(9 އޮކްޓޯބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެދަރިކަލުން މަސައްކަތްކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން އަހުރެން ތިބާ ޤުރްބާންކުރާތީ ހުވަފެނުގައި އަހަންނަށް ފެނުނެވެ. ފަހެ ތިބާއަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައިބަލާށެވެ. އެދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރުކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ. اللّــــه އިރާދަކުރެއްވިއްޔާ އަޅުގަނޑުވަނީ، ކެތްތެރީންގެ ތެރެއިންކަން ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. ފަހެ، އެދެބަފައިކަލުން (اللّــــه އަށް) ބޯލަނބައިކިޔަމަންވެ އެދަރިކަލުން ނިތްކުރި ވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާ އިއްވެވީމެވެ. އޭ إبــــراهــيـــــم ގެފާނޭވެ! ހަމަކަށަވަރުން ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. އިޙްސާންތެރީންނަށް ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ. ހަމަކަށަވަރުން މިއީ ފާޅުވެ ބަޔާންވެގެންވާ އިމްތިޙާނެއްކަން ކަށަވަރެވެ. އަދި ޤަދަރު ބޮޑުވެގެންވާ ޛަބީޙާއެއް (އެބަހީ: ކަތިލައްވާނެ ކަންބަޅިޔެއް) ދެއްވައި ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. (ســـــورة الـصّـــافّــات: 102-107)"
ކީރިތި ޤުރްއާނުން އެނގޭން އޮންނަ ދެވަނަ ހާދިސާއަކީ إبــــراهــيـــــم ގެފާނާއި إسمـــــاعـــيــــل ގެފާނާ ދެބަފައިކަލުން ގެފުޅު ބިނާކުރެއްވި ހާދިސާއެވެ. إبــــراهــيـــــم عــلــيـــه الـسّــلام، إسمـــــاعـــيــــل عــلــيـــه الـسّــلام ޤުރްބާންކުރެއްވި ހާދިސާ ހިނގިއިރު إسمـــــاعـــيــــل ގެފާނުގެ އުމުރުފުޅަކީ ތޭރަ އަހަރުފުޅެވެ. (އަލްޤުރްއާނިލްކަރީމް ތަރުޖަމަތު މަޢާނީހި ވަ ތަފްސީރުހޫ: ޞަފްޙާ 1262، ޝާހު ފަހުދު ޤުރްއާން ކަރީމް ޕްރިންޓިންގ ކޮމްޕްލެކްސް) އެހެންކަމުން މިދެ ހާދިސާއަކީ ދެ ދަތުރުފުޅެއްގައި ހިނގައިފައިވާ ދެ ހާދިސާއެއް ކަމުގައި ބަލާނެ ޖާގަ އެބައޮތެވެ. ޞަޙީޙު ބުޚާރީގައިވާ ރިވާޔަތަކުން ލަފާކުރެވޭގޮތުގައި އެ ދެބަފައިކަލުން ގެފުޅު ބިނާކުރެއްވީ إسمـــــاعـــيــــل ގެފާނުގެ ދެވަނަ ކާވެނިފުޅުގެ ފަހުން ކުރެއްވި ދަތުރުފުޅެއްގައެވެ.
