(5 ފެބްރުއަރީ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އައު ފޯރިއަކާއެކު
(1)
އެތައް ދުވަހަކަށް ފަހު މޫސާ މިހާރު އެ ހުންނެވީ ކޯރެއް ހުރަސްކޮށް އޮތް ބުރިޖެއްގެ ދޮށުގައެވެ. އެއީ ސަރަހައްދީ ބާޒުގެ ވެރިކަން ހިނގާ ސަރަހައްދު ފެށޭ ހިސާބެވެ. ބުރިޖުގެ ކައިރީގައި ހުރި ގަހެއްގައި ބޯޑެއް ހަރުކޮށްފައި ހުއްޓެވެ. އެކަމަކު މިހާރު އެ ބޯޑުގައި ހުރި ލިޔުމާއި މޫސާ އެންމެ ފުރަތަމަ އެ ސަރަހައްދަށް ވަޑައިގެންނެވި ދުވަހު ހުރި ލިޔުމާ ތަފާތެވެ.
ބޯޑުގައި ލިޔެފައި އޮތެވެ. [މި ކޯރު ހުރަސްކުރީމާ ވަދެވޭނީ ސަރަހައްދީ ބާޒުގެ ވެރިކަމުގެ ސަރަހައްދަށެވެ. އަބޫ ޢަބްދުﷲގެ ވެރިކަން ގަބޫލުކޮށްގެން ހުރި ޚިޔާނާތްތެރިއަކު މި ސަރަހައްދަށް ވަނުމަކީ މަނާ ކަމެކެވެ. ކްރިސްޓިއަނުންގެ އަނިޔާވެރިކަމުން ސަލާމަތްވާން ކޮންމެ އިސްލާމަކަށް މި ސަރަހައްދަށް ވަނުމުގެ ހުއްދަ އެބައޮތެވެ. އެކަމަކު ދުޝްމިނުންގެ ޖާސޫސުންނަށް ކަނޑައެޅިފައިވާ އަދަބަކީ މަރުކަން ހަނދާންކުރާށެވެ.]
އެއީ އަސުރުނަމާދު ވަގުތެވެ. މޫސަ އަސްކޮޅުން ފައިބައިވަޑައިގެންފިއެވެ. އަދި އަސްކޮޅު ބުރިޖުގެ ތަނބެއްގައި ބެންނެވުމަށް ފަހު ކޯރުން ވުޟޫ ކުރައްވައިގެން ނަމާދުކުރައްވާން ހުއްޓިވަޑައިގެންފިއެވެ. އެ ވަގުތު ފަންސަވީހަކަށް ޒުވާނުން ކުއްލިއަކަށް ވަށައިގެން ހުރި ގަސްތަކުގެ ތެރެއިން ނުކުމެ މޫސަ ވަށައިލައިފިއެވެ. މޫސަ ނަމާދުން އަވަދިވެވަޑައިގެން އެމީހުންނަށް ސަމާލުކަން ދެއްވައިފިއެވެ. [އަހަރެންގެ ނަމަކީ މޫސާއެވެ.]
[މޫސާއޭތޯއެވެ؟] ޒުވާނަކު ކުރިއަށް ޖެހިލައި އޭނާގެ މޫނުފުޅަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. [މަނިކުފާނު ޝަހީދުވެވަޑައެއް ނުގަނޭތޯއެވެ؟ މިހައިތަނަށް އުޅުއްވީ ކޮން ތަނަކުތޯއެވެ؟] ޒުވާނާގެ ކަންބޮޑުވުން އޭނާގެ މޫނުމަތީން ވަރަށް ސާފުކޮށް ފާޅުވެގެން ދިޔައެވެ.
[އަހަރެން ފައިންޕުޅު ދެކެން ބޭނުން ވާހަކަ ކަލޭމެންގެ އަމީރަށް ދަންނަވާށެވެ. އަމީރުގެ އިޒުނަފުޅެއްގެ އިންތިޒާރުގައި އަހަރެން މިތާނގައި ހުންނާނަމެވެ.]
ޒުވާނާ ދެންނެވިއެވެ. [މި ވާދީއަށް ވެދެވަޑައިގަންނަވާން ގްރަނާދާގެ ސިންގާއަކަށް އިޒުނަފުޅެއް ބޭނުމެއް ނުވާނެއެވެ.]
އެ ޒުވާނާއަކީ ޖަންގަލިތެރެއިން ނުކުތް ޖަމާއަތުގެ ކޮމާންޑަރެވެ. އޭނާގެ އިޝާރާތަކަށް އެކަކު މޫސާގެ އަރިހަށް ލެފިލައިފިއެވެ. ބާކީ ތިބި ޒުވާނުން ޖކަންގަލިތެރެއަށް ވަދެ ގެއްލިއްޖެއެވެ.
ޖަންގަލި ތެރެއިން ދަތުރުކުރަމުން ގޮސް މެންދަމާ ގާތްވެފައި ހުއްޓައި ކިއްލާއެއްގެ ކައިރިއަށް ދެވިއްޖެއެވެ. މޫސަ ހީފުޅުކުރެއްވި ގޮތާ ޚިލާފަށް ކިއްލާގެ ދޮރާށި ހުރީ ހުޅުވައިފައެވެ. ބޭރުގައި ދެތިން މީހަކު އޭނާގެ އިންތިޒާރުގައި ތިއްބެވެ. އޭގެ ތެރެއިން އެކަކުގެ އަތުގައި އޮތީ ދަންމަރެކެވެ. މޫސަ ދޮރާށްޓާ ކައިރިއަށް ވަޑައިގަތީމާ އެކަކު ކުރިއަށް ޖެހިލައި އޭނާގެ އަސްކޮޅުގެ ލަގަނުގައި ހިފަހައްޓައިފިއެވެ. މޫސަ އަސްކޮޅުން ފައިބައިވަޑައިގެން ދަންމަރުގެ ފަނޑު އަލީގައި އެމީހާގެ މޫނަށް ބައްލަވައިލެއްވިއެވެ. [ކޮން ބޭފުޅެއްތޯއެވެ؟ ބަޝީރްތޯއެވެ؟] ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ދެ ބޭފުޅުން އޮޅުލައިވަޑައިގެންފިއެވެ. ބަޝީރް ތަކުރާރުކޮށް ކުރައްވަމުން ގެންދެވީ އެންމެ ސުވާލެކެވެ. [މަނިކުފާނު އުޅުއްވީ ކޮންތާނކުތޯއެވެ؟]
[ޚަބަރެއް ވެވަޑައިނުގެން މިހައި ލަސްވީ ކީއްވެގެންތޯއެވެ؟ މިއީ އަނެއްކާ ހުވަފެނެއްތޯއެވެ؟]
ބަޝީރުގެ ގައިކޮޅުން ދޫކޮށްލެއްވުމަށް ފަހު މޫސަ ދެން ތިބި މީހުންގެ މައްޗަށް ސަމާލުކަން ދެއްވައިފިއެވެ. މޫސަޔާ ސަލާންކޮށްލުމަށްޓަކައި ކަޅު ހެދުމެއްގައި، ކަޅު ފޮށަކުން މޫނު ނިވައިކޮށްގެން ހުރި މީހަކު ކުރިއަށް ޖެހިލިއެވެ. މޫސަ، ބަޝީރާ ދިމާއަށް ބައްލަވައިލެއްވީމާ އޭނާ ވިދާޅުވިއެވެ. [މިއީ މަންޞޫރު ބިން އަޙްމަދެވެ.]
މަންޞޫރާ ސަލާންކޮށްލެއްވުމަށް ފަހު އެނބުރިވަޑައިގަތް ވަގުތު މޫސައަށް ފެނިވަޑައިގަތީ އަބޫ މުޙްސިނެވެ. އެއްވެސް ހަރަކާތެއް ނެތިފައި އޭނާ ބައްލަވާން ހުންނެވީއެވެ. މޫސަ އޭނާޔާ ދިމާއަށް އަތްޕުޅު ދިއްކޮށްލައްވަމުން ސުވާލުކުރެއްވިއެވެ. [އޭ އަބޫ މުޙްސިނެވެ. އަހަރެން މިއީ ކާކުކަން ނޭނގުނީ ހެއްޔެވެ؟]
އަބޫ މުޙްސިން މޫސަގެ އަތްތިލަފުޅުގައި ބޮސްދެއްވިއެވެ.
ސަލާންގަލާމަށް ފަހު ހުރިހައި ބޭފުޅުން ކިއްލާއަށް ވެދެވަޑައިގެންފިއެވެ. ބޮޑު ކޮޓަރިކޮޅެއްގައި ފަރީއްކޮޅު ތައްޔާރުކޮށްފައި ހުއްޓެވެ.
މޫސަ ސުވާލުކުރެއްވިއެވެ. [ތިޔަ ބޭފުޅުން ތިޔަ ތިއްބެވީ އަދި ފަރީއްނުކުޅައްވައިތޯއެވެ؟]
ބަޝީރް ވިދާޅުވިއެވެ. [އަޅުގަނޑުމެން މިތިބީ މަނިކުފާނުގެ އިންތިޒާރުގައެވެ.]
[ދޮރުމަތީގައިވެސް އަޅުގަނޑުގެ އިންތިޒާރުގައި ތިއްބެވީމުއެވެ. އަޅުގަނޑު އަންނަކަން އެނގިވަޑައިގަތީ ކިހިނެއްތޯއެވެ؟]
މަންޞޫރް ވިދާޅުވިއެވެ. [މަނިކުފާނު އަޅުގަނޑުމެންގެ ސަރަހައްދާ ހަތަރު ކޯހުގެ ދުރުމިނުގައި ހުންނަވަނިކޮށް ޚާއްސަ މެހުމާނަކު ވަޑައިގަންނަވާ ޚަބަރު އަޅުގަނޑުމެންނަށް ލިބިއްޖެއެވެ. މަޣްރިބު ނަމާދުގެ ކުޑައިރުކޮޅެއް ފަހުން އެ މެހުމާނަކީ ކޮން ބޭފުޅަކުކަންވެސް އެނގިއްޖެއެވެ.]
ސުފުރާދޮށުގައި އިށީނދެވަޑައިގަތުމާއެކު މޫސަގެ ޚިޔާލީ ލޯފުޅަށް ތަސައްވަރުކުރެއްވިގެން ދިޔައީ ފުރަތަމަ ފަހަރަށް އައްޒަޣަލްގެ އަރިހުގައި ބާޒުގެ ވާދީއަށް ވަޑައިގަތް ފަހަރެވެ. އޭނާއަށް ސިފަކުރެއްވެނީ ބަދްރު ބިން މުޣީރާ ދެއްވި ޚާއްސަ ޖާފަތެވެ. މިއަދު ބަދްރު ބިން މުޣީރާގެ ބަދަލުގައި މަންޞޫރު ބިން އަޙްމަދު އޭނާގެ އަތްޕުޅު ދޮންނަވަން ފެން އަޅުއްވާތަން ފެނިވަޑައިގަތީމާ ބާވަތެއްގެ ބީރައްޓެހިކަމެއް އިހުސާސްކުރެއްވުނެވެ. ބަޝީރުގެ އެކުވެރި މިޒާޖުފުޅާއި މަންޞޫރުގެ އިޚްލާސްތެރިކަމާއެކުވެސް މެހެފިލްގައި ގިނިކަންޏާ ހުންނެވޭކަމުގެ އިހުސާސް ކުރެއްވިއްޖެއެވެ. ބަދްރު ބިން މުޣީރާގެ ވާހަކަފުޅު ދައްކަވާން އޭނާ ބޭނުންފުޅުވިއެވެ. އެކަމަކު ކެރިވަޑައެއްނުގަތެވެ. އެހެން ބޭފުޅުން ތިއްބެވީ މޫސަ ފަރީއްކުޅުއްވާން ފައްޓަވާނޭ ވަގުތެއްގެ އިންތިޒާރުގައެވެ.
ބަޝީރު ވިދާޅުވިއެވެ. [އަވަހަށް ފަރީއްކުޅުއްވާން ފައްޓަވާށެވެ.]
މޫސާ ކާއެތިކޮޅެއް ނަންގަވައި ފަރީއްކުޅުއްވާން އުޅުއްވިއެވެ. އެކަމަކު މިހާރަކު އެއްގޮތަކަށްވެސް ބަނޑުހައިފުޅެއް ނުވެއެވެ. އަނގަފުޅާ ހަމައަށް ދިޔަ އަތްޕުޅު ހުއްޓިއްޖެއެވެ. ލޯފުޅުޅަށް ފުސްކަން އައީ ކަރުނަފޮދުގެ ސަބަބުންނެވެ. މަޑުމަޑުން ވިދާޅުވެވުނެވެ. [ބަދްރު… ބަދްރު…] އޭނާ ކާއެތިކޮޅު ތަށިކޮޅަށް ވައްޓަވައިލެއްވިއެވެ.
މޭޒުބާނުން ކަންބޮޑުވެވަޑައިގެން މޫސަޔާ ދިމާއަށް ބައްލަވަމުން ގެންދަވަނީއެވެ. މޫސަ ދެއަތްޕުޅުން މޫނުފުޅު ފޮރުވައިލެއްވިއެވެ. އެބޭފުޅެއްގެ ކުރިފުޅުމަތީގައި ސިންގާ ރޫރުއަޅާ މުޖާހިދު، މުޅި އުމުރުފުޅު ޠޫފާނާ ހަނގުރާމަ ކުރެއްވުމުގައްޔާއި ގުގުރިއާ ކުޅުއްވުމުގައި ހޭދަކުރެއްވި ހިތްވަރުފުޅު ގަދަ ފަހުލަވާނު، މަރުގެ ނާމާންކަމުގެ ތެރޭގައި ހިނިފުޅުވެޑުވުމުގެ ހިތްވަރުފުޅު ލިބިވަޑައިގެން ހުންނެވި ކުޅަދާނަފުޅު ހަނގުރާމަވެރިޔާ އެތައް ބައެއްގެ ކުރިމަތީގައި ކިރިތިކުރައްވަނީއެވެ. ލޯބިވާ ބޮލިވަރަ ގެއްލުނީމާ މައުސޫމު ކުޑަކުއްޖަކު ރޯފަދައިންނެވެ. [މާފުކުރައްވާށެވެ. އަޅުގަނޑު ބަނޑުހައެއް ނުވެއެވެ.] މިހެން ވިދާޅުވެފައި އޭނާ ތެދުވެވަޑައިގެން އެ ކޮޓަރިކޮޅުން ބޭރަށް ނުކުމެވަޑައިގެންފިއެވެ.
ބަޝީރާއި މަންޞޫރު އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދިމާއަށް ބައްލަވައިލެއްވިއެވެ. މަންޞޫރު ވިދާޅުވިއެވެ. [ތިޔަ ބޭކަލުން އިންތިޒާރުކުރައްވާށެވެ. އަޅުގަނޑު އެބަ އަންނަމެވެ. ބަޝީރު އަޅުގަނޑާއެކު ހިންގަވާށެވެ.]
މޫސަ ފެންޑާގައި ހުންނަވައިގެން އުޑުމަތީގައި ފިޔަޖަހަމުންދާ ތަރިތަކަށް ބައްލަވަނީއެވެ. [ބަދްރު… ބަދްރު…] މިހެން މަޑުމަޑުން ވިދާޅުވަމުންނެވެ.
މަންޞޫރު ކުރިއަށް ޖެހިވަޑައިގެން އޭނާގެ ކޮނޑުފުޅުގައި އަތްޕުޅު ބާއްވައިލެއްވިއެވެ. [ތިޔަފަދަ މާޔޫސީއަކީ ގްރަނާދާގެ އެންމެ ވަރުގަދަ މުޖާހިދާ އެކަށީގެންވާފަދަ ކަމެއް ނޫނެވެ. ގްރަނާދާގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެކަމަކު ހިތްވަރު އެލުވައިލުމަކީ އަޅުގަނޑުމެން ކޮށްގެންވާނޭ ކަމެއް ނޫނެވެ.]
މޫސަ، މަންޞޫރާ ދިމާއަށް ބައްލަވައިލެއްވިއެވެ. [މަންޞޫރެވެ. މި ވަގުތު އަހަރެން މި ވިސްނަނީ ގްރަނާދާއާ މެދަކު ނޫނެވެ. ވެއްޓިފައި ހުންނަ ފާރުތައް އަލުން ކޮޅަށް ޖެހުމަކީ ކުރެވިދާނޭ ކަމެކެވެ. ކިއްލާތައް އަލުން ބިނާކުރެވިދާނެއެވެ. ގައުމުގެ އާބާދީ އިތުރުވެސް ކުރެވިދާނެއެވެ. އެކަމަކު ގައުމުތަކުގެ ލޭނާރުތަކުގައި ހަރާރަތު އުފައްދާ ދަރިންނަކީ އަލުން އުފަންވާނޭ ބައެއް ނޫނެވެ. ބަދުރަކީ އަހަރެމެންގެ ގައުމުގެ މި ބުނެވުނު ދަރިއެވެ. އެކަމަކު އަހަރެމެން މިތިބީ އޭނާ ކަށްވަޅަށް ތިރިކޮށްގެންނެވެ. އެއީ މި މަރުވެފައިވާ ގައުމުގެ ނާރުތަކުގައި ދަތުރުކުރި އެންމެ ފަހުގެ ލޭތިތްކެވެ. އެއީ އަހަރެމެންގެ ކަނޑިއެވެ. އެ ކަނޑިކޮޅު ބިނދިއްޖެއެވެ. އެއީ އަހަރެމެންގެ މުލައްދަނޑިއެވެ. އެ މުލައްދަނޑިކޮޅު ބުރިވެއްޖެއެވެ. އެއީ އަހަރެމެންގެ އިރެވެ. އެ އިރު އޮއްސިއްޖެއެވެ. އަހަރެމެން އަނދިރީގައި މަގުއޮޅިގެން މިދަނީ އެހެންވީމައެވެ.]
(2)
ކިއްލާގެ ބޭރުން އަސްތަކެއްގެ ފައިޖެހޭ އަޑު އިވިއްޖެއެވެ. މަންޞޫރު، ބަޝީރާ ދިމާއަށް ބައްލަވައިލެއްވިއެވެ. އިޝާރާތް ވިސްނިވަޑައިގަތުމާއެކު ބަޝީރް ކިއްލާގެ ދޮރާށްޓާ ދިމާއަށް ވަޑައިގެންފިއެވެ.
މަންޞޫރު މޫސައަށް ދެންނެވިއެވެ. [ތިޔަ ހުންނެވީ ވަރުބަލިފުޅުވެފައެވެ. އިށީނދެވަޑައިގަންނަވާން އެތެރެއަށް ހިންގަވާށެވެ.]
