ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 27

(19 މާޗް 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މިއީ އިސްލާމްދީނުގެ އިންޤިލާބީ ތަޙްރީކުގެ ފެށުމެވެ. މިއީ އަރަހުށި މާތް اللّــــه ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އެންމެފުރަތަމަ ކުރެއްވި އަމުރުފުޅުތަކެވެ. މި އަމުރުފުޅުތައް ބާވައިލެއްވުމުގައި އިތުރު ސާހިބާއާ މުޚާޠަބު ކުރައްވައިފައިވަނީ يـَـااَيــُّهـَــا الــــرَّسُـــولُ ނުވަތަ يـَـااَيــُّهـَــاالـنَّــبِـــىُّ މިފަދަ ބަސްފުޅަކުންނެއް ނޫނެވެ. އަދި ކީއްތޯއެވެ. يـَـااَيــُّهـَــا الْـمُدَّثِّـــــرُ މިފަދައިންނެވެ. އެހެނީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އުޑާއި ބިމާ ދެމެދުގައި جــبـــــريـــل عـلــيـــه السّــلام ގޮނޑިކޮޅެއްގައި އިށީނދެވަޑައިގެން އިންނަވަނިކޮށް ފެނިވަޑައިގެންނެވުމުން މިފަހަރުވެސް އެމާތް ސާހިބާ ބިރުފުޅުގެން ވަޑައިގެންފައިވާތީއެވެ. އިތުރު ސާހިބާ ގެކޮޅަށް ވަޑައިގެން أمّ المــؤمــنـــيـــن ގެ އަރިހުގައި ރަޖާކޮޅު އަޅުއްވައިދެއްވާން ވިދާޅުވެފައިވާތީއެވެ. އެހެންކަމުން އަރަހުށި މާތް اللّــــه އިތުރު ސާހިބާއާ މުޚާޠަބުކުރެއްވީ يـَـااَيــُّهـَــا الْـمُدَّثِّـــــرُ މިބަސްފުޅުންނެވެ.

މީހަކާ މުޚާޠަބު ކުރާއިރު ކުލުނުވެރިކަމާއި ހަންހާރަވެތި ކަމާއެކު މުޚާޠަބުކުރާ ކަމުގައިވާނަމަ އެމީހަކު އެއިރަކު އެހުރިޙާލަތަކާ ގުޅުވައިގެން މުޚާޠަބުކުރުމަކީ ޢަރަބި ބަހުގެ އަދަބިއްޔާތުގައި އޮންނަ ކަމެކެވެ. މާތް اللّــــه ޤުރްއާން ބާވައިލެއްވީ ޢަރަބި ބަހުންނެވެ. ޙިޖާޒުކަރައިގެ ބަހުރުވައިންނެވެ. އެހެންކަމުން މުޚާޠަބު ކުރެއްވުމުގެ މި ލުއި އުސްލޫބުން ނުކުންނަ މަފްޙޫމަކީ "އޭ އަހުރެންގެ ލޮބުވެތި އަޅާއެވެ! ކަލޭގެފާނަށް ރަޖާކޮޅު ލައްވައިގެން އޮންނެވޭން އެބައޮތްތޯއެވެ. ކަލޭގެފާނާ ޙަވާލުކުރެވިފައިވަނީ ވަރަށް ބޮޑު، ވަރަށް ބުރަ މަސްއޫލިއްޔަތެކެވެ.

އަލްމަސްޖިދުލް ޙަރާމް އާއި ކަޢުބާޝަރީފުގެ މާޒީގެ ތެރެއިން. ފޮޓޯ : ދަހާޓް އޮފް މައްކާ —