ބައިބަލްގެ ފޮތެއްކަމުގައިވާ ޖެނިސެސްގައިވާ ގޮތުން إسمـــــاعـــيــــل عــلــيـــه الـسّــلام، إسحـــاق عــلــيـــه الـسّــلام އަށްވުރެ ތޭރައަހަރުފުޅު ދޮށިފުޅެވެ. ކީރިތި ޤުރްއާނުގެ ސިޔާޤުން އެނގޭގޮތުގައި إسمـــــاعـــيــــل عــلــيـــه الـسّــلام ޤުރްބާންކުރެއްވުމުގެ ހާދިސާއަކީ إسحـــاق عــلــيـــه الـسّــلام ރައްކައުވުމުގެ ކުރީގެ ހާދިސާއެކެވެ. ނަމަވެސް ޔަހޫދީންނާއި ނަޞާރާއިން ذبـيــح اللّــــه ކަމުގައި ދަޢުވާކުރަނީ إسحـــاق ގެފާނެވެ. އެކަމަކު އެކަން ހިނގިތަނަކާމެދުވެސް އެދެބާގައިގެ މީހުން އެއްގަލަކަށް ނާރައެވެ. އަނެއްކާ إسمــــاعــيـــلــــى ނަސްލާއި إسمــــاعــيـــلــــى ނަބިއްޔާގެ އުންމަތުގައި ވާފަދަޔަކުން އެބައިމީހުންގެ ތެރެޔަކު ޤުރްބާނީގެ އާދައެއް ނެތެވެ. إسمـــــاعـــيــــل ގެފާނުގެ ދަރިކޮޅުގައި އެކަންވަނީ އާދަޔަކަށްވެސް ވެފައެވެ. ބައެއް ޙާލަތުގައި ލާޒިމު ކަމަކަށްވެފައެވެ. إسمــــاعــيـــلــــى ނަބިއްޔާގެ އުންމަތުގައި ހިމެނޭ އެންމެންވެސް އެއުންމަތުގެ ރޫޙާނީ ބަފައިކަލުނަވި إبــــراهــيـــــم عــلــيـــه الـسّــلام ގެ ޙަޔާތްޕުޅުގެ މި މަތިވެރި ހާދިސާގެ ހަނދާން އަންނަނީ ދިރުވައި އާލާކުރަމުންނެވެ.
ލޯބިވާ ދަރިފުޅާއެވެ. މި ހާދިސާއިން އެނގޭގޮތުގައި إسمـــــاعـــيــــل ގެފާނު ޒުވާންފުޅުވެވަޑައިގަތުމުގެ ކުރީން إبــــراهــيـــــم عــلــيـــه الـسّــلام އެންމެ މަދުވެގެންވެސް އެއްފަހަރު މައްކާއަށް ވަޑައިގެންނެވިކަން ސާބިތުވެއެވެ. ކުރީންވެސް މާފަކިޔައިދިން ފަދައިން إبــــراهــيـــــم عــلــيـــه الـسّــلام ގެ އެހެން ތިންދަތުރުފުޅެއްގެ ވާހަކަ ޞަޙީޙު ބުޚާރީން އެނގޭން އެބައޮތެވެ. إبـــن عـبّـــاس رضـــــى اللّــــه عــنـــــه ގެ އަރިހުން މަރްފޫޢުވެގެންނެވެ.
1. ލޯބިވާ ދަރިފުޅާއެވެ. إسمـــــاعـــيــــل عــلــيـــه الـسّــلام ގެ މާދަރީބަހަކީ ޤިބްޠީބަހެވެ. އެކަލޭގެފާނު ބޮޑުފުޅުވުމުން ޖަރުހަމުވަންހައިގެ މީހުންގެ ގާތުން ޢަރަބިބަސް ދަސްފުޅުކުރެއްވިއެވެ. އެބައިމީހުންގެ ނަޒަރުގައި إسمـــــاعـــيــــل ގެފާނުގެ ޤަދަރު މަތިވެރިވުމުން އެވަންހައިގެ ބޭކަނބަލަކާ އެކަލޭގެފާނު ކާވެނިފުޅު ކުރުވިއެވެ. އެދުވަސްވަރު السّــيّــدة هـــاجـــــــر ވަނީ އަވަހާރަވެފައެވެ. ގެފުޅު ޢިމާރާތްކުރެއްވުމަށްފަހު އެކަމަނާގެ ގަބުރުފުޅު ހިމެނިފައިވަނީ حـجـــــــر إسمـــــاعـــيــــل ނުވަތަ މިހަރުގެ ޙަޠީމުގެ ތެރޭގައިކަމަށް ޢިލްމުވެރީން ބަޔާންކުރައްވައެވެ.
