އަންދަލުސްގެ ބާޒު – 25

(10 އޭޕްރީލް 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކުށާއި ކުށުގެ އަދަބު

(1)

ވިދިގެން އައި ދުވަހު ޖޯން މައިކަލްގެ ޚާދިމާއަކު އައިސް މާރިޔާގެ އަތަށް ސިޓީއެއް ދީފިއެވެ. އެއީ ޖޯން މައިކަލް ލިޔެފައިވާ ސިޓީއެއްކަމަށް ގަބޫލުކުރާން އޭނާއަށް ދަތިވެއްޖެއެވެ. [މިއީ ހަމަ ހަގީގަތުގައިވެސް އޭނާ ލިޔުނު ސިޓީއެއް ހެއްޔެވެ؟] ޚާދިމާ މަރިޔަމްގެފާނު ގަންދީ ހުވައި ކޮށްފައި އާނއެކޭ ބުނެފިއެވެ.

ޖޯން މައިކަލް ވަނީ ނުލާހިކު ނިޔަނެތިކަމާއި މަޑުމައިތިރިކަމާއެކު އޭނާގެ ކުށަށް މައާފަށް އެދިފައެވެ. ސިޓީގައި ލިޔެފައި އޮތެވެ. [އަޅުގަނޑަށް ކަންތައް ކުރެވުނު ގޮތާމެދު އިންތިހާ ދަރަޖައަށް ދެރަވެއްޖައީމެވެ. އަޅުގަނޑު މިހިރީ ވަރަށް ބޮޑަށް ލަދުގެންފައެވެ. އަޅުގަނޑު ރޭ ހުރީ ރާ ބޮއިގެން އަމަލުވެފައިކަން ކަމަނާއަށް އެނގިވަޑައިގަންނަވާނެއެވެ. އެހެންވީމާ މި ސިޓީ ވިދާޅުވެފައި އަޅުގަނޑަށް މައާފު ކުރައްވާނޭ ކަމަށް އުއްމީދުކުރަމެވެ. ރާ ބޮއިގެން ހުރެ މީގެ ފަހުން ކަމަނާގެ ގަނޑުވަރަށް ނުވަންނާނޭ ކަމަށް އަޅުގަނޑު ވައުދުވަމެވެ. އަޅުގަނޑުގެ އަޚްލާގާއި ސުލޫކަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ ކަމަށް އެންޖެލާގެ ދުލުން ސީދާ ނުބުނާހައި ހިނދަކު އޭނާޔާ ވާހަކަދައްކާކަށްވެސް އަޅުގަނޑެއް ނޫޅޭނަމެވެ. އެފަދަ ވަގުތެއްގެ އިންތިޒާރުގައި އަޅުގަނޑު ހަމަހިމޭންކަމާއެކު ހުންނާނަމެވެ. އަޅުގަނޑަކީ އިންސާނެއް ކަމަށް ގަބޫލުކުރަން އޭނާއަށް މަޖުބޫރުވާންދެން އަޅުގަނޑު ކެތްކުރާނަމެވެ. ރޭގެ ކަންތައްގަނޑަށް ފަހު ކަމަނާގެ ގަނޑުވަރުގެ ދޮރުކޮޅުތައް އަޅުގަނޑަށްޓަކައި ބަންދުވެއްޖެކަން ދެނަހުރީމެވެ. އެކަމަކު ގަބޫލުފުޅު ކުރައްވާށެވެ. ކަމަނާގެ ފަރާތްޕުޅުން ދައުވަތެއް ނުލިބޭހައި ހިނދަކު އަޅުގަނޑު ތިޔަ ގަނޑުވަރުގެ ދޮރުކޮޅެއްގައި ޓަކި ޖަހާކަށް ނުދާނަމެވެ.]

އެ ސިޓީ ލިބުމުގެ ކުޑައިރުކޮޅެއް ކުރީން މާރިޔާ އޭނާގެ ފިރިމީހާއަށް ވަރަށް ދިގު ސިޓީއެއް ލިޔެފިއެވެ. އެކަމަކު ޖޯން މައިކަލްގެ ސިޓީ ލިބުނީމާ އެ ސިޓީ ފޮނުވުމުގެ ޚިޔާލު މުޅީން ދޫކޮށްލައިފިއެވެ.

ޖޯން މައިކަލްގެ ސިޓީއަށް ދޭނޭ ޖަވާބަކާމެދު ވިސްނާން އިންދައި ޚާދިމާއަކު އައިސް ބިޝޮޕް އައިސް ހުރި ވާހަކަ ބުނެފިއެވެ. އޭނާ ބައްދަލުކުރާ ކޮޓަރިއަށް ވަދެ ރަސްމީ ދެތިން ވާހަކައެއް ދައްކައިލީމާ ބިޝޮޕް ބުނެފިއެވެ. [އަހަންނަށް މީގެ ކުޑަ އިރުކޮޅެއް ކުރީން ޖޯން މައިކަލްގެ ސިޓީއެއް ލިބިއްޖެއެވެ. ރޭ ހުރީ މާ ބޮޑަށް މަސްތުވެފައޭ އެކަމާ ވަރަށް ބޮޑަށް ހިތާމަކޮށް މައާފަށް އެދެމޭ ލިޔެފައި އޮތެވެ. ދެން އޭނާ އެދިފައި އޮތީ އަހަރެން އައިސް މާރިޔާގެ ކިބައިން މައާފަށް އެދޭ ވާހަކަ ބުނެދޭށެވެ.]

[އޭނާ އަޅުގަނޑަށްވެސް ސިޓީއެއް ފޮނުވައިފިއެވެ. ވިދާޅުވެލައްވާށެވެ.]

ބިޝޮޕް ސިޓީ އަތުލައިގެން މަތިމަތީން ބަލައިލުމަށް ފަހު ބުންޏެވެ. [އަހަންނަށް ފޮނުވި ސިޓީގައިވެސް ހުރީ މި ކަހަލަ ވާހަކަތަކެކެވެ. އަހަރެން މި އައީ އަދި އެހެން ވާހަކައެއްވެސް އަހައިލާން ވެގެންނެވެ. ފިރިމީހާއަށް ސިޓީއެއް ފޮނުވާށޭ ރޭ އަހަރެން ބުނީމެއް ނޫން ހެއްޔެވެ؟ އެ ސިޓީ މިހާރު ފޮނުވީ ހެއްޔެވެ؟]

[ނޫނެކެވެ. ސިޓީ ލިޔެފީމެވެ. އެކަމަކު އަދި ނުއެއް ފޮނުވަމެވެ.]

[ޖޯންގެ ސިޓީ އެންޖެލާއަށް ފެނިއްޖެ ހެއްޔެވެ؟]

[ނޫނެކެވެ.]

[އެންޖެލާ މިތަނަށް ގެންނާށެވެ. އޭނާޔާ ވާހަކަދައްކައިލާން އަހަރެން ބޭނުމެވެ.]

[ތިޔަ ވިދާޅުވާ ގޮތަށް ކަންތައް ކުރާކަށް އަޅުގަނޑު ދެކޮޅެއް ނުހަދާނަމެވެ. އެކަމަކު ޖޯން މައިކަލާ ބެހޭ އެއްވެސް ވާހަކައެއް އަޑު އަހާކަށް މި ވަގުތު އެންޖެލާ ބޭނުން ވާނޭ ހެންނެއް އަޅުގަނޑަކަށް ހިއެއް ނުވެއެވެ.]

[އަހަރެން މި އައީ ޖޯންގެ މަންދޫބަކަށް ވެގެންނެއް ނޫނެވެ.]

[އެންމެ ރަނގަޅެވެ. އަޅުގަނޑު އޭނާ އެބަ ގެންނަމެވެ.]

ބިޝޮޕް ބުންޏެވެ. [މި ސިޓީ ހިފައިގެން ދާށެވެ. ރަނގަޅު ވާނީ އަހަންނާ ހަމައަށް އައުމުގެ ކުރިން އެންޖެލާ މި ސިޓީ ކިޔައިލިއްޔާއެވެ.]

ކުރީ ރޭ އެ ގަނޑުވަރުން ނުކުމެގެން ދިއުމުގެ ކުރިން ބިޝޮޕް ދެއްކި ވާހަކަތަކުގެ ސަބަބުން އެންޖެލާއަށް އަސަރުތަކެއް ކުރިއެވެ. އެކަމަކު މާރިޔާ އޭނާގެ އަތަށް ޖޯން މައިކަލްގެ ސިޓީ ދީފައި ބިޝޮޕް އޭނާޔާ ބައްދަލުކުރަން ބޭނުމޭ ބުނީމާ އެންޖެލާ ބުންޏެވެ. [ބިޝޮޕް އައީ އެ ރާބޯ ކަލޭގެ މަންދޫބެއްގެ ގޮތުގައި ކަމަށް ވަނީނަމަ އޭނާޔާ އެއްގޮތަކަށްވެސް ބައްދަލެއް ނުކުރާނަމެވެ. ރޭ އޭނާ ބުނީ ކީކޭ ހެއްޔެވެ؟ ތިމަން ބިޝޮޕްގެ މަގާމުން އިސްތިއުފާ ދޭނަމޭ ނުބުނޭ ހެއްޔެވެ؟ އެހެން ބުނެފައި މިއަދު އެ އައީ އެ ވިޔާނުދާ ކަލޭގެ ސިޓީ ހިފައިގެން އަހަންނާ ވާހަކަދައްކަން ހެއްޔެވެ؟]

މާރިޔާ ބުންޏެވެ. [މި ސިޓީ އަހަންނާ ހަމައަށް ގެނައީ ޖޯންގެ ޚާދިމާއެކެވެ. ގަބޫލު ނުކުރެވޭ ކަމަށް ވަންޏާ ގޭގެ ނޯކަރުން ކުރެން ނިކަން އަހައިލާށެވެ. މި ސިޓީއަކާ ބިޝޮޕަކާ އެއްވެސް ގުޅުމެއް ނެތެވެ.]

[މަންމަ މި ސިޓީގެ ޖަވާބު ފޮނުވައިފިން ހެއްޔެވެ؟]

[އަދި ނުފޮނުވަމެވެ. މަންމަ މި ސިޓީ ބިޝޮޕަށްވެސް ދެއްކީމެވެ. އޭނާ ބުނި ގޮތުގައި މިކަހަލަ ވާހަކަތަކެއް ލިޔެފައި އޮތް ސިޓީއެއް ޖޯން އޭނާއަށްވެސް ފޮނުވިއެވެ.]

[އެހެންވެއްޖެއްޔާ އޭނާ މި އައީ އަހަރެމެންގެ މެދުގައި ސުލްހަ ގާއިމުކުރުމުގެ މަސައްކަތް ކުރަން ދޯއެވެ؟]

[އޭނާޔާ ބައްދަލު ނުކޮށް ޝައްކު ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.]

[ބައްދަލުކުރަމާ ހިނގާށެވެ.] އެންޖެލާ ތެދުވެއްޖެއެވެ.

އެންޖެލާ ފެނުމާއެކު ބިޝޮޕް ވާހަކަދައްކާން ފަށައިފިއެވެ. [ކޮއިފުޅާއެވެ. ބިޝޮޕްގެ މަގާމުން އިސްތިއުފާ ދޭނަމޭ ރޭ އަހަރެން ބުނީމެވެ. އެކަމަކު މިއަދު އަހަންނަށް ޖޯން މައިކަލްގެ ސިޓީއެއް ލިބިއްޖެއެވެ. އޭނާ އެހެރީ ކަންތައް ކުރެވުނު ގޮތާމެދު ވަރަށް ލަދުގެން، ދެރަވެފައެވެ. މި ބަދަލަކީ ކުއްލިއަކަށް ދިމާވީ ކަމެއް ނޫންނަމަ އަހަރެންވެސް ވަރަށް ބޮޑަށް ވިސްނީމުހެވެ. އެކަމަކު މިހާރު ފެންނަ ގޮތުގައި ކޮއިފުޅުގެ ބައްޕަ އަންނާންދެން އަހަރެން ލޯޝާގައި ހުރުން ރަނގަޅު ކަމަށް އެބަ ފެނެއެވެ. އަނެއްކޮޅުން ކޮއިފުޅުގެ މަންމަވެސް ޖޯންގެ ސިޓީއެއް އަހަންނަށް ދައްކައިފިއެވެ.]

އެންޖެލާ ބުންޏެވެ. [އަޅުގަނޑުވެސް އެ ސިޓީ ދެކެފީމެވެ.]

ބިޝޮޕް އަހައިލިއެވެ. [ސިޓީއާ ބެހޭ ގޮތުން ކޮއިފުޅު ބުނާނީ ކީކޭ ހެއްޔެވެ؟]

އެންޖެލާ ޖަވާބު ދިނެވެ. [އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ހާލަތު ބަދަލުވެގެން ދިޔަ ގޮތުން އޭނާއަށް މިހާރު ވަނީ މިނިކާ ޖަނަވާރެއްގެ ވަހުޝީކަން ދޫކޮށްލައިފައި ހިޔަޅެއްގެ ޗާލާކުކަން ބޭނުން ކުރަން މަޖުބޫރުވެފައެވެ. އޭނާ ހަމައެކަނި ގޮތް ބަދަލުކޮށްލީއެވެ. ޚަސީލަތް ބަދަލުކުރީއަކީ ނޫނެވެ. ތޫނު ވަކިތަކުން ޝިކާރަ ނޮޅައި ނުލެވުނީމާ މިހާރު އެ އުޅެނީ އައު ދަލެއް ފަތުރާށެވެ. އަޅުގަނޑު ދެކޭ ގޮތުގައި ފެނުމާއެކު ފުންމައިގެން އައިސް ވިހަލާ ނުރައްކާތެރި ހަރުފައަކަށްވުރެ ހިމޭންކަމާއެކު ވައު ފުރަމުން ގެންދާ ފައިދިގުމަކުނުގެ ނުރައްކާތެރިކަން މާ ބޮޑެވެ.]

[ތިޔައީ ރަނގަޅު ޚިޔާލެއް ކަމުގައި ވެދާނެއެވެ. އެއްވެސް މީހަކުގެ ހިތުގައި އޮންނަ އެއްޗަކީ ކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އެނގޭ އެއްޗެއް ނޫނެވެ. މި މައްސަލައިގައި އަހަރެންގެ ހަމްދަރުދީ އޮތީ ކޮއިފުޅުމެންނާއެކުގައެވެ. ކޮއިފުޅަށާއި ކޮއިފުޅުގެ މަންމައަށް އަހަރެން ދޭނޭ ނަސޭހަތެއް އެބައޮތެވެ. ތިޔަ ސިޓީއަށް ކޮންމެވެސް ޖަވާބެއް ދޭން ވާނެއެވެ. އެކަމަކު އެއީ އޭނާ ރުޅި އައިސް ކެކިގަންނަ ކަހަލަ ޖަވާބަކަށް ވެގެން ނުވާނެއެވެ. އޭނާޔާ މެދު ރަސްމީކޮށް ކަންތައް ކުރާން ފެނެއެވެ. ހަރުކަށި އިބާރާތް ބޭނުންކުރުން ރަނގަޅެއް ނުވާނެއެވެ. ބައެއް މީހުންނަށް ހެޔޮ މަގު ފެންނަނީ އަނގަވަތަށް ވެއްޓުނީމައެވެ. ރޭގެ ކަންތއްގަނޑުގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާއަކީ މި ސަހަރުގެ ގަވަރުނަރެވެ. އޭނާ އެ އުޅެނީވެސް ކަނބުލޮމެންނާ ވަރަށް ކައިރީގައެވެ. އެހެންވީމާ އަވަށްޓެރިޔާއާ އެކީ ސުލްހައިގައި އުޅުމަށްވުރެ ރަނގަޅު ގޮތެއް ނޯންނާނެއެވެ. އަހަރެމެންގެ ލަޝްކަރުން ގްރަނާދާއަށް ހަމަލަދޭން އެ އޮތީ ތައްޔާރަށެވެ. ސެބިއްޔާގައި އަވަދިނެތި އުޅުމުގެ ސަބަބުން ގްރަނާދާ ފަތަހަވުމުގެ ކުރިއަކުން އަބޫ ދާވޫދަކަށް އެނބުރިއެއް ނާދެވޭނެއެވެ. އޭނާ ނެތިދާ ދުވަސްކޮޅު ރަނގަޅު ތަދުބީރެއްގެ ދަށުން އުޅުމަކީ އެންމެ ރަނގަޅު ގޮތެވެ. ޖޯންގެ އުނދަގުލެއް ނުޖެހި ދާނީވެސް އޭރުންނެވެ.]

އެންޖެލާ ބުންޏެވެ. [އަޅުގަނޑުމެންނަށް އުނދަގުލެއް ނުކުރާނަމޭ އޭނާ އެ އޮތީ ބުނެފައެއް ނޫންތޯއެވެ؟ އޭނާ އެ ވައުދުގެ މަތީގައި ގާއިމުވެ ހުރިހައި ހިނދަކު އަޅުގަނޑުމެން އޭނާޔާ ތޮޅެން އުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ. މަންމަގެ ފަރާތުން އޭނާއަށް ޖަވާބެއް ފޮނުވީމާ އޭނާގެ ވަޙުޝީ ފިތުރަތު ބަދަލުވެދާނޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވަންޏާ ޖަވާބެއް ފޮނުވަންވީއެވެ. އެކަމަކު އަޅުގަނޑާ ގުޅުން ހުރި ވާހަކައަކަށް ވާތީ އަޅުގަނޑުގެ ވިސްނުން ދަންނަވައިލާނަމެވެ. ﷲ ގަންދީ ދަންނަވަމެވެ. ޖޯން މައިކަލް ހުއްޓައިނުލައި އެއް ހާސް އަހަރު އަޅުކަމުގައި އުޅުމުގެ ސަބަބުން އުޑުން މަލާއިކަތުން ފައިބައިވަޑައިގެން އޭނާޔާ ސަލާންކުރައްވާ މަންޒަރު އަޅުގަނޑުގެ ލޮލަށް ފެނުނަސް އޭނާގެ މައްޗަށް އަޅުގަނޑުގެ ހިތުގައި އޮތް ނަފުރަތަކަށް ކުޑަވެސް ބަދަލެއް ނާންނާނެއެވެ.]

(2)

މި ބަޔާން ކުރެވުނު ހާދިސާއަށް މަހެއްހައި ދުވަސްވީތަނާ ފެރްނާންދޯ ގްރަނާދާއަށް ހަމަލަދީފިއެވެ. ރާނީ އިޒަބެއްލާއާއި ރަސްގެފާނު ވަނީ ގްރަނާދާ ފަތަހަނުކޮށް އެނބުރި ނުދާން ހުވައި ކޮށްފައެވެ. ލަޝްކަރު ނުކުމެ އޮތީ ފުރިހަމަ ބާރާއެކުގައެވެ. ރާނީއާއި ރަސްގެފާނުގެ ގިޔާދަތުގެ ދަށުގައެވެ. އަބޫ ދާވޫދް ސެބިއްޔާ ދޫކޮށްލައިފައި ގޮސް ޖާގަޖެހީ ގްރަނާދާއާ ހައެއްކަ މޭލު ބޭރުގައި އޮތް ސަހަރެއްގައެވެ. ފާއިތުވެދިޔަ މަހެއްހައި ދުވަހުގެ ތެރޭގައި އޭނާ ވަނީ އެތައް ޖާސޫސުންނެއް ތަމްރީނުކޮށް ގްރަނާދާއަށް ފޮނުވައިފައެވެ. އޭނާ އަނބިމީހާއަށް ލިޔުނު ސިޓީއެއްގައި ބުނެފައިވަނީ ހީކޮށްފައިވާ މުއްދަތަށްވުރެ މާ އަވަހަށް ގްރަނާދާ ފަތަހަކުރެވިދާނޭ ކަމުގައެވެ. އަދި ރަސްގެފާނު ވައުދުވެފައިވަނީ ރަސްގެފާނު ނޫޅުއްވާ ދުވަސްވަރު ރަސްކަން ހިންގުން އޭނާޔާ ހަވާލުކުރައްވާން ކަމުގައިވެސް އަބޫ ދާވޫދް ސިޓީގައި ލިޔުނެވެ.