قُـــمْ فَــأَنْـــذِرْ: އެހެންކަމުން ކަލޭގެފާނު އެ މަސްއޫލިއްޔަތު އަދާކުރައްވާން ވަރުގަދަ ޢަޒުމުފުޅަކާއި ހިތްވަރުފުޅަކާއެކު ތެދުވެވަޑައިގަންނަވާން ޖެހިވަޑައިގެންފިއެވެ. މިގޮތަށް އެންގެވުމެވެ." (تــفــهيـــم الــقـــرآن: ســيـّـد أبـــوالأعــلــــى مـــــودودى) ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އަމުރުކުރެއްވެނީ އެކަލޭގެފާނުގެ ވަށަވަށައިގެން ޣާފިލުކަމުގެ ނިދީގައި ނިދައިފައިތިބި މާތް اللّــــه ގެ އަޅުތަކުންނަށް ވިދާޅުވެ ހޭލައްވަވާށެވެ. އެބައިމީހުން އެތިބަގޮތުގައި ތިބޭކަމުގައިވާނަމަ އެބައިމީހުންނަށް ކުރިމަތި ނުވެނުދާނެ ބިރުވެރި ޙާލަތެއްގެ ވާހަކަ ބަޔާންކޮށްދެއްވައި އިންޒާރު ކުރައްވާށެވެ. އެބައިމީހުންނަކީ ހިތުހުރިގޮތަކަށް ކަންތައްކޮށްގެން ސަލާމަތްވާނެ ބައެއް ނޫންކަން އަންގަވާށެވެ. ކުރާ ޢަމަލުތަކާމެދު ސުވާލު ކުރެވޭނެ ބައެއްކަން އަންގަވާށެވެ.

މި އަމުރުފުޅުތަކަކީ ރަޙްމަތުގެ ނަބިއްޔާއަށް ލިބިވަޑައިގެން އެންމެފުރަތަމަ މުހިންމު އަމުރުފުޅުތަކެވެ. އެހެންކަމުން އެ އަމުރުފުޅުތަކުގެ ތަފްޞީލަށް ގޮސްލުމަކީ ކޮންމެހެން ތަފްސީރު ލިޔުން ކަމަކަށެއް ނުދެކެމެވެ. "ޕޭޣަމްބަރެ އަޢުޒަމް ވަ އާޚިރު" ނަމޫނާއަކަށް ބަލައިގެން ކުރިޔަށް ދަމެވެ.

ނަބީބޭކަލަކު ދުނިޔޭގައި ކުރައްވާން ޖެހިވަޑައިގަންނަވާނެ އެންމެފުރަތަމަ ކަމަކީ ތިމާމެން ބޮޑުކަމާއި މަތިވެރިކަމުގެ ކިބުރުވެރިކަމުގެ މަސްތުގައި ތިބޭމީހުންގެ ބޮޑުކަން ނަފީކުރެއްވުމެވެ. އަރަހުށި މާތް اللّــــه ގެ މަތިވެރިވަންތަކަމާއި ކިބްރިޔާވަންތަކަން އިޢުލާންކުރެއްވުމެވެ. ހަމަ އެއާއެކު އަންގަވަނީ މީސްތަކުންނަށް އެބައިމީހުންގެ ޢަމަލުތަކުގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެކަން އަންގަވާށެވެ. މިޒަމާނުގެ ގިނަމީހުންނެކޭ އެއްގޮތަށް އެދުވަސްވަރުވެސް އިންސާނުން ތިމައުރެންގެ ޢަމަލުތަކުގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެކަމަކަށް ޤަބޫލެއް ނުކުރެއެވެ. އެބައިމީހުންނަކީ ޢަމަލީގޮތުން އެކަމަށް އިންކާރުކުރާ ބައެކެވެ. ބުދަށް އަޅުކަންކުރާ މީހުން ހީކޮށްގެން ތިބެނީ އެބައިމީހުންގެ لات އާއި مـنـــاة އާއި هــبــــل އާއި عُـــــزَّاى އާއި އެނޫންވެސް ބުދުތައް އެމީހުންނާމެދު ސަކާކުރާނެ ކަމުގައެވެ. އެބުދުތަކަކީ ތިމާމެންގެ ވާގިވެރީން ކަމުގައެވެ. މާތް اللّــــه ގެ ޙަޟުރަތަށް ކުއްތަންކުރުވާ ތަކެތި ކަމުގައެވެ. އެހެންކަމުން އެބައިމީހުން ކުރާ ކޮންމެކަމަކީވެސް ހުއްދަ ރަނގަޅު ކަންތައް ކަމުގައެވެ. ނަޞާރާއިންނަކީވެސް ޢަމަލުތަކުގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެކަން ޤަބޫލުކުރާ ބަޔެއް ނޫނެވެ. އެބައިމީހުން ދެކެނީ އާޚިރަތުގެ ސަލާމަތާ ގުޅިފައިވަނީ ކޮންމެހެން ހެޔޮ ޢަމަލުތަކެއް ނޫންކަމުގައެވެ. ބަޕްތިސްމާކުރުން ކަމުގައެވެ. ބަޕްތިސްމާކޮށްލުމުން ހުރިހައިކަމެއް އެނިމުނީ ކަމުގައެވެ.