މޫސަ އެއްޗެކޭ ވިދާޅުނުވެ މަންޞޫރުގެ އަރިހުގައި ހިންގަވައިގެންފިއެވެ. ސިޑިއަކުން އަރައިވަޑައިގެން ދެ ބޭފުޅުން ވަޑައިގަތީ މަތީބުރީގެ ކޮޓަރިކޮޅަކަށެވެ. އެތަން އޮތީ ދަންމަރުން ދިއްލައިއަޅައިފައެވެ. މަންޞޫރު އިޝާރާތްޕުޅަކަށް މޫސަ އިށީނދެވަޑައިގެންފިއެވެ. މަންޞޫރު ޖެހިގެން ހުރި ގޮނޑިކޮޅުގައި އިށީނދެވަޑައިގެންފިއެވެ. [ގުދުރަތުން އެއް މުއުޖިޒާތް ދައްކަވައިފިއްޔާ ދެވަނަ މުއުޖިޒާތެއްވެސް ދައްކަވައިފާނެ ނޫންތޯއެވެ. އަޅުގަނޑުމެން ތިބީ މަނިކުފާނުގެ މަތީން މުޅީން އުއްމީދު ކަނޑައިލައިގެންނެވެ. މިއަދު މަނިކުފާނު ވަޑައިގަންނަވާ ޚަބަރު ލިބުނީމާ އަޅުގަނޑުމެން ހީކޮށްގެން ތިބީ، އަޅުގަނޑުމެންގެ މީހުންނަށް ކޮންމެވެސް އޮޅުމެއް އެރީކަމުގައެވެ. އަޅުގަނޑުމެންނަށް މޫސަ ލިބުނު ފަދައިން މަނިކުފާނަށް ބަދްރު ލިބިވަޑައިގަތުމަކީ އެކަށީގެން ނުވާ ކަމެއްތޯއެވެ؟ މަނިކުފާނު ފަދައިން އެ މަނިކުފާނުވެސް ކުއްލިއަކަށް ވަޑައިގަތުމަކީ ނުވާނޭ ކަމެއްތޯއެވެ؟]
މޫސަ އުއްމީދާއެކު މަންޞޫރާ ދިމާއަށް ބައްލަވައިލެއްވިއެވެ. އެކަމަކު ދެވަނަ ހިނދުކޮޅުގައި މާޔޫސީއާއެކު ވިދާޅުވިއެވެ. [ހާލަތު މިވަނީ އަހަރެން ފަދައިން މަންޞޫރުވެސް ޅެންވެރިއަކަށް ހަދައިފައިތާއެވެ. މާޔޫސީއަކީ ކޮންމެ ފަދަ މީހަކުވެސް ޅެންވެރިއަކަށް ހަދައިލާ ކަމެކެވެ. އަހަރެން މުޅި ދަތުރު ހޭދަކުރީ ބަދްރު ދުނިޔޭގައި އެބަ ހުންނެވިކަމުގެ ތަސައްލީ ހިތަށް ދެމުންނެވެ. އަބޫ ޢަބްދުﷲ ޝަހީދުކުޅަ ބޭފުޅަކީ އެހެން މީހަކު ކަމަށް ވެދާނެ ކަމަށް ހިތުގައި ކިޔަމުންނެވެ. ނުވަތަ ޝަހީދުކުޅައުމުގެ ބަދަލުގައި، އަޅުގަނޑު ފަދައިން ބަދްރުވެސް ހައްޔަރުކޮށްގެން ގެންގުޅެނީއޭ ހިތަށް އަރުވަމުންނެވެ. ސުފުރާގައި އިށީން ވަގުތު އަހަރެންގެ ނަޒަރު ހުއްޓިފައި ހުރީ ދޮރާ ދިމާއަށެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ މުއުޖިޒާތަކަށެވެ. އެކަމަކު އަހަރެން ގާތު ކާން ފައްޓާށޭ ބުނެވުމާއެކު އަހަރެންގެ އުއްމީދުގެ ބައްތި ނިވިއްޖެއެވެ. އެ މެހެފިލްގައި ބަދްރު ބިން މުޣީރާގެ ޖާގަ ހުސްވެއްޖެކަމުގެ ހަގީގަތް ގަބޫލުކުޅައުމަކީ އަހަންނަކަށް ފަސޭހަ ކަމަކަށް ނުވިއެވެ. އައި ގޮތަށް ފުރަތަމަވެސް ބަދްރުގެ ވާހަކަ ދެއްކުނު ނަމަ، މޭޒުދޮށުގައި ކުޑަކުއްޖެއްހެން އުޅޭކަށް ނުޖެހުނީހެވެ. އެކަމަކު އަހަރެން މި ހުންނަނީ އެމަނިކުފާނު ދިރިހުންނެވިކަމަށް ބަލައިގެން އިންތިޒާރުގައެވެ. ޝަހީދުވެއްޖެ ކަމަށް ގަބޫލުކޮށްގެންނެއް ނޫނެވެ. އަހަރެން އަމިއްލައަށް އެއްޗެކޭ ބުނުމުގެ ބަދަލުގައި އިންތިޒާރުކުރީ މަންޞޫރު އެއްޗެކޭ ބުނޭތޯއެވެ. މަންޞޫރެވެ. ދިރިހުރުމާއި މަރުގެ މަފުހޫމަކީ އަހަރެން ނުދަންނަ މަފުހޫމެއް ނޫނެވެ. މީހަކު މަރުވީމާ ކުރާ ހިތާމަ އަހަރެންގެ ބޮލަށް ސަވާރުވުމަކީ މީގެ ކުރިއަކުން ވީކަމެއް ނޫނެވެ. ހުވަފެނުގައިވެސް އަހަންނަށް އެމީހުން ފެންނަނީ އެހެން ދުނިޔެއެއްގައި އުޅޭތީއެވެ. މި ދުނިޔޭގައި އުޅޭ ތަނެއް ނޫނެވެ. އަހަންނާއި ބަދްރާ ދެމީހުންގެ އެކުވެރިކަމަކަށް މާ ގިނަ ދުވަހެއް ނުވެއެވެ. އެކަމަކުވެސް އަހަންނަށް އަބަދުވެސް އާދަޔާ ޚިލާފު ގާތްކަމެއް އިހުސާސްކުރެވުނެވެ. އަހަރެންގެ ވުޖޫދުގެ ބައެއް ކަމުގައި ބެލެވުނެވެ.]
އެ ވަގުތު ކޮޓަރިކޮޅުގެ ބޭރުން ފިޔަވަޅުތަކެއްގެ އަޑުއިވުނެވެ. މަންޞޫރު މާނައިން ފުރިފައިވާ ގޮތަކަށް ހިނިތުންވެވަޑައިގަތެވެ. [ބަދްރު ބިން މުޣީރާގެ ފައިންޕުޅު މި ވަގުތު ދެކެވަޑައިގަންނަވާން ބޭނުންފުޅުތޯއެވެ؟]
މޫސަ ވިދާޅުވާނޭ އެއްޗެއް އެނގިވަޑައިނުގެން މަންޞޫރާ ދިމާއަށް ބައްލަވައިލެއްވިއެވެ. އެޔަށް ފަހު ދޮރާ ދިމާއަށް ބައްލަވާން ފައްޓަވައިފިއެވެ. ދޮރު ހުޅުވިއްޖެއެވެ. މޫސަގެ ކުރިފުޅުމަތީގައި ދަގަނޑު ދަހަނާއިން މުޅި ހަށިކޮޅު ޒީނަތްތެރި ކުރައްވައިގެން އެ ހުންނެވީ ދެވަނަ ބޭފުޅެއް ނޫނެވެ. ބަދްރު ބިން މުޣީރާއެވެ.
އެންމެ ފުރަތަމަ އެއްވެސް ހަރަކާތެއް ނެތިފައި މޫސައަށް އިންނެވުނީއެވެ. މަޑުމަޑުން އޭނާގެ ހިތްޕުޅުގެ ހިނގުން އަވަސް ވެގެން ހިނގައްޖެއެވެ. ތުންފަތްޕުޅު ތުރުތުރުއަޅަނީއެވެ. ކުއްލިއަކަށް ވަރަށް ބާރަށް ގޮވައިލެއްވިއެވެ. [ބަދްރު… ބަދްރު…]
ބަދްރު ދެތިން ފިޔަވަޅުފުޅެއް ކުރިއަށް ޖެހިވަޑައިގަތުމަށް ފަހު ދެ އަތްޕުޅު ހުޅުވައިލެއްވިއެވެ. މޫސަ ތެދުވެވަޑައިގެން ބަދްރުގެ ގައިކޮޅުގައި އޮޅުލައިވަޑައިގެންފިއެވެ. [ބަދްރެވެ. މަނިކުފާނު ދުނިޔޭގައި އެބަ ހުންނެވީމުތޯއެވެ؟ މިއީ އަޅުގަނޑުގެ ހިތުގެ މަކަރެއްތޯއެވެ؟ އަޅުގަނޑުގެ އެކުވެރިޔާއެވެ. އަޅުގަނޑުގެ ބައިވެރިޔާއެވެ.]
ބަދްރުގެ ލޯފުޅުން ކަރުނަފޮދު ފާއްދައިލައިފިއެވެ. އެކަމަކު އެއްޗެކޭ ވިދާޅެއް ނުވެއެވެ. ދެ ބޭފުޅުން ވަޑައިގެން ގޮނޑިކޮޅުގައި އިށީނދެވަޑައިގެންފިއެވެ. މަންޞޫރާ ދިމާއަށް ބައްލަވައިލައްވައިފައި މޫސަ ވިދާޅުވިއެވެ. [ދެމީހުން އަހަންނަށް ވަރަށް ބޮޑަށް އަނިޔާވެރި ވެއްޖައީމުއެވެ. އަހަރެން އައުމާއެކީ ނުބުނީ ކީއްވެގެން ހެއްޔެވެ؟]
މަންޞޫރު ވިދާޅުވިއެވެ. [އަޅުގަނޑުމެންނަށް ފިއްލަވައިގެން މިހައި ގިނަ ދުވަހު އުޅުއްވުމުގެ އަދަބެއް ނޯންނާނޭ ކަމަށް ހީފުޅުކުރެއްވީތޯއެވެ. ބަދްރާ ނިކަން ސުވާލުކުރައްވައި ބައްލަވާށެވެ. އެމަނިކުފާނު ކިހައި ވަރަކަށް އިންތިޒާރުކުރެއްވިކަން އެނގިވަޑައިގެންފާނެއެވެ. އެކަމަކު އަޅުގަނޑުމެންގެ ނިޔަތަކީ މަނިކުފާނަށް ތުރާލެއް ޖެއްސުމެއް ނޫނެވެ. ބަދްރު އެ ވަޑައިގެންނެވީ ދެންމެއެވެ. އަޅުގަނޑު ކުރިން ދެންނެވިނަމަ އިންތިޒާރުކުރެއްވުން މަނިކުފާނަށް ވީހީ ވަރަށް އުނދަގޫފުޅު ކަމަކަށެވެ.]
ބަޝީރް ކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ. [ސުފުރާ އަދިވެސް އޮތީ ތިޔަ ބޭފުޅުންގެ އިންތިޒާރުގައެވެ. އަވަހަށް ވަޑައިގަންނަވާށެވެ.]
މޫސަޔާ ދިމާއަށް ބައްލަވައިލައްވައިފައި ބަދްރު ވިދާޅުވިއެވެ. [މަނިކުފާނު ވަޑައިގަންނަވާށެވެ. ހެދުން ބަދަލުކޮށްލައިގެން އަޅުގަނޑު މި އަންނަނީއެވެ.]
(3)
ފަރީއްކޮޅުން އަވަދިވެވަޑައިގެން ބަދްރު ބިން މުޣީރާއާއި މޫސައާއި ބަޝީރާއި މަންޞޫރާއި އަބޫ މުޙްސިނާ ފަސް ބޭފުޅުން ވަޑައިގަތީ އެ ކޮޓަރިކޮޅަށެވެ. ފަސް ބޭފުޅުން ވަރަށް ގިނައިރު ވާންދެން ވާހަކަފުޅުދައްކަވާން ތިއްބެވިއެވެ. މޫސަ ވަޑައިގަތީ ވަރަށް ދިގު ދަތުރުފުޅެއް ކުރައްވައިފައެވެ. ބަދްރުވެސް އެ ހިސާބަށް ވަޑައިގަތީ ދެތިން އަސްކޮޅަށް ބަދަލުވެވަޑައިގެންނެވެ. އެކަމަކުވެސް އެއްވެސް ބޭފުޅެއްގެ ލޯފުޅަކަށް ބަރުކަމެއް ނާދެއެވެ. ވަރުބަލިފުޅުކަމެއްވެސް އިހުސާސެއް ނުކުރެއްވެއެެވެ. ދެ ބޭފުޅުންވެސް އެ ބޭފުޅެއްގެ ވާހަކަތައް ވިދާޅުވެދެއްވަނީއެވެ. އޭގެ ފަހުން ކުރިއަށް ހުރި ކަންތައްތަކާމެދު ވާހަކަފުޅުދައްކަވާން ފައްޓަވައިފިއެވެ.
މޫސަ އަބޫ މުޙްސިނާ ދެތިން ސުވާލެއް ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. [ގައިދުން މިނިވަންވުމަށް ފަހު އަޅުގަނޑު ވިޔަފާރިއަކަށް ހެދިގެން ގްރަނާދާއަށް ދިޔައީމެވެ. އަޅުގަނޑު އެރަށުގައި ހުރީ ދެ ދުވަހުއެވެ. ދެ ދުވަހުގެ ތެރޭގައި އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި އެ ރަށުގެ ރައްޔިތުން ތިބީ ލަދުންނެވެ. އެ މީހުން ތިބީ އަޅުގަނޑުމެންނާ ބައިވެރިވާން ތައްޔާރަށެވެ. ފެރްނާންދޯގެ ނުބައި ނިޔަތާމެދު މިހާރު އެއްވެސް މީހަކުގެ ހިތުގައި ޝައްކުކަމެއް ނެތެވެ. އެހެން ރަށްރަށުން މުހާޖިރުންގެ ގޮތުގައި ހަތަރު ލައްކަ މީހުން ގްރަނާދާއަށް ވަދެއްޖެއެވެ. އެމީހުންގެ ފަރާތުން އިވިފައިވާ އަނިޔާގެ ވާހަކަތައް އިވުނީމާ ރައްޔިތުންނަށް މިހާރު ޔަގީންވާ ގޮތުގައި އަބޫ ޢަބްދުﷲ ފެރްނާންދޯގެ ލަޝްކަރަށްޓަކައި ގްރަނާދާގެ ދޮރާށި ހުޅުވައިދީފިނަމަ މަލަޚާއާއި އެހެން ރަށްރަށުގެ މީހުންނަށް ޖެހުނު ދަތުރު ޖެހޭނެއެވެ. ދަރުމަވެރިންގެ މީހުން ގެންދަނީ ރަށުގެ ދޮރާށިދޮށުގައި ފޯރިމަރަމުންނެވެ. އަލްޙަމްރާގެ ދޮރާށި ދޮށުގައި ކޮންމެ ދުވަހަކު ރައްޔިތުން ގެންދަނީ މުޒާހިރާކުރަމުންނެވެ. އަބޫ ޢަބްދުﷲ ރައްޔިތުންގެ އެދުމަށް އިޖާބަ ނުދީފިނަމަ، ސިފައިން ރައްޔިތުންނާ އެއްކޮޅަށް ޖެހޭނެކަން އަޅުގަނޑަށް ޔަގީނެވެ. ޚިޔާނަތްތެރިވީ މީހުންނަށްވެސް މިހާރު ގަބޫލުކުރެވޭ ގޮތުގައި ފެރްނާންދޯގެ އެންގުމަށް އަމަލުކޮށްފިިނަމަ، އެ މީހުންނަށްވެސް ޖެހޭނީ ގަނޑުވަރު ދޫކޮށްފައި ދާށެވެ. ފުރަތަމަ އެމީހުން ތިބީ އަބޫ ޢަބްދުﷲގެ ވެރިކަމާއި ފެރްނާންދޯގެ އެހިތެރިކަމުގެ ފައިދާ ނަގައިގެން ރައްޔިތުން ލޫޓުވުމުގެ އަޒުމުގައެވެ. އެކަމަކު މިހާރު އެ މީހުން ތިބީ ފެރްނާންދޯގެ ބާރުގެ ދަށަށް ގްރަނާދާ ހިނގައްޖެނަމަ އެމީހުންނަށް ޖެހޭނީ ޚުދު އެމީހުންނަށްވުރެ މާ ނުރައްކާތެރި، މާ ރަހުމުކުޑަ ބަޔަކާ ކުރިމަތިލާންކަން ޔަގީންވާތީ ބިރުންނެވެ. ޠަރީފްގެ ބައިވެރިއަކު އަބޫ ޢަބްދުﷲއަށް އެންމެ ފަހުގެ މެސެޖު ރައްދުކޮށް ދީފިއެވެ. އެހެންވީމާ އަބޫ ޢަބްދުﷲއާއި އޭނާގެ ބައިވެރިންވެސް ތިބީ ބިރުންނެވެ. ޠަރީފް ފަދަ މީހަކު ގަތުލުކޮށްލި މީހަކު އެ މީހުންނާމެދު މާ ރަނގަޅަށް ކަންތައްކޮށްފާނޭ ކަމަށް ބެލުމަކީ މޮޔަ ކަމަކަށް ވާނެކަން މިހާރު އެމީހުންނަށް އެނގެއެވެ. ގްރަނާދާއަށް ހަމަލަދިނުމުގައި މާ ލަސްކުރުމަކީ ފެރްނާންދޯ ކުރާނެކަމެއް ނޫންކަން އަޅުގަނޑަށް ޔަގީނެވެ. ވަގުތު ވަރަށް ކުޑައެވެ. އަޅުގަނޑުމެން ކުރާން ހުރި ކަންތައް ވަރަށް ގިނައެވެ.]
ބަދްރު ވިދާޅުވިއެވެ. [ފެރްނާންދޯގެ ލަޝްކަރު މަލަޚާއިން ނުކުމެއްޖެއެވެ. މި ޚަބަރު އަޅުގަނޑަށް ލިބުނީ މިއަދު މެންދުރުއެވެ.]
މޫސަ ސިހިވަޑައިގެންފައި ވިދާޅުވިއެވެ. [އެހެން ވެއްޖެއްޔާ އަޅުގަނޑު ހަމަ މިހާރު ގްރަނާދާއަށް ދިއުމަކީ ވަރަށް މުހިއްމު ކަމެކެވެ.]
ބަދްރު ވިދާޅުވިއެވެ. [އަޅުގަނޑަށް ހީވާ ގޮތުގައި ގްރަނާދާގެ ރައްޔިތުންނާ މެދު މަނިކުފާނަށް ތިޔަ ކުރެއްވިފައި ވަނީ ނުބައި ހީފުޅެކެވެ.]
މޫސަ ވިދާޅުވިއެވެ. [އަބުރުވެރި ދިރިއުޅުމަކަށްޓައި ގްރަނާދާގެ ރައްޔިތުން އަޅުގަނޑުމެންނާ ބައިވެރިވާނޭ ކަމަށް އަޅުގަނޑު އިހަށް ހީކުޅައީމެވެ. އެކަމަކު އެއީ ކުށް ހިއެކެވެ. މިހާރު އެ ރަށުގެ ރައްޔިތުން ބޭނުންވަނީ އިހާނެތި މަރަކުން ސަލާމަތްވާށެވެ. އެމީހުންގެ ކުރިމަތީގައި މަރު ނޫން އެހެން ކަމެއް ނެތްކަން ޔަގީންވީމާ އިހާނެތި މަރަކަށްވުރެ ބޮޑަށް އިސްކަންދޭނީ އަބުރުވެރި މަރަކަށް ކަން އަޅުގަނޑަށް ޔަގީނެވެ. މި ހަނގުރާމަ ވެގެން ދާނީ ފެރްނާންދޯއާ ދެކޮޅަށް އަޅުގަނޑުމެން ކުރާ ފުރަތަމަ ހަނގުރާމައަށެވެ. އެހެންވީމާ ގައުމުގެ އިހުގެ ޣައްދާރުންނާއި މަސްލަހަތަށްޓަކައި ދެކޮޅުވެރިވީ މީހުން އަޅުގަނޑުމެންނާ ބައިވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.]
ބަދްރު ބިން މުޣީރާ މަލާމާތުގެ ރާގަކަށް ވިދާޅުވިއެވެ. [ތިޔަ ވިދާޅުވާ ޖިހާދަށްޓަކައި އަނެއްކާވެސް އަބޫ ޢަބްދުﷲގެ މާތްވެގެންވާ އަތްޕުޅުގައި ބޮސްދެއްވާނީތޯއެވެ؟]
މޫސަ ކަންބޮޑުވެވަޑައިގެންފައި ވިދާޅުވިއެވެ. [އަޅުގަނޑު މިތަނަށް އައީ އަބޫ ޢަބްދުﷲއަށްޓަކައެއް ނޫނެވެ. ގްރަނާދާއަށްޓަކައެވެ. ގްރަނާދާގެ އަހުލުވެރިންނާމެދު އަޅުގަނޑަށް ކުށް ހިއެއް ކުރެވުނީކަމަށް ވެދާނެއެވެ. އެކަމަކު މަނިކުފާނާމެދު އަޅުގަނޑަކަށް ކުށް ހިއެއް ނުކުރެވެއެވެ. އަޅުގަނޑު މިތަނަށް ނައިނަމަވެސް މަނިކުފާނު ގްރަނާދާގެ ރައްޔިތުންނަށް އެހީތެރިވެވަޑައިގަންނަވާން ވަޑައިގަންނަވާނޭކަން އަޅުގަނޑަށް އެނގެއެވެ.]
ބަދްރު ބިން މުޣީރާ ތެދުވެވަޑައިގެން ކުޑަދޮރު ކައިރިއަށް ޖެހިވަޑައިގެންފިއެވެ. އޭނާގެ ބުރިކަށިފުޅު ހުރީ މޫސަޔާ ދިމާއަށެވެ.
