހަރެންގެ ޙިމާރުވެސް ހިކިކަމާއި އަނަރޫފަކަމުން ދުވެވެނީ ވަރަށް މަޑުންނެވެ. އަހަރެމެން ވެފައިވަނީ ޤާފިލާގެ އެހެންމީހުންނަށް ޖެހިފައިވާ ވަރަށްބޮޑު ބުރައަކަށެވެ. (އައްރަޙީޤުލް މަޚްތޫމި)

حــلـيـمـــة ގެފާނު ވިދާޅުވެފައިވެއެވެ. "އަހަރެމެން މައްކާއަށް އައިސް އަހަންނަށް އަދި ކިރުދޭނެ ކުއްޖަކު ހޯދާން ނުއުޅެވިހުއްޓައި އަހަންނާއެކުގައި އައި އެހެން ކޮންމެ އަންހެނަކުވެސް ކިރުދޭނެ ކުއްޖަކު ހޯދައިފިއެވެ. މައްކާގެ ރަނގަޅުރަނގަޅު މާތް މީހުންގެ ދަރީންނެވެ. އެމީހުން އެނބުރި ރަށަށް ދިޔުމާ ބެހޭގޮތުން ވާހަކަދައްކާން ފަށައިފިއެވެ. އަހަރެން ހުރީ ކިރުދޭނެ ކުއްޖަކު ނުލައި ރަށަށްދާން ލަދުވެތިވެފައެވެ. ނުކެރިފައެވެ. އެމީހުންނަށްވެސް ســيّـــدة آمـــنـــــة ގެ ޔަތީމު ރަންމުތުގެ ޚަބަރު ލިބުނެވެ. އެކަމަކު އެދަރިކަލުން ބަލައެއް ނުދެއެވެ. ޔަތީމު ބޭފުޅަކު ކަމުގައި ވާތީއެވެ. ލިބޭނެ ހަދިޔާބަދިޔާ މަދުވާނެކަމުގައި ހީކޮށްގެންނެވެ. މިހެންވެފައިވަނިކޮށް އަހަންނާ عــبـــدالمـطَّــلِــب ގެފާނާ ބައްދަލުވެއްޖެއެވެ. އެކަލޭގެފާނު އަހަންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. ކަނބުލޭގެއަކީ ކާކުހެއްޔެވެ؟ ކޮން ވަންހައެއްގެ މީހަކީމުހެއްޔެވެ؟ އަހަރެން ދެންނެވީމެވެ. އަޅުގަނޑަކީ سـعـــد ވަންހައިގެ މީހަކީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔައީ ކިރުދޭނެ ކުދީން ހޯދާން އައި މީހުންތާއެވެ. ކަނބުލޭގެ ނަމަކީ ކޮބައިހެއްޔެވެ. އަހަރެން ދެންނެވީމެވެ. أبـــو ذويــب ގެ ދި حــلـيـمـــة އެވެ. عــبـــدالمـطَّــلِــب ގެފާނު ހިނިފުޅުވަޑުވައިލައްވައިފައި ވިދާޅުވިއެވެ. ބާއްޖަވެރިކަމާއި ޙިލްމާ މި ދެސިފައަކީ ކޮންމެ ޒަމާނެއްގައިވެސް ކަމޭހިތެވޭ އަދި މާތްކޮށް ހިތެވޭ ދެސިފައެވެ. އޭ حــلـيـمـــة އެވެ. ކަމަނާ ތިމަންކަލޭގެފާނުގެ ގަނޑުވަރުގައިވާ ތިމަންކަލޭގެފާނުގެ ޔަތީމު ކާފަދަރިކަލަކަށް ކިރުފޮދު އެރުވުމުގެ ބަރަކާތް ލިބިގަތުން ކީއްހެއްޔެވެ؟ އަހުރެން ދެންނެވީމެވެ. އަޅުގަނޑުގެ ގޭގެ މީހުނާ ވާހަކަދައްކައިލައިފައި އަންނަންދެން ކަލޭގެފާނު އެހެންމީހަކު ނުހޯއްދަވައި މަޑުކުރެއްވުން އެދެމެވެ. އަހަރެންގެ ފިރިކަލުންނާ ވާހަކަދައްކައިލުމުން އެދަރިކަލުން ނަގަން އޭނާ ވަރަށް އުފަލާއެކު ގަބޫލުވެލައްވައިފިއެވެ. އޭނާ ބުނުއްވިއެވެ. "ތިޔަ ދަރިކަލުންނަކީ އަހަރެމެންނަށް ލައްވާ ބަރަކާތަކަށްވެސް ވެދާނެއެވެ." އަހަރެން ނަންގަތީމެވެ. "އަޅުގަނޑުވެސް އުންމީދުކުރަނީ ތިޔަގޮތަށެވެ." ދެން އަހަރެން އެނބުރި އައިއިރު عــبـــدالمـطَّــلِــب ގެފާނު އަހަރެންގެ އިންތިޒާރުގައި ހުންނެވިއެވެ. އަހަރެން ދެންނެވީމެވެ. އަޅުގަނޑުގެ ގޭގެ އަހުލުވެރީން ގަބޫލެވެ. އަވަހަށް ތިޔަ ދަރިކަލުން ދައްކަވާށެވެ. ދެން އެކަލޭގެފާނު އަހަރެން ގޮވައިގެން آمـــنـــــة ގެފާނުގެ ގެކޮޅަށް ވަޑައިގެންފިއެވެ.