ޔަހޫދީންވެސް ޢަމަލުތަކުގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެކަމެއް ޢަމަލީގޮތުން ޤަބޫލެއް ނުކުރެއެވެ. އެބައިމީހުން ޤަބޫލުކުރާ ގޮތުގައި އެބައިމީހުންނަކީ މާތް اللّــــه ގެ ޙަޟުރަތުގައި މާބޮޑު ހަންހާރަވެތިކަމެއް ލިބިފައިވާ ބައެކެވެ. އެބައިމީހުންގެ ވަހްމީ ޚިޔާލުގައި އެބައިމީހުން ކުރާ ހުރިހައި ކުށްތަކަކީވެސް ޢަފޫކުރައްވާނެ ކަންކަމެވެ. ޢަމަލުތަކަށް ޖަޒާއާއި ސަޒާ ލިބޭނެކަން ތަބްލީޣު ކުރެއްވުމަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާދަޔާ ޚިލާފު އަހަންމިއްޔަތެއް ދެއްވާން ޖެހިވަޑައިގެންނެވި ކަމަކަށްވީ އެޒަމާނުގެ މީސްތަކުންގެ މެދުގައި ޢާންމުވެފައިއޮތް ކުށް ޢަޤީދާގެ ސަބަބުންނެވެ.

އަރަހުށި މާތް اللّــــه އިންސާނާގެ ކިބައިގައިވަނީ ދެވައްތަރެއްގެ ދެބާރެއް ލައްވައިފައެވެ. ޝަހްވަތްތެރިކަމުގެ ބާރާއި ބުއްދީގެ ބާރެވެ. އިބްލީސް އޭނާގެ ކެހިވެރިކަމުގެ ބާރުގައި އިންސާނާގެ އެންމެ ހުތުރު އަދި އެންމެ ނުބައި ޝަހުވަތުގެ ޢަމަލުތައްވެސް އިންސާނާއަށް ދައްކައިދެނީ އިންތިހާދަރަޖަޔަށް ޒީނަތްތެރިކޮށެވެ. އޭގެ ނަތީޖާއެއްގެގޮތުން ބުއްދީގެ ބާރުގެ މައްޗަށް ގަދަވެގެންފައިވަނީ ނަފުސާނީ ބާރެވެ. ޝަހްވަތުގެ ބާރެވެ. އެހެންކަމުން އިންސާނާއަށް އެންމެ ނުބައި ފާފަތަކަށްވެސް އަރައިގަނެވެއެވެ. ވުމާއެކު އިބްލީހުގެ ކެހިވެރިކަމަށް ހެއްލެވުމުގެ ނުބައި ނަތީޖާ އިންސާނުންނަށް ވިސްނައިދެއްވުމަކީވެސް فَــاَنْــــذِرُ ގެ އަމުރުފުޅުގައި ހިމެނޭ ބައެކެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެ އަމުރުފުޅާ އެއްގޮތަށް ޢަމަލުކުރެއްވިއެވެ. ތާރީޚުން އޭގެ ދެވަނަ މިސާލެއް ނުފެންނަހައިވެސް ފުރިހަމަޔަށެވެ. فَــاَنْــــذِرُ ގެ ޙުކުމުފުޅަކީ ނުބައި އިޢުތިޤާދާއި ބޭއީމާނާއި ޝިރުކާއި ބުދަށް އަޅުކަން ކުރުމާއި އަނިޔާއާއި ބޭއިންސާފާއި ހުއްދަނޫން ފައިދާ ލިބިގަތުމާއި ޖަރީމާތަކާއި ފާފަތަކާއި ނިޔަތް ނުބައިކަމާއި ޚުލުޤު ނުބައިކަމާއި ދެބައޮޑުވުމާއި މުނާފިޤުކަމާއި މިނޫންވެސް އެންމެހައި އަޚްލާޤީ އަދި ސުލޫކީ ބަލިމަޑުކަމަކާއި ނުބައިކަމެއްގެ ނުރަނގަޅު ނަތީޖާއާމެދު އިންޒާރު ކުރެއްވުން ހިމެނޭ ޖާމިޢު އަމުރުފުޅެކެވެ.