މޫސަ ވިދާޅުވިއެވެ. [ބަދްރެވެ. މި ހާލަތުގައިވެސް ގްރަނާދާގެ ހަތަރުފާރު ރައްކާތެރިކުރުމަކީ ކުރެވިދާނޭ ކަމެއް ކަމަށް ގަބޫލުނުކުރެވޭނަމަ، ވަކި މީހަކު ނޭނގޭ ގޮތަށް މަނިކުފާނުގެ ލަޝްކަރާ އަޅުގަނޑު ގުޅުނީމުހެވެ. އެކަމަކު މަނިކުފާނުގެ އެހީފުޅާއެކު އަޅުގަނޑުމެންނަށް ހަނގުރާމަ ކާމިޔާބުކުރެވިދާނޭ ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. ގްރަނާދާއިން މިހާރުވެސް ލައްކައެއްހައި ދަރުމަވެރިން ޖަމާކުރެވިދާނެއެވެ.]
ބަދްރު ކުއްލިއަކަށް މޫސަޔާ ދިމާއަށް އެނބުރިވަޑައިގެންފިއެވެ. [މޫސާއެވެ. ގްރަނާދާ ސަލާމަތްކުރުމަށްޓަކައި ކިތަންމެ ބޮޑު ގުރުބާނީއެއް ވުމަކީވެސް އަޅުގަނޑު ޖެހިލުންވާނޭ ކަމެއް ނޫންކަން މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ. އެކަމަކު ހިނގައިދިޔަ ކަންތައްތަކަށް ބަލާއިރު ގްރަނާދާ ސަލާމަތް ކުރެވިދާނޭ ކަމާމެދު ފިކުރުކުރަން އަޅުގަނޑަށް ވަނީ މަޖުބޫރު ވެފައެވެ. ގްރަނާދާއަށްޓަކައި އަޅުގަނޑުމެން މިހައިތަނަށް ވީ ގުރުބާނީގެ އެއްވެސް ފައިދާއެއް ކުރިތޯއެވެ؟ ގްރަނާދާއަކީ އަޅުގަނޑުމެންގެ ދިފާއީ މަރުކަޒަކަށް މިހާރު ހަދައިފިއްޔާ އަޅުގަނޑުމެންގެ ގުރުބާނީ އަނެއްކާވެސް ބޭކާރުވެގެން ދާނީތޯއެވެ؟ ބިންގައު ގުޑައިފައިވާ ފާރުތަކުގެ އެހީތެރިންކަމުގައި ވެގެން އަޅުގަނޑުމެން ތިބެންވީ ކިހައި ދުވަހެއް ވާންދެންތޯއެވެ؟ މޫތައް ހަލާކުވެ، ފީވެފައިވާ ގަސްގަހުގައި ލަނބުރާން ޖަހައިގެން ކޮޅަށް ބަހައްޓާން މަސައްކަތްކުރާނީ ކިހައި ދުވަހެއް ވާންދެންތޯއެވެ؟ އަޅުގަނޑުގެ ވާހަކަ ހިތިފުޅުވެދާނެއެވެ. އެކަމަކު ހަގީގަތުގެ ބިރުވެރި މޫނުގައި ލަފުޒުގެ ފަރުދާ އަޅައި ނިވައިކުރާން އުޅުމަކީ ފައިދާއެއް ކުރާނޭ ކަމެއް ނޫނެވެ. ގްރަނާދާގެ ރައްޔިތުން އެމީހުންނަށް ކުރެވުނު ދެރަކަންކަމާމެދު ހިތާމަކުރާ ކަމަށް އަޅުގަނޑު ގަބޫލުކޮށްފާނަމެވެ. އެމީހުންގެ ހިތުގައި ދިފާއުގެ ޖަޒުބާތު އުފެދިއްޖެ ކަމަށްވެސް ގަބޫލުކޮށްފާނަމެވެ. އެމީހުން ހަނގުރާމައަށް ނުކުތުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު ނަސީބު ދެރަކަމުން މި ވަގުތުވެސް އެމީހުންގެ ވެރިއަކަށް އެހެރީ އަބޫ ޢަބްދުﷲއެވެ. ވެރިކަމުގެ އިސް މަގާމުތަކުގައި އެތިބީ އެމީހުންގެ ސަބަބުން އަޅުގަނޑުމެންގެ ފަޚުރުވެރި ކާމިޔާބީ، ނާކާބިޔާބީއަށް ބަދަލުވެގެން ދިޔަ މީހުންނެވެ. ގްރަނާދާގެ ރައްޔިތުންގެ ކޮނޑުމަތީގައި އެހެރީ މީގެ އެތައް އަހަރެއް ކުރީން ވަޅުލެވިފައި ހުންނަންޖެހޭ ގަބުރުތަކެވެ. މަނިކުފާނު ވިދާޅުވާ ގޮތުގައި އަލްޙަމްރާގެ ދޮރާށި ދޮށުގައި ރެޔާއި ދުވާލު މުޒާހިރާކުރަމުން އެބަގެންދެއެވެ. އެކަމަކު އެ މުޒާހިރާވެރިންގެ ބޭނުމަކީ އަބޫ ޢަބްދުﷲ ނުކުމެގެން އައިސް އެމީހުންގެ ކޮމާންޑަރަކަށްވުން ނޫންތޯއެވެ؟ ހަނގުރާމައިގެ މައިދާނުގައި ކޮމާންޑަރަކަށް ބަހައްޓާން ގަބުރެއް ކޮނޑަށް ލައިގެން އުޅޭ ބަޔަކާމެދު އަޅުގަނޑު ދަންނަވާނީ ކީކޭތޯއެވެ؟ މޫސާއެވެ. އަލްޙަމްރާ ބިނާކޮށްފައި ވަނީ އަޅުގަނޑުމެންގެ ކާބަފައިންގެ ލެޔާއި ދަލުންނެވެ. މިއަދު އެ ގަނޑުވަރުގެ ފާރުތައް ހިމާޔަތްދެނީ އަބޫ ޢަބްދުﷲ ފަދަ ޣައްދާރުންނަށް ކަމުގައި ވަނީނަމަ، ގްރަނާދާގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑު އެދެނީ އެންމެ ކަމެކެވެ. އަލްޙަމްރާގެ ފާރުތައް ވައްޓައިލާށެވެ. ޣައްދާރުންގެ ކަނދުރާއާ ހަމައަށް ދާން އެމީހުންނަށް ހުރަސްއަޅަނީ އަލްޙަމްރާގެ ދޮރާށިތައް ކަމުގައި ވަނީނަމަ، އެ ދޮރާށިތައް ވައްޓައިލާށެވެ. ގޮނޑިގޮނޑިއަށް ސަވާރުވެގެން ތިބީ ޙިއްސުތައް މަރުވެފައިވާ މީހުން ކަމުގައި ވަނީނަމަ، އެބައި މީހުން ގޮނޑިތަކާއެކު ވަޅުލާށެވެ.]
[ކުށް ހީފުޅެއް ނުކުރައްވާށެވެ. އަޅުގަނޑުމެންގެ ކަނޑިތައް ދުވަހަކުވެސް ވަކި ރަސްކަލަކަށްޓަކައި އުރަތަކުން ދަމައެއް ނުގަންނަމުއެވެ. ގްރަނާދާގައި ނަމަކަށް އޮތް ޝާހީ އާއިލާދެކެ އަޅުގަނޑުމެން ވާ ލޯތްބެއް ނެތެވެ. އަބުލްޙަސަންގެ ދައުވަތަށް އަޅުގަނޑުމެން އިޖާބަދިނީ، އަޅުވެތިކަމުން ގައުމު މިންޖުކޮށްދެއްވާނެކަމަށް އަހުދުވެވަޑައިގަތީމައެވެ. އައްޒަޣަލް ވެރިކަން އަޅުގަނޑުމެން ގަބޫލުކުޅައީ ގައުމުގެ މިނިވަންކަމަށްޓަކައި ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގަތީމައެވެ. އެކަމަކު އަޅުގަނޑުމެންގެ ނާކާމިޔާބީގެ ހަމައެކަނި ސަބަބަކަށް ވެގެން ދިޔައީ މައިދާނަށް ނުކުމެވަޑައިގަތުމާއެކުވެސް ގްރަނާދާގައި ތިބި މުނާފިގުން ހުސްކޮށްލެއްވުމުގެ ވިސްނުންފުޅެއް އޭނާ ނުގެންގުޅުއްވުމެވެ. އައްޒަޣަލަށް ފުރުސަތު ލިބިވަޑައިގަތެވެ. އެކަމަކު އޭނާ ހެއްދެވީ ކިހިނެއްްތޯއެވެ؟ އޭނާއަށް ބޮޑުބޭބެ ވިދާޅުވާ އަބޫ ޢަބްދުﷲ އާއްމުންގެ ތެރޭގައި ދަން ޖެއްސެވުމުގެ ބަދަލުގައި ލޮއްޚާގެ ވެރިކަން ދެއްވީއެވެ. ދެން އަބޫ ޢަބްދުﷲ ކަންތައްކުރީ ކިހިނެއްތޯއެވެ؟ މުޅި ސަހަރު ފެރްނާންދޯއާ ހަވާލުކުރީއެވެ.]
[އަބޫ މުޙްސިން ގާތު އައްސަވައިބައްލަވާށެވެ. އޭނާއަށްވެސް ގްރަނާދާގެ ރައްޔިތުންގެ ގާޢިދަކަށް ވުމުގެ ފުރުސަތު ލިބުނެވެ. އެކަމަކު އޭނާވެސް އެޅީ ކަތި ފިޔަވަޅެކެވެ. ދަރުމަވެރިންގެ ލަޝްކަރެއް އެއްކުރުމަށް ފަހު އެ ލަޝްކަރުގެ ކޮމާންޑަރުކަން އަބޫ ޢަބްދުﷲއަށް ދިނީއެވެ. އަބޫ ޢަބްދުﷲއާއެކު ޣައްދާރުންގެ މީހުންވެސް މައިދާނަށް ނުކުތެވެ. ނަތީޖާއަކީ ނުލާހިކު ވަރުގަދަ ފަތަހައެއް ނާމިޔާބީއަކަށް ބަދަލުވެގެން ދިއުމެވެ.]
[މޫސާއެވެ. ތިޔަ ވަޑައިގަތީ ޖިހާރުގެ ދައުވަތާއެކުގައި ކަމަށް ވަނީނަމަ މާޔޫސްވެވަޑައިގަންނަވާކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. އެކަމަކު ވިދާޅުވެބައްލަވާށެވެ. މި ދެންނެވި ހުރިހައި ކަމަކާއެކުވެސް އަބޫ ޢަބްދުﷲއާއި އޭނާގެ ބައިވެރިންގެ ސަންދޯއް އުފުލުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއްތޯއެވެ؟ ހިތްޕުޅު ހަމަޖައްސަވައިގެން ހުންނަވާށެވެ. އަޅުގަނޑުމެންނަކީ ކުރިމަތީން އަންނަ ޠޫފާން ފެނުނީމާ ލޯމަރައިލާނޭ ބަޔަކީމެއް ނޫނީމެވެ. އެކަމަކު ހުއިން ބަނދެފައިވާ ބޮއްކުރައަކަށް އެރުމުގެ ބަދަލުގައި އަޅުގަނޑުމެން އިތުބާރުކުރާނީ އަޅުގަނޑުމެންގެ މުލައްދަނޑިއަށެވެ. ވެލީގެ ފާރުތަކުން ހިމާޔަތް ހޯދައިގެން މަނިކުފާނަށް މަކަރުހަދާ ބަޔަކަށް އަޅުގަނޑުމެން ނުވާނޫއެވެ.]
[މަނިކުފާނު ތިޔަ ވިދާޅުވަނީ އަމިއްލަ ފައިދާތަކުން މަހުރޫމުވެގެންދާތަން ފެނުނީމާ އަބޫ ޢަބްދުﷲއާއި އޭނާގެ ބައިވެރިން ރައްޔިތުންނާ އެއްކޮޅަށް އަރާނޭ ކަމަށް ނޫންތޯއެވެ؟ އެކަމަކު މާދަމާ އޭނާގެ މަންފާތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެ، ރައްޔިތުންގެ ކޮނޑަށް ސަވާރުވެ، ގައުމުގެ ލޭ ބުއިމުގެ ހުއްދަ ފެރްނާންދޯ ދީފިއްޔާ އޭނާ ރައްޔިތުންނާ ދެކޮޅުވެރިއެއް ނުވާނެތޯއެވެ؟ އެބައިމީހުން ދިރިދުނިޔޭގައި ތިބިހައި ހިނދަކު ގްރަނާދާ އޮންނާނީ ނުރައްކަލުގެ ތެރޭގައެވެ. ގްރަނާދާ ނުމިއި ނުމެދިރި އޮންނަ އޮތުމަށް ފައިދާއެއްވާ ކަހަލަ އެއްވެސް ކަމެއް ކުރާކަށް އަޅުގަނޑު ބޭނުމެއް ނުވެއެވެ. އަޅުގަނޑު ދަންނަވާން ހުރި ވާހަކަތައް ދަންނަވައި މި ނިމުނީއެވެ. އެކަމަކުވެސް މަނިކުފާނު އަމުރުފުޅު ކުރައްވައިފިއްޔާ އަޅުގަނޑު މިހިރީ ތައްޔާރަށެވެ. އަޅުގަނޑުގެ ލަޝްކަރުވެސް އޮންނާނީ ތައްޔާރަށެވެ.]
ބަދްރު ބިން މުޣީރާ ގޮނޑިކޮޅުގައި އިށީނދެވަޑައިގެންފިއެވެ. މޫސަ އިރުކޮޅަކު ވިސްނައިވަޑައިގަތުމަށް ފަހު ވިދާޅުވިއެވެ. [ފެރްނާންދޯ ގްރަނާދާއަށް ހަމަލަދޭން އުޅޭކަން މަނިކުފާނަށް އޮންނާނީ އެނގިވަޑައިގެންފައެވެ. ﷲ ހެކިވެވޮޑިގެންވާނެއެވެ. އަޅުގަނޑުގެ ކުރިމަތީގައި މި ވަގުތު އޮތީ އެންމެ ބޭނުމެކެވެ. އެއީ އަންދަލުސްގެ އިސްލާމުންގެ އެންމެ ފަހުގެ ހިމާޔަތްކަމުގައިވާ ގްރަނާދާ ސަލާމަތްކުރުމެވެ. މިއީ އަބޫ ޢަބްދުﷲއާ މެދު ވިސްނާންވީ ވަގުތެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ވަގުތު ޖެހުނީމާ އަޅުގަނޑުމެން ހުރިހައި ޣައްދާރުންނަށް ދައްކަންޖެހޭ ކުޅިއެއް ދައްކާނަމެވެ. އަޅުގަނޑުމެންގެ ގައުމުގެ އެތައް ދަރިންނެއްގެ އިއްފަތްތެރިކަން ލޫޓުވައިލީ ބައެއްގެ މައްޗަށް އަޅުގަނޑުގެ ހިތުގައި އެއްވެސް ކަހަލަ ރަހުމެއް އުފެދިފައިވާ ކަމަށް މަނިކުފާނަށް ހީފުޅުކުރެއްވެނީތޯއެވެ؟ މި ވަގުތަށް ބަލާނަމަ އެއްކޮޅުން ދުޝްމިނުން އެތިބީ އަޅުގަނޑުމެންގެ މެޔަށް ލޮންސި އަމާޒުކޮށްގެންނެވެ. އަނެއްކޮޅުގައި ތިބީ ތިޔަ ވިދާޅުވާ މުޖުރިމުންނެވެ. އަޅުގަނޑުމެން އެ މުޖުރިމުންނާ ދިމާއަށް ސަމާލުކަން ހުއްޓާލައިފިނަމަ ދުޝްމިނުންގެ އެތިފަހަރު ސީދާ ނުވެއެއް ނުދާނެއެވެ. ﷲ އެހެން މިންވަރު ނުކުރައްވާށިއެވެ. ފެރްނާންދޯ ގްރަނާދާ ހިފައިފިނަމަ އަޅުގަނޑުމެންގެ ދުވަސް މުޅީން ދާނެއެވެ. ބަދްރެވެ. މިއަދު އަޅުގަނޑުގެ ކުރިމަތީގައި އޮތީ އެތައް ލައްކަ އަންހެން ދަރިންނެއްގެ އަބުރު ރައްކާތެރިކުރުމުގެ މައްސަލައެވެ. އަޅުގަނޑުމެންނަށް ކްރިސްޓިއަނުން ބަލިކުރެވިއްޖެނަމަ މުނާފިގުންނަށް އޮންނާނީ ދެ ގޮތެކެވެ. އެއް ގޮތަކީ އަޅުގަނޑުމެންގެ ކޮޅަށް އެރުމެވެ. އަނެއް ގޮތަކީ އަޅުގަނޑުމެންގެ ފައިދަށުވެ މަރުވެގެން ދިއުމެވެ. އިރުއެރުމާއެކު އަޅުގަނޑު ގްރަނާދާއަށް ދާނަމެވެ. ފެރްނާންދޯގެ މިސްރާބު ހުރީ ގްރަނާދާއަށް ކަމުގައި ވަނީނަމަ، ހައެއްކަ ދުވަހުގެ ތެރޭގައި ގްރަނާދާގެ ދިފާއީ ބާރު ހުރި ވަރެއް މަނިކުފާނަށް އެނގިވަޑައިގެންފާނެއެވެ. އަޅުގަނޑަށް މާޔޫސީއާ ކުރިމަތިލާން ޖެހިއްޖެނަމަ، ގްރަނާދާގެ ބަދަލުގައި މި ޖަންގައްޔަކީ އަޅުގަނޑުގެ އެންމެ ފަހުގެ ޖަގަހަ ކަމުގައި ގަބޫލުކުރާނަމެވެ. އަޅުގަނޑު އެނބުރި މަނިކުފާނުގެ އަރިހަށް އަންނާނަމެވެ. އަޅުގަނޑާއެކު ދެން އަންނާނީ އެންމެ ފަހުގެ ނޭވަޔާ ހަމައަށް ހަނގުރާމަކުރާން ތައްޔާރަށް ތިބި ބައެކެވެ.]
ބަދްރު ވިދާޅުވިއެވެ. [މަނިކުފާނުގެ ކަނޑިކޮޅު ދުޝްމިނުންނާ ދެކޮޅަށް އުފުއްލަވައިލެއްވީމާ އަޅުގަނޑުމެންގެ ކަނޑިތަކަކަށް އުރައިގައި ނުތިބެވޭނެކަން މަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ގްރަނާދާގެ ރައްޔިތުންގެ ތެރެއިން ބަޔަކު އެންމެ ފަހު ވަގުތާ ހަމައަށް ހަނގުރާމަކުރާން ތައްޔާރަށް ތިބިއްޔާ، އެ ބަޔަކު މިތަނަށް ނުފޮނުއްވާށެވެ. އެމީހުން އަންނާނީ މާޔޫސީއާއެކުގައެވެ. މާޔޫސްވެފައި ތިބޭ ބަޔަކަށް މިތަނަކުން ޖާގައެއް ނުދެވޭނެއެވެ. އެމީހުން މައިދާން ދޫނުކޮށް ދެމިތިބެއްޖެނަމަ ހަމައެކަނި އަޅުގަނޑުމެން ކީއްކުރަންތޯއެވެ؟ ދުނިޔޭގެ ހުރިހައި ދިމާއަކުން އިސްލާމުން އެމީހުންނަށް އެހީތެރިވާން ދާނެއެވެ. އަބޫ ޢަބްދުﷲއާއި އޭނާގެ އައުވާނުންނާ ބެހޭ ގޮތުން އަޅުގަނޑު ދަންނަވާން އޮތީ އެންމެ ވާހަކައެކެވެ. އެބައިމީހުންނާ ދެކޮޅަށް މަނިކުފާނަށް ފިޔަވަޅެއް ނޭޅުއްވުނު ކަމުގައި ވިޔަސް، އެބައިމީހުން އުޅޭނޫޅޭ ގޮތް ބައްލަވައި ފާރަވެރިވެވަޑައިގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ.]
މުސާ ވިދާޅުވިއެވެ. [މަނިކުފާނުގެ އިޒުނަފުޅު އޮތިއްޔާ އަބޫ މުޙްސިން އަޅުގަނޑާއެކު ގެންދާންކަމަށެވެ.]
