ޙައްޤަށް ބޯލެނބުން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ޙައްޤު ގޮތް އެނގި ކަށަވަރުވީމާ ބޯ ލަނބައިލުމަކީ ﷲގެ އަމުރުފުޅަށް ބޯލެނބުންފަދަ ކަމެކެވެ. ޙައްޤު ގޮތް އެނގުނީމާވެސް ބޯ ނުލަނބާ މީހާއަކީ ޝައިޠާނާގެ މަގުގައި ހުންނަ މީހެކެވެ.


ކީރިތި ޤުރްއާނުގެ 20 ވަނަ ސޫރަތުގައި  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [ހަމަކަށަވަރުން، މީގެކުރިން ތިމަންރަސްކަލާނގެ އާދަމުގެފާނަށް ވަޞިއްޔަތްކުރައްވައި، ޢަހުދުހިއްޕެވީމެވެ. ފަހެ، އެކަލޭގެފާނު (އެ ޢަހުދު) ހަނދުމަނެތުނެވެ. އަދި އެކަލޭގެފާނުގެ ކިބައިން އެއްވެސް ޢަޒުމަކާއި، ސާބިތުކަމެއް ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ. އާދަމުގެފާނަށް ތިޔަބައިމީހުން ސަޖިދަކުރާށޭ ތިމަންރަސްކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އިބްލީސް ފިޔަވައި އެ މަލާއިކަތުން ސަޖިދަކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަތެވެ. ފަހެ، ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ. އޭ އާދަމުގެފާނެވެ! ހަމަކަށަވަރުން، މިއީ ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި ޢަދާވަތްތެރިޔެކެވެ. ފަހެ، އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަނުދެއްވާހުށިކަމެވެ! އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތެވެ.] (ޠާހާ: 115-117)

ﷲ ތަޢާލާގެ ޙުކުމްފުޅުގެ މަތީގައި ދެމިހުރުމަށްޓަކައި ވަރުގަދަ ޢަޒުމަކާއި ގަސްތަކީ ނިހާޔަތަށް ބޭނުން ކަމެކެވެ. ބޭނުމެއް ނެތް ތަކެއްޗާއި ކަންކަމުގެ މައްޗަށް ލެނބިގެންދާ މީހާ ﷲގެ މަގުން ކައްސައިލައިގެން ދާނޭކަން ކަށަވަރެވެ. ﷲގެ މަގުގައި ސާބިތުވެ ހުރުމަށްޓަކައި ބޭނުންވަނީ ހަމައެކަނި ﷲގެ ޙުކުމްފުޅުތައް އެނގުމެއް ނޫނެވެ. މީގެ އިތުރަށް އެކަލާނގެ އަމުރުފުޅުތަކާ ޚިލާފު ހުރިހައި ކަމަކާ ދެކޮޅުހެދުމާއި އެފަދަ ކަންކަމުގެ އަސަރު ތިމާގެ މައްޗަށް ފޯރިޔަ ނުދީ ދަފަރާކޮށްގެން އުޅުމުގެ އަޒުމާއި ހިތްވަރުވެސް ހުންނާން ވާނެއެވެ.

އާދަމުގެފާނަށް ސަޖިދަޖެހުމުގެ އަމުރުފުޅު ﷲ ކުރެއްވުމާއެކު މަލާއިކަތުން ސަޖިދަ ޖައްސަވައިފިއެވެ. އެކަމަކު ޝައިޠާނާ ސަޖިދަ ނުޖެއްސެވެ. މި ތަފާތުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ ސަބަބަކީ އެ މުޢާމަލާތަކީ ސީދާ ﷲގެ މުޢާމަލާތެއް ކަމަށް މަލާއިކަތުން ބެއްލެވުމެވެ. އެކަމަކު އިބިލީހަށް ފެނުނީ އެއީ އިންސާނެއްގެ މުޢާމަލާތެއްގެ ގޮތުގައެވެ. ވަކި މުޢާމަލާތަކީ ﷲގެ މުޢާމަލާތެއް ކަމަށް ގަބުލުކުރެވުނީމާ ކޮންމެ މީހަކުގެ ކުރިމަތީގައިވެސް އޮންނާނީ އެންމެ ގޮތެކެވެ. އެއީ ވަގުތުން ކިޔަމަންގަތުމެވެ. އެކަމަކު އިންސާނީ މުޢާމަލާތެއް ކަމަށް ގަބޫލުކުރެވިއްޖެ ނަމަ އޭނާ އެންމެ ފުރަތަމަ ބަލާނީ ކުރިމަތީގައި ހުރީ ކާކުތޯއެވެ. އެ މީހަކީ ތިމާއަށްވުރެ ބާރުގަދަ މީހަކު ކަމުގައި ފެނިއްޖެނަމަ އިސްޖަހައިލާނެއެވެ. ތިމާއަށްވުރެ ބާރުގަދަ މީހަކު ނޫން ކަމުގައި ގަބޫލު ކުރެވިއްޖެ ނަމަ އިންކާރުކޮށް، ބޮޑާވެގަންނާނެއެވެ. އެއީ ޙައްޤު ގޮތް ކަމުގައި ވަރަށް ސާފުކޮށް ފެންނާން އޮތް ކަމުގައި ވިޔަސް އިސް ދަށަކަށް ނުޖަހާނެއެވެ.

އާދަމުގެފާނާއި އިބިލީހުގެ މި ވާހަކަ އަހަރެމެން އާދަމުގެ ދަރީންގެ ތެރޭގައި ރެޔާއި ދުވާލު މިހިރަގެން ދަނީ ތަކުރާރުވަމުންނެވެ. ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް، މަސައްކަތާއި އެކި ކަހަލަ މުޢާމަލާތްތަކުގެ ތެރެއިން ޙައްޤު ގޮތުގައި ހުންނަ މީހުންނާ ދަނީ ދިމާވަމުންނެވެ. އެއީ ލޭންދޭނުގެ ކަމެއް ކަމުގައި ވިޔަސް ނުވަތަ ވާހަކަތަކެއްގެ ގޮތުގައި ނަމަވެސް މި ޙާލަތާ ކޮންމެ މީހަކުވެސް އެތައް ފަހަރަކު ކުރިމަތިލައެވެ. މި ފަދަ ކޮންމެ ދަނޑިވަޅަކީވެސް ﷲ އެންމެ ފުރަތަމަ ހެއްދެވި އިންސާނާގެ މުޢާމަލާތާ އެއްފަދައިން ޙައްޤު ގޮތާއި ޙައްޤު ނޫން ގޮތުގެ ތެރެއިން ގޮތެއް ޚިޔާރުކުރަން ޖެހޭ ދަނޑިވަޅެކެވެ. މި ހާލަތަކު ކުރިމަތިވީމާ އިންސާނާއަށް އޮތް ގޮތަކީ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންގަންނަ ފަދައިން ޙައްޤުގެ ކުރިމަތީގައި އިސްޖަހައިލުމެވެ. ޙައްޤުގެ ކުރިމަތީގައި އިސްޖަހައިނުލާ މީހާއަކީ ޝައިޠާނާގެ މަގުން ހިނގާ މީހެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.