އަހަރެން އެ ގެކޮޅަށް ދިޔައިރު އެދަރިކަލުން އޮންނެވީ ފެހިފަށުވި ދާންކޮޅެއްގައެވެ. ގައިކޮޅުގައި ލައިފައިއޮތީ ހުދުކެހެރި ފޭރާންކޮޅެކެވެ. އެދަރިކަލުންގެ ރިވެތިކަމާއި ފުރިހަމަކަމަށްޓަކައި ހެއިފުޅުއަރުވާން ނުކެރިފައިހުއްޓައި آمـــنـــــة ގެފާނު ވަޑައިގެންފިއެވެ. އެކަމަނާ ވަޑައިގެން ވާހަކަފުޅުދައްކަވާން ފެއްޓެވިތަނާ އެދަރިކަލުން ލޯފުޅު ހުޅުއްވައިލައްވައިފައި ހިނިވަރުނަކުރައްވައިފިއެވެ. އަހަރެންވީ ލޯބިން އެދަރިކަލުން އުރުވަޑުވައި ދެބުމަފުޅު ދެމެދުގައި ބޮސްދީފީމެވެ. އެދަރިކަލުން ގޮވައިގެން އިށީނދެއްޖައީމެވެ. (އައްސިޔަރަތުއް ނަބަވިއްޔާ – صـــلاح الــدّيـــــن)

حــلـيـمـــة ގެފާނު ވިދާޅުވެފައިވެއެވެ. "އަހަރެން އެދަރިކަލުން ގޮވައިގެން އަހަރެމެންގެ ފޭލިގެއަށް އައިސް އަހަރެންގެ އުނގުމަތީގައި އެދަރިކަލުން ވަޑުވާއިރަށް އަހަރެންގެ ދެފަރާތުގެ ދެއުރަމައްޗަށް ކިރުއެރި ބާރުވެއްޖެއެވެ. އަހަރެން އެދަރިކަލުންނަށް ކިރުފޮދު އެރުވުމުން ރަނގަޅަށް އަލާކެނޑޭންދެން ކިރުފޮދު ހިއްޕަވައިފިއެވެ. އެއަށްފަހު އެދަރިކަލުންގެ އަޚާ (އަހަރެންގެ ދަރިފުޅު) ވެސް ބަނޑުބޮޑުވާންދެން ބުއްބޮއިފިއެވެ. އެއަށްފަހު ދެކުދީންވެސް ނިދައިފިއެވެ. އޭގެކުރީން އަހަރެމެންނަށް އަހަރެމެންގެ ދަރިފުޅާހުރެ ހަމަނިދި ނިދޭވަރެއް ނުވެއެވެ. އަހަރެންގެ ފިރިކަލުން އަހަރެމެން ކިރުބޯން ގެންގުޅޭ ޖަމަލުން ކިރުފެއްލަވާން ދުރުވިއިރު ޖަމަލުގެ ވައްގަނޑުވެސްހުރީ ކިރުއެރި ބާރުވެފައެވެ. އަހަރެމެން ދެމީހުން ރަނގަޅަށް ބަނޑުބޮޑުވާންދެން ބޮވޭހައިކިރު ލިބުނެވެ." އެހެންކަމުން އަހަރެމެން ދެމީހުންނަށްވެސް އެރޭ ހަމަޖެހިލައިގެން ނިދައިލެވުނެވެ. ހެނދުނު އަހަރެންގެ ފިރިކަލުން ބުނުއްވިއެވެ. "އޭ حــلـيـمـــة އެވެ. ކަލާނގެ ރަސްކަންފުޅު ގަންދެމެވެ. ކަމަނާއަށް ތިޔަ ލިބުނީ ބަރަކާތްތެރި ދަރިކަލެކެވެ." އަހަރެން ބުނީމެވެ. "އަޅުގަނޑުގެ އުންމީދަކީވެސް ތިޔައީއެވެ."