إسمـــــاعـــيــــل ގެފާނު އެކުއްޖާއާ ކާވެނި ބެއްލެވިއިރު إبــــراهــيـــــم عــلــيـــه الـسّــلام ހުންނެވީ ޝާމްކަރައިގައެވެ. (ފަލަސްޠީނުގައެވެ.) އެކަލޭގެފާނުގެ އާދަފުޅުގެމަތީން ޢާއިލާގެ ހާލުކޮޅު ބައްލަވާން އެއްދުވަހަކު އަސްމަތީގައި މައްކާއަށް ވަޑައިގެންނެވިއެވެ. إبــــراهــيـــــم ގެފާނު ވަޑައިގެންނެވިއިރު إسمـــــاعـــيــــل ގެފާނު ގެކޮޅުގައި ވަޑައިގެނެއް ނުއުޅުއްވައެވެ. ގެކޮޅުގައި އިންނެވީ إسمـــــاعـــيــــل ގެފާނުގެ އަނބިކަނބަލުން ގިނިކަންޏާއެވެ. އެކަމަނާއަކަށް އެކަމަނާގެ އެބޭބޭފުޅު ފާހަގަކުރައްވާކަށެއް އެނގިވަޑައެއް ނުގަންނަވައެވެ. إبــــراهــيـــــم ގެފާނު އެކަމަނާއާ ސުވާލު ކުރެއްވިއެވެ. إسمـــــاعـــيــــل ވަޑައިގެންނެވީ ކޮންތަނަކަށްހެއްޔެވެ؟ إسمـــــاعـــيــــل ގެފާނުގެ އަނބިކަނބަލުން ވިދާޅުވިއެވެ. ޝިކާރަ ހިއްޕަވާށެވެ. إبــــراهــيـــــم عــلــيـــه الـسّــلام އަނެއްކާވެސް ސުވާލު ކުރެއްވިއެވެ. ތިޔަބައިމީހުންގެ ދިރިއުޅުމުގެ ކަންތައް ހުރީ ކިހިނަކުން ހެއްޔެވެ؟ إسمـــــاعـــيــــل ގެފާނުގެ އަނބިކަނބަލުން އެބޭފުޅުންގެ އަތްޕުޅުމަތި ދަތިކަމާއި ގެކޮޅުގެ ވީރާނާކަމާމެދު ޝަކުވާ ކުރެއްވިއެވެ. إبــــراهــيـــــم ގެފާނު އެނބުރިވަޑައިގަންނަވަމުން ވިދާޅުވިއެވެ. إسمـــــاعـــيــــل ވަޑައިގަތުމުން އަހުރެންގެ ވެދުން ދަންނަވާށެވެ. އަދި އަހުރެން ބުންޏޭ ގޭގެ އޮޅިގަނޑު ބަދަލުކުރައްވާށޭވެސް ދަންނަވާށެވެ.
ލޯބިވާ ދަރިފުޅާއެވެ. إسمـــــاعـــيــــل ގެފާނު ގެކޮޅަށް އެނބުރިވަޑައިގެން އެ ހާދިސާގެ ޚަބަރު ލިބިވަޑައިގެންނެވުމުން ވިސްނިވަޑައިގަތީ އެވަޑައިގެންނެވި ބޭކަލަކީ ބައްޕާފުޅުކަމެވެ. އާދަފުޅުގެމަތީން އެބޭފުޅުންގެ ހާލުކޮޅު ބައްލަވާން ވަޑައިގެންނެވީކަމެވެ. ގޭގެ އޮޅިގަނޑު ބަދަލުކުރާށޭ އެންގެވި އެންގެވުމުގެ މަޠުލަބަކީ މިހާރުގެ އަނބިކަނބަލުން ވަރިކުރައްވައިފައި އެހެންމީހަކާ ކާވެނި ބައްލަވާށޭ އެންގެވީކަންވެސް ވިސްނިވަޑައިގެންނެވިއެވެ. މިއަނބިކަނބަލުންނަކީ އަރަހުށި މާތް اللّــــه އެނަސްލެއް ތައްޔާރުކުރައްވާން އިރާދަކުރައްވާ ނަސްލުގެ މާމާފުޅަކަށް ވެވަޑައިގަންނަވާން އެކަށީގެންވާ ބޭކަނބަލެއް ނޫންކަން އެންގެވީކަން ވިސްނިވަޑައިގެންނެވިއެވެ.