ލޯޝާގައި މަހަކާ ގާތްވީ އިރުވެސް މާރިޔާއަކަށް ޖޯން މައިކަލްގެ ފަރާތުން އެއްވެސް އުނދަގުލަކާ ކުރިމަތިލާކަށް ނުޖެހެއެވެ. އެންމެ ފަހުގެ ބައްދަލުވުމަށް ފަހު އޭނާގެ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. މާރިޔާއަށް އެއްވެސް ކަމެއް ދަތިވޭތޯ ބެލުމަށްޓަކައި އޭނާގެ ޚާދިމާއަކު ކޮންމެ ދުވަހަކު އެއް ފަހަރު ގަނޑުވަރަށް ފޮނުވައެވެ. މާރިޔާ ޝުކުރު އަދާކުރެއެވެ. އެކަމަކު ސީދާ ޖޯން މައިކަލަކާ ބައްދަލެއް ނުކުރެއެވެ. ހައެއްކަ ހަފުތާ ފަހުން، ޖޯން މިހާރު އެހެރީ އޭނާގެ ވައުދުގެ މަތީގައި ގާއިމުވެކަން މާރިޔާއަށް ކަށަވަރުވެއްޖެއެވެ. ދައުވަތު ނުދެނީސް އެ ގަނޑުވަރަށް ނާންނާނެކަންވެސް ޔަގީން ވެއްޖެއެވެ. ޖޯންއަށް އައި ހެޔޮ ބަދަލުގެ ސަބަބަކަށްވީ އެންޖެލާ ކަމުގައި ވީތީ ބައެއް ފަހަރު މާރިޔާ އުފާވެސް ކުރެއެވެ. އެކަމަކު ކޮންމެ ގޮތެއް ވިޔަސް އެންޖެލާ ޖޯންއާ އިންނާން އެއްބަސް ނުވާނެއޭ ހިތަށް އެރީމާ ދެރަވެސް ވެއެވެ. އެޔާއެކު ހިތުގައި ޖޯންގެ މައްޗަށް ހަމްދަރުދީ އުފެދެއެވެ.

ޖޯން މައިކަލް މިހާރު ގިނަ ރޭރޭ ހޭދަކުރަނީ އޭނާގެ އެކުވެރި ވިޔަފާރިވެރިޔާގެ ގޭގައެވެ. ސަހަރުގެ ނިކަމެތި އަންހެންކުދިންނާ މެދު މިހާރު އޭނާ އަމަލުކުރަމުން ގެންދަނީ އިހަށްވުރެވެސް ވަހުޝީ ގޮތަކަށެވެ. މާރިޔާ މިކަމެއް ނުދަނެއެވެ. އެކަމަކު ރަށުތެރޭގައި އިސްލާމުންނަށް ކުރަމުން ގެންދާ އަނިޔާތަކުގެ ވާހަކަ ރަބީޢާއާ ހަމައަށް ފޯރައެވެ. ރަބީޢާގެ ފަރާތުން އެންޖެލާއަށް ދިޔައީ އެނގެމުންނެވެ. ޖޯން މައިކަލްގެ މައްޗަށް އެންޖެލާގެ ހިތުގައި އޮތް ރުޅިވެރިކަން ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.

އެއް ދުވަހަކު ބިޝޮޕްގެ ފަރާތުން މާރިޔާއަށް ޚަބަރު ލިބުނު ގޮތުގައި ޖޯން މައިކަލް ހަނގުރާމައިގައި ބައިވެރިވާން ދެ ދުވަހުގެ ތެރޭގައި ނުކުންނާން ނިންމައިފިއެވެ. އޭނާގެ ބަދަލުގައި ކަސްތިއްޔާގެ ގަވަރުނަރުކަމާ ވަގުތީ ގޮތުން ހަވާލުވާން އެހެން މީހަކު އަންނާނެއެވެ. އަނެއް ދުވަހު ސަހަރުގެ ފުލުހުންގެ ވެރިޔާގެ އަނބިމީހާ މެދުވެރިކޮށް ޖޯން މައިކަލަށް އަލްވަދާއު ކިޔުމުގެ ގޮތުން ފުލުހުންގެ ވެރިޔާ ބާއްވާ ހަފުލާއަކަށް މާރިޔާގެ އާއިލާއަށް ދައުވަތު ލިބިއްޖެއެވެ. އެންޖެލާއާއި ރަބީޢާއާ ދެ ކުދިން ގޮވައިގެން ދާން މާރިޔާ ވަރަށް މަސައްކަތްކުޅައެވެ. އެކަމަކު ދެކުދިންވެސް ސާފުބަހުން އިންކާރުކޮށްފިއެވެ.

އެންޖެލާއަށް ވިސްނައިދެވޭތޯ މާރިޔާ ވާހަކަދެއްކިއެވެ. [ދަރިފުޅާއެވެ. އޭނާ އެ ދަނީ ހަނގުރާމައަށެވެ. އެހެންވީމާ ދަރިފުޅުގެ ހިތުގައި އޭނާގެ މައްޗަށް ދެކޮޅުވެރިކަމެއް މިހާރު އޮވެގެން ނުވާނެއެވެ. ސަހަރުގެ ހުރިހައި ގަދަރުވެރިން އެތަނަށް ޖަމާވާނެއެވެ. ދަރިފުޅު އެތަނަށް ނުދިޔައިއްޔާ ޖޯންއާ ދަރިފުޅާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް އޮތްކަން މީހުންނަށް އެނގޭ ގޮތް ވެދާނެއެވެ.]

އެތައް ވާހަކައެއް ދެއްކުމާއެކުވެސް އެންޖެލާ ދާކަށް އެއްބަހެއް ނުވިއެވެ. އެންމެ ފަހުން މާރިޔާއަށް ޖެހުނީ އެކަނި ދާށެވެ. އިރާކޮޅުގެ ދުންފިނީގެ ތެރޭގައި މާރިޔާގެ ގާޑިޔާ ޖޯން މައިކަލްގެ ގަނޑުވަރު ދޮށުން ދަނިކޮށް އޭނާ ދޮރާށި ދޮށުގައި ހުއްޓައި ފެނިއްޖެއެވެ. އޭނާ ހުރީ ސިފައިންގެ ބަޔަކާ ވާހަކަދައްކާށެވެ. މާރިޔާގެ އެންގުމަށް ގާޑިޔާ މަޑުކުރީމާ ބޭރަށް ބޯދީ ބަލައިލުމަށް ފަހު އަތުގެ އިޝާރާތުން ޖޯން މައިކަލަށް ގޮވައިފިއެވެ.

ޖޯން މައިކަލް ކައިރިއަށް އައިސް އަހައިފިއެވެ. [ތިޔަ ވަޑައިގަންނަވަނީ ފުލުހުންގެ ވެރިޔާ ގެއަށް ދޮގެއްތޯއެވެ؟]

[އާދޭހެވެ. ހަނގުރާމައަށް ވަޑައިގަންނަވާ ވާހަކަ އަޅުގަނޑު ގާތު ވިދާޅުނުވީތީ މިހުންނަނީ ނުރުހިފައެވެ.]

[ކަމަނާއަށް ނުދަންނަވައި ލޯޝާ ދޫކޮށްލައިފައި ދިއުމަކީ އަޅުގަނޑަކަށް ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު އެންޖެލާ އަޅުގަނޑަށް ގޮވައިނުލަނީސް އެއްވެސް އުނދަގުލެއް ނުކުރާން އަޅުގަނޑު އޮތީ ވައުދުވެފައެވެ. ނައިޓުންނަކީ ވައުދަށް ހުރުމަތްތެރިކޮށް ހިތުން ލާޒިމު ބައެކެވެ.]

މާރިޔާ ބުންޏެވެ. [އެންޖެލާވެސް މިހާރު ބަދަލުވެއްޖެއެވެ. މަނިކުފާނު ހަނގުރާމަ ނިންމައިވައިފައި އެނބުރި ވަޑައިގަތީމާ ގަނޑުވަރަށް ދައުވަތު އަރުވަން އޭނާ ދެކޮޅު ހަދާނޭ ކަމަކަށް ނުފެނެއެވެ. އަޅުގަނޑަށް މި ދެވެނީ ތަންކޮޅެއް އަވަހަށް ދޮގެއްތޯއެވެ؟ މަނިކުފާނު ވަޑައިގަންނަވާނީ ކޮން އިރަކުތޯއެވެ؟]

[އަޅުގަނޑު މިހިރީ ދެތިން އެކުވެރިއަކު އަންނާންދެނެވެ. ކަމަނާ ވަޑައިގަންނަވާށެވެ. އަޅުގަނޑު އެބަ އަންނަމެވެ. ތިޔަ ވަޑައިގަންނަވަނީ ގިނިކަންޏާތޯއެވެ؟]

[ވަރަށް ދެރައެވެ. އެންޖެލާ އުޅެނީ ކުޑަކޮށް ބަލިވެއެވެ. އެހެން ނޫންނަމަ އޭނާ ހުރީ އަޅުގަނޑާއެކު އަންނާން ތައްޔާރަށެވެ.]

މައިކަލް ހިނިތުންވެލިއެވެ. [އޭނާ ގިނައިން އެ އުޅެނީ ބަލިވެއެއް ނޫންތޯއެވެ؟ ބޭސް ކުރައްވާށެވެ. އެންމެ ރަނގަޅެވެ. ދެން ވަޑައިގަންނަވާށެވެ.]

މާރިޔާގެ ގާޑިޔާ ތަންކޮޅެއް ދުރަށް ދިޔައީމާ އޭނާ އެކުވެރިންނާ ދިމާއަށް އެނބުރިލިއެވެ. އަދި މަޑުމަޑުން ކިޔައިލިއެވެ. [އޭނާއަށް ހަކީމަކު އެބަ ބޭނުންވެއެވެ. އަހަރެން އެކަހަލަ ކިތަންމެ ބަޔަކަށް މިހާރު ބޭސްކޮށްފީމެވެ.]

(3)

ރަބީޢާއާއި އެންޖެލާއާ ދެކުދިން ތިބީ ގަނޑުވަރުގެ މަތީބުރީގެ ކޮޓަރިއެއްގައި ކާށެވެ. ކުއްލިއަކަށް ބޭރުން އަޑުފައްގަނޑެއް އިވިއްޖެއެވެ. ރަބީޢާ ސިހިފައި ބުންޏެވެ. [ކޮންމެވެސް މީހަކު އަޙްމަދާ ތޮޅެނީހެން ހީވެއެވެ.]

އެންޖެލާ ބުންޏެވެ. [އެ ވާނީ ޖެމީން ކަމަށެވެ. މިއަދު އޭނާއަށް ކުޅިދައްކައިލާނަމެވެ. ބައެއް ފަހަރު އަހަރެން އަޙްމަދު ދެކެވެސް ރުޅިއާދެއެވެ. ބޮޑު ފަރުބަދަފަޅިއެއް ވަރުގެ މީހެކެވެ. އެކަމަކު ނޯކަރުން ތަޅައި އަނިޔާކުރާއިރުވެސް އިނގިއްޔެއްވެސް ހިއްލައެއް ނުލައެވެ.]

[މިތާނގައި ކޮންމެ ކްރިސްޓިއަނަކުވެސް ދެކެނީ އިސްލާމުންނަކީ އެބައިމީހުންގެ މިލްކެއް ކަމުގައެވެ.]

އެންޖެލާ ޚާދިމާއަކަށް އަމުރުކޮށްލިއެވެ. [ދާށެވެ. ޖެމީން ގޮވައިގެން އަންނާށެވެ. މިއަދަކު ދުލެއް ނުކުރާނަމެވެ.]

އެވަގުތު ސިޑިން މީހަކު އަރައިގެން އަންނަ އަޑު އިވިއްޖެއެވެ. އެންޖެލާ ބުންޏެވެ. [އިހަށް މަޑުކޮށްލާށެވެ. އޭނާ އަމިއްލައަށް އަންނަނީ ކަމުގައި ވެދާނެއެވެ. އަންނަ ގޮތަށް އަޙްމަދުގެ ޝަކުވާ އުފުލާނެއެވެ.]

ޚާދިމާއާއި ރަބީޢާ އާއި އެންޖެލާއާ ދޮރާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ކޮޓަރިއަށް އައިސް ވަންތަން ފެނުނީ ނޯކަރެއް ނޫނެވެ. ޖޯން މައިކަލެވެ. އެންޖެލާ ކުއްލިއަކަށް ތެދުވެއްޖެއެވެ.

[ކަލޭހެއްޔެވެ؟] ސިހިފައިވާ އަޑަކުން އޭނާއަށް ބުނެލެވުނެވެ.

[އާނއެކެވެ. އަހަންނެވެ. ކަލޭގެ މޫނަށް ރީނދީކުލަ އެރީ ކީއްވެގެން ހެއްޔެވެ؟ އަހަރެން މިއައީ ކަލެއަށް ހޭހަންކުރާށެވެ. ކަލެއަށް ބޭސް ކުރާށެވެ. ކަލޭ އަބަދު އުޅެނީ ބަލިވެއެވެ.]

ޖޯން މައިކަލް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އެންޖެލާ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއެވެ. އެ ވަގުތު ރަބީޢާ ދުވެފައި ގޮސް ޖެހިގެން ހުރި ކޮޓަރީގެ ދޮރުމަތީގައި ހުއްޓިއްޖެއެވެ. ޚާދިމާ ހަދާނޭ ގޮތެއް ނޭނގިފައި ބިރުން ރޫރުއަޅައަޅައި ހުރެއްޖެއެވެ.

ޖޯން މައިކަލް ބުންޏެވެ. [އެންޖެލާއެވެ. ހަޅޭއް ލެވިއަކަސް، ދުވުނަކަސް މިހާރު ކުރާނޭ ފައިދާއެއް ނެތެވެ، އެހީތެރިވާކަށް އެއްވެސް މީހަކު ނާންނާނެއެވެ. ކަލޭގެ ހުރިހައި ނޯކަރުން އެތިބީ އަހަރެންގެ ސިފައިންގެ ބެލުމުގެ ދަށުގައެވެ. ކަލޭގެ މަންމަ ވީ އަހަރެންގެ ޝަރަފުގައި ބާއްވާ ޕާޓީއަކަށް ގޮހެވެ. އަހަރެން އެތަނަށް ނުދަނީހެއް އޭނައެއް ނާންނާނެއެވެ.]

ޖޯން މައިކަލް އަނެއްކާވެސް ހައެއްކަ ފިޔަވަޅު ކުރިއަށް ޖެހިލައިފިއެވެ. އެންޖެލާ ދުވެފައި ގޮސް ކޮޓަރީގެ އެއް ކަނުގައި ހުއްޓިއްޖެއެވެ. [ކަލެއަކީ ވަހުޝީ ޖަނަވާރެކެވެ. ކަމީނާއެކެވެ. ތިޔަހަރީ ރާ ބޮއިގެން އަމަލުވެފައެވެ.]

އެންޖެލާއަށް ޖަވާބު ދިނުމުގެ ބަދަލުގައި ޖޯން މައިކަލް އެނބުރި ބަލައިލީ ޚާދިމާއާ ދިމާއަށެވެ. [ކަލޭ ތިޔަ ބަލަނީ ކޯނޗެއް ހެއްޔެވެ؟ މިތަނުން ފެއްސިގެން ދާށެވެ.]

ޚާދިމާ ގަންނާކުރެއްވި ބިރުން ދުވެފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ.

ޖޯން އަނެއްކާވެސް ކުރިއަށް ހިނގައިގެންފިއެވެ. އެންޖެލާ ދަމައިފައި ކަހަލަ ގޮތަކަށް ކޮޓަރީގެ އަނެއް ފަރާތަށް ގެނެސްފިއެވެ. ދެން އޭނާ ބަލައިލީ ރަބީޢާއާ ދިމާއަށެވެ. [ކަލޭ ތިޔައީ މީނާގެ ދައްތަ ދޯއެވެ؟ މީހުން އެ ދައްކަނީއަކީ ދޮގު ވާހަކައެއް ނޫނެވެ. މުޅި އަންދަލުސްގެ ރީތިކަން އެކީގައި ކަލާނގެ ދެއްވައިފައި ވަނީ ކަލޭމެން ދެބެއިންނަށެވެ. އެކަމަކު މި ވަގުތު އަހަރެން އައީ އެންޖެލާއަށްޓަކައެވެ. ކަލޭ ދާށެވެ.]

ރަބީޢާ ހުރިތަނުން ފުކަކަށްވެސް ގުޑައެއްނުލިއެވެ.

ޖޯން ހަޅޭއްލަވައިގަތެވެ. [ދާށެވެ.]

ރަބީޢާ ޝައުގުވެރިކަމާއެކު އޭނާޔާ ދިމާއަށް ބަލައިލިއެވެ. [ކަލެއަކީ ވަރަށް ހިތްވަރުގަދަ މީހެކެވެ. އަންހެނުންނާ ބަލައި މާ ބޮޑަށްވެސް ހިތްވަރު ގަދަ މީހެކެވެ. އެންމެ އަންހެން ކުއްޖަކަށް ހަމަލަދޭން ކަލޭ ތިޔަ އައީ ހައެއްކަ މީހުން ގޮވައިގެންނެވެ. ހަގީގަތުގައި މިއީ ކަލޭގެ މުޅި ލަޝްކަރު ގެންނަވަރުގެ ކަމެކެވެ. ކަލޭގެ ޚަންޖަރު ނުނަގައި ތިޔަހަރީ ކީއްވެގެން ހެއްޔެވެ؟ އެންޖެލާއެވެ. މީނާއަށް އަތް ދައްކަބަލާށެވެ. ތިމަންގެ އަތް މި އޮތީ ހުހަށޭ ބުނެބަލާށެވެ. ފެރްނާންދޯގެ ނައިޓެއްގެ އެތިފަހަރެއް އަމާޒުން ކައްސައިލައިގެން ގޮސްގެން ނުވާނެއެވެ. އެހެން ވެއްޖެއްޔާ ފައްޅީގެ ތާރީޚުން ހިތްވަރުގަދަ ކަމުގެ އެއް މަންޒަރު އުނިވެގެން ހިނގައިދާނެއެވެ.]

ޖޯން މައިކަލް ރުޅި އައިސް ރަތްވެފައި ބުންޏެވެ. [ދޫނުބައި ކުއްޖާގަނޑާއެވެ. ހިމޭނުން ހުންނާށެވެ. އަހަރެން މިއީ ކާކުކަން އަދި ކަލެއަކަށް ރަނގަޅަކަށް ނޭނގޭނެއެވެ.]

ރަބީޢާ ބުންޏެވެ. [އަހަރެން ކަލޭ ދަންނަމެވެ. ކަލޭ ތިޔައީ ހިތްވަރު ގަދަ ނައިޓެކެވެ. މި ސަހަރުގެ ގަވަރުނަރެވެ. ފައްޅިތައް އެތިބީ ކަލެއަށްޓަކައި ފަޚުރުވެރި ވޭވެއެވެ. އެންމެ ބޮޑަށް ފަޚުރުވެރި ވަނީ މައުސޫމް އަންހެންކުދިންގެ ލެއިން ކަލޭ ފައްޅީގެ ދިދަތައް ކަޅިކުރަމުން ގެންދާތީއެވެ. ފައްޅިތަކުން އެންމެ ބޮޑަށް ފަޚުރުވެރިވަނީ ކުށެއް ނެތް މީހުންގެ ލޭގެ ކަނޑުގައި ކަލޭގެ ސަބަބުން އެ ފައްޅިތަކުގެ ނައު އޮމާންކަމާއެކު ދުވަމުން ދާތީއެވެ. އަހަރެން ކަލޭ ދަންނަމެވެ. ކަލެއަކީ ފިރިހެނުންގެ ކުރިމަތީގައި ހިޔަޅެކެވެ. އަންހެނުންގެ ކުރިމަތީގައި ސިންގާއެކެވެ.]