حــلـيـمـــة ގެފާނު ވިދާޅުވެފައިވެއެވެ. ދެން އަހަރެމެންގެ ޤާފިލާ ފުރައިފީމުއެވެ. އަހަރެންވެސް އަހަރެންގެ އަނަރޫފަ ޙިމާރަށް ސަވާރުވެއްޖައީމެވެ. އެދަރިކަލުންވެސް ގޮވައިގެންނެވެ. އަހަރެންގެ ޙިމާރު ޤާފިލާގެ އެހެނިހެން ޙިމާރުތަކަށްވުރެ ކުރިއަރައިގެން ދުވާންފަށައިފިއެވެ. އެހެން އެއްވެސް މީހެއްގެ ޙިމާރަކަށް އަހަރެންގެ ޙިމާރާ އެއްހަމައެއް ނުކުރެވުނެވެ. އަހަރެންގެ އެކުވެރި ބޭކަނބަލުންތައް ގޮވައިލައްވާން ފައްޓަވައިފިއެވެ. "އޭ أبــــوذويـب ގެ ކަމަނާއެވެ. ތިޔައީ ކޮންކަމެއްތޯއެވެ. ނިކަން އަޅުގަނޑުމެންނާމެދުވެސް އޯގާވެރިވެވަޑައިގަންނަވާށެވެ. ތިޔައީ ކަމަނާ މިރަށަށް ވަޑައިގެންނެވިއިރުވެސް ސަވާރުވެވަޑައިގެން ވަޑައިގެންނެވި ޙިމާރެއް ނޫންތޯއެވެ؟" އަހަރެން ގޮވައިލީމެވެ. "ނޫނެކެވެ. މިއީ ހަމަ އެ ޙިމާރެވެ." އެކަނބަލުން ގޮވައިލެއްވިއެވެ. "ޔަޤީނުންވެސް މިއަދު ތިޔަ ޙިމާރުގައި ޚާއްޞަ ކަމެއް އެބަހުއްޓެވެ."

އަހަރެމެން بـــنـــوســعـــد ގެ އަވަށްގަނޑަށް އަހަރެމެންގެ ގެޔަށް އަތުވެއްޖައީމުއެވެ. އަހަންނަށް ރަނގަޅަށް އެނގެއެވެ. މާތް اللّــــه ގެ ބިންމަތީގައި އެއަށްވުރެ ތަދުމަޑުކަން ޢާންމުވެފައި އޮތްތަނެއް ނޯންނާނެއެވެ. އެކަމަކު އަހަރެމެން އެނބުރި އައިފަހުން އަހަރެމެންގެ ބަކަރިތައް ވިނަކާންގޮސްފައި އެނބުރި އަންނަނީ ދުޅަހެޔޮކަމުގައި ތިބެއެވެ. އެބަކަރިތަކުގެ ވައްގަނޑުތައް ހުންނަނީ ކިރުއެރިފުރި ސިކާރަވެފައެވެ. އެކަމަކު އެހެންމީހުންގެ ބަކަރިތަކަކަށް ކިރެއް ނޭރެއެވެ. އަވަށުގެ އެހެން މީހުން އެބައިމީހުންގެ ޖަނަވާރުތައް ހުއިހައްޕާ މީހުންގާތު ބުނާން ފަށައިފިއެވެ. "ތިޔަބައިމީހުންވެސް أبــــوذويـب ގެ ކަމަނާގެ ބަކަރިތައް ހުއިހައްޕާ ތަންތަން ބަލައިގެން އެތަންތަނުން ހުއިހައްޕާށެވެ." އެދަރިކަލުންގެ ޢުމުރުފުޅުން ދެއަހަރުފުޅުފުރި ކިރުފޮދު ހިއްޕެވުން ހުއްޓައިލައްވާންދެންވެސް އަހަރުމެންގެ މައްޗަށް އައީ މާތް اللّــــه ގެ ރަޙްމަތްފުޅާއި ބަރަކާތް ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. (އައްރަޙީޤުލް މަޚްތޫމި)

ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ބާދިޔަތުގައި ހުންނަވައި ބޮޑުފުޅުވަމުން ވަޑައިގެންނެވީ ޞިއްޙަތު ރަނގަޅު އެހެންކުދީން ބޮޑެތިވާވަރަށްވުރެ މާއަވަހަށެވެ. (ސީރަތުގެ ރަންހާރު – عــبـــد اللّــــه جـــلال الــدّيـــن) حــلـيـمـــة ގެފާނުގެ އަރިހުން ރިވާވެފައިވާ ގޮތުގައި ރަޙްމަތުގެ ނަބިއްޔާ އެކަލޭގެފާނުގެ އުމުރުފުޅުން ދެމަސްފުޅު ފުރުމާއެކު ރަނގަޅަށް ފިރުކިވަޑައިގެންފިއެވެ. ތިންމަހުގެ ތެރޭގައި ދެފައިންޕުޅުމައްޗަށް ތެދުވެވަޑައިގެންފިއެވެ. ހަތަރުމަހުގެ ތެރޭގައި ބިތުގައި ހިއްޕަވައިގެން ހިންގަވައެވެ. ފަސްމަހުގެ ތެރޭގައި އެންމެ ރަނގަޅަށް ހިންގަވައިފިއެވެ. އަށްމަސް ފުރުނުތަނާ ވާހަކަފުޅުދައްކަވަން ފައްޓަވައިފިއެވެ. ނުވަމަސް ފުރިހަމަވީއިރު ދޫފުޅު ފަސޭހަކަމާއެކު ކޮންމެ ވާހަކަފުޅެއްވެސް ދައްކަވައެވެ. ދިހަމަސްވީއިރު ކުދީންނާއެކު އަމާޒުފަތްގަނޑަށް ދުނި އުއްކަވަން ވަޑައިގަންނަވައެވެ. (އައްސިޔަރަތުއް ނަބަވިއްޔާ – صـــلاح الــدّيـــــن)

ޖަޒީރަތުލް ޢަރަބު . އިސްލާމީ ދައުރުގެ ކުރީން.( ފޮޓޯ : އެޓްލަސް ސީރަތެނަބަވީ. ޑރ.ޝައުޤީ އަބޫ ޚަލީލު )

حــلـيـمـــة ގެފާނު އިތުރު ސާހިބާ ގޮވައިގެން ކޮންމެ ހަމަހަކުން އެއްފަހަރު މައްކާއަށް ވަޑައިގަންނަވައެވެ. މިވަޑައިގެންނެވުމުގައި މަންމާފުޅަށާއި ތިމާގެފުޅު އެހެން ބޭފުޅުންނަށް އިތުރު ސާހިބާ ދައްކަވައެވެ. އިތުރު ސާހިބާގެ އުމުރުފުޅުން ދެއަހަރުފުޅު ފުރިހަމަވެ ކިރުފޮދު ހިއްޕެވުން ހުއްޓައިލެއްވުމުން حــلـيـمـــة ގެފާނު އިތުރު ސާހިބާ ގޮވައިގެން މައްކާއަށް ވަޑައިގެންނެވިއެވެ. ســيّـــدة آمـــنـــــة ބޭނުންފުޅުވީ ދަރިކަލުން އެހައިތަނުން އެކަމަނާގެ އަރިހުގައި ބަހައްޓަވާށެވެ. ނަމަވެސް އިތުރު ސާހިބާއާ ވަކިވެވަޑައިގަންނަވާކަށެއް حــلـيـمـــة ގެފާނުގެ ހިތްޕުޅު ފަސޭހަފުޅެއް ނޫނެވެ. އެހެންކަމުން حــلـيـمـــة ގެފާނު ވިދާޅުވިއެވެ. "މި މައްކާގައި ބޭރަށް ހިންގުމުގެ ރޯގާއެއް އުޅޭތީ އަޅުގަނޑު ބިރުގަނެއެވެ. އެހެންކަމުން މިވަގުތު މިދަރިކަލުން މައްކާއަށް ދޫކޮށްލާކަށެއް އަޅުގަނޑުގެ ހިތަކަށެއް ފަސޭހައެއް ނޫނެވެ." ســيّـــدة آمـــنـــــة އެކަމާ އެއްބަސްވެވަޑައިގެންނެވިއެވެ. އެކަމަނާ ރުހިވަޑައިގެންނެވުމުން حــلـيـمـــة ގެފާނު އިތުރު ސާހިބާ ގޮވައިގެން އަނެއްކާވެސް ވަޑައިގެންނެވީ އެކަމަނާގެ ރަށަށެވެ. ރަޙްމަތު ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، ســعـــد ވަންހައިގެ މީހުންގެ ތެރޭގައި ފަސްއަހަރުފުޅު ފުރޭންދެން ހުންނެވިއެވެ.