فَــاَنْــــذِرُ ގެ އަމުރުފުޅުގައި ވަކީން ފައްސި ފަރާތެއްވެސް އެކުލެވެއެވެ. އިންސާނާގެ ހިތުގައި ތިމާގެ ޢަމަލުތަކާމެދު ޖަވާބުދާރީވާން ޖެހޭނެކަމުގެ ޝުޢޫރު އުފެދިއްޖެ ކަމުގައިވާނަމަ އޭނާ އަނިޔާވެރިކަމާއި ފާފަވެރިކަންދެކެ ބިރުގަންނާން ފަށައެވެ. ހެޔޮކަންކަމާއި ޢަދުލުވެރިކަމާއި އިޚްލާޞްތެރިކަމާއި އިޙްސާންތެރިކަމާމެދު އިންސާނާގެ ހިތުގައި ލޯބި އުފެދެއެވެ. ޝައުޤު އުފެދެއެވެ. ޝިރުކާއި ބުދަށް އަޅުކަންކުރުމުގެ ނުބައި ނަތީޖާއާމެދު މީހެއްގެ ހިތުގައި ބިރުވެތިކަން އުފެދިއްޖެކަމުގައިވާނަމަ އެކަމުގެ ފައްސި ނަތީޖާތަކެއް ފެންނާން ފަށައެވެ. އޭގެ ނަތީޖާ ފެންނަނީ އިންސާނާ އިލާހުންކަމުގައި ބަލައިއުޅޭ ބާޠިލް ތަކެއްޗާމެދު އޭނާގެ ހިތުގައި އުފެދޭ ނަފުރަތާއި ފޫހީގެ ސިފައިގައެވެ. ޙަޤީޤީ އިލާހުވަންތަ ފަރާތާމެދު އުފެދޭ ލޯބީގެ ސިފައިގައެވެ.

وَرَبَّــكَ فَــكَــبِّـــرُ: އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ މުޚާޠަބުކުރައްވަނީ ލޯބިފުޅާއި ކުއްތައްކަން ނުވަތަ އަރިސްކަން ރަމްޒުކުރެވޭ ބަސްފުޅުތަކުންނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ (رَبَّــكَ) އާއި، ތިމަންރަސްކަލާނގެ އަޅާ (عــبــدنـــا) މިފަދަ ޚިޠާބުކުރެއްވުން ތަކުންނެވެ. އަރަހުށި މާތް اللّــــه ރަޙްމަތުގެ ނަބިއްޔާއަށް އަންގަވަނީ މީސްތަކުންގެ ހިތްތަކުގައި އެކަލާނގެ މަތިވެރިވަންތަކަމާއި ކިބްރިޔާވަންތަކަމުގެ ޔަޤީންކަމާއި ކަށަވަރުކަން އުފައްދަވާށެވެ. މާތް اللّــــه ފިޔަވައި މީސްތަކުން ކައުވަންތަކުރާ ބާޠިލް ފަރާތްތައް ދޮގުކުރައްވާށެވެ. އެފަރާތްތަކުގެ އާރެއް ބާރެއް ނެތްކަމާއި އަގެއް ނެތްކަން ބަޔާންކުރައްވާށެވެ. މި އަމުރުފުޅަކީ ޢާންމުކޮށް މީހުންނަށް ވިސްނިފައި އޮންނަ ވަރަށްވުރެ މާބޮޑުކަމެއްގެ އަމުރުފުޅެކެވެ. އެހެންކަމުން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އިސްލާމްދީނުގެ ނަޢުރާއެއް ކަމުގައި ހަމަޖައްސަވައިފައިވަނީ "اللّــــه أكـبــــــر" އެވެ. ނަބަވީ ދައުރުން ފެށިގެން މިއަދާ ހަމަޔަށްވެސް އަދި މިއަދުން ފެށިގެން ޤިޔާމަތާ ހަމަޔަށްވެސް އިސްލާމްދީނުގެ ނަޢުރާއެއް ކަމުގައިވާނީ اللّــــه أكـبــــــر އެވެ. މުސްލިމުންގެ ތެރޭގައި ގުގުމަމުންދާނީ اللّــــه أكـبــــــر މި ނަޢުރާގެ އަޑެވެ.