ޒަޚަމް ވެފައިވާ މިނިކާ ޖަނަވާރެއްހެން ޖޯން ކުރިއަށް ޖެހިލިއެވެ. އަދި ރަބީޢާގެ ދެ ކޮނޑުގައި ހިފައި ތަޅުވައިގެންފައި ދަމައި ގެންގޮސް ޖެހިގެން ހުރި ކޮޓަރި ތެރެއަށް ހޫރައިލައިފިއެވެ. ރަބީޢާ ވަރަށް ބާރަށް ގޮސް އަނގަވަތަށް ވެއްޓިއްޖެއެވެ. ދަނޑިވަޅު ބަލައިފައި އެންޖެލާ ސިޑިއާ ދިމާއަށް ހުރި ދޮރުން ބޭރަށް ނުކުމެއްޖެއެވެ. ޖޯން އެ ދިމާއަށް ބަލައިލީ ވަގުތު ރަބީޢާ އޭނާ ވެއްޓިފައި އޮތް ކޮޓަރީގެ ދޮރު ލައްޕައި މަކުޑި އަޅުވައިފިއެވެ.

ޖޯން މައިކަލް ދުވެފައި ދިޔައީ އެންޖެލާގެ ފަހަތުންނެވެ. އެންޖެލާ ސިޑިން ފައިބަމުން ދިޔައީ އެހީއަށް އެދި ހަޅޭއް ލަވަމުންނެވެ. ސިޑީގެ މެދާ ހަމައަށް ފޭބުނުތަނާ އޭނާއަށް ގަބޫލުކުރެވުނު ގޮތުގައި އޭނާގެ އަޑު އަހައިގެން އެހީތެރިކަމެއް ދޭނޭ އެއްވެސް މީހަކު ގަނޑުވަރަކު ނެތެވެ. ކުއްލިއަކަށް އޭނާއަށް ރަބީޢާގެ ޚިޔާލު ކުރެވިއްޖެއެވެ. އެޔާއެކު އޭނާ ހުއްޓިއްޖެއެވެ. އޭރު ތިރިން ބަޔަކު ހޭނ އަޑު އިވެއެވެ. ސިޑީގެ ދަންމަރު ހުރީ ހުޅުދާން ކޮށްފައެވެ. އޭނާ އަތުން ޖަހައި ދަންމަރު ވައްޓައިލައިފިއެވެ. އޭރު ޖޯން މައިކަލްގެ މީހުން ހެމުން ސިޑިން މައްޗަށް އަރަނީއެވެ. އެންޖެލާގެ ހިތަށް އެރިއެވެ. މަތީބުރިން ލައިފައި ގޮސް ބޭރުގެ ކުޅިބަލާގެއަށް ދެވިއްޖެނަމަ ކިއްލާގެ ދޮރުފާރަވެރިންނަށް ގޮވިދާނެއެވެ. އޭނާ ވަގު ފިޔަވަޅު އަޅަމުން ސިޑިން މައްޗަށް އަރާން ފަށައިފިއެވެ. ސިޑީގެ އެންމެ މައްޗަށް އެރުމާއެކު އޭނާއަށް އިވުނީ ބިރުވެރި ހުނުމެއްގެ އަޑެވެ. އޭނާ ޖޯން މައިކަލްގެ ވަކިދަށުގައި ރަނގަޅަށް ތާށިވެއްޖެއެވެ. އޭނާ ގެންދިޔައީ ހަޅޭއް ލަވަމުންނެވެ. [އަނިޔާވެރިޔާއެވެ. ދޮގުވެރިޔާއެވެ. ގޮތްކުޑަ މީހާއެވެ. އަހަރެން ދޫކޮށްލާށެވެ. އަހަރެން ދޫކޮށްލާށެވެ.]

މައްޗަށް އަރަމުން އައި ސިފައިންނަށް ޖޯން މައިކަލް ގޮވައިފައި ބުންޏެވެ. [ކަލޭމެން ގޮސް ކިއްލާގެ ދޮރާށިދޮށުގައި ތިބޭށެވެ. އަހަރެން ހުއްދަ ނުދެނީސް އެއްވެސް މީހަކު ވަނަދީގެން ނުވާނެއެވެ.]

އެމީހުން ހިނގައްޖެއެވެ. ޖޯން މައިކަލް ހަޅޭއް ލަވަމުން ދިޔަ އެންޖެލާ ދަމައިކޫއްތައިފައި ގެންގޮސް ދާދި ކުޑައިރުކޮޅެއް ކުރީން އެމީހުން ކާންތިބި ކޮޓަރިއަށް ވައްދައިފިއެވެ. އެޔަށް ފަހު ދޮރު ލައްޕަމުން ބުނެފިއެވެ. [ކިތަންމެ ވަރަކަށް ހަޅޭއް ލެވިޔަސް އަހަންނަކަށް ހުރަހެއް ނޭޅޭނެއެވެ. ކަލޭގެ އަގުވެއްޓުން ނޫން ކަމެއް ނުވާނެއެވެ. އަހަރެން ކަލޭގެ ބައްޕަ ދެކެ ބިރެއް ނުގަނެއެވެ. އޭނާ އެހެރީ އަމިއްލަ ޒަމީރު އަހަރެމެންނަށް ވިއްކައިލައިގެންނެވެ. އޭގެ އަގު އަހަރެމެން އަދާކޮށްފީމެވެ. އަހަންނާ ބެހޭ ގޮތުން ކުރާ އެއްވެސް ޝަކުވާއެއްގެ އަޑެއް ރަސްގަފާނު ނާއްސަވާނެއެވެ.]

އެންޖެލާ ދެ އަތުން އޭނާގެ މޫނުގައި ވަކި އަޅާން ފަށައިފިއެވެ. [އަހަރެން ދޫކޮށްލާށެވެ. ގޮތްކުޑަ މީހާއެވެ. އަހަރެން ދޫކޮށްލާށެވެ.] އޭނާ ޖޯންގެ އަތުތެރޭގައި އޮވެގެން ރޯމަހެއް ތެޅޭހެން ތެޅެނީއެވެ.

ކުއްލިއަކަށް ޖޯން ހަޅޭއް ލަވައިގެންފައި ކޮޅަށް ތެދުވެއްޖެއެވެ. އޭނާގެ އިނގިއްޔެއް އެންޖެލާގެ އަނގަޔަށް ވަނީއެވެ. އޭނާއަށް އިނގިލި ސަލާމަތް ކުރެވުނީ އަނެއް އަތުން އެންޖެލާގެ ކަރުގައި ހިފައިގެންނެވެ. އެޔާއެކު އޭނާ މޮޔަވީ ކަހަލައެވެ. އެއް އަތުން އެންޖެލާގެ ކަރަށް ފިތައިގެން ހުރެ އޭނާގެ ހެދުން ވީދައިލާން މަސައްކަތްކުރަން ފަށައިފިއެވެ.

ކުއްލިއަކަށް ޖެހިގެން ހުރި ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ރަބީޢާ ދެ އަތް ފުރަގަހަށް ލައިގެން ހުރެ ވަގު ފިޔަވަޅުތަކެއް އަޅަމުން ކުރިއަށް ހިނގައިގެންފިއެވެ. އޭނާ އެހެރީ މައިކަލްގެ ފުރަގަހުގައެވެ. އެންޖެލާއަށް އޭނާ ފެނުނަސް މައިކަލްއަކަށް ނުފެނެއެވެ. ރަބީޢާ މައިކަލްގެ ގާތަށް ޖެހިލައި އަތަށް ލެވުނުހައި ބާރެއް ލައިފައި އޭނާގެ އަތުގައި އޮތް ލޮނސި މައިކަލްގެ ބުރަކަށްޓައް ޖަހައިފިއެވެ. މައިކަލް އެނބުރިލަން އުޅުނެވެ. އެހެންނަމަވެސް ފާޑެއްގެ ގޮތަކަށް އެނބުރިގެންފައި އަނގަވަތަށް ވެއްޓިއްޖެއެވެ. ލޮންސި ހުރީ އޭނާގެ ބުރަކަށިން ވަންގޮތަށް މޭ ފޫއަޅުވައިލައިފައި ނުކުމެފައެވެ. އޭނާ މަރަށް ތެޅެނީއެވެ.

އެންޖެލާ ދުވެފައި ގޮސް ރަބީޢާގެ ގައިގައި އޮޅުލައިގެންފިއެވެ. އަދި ގިސްލަގިސްލައިފައި ރޯން ފަށައިފިއެވެ. [ދައްތާއެވެ. އަހަރެން ހީކުރީ ދައްތަ އަހަރެން ދޫކޮށްލައިފައި ދިޔައީ ކަމަށެވެ.]

ރަބީޢާ ބުންޏެވެ. [ލަސްވީ ލޮންސި ހޯދަން އުޅެން ހަދައިގެންނެވެ. ބޭރު ސިޑިން ފައިބައިގެން އަޙްމަދުގެ ކޮޓަރިއަށް ގޮސްފައި އަންނާން ވަގުތުކޮޅެއް ހޭދަވީއެވެ.]

[ދައްތަ އޭނާ ތިޔަ މަރައިލީއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. ނޫނެކެވެ. އޭނާ މަރައިލީ ދައްތައެއް ނޫނެވެ. އަހަންނެވެ. ކިތަންމެ ބޮޑު ކޯޓަކަށް ގެންދިޔަޔަސް އޭނާ މަރައިލީ ސަބަބު އަހަންނަށް ކިޔައިދެވިދާނެއެވެ. މާ ގިނަ އިރުތަކެއް ނުވެ މީނާގެ އައުވާނުން މިތަނަށް އަންނާނެއެވެ. އަވަހަށް މިތަނުން ދާށެވެ. ދައްތާއެވެ. އަވަހަށް މިތަނުން ނުކުމެގެން ދައްތަގެ ކޮޓަރިއަށް ދާށެވެ. އަވަސްކުރާށެވެ. ﷲއަށްޓަކައެވެ. އަވަހަށް މިތަނުން ނުކުމެގެން ދާށެވެ.]

ރަބީޢާ ވަރަށް ހަމަޖެހިލައިގެން ހުރެ ބުނެލިއެވެ. [ކޮއްކޯއެވެ. މި ހެޔޮކަމުގެ ސަވާބުން އަހަރެން މަހުރޫމުނުކުރާށެވެ.]

[ނޫނެކެވެ. ދައްތަ މިކަމުގެ ތެރޭގައި ތާށިވެގެން ނުވާނެއެވެ. އަހަރެން އެހެން ވިޔަކަ ނުދޭނަމެވެ.] އެންޖެލާ އަދިވެސް ރޮނީއެވެ.

ރަބީޢާ ބުންޏެވެ. [ކޮއްކޮގެ ހެދުން ތިޔަ އޮތީ ވީދިފައި ނޫން ހެއްޔެވެ؟ އެންމެ ފުރަތަމަ އޮރިޔާން ނިވައިކުރެވޭތޯ ބަލަމާ ހިނގާށެވެ.]

އެންޖެލާ ބުންޏެވެ. [މި މައްސަލައިގައި އެއްވެސް ވާހަކައެއް ނުދައްކައި ހިމޭނުން ހުންނާން ދައްތަ ވައުދުވާށެވެ.]

އެ ވާހަކައަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ރަބީޢާ، އެންޖެލާ އަތުލަފިކޮށްގެން ގޮސް އެ ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. ބޭރުގައި މީހަކު ފެންނާކަށް ނެތެވެ. ތިރިން ޖޯން މައިކަލްގެ އައުވާނުންގެ ބަޔަކު ހަޅޭއްލަވާ އަޑު ކޮންމެވެސް ވަރަކަށް އިވެއެވެ.

އެންޖެލާގެ އަންނައުނާއި ގަހަނާއާއި ރީތިވާ ސާމާނު ލައިފައި ހުންނަ ކޮޓަރި ހުންނަނީ އޭނާގެ ނިދާ ކޮޓަރިއާ ޖެހިގެންނެވެ. އެންޖެލާ ދޮރު ހުޅުވައިލީމާ، ރަބީޢާ ބޭރުގައި ހުރި ދަންމަރު އެތެރެއަށް ވައްދައިފައި ބޭރުގައި ހުއްޓި ހުރެއްޖެއެވެ. [ދައްތަ މިތާނގައި ހުންނާނަމެވެ. އެތެރެއަށް ވަދެ ހެދުން ބަދަލުކޮށްލާށެވެ.]

އެންޖެލާ ހެދުން ބަދަލުކުރަން ފެށުމާއެކު ރަބީޢާ ކޮޓަރީގެ ދޮރު ލައްޕައި ބޭރުން މަކުޑި އަޅުވައިފިއެވެ. އެންޖެލާ ގޮވައިލިއެވެ. [ދައްތާއެވެ. ތިޔަހެން ނުހަދާށެވެ. ދޮރު ހުޅުވާށެވެ. ދިރިއުޅުމާއި މަރުވުމުގައިވެސް ދެމީހުންނަކީ ވަކިވާނޭ ބައެއް ނޫނެވެ. އަހަރެން ދޫކޮށްނުލާށެވެ. ދައްތާއެވެ. އަހަރެންގެ ލޯބިވާ ދައްތާއެވެ. ދޮރު ހުޅުވާށެވެ.]

ރަބީޢާ ކަރުނަ ފޮހެލަމުން ބުންޏެވެ. [ކޮއްކޯއެވެ. އަމިއްލައަށް މަރުގެ އަނދަވަޅަކަށް ވެއްޓިގަތުމުގެ އިޚުތިޔާރު ދައްތަ ދޭނެއޭ ހިތަށް އެރީ ކީއްވެގެން ހެއްޔެވެ؟ ހަނދާން އެބަހުރި ހެއްޔެވެ؟ އަލްޙަމްރާގައި ކޮއްކޮ ދައްތަގެ ފުރާނަ ސަލާމަތްކޮށް ދިނީމެއް ނޫންހެއްޔެވެ؟ ދައްތައަކީ އެއްވެސް މީހެއްގެ އިހުސާންތެރިކަން ބޮލުގައި އަޅާ ހިތްވާ މީހަކީމެއް ނޫނީމެވެ. އޭރު ދައްތަގެ ހިތުގައި ހަސަދަވެރިކަންވެސް އުފެދުނެވެ. ކޮއްކޮގެ އެ ހެޔޮކަމުގެ ބަދަލު ދިނުމަކީ ދައްތައަަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ކޮއްކޮ އަބަދުވެސް ހީކުރަނީ ދައްތައަކީ ވަރަށް ހިތް ބަލި މީހެއް ކަމަށް ނޫން ހެއްޔެވެ؟ ކޮއްކޮގެ ހިތުގައި މިހާރުވެސް ދައްތަގެ މައްޗަށް ހަމްދަރުދީ އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ދައްތައަށް، ދައްތަގެ ވާޖިބުތައް ވަރަށް ރަނގަޅަށް އެނގެއެވެ.]

[ދައްތާއެވެ. ދޮރު ހުޅުވާށެވެ. އަހަރެން އެއްވެސް ވާހަކައެއް ނުދައްކައި ހިމޭނުން ހުންނާން ވައުދުވަމެވެ.]

[ނޫނެކެވެ. ކޮއްކޯއެވެ. އެ މީހުން އައިސް އަހަރެންގެ ހަށިގަނޑު ވީދައި ކުދިކޮށްލާތަން ދެކެން ކޮއްކޮއަށް ނުހުރެވޭނެކަން ދައްތައަށް އެނގެއެވެ. އެފަދަ ދަނޑިވަޅެއްގައި ހިމޭނުން ހުރުމަކީ ކޮއްކޮއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.]

އެންޖެލާ ބުންޏެވެ. [އަހަރެން ދައްކާ ވާހަކަ ނިކަން ވިސްނުންތެރިކަމާއެކު އަޑު އަހައިބަލާށެވެ. ދެމީހުންނަށް މި ތަނުން ފިލައިގެން ދެވިދާނެއެއް ނޫން ހެއްޔެވެ؟]

[ތިޔައީ ވާނޭ ކަމެއް ނޫންކަން ކޮއްކޮއަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ކޮންމެވެސް ގޮތަކުން މިތަނުން ނުކުމެވުނަސް ރަށުތެރެއަކުން އަހަރެމެން ވަންނާނޭ ތަނެއް ނުފެންނާނެއެވެ. ސިފައިންގެ ފާރަވެރިއަކު ނެތް އެންމެ ގެއެއްވެސް ނުހުންނާނެއެވެ. ރަށުން ބޭރަށް ނުކުމެވުނަސް ދާނެ ތަނެއް ނުހުންނާނެއެވެ. ޝިކާރަމަތީ ކުއްތާތަކެއްހެން ރަށުގެ ހުރިހައި ސިފައިން އަހަރެމެންގެ ފަހަތުން އަންނާނެއެވެ. ކޮއްކޯއެވެ. ދައްތަ އެއްވެސް ކުށެއް ނުކުރަމެވެ. އެހެންވީމާ މަރަށް ބިރުން ދުވަންވީ ކީއްކުރަން ހެއްޔެވެ؟ ލޯޝާގެ ކޯޓަކަށް ދައްތަ ގެންދިޔަޔަސް ދައްތަގެ ވާޖިބު އަދާކުރީއޭ ބުނެވޭނެއެވެ. އެމީހުންގެ ފަރާތުން ރަޙުމަށް އެދި ދައްތަ އާދޭހެއް ނުކުރާނެމެވެ. އަހަރެމެންގެ ބައްޕައަކީ ގައުމަށް ޣައްދާރުވީ ޚާއިނެކެވެ. ޚިޔާނާތުގެ އަދަބު ބައްޕައަށް ލިބެން ވާނެއެވެ. ދައްތަގެ ގުރުބާނީގެ ސަބަބުން ބައްޕައަށްޓަކައި ތައުބާގެ ދޮރެއް ހުޅުވުމަކީ އެކަށީގެންވާ ކަމެކެވެ.]

މިހާރު ގަނޑުވަރުގެ ދޮރާށްޓާ ދިމާއިންވެސް ބަޔަކު ހަޅޭއްލަވާ އަޑު އެބަ އިވެއެވެ. ރަބީޢާ ދުވެފައި ގޮސް ފެންޑާގެ މަތީން ތިރިއަށް ބަލައިލައިފައި އެނބުރި އަތުވެއްޖެއެވެ. [ކޮއްކޯއެވެ. ދޮރާށި ދޮށަށް މީހުން އެބަ އެއްވެއެވެ. ފުލުހުންގެ ވެރިޔާގެ ގެއިން ޖޯން މައިކަލްގެ ޚަބަރެއް ނުވެގެން ބަޔަކު އައީހެން ހީވެއެވެ. އޭނާގެ އައުވާނަކު ޚަބަރު ބަލައިލާން އިސާހިތަކު މައްޗަށް އަރައިފާނެއެވެ. ދައްތަ ދަނީއެވެ. ކޮއްކޯއެވެ. ހިތް ހެޔޮކުރާށެވެ.]

[ނޫނެކެވެ. ނޫނެކެވެ. ދައްތާއެވެ. މަޑުކުރާށެވެ. މަރުވާނީވެސް ދެ މީހުން އެކީގައެވެ. އަހަރެން ދޫކޮށްލައިފައި ނުދާށެވެ.]

ރަބީޢާ ހިނގައްޖެއެވެ.