2. إسمـــــاعـــيــــل عــلــيـــه الـسّــلام އަނބިކަނބަލުން ވަރިކުރައްވައިފައި އެހެން ބޭކަނބަލަކާ ކާވެނިބައްލަވައިގެންނެވިއެވެ. އެފަހަރު ކާވެނިބެއްލެވީ ޖަރުހަމުވަންހައިގެ ވެރިޔާ مـضــاض بـــن عــمـــــرو الجــــرهــمــى ގެ ދަރިކަނބަލަކާއެވެ. މިފަހަރުގެ ކާވެނިފުޅަށްފަހުވެސް މާގިނަދުވަސްތަކެއް ނުވަނީސް إبــــراهــيـــــم عــلــيـــه الـسّــلام މައްކާއަށް ވަޑައިގެންނެވިއެވެ. އިއްތިފާޤުން އެފަހަރަކުވެސް إسمـــــاعـــيــــل ގެފާނު ގެޔަކު ވަޑައިގެނެއް ނުއުޅުއްވައެވެ. إبــــراهــيـــــم عــلــيـــه الـسّــلام އައު ޅީދަރިކަނބަލުންނާވެސް ކުރީގެ ޅީދަރިކަނބަލުންނާ ކުރެއްވި ސުވާލުތައް ކުރެއްވިއެވެ. އެކަމަނާ މާތް اللّــــه އަށް ޙަމްދުކުރައްވައި إسمـــــاعـــيــــل عــلــيـــه الـسّــلام އަށް ތާރީފުކުރެއްވިއެވެ. إبــــراهــيـــــم ގެފާނު ވިދާޅުވިއެވެ. "ގޭގެވެރިޔާ ވަޑައިގެންނެވުމުން އަހަރެންގެ ވެދުން ދަންނަވާށެވެ. އަދި އަހަރެން ބުންޏޭ ގޭގެ އޮޅިގަނޑު ދަމަހައްޓަވާށޭ ދަންނަވާށެވެ." އެހެން ވިދާޅުވެފައި ފަލަސްޠީނަށް އެނބުރި ވަޑައިގެންފިއެވެ. ލޯބިވާ ދަރިފުޅާއެވެ. إبــــراهــيـــــم ގެފާނު އެކަލޭގެފާނުގެ ދަރިކަލުން إسمـــــاعـــيــــل ގެފާނަށް އެ އެންގެވީ އެކަލޭގެފާނުގެ ދެވަނަ އަނބިކަނބަލުންނަކީ ކުރިމަތީގައި އޮތް މަޝްރޫޢަށް ފުރިހަމަޔަށް ލާއިޤު ބޭކަނބަލެއްކަމެވެ. އެންމެ ހެޔޮއުންމަތުގެ މާމާފުޅަކަށް ވެވަޑައިގަންނަވާން އެކަށީގެންވާ ބޭކަނބަލެއްކަމެވެ. އަރަހުށި މާތް اللّــــه مـضــاض بـــن عــمـــــرو ގެ ދަރިކަނބަލުންގެ ބަނޑުފުޅުން إسمـــــاعـــيــــل ގެފާނަށް ބާރަބޭފުޅުން ދެއްވިއެވެ. އެބާރަ ބޭފުޅުންގެ ފަރާތްޕުޅުން ބާރަ ޤަބީލާ ވަނީ އުފެދިފައެވެ.
މިގޮތުން ޢަރަބިކަރައިގެ އެކަހެރި ސަރަޙައްދުގައި إسمـــــاعـــيــــل ގެފާނުގެ ދަރިކޮޅުން އައު ނަސްލެއް ތައްޔާރުވާން ފެށިއެވެ. އެނަސްލު އެންމެފަހުން ނުހަނު ދިރުންހުރި ޤައުމެއްގެ (ބަނޫއިސްމާޢީލް) ސިފަ ޚިޔާރުކުރިއެވެ. ފަހުޒަމާނުގެ ނަބިއްޔާގެ އަވަށްޓެރީންކަމުގައްޔާއި އެމާތް ސާހިބާގެ އުންމަތްކަމުގައި ވުމަށްޓަކައެވެ. މާތް اللّــــه އެބައިމީހުންނާ ޙަވާލުކުރައްވާން އިރާދަކުރައްވައިފައިވާ މަތިވެރި ތާރީޚީ ޒިންމާ އުފުލުމަށްޓަކައެވެ.