މީސްތަކުންގެ ހިތްތަކުގައި اللّــــه سبحـــانــــه وتــعــــالــــى ގެ ކިބްރިޔާވަންތަކަމުގެ ޝުޢޫރު އުފެދިއްޖެކަމުގައިވާނަމަ މުޖްތަމަޢުގައި ފިރްޢައުނުންނާއި ޤާރޫނުންނާއި ހާމާނުންނަކަށް ޖާގައެއް ނޯންނާނެއެވެ. ނަތީޖާއަކަށްވާނީ މީސްތަކުން އަޅުވެތި ނުކުރެވުމެވެ. އެއްވެސް އިންސާނަކަށް ތިމާއަކީ އެހެނިހެން އިންސާނުން ތިމާއަށް އަޅުކަންކުރާ ރައްބަކަށް ނުވެވުމެވެ. ޝައްކެއްނެތެވެ. ކޮންމެ ޒަމާނެއްގައިވެސް ކޮންމެ ދުވަސްވަރެއްގައިވެސް އިންސާނުންގެ ތެރޭގައި ފިރުޢައުނުންނާއި ހާމާނުންނާއި ޤާރޫނުން އުޅެއެވެ. ނަމާއި ހެދުން ބަދަލުކޮށްގެންނެވެ. އެބައިމީހުންނަކީ އިންސާނިއްޔަތުގެ ފާޅުވެގެންހުރި ދުޝްމަނުންނެވެ. އިބްލީސް ފަދައިން އެބައިމީހުންނަކީވެސް އިންސާނީ މުޖްތަމަޢަށްޖެހޭ ކެންސަރެކެވެ. އެފަދަ މީހުން ގެންދާނީ އިންސާނުންގެ ލޭބޮމުންނެވެ. ނަމަވެސް އިންސާނުންގެ ޣާފިލުކަމާއި ޖާހިލުކަމުގެ ސަބަބުން އެބައިމީހުންނަށް އެފަދަ ދުޝްމަނުން ރޭކާލަނީ ވަރަށް ކުޑަކޮށެވެ. އެހެންކަމުން فَــكَــبِّـــرُ ގެ އެއްމާނައަކީ އަނިޔާ ލިބެމުންދާ ނިކަމެތި އިންސާނުން އެފަދަ ދުޝްމަނުންނާމެދު ހޭލުންތެރި ކުރެއްވުމެވެ.

اللّــــه سبحـــانــــه وتــعــــالــــى ގެ ކިބްރިޔާވަންތަކަމުގެ ޝުޢޫރަކީ ތައުޙީދުގެ ޢަގީދާގެ ރޫޙެވެ. އިންސާނުންގެ ކިބައިގައި އެ ޙަޤީޤަތް ދެނެގަތުމާއި ޔަޤީންކަން އުފެދުމުން އެއުރެންނަށް މޭރުންވާނީ މާތް اللّــــه ގެ ޤުދުރަތްތެރިވަންތަކަމެވެ. އެކަލާނގެ ދެނެވޮޑިގެންނެވުމާއި ޙިކުމަތްވަންތަކަމެވެ. އެނޫންވެސް ފުރިހަމަ ސިފަފުޅުތަކެވެ. އެމާތް ޒާތުފުޅަކީ އެމީހެއްގެ ވެރިރަސްކަލާނގެކަން ހިތުގައި ބިންވަޅު ނެގިއްޖެ މީހަކު ޒަމާނުގެ އެއްވެސް ފިރުޢައުނަކު ނުވަތަ ހާމާނަކުދެކެ ޖެހިލުމެއް ނުވާނެއެވެ. ބިރެއް ނުގަންނާނެއެވެ. ބޮލެއް ނުލަނބާނެއެވެ. ފިކުރީގޮތުންނާއި ޝަޚްޞީގޮތުން މިނިވަން އިންސާނުން އުފެދޭނީ އޭރުންނެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.