[އަޅުގަނޑުގެ އޮންނާނީ ކޮން އިއުތިރާޒެއްތޯއެވެ؟ އަޅުގަނޑުމެންގެ ތެރެއިން މަނިކުފާނު ބޭނުންފުޅުވާ ކޮންމެ މީހަކުވެސް ގެންދަވާށެވެ.]
ފަތިސް ނަމާދުގެ ފަހުން ފެނުނީ ބަދްރު ބިން މުޣީރާއާއި އޭނާގެ އަރިސް ބޭފުޅުން، މޫސައާއި އަބޫ މުޙްސިނަށް އަލްވަދާޢު ވިދާޅުވާ މަންޒަރެވެ.
(4)
ފެރްނާންދޯ ގްރަނާދާ ހިސާރުކޮށްފިއެވެ. އޭނާގެ ފިނޑި ލަޝްކަރުން އެތައް ފަހަރަކު ރަށަށް ހަމަލަދީފިއެވެ. އެކަމަކު ރަށުން އޮހޭން ފަށާ ތީރުގެ ވާރޭގެ ސަބަބުން ކޮންމެ ފަހަރަކުވެސް ފަހަތަށް ޖެހޭން މަޖުބޫރު ވަނީއެވެ. ފެރްނާންދޯއާއި އޭނާގެ ލަޝްކަރު އޮތީ ބާރުގެ މަސްތުގައި ޖެހިފައެވެ. އާދައިގެ ގެއްލުމަކަށް ބެލުމުގެ ބަދަލުގައި އެމީހުން ރަށުގެ ހިސާރު ދެމެހެއްޓިއެވެ. ކްރިސްޓިއަން ލަޝްކަރުގެ ޚަބަރު ލިބުނީމާ ވަށައިގެން ހުރި އަވަށްތަކުގެ މީހުންވެސް އައިސް ގްރަނާދާއަށް ވަދެއްޖެއެވެ. ފެރްނާންދޯގެ ލަޝްކަރުން ގޮސް އެ އަވަށްތަކުގެ މޭވާ ބަގީޗާތަކާއި ދަނޑުތައް ސުންނާފަތި ކޮށްލައިފިއެވެ.
ރަށުގެ ރައްޔިތުންގެ ކޮމާންޑަރަކަށް ހުންނެވީ މޫސާއެވެ. އޭނާގެ ފޯރިގަދަ ތަގުރީރުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތީ އާދަޔާ ޚިލާފު ރޫހެއް އުފެދިފައެވެ. ރައްޔިތުންނެކޭ އެއްފަދައިން އަބޫ ޢަބްދުﷲއާއި އޭނާގެ ބައިވެރިންވެސް އައު ކޮމާންޑަރުގެ ދަށަށް ޖެހިއްޖެއެވެ. ރައްޔިތުން މި ވަގުތު ތިބީ އެބައިމީހުންގެ ކުރީގެ ކުށްތައް ހަނދާން ނައްތައިލައިގެންނެވެ. ޢިލްމުވެރިން، އެބައިމީހުންގެ ދަރިވަރުންނަށް، ސަރުދާރުން އެބައިމީހުންގެ ގަބީލާތަކުގެ މީހުންނަށް އަންގަމުން ދިޔައީ ޖިހާދަށް ނުކުންނާށެވެ. ޒުވާނުންގެ ޖޯޝް ހުރިވަރީ، ދުޝްމިނުންނަށް ޖާސޫސުކޮށްދޭ ކަމަށް ޝައްކުކުރެވޭ ދެ މީހަކު ގެނެސް އެންމެންގެ ކުރިމަތީގައި ދަންޖައްސައިފިއެވެ.
ކާބޯތަކެތި ހުސްވުމާއެކު ރަށުގެ އަހުލުވެރިން ހަތިޔާރު ބަހައްޓާނޭކަން ފެރްނާންދޯއަށް ޔަގީނެވެ. އެކަމަކު އެއް ދުވަހަކު އިރުއެރިތަނާ ގްރަނާދާގެ ދޮރާށިތައް ހުޅުވިއްޖެއެވެ. އޭރު ފެރްނާންދޯގެ ލަޝްކަރުގެ މީހުންނަށް ކިރިޔާ ނިދީން ހޭލެވުނީއެވެ. ކުއްލިއަކަށް އިސްލާމުންގެ ލަޝްކަރުތައް ބޭރަށް ނުކުމެ ހަމަލަދީފިއެވެ. މިއީ ފެރްނާންދޯ ހީކޮށްގެން ހުރި ގޮތާ ޚިލާފަށް ދެވުނު ހަމަލައެކެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިސްލާމުންގެ ހަމަލައިން ކްރިސްޓިއަނުންގެ ގާތްގަނޑަކަށް ހަތަރުހާހެއްހައި މީހުން ގަތުލުވެއްޖެއެވެ. މި ހިސާބަށް ކަންތައް ދިޔައިރު ފެރްނާންދޯގެ ތީރުވެރިން ޚަންދަގުތަކަށް ފައިބައިފިއެވެ. ފައިމަގުގައި ހަނގުރާމަކުރާ މީހުންނަށް ކުޑަކޮށް ހަމަޖެހިލާނެ ފުރުސަތު ލިބިއްޖެއެވެ. މޫސަ އެއްހާސް ސިފައިންނާއެކު ހުޅަނގު ދޮރާށިން ނުކުމެވަޑައިގެން ހަމަލަދެއްވައި ދުޝްމިނުންގެ ސަފުތައް ރޫޅުއްވައި ސުންނާފަތި ކުރައްވައިފިއެވެ. އަދި އެ ފަރާތުގައި ހުރި ތީރުވެރިންގެ ޖަގަހަތައް އަތުލައްވައިފިއެވެ.
ދެކުނު ދޮރާށިން ނުކުތީ އަބޫ ޢަބްދުﷲއާއި އޭނާގެ ލަޝްކަރެވެ. އެޔާއެކު ގްރަނާދާގެ ގޮނޑިކޮއްކޮ ރަސްގެފާނަކީ އަދިވެސް ލޮންސިއާއި ކަނޑީގެ ކުޅަދާނަ ހެއްވަވުކަމަށް ގަބޫލުކުރާން ލަޝްކަރަށް މަޖުބޫރުވެއްޖެއެވެ.
މެންދުރުފަހާ ހަމައަށް ފެރްނާންދޯގެ ލަޝްކަރު ދިޔައީ ހުރިހައި ދިމާއަކުން ފަހަތަށް ޖެހެމުންނެވެ. ތިންވަނަ ދަމަށް އަޅައިގަތްއިރު އޭނާގެ ލަޝްކަރު އެންމެ ފަހަތު ޚަންދަގުގެ ފަހަތުގައި ލަޝްކަރު ރުކުރުވައިލައިފިއެވެ. ގްރަނާދާގެ ލަޝްކަރަށް އިތުރަށް ކުރިއަށް ޖެހެވޭނޭ އިތުރު މަގެއް ނެތިއްޖެއެވެ. އުދުހެމުން އަންނަ ތީރުގެ ސަބަބުން ދެ ލަޝްކަރުގެ ދެމެދުގައި ހުރަހެއް ގާއިމުވެއްޖެއެވެ. އަބޫ މޫސާގެ ލަޝްކަރުގައި ފައިމަގުގެ ހަނގުރާމަވެރިން މަދެއް ނޫނެވެ. އެކަމަކު ހަމަލަދޭކަށް އޭނާ ނާންގަވައެވެ. ރަށުގެ ދިފާއަށްޓަކައި އެކި ދިމަދިމައިގައި ތީރުވެރިން ޖާގަޖަހައިފިއެވެ. އަސްވާރުން އިރުއިރުކޮޅާ ކުރިއަށް ޖެހިލައި ކުދިކުދި ހަމަލަދީ، ދުޝްމިނުންނަށް އެތައް ގެއްލުމެއް ކުރުމަށް ފަހު ފަހަތަށް ޖެހެމުން ދާން ފަށައިފިއެވެ.
ބޮޑެތި ގެއްލުންތަކެއް ވުމާއެކުވެސް ފެރްނާންދޯ ހާހެއް ނުވެއެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ރަށުން ބޭރަށް ނުކުމެ ހަމަލަދޭން އިސްލާމުންނަށް މަޖުބޫރުވީކަން އޭނާއަށް ޔަގީނެވެ. ދެތިން ދުވަހެއްގެ ތެރޭގައި އެމީހުންގެ ހިތްވަރު އެލިދާނެކަންވެސް އޭނާއަށް ކަށަވަރުވެއެވެ. އެހެންވީމާ އޭނާ ލަޝްކަރަށް އެނގީ މާ ވަރުގަދަ ހަމަލައެއް ދިނުމުގެ ބަދަލުގައި މަޑުމަޑުން ދިފާއުކޮށްކޮށް ތިބޭށެވެ.
މެންދުރު ނަމާދަށް ފަހު މޫސާ ރަށުގެ ވަށައިގެން އޮތް ލަޝްކަރުގެ ސަފުތައް ތަރުތީބުކޮށްލެއްވިއެވެ. އަދި އެންމެ ފަހުގެ ހަމަލައަށް ތައްޔާރުވާން ލަޝްކަރަށް އަންގަވައިފިއެވެ. [ވަގުތު ޖެހުނީމާ ރަށުގެ ބުރުޒުތަކުގައި ތިބި މީހުން އިޝާރާތްކޮށްލާނަމެވެ. އެ މީހުންގެ އިޝާރަތާއެކު ދުޝްމިނުންގެ މައްޗަށް ހަމަލަދޭންވީއެވެ.]
ތަޖުރިބާކާރު މީހުން ތިބީ އެ ހަމަލައިން ކާމިޔާބީއެއް ލިބިދާނޭކަމުގެ އުއްމީދަކު ނޫނެވެ. އެމީހުން ދުށް ގޮތުގައި އެއީ އަމިއްލައަށް މަރުވުމާ އެއްފަދަ ހަމަލައަކަށް ވާނެއެވެ. ދުޝްމިނުންގެ ތީރުވެރިން ދެމުން ގެންދިޔައީ ވަރަށް ނުރައްކާތެރި ހަމަލަތަކެކެވެ. މީގެ އިތުރަށް މޫސާގެ ލަޝްކަރުގައި ފަހުލަވާނުން ތިބި އަދަދުގެ އަށްގުނަ އިތުރު އަދަދެއް ފެރްނާންދޯގެ ލަޝްކަރުގައި އެބަތިއްބެވެ. މޫސާގެ ލަޝްކަރުގައި އޮތް އެންމެ ވަރުގަދަ ބާރަކީ ފައިމަގުގައި ހަނގުރާމަކުރާ މީހުންނެވެ. އެކަމަކު އެމީހުންނަކަށްވެސް މާ ގިނައިރަކު ހިފަހައްޓައެއް ނުލެވޭނެއެވެ. އެކަމަކު ރައްޔިތުން މޫސައަށް ވަރަށް ބޮޑަށް އިތުބާރުކުރެއެވެ. އެމީހުން ތިބީ މޫސަގެ އިޝާރާތަކަށް އަލިފާންގަނޑެއްގެ ތެރެއަށް ފުންމައިލާންވެސް ތައްޔާރަށެވެ.
ލަޝްކަރަށް އިރުޝާދު ދެއްވުމަށް ފަހު މޫސާ މައި ދޮރާށިން ރަށުތެރެއަށް ވެދެވަޑައިގެންފިއެވެ. އަސްކޮޅުން ފައިބައިވަޑައިގެން ބުރުޒު ދޮށަށް ވަޑައިގެންފިއެވެ. އިރުއިރުކޮޅާ ބުރުޒަށް އަރައިވަޑައިގެން ދުރަށް ބައްލަވައިލައްވައެވެ. ކުރިމަތީން ފެނިވަޑައިގަންނަވާ ހުސްކަމުގެ ސަބަބުން އޭނާގެ މާޔޫސީ ދިޔައީ ބޮޑުވަމުންނެވެ. އޭނާ އެއް ބުރުޒުން އަނެއް ބުރުޒަށް ވަޑައިގެން ފާރަވެރިންގެ ފަރާތުން މައުލޫމާތު ހޯއްދަވަމުން ގެންދެވިއެވެ. އޭނާ ސުވާލުކުރައްވައެވެ. [އަދިވެސް އެއްވެސް ހިލަމެއް ނުވޭ ހެއްޔެވެ؟] ނަފީގެ ގޮތުގައި ޖަވާބު ލިބިވަޑައިގަތީމާ އިސްދަށަށް ޖައްސަވައިލައްވައެވެ.
ދުވާލުގެ ދެވަނަ ދަމަށް އަޅައިގަތް ވަގުތު ފެރްނާންދޯ އިނީ ކަސްތިއްޔާގެ އިސް ފާދިރީއާ ވާހަކަދައްކާށެވެ. [މާތްވެގެންވާ ބައްޕާއެވެ. ދުޝްމިނުން ހަމަލަނުދީ ނުތިބޭނޭގޮތް މެދުވެރިކުރައްވާތޯ ދުއާކޮށް ދެއްވާށެވެ. ބައްޕާގެ ދުޢާ އިޖާބަކުރައްވައިފިއްޔާ މިއަދު މި ހަނގުރާމަ ނިމޭނެއެވެ.] ފާދިރީ މަރިޔަމްގެފާނުގެ ބުދުގެ ކުރިމަތީގައި އިނދެގެން ދުއާކުރަމުން އެބަގެންދެއެވެ.
(5)
މޫސާ ބުރުޒަށް އަރައިވަޑައިގަންނަވަނިކޮށް ކުއްލިއަކަށް ފާރަވެރިޔާ ވަރަށް ބާރަށް ގޮވައިލިއެވެ. [ދުރުން ހިރަފުސް އަރާތަން އެބަފެނެއެވެ. ލަޝްކަރެއް އަންނަނީކަން ނޭނގެއެވެ.]
މޫސާ ދުވެވަޑައިގެން ބުރުޒަށް އަރައިވަޑައިގެން ދުރަށް ބައްލަވައިލެއްވިއެވެ. އަދި ހަރު އަޑުފުޅުން ގޮވައިލެއްވިއެވެ. [އޭނާ ވަޑައިގެންފިއެވެ. އޭނާ ވަޑައިގެންފިއެވެ. އަހަރެމެންގެ ބާޒު ވަޑައިގެންފިއެވެ. ﷲ އަހަރެމެންނަށް ނަސްރު ދެއްވައިފިއެވެ.]
ނަގައިފައި އޮތް ހިރަފުސްގަނޑުގެ ތެރެއިން ސަވާރުން ފެނިވަޑައިގަތީމާ މޫސަގެ ލޯފުޅުން ޝުކުރުވެރިކަމުގެ ކަރުނަފޮދު އޮހޭން ފަށައިފިއެވެ. އޭނާ ބުރުޒުން ތިރިއަށް ބައްލަވައިލައްވައިފައި ހަރު އަޑުފުޅުން ގޮވައިލެއްވިއެވެ. [އަވަހަށް ތައްޔާރުވާށެވެ!]
ފާރުމަތީގައި ތިބި ހަނގުރާމަވެރިން މޫސަގެ އަޑުފުޅު ތިރީގައި ތިބި ހަނގުރާމަވެރިންނަށް ފޯރުކޮށްދީފިއެވެ. އެޔާއެކު މުޖާހިދުން ހަތިރާއެކު ސަމާލުވެލައިފިއެވެ.
މޫސާ ދުވެވަޑައިގެން އަސްކޮޅަށް ސަވާރުވެވަޑައިގެން ބޭރަށް ނުކުމެވަޑައިގެންފިއެވެ.
އަނެއްކޮޅުން ފެރްނާންދޯ ކަސްތިއްޔާގެ އިސް ފާދީރީއާ ދިމާއަށް ބުނަނީއެވެ. [މާތްވެގެންވާ ބައްޕާއެވެ. ބައްޕާގެ ދުއާ އިޖާބަކުރައްވައިފިއެވެ. މަރު އައިސް ދުޝްމިނުންގެ ދޮރާށީގައި ޓަކިޖެހުމުގެ ބޭނުމެއް ނެތެވެ. އެމީހުން އަމިއްލައަށް މަރުގެ އުނގަށް ވެއްޓެނީއެވެ.]
އިރު އޮއްސޭން ރަތްކޮށްލީ ވަގުތު ފެންނާން ފެށީ ސަލީބުގެ އަހުލުވެރިންނާއި ހަނދުފަޅީގެ އަހުލުވެރިންގެ މެދުގައި އަނެއްކާވެސް ހަނގުރާމައެއް ފަށައިގަތް ތަނެވެ. ގްރަނާދާގެ ލަޝްކަރުން ތީރުގެ ހަމަލާތައް ފައްޓައިފިއެވެ. ފެރްނާންދޯ އޭނާގެ ލަޝްކަރަށް ހަމަލަދޭން އަންގައިފިއެވެ. އެޔާއެކު ހަނގުރާމަ ފެށިއްޖެއެވެ.
މޫސާއާއި އަބޫ ޢަބްދުﷲ އާއި އަބޫ މުޙްސިން ގެންދެވީ ރަށުގެ ތިން ދިމާއިން ހަނގުރާމަ ކުރަމުންގެންދާ މުޖާހިދުންނަށް އިރުޝާދު ދެއްވަމުންނެވެ. އެޔާއެކު ފައިމަގުގައި ހަނގުރާމަކުރާ ލަޝްކަރު، ދުޝްމިނުންގެ ތެރެއިން ޚަންދަގަށް ފޭބި މީހުންނާ ހަމަލަދީފިއެވެ. އުތުރު ފަރާތު ދޮރާށްޓާ ދިމާއިން ދުޝްމިނުންގެ ސަފުތައް ފޫއަޅުވައިލައްވައިފައި މޫސަ ކުރިއަށް ޖެހިވަޑައިގެންފިއެވެ. ފެރްނާންދޯ އަހުގައި ކުރިއަށް ދަމުން ގޮވައިލިއެވެ. [ދުޝްމިނުންގެ ލަޝްކަރުގެ އެންމެ މީހަކަށްވެސް އަލުން ރަށުތެރެއަށް ވަނުމުގެ ފުރުސަތު ނުދޭށެވެ. އެމީހުންގެ ފަހަތުން ނުދާށެވެ. އެ މީހުން އަމިއްލައަށް އެނބުރި ދޮރާށްޓާ ދިމާއަށް އަންނާނެއެވެ.]
މޫސަ ފަސް ސަތޭކަ ސަވާރުންނާއެކު ދުޝްމިނުންގެ ލަޝްކަރު ފޫއަޅުއްވައިލެއްވުމަށް ފަހު ވަޑައިގެން ކުރިމަތީގައި އޮތް ބަގީޗާއެއްގެ ގަސްތަކުގެ ތެރެއަށް ވެދެވަޑައިގެންފިއެވެ. ދުޝްމިނުންގެ ލޯމަތީން އެ ލަޝްކަރު ގެއްލިއްޖެއެވެ. އެހެންވީމާ އެ މީީހުން އެނބުރި އަންނާނޭ ވަގުތަކަށް ބަލަބަލައި ތިބީއެވެ. އެކަމަކު މޫސާ ކަންތައް ކުރެއްވީ އެމީހުން ހީކޮށްގެން ތިބި ގޮތަކަށް ނޫނެވެ. އޭނާ ވަށައިގެން ބުރެއް ޖައްސަވައި ރަށުގެ އަނެއް ފަރާތުން، ދުޝްމިނުންގެ ލަޝްކަރުގެ ފުރަގަހަށް ނުކުމެވަޑައިގަތީއެވެ. އެޔާއެކު އުތުރުފަރާތު ދޮރާށްޓާ ދިމާއިން އައު ލަޝްކަރެއް ނުކުމެއްޖެއެވެ. އެ ލަޝްކަރުގެ ޚަބަރެއް އަބޫ މޫސާއާއި އަބޫ މުޙްސިން ނޫން މީހަކަށް ވެފައެއް ނެތެވެ.