(4)

ރަބީޢާ އެނބުރި އައިސް ވަނީ ޖޯން މައިކަލް އޮތް ކޮޓަރިއަށެވެ. ދޫލަ އޮތީ ޖޯންގެ ލެއިން ތަތްތެޅިފައެވެ. އޭނާގެ މޫނުމަތީން ފެންނަނީ ބިރުވެރި ސިފައެކެވެ. ރަބީޢާ ޖެހިގެން ހުރި ކޮޓަރިން ފޮތިގަނޑެއް ގެނެސް އޭނާގެ މޫނުމަތީގައި އަޅައިލުމަށް ފަހު ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

މާ ގިނަ އިރުތަކެއް ނުވެ ސިޑިން މީހަކު އަރައިގެން އަންނަ އަޑު އިވިއްޖެއެވެ. އެ މީހަކު ދޮރުބުޑަށް ހުއްޓިފައި ގޮވައިލިއެވެ. [ސާހިބާއެވެ. ވަރަށް ލަސް ވެއްޖެއެއް ނޫންތޯއެވެ؟ ފުލުހުންގެ ވެރިޔާގެ ގެއިން މަނިކުފާނުގެ ޚަބަރެއް ބަލައިލާން ބަޔަކު އަތުވެއްޖެއެވެ.]

ރަބީޢާ ތެޅިތެޅި އޮތް ހިތަކާއެކު ތެދުވެއްޖެއެވެ. ކުޑަކޮށް ހަމަޖެހިލެވުނީމާ ގޮސް ދޮރު ހުޅުވައިލައިފައި ބުންޏެވެ. [ވަންނާށެވެ. ރާބޮއިގެން މަރުވެފައި އޮތް މީހަކު އަހަރެންގެ ކޮޓަރީގައި އެބައޮތެވެ. ނިކަން ބަލައިލަބަލާށެވެ. އެއީ ކަކުކަން ފަހަރެއްގައި ކަލެއަށް އެނގިދާނެއެވެ.]

ސިފައިންގެމީހާ ކަންބޮޑުވެފައި ހުރެގެން އެތެރެއަށް ވަދެއްޖެއެވެ. ހަރިރާންކަމާއެކު ރަބީޢާއާ ދިމާއަށް ބަލައިލާފައި އޭނާ ޖޯން މައިކަލްގެ މޫނުމަތީގައި އޮތް ފޮތިގަނޑު ނަގައިފިއެވެ. [ޖޯން މައިކަލް…] ބިރުވެރި އަޑަކުން އޭނާއަށް ކިޔައިލެވުނެވެ.

ރަބީޢާ އަހައިލިއެވެ. [ތިޔައީ ކަލޭ ދަންނަ މީހެއް ހެއްޔެވެ؟]

ސިފައިންގެމީހާ ބުންޏެވެ. [އާދޭހެވެ. މިއީ މި ސަހަރުގެ ގަވަރުނަރެވެ. ފެރްނާންދޯގެ ނައިޓެކެވެ. ރާނީގެ ތިމާގެފުޅު ބޭފުޅެކެވެ. މީނާ އަވަހާރަކޮށްލީ ކާކުތޯއެވެ؟]

ރަބީޢާ ބުންޏެވެ. [އަހަންނާ ތިޔަކަހަލަ ސުވާލު ކުރުމުގެ ހައްގެއް ކަލެއަކަށް ނޯންނާނެއެވެ. ކަމެއް ކުރާން ބޭނުމިއްޔާ އަވަހަށް ގޮސް ފުލުހުންގެ ވެރިޔާއަށް އަންގާށެވެ.]

[ތިޔަހެން ހަދައިފިއްޔާ އަޅުގަނޑުމެން އެންމެން ދަންޖައްސައި މަރައިލާނެއެވެ. އެހެންވީމާ މިތަނުން ދިއުމުގެ ކުރިން ގަވަރުނަރު އަވަހާރަކޮށްލީ މީހަކު ހައްޔަރުކުރުމަކީ އަޅުގަނޑު ކުރަން ޖެހޭނޭ ކަމެކެވެ.]

[އޭނާ މަރައިލީ އަހަންނެވެ.]

ސިފައިންގެމީހާ ގަނޑުވީ ކަހަލައެވެ. އާގަމަވެފައި ރަބީޢާއާ ދިމާއަށް ބަލަހައްޓައިގެން ހުރެއްޖެއެވެ.

ރަބީޢާ ހަޅޭއް ލަވައިގަތެވެ. [ނުގޮސް ތިޔަހަރީ ކީއްވެގެން ހެއްޔެވެ؟ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރީ ކީއްވެގެން ހެއްޔެވެ؟ މި ސަހަރުގެ ހަގީގީ ވެރިއަކީ އަހަރެންގެ ބައްޕަކަން ކަލޭ ނުދަންނަމު ހެއްޔެވެ؟ ވެރިއަކަށް ވުމުގެ އިތުރަށް ބައްޕައަކީ ފެރްނާންދޯގެ ނުލާހިކު ގާތް އެކުވެރިއެކެވެ. ކަލޭ ތިޔަ ހުންނަނީ ރާ ބޮއި އަމަލުވެގެން ހުރެ އަބުރުވެރިންގެ ގޭގެއަށް ވަން މީހަކަށް ރައްކާތެރިކަން ދީގެން ހެއްޔެވެ؟ މިގޭ ތެރޭގައި އެއްވެސް ކުށެއް ނެތް މައުސޫމު އަންހެން ކުއްޖަކު އެހީއަށް އެދި ގޮވަމުން، ރޮއީ ހޭރުނުއިރު ކަލޭ ހުރީ ކޮންތާނކު ހެއްޔެވެ؟ ކަލޭމެން ތިރީގައި ހީނ މަޖާކުރަމުން ދިޔައީއެވެ. މިއީ އަހަރެން ކަލެއަށް ކުރާ އަމުރެކެވެ. ހަމަ މިހާރު ދާށެވެ. އެހެންނޫނީ ކަލެޔާމެދު ކަންތައް ކުރެވޭނީ ކަލޭ ހިތް އެދޭކަހަލަ ގޮތަކަށް ނޫންކަން ދަންނާށެވެ. ފުލުހުންގެ ވެރިޔާ ނާންނަނީސް ކަލޭގެ އެއްވެސް މީހަކު މިތަނަށް އައިސްގެން ނުވާނެއެވެ.]

ހަދާންވީ ކިހިނެއްކަން ވިސްނައިގަންނާން ސިފައިންގެމީހާއަށް ދަތިވެއްޖެއެވެ. ދެލޯ ބޮޑުކޮށްގެން އިރުކޮޅަކު ރަބީޢާއާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށް ފަހު ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

(5)

ސިފައިންގެމީހާ ދިޔައީމާ ރަބީޢާ އިރުކޮޅަކު އިށީނދެގެން އިނދެފައި ތެދުވެގެން ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ފެންޑާގެ ފާރުކައިރިއަށް ގޮސް ތިރިއަށް ބަލައިލިއެވެ. އެންޖެލާގެ ކޮޓަރިން މިހާރުވެސް ދޮރުގައި ތަޅާ އަޑު އެބަ އިވެއެވެ. ރަބީޢާ އެ ދިމާއަށް ހިނގައިގެންފިއެވެ. އެކަމަކު ވަކި ހިސާބަކަށް ގޮސްފައި ހުއްޓިއްޖެއެވެ. އެންޖެލާ ގޮވާ އަޑު އިވެއެވެ. [ދައްތާއެވެ.] ރަބީޢާ އިރުކޮޅަކު ވަރަށް ދެރަވެފައި އެހެން ހުރެފައި ވަގު ފިޔަވަޅު އަޅަމުން އެނބުރި ހިނގައިގެންފިއެވެ.

ފެންޑާގެ އެއް ކޮޅުގައި މައްޗަށް އަރާނޭ ސިޑިއެއް ހުއްޓެވެ. އަނދިރިކަމުގެ ތެރޭގައި އޭނާ އެ ސިޑިން މައްޗަށް އަރައިގެން ގޮސް ޓެރަހަށް އަރައިފިއެވެ. ހަނދުވަރުގެ ރީތި އަލީގެ ތެރެއިން އޭނާ ވަށައިގެން ހޯދައި ބަލައިލިއެވެ. އެޔަށް ފަހު އުޑާ ދިމާއަށް ބަލައިލިއެވެ. ހަނދުގެ ނިތްކުރިމަތީން ނޫރު ފައުޅުވޭވެ ހުއްޓެވެ. ތަރިތައް ހިނިތުންވަމުން ގެންދަނީއެވެ. މި ދުނިޔެ ގާއިމުވެގެންވަނީ މިފަދަ އެތައް ކަމެއްގެ މައްޗަށެވެ. ދިރިއުޅުން ފަހިކުރުމަށްޓަކައި ބޭނުންކުރާނޭ އެތައް ކަމެއް މި ދުނިޔޭގައި ވަނީ ލައްވައިފައެވެ. ރަބީޢާ އެ އުޅެނީ މި ހުރިހައި ކަމަކާއި ތަކެއްޗަށް އަލްވަދާޢު ކިޔާށެވެ. އެ ވިދުވަރާއި އިހުސާސްތައް ހުރި ގޮތަކަށް ހުރި ތަނެއްގައި އެބަހުއްޓެވެ. ދިރިއުޅުގައި ދިމާވާ ހާދިސާތަކުގެ ސަބަބުން ރަބީޢާގެ ހިތުގައި ބަދްރު ބިން މުޣީރާގެ މައްޗަށް އޮތް އެދުން ފަނޑުވެގެންނެއް ނުދެއެވެ. ޠޫފާން އައިސްފައި ހިނގައްޖެއެވެ. މިހާރު އޭނާ މަޑުމައިތިރި ހިތަކާއެކު ކުރިމަގާމެދު ވިސްނާން ފަށައިފިއެވެ. ހުރަގޭގެ އަނދިރިކަން ދެކެ އޭނާ ބިރެއް ނުގަނެއެވެ. ދައްޖައްސައިފާނެތީ ނުވަތަ އަންދައިލަފާނެތީވެސް ބިރެއް ނުގަނެއެވެ. މަރުގެ ސިފައަކީ އޭނާއަކަށް ބިރުވެރި ސިފައެއް ނޫނެވެ. އެކަމަކު ބަދްރު ބިން މުޣީރާގެ އެދުމާއެކު މަރުގެ ދޮރުގައި ޓަކިދިނުމަކީ އޭނާއަށް އިތުރު އެތައް ހިތްވަރެއް ބޭނުންވާނޭ ކަމެކެވެ. މަރުވުމުގެ ކުރީން އޭނާ ފެންނާނެ ނަމައެވެ. އެހެން ދުނިޔެއެއްގައި އޭނާއަށް އިންތިޒާރުކުރާނަމޭ ބުނެވޭނޭ ނަމައެވެ. އޭނާއަށްޓަކައި ދިރިދުނިޔޭގައި ހުރެވޭނޭނަމައޭވެސް ހިތަށް އަރައެވެ. އޭނާ މަރުވުމަށް ފަހު މި ހަނދާއި ތަރިތަކުން ބަދްރުގެ ހިތަށް އޭނާގެ ހަނދާންތައް ވައްދާނޭ ނަމައެވެ. އޭނާ ބަދްރުގެ ހަނދާން ނުކުރާ އެންމެ ހިނދުކޮޅެއްވެސް ނާދެއޭ މި ހަނދާއި ތަރިތަކުން ބަދްރު ގާތު ބުނާނޭ ނަމައެވެ.

ރަބީޢާގެ ހިތަށް އެރިއެވެ. އަހަރެން މި ކުރަނީ ކޮން ކަހަލަ ޚިޔާލުތަކެއް ހެއްޔެވެ؟ ބަދްރަކީ ހަމައެކަނި އަހަންނަށްޓަކައި ހުރި މީހެއް ނޫނެވެ. އެއީމުޅި ގައުމަށްޓަކައި ހުރި މީހެކެވެ. ގައުމުގެ މުޖާހިދެކެވެ. އޭނާ ޖިހާދުކުރަމުން އެ ގެންދަނީ އަހަރެން ފަދަ އެތައް އަންހެނެއްގެ އިއްފަތްތެރިކަމާއި އަބުރާ އިއްޒަތް ހިމާޔަތްކުރުމަށްޓަކައެވެ. އަހަރެން މިއީ ހާދަހައިވާ ބޮޑު މޮޔައަކީމެވެ. މި ވަގުތު އޭނާވެސް ފަރުބަދައެއްގެ މަތީގައި ހުރެގެން ހަނދާއި ތަރިތަކަށް ބަލާނީއޭ ހިތަށް އަރަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ހިތުގައިވެސް އަހަރެންގެ ހަނދާންތައް މިހެން ހުންނާނެއޭ ހިތަށް އަރަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ އާހުގެ އަޑު އޭނާއަށް އިވޭނެއޭ އަހަރެންގެ ހިތަށް އެބަ އަރައެވެ. އަހަރެންގެ ލޮލުން ފައިބާ ކަރުނަތައް އޭނާއަށް ފެންނާނެއޭ ހިތަށް އަރައެވެ. މިއީ އޭނާއަށް ކުރެވޭ ތައުހީނަކަށް ނުވޭބާވައެވެ؟ އޭނާގެ ތަސަވައްރު އަހަންނާ ހަމައިގައި މަހުދޫދުވެފައެއް ނުހުންނާނެއެވެ. އޭނާ މިހާރުވެސް އެތައް ހާސް އަންހެންކުދިންނެއްގެ ރުއިމާއި ގިސްލުމުގެ އަޑު އަހާނެއެވެ. އެ އެންމެންގެ ކަރުނަ އޭނާ ދެކޭނެއެވެ. ކަރުނައާއި އާހުގެ އެފަދަ ބޮޑު ތޫފާނެއްގެ ތެރެއިން އަހަރެންގެ އަޑު ފާހަގަކުރުމަކީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ފަރުބަދައެއްގެ މަތީގައި ހުރެގެން ހަނދާ މުޚާތަބުކޮށް އަހަރެންގެ ވާހަކަ ދެއްކުމުގެ ބަދަލުިގައި އޭނާ ބުނަމުން ގެންދާނެއެވެ. އޭ ހަނދާއެވެ. ކަލޭ ވަނީ އަހަރެންގެ ގައުމުގެ ކުރިއެރުން ދެކިފައެވެ. މިއަދު އެ ގައުމު ވެއްޓެމުންދާތަންވެސް ދެކޭށެވެ. ކަލޭ ވަނީ މި ބިމުގައި ޠާރިޤް ބިން ޒިޔާދާއި ޢަބްދުއްރަޙްމާނުގެ ޖިހާދު ދެކިފައެވެ. މިއަދު އަބޫ ޢަބްދުﷲގެ ވެއްޓުމާއި ލަދުކުޑަކަމާއި ޚިޔާނާތްތެރިކަންވެސް ދެކޭށެވެ. ކަލޭ ވަނީ އަންދަލުސްގެ ގޮނޑޮދޮށުގައި އަމިއްލަ ނައުތަކުގައި ހުޅުޖަހައި އަންދައިލީ ހިތްވަރުގަދަ މުޖާހިދުން ދެކިފައެވެ. މިއަދު ގައުމުގެ ޝަރަފާއި އަބުރާއި އިްޒަތް ދުޝްމިނުންނަށް ވިއްކައިލީ ވިޔާނުދާ ބައިގަނޑުވެސް ދެކޭށެވެ. އަހަރެމެންގެ ފަހުލަވާނުން ހަނގުރާމައިގެ މައިދާނާ ދިމާއަށް ދުވަމުން ދިޔަތަން ކަލޭ ވަނީ ދެކިފައެވެ. ރަސްރަސްކަލުންގެ ތާޖުތައް ނަގައި އަޅުންގެ ބޮލުގައި އަޅުވަމުން ދިޔަ މަންޒަރު ކަލޭ ވަނީ ދެކިފައެވެ. މިއީ ހަމަ އެ ގައުމު ހެއްޔެވެ؟ މިއީ ނިކަމެތި އެންމެ އަންހެނކުއްޖެއްގެ އަބުރާއި އިއްޒަތް ސަލާމަތް ކުރުމަށްޓަކައި ބޮޑެއތި ރަސްކަންތައް ފުނޑުފުނޑުކޮށްލީ މުޖާހިދުންގެ ގައުމު ހެއްޔެވެ؟

ކުޑަ އިރުކޮޅަކު އެހެން ހުރުމަށް ފަހު ތިރިއަށް ފައިބަމުން އައި އިރު އޭނާގެ ހިތުގައި އޮތް ބުރަކަންވެސް ދިޔައީ ފިލަމުންނެވެ. އޭނާގެ ހިތް ބުނަމުން ދިޔައެވެ. [ރަބީޢާއެވެ. އިޖްތިމާޢީ މުސީބާތުގެ މި ދައުރުގައި ކަލޭގެ ދިރިއުޅުމަކަށް އެހައި ބޮޑު އަހުމިއްޔަތުކަމެއް ނުދެވޭނެއެވެ. އެކަމަކު ކަލޭ ބޭނުމިއްޔާ ކަލޭގެ މަރަކީ އަންދަލުސްގެ ތާރީޚުގައި ކިޔަމުން ގެންދާނޭ ވާގިއާއަކަށް ހެދިދާނެއެވެ. މަރާ ކުރިމަތިލާން ޖެހުނަސް ހިތްވަރާއެކު ކުރިމަތިލާން ވާނެއެވެ. އަނިޔާވެރިކަމުިގެ އަތަކީ ނަފުރަތު ނޫން އެހެން އެއްޗެއް ހައްގު ނޫން އަތެއްކަން ސާބިތުކޮށް ދޭން ވާނެއެވެ. އެ އަތްތައް ދެކެ ބިރުގަނެގެން ނުވާނެއެވެ. ބަދްރާއި ކަލެޔާ ދެމީހުންގެމެ ދިރިހުރުމުގެ މަގުސަދަކީ އެއް މަގުސަދެކެވެ. ބަދްރު އެ ގެންދަނީ ބާތިލާ ދެކޮޅަށް ޖިހާދުކުރުމާއެކު ހައްގަށްޓަކައި ގުރުބާންވަމުންނެވެ. ގިޔާމަތް ދުވަހު ކަލެއަށް އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރެ އަހަރެމެން ދެ މީހުންނަކީ ދުނިޔޭގައިވެސް ބައިވެރިންނޭ ބުނެވޭނެއެވެ.

(6)

ސަހަރުގެ ފުލުހުންގެ ވެރިޔާއާއި ސިފައިންގެ ހައެއްކަ އޮފުސަރުންނާއި ބިޝޮޕާއި އަދިވެސް ރަށުގެ ބޮޑުންގެ ތެރޭގައި ހިމެނޭ ދެތިން މީހުން ތިބީ ބިޝޮޕްގެ މުޅަ މަސްގަނޑުގެ ކައިރީގައެވެ.

ފުލުހުންގެ ވެރިޔާ ރުޅި އައިސފައި ހުރެގެން މި ހާދިސާގެ ޚަބަރުދޭން ދިޔަ މީހާޔާ ދިމާއަށް އެއްޗެހި ގޮވަނީއެވެ. [މިތަނުން ބޭރަށް ދިޔައީ ކަލޭގެ ބޮލަށް ކިހިނެއް ވެފައި ހުރެގެން ހެއްޔެވެ؟ ބޭޢރަށް ނުކުންނާނޭ އެތައް މަގެއް އެބަހުއްޓެވެ. މިހާރު އޭނާ މި ކިއްލާއިން ބޭރަށް ހިނގައިދާނެއެވެ. ކިއްލާގެ ދޮރުތައް ލައްޕާކަށްވެސް ކަލޭ ނާންގަމެއް ނޫން ހެއްޔެވެ؟ އޭނާ ވަގުތުން ހައްޔަރު ނުކުރީ ކީއްވެގެން ހެއްޔެވެ؟]

އޭނާ ދެން ބަލައިލީ އެތާގައި ތިބި އެހެން ފުލުހުންނާއި ސިފައިންނާ ދިމާއަށެވެ. [ކަލޭމެން މިތާނގައި ކުޅިބަލަން ތިބީ ކީއްވެގެން ހެއްޔެވެ؟ ދާށެވެ. ރަށުތެރެއިން ނުކުމެވެން ހުރި ހުރިހައި މަގެއް ބަންދުކުރުވާށެވެ. އިސްލާމުންގެ ގޭގެއަށް ވަދެ ފާސްކުރަން ފަށާށެވެ. އެއް ބަޔަކު މި ގަނޑުވަރުގެ ހުރިހައި ތަނެއް ފާސްކޮށް ބަލާށެވެ.]