حــلـيـمـــة ގެފާނުގެ ބޭފުޅުންގެ ތެރޭގައި جـــذامـــــة އެވެ ކިޔުނު ދަރިކަނބަލަކު ހުންނެވިއެވެ. އެކަމަނާ މަޝްހޫރުވެވަޑައިގެންފައިވަނީ شيـمـــاء ގެ ނަންފުޅުންނެވެ. އިތުރު ސާހިބާ އުނގުފުޅުގައި ވަޑުއްވައިގެން ފަރީއްކޮޅު އަރުއްވަވައި އުޅުއްވީ އެކަމަނާއެވެ. ކުދީން މަސަލަސްކުރަން ކިޔައިދޭކަހަލަ ލަވަތައް ވިދާޅުވެދެއްވަނީވެސް އެކަމަނާއެވެ. شيـمـــاء އިތުރު ސާހިބާ ކޮނޑުފުޅުމައްޗަށް ލައްވައިގެން ލަވައެއް ވިދާޅުވަމުން ދުވެވަޑައިގަންނަވަނިކޮށް އިތުރު ސާހިބާ ކޮންމެވެސްކަމަކާ ނުގަބޫލުފުޅުވެވަޑައިގެން އެކަމަނާގެ ކޮނޑުފުޅުގައި ވަރަށް ބާރަށް ދައިވަޑައިގެންނެވިއެވެ. އޭގެސަބަބުން އެކަމަނާގެ ކޮނޑުފުޅުގައި ވަނީ ލަކުނެއް އުފެދިފައެވެ. އެ ލަކުނު އެކަމަނާގެ މުޅި އުމުރުފުޅަށްވެސް ނުފިލައި ހުއްޓެވެ. އެ ލަކުނު ވެފައިވަނީ އެކަމަނާއަށާއި އެކަމަނާގެ ޢާއިލާއަށާއި ســعـــد ވަންހައިގެ އެންމެންގެ މައްޗަށް ރަޙުމަތެއް ކަމުގައެވެ.

ޙުނައިނު ހަނގުރާމަ ހިނގީ ހިޖުރައިން އަށްވަނަ އަހަރުއެވެ. މައްކާ ފަތަޙަވުމަށްފަހުގައެވެ. އަރަހުށި މާތް اللّــــه އެ ހަނގުރާމައިގައި މުސްލިމުންނަށް ފަތަޙަ ދެއްވިއެވެ. ހައްޔަރުވީ މީހުންގެ ތެރޭގައި ســعـــد ވަންހައިގެ ވަރަށްގިނަ އަންހެނުންނާއި ފިރިހެނުން ހިމެނުނެވެ. (ســعـــد ވަންހަޔަކީ هــــــوازن ވަންހައިގެ ގޮތްޕެކެވެ.) ހައްޔަރުވި އަސީރުންގެ ތެރޭގައި شيـمـــاء ވެސް ހިމެނިވަޑައިގެންނެވިއެވެ. އެކަމަނާ ހައްޔަރުވެވަޑައިގެންނެވުމުން އެކަމަނާ މުސްލިމުންގެ ގާތުގައި ވިދާޅުވިއެވެ. އަހަންނަކީ ތިޔަބައިމީހުންގެ ނަބިއްޔާގެ ކިރުފޮދުގެ އުޚުތަކީމެވެ. އިތުރު ސާހިބާގެ އަރިހުގައި އެ ވާހަކަ ދެންނެވުނުހިނދު ޙަދީޘްކުރެއްވިއެވެ. އެކަމަނާގެ ކޮނޑުފުޅުމަތީގައި ކުޑަކުއްޖަކު ދައިގަތުމުގެ ނިޝާން އެބަހުރިހެއްޔެވެ؟ ނިޝާން ހުރިވާހަކަ ދެންނެވުނުހިނދު އިތުރު ސާހިބާ ހިނިވަރުނަކުރެއްވިއެވެ. އެމާތް ސާހިބާގެ އަރިހަށް އެކަމަނާ ގެންނެވިއެވެ. ވަރަށް އޯގާތެރިކޮށް ކަންތައްކުރައްވައި ކަމޭހިއްތެވުމާއެކު އެކަމަނާ ދޫކޮށްލާން އަމުރުކުރައްވައިފިއެވެ.

ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم، شيـمـــاء އަށް ކަމޭހިއްތަވައި ދޫކޮށްލެއްވިތަން ފެނުމުން ســعـــد ވަންހައިގެ ވަފުދެއް އިތުރު ސާހިބާގެ އަރިހަށް އަތުވެއްޖެއެވެ. އެބައިމީހުން ދެންނެވިއެވެ. "މާތް اللّــــه ގެ ރަސޫލާއެވެ! ހައްޔަރުވެފައި މިތިބަ މީހުންގެ ތެރޭގައި ކަލޭގެފާނު އުރުވަޑުވައި ފަރީއްކޮޅު އަރުވައިހެދި މީހުން ހިމެނެއެވެ. ކަލޭގެފާނުގެ ކިރުމައިކަނބަލުންގެ ނިސްބަތުން ކަލޭގެފާނުގެ ބޮޑުދައިތާފުޅުން އެބަތިއްބެވިއެވެ. އަޅުގަނޑުމެން މިއައީ އެބައިމީހުންނަށް ހެޔޮފުޅުކޮށްހިއްތެވުން އެދިގެންނެވެ." ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން މާބޮޑަށް ލަސްކޮށްފީމުއެވެ. ތިޔަބައިމީހުން އާދޭތޯ އަހުރެން އިންތިޒާރުވެސް ކުރީމެވެ. އެކަމަކު އަހުރެންނަށް ލިބިފައިވާ މީހުންނާއި عــبـــدالمـطَّــلِــب އަށް ލިބިވަޑައިގެންފައިވާ މީހުން ދޫކޮށްލައްވައިފީމެވެ. ޞަޙާބީންނަށް އެއަޑުފުޅު އިވިވަޑައިގެންނެވުމުން އެބޭކަލުންވެސް އަސީރުންގެ ގޮތުގައި ލިބިވަޑައިގެންފައިވާ މީހުން ދޫކޮށްލެއްވިއެވެ. އެގޮތުން އެތަކެއްހާސް އަސީރުން ވަނީ ފިދުޔައަކާ ނުލައި މިނިވަންވެފައެވެ. މައްކާގެ ބޮޑުންކުރެ ســعـــد ވަންހައިގެ ތެރޭގައި ތަރުބިޔަތުވި އެހެން ހުރިހައި ފަރާތްޕުޅުތަކުން ޖުމުލަކޮށްވެސް އެ ވަންހަޔަށް ނުލިބޭފަދަ ހެވާއި މަންފާވަނީ ســيّـــدة آمـــنـــــة ގެ ޔަތީމު ދަރިކަލުންގެ ފަރާތްޕުޅުން އެ ވަންހަޔަށް ލިބިފައެވެ.