ސަރަހައްދީީ ބާޒުގެ މުޖާހިދުން ގްރަނާދާގެ ރައްޔިތުންނަށް އެހީތެރިވާން އައީއެވެ. ބަދްރު ބިން މުޣީރާ ތިން ހާސް އަސްވާރުންނާއެކު ދުޝްމިނުންނާ ކުރިމަތީން ހަމަލަދެއްވައިފިއެވެ. މާ ގިނަ އިރުތަކެއް ނުވެ އެ ދިމައިގައި އޮތް ދުޝްމިނުންގެ ލަޝްކަރު ހަނާކުރައްވައި ނިންމަވައިފިއެވެ. ފެރްނާންދޯ ހަދާނޭގޮތް ބޮޑުވެގެން އޭނާގެ ލަޝްކަރަށް އެންގީ ކަނާތްފަރާތަށް ޖެހޭށެވެ. އެކަމަކު އޭރު އެ ފަރާތުން މޫސަ ހަމަލަދެއްވައިފިއެވެ. މިހާރު ވެފައި އޮތް ގޮތުން ފެރްނާންދޯގެ ލަޝްކަރަށް ޖެހިފައި އޮތީ ކުރތިމަތިން ބަދްރު ބިން މުޣީީރާގެ ލަޝްކަރާ ހަނގުރާމަކުރާށެވެ. ފުރަގަހުން މޫސަގެ ލަޝްކަރާ ހަނގުރާމަކުރާށެވެ. ތިންވަނަ ދިމާއަކަށް ބަލާއިރު، އެ ދިމައިން ފެރްނާންދޯގެ ލަޝްކަރުން ވަނީ އަބޫ ޢަބްދުﷲގެ ލަޝްކަރު ފަހަތަށް ޖައްސައިފިއެވެ. އެކަމަކު ކްރިސްޓިއަނުންނަށް ޖެހުނީ ކުރީން ހީވެސް ކޮށްފައިނެތް ފަދަ ބޮޑު މުސީބާތަކާ ކުރިމަތިލާށެވެ. އެ ދިމާއިން ދެ ހާހެއްހައިި މީހުންގެ ލަޝްކަރެއް ނުކުތްތަން ފެނިއްޖެއެވެ. ކްރިިސްޓިއަނުން ފުރަތަމަ ހީކުރީ އެއީ އެ މީހުންނަށް އައި އެހީތެރިކަމެއް ކަމުގައެވެ. އެކަމަކު ﷲ އަކްބަރުގެ ނަޣަރާގެ އަޑު އިވުނީމާ ދުޝްމިނުން ސަލާމަތްވާންވެގެން ކަނާތްފަރާތަށް ދުއްވައިގެންފިއެވެ. އަބޫ ޢަބްދުﷲގެ ލަޝްކަރަށް މި މަންޒަރު ފެނުނީމާ ހާލަތު އެހެން ގޮތަކަށް ބަދަލުވެއްޖެކަން އެނގިއްޖެއެވެ. އެހެންވީމާ އައު ބާރަކާއެކު ހަމަލާދީފިއެވެ. އެޔާއެކު ފެރްނާންދޯގެ ލަޝްކަރު ރަށުގެ އެއް ފަރާތަކަށް ޖެހި މުޅީން އެކަހެރި ވެއްޖެއެވެ. އެހެން ހުރިހައި ދިމާއަކުން މަގު ބަންދުވެއްޖެއެވެ. ކަނާތްފަރާތާއި ވައަތް ފަރާތުގައި އޮތީ އަބޫ މަންޞޫރުގެ ލަޝްކަރާއި ބަދްރު ބިން މުޣީރާގެ ލަޝްކަރެވެ. ފުރަގަހުގައި އޮތީ އަބޫ މޫސާގެ ލަޝްކަރެވެ. ގްރަނާދާގައި ބާކީ ތިބި މުޖާހިދުން އަބޫ ޢަބްދުﷲއާއި އަބޫ މުޙސްސިނުގެ ގިޔާދަތުގައި ކުރިމަތީން ހަނގުރާމަ ކުރަމުން ގެންދަނީއެވެ. ހަތަރުވަނަ ދިމާއަށް ބަލާއިރު އޮތީީ ހިމޭންކަމާއެކު ދެމިދެމިި އޮތް ކޯރެކެވެ.
ބާރަވިލޭރޭގެ ހަނދު އަރައިފައި ހުރުމުގެ ސަބަބުން އަލިވެފައި އޮތް ނަމަވެސް ހަނގުރާމައިގެ ހޫނުކަމަކަށް ބަދަލެއް ނާދެއެވެ. ދުޝްމިނުންގެ ލަޝްކަރު ދިޔައީ މަޑުމަޑުން ފަހަތަށް ޖެހެމުންނެވެ. މޫސަޔާއެކު ހަނގުރާމަކުރަމުން ދިޔަ މަދު މުޖާހިދުންކޮޅުގެ މަސައްކަތުން އެކަނިވެސް ކާފަރުންގެ ލަޝްކަރު ހުއްޓުވިދާނެއެވެ.
މަންޞޫރު އަސްކޮޅުގައި ދުޝްމިނުންގެ ވަށައިގެ ބުރެއް ޖައްސަވައިލެއްވުމަށް ފަހު ވަޑައިގެން މޫސައަށް ދެންނެވިއެވެ. [މަނިކުފާނުގެ ލަޝްކަރު ވަރަށް އަވަހަށް މި ތަނުން ގެންދަވާށެވެ.]
މޫސަ ވިދާޅުވިއެވެ. [އަޅުގަނޑަށް ފެންނަ ގޮތުގައި މިތަނުން އެމީހުން ފޮނުވައިލުމުގެ ބަދަލުގައި އަހަރެންގެ ލަޝްކަރު އިތުރު ބައެއް މިތަނަށް ގެނައުން މާ ރަނގަޅުވާނެއެވެ. އެމީހުންނަށް ކަނާތްފަރާތުން ނުވަތަ ވާތްފަރާތުން މިތަނަށް އާދެވިދާނެއެވެ. އަހަރެމެން ދުޝްމިނުން ލަވަމުން ފަހަތަށް ޖައްސަމުން ގެންގޮސް ރަށާ ކައިރިއަށް ގެންދިޔައީީމާ ތީރުވެރިންގެ އަމާޒާ ހަމައަށް ގެންދެވިދާނެއެވެ.]
[އެ މީހުން ރަށަށް ވަދެގެންފިއްޔާ ހަދާނީ ކިހިނެއްްތޯއެވެ؟]
[އަހަރެން މި އައީ ދޮރާށިތައް ބަންދުކުރަން އަންގައިފައެވެ.]
[ތިޔައީ ރަނގަޅު ބުއްދިފުޅެކެވެ. އެކަމަކު ފައިމަގުގައި ހަނގުރާމަކުރާ ބަޔަކު ރަށުން ނެރެގެން އެހައި އަވަހަށް މިހިސާބަށް ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ދުޝްމިނުންގެ ސަވާރުންގެ އަދަދު އަޅުގަނޑުމެންނަށްވުރެ މާ ގިނައެވެ. އެމީހުން ތިޔަ ވިދާޅުވާ ދެ ފަރާތުން ދާން ކުރާ މަސައްކަތް ހުއްޓުވާން އުޅުނީމާ ބޮޑެތި ގެއްލުންތަކެއް ނުވެއެއް ނުދާނެއެވެ. މިއީ ބަހުސުކުރައްވާންވީ ވަގުތެއް ނޫނެވެ. ލަސްކޮށްފިއްޔާ އަޅުގަނޑުމެންގެ ނުލާހިކު މުހިއްމު ރޭވުމެއް ދުޝްމިނުންނަށް ބޭޒާރުވުމަކީ އެކަށީގެންވާ ކަމެކެވެ.]
މޫސަ ވިދާޅުވިއެވެ. [އެންމެ ރަނގަޅެވެ. ތިޔަ ޚިޔާލަށް ބަދްރުވެސް ތާއީދުކުރައްވާނަމަ އަހަރެންގެ އެއްވެސް މައްސަލައެއް ނެތެވެ.]
[އަޅުގަނޑުމެން ދެ މީހުންގެ ވިސްނުން މުޅީން އެއްގޮތެވެ. މިތަން ދޫކުރައްވައިފައި އެހެން ދިމާއަކަށް ޖެހިވަޑައިގަންނަވާށެވެ. ވަރަށް އަވަހަށް މިކަން ކުރައްވާށެވެ. އެހެން ނޫނީ ދުޝްމިނުން ސަމާލުވެގެންފާނެއެވެ. ވަރަށް ދުރަށް ވަޑައިގެން ދުޝްމިނުންނަށްޓަކައި މައިދާން ހުސްކޮށްލައްވާށެވެ.]
ހަނގުރާމަ މިހާރު ފައިސަލާކުރުވަނިވި މަރުހަލާއަކަށް އަތުވެއްޖެއެވެ. ކްރިސްޓިއަނުން އެ ގެންދަނީ ތިން ފަރާތުން ފިތި، ފަހަތަށް ޖެހޭން މަޖުބޫރުވަމުންނެވެ. ހާލަތު މިފަދަ ގޮތަކަށް ބަދަލުވީމާ ފެރްނާންދޯއަށް މަޖުބޫރުވީ، ކުއްލި ހާލަތަކަށްޓައި ތައްޔާރަށް ބެއިތިއްބި ހަނގުރާމަވެރިން މައިދާނަށް ނެރޭށެވެ. އެމީހުން މިހައިތަނަށް ތިބީ މައިދާނާ ދުރުގައި ޖަހައިފައި ހުރި ފޭލިގެތައް ބަލަހައްޓާށެވެ. ކްރިސްޓިއަނުންގެ ލަޝްކަރު އަނެއްކާވެސް ފައިތިލަ ސާބިތުކުރާން ފަށައިފިއެވެ.
ކުއްލިއަކަށް ހަނގުރާމައިގެ މައިދާނާ ތަންކޮޅެއް ދުރުން، ބޯކޮށް ގަސްހެދިފައި އޮތް ތަނަކުން ސަރަހައްދީ މުޖާހިދުންގެ ތާޒާ ފައުޖެއް ނުކުމެއްޖެއެވެ. އެއީ ގާތްގަނޑަކަށް ސަތޭކައެއްހައި މުޖާހިދުންނެވެ. ދަންމަރު ހިފައިގެން ނުކުތް މި ކުޑަ ލަޝްކަރު މިސްރާބުޖެހީ ހަނގުރާމައިގެ މައިދާނުގެ ބަދަލުގައި ދުޝްމިނުންގެ ފޭލިގެތަކާ ދިމާއަށެވެ. ފޭލިގެތައް ބަލަހައްޓާން ތިބި ކާފަރުންގެ ގިނަ މީހުން މައިދާނަށް ނުކުމެއްޖެއެވެ. ފޭލިގެ ދޮށުގައި ބާކީ ތިބި މަދު މީސްކޮޅު، އެތަނާއި އެތާނގައި ހުރި ތަކެތި ސަލާމަތް ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އެކަމަކު މުޖާހިދުންގެ ލަޝްކަރު ނުކުތް ގޮތަށް ނުކުމެ، ފޭލިގެތަކުގައި ހުޅު ޖަހައިފައި އެ ދިޔަ ގޮތަށް އަނެއްކޮޅުން ނުކުމެއްޖެއެވެ. ކާފަރުންގެ ލަޝްކަރަށް ރަނގަޅަށް ހިންދެމިނުލެވެނީސް، އަނެއް ފަރާތުން މުޖާހިދުންގެ ފައުޖެއް ނުކުމެއްޖެއެވެ.
ހުޅުޖެހި ފޭލިގެތަކުގައި ކަސްތިއްޔާގެ އިސް ފާދިރީގެ އިތުރަށް ތިރީހަކަށް ފާދިރީން މަރިޔަމުގެފާނުގެ ބުދުގެ ކުރިމަތީގައި ތިބެގެން ސަލީބުގެ ކާމިޔާބީއަށް އެދި ދުއާކުރަނީއެވެ. ބޭރުގައި ތިބި ފާރަވެރިން ހަޅޭއްލަވާން ފަށައިފިއެވެ. [މުގައްދަސް ބައްޕަގެ ފޭލިގޭގައި ރޯވެއްޖެއެވެ.]
ފޭލިގޭގެ އިތުރަށް ހިކި ވިނަތަކުގައި ރޯވެގެން އަނދާން ފެށުމުގެ ސަބަބުން ހަނގުރާމައިގެ މައިދާނާ ހަމައަށް އަލިކަން ފެތުރިއްޖެއެވެ. ކްރިސްޓިއަން ހަނގުރާމަވެރިން އެބައިމީހުންގެ ގާއިދުންގެ އަމުރަށް އިންތިޒާރު ކުރުމެއް ނެތި ފޭލިގެތަކަށް ސަމާލުކަން ދީފިއެވެ. އެޔާއެކު ބަދްރު ބިން މުޣީރާގެ މުޅި ލަޝްކަރު އެކީގައި ދުޝްމިނުންނާ ހަމަލަދީފިއެވެ.
ބަލިވެގެން ވިއްސިވިހާލިވެގެން ދިޔަ ކާފަރުންނަކަށް ހަތަރުފަރާތުން އަނދަމުން ދިޔަ ފޭލިގެތަކުގެ ތެރެއިން ވަންނާނޭ އެއްވެސް ތަނެއް ނުފެނުނެވެ. އަލިފާނުގެ އަލީގައި މުޖާހިދުން ގެންދިޔައީ ކާފަރުން ވަށައިލައި މަރުގެ އަނދަވަޅަށް ވައްޓަމުންނެވެ. ހާސްވެގެން ތެޅިފޮޅިގަތް އަސްތަކުގެ ފައި ފޭލިގެތަކުގެ ވައުތަކުގައި މެހި ވެއްޓެމުންދާތަން ފެންނާން ފަށައިފިއެވެ.
ފިލައިގެން ދިއުމުގެ ދުންމާރި ފުމެލަން ފެރްނާންދޯ އޭނާގެ ލަޝްކަރުގެ ގާއިދުންނަށް އަންގައިފިއެވެ. އެޔާއެކު އޭނާގެ ލަޝްކަރުން ބާކީީ ތިބި މަދު މީސްކޮޅު ފޭލިގެތައް ދޫކޮށްފައި ފިލަން ދުއްވައިގެންފިއެވެ. ފައިމަގުގައި ހަނގުރާމަކުރާ މީހުންނަށް މޫސާ އެންގެވީީ ޣަނީީމާ މުދާ ރައްކާތެރިކުރާށެވެ. އަސްވާރުންނަށް އެންގެވީ ފިލަން ދުވާ މީހުންގެ ފަހަތުން ދާށެވެ.
ބަދްރު ބިިން މުޣީރާއާއި މަންޞޫރު ބިން އަޙްމަދުގެ ލަޝްކަރު އޮތީ ކާފަރުންގެ ވައަތްފަރާތާއި ކަނާތްފަރާތުން ބައްދައިގެންނެވެ. ގްރަނާދާގެ ސަވާރުން ގެންދިޔައީ ފަހަތުން ލަވަމުންނެވެ. ފެރްނާންދޯގެ ލަޝްކަރަށް ހުޅުވިފައި އޮތީ ހަމައެކަނި ކުރިމަތީން ފެންނާން އޮތް މަގެވެ.
ތިން ކޯހުގެ ދުރުމިނަށް ދުޝްމިނުންގެ ފަހަތުން ދަތުރުކުރެއްވުމަށް ފަހު ބަދްރު ބިން މުޣީރާ، މޫސާއާ އަރައި ހަމަ ކުރެއްވުމަށް ފަހު ހަރު އަޑުފުޅުން ވިދާޅުވިއެވެ. [މިތަނާ މާ ދުރު ނޫން ހިސާބެއްގައި ކޯރެއް އޮންނާނެއެވެ. ދުޝްމިނުންނަކަށް ކުރިއަކަށް ނުދެވޭނެއެވެ. ލަޝްކަރު މަޑު ކުރުއްވާށެވެ. ދުޝްމިނުން އެ ތިބީ އަޅުގަނޑުމެންގެ މަޅީގައި ރަނގަޅަށް ޖެހިފައެވެ. ތީރުވެރި ސަވާރުން ކުރިއަށް ނެރުއްވާށެވެ. ދުޝްމިނުން ވަރަށް އަވަހަށް އެނބުރި އަންނާނެއެވެ.]
މޫސާ އޭނާގެ ލަޝްކަރަށް މަޑުކުރަން އަންގަވައިފިއެވެ. ބަދްރު ބިން މުޣީރާ އޭނާގެ ރޭއެްވެވުން ގްރަނާދާގެ މީހުންނަށް ނާންގަވައި ބޭއްވެވީ މަސްލަހަތަށްޓަކައިކަން މޫސާއަށް އެނގިވަޑައިގެންފިއެވެ. އަދި ދުޝްމިނުންނަށް ކޯރާ ހަމައަށް ދެވުނީމާ، ބަދްރު ބިން މުޣީރާގެ އެންމެ ފަހުގެ ތީރަކީ ކިހައި ނުރައްކާތެރި އަދި ކިހައި ގެއްލުންދެނިވިި ތީރެއްކަން އަންދާޒާކުރެވޭނޭކަންވެސް އޭނާއަށް ވިސްނިވަޑައިގެންފިއެވެ.
އިސްލާމުން އޭނާގެ ފަހަތުން ނާންނަކަން އެނގުނީމާ ތަންކޮޅަކަށް ގޮސްފައި ފެރްނާންދޯ އަސް މަޑުކޮށްފިއެވެ. އަދި އޭނާގެ މުޝީރުން ގާތަށް ގެނެސްފިއެވެ. އިސްލާމުންގެ ހިލަމެއް އެއްވެސް ދިމާއަކުން ނުވެއެވެ. އެހެންވީީމާ ލަޝްކަރު ކުރިއަށް ދާން އަންގައިފިއެވެ. ކޯރުގެ އައްސޭރިއަށް ދެވުނީމާ އެބައިމީހުންނަށް އައު މައްސަލައަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ކޯރުގެ މަތީން ދާން އޮތް ބުރިޖު އޮތީ ހަލާކުވެފައެވެ. ބުރިޖުގެ ކައިރީގައި ފެރްނާންދޯގެ ލަޝްކަރުގެ އެތައް ބަޔަކު ގަތުލުވެފައި ތިއްބެވެ. އެއީީ ބުރިޖު ބަލަހައްޓާން އޭނާ ފޮނުވި މީހުންނެވެ.
ކަސްތިއްޔާގެ އަހުލުވެރިންނަށް ގަބޫލުކުރެވުނު ގޮތުގައި އެބައިމީހުންނަށް މައްސަލައަކާ ކުރިމަތިލާން ޖެހޭނީ ކޯރު ހުރަސްކޮށް އަނެއް ފަރާތަށް ދެވުނީމައެވެ. އެކަމަކު އައު ވިސްނުމެއް ނެރޭހައި ވަގުތެއް ފެރްނާންދޯއަކަށް ލިބިފައެއް ނެތެވެ. ކޯރު ހުރަސްކުރާން އޭނާ ލަޝްކަރަށް އަމުރުކޮށްފިއެވެ. ކޯރު އެހައި ފުޅަލެއް ނޫނެވެ. އަދި ފެންގަނޑުވެސް އެބައިމީހުންގެ ރިކާބީތަކާ ހަމައަށް ފޯރާވަރަށްވުރެ ބޮޑެއް ނޫނެވެ.
ލަޝްކަރުގެ ފުރަތަމަ އަސްވާރުންގެ ސަފު ކޯރަށް ފައިބައިފިއެވެ. ދެމެމުން ދިޔަ ފެންގަނޑުގައި ބާވަތެއްގެ ރާޅުބާންޏެއް އުފެދިއްޖެއެވެ. އެޔާއެކު ކޯރުގެ އަނެއް ފަރާތުން ﷲ އަކްބަރުގެ ނަޣަރާގެ އަޑު އިވޭން ފަށައިފިއެވެ. ދެން ފެނުނީ ގަސްތަކުގެ ތެރެއިން ނުކުތް ބަޔަކު ކާފަރުންގެ ލަޝްކަރާ ދިމާއަށް ދުނިޖަހަން ފެށިތަނެވެ.