[ގަނޑުވަރު ފާސްކުރުމުގެ ބޭނުމެއް ނެތެވެ.] ކުޅިބަލާގެޔާ ދިމާއިން އައިސް އެތެރެއަށް ވަންނަމުން ރަބީޢާ ބުނެލިއެވެ.

އެންމެންގެ ސަމާލުކަން އޭނާޔާ ދިމާއަށް ހުއްޓިއްޖެއެވެ. އޭނާ ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. މުނުމަތީން އާދަޔާ ޚިލާފު ފަޚުރުވެރިކަމެއް ފައުޅުވޭވެ ހުއްޓެވެ.

ފުލުހުންގެ ވެރިޔާ އަހައިލިއެވެ. [ޖޯން މައިކަލް މަރައިލީ ކަލޭ ހެއްޔެވެ؟]

[އާނއެކެވެ. ހަޔާތްކުޑަކަމާއެކު ވިޔާނުދާ ނިޔަތަކާއެކު އަހަރެމެންގެ ގެއަށް ވަން މީހަކު އަހަރެން މަރައިލީމެވެ.]

[މި ގަތުލުގައި ކަލެޔާ އެހެން މީހަކު ބައިވެރިވި ހެއްޔެވެ؟]

[ނުވެއެވެ.]

މާރިޔާ ގުނބުހިލިފައި ހުރެގެން އައިސް އެތަނަށް ވަދެއްޖެއެވެ. [އެންޖެލާ ކޮބައިހެއްޔެވެ؟ އޭނާ ދިޔައީ ކޮން ތަނަކަށް ހެއްޔެވެ؟ އޭނާއަށް ވީ ކިހިނެއް ހެއްޔެވެ؟ ބުނެބަލާށެވެ.]

[މި ކަލޭގެ މުޅަ މަސްގަނޑު ފެނިފައި އޭނާއަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ. އޭނާ ހަޅޭއް ލަވަމުން ކޮޅުކޮޅުމައްޗަށް ދުވަން ފެއްޓީމާ އަހަރެން ހެދުންބަދަލުކުރާ ކޮޓަރީގައި އޭނާ ބަންދުކޮށްފައި ހުންނާނެއެވެ. އޭނާ މި ވަގުތު މިތަނަށް ގެނައުން ރަނގަޅެއް ނުވާނެއެވެ. މިތަނަށް ގެނެސްފިއްޔާ އަނެއްކާވެސް ސިކުނޑިއަށް ލޮޅުމެއް އަރައިފާނެތީ އަހަރެން ބިރުގަނެއެވެ.]

މާރިޔާ ދުވެފައި ރަބީޢާ އެ ބުނި ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ. ކޮޓަރިއާ އަރައިހަމަވީމާ އޭނާ ވަރަށް ބާރަށް އެންޖެލާއަށް ގޮވައިލިއެވެ.

އޭނާގެ އަޑު އިވުމާއެކު އެންޖެލާ ހަޅޭއް ލަވައިގަތެވެ. [ދައްތަ ކޮބައި ހެއްޔެވެ؟ މި ދޮރު ހުޅުވާށެވެ. އޭނާ މަރައިލީ އަހަންނެވެ. އޭނާ މަރައިލީ އަހަންނެވެ. ރަބވީޢާގެ އެއްވެސް ކުށެއް ނެތެވެ.]

މާރިޔާ ދޮރު ހުޅުވަން ދިއްކޮށްލި އަތް ވަކި ހިސާބަކަށް ގޮސްފައި ހުއްޓިއްޖެއެވެ. އޭނާ ދުވެފައި ގޮސް ކުޅިބަލާގެޔާ ދިމާއަށް ހުރި ދޮރު ލައްޕައިފިއެވެ.

އަނެއްކޮޅުން ފުލުހުންގެ ވެރިޔާގެ ފިކުރު ވަނީ ވަރަށް ބޮޑުވެފައެވެ. ޖޯން މައިލަކްގެ މަރަކީ އާދައިގެ ކަމެއް ނޫނެވެ. އެކަމަކު އޭނާ މަރައިލީ މީހަކީ ފެރްނާންދޯގެ ކުރިމަތީގައި ވަރަށް ގަދަރު އުފުލިގެންވާ ގާތް މީހެކެވެ. ޝަރީޢަތަށް ގެންގޮސް ކޯޓުން ހުކުމެއް އައުމުގެ ކުރީން ގާތިލު ހައްޔަރުކޮށްގެން އާއްމު ގައިދީއެކޭ އެއްފަދައިން ބޭއްވުމަކީ ކުރަން ޖެހޭ ކަމެކެވެ. އެކަމަކު އެއީ ފަސޭހަ ކަމެއް ނޫނެވެ. އެޔާއެކު އެކަން އެހެން ނުކޮށްފިއްޔާ އާއްމު ރައްޔިތުންގެ ތެރޭގައި ހިމެނޭ ކްރިސްޓިއަނުން އޭނާޔާ ދެކޮޅަށް ތެދުވާނެއެވެ. އަންދަލުސްގެ ހުރިހައި ނައިޓުން އޭނާގެ ދުޝްމިނުން ކަމުގައި ވެގެން ހިނގައިދާނެއެވެ. ހަވީރު މާރިޔާ އެކަނިމާއެކަނި ގާޑިޔަލުގައި ދަނިކޮށް ފެނުނީމާ ޖޯން މައިކަލް އޭނާއަށް މެސެޖެއް ފޮނުވިއެވެ. ޚާއްސަ ކަމެއް މެދުވެރިވެގެން ލަސްވެދާނޭ ކަމަށް އެނގިއެވެ. އަދި މާރިޔާއާ ވާހަކައެއް ދައްކާން ވެފައި އެބައޮތޭ، ތިމަން ނާންނަނީސް މާރިޔާ ނުފޮނުވާށޭވެސް އެންގިއެވެ. ޖޯން އެ ބުނި ޚާއްސަ ކަމަކީ ކޮބައިކަން މިހާރު ފުލުހުންގެ ވެރިޔާއަށް އެނގިއްޖެއެވެ. ޖޯން އެއީ ރާބޯ މީހަކަށް ވިޔަސް، ވަހުޝީ ޖަނަވާރަކަށް ވިޔަސް ނައިޓެކެވެ. ރަބީޢާއަކީ އަބޫ ދާވޫދްގެ ދަރިއަކަށް ވިޔަސް އިސްލާމެކެވެ. އެހެންވީމާ އަބޫ ދާވޫދް އޭނާގެ ޚިދުމަތުގެ ވާހަކަދައްކައިގެން ދަރިފުޅާ ދެކޮޅަށް އުފުލާ ދައުވާ އޭނާ ބޭނުން ގޮތަކަށް ބަދަލުކުރުވަފާނޭ ކަމުގެ ނުރައްކާ އޮންނާނޭކަން ފުލުހުންގެ ވެރިޔާއަށް އެނގެއެވެ.

ފުލުހުންގެ ވެރިޔާ ބިޝޮޕާ މަޝްވަރާކޮށްލީމާ އޭނާ ބުންޏެވެ. [ކޯޓުން ވަކި ހުކުމެއް ކުރަންދެން އެ އަންހެންކުއްޖާ މި ގަނޑުވަރުގެ ވަކި ކޮޓަރިއެއްގައި ބަންދުކޮށްފައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދިި އައު ގަވަރުނަރު ނާންނަނީސް އޭނާ އާއްމު ގައިދީންގެ ތެރޭގައި ބޭއްވުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ބަންދުކޮށްފައި އޮންނަ ދުވަސްކޮޅު މާތްވެގެންވާ ރަސްގެފާނުގެ ލަފާފުޅަކަށް އެދިވަޑައިގެން ދެންނެވުންވެސް ރަނގަޅެވެ.]

(7)

ހަފުތާއެއްހައި ދުވަސް ވާންދެން އެންޖެލާ ނިކަން ގަދަ ހުމެއްގައި އޮތެވެ. އެހެން އޮވެފައި ހޭވަރިކަންވެލާ ވަގުތު ގޮވަނީ ރަބީޢާއަށެވެ. ބައެއް ފަހަރު ދުވެފައި ގޮސް ކޮޓަރިން ނުކުންނާން އުޅެގަނެއެވެ. އެކަމަކު ހައެއްކަ ފިޔަވަޅެއް އެޅުމަށް ފަހު އަނބުރައިގަނެގެން ވެއްޓިދެއެވެ. މާރިޔާއަށް އޭނާ ގެނެސް އެނދުގައި ބޭއްވެނީ ނޯކަރުންގެ އެހީތެރިކަމާ އެކީގައެވެ. އެންޖެލާ އެހެން އޮވެގެން ބައެއް ފަހަރު ހަޅޭއްލަވައެވެ. [އަހަރެން ދޫކޮށްލާށެވެ. ދައްތަގެ ގާތަށް ދާން އަހަރެން ބޭނުމެވެ. ޖޯން މައިކަލް މަރައިލީ އޭނައެއް ނޫނެވެ. އަހަންނެވެ. އޭނާ މަރުވީ އަހަންނާ ހެދިއެވެ. ދައްތަ އެ ގުރުބާން ވަނީ އަހަރެންގެ ފުރާނަ ސަލާމަތްކުރަން ވެގެންނެވެ.] މާރިޔާ ގަންނާކުރައްވާ ބިރުން ކޮޓަރީގެ ދޮރުތައް ލައްޕައި މަކުޑި އަޅުވައެވެ. ސަހަރުގެ އަންހެންވެރިން އެންޖެލާގެ ހާލުބަލައިލާން އާދެއެވެ. އެކަމަކު ކޮންމެވެސް ބަހަނާއެއް ދައްކައިފައި މާރިޔާ އެ މީހުން އަނބުރައި ފޮނުވައިލައެވެ. އެއިން މީހަކު އެންޖެލާގެ ކޮޓަރިއަކަށް ނުވައްދައެވެ. މާރިޔާ ކަންބޮޑުވަނީ މި ދުވަސްކޮޅު ކުއްލިއަކަށް އަބޫ ދާވޫދް އަތުވެދާނެތީއެވެ. އޭނާ އަތުވެއްޖެނަމަ އެންޖެލާގެ ބަދަލުގައި ރަބީޢާ ގުރުބާންވިޔަކަ ނުދޭނެއެވެ. އޭނާ އެންޖެލާއަށްވުރެ މާ ބޮޑަށް ރަބީޢާ ދެކެ ލޯބިވެއެވެ. އެހެންވީމާ މާރިޔާ އޭނާއަކަށް މި ވާގިއާގެ ވާހަކައެއް ނުވެސް އަންގައެވެ.

އެންމެ ފުރަތަމަ ރަބީޢާ ކަންތައް ކޮށްފާނޭ ގޮތަކާމެދުވެސް އޭނާ ކަންބޮޑުވިއެވެ. ކޯޓުގައި އޭނާގެ ބަޔާން ބަދަލުކޮށްފާނެތީ ވަރަށް ބޮޑަށް ބިރުގަތެވެ. އެކަމަކު މިހާރަކު އެ ބިރެއް ނެތެވެ. ކޯޓުގައިވެސް ރަބީޢާ އޭނާގެ ކުށަށް އިއުތިރާފުވެއްޖެއެވެ.

އޭރު އޮތީ ރާނީ އިޒަބެއްލާގެ އަމުރެއްވެސް ކޯޓަށް ލިބިފައެވެ. އެ އަމުރުގައި އޮތީ ޖޯން މައިކަލް މަރައިލީ މީހާއަށް ދެވޭން އޮތް އެންމެ ބޮޑު އަދަބެެއް ދޭން އަންގައިފައެވެ. ޖޯންގެ މަރުގެ ސަބަބުން ކްރިސްޓިއަނުންގެ ތެރެއަށް ވަނީ ބާވަތެއްގެ ވަހުޝީ ބައްޔެއް ފެތުރިފައެވެ. އޭނާގެ ޖަނާޒާ ބޭއްވުމުގެ ކުރިން އެތައް އިސްލާމުންނެއް ކަތިލައިފިއެވެ. ސަހަރުގެ ފުލުހުންގެ ވެރިޔާ ސެބިއްޔާގެ ގަވަރުނަރަށް ސިޓީއެއްވެސް ފޮނުވައިފިއެވެ. ސިޓީގައި އޭނާ ބުނެފައިވާ ގޮތުގައި ޖޯން މަރައިލީ މީހާއަށް އަދަބު ނުދީފިއްޔާ މުޅި ސަހަރުގެ އަމަންއަމާންކަން ގެއްލިދިއުމުގެ ނުރައްކާ އެބައޮތެވެ. ފެރްނާންދޯއަށް ޖޯންގެ މަރުގެ ޚަބަރު ލިބުނީ އޭނާ ހަނގުރާމައިގެ މައިދާނުގައި ހުއްޓައެވެ. މަރުވީ މީހާއަކީ އާދައިގެ މީހަކުނަމަ އެކަން ވަންހަނާކޮށް އޮއްބައިލާން އޭނާ އުޅުނީހެވެ. އެކަމަކު ޖޯން އަކީ އޭނާގެ ނައިޓެކެވެ. ރާނީގެ ގާތްތިމާގެ މީހެކެވެ. އެހެންވީމާ ގާތިލަކީ ކާކުތޯ ބެލުމާއި ގާތިލުގެ ފަރާތުން އިހަށް ލިބިފައިވާ ޚިދުމަތްތަކަކީ ކޮބައިކަން ބެލުމަކީވެސް ރާނީ ބޭނުންވީ ކަމެއް ނޫނެވެ. ކޮންމެ ގޮތެެއް ވިޔަސް ޖޯން މައިކަލަކީ ނައިޓެކެވެ، ގާތިލަކީ އިސްލާމް އަންހެނެކެވެ.

މީގެ ހައެއްކަ މަހެއްހައި ދުވަސްކުރިން ހިނގިކަމެއް ނަމަ ފެރްނާންދޯވެސް އަދި ރާނީވެސް ބޮޑަށް މަސައްކަތް ކުރީހީ އަބޫ ދާވޫދް ރުއްސާށެވެ. އެކަމަކު މިހާރަކު އެހެން ހެދުމުގެ ބޭނުމެއް ނެތެވެ. އަބޫ ދާވޫދްގެ ބޭނުން ހިފައި ނިމިއްޖެއެވެ. އޭނާގެ މަސައްކަތުގެ ސަބަބުން އަންދަލުސްގެ ހުރިހައި ސަހަރެއްގައި މިހާރު ގައުމު ވިއްކައިލާފަދަ ޚިޔާނަތްތެރިން އުފެއްދިއްޖެއެވެ. ގްރަނާދާގެ އަހުލުވެރިންގެ މެދުގައި ބައިބައިވުން އުފައްދާށާއި ފިތުނަވެރިކަމުގެ ހުޅު ރޯކުރުމަށްޓަކައި އަބޫ ދާވޫދް ތަމްރީނުކޮށްފައި ފޮނުވި ގަވަރުނަރުންނާއި އެކި ފެންވަރުގެ ވެރިންނާއި ދަންނަބޭކަލުންނާ މިހާރު ފެރްނާންދޯއާ ވަނީ ސީދާ ގުޅުން އުފެދިފައެވެ. ގިނަ މައުލޫމާތު ހޯދުމުށާއި ބޮޑެތި ފައިދާތައް ލިބިގަތުމުގެ އެދުމުގައި އެ މީސްމީހުން މިހާރު ސީދާ ގުޅުން ބާއްވަނީ ފެރްނާންދޯއާއެވެ. ނުވަތަ ރާނީ އިޒަބެއްލާއާއެވެ. އަބޫ ދާވޫދަކާ ނޫނެވެ. އެހެންވީމާ އަބޫ ދާވޫދްގެ ޖާގަ ފުރާނޭ އެތައް ބަޔަކު އެބަތިބި ކަމުގެ ހިތްހަމަޖެހުން މިހާރު ރަސްގެފާނަށާއި ރާނީއަށް ވަނީ ލިބިފައެވެ. މީގެ އިތުރަށް ގްރަނާދާގައި މިހާރު އޮތް ބާރު ނައްތައިލުމަށްޓަކައި އޭނާއަށް ބޭނުންވަނީ ސިފައިންގެ ކަނޑިތައްކަންވެސް ފެރްނާންދޯއަށް އެނގެއެވެ. ޖޯން މައިކަލްގެ ގާތިލަށް އަދަބު ނުދީފިއްޔާ އެ ސިފައިންނާއި ކަނޑިތަކުން ބަޣާވާތުގެ ކުލަވަރު ފެންނާނޭކަންވެސް އޭނާ ދަނެއެވެ. ދެކޮޅުވެރިވާނޭ މީހުންގެ ތެރޭގައި ބޮޑެތި ނައިޓުންވެސް ހިމެނޭނެއެވެ.

ރާނީ ރަސްގެފާނާ މުޚާޠަބްކޮށް ބުންޏެވެ. [އަޅުގަނޑުމެން މިކުރާ ހަނގުރާމައިގެ ބޭނުމަކީ ފަހެ ކޮބައިތޯއެވެ؟ އިސްލާމުން ފައްޅިއަށް ބޯލެނބުން މަޖުބޫރުކުރުން ނޫން އެހެން ކަމެއް އެބައޮތްތޯއެވެ؟ އިސްލާމް އަންހެން ކުއްޖަކު އަޅުގަނޑުމެންގެ ނައިޓެއް މަރައިލީމާ އެކަމުގެ ބަދަލު ނުހިފައި ދޫކޮށްލުމަކީ އަޅުގަނޑުމެންގެ އަގު ވެއްޓިގެން ދާނޭ ކަމެއް ކަމަށް ނުވަނީތޯއެވެ؟ އަބޫ ދާވޫދް އެހެރީ ފައްޅިއަށް ވަފާތެރިވާން ހުވައިކޮށްގެންނެވެ. އޭނާގެ ހިތުގައި އިސްލާމުންގެ މައްޗަކަށް އެއްވެސް ހަމްދަރުދީއެއް ނެތޭ އަޅުގަނޑުމެންގެ ކުރިމަތީގައި ކިތައް ފަހަރު އަމިއްލައަށް ބުނެފިތޯއެވެ؟ އޭނާ އިސްލާމެއްގެ ގޮތުގައި އެ ހުންނަނީ އިސްލާމީ ހެދުމެއްގައި ހުރީމާ އެމީހުންނަށް މަކަރު ހަދައިގެން ފައްޅިއަށް ޚިދުމަތްކުރަން ފަސޭހަވާނެތީއެވެ. މިހާރު މި އޮތީ އޭނާގެ އިމްތިހާނުގެ ވަގުތު ޖެހިފައެވެ. އޭނާ އަޅުގަނޑުމެންނަށް މަކަރު ނުހަދާނަމަ އެ އަންހެންކުއްޖާގެ މައްޗަށް އޭނާގެ ހިތުގައި ކުޑަވެސް ހަމްދަރްދީއެއް އުފެދިގެން ނުވާނެއެވެ. އެކުއްޖާ އެ މަރައިލީ އަޅުގަނޑުމެންގެ އެންމެ ކުޅަދާނާ ހެވިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެއީ އިސްލާމް އަންހެންކުއްޖެކެވެ. އޭނާ ޖޯން މައިކަލް މަރައިލީ ދީނީ ހައްދަފަހަނައެޅުމުގެ ތެރޭގައެވެ. އަބޫ ދާވޫދްގެ ވަފާތެރިކަމުގެ އަގު އަޅުގަނޑުމެން އަދާކޮށްފީމުއެވެ. އޭނާއަށް އެވަނީ ލޯޝާގެ ގަވަރުނަރުކަން ދީފައެވެ. ދައުލަތުގެ ޚަޒާނާއިން ބޭނުން ވަރަކަށް ޚަރަދުކުރުމުގެ ހުއްދަ އޭނާއަށް ވަނީ ދީފައެވެ. އެހެންވީމާ ވަފާތެރިކަން އަދާކުރުމުގެ ގޮތުން އޭނާ ކުރަން ޖެހޭ ކަމަކީ ތިމާގެ އަމިއްލަ ދަރިއަށް ކަމުގައި ވިޔަސް ކޯޓުން ކުރާ ހުކުމެއް ބަރާބަރަށް ތަންފީޒުކުރުމެވެ.]