ޢަރަބިކަރައިގެ ޞަޙަރާތަކާއި ވީރާނާ ހިލަބިންތަކުގައި މި ތައްޔާރުވި ޤައުމު އެއްލަފުޒަކުން ސިފަކުރާނަމަ އެބައިމީހުންގެ ސިފަޔަކީ المــــــروءة އޭ ބުނެވިދާނެއެވެ. المــــــروءة ގެ ލަފުޒީ މާނައަކީ ފިރިހެންވަންތަކަމެވެ. އެލަފުޒަކީ ޢަރަބީންގެ ތެރޭގައި މީހެއްގެ އިންސާނީ ޖައުހަރުގެ މޮޅުކަން ސިފަކުރުމުގައި ބޭނުންކުރެވޭ އެންމެ މަތިވެރި ލަފުޒުކަމުގައި ބެލެވޭ ލަފުޒެވެ. (މަފަލިވެފައިވާ ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާއިން)
ލޯބިވާ ދަރިފުޅާއެވެ! إسمـــــاعـــيــــل ގެފާނުގެ ވަންހަފުޅުގެ ވާހަކަޔަށް އަލުން އެނބުރި އަންނަގޮތަށް މިހިސާބަށް މިވާހަކަ ކުރުކޮށްލަމާދޯއެވެ. إبــــراهــيـــــم عــلــيـــه الـسّــلام ގެ ހަތަރުވަނަ ދަތުރުފުޅުގެ ވާހަކަޔަށް އަލިއަޅުވައިލުމަށްފަހު މި މައުޟޫޢަށް އެނބުރި އަންނަގޮތަށެވެ.
3. إبــــراهــيـــــم عــلــيـــه الـسّــلام އެފަހަރު މައްކާއަށް ވަޑައިގެންނެވިއިރު إسمـــــاعـــيــــل ގެފާނު މައްކާގައި އުޅުއްވައެވެ. އެކަލޭގެފާނު އިންނެވީ ޒަމްޒަމް ވަޅުކޮޅުގެ ކައިރީގައިހުރި ގަހެއްގެ ހިޔަލުގައެވެ. ތީރެއް ސާފުކުރައްވައި ތޫނުކުރައްވާށެވެ. إسمـــــاعـــيــــل عــلــيـــه الـسّــلام އަށް ބައްޕާފުޅު ފެނިވަޑައިގެންނެވުމާއެކު ވަގުތުން ތެދުވެވަޑައިގެންނެވިއެވެ. އެދެބަފައިކަލުންގެ މެދުގައި ދެން ހިނގި ލޯބި ބަދަލުކުރެއްވުމާއި ތަރްޙީބުގެ ކަންތައްތަކަކީ ދިގުމުއްދަތެއްގެ ވަކިވެވަޑައިގެންނެވުމަކަށްފަހު ބައްދަލުވެވަޑައިގެންނެވުމުން ނުހަނު ލޯބިފުޅުވާ އަދި ހިތްޕުޅުގައި ނުލާހިކު ރަޙްމާއި ކުލުނުހުރި ބައްޕާފުޅަކާއި ކޮޅެއްނެތްހައި ބޮޑަށް ބަސްއައްސަވާ ކިޔަމަންތެރި ދަރިކަލަކު ދިގުމުއްދަތަކަށްފަހު ބައްދަލުވެގެންނެވުމުން ހިނގާނެ ކަންތައްތަކެވެ. އެކަންތައްތަކުގެ ބަހަވީ ތަސްވީރެއް ކުރަހާން މާފަވަނީ ނުކުޅެދިފައެވެ.
ގެފުޅު ބިނާކުރެއްވުން
إبــــراهــيـــــم عــلــيـــه الـسّــلام ގެ މިދަތުރުފުޅުގައި އެކަލޭގެފާނުގެ ދަރިކަލުން إسمـــــاعـــيــــل ގެފާނާ ދެބައްޕައިކަލުން ބައިވެރިވެވަޑައިގެން ގެފުޅު ބިނާކުރެއްވިއެވެ. އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ކީރިތި ޤުރްއާނުގައި ވަނީ އެކަން ބަޔާންކުރައްވައިފައެވެ.
"އަދި إبــــراهــيـــــم ގެފާނާއި إسمـــــاعـــيــــل ގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު ހަނދުމަކުރައްވާށެވެ. (އެހިނދު ދުޢާކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވައިވޮޑިގެންވާ ރަސްކަލާނގެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެޔަށް ފުރިހަމަޔަށް ކިޔަމަންވާ ދެއަޅުންކަމުގައި އަޅަމެން ލައްވައިފާނދޭވެ.
(ނުނިމޭ)