އަސްވާރުން ޒަޚަމްވެގެން ކޯރަށް ވެއްޓޭން ފަށައިފިއެވެ. އަސްތައް ހާސްވެގެން ކޮޅުކޮޅުމައްޗަށް ދުވަން މަސައްކަތްކުރާން ފަށައިފިއެވެ. ކޯރަށް ފޭބި އަސްވާރުންގެ ތެރެއިން ސަލާމަތްވީ މީހުން އެނބުރި އައްސޭރިއަށް ދާން މަސައްކަތް ފަށައިފިއެވެ. ކަންތައް މި ހިސާބަށް ދިޔައިރު އެބައިމީހުންގެ ކަނާތްފަރާތުންނާއި ވައަތްފަރާތުން އައި އިސްލާމުންގެ ލަޝްކަރު އައިސް އަރައި ހަމަކޮށްފިއެވެ. މިހާރު އެބައިމީހުންނަށް އޮތީ ފުރަގަހުން ފެންނާން އޮތް ތަނެވެ. އެކަމަކު ފަހަތަށް އެނބުރި ތަންކޮޅަކަށް ދެވުނުތަނާ ކުރިމަތިލާން ޖެހުނީ މޫސާގެ ތީރުވެރިންގެ ހަމަލަޔާއެވެ. ތީރުވެރިންގެ ހަމަލައިގެ ތެރެއިން ލައިފައި ގޮސް ވަދެވުނީ ލޮންސިވެރިންގެ ހަމަލައިގެ ތެރެއަށެވެ. މަންޞޫރު ބިން އަޙްމަދުގެ ފަހުލަވާނުން ވައަތްފަރާތް ދޫކޮށްލައިފައި ގޮސް ގްރަނާދާގެ ލަޝްކަރާ ގުޅިއްޖެއެވެ. ކަސްތިއްޔާގެ ލަޝްކަރު ވައަތްފަރާތަށް އެނބުރިއްޖެއެވެ. މިހާރު އެބައިމީހުން މަސައްކަތް ކުރަމުން އެދަނީ ކަނާތްފަރާތުން ގޮސް ރައްކާތެރި ދިމާއަކުން ކޯރު ހުރަސްކޮށްފައި އަނެއް ފަރާތަށް ދެވޭތޯއެވެ. އެކަމަކު އޭރު ކޯރުގެ އަނެއް ފަރާތަށް ލަޝްކަރެއް ދަނީ ޖަމާވަމުންނެވެ. އެ ލަޝްކަރުން ތީރުވެރިން ނުކުމެ އިރުއިރުކޮޅާ ހަމަލަދެމުން ގެންދެއެވެ. ދެކުނު ފަރާތުން ކޯރު ހުރަސްކުރުން ނޫން ގޮތެއް ފެރްނާންދޯގެ ލަޝްކަރަށް ނެތިއްޖެއެވެ.
ކާފަރުންގެ ލަޝްކަރު ކޯރާ ދިމާއަށް މިސްރާބު ޖެހިއިރު ގިނަ އަސްތަކަކު މީހެއް ނެތެވެ. މުޖާހިދުން މިހާރު ހަމަލަދެނީ ކަނޑިންނެވެ. ހަނގުރާމައިގެ ބުރަކަމާހުރެ މުޖާހިދުންގެ އަތްތައް ވާޅުވަމުންދަނީއެވެ. އެކަމަކުވެސް ކާމިޔާބީގެ ޖޯޝުގައި ހަނގުރާމަކުރަމުން ދަނީއެވެ. ބަދްރު ބިން މުޣީރާއަށް އޭނާގެ ވައަތްޕުޅު ފަރާތުން ގްރަނާދާގެ އަސްވާރަކު ފެނިވަޑައިގެންފިއެވެ. އެ އަސްވާރުގެ ދަހަނާއާއި ހަތިޔާރު ހަނދުވަރުގެ އަލީގައި ވިދަވިދައި ހުއްޓެވެ. އެހެންނަމަވެސް ބަދްރުގެ ލޯފުޅުގައި އަޅައިގަތީ އޭނާގެ ރީތި އަހެވެ. އެ އަސްވާރު ދުޝްމިނުންގެ ހައެއްކަ މީހުންނަށް މަރުގެ ރަހަ ދައްކައިލުމަށް ފަހު ކުރިއަށް ޖެހިލައިފިއެވެ. ކަސްތިއްޔާގެ އަސްވާރަކު އޭނާގެ ހަމަލައިން ޒަޚަމްވެއްޖެއެވެ. އެކަމަކު އެކަލޭގެ އެނބުރި އަނެއްކާވެސް ހަމަލަދީފިއެވެ. ޒުވާން މުޖާހިދު ކަނޑިން އޭނާގެ ހަމަލަ މަތަކޮށްފިއެވެ. އެވަގުތު ފުރަގަހުން ކަސްތިއްޔާގެ ސަވާރަކު ލޮންސި ހަމަލައަކުން އޭނާ ޒަޚަމްކޮށްލުމަށް ފަހު ކުރިއަރައިގެން ހިނގައްޖެއެވެ. ޒަޚަމްވުމާއެކުވެސް އެ މުޖާހިދު އަސް ހުއްޓައެއް ނުލައެވެ. ކާފަރުންގެ ދެ މީހަކު މަރުގެ އަނދަވަޅަށް ވައްޓައިލައިފިއެވެ.
ބަދްރު ބިން މުޣީރާގެ ދޫފުޅުން ބޭއިޚްތިޔާރުގައި ތައުރީފުގެ ލަފުޒުތަކެއް ނުކުމެއްޖެއެވެ. އަދި އެ މުޖާހިދާ ގާތަށް ޖެހިވަޑައިގެންފިއެވެ. [ކަލޭގެ ހިތްވަރާއި އަޒުމުގެ ވަރުގަދަކަން ފެނިފައި އަހަރެން ވަރަށް ބޮޑަށް އުފާކޮށްފީމެވެ. އެކަމަކު ދުޝްމިނުންގެ ބައިގަނޑުގެ މެދުތެރެއަށް ވަނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ.]
ދެވަނަ ފަހަރަށް ބަދްރު ބިން މުޣީރާއަށް އެ މުޖާހިދު ފެނިވަޑައިގަތްއިރު އޭނާ އޮތީ އަހުގައި ކުރިއަށް ގުދުވެގެންކަހަލަ ގޮތަކަށެވެ. ވަރުބަލިވެ އަވަދިވާ ވަރު ވެފައެވެ.
ބަދްރު ކުރިއަށް ޖެހިވަޑައިގެންފައި ވިދާޅުވިއެވެ. [ކަލޭ ތިޔަ އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.]
މުޖާހިދުގެ އަތުން ކަނޑި ދޫވެގެން ވެއްޓިއްޖެއެވެ. ބޯ ގޮސް ޖެހުނީ އަތްދަނޑީގައެވެ. ބަދްރު އޭނާ އުނަގަނޑުގައި ހިއްޕަވައި ދަންމަވައިގަތް ގޮތަކުން އަސްކޮޅު މައްޗަށް އޭނާ ނަންގަވައިފިއެވެ.
މެންދަމަށް އެޅުނުއިރު ފެރްނާންދޯގެ ލަޝްކަރު ބިރުން ސިހިސިހި ތިބެގެން ކޯރު ހުރަސްކުރަނީއެވެ. މުޖާހިދުން ގެންދިޔައީ ހުއްޓާނުލައި ތީރުން ހަމަލަދެމުންނެވެ. މިއީ ފެރްނާންދޯގެ ހަޔާތުގައި މިހައިތަނަށް ވީ އެންމެ ބޮޑު ބައްޔެވެ.
(6)
މި ފުރިހަމަ ކާމިޔާބީއަށް ފަހު މޫސާ އަސްކޮޅުން ފައިބައިވަޑައިގެން ސަޖިދައިގައި އެތައް އިރަކު އޮންނެވިއެވެ. އޭނާގެ ދޫފުޅުން ނުކުންނަނީ އެންމެ ދުޢާފުޅެކެވެ. [އޭ ޣަފޫރުއްރަޙީމެވެ. އަޅަމެންނަކީ މި ކާމިޔާބީއާ އެކަށީގެންވާ ބަޔަކީމެއް ނޫނީމެވެ. މިއީ އިބަކަލާނގެ ރަޙްމަތާއި ނިޢުމަތެވެ.]
އޭނާ ތެދުވެވަޑައިގެން ބައިވެރިންނާ ދިމާއަށް ބައްލަވައިލެއްވިއެވެ. ތަންކޮޅެއް ދުރުގައި ހުންނަވައިގެން ބަދްރު ބިން މުޣީރާ ބަޝީރް ބިން ޙަސަނަށް ގޮވައިލައްވަނީއެވެ. މޫސާ ދުވެވަޑައިގެން، ވަޑައިގެން ބަދްރުގެ އަސްކޮޅުގެ ލަގަންކޮޅުގައި ހިއްޕަވައިފިއެވެ. އަދި އޭނާގެ އަތްޕުޅުގައި ބޮސްދެއްވައިފައި ވިދާޅުވިއެވެ. [ބަދްރެވެ. ދެން ތިޔަ ނިގާބު ނަންގަވާށެވެ. މުޅި ލަޝްކަރު އެ އޮތީ ﷲގެ އެތައް ހާސް ރަޙުމަތެއްގެ ވަސީލަތަކަށް ވެވަޑައިގަތް ބޭފުޅާގެ މޫނުފުޅު ދެކޭހިތުންނެވެ.]
ބަދްރު ވިދާޅުވިއެވެ. [މި ވަގުތު ދެކެން އެންމެ މުހިއްމު މޫނުތަކަކީ ޝަހީދުންގެ ދަރަޖަ ހޯދައިގެން އެތިބަ ނޫރުގަދަ މޫނުތަކެވެ. މި ފަތަހައިގެ ފަހުން މޫނު ކަޝްފުކުރުމަކީ އަޅުގަނޑު ދެކޮޅުހަދާ ކަމެއް ނޫނެވެ. އެކަމަކު މުޅި ލަޝްކަރުގެ ސަމާލުކަން އަޅުގަނޑުގެ މައްޗަށް އެނބުރޭގޮތް ނުހައްދަވާށެވެ. ފެރްނާންދޯގެ ލަޝްކަރު ބައިބައި ވިޔަސް އަދިވެސް މި ސަރަހައްދުގައި އެބައުޅެއެވެ. އެމީހުންނަށް ސަލާމަތްވެގެން ދިއުމުގެ ފުރުސަތު ދިނުމަކީ ރަނގަޅު ކަމަކަށް ނުވާނެއެވެ.] މިހެން ވިދާޅުވެފައި ބަދްރު އޭނާގެ ނިގާބު ނަންގަވައިފިއެވެ.
މޫސާ ވިދާޅުވިއެވެ. [އެމީހުންގެ ތެރެއިން ސަލާމަތްވެގެން ދެވޭނީ އިރާދަކުރެއްވިއްޔާ މަދު މީހަކަށެވެ. އަޅުގަނޑު މި ވަގުތު ބޭނުންވަނީ އަސްތަކަށް ނޭވައެއްލާނޭ ވަގުތުކޮޅެއް ދޭށެވެ.]
މިހައިތަނަށް ވާހަކަފުޅު ދިޔަތަނާ މަންޞޫރާއި ލަޝްކަރުގެ އެހެން އޮފްސަރުން އެތަނަށް އަތުވެއްޖެއެވެ. ބަދްރު ވިދާޅުވިއެވެ. [މަންޞޫރެވެ. މިއަދު މަންޞޫރު ތިޔަވަނީ އަހަރެންގެ އަހާއި ކަނޑީގެ ހައްގުވެރިއަކަށް ވެފައެވެ. މި ސަރަހައްދުގެ ވާދީތަކާއި ފަރުބަދަތައް މަންޞޫރަށް އެހައި ރަނގަޅަށް އެނގިފައި ހުންނާނޭ ކަމަކަށް އަހަރެން އިހަކަށް ހިއެއް ނުކުރަމެވެ. އަހަރެން މަންޞޫރަށްޓަކައި ފަޚުރުވެރިވަމެވެ.]
ހިތްވަރުގަދަ މުޖާހިދު ބަދްރުގެ ވާހަކަފުޅު ބަލައިގަތީ އޭނާގެ ލޯބިވާ ލީޑަރުގެ ފަރާތުން ލިބުނު އިނާމެއްގެ ގޮތުގައެވެ.
ބަދްރު ބިން މުޣީރާ ވަށައިގެން ބައްލަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. [ބަޝީރު އަދިވެސް ނާދެއެވެ. އޭނާ ސަލާމަތުން ހުންނެވިކަމުގައި އަހަރެން އުއްމީދުކުރަމެވެ.]
މޫސާ ސިހިވަޑައިގެންފައި އައްސަވައިލެއްވިއެވެ. [ބަޝީރް ކޮބައިތޯއެވެ؟]
[އަޅުގަނޑު މި އައީ ކޯރުގެ އައްސޭރިއަށް މަނިކުފާނުގެ މުޖާހިދަކު ދޫކޮށްލައިފައެވެ. އަޅުގަނޑު ބަޝީރު ފޮނުވީ އޭނާއަށް ފަރުވާކުރާށެވެ. އެ ޒުވާނާ ސަވާރުވެ އިން ހުދު އަހަކީ ވަރަށް ރީތި އަހެކެވެ. ދަހަނާވެސް އެހައި ރީއްޗެވެ. އަޅުގަނޑަށް ހީވާ ގޮތުގައި އެއީ މަނިކުފާނުގެ ލަޝްކަރުގެ އިސް އޮފްސަރެކެވެ. އެއީ ވަރަށް ހިތްވަރުގަދަ ފަހުލަވާނެކެވެ. އެކަމަކު މާ ޖޯޝުހުރި ޒުވާނެކެވެ. އޭނާ ދެކިލާން އަޅުގަނޑު ބޭނުމެވެ. އޭނާ އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.]
ޒުވާން އަސްވާރަކު ކުރިއަށް ޖެހިލައިފައި ބުންޏެވެ. [ރަސްގެފާނު ވީތަނެއް ނޭނގެއެވެ. ބައެއް މީހުންނަށް ވަނީ އޭނާގެ ހުސް އަސް ފެނިފައެވެ.]
ބަދްރު ބިން މުޣީރާގެ މޫނުފުޅުމައްޗަށް ހިތާމަފުޅުގެ އަސަރުތައް ވެރިވެގެން ދިޔައެވެ. [އަހަންނަށް ހީވެފައި އޮތީ ގްރަނާދާގެ ސިފައިން މިހާރު ގަބުރުތަކުން ސަލާމަތްވެދާނޭ ކަމުގައެވެ. ރަސްގެފާނޭ ތިޔަ ކިޔަނީ އަބޫ ޢަބްދުﷲއަށް ކަމުގައި ވަނީނަމަ އޭނާ އަނެއްކާވެސް ގްރަނާދާއަށް ގޮސް ރަށުގެ ދޮރާށިތައް ދުޝަމިނުންނަށްޓަކައި ހުޅުވައިދީފާނެތީ އަހަރެން ބިރުގަނެއެވެ.]
މަންޞޫރު ވިދާޅުވިއެވެ. [އަޅުގަނޑު އޭނާ ދުށީމެވެ. މަނިކުފާނު ހައިރާންފުޅު ވުމަކީ އެކަށީގެންވާ ކަމެކެވެ. ހިތާ ދެކޮޅަށްނަމަވެސް ދެތިން ފަހަރަކު އޭނާއަށް ހިތުގައި ތާރީފު އުފެދުނެވެ. އެއީ އަބޫ ޢަބްދުﷲއޭ އަބޫ މުޙްސިން ވިދާޅުވީމާ އަޅުގަނޑަށް ގަބޫލުކުރާންވެސް ދަތިވިއެވެ.]
އަބޫ މޫސާ ވިދާޅުވިއެވެ. [ރަށުގައި ނުބަހައްޓައި އަޅުގަނޑު އޭނާ މައިދާނަށް ނެރުނީ ގެއްލުން ކުޑަވާނީ އެހެން ހެދީމާކަމަށް ވިސްނިގެންނެވެ.
ބަދްރު އެއްޗެކޭ ވިދާޅުވާން އުޅުއްވިތަނާ ބަޝީރް އަސްކޮޅުގައި އެތަނަށް ވަޑައިގެންފިއެވެ. [ޒަޚަމްވެފައި އޮތްމީހާ އޮތީ މަނިކުފާނުގެ ފައިންޕުޅު ދެކޭހިތުން އަވަދިވާވަރު ވެފައެވެ.]
ބަދްރު ސުވާލުކުރެއްވިއެވެ. [އޭނާގެ ހާލު ކިހިނެއްތޯއެވެ؟]
[އަރިކަށީގެ ބައެއް ކަށި ހުރީ ބިނދިފައެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވެދާނެއެވެ.]
(7)
ޒަޚަމްވީ މީހާ އިނީ ޒައިތޫނި ގަހަކަށް ލެނގިލައިގެން އިށީނދެގެންނެވެ. އޭނާގެ ވަށައިގެން ސިފައިންގެ ދެތިން މީހުން ތިއްބެވެ. ބަދްރު ބިން މުޣީރާއާއި އޭނާގެ ބައިވެރިން ވަޑައިގަންނަވާތަން ފެނުނީމާ ސިފައިން އެއް ފަރާތަކަށް ޖެހިލައިފިއެވެ. ބަދްރު އަސްކޮޅުން ފައިބައިވަޑައިގެން އޭނާގެ ގާތަށް ވަޑައިގެންފިއެވެ. ފުރަތަމަ ނަޒަރުފުޅުން އެއީ ކާކުކަމެއް ބަދްރަކަށް އެނގިވަޑައެއް ނުގަތެވެ. އެކަމަކު އެއް ކަކޫފުޅުމައްޗަށް ތިރިވެވަޑައިގެން ރަނގަޅަށް ބައްލައިލެއްވީމާ ހަށިކޮޅުގައި ބާވަތެއްގެ ފިނި ރާޅެއް ދައުރުކޮށްފިއެވެ. ބަދްރު ކުއްލިއަކަށް ތެދުވެވަޑައިގެންފިއެވެ.
އެޔާއެކު ޒަޚަމްވެފައިވާ މީހާ ބަލިކަށި އަޑަކުން ވާހަކަދައްކާން ފަށައިފިއެވެ. [މަނިކުފާނު ސަލާމަތް ކުރައްވައިގެން ގެންނެވީ ދިރިދުނިޔޭގައި ހުރުމުގެ ހައްގުން މަހުރޫމުވެފައިވާ މީހެކެވެ. އަޅުގަނޑަކީ ކުށްވެރިއަކީމެވެ. އަޅުގަނޑަކީ މަނިކުފާނުގެ ގާތިލެވެ. ކުރެވުނު ކުށަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ލަދުގެން ހިތާމަކުރަމެވެ. އަޅުގަނޑަށް ބޭނުންފުޅު އަދަބެއް ދެއްވުމަކީ މަނިކުފާނަށް އޮތް ހައްގެކެވެ.]
ބަދްރު ބިން މުޣީރާ އެއްވެސް އެއްޗެކޭ ވިދާޅުވެ އޭނާޔާ ދިމާއަށް ބައްލަވާން ހުންނެވީއެވެ. އޭނާގެ ކުރިފުޅުމަތީގައި އެ އިނީ އަބޫ ޢަބްދުﷲއެވެ. އެއީ އަންދަލުސްގެ ކޮންމެ މުޖާހިދެއްގެ ހިތުގައިވެސް އޭނާގެ ޚިޔާނާތްތެރިކަމާއި ގައުމު ވިއްކާލިކަމުގެ ހަނދާންތައް އަދިވެސް ހުރި އަބޫ ޢަބްދުﷲއެވެ. އެފަދަ މީހަކުގެ މަތީން ހަނދުމަފުޅު ނައްތަވައިލެއްވުމަކީ ނުވަތަ މައާފުކުރެއްވުމަކީ ބަދްެރު ބިން މުޣީރާފަދަ ބޭފުޅަކަށް ކުރެއްވޭވަރުގެ ކަމެއް ނޫނެވެ.
އޭނާގެ ހިތްޕުޅަށް އެރިއެވެ. [މި އުފާވެރި ދަނޑިވަޅުގައި ކަލޭގެ މޫނު ނުފެނުނު ނަމައެވެ.]
މޫސާއާއި ބަޝީރާއި އަބޫ މުޙްސިނާއި މަންޞޫރާ ތިއްބެވީ ބަދްރުގެ ފަހަތްޕުޅުގައެވެ. ހިމޭންކަމާއެކު އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދިމާއަށް ބައްލަވަނީއެވެ. ބަދްރުގެ މޫނުފުޅުން އޭނާގެ ހިތްޕުޅުގެ ޝުއޫރުތައް ދެނެގަތުން އެހައި ފަސޭހައެއް ނޫނެވެ.