ފެރްނާންދޯ ބުންޏެވެ. [އަޅުގަނޑު ޖެހިލުންވަނީ އޭނާ އަޅުގަނޑުގެ ގާތަށް އައީމާ ކޯޓުގެ ހުކުމް ބަދަލުކުރުވަން އަޅުގަނޑަށް މަޖުބޫރުވެދާނެތީއެވެ.]

ރާނީ ނުރުހުމުގެ ރާގަކަށް ބުންޏެވެ. [ތިޔައީ ރަސްގެފާނެވެ. މި ރަށުގެ އާދައިގެ ނޯކަރަކު މަޖުބޫރުކޮށްގެން ކޯޓުގެ ހުކުމެއް ބަދަލުކުރަން ރަސްގެފާނު އުޅުމަކީ ރާނީ އެއްގޮތަކަށްވެސް ރުހޭނޭ ކަމެއް ނޫނެވެ.]

ރާނީ ބާރުއުޅުމުގެ ސަބަބުން އެންމެ ފަހުން ފެރްނާންދޯ ރާނީގެ ނަމުގައި އައު ގަވަރުނަރަަށް އަމުރެއް ފޮނުވައިފިއެވެ. އެ އަމުރުގައި އޮތީ ކޯޓުގެ ހުކުމް ތަންފީޒުކުރުމުގައި ކުޑަވެސް ދުލެއް ނުދޭން އަންގައިފައެވެ.

(8)

ރަބީޢާ ހުރީ ކޯޓަށް ހާޒިރުކޮށްފައެވެ. އެތެރެއާއި ބޭރު ވަނީ މީހުން އެއްވެ ފުރިބާރުވެފައެވެ. ޖޫރީންގެ ގޮތުގައި ތިބީ ފާދިރީންގެ ބައެކެވެ. އެމީހުން ނިންމި ގޮތް ގެންގޮސް އިސް ފާދިރީ ނުވަތަ ބިޝޮޕްގެ އަތަށް ދީފިއެވެ. ރަބީޢާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެފައެވެ. ފުލުހުންގެ ވެރިޔާއާއި ނޯކަރުންގެ ހެކި ބަހަށްފަހު އެހެން ހެއްކެއްގެ ބޭނުމެއް އޮތް ކަމަކަށް ކޯޓަކަށް ނުފެނުނެވެ. މީގެ އިތުރަށް ދެ ދުވަސްކުރިން ރަބީޢާ ދިން ބަޔާނުންވެސް ސާބިތުވަނީ އެ ނުބައި ކުށް އޭނާ ކުރިކަމަށާއި އެ ކުށަށްޓަކައި އެންމެ ހަރުކަށި އަދަބު ދިނުން ހައްގުކަމުގައެވެ. ކޯޓުން ދެކޭ ގޮތުގައި ރަބީޢާ ވަނީ ކޯޓަށް މަލާމާތްކޮށްފައެވެ. ފައްޅީގެ އަގު ވައްޓައިލައިފައެވެ.

ކޯޓުގައި ދެ ދުވަސްކުރިން ދިން ބަޔާނުގައި ރަބީޢާ ބުންޏެވެ. [އަހަރެން މި ކޯޓު ގަބޫލެއް ނުކުރަމެވެ. މިއީ ރާބޮއިގެން އާވާރާވެގެން ލާހޫރޭ މީހަކަށް މީސްމީހުންގެ ގެދޮރަށްވަދެ ބޭނުންހައި ގޮތަކަށް އުޅުމުގެ ހުއްދަދޭ ކޯޓެކެވެ. އަދި އެ ގޭގޭގެ އަންހެން ދަރިންނަށް އެބައިމީހުންގެ ދިފާއުގައި އަތް އުފުލައިލުން މަނާކުރާ ކޯޓެކެވެ. ކަލޭމެންގެ އެ ނައިޓު ނުކުމެ ގޭގޭގެ ދޮރު ވައްޓަމުން ހިނގިއިރު ކަލޭމެން ތިބީ ކޮންތާނކު ހެއްޔެވެ؟ އެއްވެސް ކުށެއް، ބާރެއް ނެތް މައުސޫމް އަންހެންކުދިން އެހީތެރިކަމަށް އެދި ގޮވަމުން ދިޔައިރު ކަލޭމެން ވަދެ ތިބީ ކޮން ތަނަކަށް ހެއްޔެވެ؟ އެކުދިން އަޑަށް ބާރުލައިފައި ގޮވަމުން ދިޔައެވެ. އޭ އަދުލުވެރިކަމާއި އިންސާފުގެ ބެލެނިވެރިންނޭވެ! އަހަރެމެން ސަލާމަތްކުރަން އަންނާށެވެ. އަހަރެމެންގެ އިއްފަތްތެރިކަން މިހިރަގެން ލޫޓުވެނީއެވެ. އަހަރެމެން ސަލާމަތްކޮށް ދޭށެވެ. އަހަރެންގެ މައްޗަށް ތިޔަ ހިންގަނީ ކޮން ޝަރީއަތެއް ހެއްޔެވެ؟ މި ކުޅިގަނޑު ނުކުޅެވެސް ކަލޭމެންނަށް އަހަންނަށް އަދަބު ދެވިދާނެއެވެ. ފައްޅީގެ ގަދަބަދަވިކަމާއި މަތިވެރިކަން ދެއްކުމަށްޓަކައި އަހަރެން ކަހަލަ އެތައް އަންހެންކުދިންނަކަށް އެއްވެސް ކަހަލަ ޝަރީއަތަކާ ނުލައި ކަލޭމެން މަރުގެ އަދަބު ދީފީމުއެވެ. ކަލޭމެންގެ ފަސްބައި ފެވިފައި ތިޔަވަނީ ކުށެއް ނެތް އެތައް ބައެއްގެ ލެއިންނެވެ. އަހަރެންގެ ލޭގެ ދެތިން ތިތްތަކުން އެ މުޑުދާރު ލައްގަނޑަކަށް އަންނާނޭ އެއްވެސް ބަދަލެއް ނެތެވެ. ކަލޭމެންނަކަށް އިންސާފު ގާއިމެއް ނުކުރެވޭނެއެވެ. ރަހުމުކުރުމަށް އެދި ކަލޭމެންނަށް އާދޭސްކުރުމަކީ އިންސާނިއްޔަތުކަމަށް ކުރެވޭ ވަރަށް ބޮޑު މަލާމާތެއް ކަމަށް އަހަރެން ދެކެމެވެ. ނިކަން ވިސްނައިބަލާށެވެ. އަހަރެން އޭނާ މަރައިލީ ކީއްވެގެންތޯއެއް އަދިވެސް ކަލޭމެން އަހަރެން ގާތަކުން ނާހަމުއެވެ. އޭނާ އަހަރެންގެ ކޮޓަރިއަށް ވަނީ ކީއްކުރަންތޯއެއް އަދިއެއް ނާހަމުއެވެ. އަހަރެން އޭނާ މަރައިލީކަން އެނގުނީމާ އެ ވަރުން ކަލޭމެންނަށް ފުދެއެވެ. އިސްލާމް އަންހެންކުއްޖަކު ކަލޭމެންގެ ނައިޓަކު މަރައިލީ އެ ކުއްޖާގެ އިއްފަތްތެރިކަން ސަލާމަތްކުރާށެވެ. އެ ޝައިޠާނާ މަރުވީމާ ފައްޅީގެ ތަނބެއް ވެއްޓުނީކަމަށް ކަލޭމެން ދެކެނީ ހެއްޔެވެ؟ އަހަންނަށް އަދަބުދޭން ކަލޭމެންނަށް ތިޔަވަނީ މަޖުބޫރު ވެފައެވެ. އެހެންވީމާ އަދަބުދޭށެވެ. އިންސާފު ގާއިމުކުރުމަކީ ކަލޭމެންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ކަލޭމެންނަކީ އަންދަލުސްގެ ފައްޅިތަކުގެ ބިންގަލެވެ. އެ ބިންގާ ތިޔަ އަޅަނީ ކުށެއް ނެތް އެތައް ބައެއްގެ ލެޔާއި ކަށީންނެވެ. އަހަރެންގެ މަރުގެ ފަތުވާ ނެރެން ކަލޭމެންނަށް އެނގެން ބޭނުންވާ ކަމަކީ ކޮބައިހެއްޔެވެ؟ އަހަރެންގެ އެއްވެސް ކުށެއް ނެތެވެ. އަހަރެން މަސައްކަތްކުރީ އިއްފަތްތެރިކަން ސަލާމަތްކުރާށެވެ. އެކަން ކަލޭމެންނަށް އެނގެއެވެ. އަހަންނަށް އަދަބުދޭން ކަލޭމެން ދެނެގަންނާން ބޭނުންވާ މިންވަރަކީވެސް އެއީއެވެ. އަހަންނަކީ އިސްލާމަކީމެވެ. އެހެންވީމާ ފައްޅީގެ ބިންގަލަކަށް އަހަރެންގެ ލެޔާއި ކަށިތައް ބޭނުން ކުރެވިދާނެއެވެ. އަހަރެން މަރައިލީ އެންމެ ޖޯން މައިކަލެކެވެ. ކަލޭމެން އެންމެންނަކީވެސް ޖޯން މައިކަލްތަކެކެވެ. އޭނާ އިސްލާމުން މަރަމުން ގެންދިޔައީ ރާ ބޮއިގެން އަމަލުވެފައި ހުރެގެންނެވެ. ކަލޭމެން ކުށެއް ނެތް މީސްމީހުންގެ މަރުގެ ފަތުވާ ތިޔަ ނެރެނީ އިންސާފުގެ ގޮނޑިގޮނޑިއަށް ބެޓިގެން ތިބެއެވެ. އޭނާ ގެންދިޔައީ އިންސާނިއްޔަތުކަމުގެ މޫނުމަތި ނޮޅަމުން ވީދަމުންނެވެ. ކަލޭމެން ތިޔަ ގެންދަނީ ހައްގާއި އިންސާފުގެ ކަރު ބުރިކުރަމުންނެވެ.]

ދެ ދުވަސް ކުރިން މި ބަޔާން ދިނުމަށް ފަހު މިހާރު ރަބީޢާ އެހެރީ ކޯޓުން ކުރާނޭ ހުކުމެއްގެ އިންތިޒާރުގައެވެ. ކޯޓުގެ އިސް ފަނޑިޔާރަކަށް ހަމަޖެހިފައި އޮތީ ބިޝޮޕް ޖޯން ލޫކަސްއެވެ. އޭނާއަށް އޮތް ގޮތަކީ އައު ގަވަރުނަރު ޑޮން ލުއީ އަންގައިފައިވާ ގޮތަށް ހުކުން ކުރުމެވެ. އެކަން އެ ގޮތަށް ކުރާކަށް ބިޝޮޕް ބޭނުމެއް ނުވިއެވެ. އެކަމަކު އެހެން ހުރިހައި ފާދިރީން އެ އަމުރަށް ތާއީދުކުރިއެވެ. އެ އަމުރުގައި އޮތީ ރަބީޢާ އެހެން ރަށަކަށް އަރުވައިލާށެވެ. އަދި ޖޯން މައިކަލްގެ ކުށެއްވެސް އޮތް ކަމަށް ނިންމާށެވެ. އެހެން ގަވަރުނަރުންނާއި ފާދިރީން ދުށް ގޮތުގައި ރަބީޢާ ވަނީ ޖޯން ލޫކަސްއަށް ބާވަތެއްގެ ސިހުރެއް ހަދައިފައެވެ. އެހެންވީމާ ހުކުން ކުރާން އޮތް ދުވަހު އިސް ފަނޑިޔާރުގެ ގޮނޑީގައި އިނީ އެހެން ފާދިރީއެކެވެ.

ކޯޓުގެ އެތެރެއާއި ބޭރު އޮތީ މީހުންނާއިގެން ތޮއްޖެހިފައެވެ. ކޯޓުގެ ހުކުމަކީ ކޮބައިކަން އެ މީހުންނަށްވެސް އެނގޭކަހަލައެވެ. ރަބީޢާ ވަނީ ފައްޅީގެ ކޯޓުގެ އަގު ވައްޓައިލައިފައެވެ. އަދި ފައްޅީގެ އަގުހުރި ހެއްވަކު މަރައިލައިފައެވެ. ބިޝޮޕް ލޫކަސް މިއަދު ކޯޓަށް ނައީ ކީއްވެގެންކަން ބައެއް މީހުންނަށް އޮތީ އެނގިފައެވެ. ބިޝޮޕް ގަބޫލުކުރާ ގޮތުގައި ރަބީޢާއަކީ ވަރަށް ނުރައްކާތެރި ސިހުރުވެރިއެކެވެ. އެއްވެފައި ތިބި މީހުން އެކި ކަހަލަ ވާހަކަތައް ދައްކަމުންދެއެވެ. އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ރަބީޢާ ދަން ޖައްސާނީއެވެ. ނުވަތަ ރަޖަމުކުރާނީއެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި އޭނާ ދިރިހުއްޓައި އަންދައިލާނީއެވެ.

އެއްވެފައިވާ މީހުންނަށް އަޑުމަޑުކޮށް، ހިމޭނުން ތިބުމަށް އަމުރުކުރުމަށް ފަހު ފަނޑިޔާރު ހުކުން އިއްވައިފިއެވެ. އެއްވެފައި ތިބި މީހުން ރަބީޢާއާ ދިމާއަށް ބަލަމުން ގެންދަނިއެވެ. އޭނާއަށް އިއްވުނީ މަރުގެ ހުކުމެވެ. އެކަމަކުވެސް ހިމޭނުން ހުރީއެވެ. ފަނޑިޔާރު ބުނި ގޮތުގައި ފައްޅިއާއި ކޯޓުގެ އަގު ވައްޓައިލުމާވެސް އެކު ރަބީޢާއަށް ދޭން ޖެހެނީ ގާނޫނުގައި އޮތް އެންމެ ބޮޑު އަދަބެވެ. އެހެންނަމަވެސް އޭނާގެ ބައްޕަގެ އަގުހުރި ޚިދުމަތްތަކަށް ރިއާޔަތްކޮށް، ދިރިހުއްޓައި އަންދައިލުމުގެ ބަދަލުގައި ގަތުލުކުރުމުގެ ހުކުން އިއްވީއެވެ. ހުކުން އިއްވައި ނިމުމާއެކު އެއްވެފައި ތިބި މީހުން ފޫއަޅުވައިލައިފައި އަންހެން ކުއްޖަކު ނުކުމެގެން އައިސް ރަބީޢާގެ ގާތަށް ހުއްޓިއެްޖެއެވެ. [އިހަށް މަޑުކުރައްވާށެވެ. އިންސާފާއި އިންސާނިއްޔަތުކަން މަރުއްވައިނުލައްވާށެވެ. ޖޯން މައިކަލް މަރައިލީ އަޅުގަނޑެވެ.]

ކޯޓަށް ހިމޭންކަން ވެރިވެއްޖެއެވެ.

ރަބީޢާ ސިހިފައި އެކުއްޖާޔާ ދިމާއަށް ބަލައިލިއެވެ. އެއީ އެންޖެލާއެވެ. ފަނިޔާރާއި ފާދިރިންވެސް އިރުކޮޅަކަށް މުޅީން ހިމޭން ވެއްޖެއެވެ. އެންޖެލާގެ އަތުގައި ފޮތިގަނޑެއް ކަހަލަ އެއްޗެއް އޮތެވެ.

ރަބީޢާ ބުންޏެވެ. [ކަންބޮޑުވެވަޑައިނުގަންނަވާށެވެ. މިއީ އަޅުގަނޑުގެ އެއްބަފާ ކޮއްކޮއެވެ. އޭނާގެ ސިކުނޑިއަށް ވަނީ ވަރަށް ނޭދެވޭ އަސަރެއް ކޮށްފައެވެ.]

އެންޖެލާ ފިޔަވަޅެއް ކުރިއަށް ޖެހިލުމަށް ފަހު ބުންޏެވެ. [އެއީ ދޮގެކެވެ. ރަބީޢާ އެ ހުރިހައި ވާހަކައެއް ދެއްކީ އަޅުގަނޑުގެ ފުރާނަ ސަލާމަތް ކުރަން ވެގެންނެވެ. އޭނާގެ އެއްވެސް ކުށެއް ނެތެވެ. ޖޯން މައިކަލް މަރައިލީ އަޅުގަނޑެވެ. އޭނާ މަރައިލުމަކީ އެ ވަގުތު އަޅުގަނޑުގެ މައްޗަށް އޮތް ވާޖިބެކެވެ.]

ފަނޑިޔާރު ސުވާލުކުރިއެވެ. [މިއޮއްހައި ދުވަހު ކަލޭ އުޅުނީ ކޮން ތަނަކުހެއްޔެވެ؟]

އެންޖެލާ ބުންޏެވެ. [އަޅުގަނޑު ޖޯން މައިކަލް މަރައިލީމާ ރަބީޢާ އަޅުގަނޑު ގެންގޮސް ކޮޓަރިއަކަށް ލައި ބަންދުކުރީއެވެ. އޭގެ ފަހުން ހައެއްކަ ދުވަސްވާންދެން އަޅުގަނޑު އޮތީ ހަމައެޔަކު ނޫނެވެ. އަޅުގަނޑުގެ މަންމަ، ކޮޓަރީގެ ދޮރުމަތީގައި ފާރަވެރިން ބައިތިއްބައިގެން އަޅުގަނޑަށް ނުކުތަ ނުދިނެވެ. ދައްތަ ފަދައިން މަންމަވެސް މަސައްކަތް ކުރީ އަޅުގަނޑުގެ ފުރާނަ ސަލާމަތްކުރާށެވެ.]

ފަނޑިޔާރު ބުންޏެވެ. [މިހާރުވެސް ކަލޭ ފެންނަނީ ބަލިކަމުގައެވެ. ކަލޭގެ ބަޔާން ނެގުމުގެ ކުރިން ކަލޭގެ ސިކުނޑީގެ ހާލަތު ހުރި ނެތް ގޮތް ބެލުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނޭ ކަމެކެވެ.]

އެންޖެލާ ބުންޏެވެ. [އަޅުގަނޑުގެ ސިކުނޑީގައި އޮތީ އެންމެ ބުރައެކެވެ. އެއީ އަޅުގަނޑުގެކުށުގެ ބަދަލުގައި ދައްތަ ގުރުބާންވާން އުޅޭތީ އޮތް ބުރައެކެވެ. މިހާރު އެ ބުރަ ފިލައިފިއެވެ.]