ބަޔެއް ރިވާޔަތްތަކުގައިވާގޮތުން حــلـيـمـــة ގެފާނާއި އެކަމަނާގެ ފިރިކަލުންނާއި ބޭފުޅުން އިސްލާމްވެވަޑައިގެންނެވީ ޙުނައިނު ހަނގުރާމަޔަށްފަހުގައެވެ. ނަމަވެސް ބަޔެއް ރިވާޔަތްތަކުގައިވާގޮތުން މައްކާ ފަތަޙަކުރެއްވިއިރު حــلـيـمـــة ގެފާނު އަވަހާރަވެއްޖެއެވެ. حــلـيـمـــة ގެފާނަކީ މީހުން ދެކެ ވަރަށްބޮޑަށް ލޯބިފުޅުވެވަޑައިގަންނަވާ ބޭކަނބަލެކެވެ. އެކަމަނާ އިތުރު ސާހިބާ ދެކެ އިންތިހާޔަށް ލޯބިފުޅުވެއެވެ. ރިވާޔަތްތަކުގައިވާގޮތުން حــلـيـمـــة ގެފާނު އެއްފަހަރަކު އިތުރު ސާހިބާގެ އަރިހަށް ވަޑައިގެންނެވުމުން އިތުރު ސާހިބާ "އަހުރެންގެ މަންމާއެވެ." ޙަދީޘްކުރައްވަމުން ތެދުވެވަޑައިގެން އެމާތް ސާހިބާގެ ރިދާކޮޅު ފަތުރުއްވައިފައި އޭގެމަތީގައި އެކަމަނާ ބެއިންދެވިއެވެ. އެކަމަށްޓަކައި أبـــوبــكـــر ގެފާނާއި عــمـــــــر ގެފާނާ ދެބޭކަލުންގެ ޚަލީފާކަމުގައިވެސް حــلـيـمـــة ގެފާނު އެ ދެބޭކަލުންގެ އަރިހަށް ވަޑައިގެންނެވުމުން އެ ދެބޭކަލުންވެސް އެ ދެބޭކަލުންގެ ރިދާކޮޅު އެކަމަނާއަށްޓަކައި ފަތުރައިލެއްވިއެވެ. މި ރިވާޔަތްތަކަކީ ޞައްޙަ ރިވާޔަތްތަކެއް ކަމުގައިވާނަމަ عــمـــــــر ގެފާނުގެ ޚަލީފާކަމުގައި حــلـيـمـــة ގެފާނު ދުނިޔޭގައި އިންނެވިއެވެ. ކޮންމެއަކަސް حــلـيـمـــة ގެފާނާއި އެކަމަނާގެ ފިރިކަލުންނާއި ބޭފުޅުން އިސްލާމްވެވަޑައިގެންނެވިކަމީ އިތުބާރުހުރި ލިޔުންތަކުން ސާބިތުވާ ކަމެކެވެ. ވަރަށްގިނަ ދަންނަބޭކަލުން ވަނީ حــلـيـمـــة ގެފާނާއި އެކަމަނާގެ ފިރިކަލުންނާއި ބޭފުޅުން ޞަޙާބީންގެ ތެރޭގައި ހިމަނުއްވައިފައެވެ. މަދީނާގެ ޖަންނަތުލްބަޤީޢާއި އުޙުދު ހަނގުރާމަ ހިނގި ތަނާއި، ޚަންދަޤު ހަނގުރާމަ ހިނގި ތާނގައި ސަރުކާރުން ގައިޑުން ބައިތިއްބައިފައެއް ނުތިބެއެވެ. ނަމަވެސް އަމިއްލަގޮތުން މީހުންނަށް މަޢުލޫމާތުދޭ މުޢައްލިމުން ތިބެއެވެ. އެއްފަހަރަކު އަޅުގަނޑާ ބަޤީޢުން ދިމާވި މުޢައްލިމެއް މިއީ حــلـيـمـــة ގެފާނުގެ މަހާނަފުޅޭ ކިޔައިފައި އަޅުގަނޑަށް ތަނެއް ދެއްކިއެވެ. (واللّــــه أعـــلــــم)

ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم، أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضــــى اللّــــه عـنــهــــا އާ ކާވެނިބައްލަވައިގެންނެވިއިރު ޚާއްޞަގޮތަކަށް އެކަމަނާއަށް ދަޢުވަތު ދެއްވައިގެން ގެންނެވިއެވެ. އޭގެފަހުންވެސް حــلـيـمـــة ގެފާނު އެއްފަހަރަކު މައްކާއަށް ވަޑައިގެންނެވިކަން އެނގެއެވެ. އެކަމަނާ ވަޑައިގެންނެވީ ވާރޭނުވެހި ގިނަދުވަސްވުމުގެ ސަބަބުން ނަޢަމުސޫފިތައް ބަނޑަށް މަރުވުމުގެ ސަބަބުންނެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެފަހަރުވެސް އެކަމަނާއަށް ސާޅީސް ބަކަރިއާއި ޅަފުރައިގެ ހައެއްކަ ޖަމަލާއި ސާމާނު އަރުވައި ބަރުކޮށްފައިވާ ޖަމަލަކާ ދެއްވިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.