އަބޫ ޢަބްދުﷲ ކުއްލިއަކަށް ކޮއްޅަށް ތެދުވެއްޖެއެވެ. ތުރުތުރު އަޅަމުން ކުރިއަށް ދެ ފިޔަވަޅެއް އެޅުމަށް ފަހު ބަދްރާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ދުލުން ނުކުތީ ވޭނުން ފުރިފައިވާ އަޑެކެވެ. [މަނިކުފާނު އަޅުގަނޑު ގަތުލު ނުކުރައްވައި ހުންނަވަނީ ކީއްވެގެންތޯއެވެ؟ ފާފައިގެ ބަރު އުފުލުމަކީ މިހާރު އަޅުގަނޑަކަށް ކުޅަދާނަވާވަރުގެ ކަމެއް ނޫނެވެ.]
އަބޫ ޢަބްދުﷲގެ ލޮލުން ކަރުނަ ފައިބަނީއެވެ. ބަދްރު ޖެހި ބުދެއްހެން ހުންނެވީއެވެ. އަބޫ ޢަބްދުﷲ އަނެއްކާވެސް ވާހަކަދައްކާން ފަށައިފިއެވެ. [ދިރިއުޅުމުގެ އަޒާބުން އަޅުގަނޑު މާ ކުރީން މިންޖުވެއްޖައީމެވެ. ދުޝްމިނުން އަޅުގަނޑު ކުދިކުދިކޮށްލީހެވެ. އެކަމަކު މަނިކުފާނު ވަޑައިގެން އަޅުގަނޑަށް ކުރެއްވީ އަނިޔާއެކެވެ. އެއީ އަޅުގަނޑު ސަލާމަތްކުރެއްވުމެވެ. ﷲއަށްޓަކައި ދަންނަވަމެވެ. އަޅުގަނޑު ގަތުލުކުރައްވާށެވެ. މި ބިމަށްވެސް މި ވަނީ އަޅުގަނޑުގެ ބުރަ އުފުލުން ދަތިކަމަކަށް ވެފައެވެ.] އޭނާ ރޮމުން ގެންދިޔައެވެ.
ބަދްރު ބިން މުޣީރާގެ ހިތްޕުޅުގައި އަބޫ ޢަބްދުﷲ ފަދަ ޣައްދާރަކަށް އެއްވެސް ކަހަލަ ރަހުމުފުޅެއް ނެތެވެ. އެކަމަކު އޭނާއަކީ އުސޫލުތަކެއްގައި ހިފަހައްޓަވާ މުޖާހިދެކެވެ. ދުޝްމިނުންގެ މައްޗަށް ބާރު ފޯރުއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމާއެކު ގޮތެއްފޮތެއް ނުބަލައި ހަމަލަދެއްވުމަކީ އޭނާގެ އާދަފުޅެއް ނޫނެވެ. އޭނާ ވިދާޅުވިއެވެ. [އޭ އަބޫ ޢަބްދުﷲއެވެ. ކަލޭގެ ކަރުނައަކުން އަހަންނަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. އެކަމަކު ކަލޭގެ ދަހަނާގައި ލޭގެ އަސަރު އެބަހުއްޓެވެ. ހަނގުރާމައިގެ މައިދާނުގައި ކަލޭގެ ލޭ ވަނީ ޝަހީދުންގެ ލެޔާ އެކުވެފައެވެ. އެހެންވީމާ އަހަރެން ކަލޭގެ ގަޔަކު އަތެއް ނުލާނަމެވެ. އަހަރެންގެ ޒާތީ ދެކޮޅުވެރިކަމަށް ބަލާނަމަ އަހަރެން ކަލެއަށް މާފުކޮށްފީމެވެ. އެކަމަކު ކަލެއަކީ ގައުމުގެ މުޖުރިމަކަށް ވާތީ ގައުމުގެ ހައްގުގައި ކަލޭ ކުޅަ ކުށަށް މާފު ކުރުމާއި ނުކުރުން އޮތީ ގައުމުގެ މައްޗަށެވެ. ގްރަނާދާގެ މައުސޫމު ރައްޔިތުންނަކީ މޮޔަކަމާ ގާތަށް ހެޔޮ ބައެއްކަން އަހަރެން ދަންނަމެވެ. އެހެންވީމާ ކަލޭގެ ފަސްބައިގައި ތިޔަހަރަ ލޭ ފެނިފައި އެ މީހުން ކަލޭގެ މާޒީ ހަނދާން ނައްތައިލާނެއެވެ. ކަލޭ ފެނުމާއެކު ރަސްގެފާނު ޒިންދާބާދޭ ގޮވާނެކަންވެސް އަހަންނަށް އެނގެއެވެ. އެކަމަކު އަބޫ ޢަބްދުﷲއެވެ. ހަނދާން ކުރާށެވެ. އެފަދަ ހެޔޮ މައުސޫމު ރައްޔިތަކަށް ދެވަނަ ފަހަރަށް ޚިޔާނާތްތެރިވާނަމޭ ހިތަށްވެސް ނާރުވައްޗެވެ. އަހަރެން މި ބުނާ ވާހަކައާ މެދު ކުޑަކޮށްވެސް ޝައްކެއް ނުކުރާށެވެ. އަހަންނާ ކަލެޔާ ބައްދަލު މިވީ ހަނގުރާމައިގެ މައިދާނެއްގައެވެ. މީގެ ބަދަލުގައި އަލްޙަމްރާގެ ދަރުބާރެއްގައި އޮތް ބައްދަލުވުމެއް ނަމަ އަހަރެން ކަލެއަށް ވާހަކަދައްކާނޭ ފުިރުސަތެއްވެސް ނުދިނީމުހެވެ. ގްރަނާދާގެ ރައްޔިތުން ކިތަންމެ ވަރަކަށް ދެކޮޅު ހެދިޔަސް، ތާޖެއްގެ އެދުމުގައި ގައުމުގެ އަންހެން ދަރީންގެ ޢިއްފަތްތެރިކަން ދުޝްމިނުންނަށް ވިއްކައިލީ މީހެއްގެ ބޯ ކަނދުރާއިން ވަކިކޮށްނުލައެއް އަހަރެންގެ ކަނޑި އުރައަކަށް ނުލީމުހެވެ. އެކަމަކު މި ވަގުތު ކަލެއަކީ ގައުމުގެ ސިފައެކެވެ. ކަލޭގެ ކަނޑި ތިޔަ ވަނީ ދުޝްމިނުންގެ ލެއިން ފެންވަރައިފައެވެ. ކަލޭގެ ލޭގެ ހައެއްކަ ތިކިން މާޒީގެ ބައެއް ލައް ފޮހެލެވިއްޖެކަމަށްވެސް ވެދާނެއެވެ.]
އަބޫ ޢަބްދުﷲގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. އޭނާ އަރިއަޅައިލާ ކަހަލަ ގޮތެއް ވެފައި ކުޑަކޮށް ފަހަތަށް ޖެހިލައި ގަހަށް ލެނގިލައިފިއެވެ. [މަނިކުފާނުގެ ހެޔޮފުޅުކަން ވަރަށް ބޮޑެވެ. އެކަމަކު އަޅުގަނޑުގެ ފަސްބައި ދޮންނަން ކަނޑުގެ ލޮނުގަނޑު އެކީގައި ގެނައިނަމަވެސް ނުފުދޭނޭކަން އަޅުގަނޑަށް އެނގެއެވެ. މަނިކުފާނު އަޅުގަނޑު މަރުން ސަލާމަތް ނުކުރެއްވި ނަމައެވެ.] އޭނާ ވަރުބަލިކަމާއެކު ލޯ މަރައިލިއެވެ. ވެއްޓޭން އުޅުމާއެކު ބަޝީރު ވަޑައިގެން ހިފަހައްޓަވައިފިއެވެ. އަދި މަޑުމަޑުން އޭނާ ބިންމަތީގައި ބާއްވަވައިފިއެވެ.
ބަދްރު ބިން މުޣީރާ އަސްކޮޅަށް އަރައިވަޑައިގަންނަވަމުން ވިދާޅުވިއެވެ. [ބަޝީރެވެ. މީނާ ރައްކައުތެރިކަމާއެކު ބެލެހެއްޓެވުމަކީ ބަޝީރްގެ ޒިންމާފުޅެކެވެ. އަޅުގަނޑުމެން ކުރަންޖެހޭ ލައްކަ މަސައްކަތް އަދިވެސް އެބަހުއްޓެވެ.]
މޫސާއާއި މަންޞޫރާއި އަބޫ މުޙްސިންވެސް އަހަށް ސަވާރުވެވަޑައިގެންފިއެވެ.
ފެރްނާންދޯގެ ފައިމަގުގެ ލަޝްކަރުން ސަލާމަތްވެގެން ފިލައިގެން ދިޔަ މީސްކޮޅު ހާސްވެގެން އެކި ދިމަދިމާއަށް ދުވަނީއެވެ. ގްރަނާދާގެ މުޖާހިދުން އެމީހުން އަތުޖެހުނު ތަނަކުން ގަތުލުކުރަމުން އެބަގެންދެއެވެ. ބައެއް މީހުން މަސައްކަތް ކުރަމުން ދިޔައީ ދަނޑުތަކާއި މޭވާ ބަގީޗާތަކަށް ވަދެ ފިލާށެވެ. އެކަމަކު އެއިން އެއްވެސް ތަނަކުން އެ މީހުންނަކަށް ސަލާމަތެއް ނުވެވެއެވެ. ދުޝްމިނުންނާ އެންމެ ފަހުގެ ހަމަލަދިނުމަށްޓަކައި ރަށުގެ މުސްކުޅި ފުރައިގެ މީހުންނާއި ޒުވާނުންނަށް ދާންދެން ނުކުމެއްޖެއެވެ. އިރުއޮސުމުގެ ކުރިން މައިދާން ސާފުކޮށް ނިމިއްޖެއެވެ. މުޅި މައިދާން ފުރިފައި އޮތީ ދުޝްމިނުންގެ މުޅަ ހަށިތަކުންނެވެ. ގައިދީންގެ އަދަދު ގާތްގަނޑަކަށް ފަސްހާހަށް އަރައެވެ. މަރުވީ މީހުންގެ އަދަދު އޭގެ ހަތަރު ގުނައަށްވުރެ އިތުރެވެ.
(8)
ފާތިޙް ލަޝްކަރު ފަތިސް ނަމާދުކުރީ ޚެނީލް ކޯރުގެ އައްސޭރީގައެވެ. މޫސާގެ އެދިވަޑައިގަތުމުގެ މަތީން އިމާމުވެވަޑައިގެން ނަމާދުކުރެއްވީ ބަދްރު ބިން މުޣީރާއެވެ. ނަމާދަށް ފަހު ކުރު ދުޢާއެއްކުރުން އޮތެވެ. [އޭ ޖަޒާއާއި ސަޒާގެ ވެރި ރަސްކަލާކޯއެވެ. އަޅަމެންގެ ކާބަފައިންނަށް ދެއްވިފަދަ އީމާންކަމެއް އަޅަމެންނަށްވެސް ދެއްވައިފާނދޭވެ. އަޅަމެންގެ ބޯ އިބަރަސްކަލާގެ ހަޟުރަތަށް ނޫން ފަރާތަކަށް ތިރިކުރެވޭނޭ ގޮތް މެދުވެރި ނުކުރައްވާށިއެވެ. އަޅަމެންގެ ހިތް އެހެން ފަރާތަކަށް ލެނބިގެން ނުދާނޭގޮތް ހައްދައިފާނދޭވެ. އަޅަމެންނީ އިބަކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރާ ބަޔަކު ކަމުގައި ވުމުގެ ތައުފީގު ދެއްވައިފާނދޭވެ. އިބަކަލާނގެ ޙަޟުރަތުން މާތް ނަބިއްޔާ ގެނެސްދެއްވި ދީނުގެ ގަދަރާއި އިއްޒަތް އުފުލާ ބަޔަކު ކަމުގައި އަޅަމެން ލައްވައިފާނދޭވެ. އެ ދީނުގެ ހައްގުގައި ދިރިއުޅޭ އަދި މަރުވާ ބަޔަކު ކަމުގައި އަޅަމެން ލައްވައިފާނދޭވެ. އާމީން.]
ދުޢާއަށް ފަހު ބަދްރު ބިން މުޣީރާ އިރުކޮޅެއް ވާންދެން ހިމޭނުން ހުންނެވިއެވެ. ބާޒުގެ ވާދީގެ މުޖާހިދުން ފަޚުރުވެރިކަމާއެކު އެބައިމީހުންގެ ލީޑަރާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ގްރަނާދާގެ އަހުލުވެރިން އެބައިމީހުންގެ މުޙްސިނާ ދިމާއަށް ބަލަހައްޓައިގެން ތިބީ މަޑުމޮޅިކަމާއި ޝުކުރުވެރިކަމާއެކުގައެވެ.
ބަދްރު ވިދާޅުވިއެވެ. [އަހަރެންގެ އިސް ރަށްވެހިންނާއި އަޚުންނޭވެ. މި ފަޚުރުވެރި ކާމިޔާބީއަށްޓަކައި ތިޔަބައިމީހުންނަށް ތަހުނިޔާ ކިޔަމެވެ. އެކަމަކު މި ހަނގުރާމަޔާއެކު އަންނާން އޮތް ނުރައްކަލުން ސަލާމަތްވެވުނީ ކަމުގައި ފަހަރެއްގައިވެސް ހީނުކުރާށެވެ. ތިޔަބައމީހުންނަށް ކުރެވުނު ކަމަކީ ދުޝްމިނުން ގްރަނާދާގެ ހަތަރު ފާރާ ދުރަށް ޖެއްސުމެވެ. ތިޔަބައިމީހުންގެ ވެރިކަމުގެ ބޮޑުބައި އަދިވެސް އޮތީ ދުޝްމިނުންގެ އަތްދަށުގައެވެ. އަތުން ބީވެގެން ދިޔަ ގްރަނާދާގެ ވެރިކަން އަލުން ހޯދުމަކުން ތިޔަބައިމީހުންގެ މަސައެްކަތް ނިމުނީއެއް ނޫނެވެ. މުޅި އަންދަލުސް އަތުނުލެވެނީހެއް ހަމަޖެހުމުގެ ނޭވައެއް ލެވޭކަށް ނޯންނާނެއެވެ. މި ފަތަޙައަށް ފަހު ނިދީގެ ތެރެއަށް ވަދެއްޖެނަމަ ދަންނާށެވެ. ނިދާފައި ތިބޭ މީހުން އިރުއިރުކޮޅާ ހޭލެއްވުމަކީ ގުދުރަތުގެ އާދައެއް ނޫނެވެ. ގުދުރަތުން ކޮއްޓައިލަނީ ގައުމެއްގައި ދިރިތިބިކަމުގެ އަލާމަތެއް ހުރިނަމައެވެ. މާޔޫސީގައި ދިރިއުޅޭ ގައުމެއް ނަމަ ގުދުރަތުން ނާނާ ކިޔައި އެ ގައުމެއް ނިންދަވައިލާނެއެވެ. އޭ އަންދަލުސްގެ އިސްލާމުންނޭވެ. ތިޔަބައިމީހުންނަށް މިހާރު މިލިބޭ ގެއްލުމުގެ ސަބަބަކީ ކޮބައިކަން އެނގޭހެއްޔެވެ؟ މިއީ މި މަތިވެރި ގައުމުގެ ބޮޑު ބައެއް ދުޝްމިނުންނާ ހަވާލުކުރުމަށް ފަހު ތިމަތިމާމެންނަށްޓަކައި ގްރަނާދާގެ މި ބިމުން ކުޑަތަންކޮޅެއް ލިބުނީމާ އެއީ ފުދޭވަރެއް ކަމަށް ބަލައި އުފާކޮށް އެތާނގައި ތިބެގެން އަރާމުކުރަމުން ގެންދާ ވެރިންނާއި ރަސްކަލުންގެ ވިޔާނުދާކަމުގެ ނަތީޖާއެވެ. އަންދަލުސްގައި އަނިޔާލިބެމުންދާ އިސްލާމީ ރައްޔިތުން ތިބީ އެބައިމީހުންގެ ތިޔަ އަޚުން އެބައިމީހުންނަށް އެހީތެރިވާން އަންނާނޭ ކަމުގެ އުއްމީދުގައެވެ. އެކަމަކު ތިޔަބައިމީހުން ތިބީ ގަދަ ނިދީން ނިދައިފައެވެ. އަންދަލުސްގައި ތިޔަބައިމީހުންގެ އަޚުން އަނިޔާވެރިކަމުގެ އުޑީގައި ފިސްވަމުން ދިޔައީއެވެ. ބިރުވެރިކަމާއި އަނިޔާވެރިކަމުގެ އަތްތަކުން ތިޔަބައިމީހުންގެ އުޚުތުންގެ ޢިއްފަތްތެރިކަން ފޭރެވެމުން ދިޔައީއެވެ. ތިޔަބައިމީހުން ނިދައިފައި ތިބީއެވެ. ތިޔަބައިމީހުންގެ ޣީރަތްތެރިކަމެއް ހެއެއް ނުލިއެވެ. ޖޯޝް ހިލިއެއް ނުގަތެވެ. އެބައިމީހުންގެ ދުލުން ފަރިޔާދުގެ ލަފުޒުތައް އޮހެމުން ދިޔައީއެވެ. ލޮލުން ކަރުނަ އޮހެމުން ދިޔައީއެވެ. އެކަމަކު ތިޔަބައިމީހުން ކަހާތަން ހިރުވައިވެސް ނުލީމުއެވެ. ތިޔަބައިމީހުން ތިބީ އުފާވެރިކަމާއި އަރާމުގެ ރާގުތަކުގެ ތެރެއަށް ގެނބިފައެވެ.]
[އަބުލްޙަސަން ތެދުވެވަޑައިގަތީ ކާބަފައިންގެ ފަރުވާކުޑަކަމުގެ ކައްފާރާ އަދާކުރައްވާށެވެ. އެކަމަކު ރުބާބުގެ ފޮނިފޮނި ރާގުތަކުގެ އަޑާއެކު ނިދަން އާދަވެފައި ތިބި މީހުންނަކަށް ކަނޑީގެ ތޮޅިލުމުގެ އަޑެއް ކަމަކު ނުދިޔައެވެ. ތިޔަބައިމީހުން އެ ފިރިހެންވަންތަ މުޖާހިދުގެ ދެއަތް ބަނދެލީއެވެ.]
[ތިޔަބައިމީހުންނަށް ހޭލެވުނީ ލޮނުގަނޑު ތިޔަބައިމީހުންގެ ގެތަކުގެ މައި ދޮރާ ހަމައަށް އައީމައެވެ. ފަގީރުންގެ ޖިފުޓިތަކެކޭ އެއްވަރަށް އެބައިމީހުންގެ ގަނޑުވަރުތައްވެސް ނުރައްކަލުގެ ތެރެއަށް ވެއްޓިއްޖެ ކަމުގެ އިހުސާސް ތިޔަބައިމީހުންގެ ވެރިންނަށް ކުރެވުނީމައެވެ. އަހަރެން ދެކޭ ގޮތުގައި އެއީ ﷲ ލެއްވި ރަޙްމަތެކެވެ. އެކަމަކު ހަނދާންކުރާށެވެ. ތިޔަބައިމީހުންގެ މި ފަތަޙައަކީ މަންޒިލާ ދިމާއަށް އެޅުނު ފުރަތަމަ ފިޔަވަޅެވެ. މަންޒިލް އަދި އޮތީ ވަރަށް ދުރުގައެވެ. ދަތުރުކުރާން އޮތް މަގުގައި އެތައް ޚަންދަގެއް އެބަހުއްޓެވެ. އެ ޚަންދަގުތައް ހިއްކަން ޖެހޭނީ މުޖާހިދުންގެ ގަބުރުތަކުންނެވެ. ތިޔަބައިމީހުންގެ ދިރިއުޅުމުގެ އުދަރެހުން އަދިކިރިޔާ އަލި ރޮއްޖެއް ފެނިލީއެވެ. ހޭލައި ތިބިއްޔާ ފަތިސްވުން އޮތީ ދުރެއްގައެއް ނޫނެވެ. އެކަމަކު ތިޔަބައިމީހުން އަނެއްކާވެސް ނިދައިފިއްޔާ މި ފަތަހަ ވެގެން ދާނީ އޮއްސިގެންދާ އިރުގެ އެންމެ ފަހުގެ އަލިކަންފުޅު ކަމުގައެވެ.]