[ކޯޓަށް ހެކި ބޭނުންވެއެވެ.]

[ހެކިތޯއެވެ؟ ހެކި މިއޮތީއެވެ.] އެންޖެލާ ކުރިއަށް ޖެހިލައި އޭނާގެ އަތުގައި އޮތް ފޮތިގަނޑު ފަނޑިޔާރުގެ ކުރިމަތީގައި ބާއްވައިފިއެވެ. [ތިޔައަށް ނިކަން ރަނގަޅަށް ބައްލަވައިލައްވާށެވެ. ތިޔައީ އަޅުގަނޑު އެރޭ ލައިގެން ހުރި ހެދުމެވެ. ތިޔަ ހެދުން ވީދައިލީ ތިޔަ ބޭފުޅުންގެ ހިތްވަރުފުޅު ގަދަ ނައިޓެވެ. މަރުވުމުގެ ކުރިން އެ ހިތްވަރުގަދަ ނައިޓް އަރައިގަތީ ކާކުގެ ގަޔަށްކަން ތިޔަ ހެދުމުން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.]

އަނެއްކާވެސް ކޯޓުގެ ތެރެއަށް ހިމޭންކަން ވެރިވެއްޖެއެވެ.

ކުއްލިއަކަށް މާރިޔާ މާނޭވާ ލެވިފައި ހުރެގެން އައިސް ކޯޓަށް ވަދެއްޖެއެވެ. އެ ދިޔަ ގޮތަށް ގޮސް އެންޖެލާގެ ގައިގައި އޮޅުލައިގެންފިއެވެ. [މަގޭ ދަރިފުޅާއެވެ. ދަރިފުޅާ އެންޖެލާއެވެ. ދަރިފުޅުގެ ހާލު ރަނގަޅެއް ނޫނެވެ. އަވަހަށް ގެއަށް ހިނގާށެވެ.] މިހެން ބުނެފައި މާރިޔާ އޭނާގެ އަތުގައި ހިފައި ދަމައިފައި ގެންދާން އުޅެގެންފިއެވެ.

ފަނޑިޔާރު ބުންޏެވެ. [މަޑުކުރާށެވެ. ދެތިން ސުވާލެއް ކޮށްލާން އަހަރެމެން އެބަ ބޭނުންވެއެވެ.]

އެންޖެލާ އޭނާގެ މަންމަގެ އަތް ފޮޅުވައިލިއެވެ. މާރިޔާ އާދޭހުގެ ނަޒަރަކުން ފަނޑިޔާރާ ދިމާއަށް ބަލައިލައިފައި ބުންޏެވެ. [މި މަރަކާއި އަޅުގަނޑުގެ ދަރިފުޅަކާ އެއްވެސް ގުޅުމެއް ނެތެވެ. މިއީ ބަލި ކުއްޖެކެވެ. މިހާރަކުވެސް ހަމަހޭވަރިކަމެއް ނެތެވެ.]

ފަނޑިޔާރު އެންޖެލާގެ ހެދުން ދައްކައިލައިފައި އަހައިލިއެވެ. [މިއީ ކާކުގެ ހެދުމެއްކަން ކަލެއަށް އެނގޭހެއްޔެވެ؟]

ޖަވާބެއް ދިނުމުގެ ބަދަލުގައި މާރިޔާ ބަލައިލީ އެންޖެލާއާ ދިމާއަށެވެ. އެންޖެލާ ބުންޏެވެ. [މަންމާއެވެ. ޖަވާބެއް ނުދިނީ ކީއްވެގެން ހެއްޔެވެ؟ އެ ހެދުން އަހަންނަށް ދޭން ގެނައީ މަންމައެއް ނޫން ހެއްޔެވެ؟ ހުރިހައި ކަމެއް މަންމައަށް ރަނގަޅަށް އެނގެއެވެ. އޭނާ ގެއަށް އައީ އަހަރެން ހޯދަންކަންވެސް މަންމައަށް އެނގެއެވެ. އެއީ އޭނާގެ ދެވަނަ ހަމަލަކަންވެސް މަންމަ ދެނަހުރީމު ނޫން ހެއްޔެވެ؟ ފުރަތަމަ ފަހަރަށް މަންމަ އޭނާއަށް ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދިނީމާ އައިސް އަހަންނާ ދިމާކޮށްލީ މަންމަގެ ކުރިމަތީގައެވެ. ކަސްތިއްޔާގެ ބިޝޮޕަކީ އެ ހާދިސާގެ ހެއްކެކެވެ. އެ ދުވަހު އަހަރެން ސަލާމަތްވީ އޭނާގެ ބޮލުގައި ޖެހީމާކަންވެސް ދެނަހުރީމު ނޫން ހެއްޔެވެ؟ އޭނާ އެ ދުވަހުގެ ކަންތައްތަކާމެދު ދެރަވެގެން ލިޔެފައި ފޮނުވި ސިޓީ އަދިވެސް މަންމަގެ އަތުގައި އޮންނާނެއެވެ. އޭނާ ކަންތައް ކުރި ގޮތްވެސް މަންމައަށް އެނގޭނެއެވެ. ވަރަށް ހުސިޔާރުކަމާއެކު މަންމަ ގެޔާ މާ ދުރުގައި ހުންނާނޭ ގޮތް މެދުވެރި ކުރުވީއެވެ. މަންމަ ގެއަށް އަންނާން އުޅުނީމާވެސް ފުލުހުންގެ ވެރިޔާ އެކަން މަނާކުރިއެއް ނޫން ހެއްޔެވެ؟]

ދެން އެންޖެލާ ސަމާލުކަން ދިނީ ފަނޑިޔާރަށެވެ. [މަންމަ އަޅުގަނޑު ދެކެވާ ގަދަ ލޯތްބެއްގެ ސަބަބުން ތެދުބަސް ބުނަން އުނދަގޫވެދާނެއެވެ. އެކަމަކު އަޅުގަނޑާމެދު ޖޯން މައިކަލް ވިސްނި ގޮތާއި އޭނާގެ ސިކުނޑީގައި އެނބުރުނު ވިޔާނުދާ ޚިޔާލުގެ ހެކިބަސް ބިޝޮޕް ލޫކަސް ދެއްވާނެއެވެ. އަޅުގަނޑު ޖޯންއާ އިންނާން ދެކޮޅު ހެދީ ބިޝޮޕް ލޫކާސް އިންނެވި ތަނެއްގައެވެ. އެ ދުވަހުން ފެށިގެން ޖޯން ހުރީ ބަދަލުހިފަން ބޭނުންވެފައެވެ.]

މާރިޔާ ކަންބޮޑުވެފައި ފަނޑިޔާރާ ދިމާއަށް ބަލައިލިއެވެ. [މާތްވެގެންވާ ބައްޕާއެވެ. އަޅުގަނޑުގެ ދަރިފުޅުގެ އެއްވެސް ކުށެއް ނެތެވެ. މީނާއަށް ވަނީ ރަބީޢާގެ ސިހުރު ޖެހިފައެވެ. އޭނާ އެހެރީ އަޅުގަނޑުގެ ދަރިފުޅު ދީނާވެސް ދުރުކޮށްފައެވެ. ރަބީޢާގެ ސިހުރުގެ އަސަރު ހުރިވަރު ދަންނަވަންތޯއެވެ؟ މިހާރު އަޅުގަނޑުގެ ދަރިފުޅު ޤުރްއާން ކިޔަވައެވެ. ނަމާދުކުރެއެވެ. އަޅުގަނޑު ބޭނުންވީ ޖޯން މައިކަލާ އޭނާ ދެވާށެވެ. އެކަމަށް ހުރަސްއެޅީވެސް ރަބީޢާއެވެ. ސިހުރުގެ ބާރުގައި ރަބީޢާ ބޭނުންކަމެއް އެންޖެލާ ލައްވައި ކުރުވަމުން ގެންދެއެވެ. އެންޖެލާއަކީ މައުސޫމު ކުއްޖެކެވެ. ދެއްކޭ ނުދެއްކޭ ވާހަކައެއް އޭނާއަކަށް ނޭނގެއެވެ. މި ހުރިހައި ކަމަކީ ރަބީޢާގެ ސިހުރުގެ އަސަރެވެ. ބިޝޮޕް ލޫކަސްއަށްވެސް އޭނާ ސިހުރު ހަދައިފައި ހުރެދާނެތީ އަޅުގަނޑު ބިރުގަނެއެވެ. ޖޯން މައިކަލް މަރުވީ ދުވަހުވެސް އަޅުގަނޑުގެ ދަރިފުޅު އޮތީ ބާވަތެއްގެ މޮޔަ ބައްޔެއް ޖެހިފައެވެ. ކޮޓަރީގެ ދޮރު ވައްޓައިލައިފައި ނުކުންނާން އެތައް ފަހަރަކު މަސައްކަތް ކުރިއެވެ. މަނިކުފާނުގެ އަތްޕުޅުގައި ތިޔަ އޮތް ހެދުން ވީދައިލީވެސް އެ މޮޔަ ހާލަތުގައި ހުރެގެން އަމިއްލައަށެވެ.]

އެންޖެލާ ނުރުހުމުގެ ނަޒަރަކުން އޭނާގެ މަންމަޔާ ދިމާއަށް ބަލައިލުމަށް ފަހު އަނެއްކާވެސް ފަނޑިޔާރާ ދިމާއަށް އެނބުރިލިއެވެ. [ދައްތަ އެހެރީ އަޅުގަނޑުގެ ކުށް ބޮލުގައި އަޅައިގެންނެވެ. އަޅުގަނޑާމެދު ދައްތަގެ ހިތުގައި އެއްވެސް ކަހަލަ ނުބައި ނިޔަތެއް އޮތްނަމަ އެހެން ހަދާނެތޯއެވެ؟ އޭނާގެ ހެޔޮކަމުން އަސަރު ކުރުމުގެ ބަދަލުގައި އަޅުގަނޑުގެ މަންމަ މިހާރުވެސް އެ ގެންދަނީ އަޅުގަނޑު ސަލާމަތް ކުރުމަށްޓަކައި ހަގީގަތް ފޮރުވާން މަސައްކަތް ކުރަމުންނެވެ. ދައްތައަކީ އިސްލާމަކަށް ވީތީ އޭނާޔާ ދެކޮޅަށް ދެކެވޭ ކޮންމެ ވާހަކައެއް މި ކޯޓުން ގަބޫލުކުރާނޭ ކަމަށް މަންމަ ދެކެނީއެވެ. އިސްލާން އަންހެން ކުއްޖެއްގެ މައްޗަށް ކުށެއް ސާބިތު ނުކުރެވިއްޖެނަމަ އެއީ ސިހުރުވެރިއެއް ކަމަށް ސާބިތުކުރާން ފަސޭހަ ވާނޭ ކަމަށްވެސް މަންމައަށް ގަބޫލު ކުރެވެނީއެވެ. އަޅުގަނޑު މި ކޯޓުގައި ހަމަހޭގައި ބުއްދި ސަލާމަތުން ހުރެ މި އިއުލާނުކުރަނީއެވެ. އަޅުގަނޑުގެ އެއްބަފާ ދައްތަ ފަދައިން އަޅުގަނޑަކީވެސް މިހާރު އިސްލާމަކީމެވެ. އިސްލާންކަމަކީ ސިހުރެއް ކަމުގައި ވަނީނަމަ އެ ސިހުރު އަޅުގަނޑަށް ޖެހިއްޖެއެވެ. ދުނިޔޭގެ އެއްވެސް ބާރަކުން އެ ސިހުރު ނައްތައެއް ނުލެވޭނެއެވެ. އަޅުގަނޑު ހިތާމަކުރަނީ މީގެ ކުރީން ސިއްރުން ނަމާދު ކުރެވުނީތީއެވެ. އެއީ އަޅުގަނޑުގެ ފިނޑިކަމެވެ. ދިރިއުޅުމާއި މަރުގެ ހަގީގަތް މިހާރު އަޅުގަނޑަށް އެނގިއްޖެއެވެ. މިހާރު އަޅުގަނޑު ބިރުގަންނަ އެއްވެސް ކަމެއް ނެތެވެ. އިސްލާމަކަށްވީތީ ކުރިމަތިލާން ޖެހޭ އަދަބެއް އޮތްނަމަ އަޅުގަނޑު މިހިރީ ކުރިމަތިލާން ތައްޔާރަށެވެ. ދެން އޮތީ ޖޯން މައިކަލްގެ މަރުގެ ވާހަކައެވެ. އޭނާ މަރައިލުމަކީ ކުށެއް ނޫނެވެ. އެއީ ވަހުޝީ ޖަނަވާރެކެވެ. ނުލަފާ ލުއްޗާއެކެވެ. މި ކޯޓުން ކަންބޮޑުވެގެން އުޅެނީ އޭނާއަކީ ރާނީގެ ގާތްތިމާގެ މީހަކަށް ވާތީއެވެ. ދުނިޔޭގެ ކޮންމެ އަންހެނަކަށް، އަދި ޚާއްސަކޮށް ޝަހާދަތުގެ ދެކަލިމަ ކިޔާ އަންހެނަކަށް އޭނާގެ އަބުރާއި އިއްޒަތަކީ އަގުހުރި އެއްޗަކަށް ވާނޭކަން ރާނީއަށް އެނގިވަޑައިގަންނަވާނޭ ނަމަ ހާދަހާ ރަނގަޅެވެ. ފައްޅިން ހިތާމަކުރަމުން ގެންދަނީ މީސްތަކުންގެ ހިތުގައި ފައްޅީގެ ގަދަރު އުފުލާށާއި ބިރުވެރިކަން ފަތުރަން މަސައްކަތްކުރާ އަތެއް ބުރިވެގެން ވެއްޓުނީމައެވެ. އެކަމަކު ދަންނަވަންތޯއެވެ؟ އަޅުގަނޑުގެ ހެދުންގަނޑު ވީދައި ކުދިކުދިކޮށްލި އަތް ފައްޅީގެ ދަންނަބޭކަލުންގެ އަނބިދަރިންނާ ހަމައަށް ފޯރިނަމަ ވީހީ ކިހިނެއްކަމާމެދު ވިސްނައިވަޑައިގަންނަވާށެވެ.]

ފަނޑިޔާރާއި ފާދިރީންނާއި އަޑުއަހާން ތިބި މީހުންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ފަނޑިޔާރު ރުޅި އައިސް ރަތްވެފައި ބުނެފިއެވެ. [ލަދެއް ހަޔާތެއް ނެތް ކުއްޖާގަނޑާއެވެ. އަނގަމަޑުކުރާށެވެ.]

އެކަމަކު އެންޖެލާގެ އަޑު ދިޔައީ ގަދަވަމުންނެވެ. އައިސްފައިވާ ގަދަ ހުމެއްގެ ސަބަބުން އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެއެވެ. މި މައްސަލަ މުޅީން އައު ގޯޅިއެއް އަޅައިފި ކަމުގެ ޚަބަރު ލިބުމުން ގަވަރުނަރު ޑޮން ލުއީވެސް ކޯޓުގެ ދޮރުމަތީގައި ހުރެގެން އެންޖެލާގެ ވާހަކަ އަޑުއަހަމުން ގެންދިޔައެވެ. އެންޖެލާ ގެންދިޔައީ ފައްޅީގެ އިންސާފަށް މަލާމާތްކުރަމުންނެވެ. ފަގީރުންނާއި ނިކަމެތީންނަށް އިންސާފެއް ނުދެވެއޭ މުއްސަނދީންގެ ކުރިމަތީގައި ފަނޑިޔާރުންވެސް ތެތް ބުޅާތަކަކަށް ވެގެންދާ ކަމަށް އެންޖެލާ ބުންޏެވެ. އަށް އަހަރުގެ އަޅުވެތިކަމަށް ފަހު ވެރިކަން ކުރާނޭ ފުރުސަތު ލިބުނީމާވެސް އެނގުނީ ކަލޭމެންނަކީ ވެރިކަމާ އެކަށީގެންވާ ބައެއް ނޫން ކަމަށް ކަމުގައިވެސް އޭނާ ހަރު އަޑުން ބުންޏެވެ.

ޑޮން ލުއީ ކުރިއަށް ޖެހިލައިފައި ބުންޏެވެ. [ކޯޓުގެ އަގުވައްޓައިލެވޭތަން ބަލާކަށް އަޅުގަނޑަކަށް ނުހުރެވޭނެއެވެ. މި މަންޖެއަށް މިހާރު މިވަނީ ކޯޓުން ދެވޭން އޮތް ބޮޑު އަދަބެއް ހައްގުވެފައެވެ. މީނާ މި ގެންދަނީ ފައްޅި ބަދުނާމުކުރަމުންނެވެ. މިއީ ވެރިކަމަށް ޚިޔާނަތްތެރިވެފައިވާ ކުއްޖެކެވެ. މައިކަލްގެ މަރާއި މީނާޔާ ހުރި ގުޅުމަކީ ކޮބައިކަން ބެލުމަކީ އަހަރެމެންނަކަށް ލާޒިމުކަމެއް ނޫނެވެ. އަޅުގަނޑު ހުށަހަޅަނީ މި ދެ ކުދިންގެ މައްސަލަވެސް އަލުން ބަލާށެވެ.]

އެންޖެލާ ޑޮން ލުއީއާ ދިމާއަށް ބަލައިލިއެވެ. [ކަލޭގެ ވަހުޝީ އަމަލުތަކުން ފައްޅިތައް ބަދުނާމު ނުވާނަމަ އަހަރެންގެ ވާހަކަތަކަކީ މިތަނުން ކަންބޮޑުވާން ޖެހޭ ވަރުގެ ވާހަކަތަކެއް ނޫނެވެ. ކަލޭމެންގެ ސަރުކާރުން އަނިޔާވެރިންނަށް އެހީތެރިވަމުން ހިމާޔަތްކުރަމުން ދާނަމަ އަދި އަނިޔާލިބެމުންދާ މީހުންނަށް އިންސާފު ލިބިނުދޭނަމަ އަހަންނަކީ ބާޣީޢަކީމެވެ. މި ކޯޓުގެ އަގު ވައްޓައިލުމުގެ ހައްގު ފުރިހަމައަށް ލިބިގެންވާ މީހަކީމެވެ. މިއީ މޮޔަވެފައިވާ ކުއްތާއަކަށް އަހަރެން ނޮޅައިގެން ކައިލުމުގެ އިޚުތިޔާރު ދީފައި އެ ކުއްތާގެ ބޯ ފަޅައިލުމުގެ އިޚުތިޔާރު އަހަންނަށް ދޭން ދެކޮޅުހަދާ ކޯޓެކެވެ.]

ގަވަރުނަރުގެ އިޝާރާތަކަށް ފުލުހުން އައިސް އެންޖެލާ ދަމައިފައި ގެންގޮސް ކޯޓުން ބޭރަށް ނެރެފިއެވެ. އޭރުވެސް އޭނާ ގެންދިޔައީ ހަޅޭއްލަވަމުންނެވެ. [ކަލޭމެންނަކީ އަނިޔާވެރިންނެވެ. ވަޙުޝީ ޖަނަވާރުތަކެކެވެ. ފިނޑި ބައިގަނޑެކެވެ. އަމިއްލަ ސިފަ ލޯގަނޑުން ދެކިލާންވެސް ނުކެރޭ ބައެކެވެ.]

މާރިޔާ ހޭނެތިގެން ވެއްޓިއްޖެއެވެ. ކޯޓުގެ މުވައްޒިފުން އޭނާ ބޭރަށް ނެރެފިއެވެ. ރަބީޢާ އަދިވެސް ކޯޓުގައި އެބަހުއްޓެވެ. ގަވަރުނަރު ގޮސް އިސް ފަނޑިޔާރުގެ ކަންފަތްދޮށުގައި އެއްޗެކޭ ބުނެލީމާ އޭނާ ބޯ ޖަހައިލައިފައި ރަބީޢާއާ ދިމާއަށް ބަލައިލިއެވެ.

[ޖޯން މައިކަލް މަރައިލީ އެންޖެލާ ކަމަށް ކަލޭ ގަބޫލުކުރަން ހެއްޔެވެ؟]

ރަބީޢާ ބުންޏެވެ. [އަހަރެން ބަޔާން ދީފީމެވެ. ކޯޓުން މިހާރު ވަނީ އަހަރެންގެ މައްޗަަށް ހުކުންވެސް އިއްވައިފައެވެ. އެހެންވީމާ އިތުރު ވާހަކައެއް ދައްކަންޖެހޭ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. އެންޖެލާ ދެއްކި ވާހަކައެއް ދެއްކީ ހޭވަރިކަމުގެ ހާލަތުގައެއް ނޫނެވެ. ޖޯން މައިކަލްގެ މަރަކާއި އޭނާއަކާ އެއްވެސް ގުޅުމެއް ނެތެވެ.]

ފަނޑިޔާރު ސުވާލުކޮށްފިއެވެ. [އެންޖެލާ އޭނާގެ ދީން ދޫކޮށް ކާފިރުވެއްޖެ ވާހަކައަކީ ތެދު ވާހަކައެއް ހެއްޔެވެ؟]

[ނޫނެކެވެ. އޭނާ ކާފިރުވީކީއެއް ނޫނެވެ. އޭނާ ތެދުމަގު ޚިޔާރުކުޅައީއެވެ.]

ގަވަރުނަރު އަނެއްކާވެސް ފަނޑިޔާރުގެ ކަންފަތްދޮށުގައި އެއްޗެކޭ ބުނެފިއެވެ. އޭނާ ބޯ ޖަހައިލައިފައި ވާހަކަދައްކާން ފަށައިފިއެވެ. [މިހާރު މި މައްސަލައަށް އައިސްފައި މިވާ ބޮޑު ބަދަލުގެ ސަބަބުން، އެކަމަށް ރިޢާޔަތްކޮށް މުލްޒިމާ ރަބީޢާގެ މައްޗަށް މި ކޯޓުން އިއްވައިފައިވާ ހުކުން އަނބުރައި ގެނެސްފީމެވެ. މުލްޒިމާގެ ކޮއްކޮގެ ބަޔާން އަޑު އެހުމަށް ފަހު މި ކޯޓަށް ބުރަވެވޭ ގޮތުގައި ޖޯން މައިކަލް މަރައިލުމުގައި އެ ދެބެއިންވެސް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރަށް ދެބެއިންވެސް ވަނީ ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރުމާއި ފައްޅިއާމެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމުގެ މަސައްކަތް ކޮށްފައެވެ. އިތުރަށް ތަހުގީގުކުރުމަށްޓަކައި ފުލުހުންނަށް ފުރުސަތު ދިނުމުގެ ގޮތުން މާދަމައާ ހަމައަށް ޝަރީއަތް މެދުކަނޑައިލައިފީމެވެ.]

(9)

އިރު އޮއްސޭން ގާތްވީ އިރުވެސް މާރިޔާ ދެހޭދޭތެރޭގައި އޮވެގެން ރޮމުން ހަޅޭއްލަވަމުން ގެންދިޔައެވެ. ހޭއެރިއިރު އޭނާ އޮތީ އޭނާގެ ކޮޓަރިއަކު ނޫނެވެ. ކުޑަކުޑަ އެހެން ކޮޓަރިއެއްގައެވެ. އޭނާ އޮތް އެނދުގެ މަގަތުން ހުރި ގޮނޑިއެއްގައި ޚާދިމާއަކު އިށީނދެގެން އިނެވެ. މާރިޔާ އިރުކޮޅެއް ވާންދެން ފަންގިފިލަޔާ ދިމާއަށް ބަލަހައްޓައިގެން އޮތެވެ. އެހެން އޮވެފައި ކުއްލިއަކަށް ތެދުވެ އިށީނދެއްޖެއެވެ. [އެންޖެލާ ކޮބައި ހެއްޔެވެ؟ އަހަރެން މި އޮތީ ކޮން ތަނަކު ހެއްޔެވެ؟]

ޚާދިމާ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. [އެންޖެލާވެސް ވީ އޭނާގެ ދައްތަޔާއެކު ހައްޔަރުކޮށްފައެވެ.]

ކޯޓުގައި ހިނގި ކަންތައްތައް އޭނާގެ ހަނދާނަށް އަތުވެއްޖެއެވެ. އޭނާ އެނދުން ފައިބައިފިއެވެ. [އަހަރެން ގަވަރުނަރު ގާތަށް ދާނަމެވެ. އަހަރެންގެ ދަރިފުޅާމެދު މި ކަހަލަ ގޮތަކަށް ކަންތައް ވާން ދޫކޮށްލެވިގެން ނުވާނެއެވެ.]

ޚާދިމާ ތެދުވެ އޭނާގެ އަތުގައި ހިފައިފިއެވެ. [ކަމަނާގެ ހާލުކޮޅު އަދި ރަނގަޅެއް ނޫނެވެ. އަދި ބޭރަށް ވަޑައިގެންނެވޭހައި ވަރުފުޅެއް ހަށިކޮޅަކު ނެތެވެ.]

މާރިޔާ ބުންޏެވެ. [ނޫނެކެވެ. އަހަރެންގެ ހާލު ރަނގަޅެވެ. އެކަމަކު އަހަރެން މިހިރަ ތަނެއް ނިކަން ބުނެބަލާށެވެ. ކޯޓުގައި އަހަރެން އަނބުރައިގަތްކަން އެނގެއެވެ. މިއީ ކާކުގެ ގެއެއް ހެއްޔެވެ؟]

ޖަވާބު ދިނުމުގެ ބަދަލުގައި ޚާދިމާ އަޑުންއަޑު ނަގައި ރޯން ފަށައިފިއެވެ.

ބިޝޮޕް ލޫކަސް ފެންޑާމައްޗަށް އެރިތަން ފެނިފައި މާރިޔާ ބޭރަށް ނުކުމެއްޖެއެވެ. އަދި ސިހިފައިވާ އަޑަކުން އަހައިލިއެވެ. [މާތްވެގެންވާ ބައްޕާއެވެ. މި އުޅެނީ ކިހިނެއް ވެގެންތޯއެވެ؟ އަޅުގަނޑު މި އުޅެނީ ކޮން ތަނެއްގައިތޯއެވެ؟ އަޅުގަނޑުގެ ގޭގައި ހުރި ބައެއް ސާމާނު މިތާނގައި ފުންޏަކަށް ޖަހައިފައި އެބަހުއްޓެވެ. ޚާދިމާ އަޅުގަނޑަކަށް އެކަށީގެންވާ ޖަވާބެއް ނުދިނެވެ.]

ބިޝޮޕް ވަރަށް ފިނި ރާގަކަށް ބުނެފިއެވެ. [މިއީ ހައްތަހައިވެސް ކަލޭގެ އަމަލުތަކުގެ ސަޒާއެވެ.]

މާރިޔާ ކަންބޮޑުވެފައިވާ ހާލުގައި ފަހަތަށް ޖެހިލިއެވެ. އަދި ކުރާނޭ އެއްވެސް ކަމެއް ނެތް ކަހަލަ ގޮތަކަށް ބިޝޮޕާ ދިމާއަށް ބަލައިލިއެވެ. ދެތިން ސިކުންތަކަށް ފަހު އިމާރާތުން ބޭރަށް ނުކުންނާން ހުރި ދޮރާ ދިމާއަށް ދުއްވައިގެންފިއެވެ. އަދި ބޮޑު ދޮރާ ޖެހިގެން ހުރި ޖާއްޔަކުން ބޭރު ބަލައިލިއެވެ. އެޔަށް ފަހު އަނެއްކާވެސް ބިޝޮޕާ ދިމާއަށް ބަލައިލިއެވެ. [މާތްވެގެންވާ ބައްޕާއެވެ. އަޅުގަނޑަށް ރަހުމުކުރައްވާށެވެ. ވެގެން އުޅޭ ގޮތެއް ވިދާޅުވެ ދެއްވާށެވެ. އަޅުގަނޑު މިތަނަށް ގެނެވުނީ ކިހިނެއްތޯއެވެ؟ އެންޖެލާއަށް ވާނީ ކިހިނެއްތޯއެވެ؟ އަޅުގަނޑުގެ ދަރިފުޅު ސަލާމަތްކޮށް ދެއްވާށެވެ.]

[ކަލޭގެ ދަރިފުޅު ސަލާމަތްކޮށް ދިނުމަކީ މިހާރު އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ކަލޭ، ކަލޭގެ ދޮންދަރީގެ މައްޗަކަށް ހަމްދަރުދީއެއް ނުވީމުއެވެ. އޭނާއަކީ ސިހުރުވެރިއެކޭ ބުނީމުއެވެ. މޮޔަ އަންހެނާއެވެ. ކަލޭ ހީކުރީ އިސްލާން އަންހެނެއްގެ ބޮލުގައި ދޮގު އިލްޒާމެއް އެޅުވީމާ ކޯޓުގެ ކުރިމަތީގައި ކަލޭގެ ދަރިފުޅުގެ ކުށެއް ނެތް ކަމަށް ސާބިތުކުރެވޭނޭ ކަމަށް ހެއްޔެވެ؟ ފުރަތަމަ ދުވަހުވެސް އެންޖެލާ ކޯޓަށް ދިޔަދިންނަމަ މާ ރަނގަޅުވީހެވެ. އޭނާ އިސްލާންވީކަމެއް އޭރަކު އަދި އެއްވެސް މީހަކަށް ނޭނގެއެވެ. އެންޖެލާގެ މައްޗަށް ނުނިޔަތް ލައިގެން ޖޯން މައިކަލް އެތައް ފަހަރަކު ދިމާކުރިކަމުގެ ހެކި ކަލޭގެ އަތުގައި ހުއްޓެވެ. ކަލޭ އެ މޮޔަ ފިޔަވަޅު ނޭޅިނަމަ ކޯޓުގައި މައްސަލަ އެނބުރިގެން ދިޔައީހީ މުޅީން ތަފާތު ގޮތަކަށެވެ. އެންޖެލާއަކީ ކްރިސްޓިއަން ކުއްޖެއްކަމުގެ ވިސްނުން މީސްތަކުންގެ ބޮލުގައި އޮތީހެވެ. އޭނާގެ އިއްފަތްތެރިކަން ސަލާމަތް ކުރުމަށްޓަކައި ޖޯން މައިކަލް މަރައިލުމަކީ ނުބައިކޮށް ކުޅަ ކަމެކޭ ޚުދު ރަސްގެފާނާއި ރާނީއަށްވެސް ވިދާޅުވާކަށް ކެރިވަޑައެއް ނުގަތީހެވެ. އެއީ އަދަބު ހައްގު ކުށެކޭ ހަމަ ގައިމުވެސް ވިދާޅެއް ނުވީހެވެ. މިހާރު އެ ދެކުދިން އެ ތިބީ ހުރަގޭގައެވެ. ކޯޓުގައި ކަލޭ އަނބުރައިގަނެގެން ވެއްޓުނީމާ ގަވަރުނަރުގެ އަމުރުފުޅަށް މިހާރު ކަލޭ ތިޔައިނީ ގަނޑުވަރުން ނެރެގެން ގެނެސް މި ތަނަށް ލައިފައެވެ.]

މާރިޔާގެ ލޮލުން ކަރުނަ ފައިބަމުން ދަނީއެވެ. އޭނާ ބިޝޮޕްގެ ފައިމައްޗަށް ވެއްޓިގެންފައި ބުންޏެވެ. [މާތްވެގެންވާ ބައްޕާއެވެ. އަޅުގަނޑަށް ރަހުމުކުރައްވާށެވެ. އެންޖެލާ ސަލާމަތްކޮށް ދެއްވާށެވެ. ކަލާނގެއަށްޓަކައި އޭނާ ސަލާމަތްކޮށް ދެއްވާށެވެ. ޖޯން މައިކަލް މަރައިލީ އޭނާ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. އެކަމަކު އެކަން ކުޅައީ އޭނާ ކަމުގައި ވިޔަސް އެއީ ކުށެއް ނޫނެވެ. އެންޖެލާ ކުރިކަމެއް ކުރީ އަބުރާއި އިއްޒަތް ސަލާމަތްކުރާށެވެ.]

މާރިޔާގެ ރުއިމަކުން ބިޝޮޕަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. ފަހަތަށް ޖެހިލުމަށް ފަހު ބުންޏެވެ. [މޮޔަ އަންހެނާއެވެ. މިހާރު ރުއިމަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އޭނާ މަރައިލީ އެންޖެލާ ކަމަށް ވީނަމަވެސް ސަލާމަތް ކުރެވޭން އޮތެވެ. އެކަމަކު މިހާރު އެ ފުރުސަތު ގެއްލިއްޖެއެވެ. ކަލޭގެ މޮޔަކަމުގެ ސަބަބުން އޭނާގެ ބޮލުގައި މިހާރު އެޅިފައި އެ އޮތީ މީހަކު މަރައިލުމަށް ވުރެ މާ ބޮޑު ކުށެކެވެ. ފައްޅީގެ އަގު ވައްޓައިލުމާއި ދީނަށް ނަފުރަތުކުރުމާއި ސަރުކާރާ ދެކޮޅަށް ބަޣާވާތްކުޅައުމުގެ ކުށެވެ. އެއީ އާދައިގެ އިލްޒާމުތަކެއް ނޫނެވެ. އޭނާ ސަލާމަތްކޮށް ދިނުމަކީ މިހާރަކު އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.]

މާރިޔާ ލޫކަސްގެ ހެދުމުގެ ފަސްބައިގައި ހިފައިފިއެވެ. [ނޫނެކެވެ. މަނިކުފާނަށް ވަރަށް ގިނަ ކަންތައްތައް ކުރެއްވިދާނެއެވެ. ތިޔައީ ލޯޝާގެ ބިޝޮޕެއް ނޫންތޯއެވެ؟ އެންމެ އިސް ފާދިރީއެއް ނޫންތޯއެވެ؟]

[މިހާރު އަހަންނަކީ ލޯޝާގެ ބިޝޮޕެއް ނޫނެވެ. އިއްޔެ ކޯޓުގައި ގަވަރުނަރު ވިދާޅުވާ ގޮތަށް ހެކިބަސް ދޭން އިންކާރު ކުރުމަށް ފަހު ބިޝޮޕްގެ މަގާމުން އަހަރެން އިސްތިއުފާ ދީފީމެވެ. އެންޖެލާއާއި ރަބީޢާއާމެދު ކަންތައް ކުރަން ޖެހޭ ގޮތަށް އަހަރެން ކަންކޮށްފީމެވެ. އެހެންވީމާ އަހަރެންގެ ވާޖިބު އަދާކުރެވުނީއެވެ. އަހަރެންގެ ބަޔާން ލިޔެފައި ކޯޓަށް ފޮނުވައިފީމެވެ. އެންޖެލާއާ ބެހޭ ގޮތުން ޖޯން މައިކަލް ގެންގުޅުނު ހަޑިމުޑުދާރު ވިސްނުމުގެ ވާހަކަ އަހަރެން އޮންނާނީ ލިޔެފައެވެ. އަހަރެން ސާބިތުކޮށްދޭން މަސައްކަތްކޮށްފައި ވާނީ ޖޯން މަރައިލުމަކީ އެންޖެލާ ކުޅަ ކުށެއް ނޫން ކަމުގައެވެ. އެކަމަކު އަހަރެންގެ ބަޔާން އޮތީ ގަވަރުނަރު ބޭނުންވާ ގޮތަށް ނޫން ކަމުގައި ވާތީ ކޯޓުން އެ ބަޔާން ގަބޫލު ނުކުރާނޭކަން އަހަންނަށް އެނގެއެވެ. އަހަރެން މިދަނީ އަބޫ ދާވޫދްގެ ގާތަށެވެ. ރަސްގެފާނާއި ރާނީއަށް ދަންނަވައިގެން ރަހުމުކުރައްވަތްތޯ މަސައްކަތް ކުރުމަކީ އޭނާއަށް ފަހަރެއްގައި ކުރެވިދާނޭ ކަމެކެވެ. ރަސްގެފާނު އޭނާއަކީ މާ މުހިއްމު މީހެއް ކަމުގައި ބައްލަވައިގެން އުޅުއްވި ކަންތައް މިހާރު އެ އޮތީ ފުރިހަމަވެ ނިމިފައެވެ. ފެރްނާންދޯ މިހާރު ގްރަނާދާ ހިސާރުކުރައްވައިފިއެވެ. އަބޫ ދާވޫދްގެ މަސައްކަތުން ގްރަނާދާގެ ރައްޔިތުންގެ ގިނަ ބަޔަކު ހަނގުރާމަޔާ ދެކޮޅުވެރި ކުރުވައިފިއެވެ. އެހެންވީމާ ގްރަނާދާ ފަތަހަ ކުރައްވާން ދެން މާ ގިނަ ދުވަހެއް ނުވާނޭކަން ރަސްގެފާނަށް އެނގިވަޑައިގަނެއެވެ. އަބޫ ދާވޫދްގެ ފަޅީގައި އިހަށް ތިބި ކިތަންމެ ބަޔަކު މިހާރު އެތިބީ ދެކޮޅުވެރިންގެ ގޮތުގައެވެ. އެހެންވީމާ އޭނާ ދަންނަވާ ވާހަކައަކަށް ރަސްގެފާނު ސަމާލުކަން ދެއްވާނޭ ހެންނެއް ހިއެއް ނުވެއެވެ. އެކަމަކު އޭނާގެ ތަދުބީރުގެ ތުރުކަހުގައި ބާކީ ތީރެއް އޮތުމަކީވެސް ދުރުކަމެއް ނޫނެވެ. އެފަދަ ގޮތަކަށް ވެއްޖެނަމަ ރަސްގެފާނުގެ ވިސްނުންފުޅު ބަދަލު ކުރެއްވޭ ގޮތް ހެދިދާނެއެވެ. ދެން މި ބުނަނީ އަހަރެން އެ ވާހަކައެއް ބުނާން އައި ވާހަކައެވެ. އަހަރެން ކޯޓުގައި ހެކިބަސް ނުދެނީސް މައްސަލަ ނިންމައިގެން ނުވާނެއޭ ކަލޭ މާދަމާ ކޯޓުގައި ބުނާށެވެ. ކަލޭގެ އެދުން ގަބޫލު ނުކޮށް ކޯޓުން ހުކުން ކޮށްފިނަމަ ރަސްގެފާނު އަރިހުގައި އިސްނިއުނާފުކުރާނޭ މުހުލަތަކަށް އެދޭށެވެ. މިފަދަ ގޮތަކަށް އެދުނީމާ ރަސްގެފާނުގެ އިޒުނަފުޅަކަށް އެދޭން ކޯޓަށް މަޖުބޫރުވާނެއެވެ. އޭރުން ކޮޅުކޮޅުމައްޗަށް ދުވެގަންނާނޭ ފުރުސަތު އަބޫ ދާވޫދަށް ލިބޭނެއެވެ.]

މާރިޔާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. [މާތްވެގެންވާ ބައްޕާއެވެ. މަނިކުފާނުގެ ހިތްޕުޅުގެ ހެޔޮކަމަށްޓަކައި ޝުކުރު ދަންނަވަމެވެ. ތިޔަ ހެޔޮފުޅުކަން ދުވަހަކުވެސް ހަނދާންނައްތައެެއް ނުލާނަމެވެ. މަނިކުފާނު ފުރާވަޑައިގަންނަވަނީ ކޮން އިރަކުންތޯއެވެ؟]

[އަހަރެން މިރޭ ފުރާނަމެވެ.]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.