[ދުޝްމިނުންގެ ހަމަލަތަކަކުން އަހަރެންނަކަށް މާ ބޮޑު އަސަރެއް ނުކުރެއެވެ. އެކަމަކު އެބައިމީހުންނާމެދު ކުށް ހިއެއް ކޮށްގެން ނުވާނެއެވެ. އެބައިމީހުންނަށް ލިބިފައިވާ ވަސީލަތުގެ ހައްދެއް ނެތެވެ. އެބައިމީހުންގެ ސިފައިންގެ އަދަދު އަހަރެމެންނަށްވުރެ އެތައް ގުނައެއް ގިނައެވެ. ފަރަންސޭސިވިލާތާއި ރޫމާއި ޔޫރަޕާއި އެހެން ގައުމުތަކުގެ ކްރިސްޓިއަނުން ތިބީ އެބައިމީހުންނާ އެކުގައެވެ. އަހަރެމެންގެ ދުވަސް ދުއްވައިލުމަށްޓަކައި އެބައިމީހުން އެތިބީ އެއް ދިދައެއްގެ ދަށަށް ޖަމާވެގެންނެވެ. މިޔާ ޚިލާފަށް އަލްމީރިއާއާއި މަލަޚާ ގެއްލުމާއެކު އެހެން އިސްލާމީ ގައުމުތަކާ އަހަރެމެންނާ އޮތް ގުޅުން ކެނޑިއްޖެއެވެ. ދުޝްމިނުން އެތިބީ ހަތަރު ފަރާތުން އަހަރެމެން ވަށައިލައިގެންނެވެ. މި ސަބަބުތައް މިހެން ހުރިކަމުގައި ވިޔަސް ތިޔަބައިމީހުން ކުރީގެ ކަތި ފިޔަވަޅުތައް ނާޅައި ކުރިއަށް ދާނަމަ ދުނިޔޭގެ އެއްވެސް ބާރަކަށް އަހަރެމެންގެ މައްޗަށް ގަދަވެ ނުގަނެވޭނޭކަމުގެ ޔަގީންކަން އަހަންނަށް އެބައޮތެވެ. މާޒީގެ ކަތިފިޔަވަޅުތަކުން ފިލާވަޅު ލިބިނުގަތްނަމަ އަދި އެކަތިގަނޑަކަށް ވެގެން ތިބެ ދުޝްމިނުންނާ ކުރިމަތިނުލައި މުނާފިގުން ޖަހާހައި ބެރަކަށް ނަށާ ބަޔަކު ކަމުގައިވެ އެއްބަޔަކު އަނެއްބަޔަކާ ތޮޅޭން ފަށައިފިނަމަ ދަންނާށެވެ. އަންދަލުސްގެ ރައްޔިތުން އެބައިމީހުންގެ ކާބަފައިންގެ ވިޔާނުދާކަމުގެ ނުބައި ނަތީޖާއާ ކުރިމަތިލަމުންދާ ފަދައިން ގްރަނާދާއި އަލަށް ބޮޑުވަމުންދާ ނަސްލުގެ ރައްޔިތުންވެސް ކަލޭމެންގެ ވިޔާނުދާކަމުގެ ހިތި ނަތީޖާ ދެކޭނެއެވެ.]
[ދުޝްމިނުންގެ މަޅީގައި ނުޖެހޭށެވެ! ވިސްނައި ސަމާލުވެގެން ތިބޭށެވެ. ދުޝްމިނުންނަށްވުރެ ބޮޑަށް ތިޔަބައިމީހުންގެ މެދުގައި އުޅޭ ޣައްދާރުންނާމެދު ސަމާލުވާށެވެ! މި ހަނގުރާމައިގައި އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތިޔަބައިމީހުންގެ ކޮޅުގައި ތިބެގެން ހަނގުރާމަކުރިކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ބައެއް މީހުންގެ ފަސްބައިގައި ޖެހިފައި ހުރި ކަޅު ލައްތައް ލެއިން ދޮވެވިއްޖެއެވެ. އެކަމަކު ދަތި ދަނޑިވަޅެއް އައުމާއެކު އެބައިމީހުން އަނެއްކާވެސް ޣައްދާރުވުމަކީ ދުރުކަމެއް ނޫނެވެ. އެބައިމީހުންނަށް ރަނގަޅަށް ފާރަވެރިވެގެން ތިބޭށެވެ! ކުރިން ދިން ލަނޑު ދޭން ފުރުސަތު ނުދޭށެވެ! މި ބުނި ކަންތައް މިހެން ކުރެވޭނީ ތިޔަބައިމީހުންގެ މެދުގައި ޖަވާބުދާރީވުން ފުރިހަމައަށް އޮވެގެންނެވެ. ތިޔަބައިމީހުންގެ ގައުމީ ދާއިރާގެ ތެރޭގައި ޣައްދާރުންނާއި ގައުމު ވިއްކައިލާ މީހުންނަށް ރަހުމުކުރުމާއި ހަމްދަރުދީވުން ނައްތައިލައިގެންނެވެ.]
[މިއީ އަބޫ ޢަބްދުﷲ ހެޔޮ ނިތަތަކާއި އިޚްލާސްތެރި ހިތަކާއެކު ކުރި ފުރަތަމަ ހަނގުރާމަ ކަމުގައި ވެދާނެއެވެ. އޭނާ މީގެ ފަހުންވެސް ގައުމާއެކުގައި ހުންނާނޭ ގޮތް މެދުވެރި ކުރައްވަތްތޯ އަހަރެން ދުޢާކުރާނަމެވެ. އެކަމަކު އޭނާއަށް މީގެ ފަހުން މި ގައުމަށް ޚިޔާނާތްތެރިވުމުގައި ހޯދޭނޭ އެއްވެސް ކާމިޔާބީއެއް ނޯންނާނޭކަމުގެ ޔަގީންކަން ތިޔަބައިމީހުން އޭނާއަށް ދޭށެވެ.]
[ބަލިވުމަށްފަހު ހިމޭނުން ތިބޭ ބަޔަކަށް ދުޝްމިނުން ނުވާނެއެވެ. ވަރަށް ވަރުގަދަ ބާރަކާއެކު އަނެއްކާވެސް ހަމަލަދޭނެވެ. މިއަދުން ފެށިގެން އެބައިމީހުންނާ މުގާބިލާކުރާން ތައްޔާރުވާށެވެ. މޫސާފަދަ ބޭފުޅަކު ލީޑަރެއްގެ ގޮތުގައި ލިބުމަކީ ތިޔައިމީހުންނަށް ލެއްވި ބޮޑު ނަސީބެކެވެ.]
[އަހަރެން ވަރަށް އަވަހަށް އެނބުރި ދާން ޖެހޭނެއެވެ. ދުޝްމިނުން އަހަރެންގެ ސަރަހައްދަށް މިސްރާބު ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އަހަރެން ވަޢުދުވަމެވެ. ތިޔަބައިމީހުންނަށް ބޭނުން ޖެހިއްޖެ ކޮންމެ ހިނދެއްގައި އަހަރެން އެންމެ ކައިރީގައި ހުންނާނަމެވެ.]
ބަދްރު ބިން މުޣީރާއަށް ފަހު މޫސާ ތެދުވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.
[އޭ އިސްލާމުންނޭވެ! މީގެ ހަތަރު ސަތޭކަ އަހަރު ކުރީން އަހަރެމެންގެ މެދުގައި އުފެދުނު ބައިބައިވުމުގެ ބޭނުންކޮށްގެން ކްރިސްޓިއަނުން އަހަރެމެންގެ ވެރިކަމުގެ ދަށުގައި ހުރި ގިނަ ތަންތަން ފޭރިގަތް ވަގުތު ގުދުރަތުން އަހަރެމެންގެ އެހީތެރިއަކަށް ފޮނުއްވީ ޔޫސުފް ބިން ތާޝިފީނެވެ. އަހަރެމެންގެ މައްޗަށް ވެރިވެގަނެ، އަނިޔާވެރިކަމާއެކު އަހަރެމެންގެ ދިރިއުޅުން ދަތިކުރަމުން ގެންދިޔަ ދުޝްމިނުންގެ ކިބައިން ސަލާމަތްކޮށްދެއްވީ އެ ހިތްވަރުފުޅުގަދަ މުޖާހިދެވެ. މިއަދު އަހަރެމެންގެ ގައުމުގެ ޣައްދާރުން އަހަރެމެންގެ ގެތަކުގެ ދޮރާށިތައް ދުޝްމިނުންނަށްޓަކައި ހުޅުވައިދީފިއެވެ. ކުޑަކުޑަ ފައިދާއަކަށްޓަކައި އެއްވެސް ލަދެއް ހަޔާތެއް ނެތި އަހަރެމެންގެ ގައުމު ވިއްކާލީ މުނާފިގުންގެ ބައެކެވެ. ނަތީޖާއަކީ ފެރްނާންދޯގެ އަޅުވެތިކަމުގެ ކަސްތޮޅު އަހަރެމެންގެ ފައިގައި އެޅުވުމެވެ. މި ހާލަތުގައި އަހަރެމެންނަށް ލެއްވި ރަޙްމަތެއްގެ ގޮތުގައި ވަޑައިގެންނެވި ބޭފުޅަކީ ބަދްރު ބިން މުޣީރާއެވެ.]
[އިއްޔެ އަރައިގެން އައި އިރަށް ފެނުނީ ތިޔަބައިމީހުންގެ މާޔޫސްވެފައިވާ މޫނުތަކެވެ. މިއަދުގެ އިރަށް މިހިރަގެން ފެންނަނީ ތިޔަބައިމީހުންގެ މޫނުމަތީން ފާޅުވާންހުރި އުފާވެރިކަމުގެ ހިނިތުންވުމެވެ. ސަރަހައްދުގެ މުޖާހިދުން ވަނީ ތިޔަބައިމީހުން ހަނދާން ނައްތައިލައިގެން ތިބި ފިލާވަޅެއް އަލުން ހަނދާންކޮށްދީފައެވެ. އެ ފިލާވަޅަކީ އިސްލާމުންގެ ބާރަކީ އެބައިމީހުންގެ އަދަދު ނޫންކަމާއި އެބައިމީހުންގެ އީމާންކަން ކަމެވެ.]
[ތާރީޚު ހެކިވާ ގޮތުގައި އިސްލާމުން ބަލިވާ ކޮންމެ ފަހަރަކުމެ ބަލިވެފައިވަނީ އެބައިމީހުންގެ ތެރޭގައި އުފެދޭ ޣައްދާރުންތަކެއެްގެ ސަބަބުންނެވެ. ދުޝްމިނުންގެ ބާރުގަދަ ކަމުގެ ސަބަބުންނެއް ނޫނެވެ. އަހަރެމެންގެ މިއަދުގެ ފަތަޙައިން ސާބިތުކޮށް ދެނީ މިފަދަ ނިކަމެތި ހާލެއްގައި ތިބެގެންވެސް ދުޝްމިނުންގެ އާދަޔާ ޚިލާފަށް ވަރުގަދަ ބާރުތައް ފުނޑުފުނޑުކޮށްލެވިދާނޭ ކަމެވެ. މިއަދާހަމައަށް އަހަރެމެންގެ އަތުން ގެއްލުނު ކޮންމެ އެއްޗެއްމެ ގެއްލުނީ އަހަރެމެންގެ ނުބައިކަމުންނެވެ. އެޅުނު ކަތި ފިޔަވަޅުތަކެއްގެ ސަބަބުންނެވެ. ތިޔަބައިމީހުން ޣައްދާރުންގެ ބަހަށް ހެއްލުނީއެވެ. މުނާފިގުންގެ ބައިވެރިންކަމުގައި ވެގަތީއެވެ. ﷲގެ އެހީތެރިކަން ދޫކޮށްލައި ފެރްނާންދޯގެ ފައިދަށަށް ވެއްޓިގަތީއެވެ. ތިޔަބައިމީހުންގެ ނުބައި އަމަލުތަކުގެ ނަތީޖާ، ބަސްތާއާއި އަލްމީރިއާއާއި މަލަޚާގެ ޅަދަރީންނާއި މުސްކުޅިންނާއި އަންހެނުން ތަހައްމަލުކުރަމުން ގެންދާތަން ތިޔަބައިމީހުންގެ އަމިއްލަ ދެލޮލުން ދެކެފީމުއެވެ. ތިޔަބައިމީހުން މައިދާނަށް ނުކުތީ ހަނގުރާމަކުރުން ނޫން އެހެން ގޮތެއް ނެތްކަން ކަށަވަރުވީމައެވެ. އަލިފާންގަނޑު ނިއްވައިލުމުގެ ވިސްނުން ތިޔަބައިމީހުންގެ ސިކުނޑިތަކަށް ވެރިވީ ގެތައް ގާތްގަނޑަކަށްހެން އަނދައި ހުލިވީމައެވެ.]
[މިފަދަ އުފާވެރި ދަނޑިވަޅެއްގައި މާޒީގެ ހިތި ތަޖުރިބާތަކުގެ ވާހަކަތައް ދައްކާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އެކަމަކު ހަނދާންކުރާށެވެ! އަހަރެމެންނަށް ހަނގުރާމައެއް ކާމިޔާބު ކުރެވިއްޖެއެވެ. އެހެން ނަމަވެސް ހަނގުރާމަ އަދި ނުއެއް ނިމެއެވެ. ކެތްތެރިކަމަށް ނިހާޔަތަށް ބޭނުންވާނޭ ދިގު ހަނގުރާމައެއް ކާމިޔާބުކޮށް ނިމޭންދެން އަހަރެމެންނަކަށް ހަމަނޭވައެއް ނުލެވޭނެއެވެ. އެ ހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި އަހަރެމެންގެ ތެރޭގައި އޮތް ބަލިމަޑުކަމަށް އެކަށީގެންވާ ފަރުވާއެއް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އެ ބަލިމަޑުކަމުގެ ސަބަބުން އަބުލްޙަސަނާއި އައްޒަޣަލްގެ އެފަދަ ފުރިހަމަ ކާމިޔާބީ، ނާކާމިޔާބީއަކަށް ބަދަލުކޮށްލީ ބަލިމަޑުކަމެވެ. ކުޑަކުޑަ ފައިދާއަކަށްޓަކައި އަހަރެމެންގެ އަބުރާއި އިއްޒަތާއި މިނިވަންކަން ދުޝްމިނުންނަށް ވިއްކައިލި މީހުންގެ ފުށުން ނަޖާވެގަތުމަކީ އަހަރެމެން ކޮންމެހެންވެސް ކުރަންޖެހޭ މުހިއްމު ކަމެކެވެ. ދުޝްމިނުން ދެކެ ބިރުން ރޫރުއަޅާ ފިނޑިންގެ ކިބައިން ގްރަނާދާ ސަލާމަތްކުރުމަކީ އަހަރެމެންގެ މައްޗަށް ލާޒިމު ކަމެކެވެ. އިސްޕޭނިންނާއި ބަރްބަރީންނާއި ޢަރަބީންގެ މެދުގައި ދެކޮޅުވެރިކަން އުފައްދައި ބައިބައިކުރަމުން ގެންދާ ނުބައިނުލަފާ މީހުންނާ މެދު ވިސްނައި ފާރަވެރިވުމަކީ އަހަރެމެން ކުރަންޖެހޭ ކަމެކެވެ. އަލްޙަމްރާ އަދިވެސް މުނާފިގުންގެ ކިބައިން ސަލާމަތްނުވާކަން އަހަންނަށް އެނގެއެވެ. އަބޫ ޢަބްދުﷲ ރުޅި އަތުވެދާނެތީ ބިރުން ގައުމުގެ މުޖުރިމުންނާމެދު އެއްވެސް ފިޔަވަޅެއް އަހަރެން ނާޅާނޭ ކަމަށް ތިޔަބައިމީހުންގެ ތެރެއިން ބަޔަކު ހީކޮށްފާނެއެވެ. އެއީ ފެރްނާންދޯގެ ބައިވެރިން ކަމުގައި ވެގަތް މީހުންނެވެ. އެކަމަކު ޔަގީންކުރާށެވެ. އަބޫ ޢަބްދުﷲގެ ނިޔަތާމެދު އަހަރެންގެ ހިތުގައި ކުޑަވެސް ޝައްކެއް އުފެދިއްޖެނަމަ އޭނާ ދަމައިފައި ތިޔަބައިމީހުންގެ ކުރިމައްޗަށް ނެރޭނަމެވެ. އަދި ތައުބާ ވުމަށް ފަހު އަނެއްކާވެސް ގައުމަށް ޣައެްދާރުވީކަމުގައި ބުނާނަމެވެ. އޭނާއަށް އަހަރެން ކުރާނޭ އެއްވެސް ރަޙުމެއް ނޯންނާނެއެވެ. އަދި ރަޙުމު ނުކުރާން ތިޔަބައިމީހުންނަށް ގޮވައިވެސްލާނަމެވެ. ގައުމަށް ޣައްދާރުވީ އެއްވެސް މީހަކު ސަލާމަތްކުރާން އަހަރެން ގާތު ނޭދޭނޭ ކަމަށް އަބޫ ޢަބްދުﷲ އޮތީ އަހަރެން ގާތު ވަޢުދުވެފައެވެ. ތިޔަބައިމީހުންގެ ކުރިމަތީގައި ހުރެގެން އަހަރެން މި ވަޢުދުވަނީއެވެ. ގްރަނާދާގެ ސަލާމަތާ ގުޅުން ހުރި އެއްވެސް ކަމެއްގައި އަހަރެން އަބޫ ޢަބްދުﷲ ބައިވެރިއެއް ނުކުރާނަމެވެ. އަދި އަހަރެން އެދޭ އެދުމެއްވެސް އެބައޮތެވެ. އަހަރެންގެ ފުށުން ގައުމަށް ގެއްލުމެއް ވެދާނެފަދަ ކުށެއް ކުރެވިއްޖެނަމަ ތިޔަބައިމީހުން އަހަންނަށްވެސް މައާފުނުކުރާށެވެ.]
ގްރަނާދާގެ މުސްކުޅި އަމީރަކު ތެދުވެ ބުނެފިއެވެ. [އަޅުގަނޑުމެންގެ އެދުމަކީ އަޅުގަނޑުމެންގެ ސަރަހައްދީ އަޚު އެނބުރި ވަޑައިގަންނަވާއިރު ގްރަނާދާގެ މަގުން ވަޑައިގަތުމެވެ. ރަށުގެ އެންމެ ތިބީ ބަދްރު ބިން މުޣީރާގެ ފައިންޕުޅު ދެކޭހިތުން ކެތްތެރިކަން ކުޑަވެފައެވެ.]
މޫސާ ބައްލައިލެއްވީމާ ބަދްރު ބިން މުޣީރާ އިސްތަށިފުޅު ހަލުވައިލެއްވިއެވެ. މޫސާ ވިދާޅުވިއެވެ. [މީގެ ކުޑައިރުކޮޅެއް ކުރިޔާ ހަމައަށް އަހަރެންގެ އެދުމަކަށްވެސް ވެފައި އޮތީ އެންމެ ދުވަހަކަށް ނަމަވެސް އަހަރެމެންގެ މުޙްސިން ގްރަނާދާއަށް ވަޑައިގަތުމެވެ. އެކަމަކު ބަދްރު ބިން މުޣީރާއާ މަޝްވަރާކުރުމަށް ފަހު އެއްބަސްވެވުނީ އަހަރެމެންގެ ތެރެއިން އެއްވެސް މީހަކު އިހަށް ގްރަނާދާއަށް ނުދާށެވެ. އެޔަށްވުރެ މުހިއްމީ މިދާ ގޮތަށް ކުރިއަށް ދިއުމެވެ. ދުޝްމިނުންގެ އަނިޔާވެރިކަމުގެ ދަށުގައި އެހެން ރަށްރަށުގެ މީހުން އަދިވެސް އެބަތިއްބެވެ. އެމީހުން ތިބީ އަހަރެމެންގެ އިންތިޒާރުގައެވެ. މި ވަގުތު އެންމެ ރަނގަޅީ އެ މީހުންނާ ހަމައަށް ދިއުމެވެ.]
(ނުނިމޭ)
